މުދަލު ޒަކާތުން ރޯދަވީއްލާ ދޮލަނގުތައް
އިބްރާހީމް ރަޝީދު މޫސާ
މި ޒަމާނުގައި ރޯދަވެރިންނަށް ރޯދަވީއްލުމަށް ޓަކައި މުދަލު ޒަކާތް ދޭ ތަން ފެނެއެވެ. ބައެއް ފަހަރަށް މި ކަން ކުރަނީ ސީދާ މުދަލުގެ ވެރިޔާ އަމިއްލައަށެވެ. އަނެއްބައި ފަހަރަށް މި ކަން ކުރަނީ ޚައިރާތު ޖަމްޢިއްޔާތަކާ ޙަވާލުކޮށްގެންނެވެ. އެ ޖަމްޢިއްޔާތަކުން ކާބޯތަކެތި ގަނެ ފަޤީރުންނަށާއި މިސްކީނުންނަށް ދެއެވެ. ނުވަތަ ރޯދަވީއްލުމަށާއި ހާރުކެއުމަށް ދޮލަނގުތައް ތައްޔާރުކޮށްގެން މިސްކިތްދޮށަށް ގެންދެއެވެ. މި ދޮލަނގުތަކަށް ”މަވާއިދުއްރަޙްމާނި“އޭ ކިޔެއެވެ. އަދި ބައެއް ރަށްރަށުގައި ރަމަޟާން މަހުގައި ފަޤީރުންނަށް އެހީވުމަށޭ ކިޔައިފައި ”ރަމަޟާން ދަބަސް“ ނުވަތަ ޕާރުސަލު ތައްޔާރުކޮށް ފަޤީރުންނަށް ބަހައެވެ. މި ކަމުގެ ޙުކްމާ ބެހޭ ގޮތުން ޢިލްމުވެރީންގެ ރައުޔުތަކަށް ބަލައިލުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.
ޒަކާތަކީ މުދަލުގެ ވެރިޔާ އޭނާގެ މުދާ ވަކިވަރަކަށް ގިނަވުމުން (ނިޞާބު ހަމަވުމުން) އަދި އެއީ ނިޞާބު ހަމަވެ، އެ މުދަލަށް ހިޖްރީ އަހަރެއް ފުރުމުން މާތްﷲ ކަނޑައަޅުއްވައިފައިވާ ބަޔަކަށް (ޒަކާތުގެ ބެހެނިވެރިންނަށް) ދޭން މާތް ﷲ ފަރްޟު ކުރައްވައިފައިވާ އެއްޗެކެވެ. ޒަކާތުގެ ބެހެނިވެރީންނަކީ ކޮބައިކަން އަންގަވައި، މާތް ﷲ ވަޙީކުރެއްވިއެވެ. ”إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ فَرِيضَةً مِنَ اللَّهِ وَاللَّهُ عَلِيمٌ حَكِيمٌ“ - ("ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلامވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّهގެ حضرةން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّهއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.") (التوبة:60) މުއްސަނދި މީހާގެ މުދަލުން ޒަކާތް ވާޖިބުވުމުން ޒަކާތް ދިނުމުގެ މާނައަކީ އޭނާގެ މުދަލުން ޒަކާތަށް ދޭން ޖެހޭ އެތިކޮޅު ﷲ ކަނޑައަޅުއްވައިފައި މިވާ ގިންތިތަކުގައި ހިމެނޭ ބަޔަކަށް "މިލްކުކޮށްދިނުމެވެ."
ފަޤީހުން ވިދާޅުވާ ގޮތުގައި ޒަކާތް ޞައްޙަވުމުގެ ޝަރްޠުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ޝަރްޠަކީ " މިލްކުކޮށް ދިނުމެވެ. " މިލްކުކޮށްދިނުމުގެ މާނައަކީ ޒަކާތަކީ ޒަކާތް ވާޖިބުވާ މީހާގެ ބޮލުގައި އެޅިފައިވާ ދަރަންޏަކަށް އެ ކަން ވުމެވެ. މި ދަރަނި އަދާކުރަން ޖެހެނީ ﷲއަށެވެ. އެއީ އެކަލާނގެ ޙައްޤެކެވެ. ﷲގެ ފަރާތުން އެ ލިބެންޖެހޭ ޙައްޤުވެރިން ކަނޑައެޅުއްވީ ހަމަ ﷲއެވެ. ޒަކާތް ދިނުން ވާޖިބުވެފައިވާ މީހާއަށް އޭނާ ބޭނުންވާ ގޮތަކަށް އެ ދަރަނި އަދައެއް ނުކުރެވޭނެއެވެ. މީހަކު އަތުން ތިބާ ނަގައިފައި އޮތް އެއްހާސް ރުފިޔާ ރަމަޟާން މަހޭ ކިޔައިފާ ކަރައިން އަދާކުރެވިދާނެ ހެއްޔެވެ؟ ޒަކާތަށް ދޭން ޖެހޭ ފައިސާއިން ކާބޯތަކެތި ގަނެފައި ފަޤީރުންނަށް ދިނުމުން ޒަކާތް ދެއްކުނުކަމަކަށް ނުވާނެއެވެ. އޭނާގެ މައްޗަށް ވަޖިބުވެގެން ވަނީ އެ މުދާ ފުރިހަމައަށް އޭގެ ޙައްޤުވެރިޔާއަށް އަދާކުރުމެވެ.
