ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (27)
އިބްރާހީމް ރަޝީދު މޫސާ
(26 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
515. އެ ދުވަހު އިރު އޮއްސުމުން ރަސޫލާ ﷺ ޢަރަފާތުން މުޒްދަލިފާއަށް ވަޑައިގެންނެވިއެވެ.
516. ރަސޫލާ ﷺ މަޣްރިބުނަމާދާއި ޢިޝާނަމާދު ޖަމްޢުކޮށް ޤަޞްރުކޮށް ކުރެއްވީ މުޒްދަލިފާގައެވެ. އެއަށްފަހު ފަތިސް ވެއްޖައުމަށް ދާންދެން އެތާނގައި އަވަހާރަފުޅު ލެއްޕެވިއެވެ. ދެން ތެދުވެވަޑައިގެން ފަތިސްނަމާދު ކުރެއްވިއެވެ. އެއީ ބޮޑު ޢީދު ދުވަހެވެ. އެއީ އަލްޙައްޖުލް އަކްބަރުގެ ދުވަހެވެ.
517. އެއަށްފަހު އަލްޤަޞްވާއު ޖަމަލުކޮޅުމައްޗަށް ސަވާރުވެވަޑައިގެން ޤިބްލައަށް ކުރިމަތިލައްވައިގެން އިންނަވާ މާތްﷲ އަށް ދުޢާ ކުރެއްވިއެވެ. އެއަށްފަހު އިރު އަރަން ދޮންވެއްޖައުމަށް ދާންދެން ތަކްބީރު ތަހްލީލު ވިދާޅުވަމުން ގެންދެވިއެވެ.
518. ބޮޑު ޢީދުދުވަހު ހެދުނު ރަސޫލާ ﷺ ޖަމްރާއަށް އުއްކެވުމަށް ޓަކައި ހަތް ހިލަކޮޅު ގެނެސް ދެއްވުމަށް އިބްނު ޢައްބާސުގެފާނަށް ވިދާޅުވިއެވެ. އެކަލޭގެފާނު ކުދިކުދި ހަތް ހިލަކޮޅު ހޮއްވަވައިގެން ވަޑައިގެން ރަސޫލާ އަތްޕުޅަށް އެރުއްވިއެވެ.
519. މުޝްރިކުންނާ ޚިލާފަށް ރަސޫލާ ﷺ އިރު އެރުމުގެ ކުރިން އަލްމަޝްޢަރުލްޙަރާމުން ފައިބާވަޑައިގަތެވެ. މީގެ ކުރިން މުޝްރިކުން މި ތަނުން ފައިބައިފައި ވަނީ އިރުއެރުމުންނެވެ.
520. ރަސޫލާ ﷺ ޖަމްރަތުލްޢަޤަބާގެ ބޮޑު ޖަމްރާއާ ހަމައަށް ވަޑައިގެން ވާދީގެ ތިރީގައި ގެފުޅު އެކަލޭގެފާނުގެ ވާތްޕުޅު ފަރާތަށް އަދި މިނާ ކަނާތްޕުޅު ފަރާތަށް ވާ ގޮތަށް ހުންނަވައި އެކަލޭގެފާނުގެ ޖަމަލުކޮޅުމަތީގައި އިންނަވާ ޖަމްރާއަށް ކުރިމަތިފުޅު ލެއްވިއެވެ.
