އަދުގެ ޚާއްސަ

Print

މަޢާފު (12)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(10 އެޕްރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ރިހެބަށް ދިއުމަށް ފޯމް ފުރުމުގެ ކަންކަން އަހަރެން ކުރިއަށް ގެންދާނަން."  މުނާގެ ވާހަކައަށް ނާހިޒު ބޮލުން އާނއެކޭ ބުނެލިއެވެ.

މުނާގެ ރަށަކީ ހިތްފަސޭހަ ރަށެއް ނަމަވެސް، ދެތިން ދުވަސް ވޭތުވެ ދިޔައިރު ނާހިޒު ފޫހިވާން ފަށައިފިއެވެ. އެއްވެސް މަސައްކަތެއް ނުކޮށް ކައިގެން ހުންނާތީ، ކުޑަކޮށް ފަލަވެ ގައިގައި މަސްޖަހަން ފަށައިފިއެވެ. މުނާއަށް ގިނަވަގުތު އުޅެން ޖެހިފައިވަނީ ހޮސްޕިޓަލްގައެވެ. ބަލިމީހުންގެ ޚިދުމަތުގައެވެ. އެހެންވުމާއެކު ގިނަވަގުތު ނާހިޒު ހޭދަކުރަނީ ކޮޓަރީގައެވެ. ކާގަޑިތަކުގައި މުނާގެ މައިންބަފައިންނާ ދިމާވެ ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވެއެވެ. ނަމަވެސް އެހެން ވަގުތުތަކުގައި ފޫހިވާތީ، ކޮޓަރީގައި އޮވެ ފިލްމު ބެލުން ފިޔަވައި ކުރާނެ ކަމެއްނެތެވެ. 

"މިހެން ނުވެސް ދަންނަ ބައެއްގެ ކައިރީ ގިނަދުވަހު އުޅުމަކީ ރަނގަޅު ކަމެއްނޫން. މުނާގެ މައިން ބަފައިންވެސް ހިތްހަމައެއް ނުޖެހޭނެ. ހުރިހާ ގުނަވަންތައް ސަލާމަތުން ހުރި މީހަކު މަސައްކަތްނުކޮށް މިހެން ހުރުމުން ހިތްހަމަޖެހޭނީ ކާކު؟" ނާހިޒު ހިތާހިތުން ބުނަމުން ދިޔައެވެ. އެންމެފަހުން ނިންމީ އެވާހަކަތައް މުނާގާތު ދެއްކުމަށެވެ. 

ކުރިން ވިސްނިފައިނުވާ އެތައްކަމެއް މިއަދު ނާހިޒަށް ވިސްނެން ފެށިއެވެ. ރަނގަޅު ގޮތާއި ނުބައިގޮތް މީގެކުރިން ނުވިސްނުނީތީ އަމިއްލަ ހިތާ ޝަކުވާކުރުން ގިނަވިއެވެ. ނާހިޒު މުނާގާތުގައި އެހުރިހާ ކަމަކާއި ގުޅޭގޮތުން ވާހަކަ ދެއްކިއެވެ. 

"ހިނގާ އަހަރެމެން ކައިވެނި ކުރަމާ. އޭރުން ނާހިޒު ނުޖެހޭނެ މީހުން ކިޔާފާނެ އެއްޗަކަށް ވިސްނާކަށް. މިރަށު މީހުން ހީކުރަނީ ނާހިޒަކީ އަހަރެން ކައިވެންޏަށް މިރަށަށް ގެނެސް ހުރި މީހެއްކަމަށް. މިހާރު ވަރަށް ގިނަބަޔަކު ދިމާކުރަންވެސް ފަށައިފި." 

މުނާގެ ވާހަކަތަކުން ނާހިޒު ދެރަވެއްޖެއެވެ. 

"އަހަރެން ކަހަލަ ހުސްމީހަކު އަތުގައި ހިފަން މުނާ ތިހުރީ ތައްޔާރަށްތަ؟ ކިހިނެއް އަހަރެން އަންބަކު ގެންގުޅޭނީ؟" ނާހިޒު ދެރަވެފައި ވާހަކަ ދެއްކިއެވެ.

