އަދުގެ ޚާއްސަ

Print

ކޮން މީހެއް؟ (10)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

(20 އެޕުރީލް 2020 ގައި ޝާއިޢުކުރި ބަޔާގުޅޭ)

ކުރީ ދުވަހުގެ ސޭލްސްއާއި ސްޓޮކް ޗެކްކޮށް ނިންމައިލަނީއެވެ. ކުއްލިއަކަށް ކުޑަ ކާރެއް އައިސް ކަންމަތީ ފިހާރައިގެ ޝޯރޫމާ ދިމާ ކުރިމަތީ މަގު އަނެއް ފަރާތުގައި މަޑުކޮށްލައިފިއެވެ. ނީނާ އެ ކާރާދިމާއަށް ބަލައިލިއެވެ. ނީނާއަށް ފެނުނީ ވަރަށް ރީތިކޮށް ހެދުން އަޅައިގެން ހުރި ރީތި އަންހެނަކު ކާރުން ފައިބައިގެން ނީނާއާ ދިމާއަށް އަންނަތަނެވެ. ޢުމުރުން ތިރީހަކަށް އަހަރަށް ވުރެ އެ މީހަކު ދޮއްޓެއް ނުވާނެއެވެ. އެއީ ނީނާ ކޮންމެވެސް ތާކުން ދުށް މޫނެކެވެ. ދަންނަ މޫނެކެވެ. އެކަމަކު ފެނުނީ ކޮން ތާކުން ކަމެއް ނީނާ ހަނދާނެއް ނެތެވެ.

"އައްސަލާމް ޢަލައިކުމް" ނީނާއަށް އެއްޗެއް ނުބުނެވެނީސް އެ އަންހެނަކު ސަލާމް ގޮވައިލިއެވެ."މީ ތޯ ދާއޫދުގެ ކަންމަތީ ފިހާރައަކީ؟"

"އާދެ! މިއީ ކަންމަތީ ފިހާރައިގެ ޝޯރޫމެވެ." ނީނާ ޖަވާބު ދިނެވެ. "ކޯއްޗެއްތޯ ބައްލަވައިގަންނަން ބޭނުންފުޅުވަނީ.؟"

"އެއްޗެއް ގަންނާކަށް ނޫން." އެ މީހަކު ޖަވާބު ދިނެވެ. "ދާއޫދުގެ އެޕޮއިންޓމެންޓަކަށް މިއައީ."

"ކޮން ބޭފުޅެއްތޯ؟" ނީނާ ސުވާލުކޮށްލިއެވެ. "ދާއޫދަށް އެނގިވަޑައިގަންނަވާނެތޯ؟"

"ހީވަނީ........." އެ މީހަކު ޖަވާބު ދިނެވެ. "އަޅުގަނޑަށް ކިޔަނީ ފަރަހަ. ފަރަޙަނާޒް"

"އޯހ. ތީ ފިލްމްސްޓާރ ފަރަޙަ ތޯ" ނީނާ ދަންނަ މޫނު އެނގުނު ގޮތް ހަނދާންވެގެން އަހައިލިއެވެ. "އާނ!........... މިދަނީ ދާއޫދަށް ދަންނަވައިލާން. "

މި ވާހަކަދައްކައި ނުނިމެނީސް ދާއޫދު ނުކުމެއްޖެއެވެ. "އައްސަލާމު ޢަލައިކުމް." ފަރަޙަ ސަލާމް ގޮވައިލިއެވެ.

"ވަޢަލައިކުމް ސަލާމް." ދާއޫދު ޖަވާބު ދިނެވެ. "ގަޑިނެހުނީނު؟"

"ވަރަށް ބޮޑަށް މާފު." ފަރަޙަނާޒު ޖަވާބު ދިނެވެ. "ފުށިކަނޑު ދާލަންމަތީގައި އެކްސިޑެންޓެއް ވެފައި އޮވެގެން ކުޑަކޮށް ލަސްވީ. މިއަދު ބައްދަލުވާނެތޯ؟"

"އާދޭ!" ދާއޫދު ފަރަހައާ ވާހަކަދައްކަނީ ވަރަށް އާދައިގެ މީހަކާ ވާހަކަދައްކާ ފަދައިންނެވެ. "ޖޫރިމަނާވެފައި ތިހިރީ."