ފިޤްހު ޢިލްމުވެރިން މި މަސްއަލައާމެދު (މިލްކުކޮށްދިނުމުގެ މަސްއަލައާމެދު) އެބޭކަލުންގެ ފޮތްތަކުގައި ބަޙުސްކުރައްވައިފައި ވެއެވެ.
1- އިމާމުލް ކާސާނީ ވިދާޅުވެފައިވާ ގޮތުގައި ޒަކާތަކީ ނިޞާބު ހަމަވުމުން އޭގެތެރެއިން ޒަކާތަށް ނެރެންޖެހޭ ބައި ﷲ ތަޢާލާއާ ޙަވާލު ކުރުމެވެ.އެއީ އެ މުދަލުގެ ވެރިޔާގެ މިލްކިއްޔަތުން އެ ބޭރުކޮށް ﷲ އަންގަވައިފައިވާ ގިންތިތަކުގެ މީހުންނަށް އެ މިލްކުކޮށް ދިނުމެވެ. މިކަމުގެ ދަލީލަކީ އައްތައުބާ ސޫރަތުގައި އައިސްފައިވާ މި ބަސްފުޅެވެ. "أَلَمْ يَعْلَمُوٓا۟ أَنَّ ٱللَّـهَ هُوَ يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَأْخُذُ ٱلصَّدَقَـٰتِ" - ("ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަޅުންގެ ކިބައިން توبة قبول ކުރައްވާ އަދި صدقات ހިއްޕަވާ ރަސްކަލާނގެކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟") (التوبة : 104) ރަސޫލާ ޙަދީސް ކުރެއްވިއެވެ. "إنَّ الصَدَقَةَ تَقَعُ فِي يَدِ اللهِ قبْلَ أَنْ تَقًعَ فِي يَدِ الْفَقِيْرِ" – ("ހަމަކަށަވަރުން ފަޤީރުމީހާގެ އަތަށް ޞަދަޤާތް އެރުމުގެ ކުރިން އެ ޞަދަޤާތް ﷲގެ ޙަޟްރަތަށް ވާޞިލުވާނެތެވެ.") (بدائع الصنائع في ترتيب الشرائع (2/ 39). މި ހުރިހާ ބަސްފުޅުތަކަކުން ވެސް އެނގެނީ ފަޤީރު މީހާގެ (ނުވަތަ ޒަކާތުގެ ބެހެނިވެރިޔާގެ) އަތަށް ޞަދަޤާތް އަރަން ޖެހޭނެކަމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. "وَءَاتُوا۟ ٱلزَّكَوٰةَ " - ("އަދި ތިޔަބައިމީހުން زكاة ދޭށެވެ.") (البقرة: 43) ދިނުމަކީ މިލްކުކޮށްދިނުމެވެ. މީގެ އިތުރަށް މާތް ﷲ އަންގަވައިފައިވާ ފަދައިން ޒަކާތް ދިނުމަކީ މުދަލުގެ ވެރިޔާ އޭނާގެ މުދަލުން ޒަކާތުގެ މިންވަރު ނެރެ ﷲ އެންގެވި ފަރާތްތަކާ ޙަވާލު ކުރުމެވެ. އެހެންކަމުން ޙަނަފީން ވިދާޅުވާ ގޮތުގައި ޒަކާތު މުދަލުން މިސްކިތް ބިނާކުރުމާއި ކަށުކަމާކެމީގެ ކަންތައްކުރުމާއި މަގުހެދުން ފަދަ ކަންކަން ކުރުން ހުއްދަ ނުވާނެތެވެ.
2- މިހެންވެ އެބޭކަލުން ވިދާޅުވާ ގޮތުގައި ޒަކާތު މުދަލުން ކާބޯތަކެތި ގަނެ ފަޤީރުންނަށް މެންދުރާއި ރޭގަނޑު ކާން ދިނުމުން ޒަކާތްދެއްކި ކަމަކަށް ނުވާނެއެވެ. އެކަމުގައި އެ މުދާ މިލްކުވެރިކޮށްދިނުން ނުހިމެނޭތީއެވެ.