"ތިހުރިހާ ކަމަކާ ނާހިޒު ވިސްނާނެ ކަމެއްނެތް. އަހަރެން ނާހިޒު ދެކެވީ ތެދުވެރި ލޯބި. ނާހިޒު ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިއަސް މިއަދު އަހަރެން ނާހިޒު އާއިމެދު އެއްވެސް ޝަކުވާއެއް ނެތް. ނާހިޒު މިރަށަށް ގެނައުމަށް ޚިޔާލުކުރިއިރު އަހަރެން ހިތުގައި ވަނީ އިންސާނިއްޔަތުކަމާ، ހަމްދަރުދީ. މިހާރު ނާހިޒު އާއި ކައިވެނި ކުރަން މިއެދެނީ ނާހިޒު ހެޔޮމަގަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފެށުމަށް. އަހަރެންގެ އެއްވެސް އަމިއްލަ އެދުމެއް އޮވެގެންނެއް ނޫން." މުނާގެ ވާހަކަތަކުން ނާހިޒުގެ ހިތުގައި މުނާއަށް ޓަކައި ލޯބީގެ ހުޅުކޮޅު ދިއްލުނެވެ. މިއަދު މުނާއަށް ޓަކައި ނާހިޒު އެހުރީ ފުރާނަ ޤުރުބާން ކުރަން ޖެހުނު ކަމުގައި ވިއަސް އެކަންކުރަންވެސް ތައްޔާރަށެވެ.  

"އެންމެ ފުރަތަމަ ފަރުވާގެ ކަންތައް ފުރިހަމަ ކުރަންވީ. އޭގެފަހުން އަހަރެމެންނަށް ހަމަޖެހިގެން ދިރިއުޅެވޭނީ." ނާހިޒުގެ ވާހަކައަށް މުނާ ވިސްނަމުން ދިޔައެވެ. ކައިވެނި ކުރާނީ އޭގެފަހުން ކަމުގައި ދެމީހުންވެސް އެއްބަސްވިއެވެ. އޭގެ ދެތިން ދުވަސް ފަހުން ނާހިޒު ފުރައިގެން ދިޔައީ ރިހިބިލިޓޭޝަން ސެންޓަރަށެވެ. 

ރިހެބުގެ ޤަވާއިދުތައް އޮންނަގޮތުން ފުރަތަމަ ކޮޅުގައި ނާހިޒަށް ވަރަށް އުނދަގޫ ވިއެވެ. ނަމަވެސް އެޤަވާއިދުތަކަށް ދެތިންދުވަސް ތެރޭގައި ހޭނި ލުއި ފަސޭހަވއްޖެއެވެ. އެތަނުގެ ކްލާސްތަކަށް ޝައުޤުވެރިކަން ދެވެންފެށީ މަޑުމަޑުންނެވެ. ޤަވާއިދުން ނަމާދުކޮށް ޤުރުއާން ކިޔެވުމާ، ދީނީ ދަރުސް އެހުމުގެ ނަތީޖާއަކަށްވީ، ރަށުގައި ކުޑައިރު ބަސްއަހައިގެން އުޅުނު ނާހިޒު އަނެއްކާވެސް އެނބުރި އައުންފަދަ ކަމަކަށެވެ. އެތަނުގައި ބޭއްވުނު ޤުރުއާން މުބާރާތާއި، ބަހުސްކުރުމުގެ މުބާރަތުން ފަދަ މުބާރާތްތަކުން ނާހިޒަށް އެއްވަނަ ލިބުނެވެ.  

