ރޯދަމަހާމެދު ކުރެވޭ މަތިވެރި އުންމީދު
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ރަޙުމަތާ ބަރަކާތް އޮހޭ މޫސުމް މިއަދު ކުރިމަތިވަނީ
އަހުލުނަށް ގިނަގުނަ ޘަވާބުން ކުރިމަގޭ ރޯޝަންވަނީ
ވަހުމުތައް ދޫކޮށް ޞިރާޠުލްމުސްތަޤީމަށް ގެންދަނީ
ހެޔޮ ޢަމަލުތައް ގިނަކުރުން އޭ އޮތް ތިބާއަށް ފުރުޞަތެއް
ހެޔޮ ކަމާ ގިނަ ދަރުމައިން މަންފާ ލިބޭނޭ މޮޅު ގޮތެއް
ހެޔޮ ބަހެއް ނޫނީ ނުބުނެ ހުރުމޭ އަބަދު ލާޒިމު ވަނީ
ފަސްވަގުތު ހަމަޔަށް އަދާކޮށް މުޅި ދުވާލުގެ ވަގުތުގައި-
ގަސްތުގައި ނިޔަތާ އެކީގައި ރޯދަޔަށް ހުރެ އެގޮތުގައި
މަޞްލަޙަތު އިސްކޮށް މި މައްސަރު ހޭދަކުރުމޭ އޮންނަނީ
ރަޙުމަތުގެ ފުރަތަމަ ދިހައިގައި ލިބުނު އަޖުރާ ހެޔޮ ސަވާބު
އަޚުތަކުންނަށް ބަސްތަކުން ހެޔޮ ވިސްނުމަށް ގެނުވައި "ޖަވާބު"
"ފަހުދުވަސް" އަންނާނެކަން ދަނެގެން މިކަން ބޭނުން ވަނީ
ރުއްސެވުންވޭ މެދު ދިހައިގައި ރޯދަވެރިޔާ އަށްޓަކައި،
ފުއްސެވުން ދީލަތި އިލާހީ ދެއްވަޔޭ އަބަދަށް ޓަކައި
ހުސްވުމެއް ޙައްދެއް ނުވާ ފަދަ މިންވަރަށް ދެއްވުން ވަނީ
ފަހު ދިހައިގައި އޮންނަނީ މަޣުފިރަތު އެދިގެން ދެންނެވުން
"ފަހު ދުވަހު" ބަރުވާނެހެން ތިލަފަތް ކުނިން ޠާހިރުވެލުން
ރަޙުމަތޭ މުޅި ރޯދަމަހު މުސްލިމުތަކުންނަށް ދެއްވަނީ
މަރު އަމާންކޮށްދެއްވަވައިތޯ، ފާފަތައް ވެސް ފުއްސަވައި
ހަރުދަނާ އީމާންކަމާ އެކު މާތް އިލާހަށް ދަންނަވައި،
ދަރުމައަށް އެދި ދިންނެވުން އެދި އަތްތަކޭ އުފުލައިލަނީ!
________________________