އަދުގެ ޚާއްސަ

Print

ޚުލްޤަކީ...

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ޚުލްޤަކީ ގަހަނާއެކޭ ނަފްސެއް އެއިން ޒީނަތްކުރާ

          ޚުލްޤަކީ އެޚަޒާނަޔޭ ހެޔޮ ޢަމަލު މީޒާން ބަރުކުރާ

ޚުލްޤަކީ ޖާހިލުކަމުގެ ބަނަކަން ޙަޔާތުން ފޭކުރާ

          ޚުލްޤަކީ ދަންމަރެކެ ރޯކުރެވޭ ޙަޔާތަށް އަލިކުރާ

ޚުލްޤަކީ މަގެކޭ ނިފާޤުގެ ސިފަތަކުން ދުރުހެލިކުރާ

          ޚުލްޤަކީ ބާރެއް އެއިން ހިތްތައް މުޅިން ޠާޙިރުކުރާ

ޚުލްޤަކީ ފެންއާރެކޭ ޙަސަދައިގެ ގިނިވެސް ފިނިކުރާ

          ޚުލްޤަކީ މީޒާނެ އީމާންކަން ހިތެއްގެ ވަޒަންކުރާ

ޚުލްޤަކީ ހަތިޔާރެކޭ ޤަދަރާ ޢަބުރު ރައްކާކުރާ

          ޚުލްޤަކީ ފޭރާމެ ގެތި ވިޔެފާވި ނަފްސު ނިވާކުރާ

ޚުލްޤަކީ ބިންގާއެކޭ ދުނިޔޭގަ ނަފްސު ބިނާކުރާ

           ޚުލްޤަކީ ދޮރުއަށްޓެކޭ ފުރުސަތުތަކެއް ތަނަވަސްކުރާ

ޚުލްޤަކީ ސަމުގާއެ ދިރިއުޅުމުގެ ދަތުރުތައް ފަހިކުރާ

           ޚުލްޤަކީ މާތް ސިފަތަކޭ އަބަދަށް އެއިން މަންފާކުރާ

ހަމަމިގަލަމުން

އިދާރާ

ވާހަކަ