ހަ މަސް ދުވަސް ފާއިތުވެ ދިޔައިރު ނާހިޒަށް އެތައް ހެޔޮ ބަދަލުތަކެއް އަތުވެއްޖެއެވެ. ރިހެބުން ދިން ފަރުވާގެ އަގު ނާހިޒު މިއަދު ވަޒަން ކުރަނީ ހެޔޮ ހިތަކުންނެވެ. އެދުވަސްތަކުގެ ތެރޭގައި ނާހިޒު ފަލަވެ ގައިގައި މަސްޖަހައިފިއެވެ. ފަލަވުމުގެ ސަބަބުން ރިހެބަށް ގެންދިޔަ ހެދުންތައް ބާރުވެއްޖެއެވެ. މުނާގާތު އެވާހަކަ ބުނުމުން އާހެދުންތައް ފޮނުވައިދިނެވެ. މުނާއަށް ޝުކުރު އަދާކޮށް ނުނިމޭނެކަން ނާހިޒު ދަނެއެވެ. މީގެ ކުރިން އުޅެވުނު ގޮތާއި މިހާރު އުޅޭގޮތާ ހާސް ތަފާތުވެއްޖެއެވެ. މުނާއާ މެދު ވިސްނާން ފެށުމުން މުނާ ރީތިވާން ފަށައިފިއެވެ. ބޭރުފުށުގެ ރީތިކަމަށްވުރެ ހިތުގެ ރީތިކަން މާމޮޅުކަން ނާހިޒަށް ވިސްނުނެވެ. ޒާލިމާ އާއި މުނާގެ ތަފާތު އަޅައި ކިޔައިލުމުން ރީތިކަން ލިބިފައިވާ ޒާލިމާ އަކީ އެއްވެސް އަގެއް ހުރި މީހެއް ނޫންކަމަށް ނާހިޒުގެ ހިތް ބުނަމުން ދިޔައެވެ. 

ރިހެބުން އެނބުރި މުނާގެ ރަށަށް ނާހިޒު ދިޔަދުވަހު ނާހިޒަށް އެންމެ މީރު ކެއުން ތައްޔާރު ކޮށްފައި މުނާ ބެހެއްޓިއެވެ. ނާހިޒު ކަހަލަ މަގުގެއްލިފައިވާ މީހަކަށް ހެޔޮ މަގުދެއްކުމުގެ ފަހަތުގައި މުނާ ހުރީ ޘާބިތު ކަމާއެކުއެވެ. 

"ކައިވެންޏަށް ފޯމް ލާން ހިނގާ." ނާހިޒު ކާންއިނދެފައި ބުންޏެވެ. މުނާ ހެވިފައި އިނދެ ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. 

"މިރަށުން ވަޒީފާއެއް ހޯދާންވީ. އޭރުން ރަށުންބޭރަށް ނުގޮސް ވާނީ. މިހާރު ބޭނުމެއްނޫން މިރަށުން ދާކަށް." ނާހިޒުގެ ވިސްނުމަށް މުނާ އެއްބަސްވިއެވެ. ރަށުން ވަޒީފާއެއް ލިބުން އެހައި ފަސޭހައެއް ނުވާނެކަން މުނާއަށް އެނގެއެވެ. 

"ވަޒީފާއެއް ހޯދުމަކީ އެހައިފަސޭހަ ކަމެއް ނޫން." ނާހިޒަށް އަދާކުރެވޭ ކަހަލަ ވަޒީފާއެއް ލިބޭތޯ މުނާ ދިޔައީ ރައްޓެހިންނާ، ޢާއިލާގެ މީހުންނާ ވާހަކަ ދައްކަމުންނެވެ. ކައިރީގައިވާ ރިސޯޓްތަކަށް ވަޒީފާއަށް ފޮނުވާކަށް މުނާ ބޭނުމެއް ނުވެއެވެ. އަނެއްކާވެސް ނުބައިމަގު އިޚްތިޔާރު ކޮށްފާނެ ކަމުގެ ބިރަށްޓަކައެވެ. 

