ކުޑަ ކުދިންނަށް: ކޮމްޕިއުޓަރގެ ގަޑި ކައިރީގައި ނަން ލިޔާނީ ކިހިނެއް؟
ޢަބްދުލްމުޢީދު ޙަސަން
ކޮމްޕިއުޓަރގެ ގަޑި ކައިރީގައި، ކޮމްޕިއުޓަރ ގެންގުޅޭ ކުއްޖެއްގެ ނަން ލިޔެވިދާނެއެވެ. މިކަން ކުރަން ބޭނުންކުއްޖަކު، ހަދަންވީގޮތް ތިރީގައި މިވަނީއެވެ.
1. Start އިން Run ނަގާށެވެ. ދެން Open ގައި regedit މިހެން ލިޔެފައި Ok އަށް ކްލިކްކޮށްލާށެވެ.
2. ފުރަތަމަ ފިޔަވަޅުގައި ބުނެފައިވާ ގޮތަށް ހެދީމާ، ވިންޑޯއެއް ހުޅުވޭނެއެވެ. ދެން އެ ވިންޑޯގެ ވާތްފަރާތުގައިވާ ކޮލަމުން HKEY_CURRENT_USER ހޯދާށެވެ. ދެން އޭގެ ވާތްފަރާތުގައިވާ (+) މި ނިޝާނަށް އެއްފަހަރު ކްލިކްކޮށްލާށެވެ.
3. މިހެން ހެދުމަށްފަހު އޭގެ ތިރިން، Control Panel ހޯދާށެވެ. ދެން Control Panel ގެ ވާތްފަރާތުގައިވާ (+) މި ނިޝާނަށް އެއްފަހަރު ކްލިކްކޮށްލާށެވެ. Control Panel ގެ ވާތްފަރާތުގައިވަނީ، (-) މި ނިޝާން ކަމަށްވަނީނަމަ، އެއަށް ކްލިކް ނުކޮށް 4 ވަނަ ފިޔަވަޅަށް ދާށެވެ.
4. Control Panel ގެ ތިރީގައި International ވާނެއެވެ. އެއަށް ކްލިކް ކޮށްލާށެވެ.
5. International އަށް ކްލިކްކޮށްލުމުން ކަނާތްފަރާތުގައިވާ އޭރިއާގެ ތެރެއިން ބައިވަރު ފައިލްތައް ފެންނާނެއެވެ. އޭގެ ތެރެއިން S1159 , S2359 މި ދެ ފައިލް ހޯދާށެވެ.
6. ދެން S1159 މިފައިލަށް ޑަބަލް ކްލިކް ކޮށްލާށެވެ. އޭރުން ކުޑަ ވިންޑޯއެއް ހުޅުވޭނެއެވެ. އޭގައިވާ Value data ގެ ތިރީގައި AM ޖަހާފައިވާނެއެވެ. ޢަރަބި ވިންޑޯއެއް ނަމަ، އެތަނުގައިވާނީ ص އެވެ. އެތަނުގައި ބޭނުން ނަމެއް ޖެހުމަށްފަހު، Ok އަށް ކްލިކްކޮށްލާށެވެ. ކޮމްޕިއުޓަރގެ ގަޑި ކައިރީގައި ލިޔެވޭނީ އެތަނުގައި ޖަހާ ނަމެކެވެ.
7. ދެން S2359 މި ފައިލަށް ޑަބަލް ކްލިކް ކޮށްލާށެވެ. އޭރުން، ކުރިން ހުޅުވުނު ކަހަލަ ކުޑަ ވިންޑޯއެއް ހުޅުވޭނެއެވެ. އޭގައިވާ Value data ގެ ތިރީގައި PM ޖަހާފައިވާނެއެވެ. ޢަރަބި ވިންޑޯއެއް ނަމަ، އެތަނުގައިވާނީ م އެވެ. އެތަނުގައި ބޭނުން ނަމެއް ޖެހުމަށްފަހު، Ok އަށް ކްލިކްކޮށްލާށެވެ. ކޮމްޕިއުޓަރގެ ގަޑި ކައިރީގައި ލިޔެވޭނީ އެތަނުގައި ޖަހާ ނަމެކެވެ.