3- ޒަކާތް ދިނުމުގެ ގަސްތުގައި ފަޤީރު މައްޔިތެއްގެ ދަރަނި އަދާކުރުމުން ޒަކާތް ދެއްކި ކަމަކަށް ނުވާނެއެވެ. އެއީ އެކަމުގައި ވެރިކޮށްދިނުން ނުހިމެނޭތީއެވެ. މިއާ ޚިލާފަށް ދިރިހުރި ފަޤީރެއްގެ ދަރަނި އޭނާ ބުނެގެން އަދާކުރިނަމަ ޒަކާތް ދެއްކިކަމަށް ވާނެއެވެ. އެއީ އެ ކަމުގައި މިލްކުކޮށް ދިނުން ހިމެނޭތީއެވެ. އެހެނަސް އޭނާއަށް ނޭނގި އެ ދަރަނި އަދާކުރިނަމަ ޒަކާތް ދެއްކުނު ކަމަކަށް ނުވާނެއެވެ.
4- ޝާފިޢީ މަޒްހަބުގެ އިމާމެއް ކަމުގައިވާ އަލްމާވަރްދީ ވިދާޅުވިއެވެ. " މާތް ﷲ މި ވަނީ ޒަކާތް 8 ބަޔަކާ ގުޅުއްވައިފައެވެ. މި ޒަކާތުގައި އެ އަށް ބައި މީހުން މިވަނީ ބައިވެރިކުރައްވައިފައެވެ. ވީމާ އެ ދޭންޖެހޭނީ އެ މިލްކުކުރުން ހުއްދަވާ ބަޔަކަށެވެ. "
5- ޙަންބަލީ މަޒްހަބުގެ އިމާމެއް ކަމުގައިވާ އިބްނު ޤުދާމާ ވިދާޅުވިއެވެ. "އެހެން ބަޔަކަށް އެ ދިނުން ހުއްދަނުވާނެތެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަނީ އޭގެ ޙައްޤުވެރިން ކަނޑައަޅުއްވައިފައެވެ. އޭގެތެރެއަށް އެހެން ބަޔަކު ނުވެއްދޭނެއެވެ.އެހެންވީމާ އެ ބައިތައް ޢާއްމެއް ނުކުރެވޭނެއެވެ."
6- ޑރ. ވަހްބަތުއްޒުޙައިލީ ވިދާޅުވިއެވެ. "ޒަކާތް އަދާކުރުން ޞައްޙަ ވާނީ މިލްކުވެރިކޮށްދިނުމުންނެވެ. އޭގެ ބެހެނިވެރީންނަށް މިލްކުކޮށް ދެވެން ޖެހޭނެއެވެ." ޙަނަފީ މަޒްހަބުގައި މޮޔައަކަށް ނުވަތަ ތަންދޮރު ވަކިކުރާން ނެނގޭވަރުގެ ކުޑަކުއްޖަކަށް ޒަކާތް ދީގެން ކަމަކު ނުދާނެއެވެ. އެ ޙާލަތުގައި އެދޭން ވާނީ އޭނާގެ ބެލެނިވެރިޔާގެ އަތަށެވެ.
7- ރޯދަވެރީންނަށް ރޯދަވީއްލުން ތަނަވަސްކޮށްދިނުމަށް ޓަކައި ތައްޔާރުކުރެވޭ ދޮލަނގުތަކާ ބެހޭ ގޮތުން މިޞްރުގެ ދާރުލްއިފުތާއާ ސުވާލުކުރުމުން ވިދާޅުވިއެވެ. "ރޯދަވެރީންނަށް ރޯދަވީއްލުމަށް ޓަކައި އަޅުގަނޑުމެންގެ ޤައުމުތަކުގައި ތައްޔާރު ކުރެވޭ ދޮލަނގުތައް (ނުވަތަ މަވާއިދުއްރަޙުމާނި) އަކީ މި އުއްމަތުގެ ހެޔޮކަމާއި ފަޤީރުންނަށް އަޅައިލުން އެއިން ފެންނަ ވަރަށް ރަނގަޅު ކަމެކެވެ. އެހެނަސް މި ދޮލަނގުތަކުން ފަޤީރުންނާއި މުއްސަނދިން ކަމުންދާތީ އެ ކަންކަމަށް ޒަކާތު މުދަލުން ހޭދަކުރުން ހުއްދައެއްނުވާނެތެވެ. ﷲ ސުބްޙާނަހޫ ވަ ތާޢާލާ ވަނީ ޒަކާތުގެ ބެހެނިވެރިން ކަނޑައަޅުއްވައި އަންގަވައިފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ”إِنَّمَا ٱلصَّدَقَـٰتُ لِلْفُقَرَآءِ وَٱلْمَسَـٰكِينِ وَٱلْعَـٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَـٰرِمِينَ وَفِى سَبِيلِ ٱللَّـهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةً مِّنَ ٱللَّـهِ ۗ وَٱللَّـهُ عَلِيمٌ حَكِيمٌ“ - ("ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.")