އަނެއްކާ އަނެއް މައްސަލަ ކުރިމަތިވީއެވެ. ކައިވެނި ކުރުމަށް ފުރި ފޯމް ކޯޓަށްލުމާއެކު ނާހިޒުގެ ދަރިއަށް ޚަރަދު ނުދީ އޮތް މައްސަލައެއް ފެންމަތިވީއެވެ. ލީޒާ ދަރިފުޅަށް ޙައްޤު ހޯދުމުގެ ޝަކުވާ ކޯޓަށްވަނީ ހުށައަޅާފައެވެ. އެދަރިފުޅުމަތިން ހަނދާންވެ ދަރިފުޅުގެ ޙައްޤުތައް އަދާ ކުރެވިފައި ނުވާތީ އެކަމާ ނާހިޒު ދެރަވާން ފަށައިފިއެވެ. އެހާ ގިނަ ފައިސާ އެއްފަހަރާ ދައްކާނީ ކިހިނިއް ހެއްޔެވެ؟ އެކަމުގެ ހިތާމައިގައި ނާހިޒު ވިސްނަން އިންނަތަން މުނާއަށް ފެންނަން ފަށައިފިއެވެ. 

"މިއަދު އަހަރެންގެ ސަބަބުން މުނާއަށް ކިހާބޮޑު ދެރައެއް މިދެވެނީ. މިކައިވެނި ކުރެވޭނީ އެފައިސާ ދެއްކުމުން. ކުޑަ ޢަދަދެއްނޫން ދައްކަން އޮތީކީ. އަހަރެން އަތުގައި ފައިސާއެއް ނެތް." ނާހިޒު ދެރަވެފައި މުނާގާތުގައި ވާހަކަ ދެއްކިއެވެ. 

"ހިނގާ އަހަރެމެން ކޮންމެވެސް މަސައްކަތެއް ފަށަމާ. އެމަސައްކަތުން ލިބޭ ފައިސާ އެއްކޮށްފައި ކޯޓަށް ދައްކާނީ." މުނާގެ ޚިޔާލު ޤަބޫލުކުރުން ފިޔަވައި އިތުރު ގޮތެއް ނާހިޒަކަށް ނެތެވެ. ދަރިފުޅަށް ޚަރަދު ނުދޭތާ ދެއަހަރުވީއެވެ. އެހެންނަމަވެސް އެފައިސާ، އެއްކުރާން ހާދަ ދުވަހެއް ވާނެއެވެ. 

"ފައިސާ ހޯދާން ގިނަދުވަސްތަކެއް ވާނެ. އޭރުން މިރަށު މީހުން މަލާމާތާއި ކުރިމަތިލާން ޖެހޭނީ މުނާ. އަހަރެން ކަހަލަ މީހަކާ އިނުމުން މުނާއަށް ލިބޭނެ އެއްވެސް މޮޅެއް ނެތް." ނާހިޒު ދެރަވެފައި ވާހަކަ ދެއްކިއެވެ. 

ނާހިޒުގެ ހުރިހާ ވާހަކަތަކެއް މުނާ، އޭނާގެ މަންމައަށް ކިޔައިދިނެވެ. އަދި އެކަމުގައި މަންމަގެ ލަފައަކަށް އެދުނެވެ. 

"ދަރިންގެ އުފަލަކީ މައިންބަފައިންގެ އުފާ. ބައްޕަގެ އެކައުންޓްގައި ފައިސާ ހުންނާނެ. ބޭނުންވާ ޢަދަދަކަށް ނަގާ. މަންމަ ބޭނުން ތިޔަ ކައިވެނި ކޮށްގެން ދަރިފުޅު އުފާވެރި ޙަޔާތެއް ވޭތުކުރާން." މަންމަގެ ވާހަކައިން މުނާއަށް އަސަރު ކުރިއެވެ. މުނާ ޤުރުބާން ވަމުންދަނީ އޭނާގެ ލޯތްބަށްޓަކައެވެ. މަންމަ އާއި ބައްޕަވެސް މުނާގެ ނިންމުމަކަށް ދެކޮޅެއް ނުހަދައެވެ. 

"މަންމާ އަހަރެން މިވަގުތު ފައިސާ ބޭނުން. އެކަމަކު އެފައިސާ ނާހިޒު ލައްވާ އަނބުރާ ދައްކާ ގޮތަށް ނަގާނީ." މުނާގެ ވިސްނުން ހުރިގޮތް ކިޔައިދިނެވެ. 