މިހެން ބުނެފައި ފަރަޙަ ގޮވައިގެން ދާއޫދުގެ އޮފީހަށް ވަދެއްޖެއެވެ. 

ފަރަޙަ ބޭނުންވާ ކަންތަކާއި ބޭނުމާ ބެހޭ ގޮތުން ވަރަށް ތަފްޞީލުކޮށް ދާއޫދަށް ކިޔައިދިނެވެ. ވަރަށް ސަމާލުކަން ދީގެން އަޑުއަހާން އިނދެފައި ދާއޫދު ބުނެފިއެވެ.

"ތިޔައީ އެހާ އުނދަގޫ ކަމެއް ނޫން." ދާއޫދު ބުންޏެވެ. "އެކަމަކު އަގު ދެވޭނެތަ"

"މާ ބޮޑު އަގެއް ނުދެވޭނެ" ފަރަޙަބުންޏެވެ. "އަގު ވިދާޅުވީމަތާ އެނގޭނީ ވެސް."

"މާ ބޮޑު އަގެއް ވެސް ނުކިޔާނަން." ދާއޫދު ބުނެލިއެވެ. "އެންމެ އެއްލައްކަ ރުފިޔާ."

"އެއްލައްކަ؟" ފަރަހަ ހައިރާންވިއެވެ. "އަޅުގަނޑު އައީ އެހާ ފައިސާ ހިފައިގެނެއް ނޫން."

"ކިހާވަރެއް ގެނައީ؟" ދާއޫދު ސުވާލުކުރިއެވެ. "ގެނައިވަރެއް ބުނެބަލަ!"

"ނަގުދު ފައިސާއެއް ނުގެންނަން. " ފަރަޙަ ޖަވާބު ދިނެވެ. "އެކަމަކު ފަންސާސްހާސް ޓްރާންސްފާރ ކުރެވިދާނެ  މިހާރު. ބާކީބައި މިކަންތައް ނިމުނީމާ.

"ނޫން. އަގު ދިނީމާ މަސައްކަތް ފެށޭނީ ވެސް." ދާއޫދު ބުނެލިއެވެ. "ވެރީ ސޮރީ!"

"އެހެން ގޮތެއް ހުށަހަޅަންތޯ" ފަރަޙަ އަހައިލިއެވެ. "ފަންސާސް ހާސް ރުފިޔާ އާއި އަޅުގަނޑު ގަބޫލުކުރައްވާ މި ފަހަރު. ފަންސާސް ހާސް ރުފިޔާއަށް ވުރެ އަޅުގަނޑުގެ އަގު ދަށެއް ނުވާނެ."

"ނު ވިސްނުނު." ދާއޫދު ބުންޏެވެ. "ފަރަޙަ ފިހާރައިގައި ގެންގުޅެންވީތަ؟"

"ދެން މި ވަރަށް ދެންނެވޭނީ." ފަރަހަ އިސްޖަހައިލިއެވެ. "އެ ގޮތަށް ވިސްނައިގެން އަޞްލު މިއައީ ވެސް."

"އޯހް! އިޒް ދެޓް ވަޓް ޔޫމީންޓް؟" ދާއޫދު ކުޑަކޮށް ހިތް ހަމަޖެހިލައިފައި ބުނެލިއެވެ. "އާރ ޔޫ ރެޑީ ފޯރ.....؟"

"ޔެސް.." ޖެހިޖުންވަމުން ފަރަހަ ބުނެލިއެވެ. "ކޮންމެ އަގަކަށް ވެސް މަޤުޞަދު ޙާޞިލުކުރަން ބޭނުން."

މީގެ އިތުރަށް އެ މީހުން ދެއްކި ވާހަކައެއް އެނގޭނޭ މީހަކު ނެތެވެ. 