( التوبة : 60) މި ބަސްފުޅުގައި އެންމެ އިސްކަން ދެއްވައިފައި މި ވަނީ ފަޤީރުންނަށާއި މިސްކީނުންނަށެވެ. ރަސޫލާ މުޢާޛު ބިން ޖަބަލު ޔަމަނަށް ދީން އުނގަންނާދެއްވުމަށް ފޮނުއްވަމުން ޙަދީސްކުރެއްވި ބަސްފުތަކުގެތެރޭގައި ވެއެވެ. ”فأخْبِرْهُمْ أنَّ اللَّهَ قدْ فَرَضَ عليهم صَدَقَةً، تُؤْخَذُ مِن أغْنِيائِهِمْ فَتُرَدُّ على فُقَرائِهِمْ“ - ("ﷲ އެބައިމީހުންގެ މައްޗަށް ޒަކާތް ފަރްޟުކުރައްވައިފައިވާ ޚަބަރު އެބައިމީހުންނަށް ކަލޭގެފާނު ދެއްވާށެވެ! އެއީ އެބައިމީހުންގެތެރޭގައި ތިބި މުއްސަނދިންގެ އަތުން ނަގައި އެމީހުންގެ ތެރޭގައި ތިބި ފަޤީރުންނަށް ރައްދުކުރެވޭ އެއްޗެކެވެ.") (صحيح البخاري ٤٣٤٧) މި ބަސްފުޅުތައް އައިސްފައި މި ވަނީ މިލްކުކޮށްދިނުމުގެ ޢިބާރާތުންނެވެ. ((لام التمليك)) އިންނެވެ. އެހެންކަމުން ފަޤީރުންނަށާއި މިސްކީނުންނަށް ޒަކާތުން ލިބޭ މިންވަރު މިލްކުކޮށްދޭން ޖެހޭނެއެވެ. އޭނާގެ ބޭނުންތައް އެއިން ފުއްދުމަށް ޓަކައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފަޤީރުންގެ މުހުތާދުތައް ފުއްދައިދެވޭ ނަމަ، އެ ކަން ހުއްދަވާނެއެވެ. އަޞްލުގައި ޒަކާތް ދޭންޖެހޭނީ މުދަލުންނެވެ. ކާބޯތަކެތީގެ ގޮތުގައި ދޭން ބޭނުންވާ ނަމަ ފަޤީރުމީހާއަށް ބޭނުންވާ އެއްޗެއްތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭނެއެވެ. އަގު ހެޔޮ ކާއެއްޗެހިތަކެއް ދިނުމަކީ މި މަޤްޞަދު ޙާޞިލުނުވެ ހިނގައިދާނެ ކަމެކެވެ. ނުވަތަ އޭނާ ބޭނުންނުވާ އަގުބޮޑު މުދާތަކެއް ގަނެފައި ދިނުމުން ވެސް މަޤްޞަދު ޙާޞިލެއް ނުވާނެއެވެ. މި ކަން ކުރާންވާނީ ރަށުގެ ފަޤީރުންގެ ޙާލަތު ދިރާސާކޮށްގެންނެވެ. އެ މީހުންނަށް ބޭނުންވާ އެއްޗެއް ގަނެދީގެންނެވެ. އަޞްލުގައި ދޭން ޖެހޭނީ މުދަލެވެ. ރަމަޟާން މަހަށް ޓަކައި ފަޤީރުންނަށް އެހީވާންވެގެން ޚާއްޞަ "ޕާރުސަލެއް" ގަތުމަކީ ވަކީލެއްގެ ދައުރު ހިމެނޭ ކަމެކެވެ. އެ މުދާ ވަކީލާ، މުވައްކިލު ޙަވާލު ކުރީ މުވައްކިލު ބޭނުން އެއްޗެހި ގަންނާށެވެ. ވަކީލު ބޭނުންވާ އެއްޗެއް ގަންނާކަށް ނޫނެވެ. ރަމަޟާން ޕާރުސަލު ދޭ މީހަކީ ވަކީލެކެވެ. ފަޤީރުމީހާއަށް ބޭނުންނުވާ އެއްޗެއްނަމަ ޒަކާތު މުދާ އެ ކަމަށް ހޭދަކުރުން ހުއްދައެއްނުވާނެތެވެ. އޭރުން އެ ޕާރުސަލު ވާނީ ޞަދަޤާތަކަށެވެ.
____________________________________
ޙަވާލާ:
2. التوبة: 60
3. التوبة : 104
4. بدائعالصنائعفيترتيبالشرائع (2/ 39)
5. الحاويالكبير (8/ 479)
6. الكافيفيفقهالإمامأحمد (1/ 423)
7. الفقهالإسلاميوأدلتهللزحيلي
8. صحيحالبخاري٤٣٤٧