"ތިޔަ ގޮތް ވެސް އެންމެ ރަނގަޅު." މަންމަ ދެއްކި ވާހަކަ މުނާގޮސް ނާހިޒު ގާތު ދައްކައިފިއެވެ. ފައިސާ އަނބުރާ ދައްކާގޮތަށް ނަގާން ނާހިޒު އެއްބަސްވިއެވެ.

*** 

ހޭލެވުމާއެކު މުނާ މޯޅިއަކަށް ދެމިލާފައި ފޯނުން ގަޑި ބަލައިލިއެވެ. ފަތިހު ފަހެއް ޖެހީއެވެ. ދެލޯ އުނގުޅަމުން ތެދުވީ އަވަހަށް ފަތިސް ނަމާދު ކުރާށެވެ. ފާޚާނާއަށް ދިޔައިރު ވެސް އެ ދެލޯ ރަނގަޅަށް ނުހުޅެވެއެވެ. މިއަދު ހިތް އަވަސްވެފައި ހުންނަ ވަރުން މުނާއަށް ހެނދުނުގެ ސައިބޮވުނީ ވަރަށްކުޑަކޮށެވެ. ކައިވެނި ކުރެވޭ ދުވަހު ކޮންމެ އަންހެން ކުއްޖެއްގެ ޙާލުވެސް ހުންނަނީ މިހެންބާވައޭ މުނާގެ ހިތަށް އެރިއެވެ. އެކަމުން ހިތަށް ފޮނި އަރާމެއް ލިބެއެވެ.

ކައިވެނި ކުރުން އޮތީ ރޭގަނޑު އަށެއް ޖަހާއިރުއެވެ. ނީމާ ވަގުތު އޮއްވައި އެގެއަށް އައީ މުނާ ތައްޔާރު ކޮށްދޭށެވެ. މުނާ ތައްޔާރުކުރަމުން ގެންދިޔަ ނީމާ މަޖާ ވާހަކަތައް ދައްކަމުން ގެންދިޔައެވެ. މުނާ ހިތްހަމަ ޖައްސައިދިނުމަށްޓަކައެވެ. އެހެންނަމަވެސް މުނާ ހިތްނެގިނެގިފައި ޖެހޭވަރުން އެއްވެސް ކަމަކާ ގަޔާވާ ގޮތެއް ނުވިއެވެ. 

"ހަނީމޫނަށް ދިއުން އޮތީ ކޮން ޤައުމަކަށް؟" މުނާ މޭކަޕް ނިންމައިލަމުން ނީމާ ސުވާލުކުރިއެވެ. 

"ހަނީމޫނަށް ދިއުމަކީ މުހިއްމު ކަމެއްތަ؟" މުނާ ވެސް ކުރީ ސުވާލެކެވެ. 

"ތިޔައެއް ނޭނގެ. ކޮންމެ މީހަކު ކައިވެނި ކުރިއަސް ހަނީމޫނަށް ދެވޭތޯ ބަލާނެ." ނީމާ އާއި މުނާއަށް އެ ސުވާލުގެ ޖަވާބެއް ނުހޯދި އުޅެނިކޮށް ކައިވެނީގެ ގަޑި ޖެހިއްޖެއެވެ. 

ކައިވެނި ކުރެވުމާއެކު މުނާގެ ދެމަފިރިން އަވަސްވެގަތީ ދެރަކުޢަތުގެ ސުންނަތް ނަމާދު ކުރެވޭތޯއެވެ. ނާހިޒަށް މިހާރު ދީނުގެ ވަރަށްގިނަ މަޢުލޫމާތު އޮޅުން ފިލައިފައި ވެއެވެ. އެއިގެ ބޭނުން ހެޔޮގޮތުގައި ހިފާން ނާހިޒު މަސައްކަތް ކުރަމުން ގެންދެއެވެ.

(އަދި ނުނިމޭ)

އިދާރާ

ވާހަކަ