ދާއޫދާ ބައްދަލުކުރާން އަންނަ އެހެން މެހުމާނުންނާ ޚިލާފަށް ފަރަޙަ މާ ގިނައިރު ދާއޫދާ އެކީ ހޭދަކުރާތީ ނީނާގެ ހިތުގައި އިތުރު ސުވާލުތައް އުފެދުނެވެ. ދެފަހަރަކު "ޚާއްޞަ ދިރާސާތަކާއި ބޮޑެތި  އޯޑަރުތަކާ ބެހޭ އޮފީހު"ގެ ދޮރު ކައިރިއަށް ވެސް ދެވުނެވެ. ވާހަކަ ދައްކާ އަޑު އިވޭތޯ ކަންފަތްވެސް ދިއްކުރިއެވެ. ނީނާއަށް އިވުނު އަޑެއް އިވުނެވެ. އެ ވާހަކަ ނީނާ ސިއްރުކުރާން ބޭނުންވާތީ ކިޔުންތެރީންނަށް ވެސް އެ ވާހަކައިގެ ތަފުޞީލު ދޭކަށް ގަސްތެއް ނުކުރަމެވެ. ސިއްރެއްގެ ގޮތުގައި އޮތަދެއްވާށެވެ!

ދިހައެއް ޖެހިފަހުން ފަރަޙަ ނުކުމެގެން އެބަހަރައާދެއެވެ. އިސްތަށިގަނޑު ހުރީ ފާޑަކަށް ހޭވިފައެވެ. ދެކޮލާއި ތުންފަތުގައި ހުރި ކުލައެއް ވެސް ނެތެވެ. މީހާ ހުރީ ދާހިއްލައި ފޯވެފައެވެ. އެކަމަކު މޫނުމަތީން ފެންނަނީ ހާސްކަމެވެ. އަނެއްކާ ދާއޫދަށް ކަމެއް ކޮށްފައި ދާނީބާވައޭ ނީނާ ހިތަށް އެރިއެވެ. ނަމަވެސް ނީނާއާ ދިމާއަށް ބަލައިލުމަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ ކާރަށް އަރައިގެން މާބައިދޫއާ ދާލަމާ ދިމާއަށް ވަރަށް ބާރަށް ދުއްވައިލައިފައި ހިނގައްޖެއެވެ. 

ނީނާ ޖަވާބު ހޯދާންޖެހޭ ސުވާލުތަކުގެ ލިސްޓް ހައްތާ ވެސް ދިގުވަނީއެވެ. ދާއޫދާ ބައްދަލުކޮށްފައި ދާ ކޮންމެ މީހަކާ ބެހޭ ކޮންމެވެސް ޚަބަރެއް މީޑިއާގައި އަދި މީސްމީޑީއާގައި ފެތުރުމަކީ ވަރަށް ޢާއްމު ކަމެކެވެ. އަދި ފަރަޙަގެ ބައްދަލުވުން ތަފާތުވީމާ މި ކަމާ ވިސްނޭ ގޮތް ވެސް ތަފާތެވެ. އެހެން މީހުން ދާއޫދާއެކު ބާއްވާ ބައްދަލުވުމުގައި ހޭދަވަނީ ގިނަވެގެން ފަނަރަވަރަކަށް މިނިޓެވެ. ނަމަވެސް ފަރަޙައާއި ދާއޫދުގެ ބައްދަލުވުން ގަޑިއެއްގެ އިރަށްވުރެ ގިނައިރުވުމަކީ އެ ބައްދަލުވުން ޚާއްޞަވި ސަބަބެކެވެ. އަދި ނީނާއާ ދާއޫދާ ދެމެދު ވެސް މިހާޜު ޚާއްޞަ ގުޅުމެއް އުފެދެމުން އަންނަ ދުވަސްވަރެއް ކަމަށް ވާތީ، ފަރަޙައިގެ ބައްދަލުވުމާ ގުޅިގެން ނީނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެކަމާ ދާއޫދު ދެކެ ވެސް ފާޑަކަށް ފޫހިވެފައެވެ. ދާއޫދަކީ އެހާ އަގުދަށް މީހެއް ކަމެއް ނީނާއަކަށް ކުރިޔަކުން ނޭނގެއެވެ. އެހެންވެ ނީނާ ހުރީ ހިސާބަކަށް ފޫހިވެފައެވެ. ރުޅި އާދެވިފައެވެ.

މީޑިއާއިން ފަރަޙައިގެ ޚަބަރެއް އިވޭތޯ ނީނާ އިންތިޒާރުކުރަނީއެވެ. ކޮންމެވެސް ޚަބަރެއް ވާނެކަމަށް ޔަގީނާ ގާތަށް ހީވެއެވެ. ކުރީގެ ތަޖުރިބާއަށް ބަލާނަމަ އެހެން ހީކުރެވިދާނެއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