521. އެއީ ޟުޙާ ވަގުތެވެ. އެކަލޭގެފާނު ހިލަ އުއްކެވީ ވާދީގައި ހުންނަވައިގެންނެވެ. ކޮންމެ ހިލަކޮޅެއް އެއްލަވަމުން ތަކްބީރު ވިދާޅުވިއެވެ. އަދި އެކަލޭގެފާނު މީސްތަކުންނަށް ވިދާޅުވިއެވެ. [خُذُوْا عَنِّي مَنَاسِكَكُمْ] – ([ތިމަންކަލޭގެފާނުގެ ކިބައިން ތިޔަބައިމީހުން މަނާސިކުތައް އަދާކުރާނެގޮތް ލިބިގަންނާށެވެ!]) (صحيح الجامع ٧٨٨٢)
522. ހިލަ އުއްކެވުމަށްފަހު ރަސޫލާ ﷺ މިނާގައި ހަދްޔު ކަތިލާ ތަނަށް (މަންޙަރަށް) ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މާތް އަތްޕުޅުން 63 ޖަމަލު ކަތިލައި ދެއްވިއެވެ.
523. އެކަލޭގެފާނު ހަދްޔު ކަތިލެއްވުމަށް ފަހު އިސްތަށިފުޅު ތުރުކޮށްދޭ މީހާ ގެންނަވައި އެކަލޭގެފާނުގެ މާތް އިސްތަށިފުޅު ތުރުކުރެއްވިއެވެ. މި ކަން ކޮށްދެއްވީ މަޢުމަރު ބިން ޢަބްދު ﷲ އަލްޢަދަވީ އެވެ.
524. މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނު ވިދާޅުވިއެވެ. [ރަސޫލާ ﷺ ގެ އިސްތަށިފުޅު ތުރުކުރެވުނުއިރު ޞަޙާބީއެއްގެ އަތްޕުޅަށްމެނުވީ އެއިން އެންމެ އިސްތަށިފުޅެއް ވެސް ނުވެއްޓެއެވެ.] (ރަވާހު މުސްލިމު)
525. އިސްތަށިފުޅު ތުރުކުރައްވައި ނިމިވަޑައިގަތުމުން ގަމީސްކޮޅު ތުރުކުރެއްވިއެވެ. އެހިނދު ޢާޢިޝަތުގެފާނު އެކަލޭގެފާނުގެ ގައިކޮޅުގައި ހުވަނދު ތުރުކޮށްދެއްވިއެވެ.
526. އެއަށްފަހު ސަވާރީކޮޅަށް އަރައިވަޑައިގެން މެންދުރުވުމުގެ ކުރިން ގެފުޅު އަރިހަށް ވަޑައިގެން ސަވާރީކޮޅު މަތީގައި އިންނަވައި ޠަވާފު ކުރެއްވިއެވެ. އެއީ މީސްތަކުންނަށް އެކަލޭގެފާނު ކަންތައްތައް ކުރައްވައިގޮތް ދެއްކެވުމަށް ޓަކައެވެ. އަދި މީސްތަކުން މަނާސިކުތައް އަދާކުރަމުންދާ ގޮތް ބެއްލެވުމަށް ޓަކައެވެ.
527. އެއަށްފަހު ޒަމްޒަމް ވަޅުކޮޅު ކައިރިއަށް ވަޑައިގެން ފެންފޮދު ހިއްޕެވިއެވެ.އެއަށްފަހު މިނާއަށް އެނބުރި ވަޑައިގެންނެވިއެވެ. އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގައި އެކަލޭގެފާނު ތިން ޖަމްރާއަށް ހިލަ އުއްކެވީ މެންދުރު އެނބުރުމުންނެވެ.
528. ރަސޫލާ ﷺ އެކަލޭގެފާނުގެ ޙައްޖަތުލްވަދާޢު ނިންމައިލެއްވީ ތަވާފުލް ވަދާޢުންނެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. [ لا يَنْفِرَنَّ أَحَدٌ حتّى يَكونَ آخِرُ عَهْدِهِ بالبَيْت] - ([އެއްވެސް މީހަކު ގެފުޅުގެ ވަށައިގެން ޠަވާފުނުކޮށް މައްކާއިން ނުފުރާހުށިކަމެވެ.]) (متفق عليه) މީގެ ކުރިން ޙައްޖު ނިމުމުން އެކިމީހުން ދަނީ އެކި ދިމާއަށެވެ.
529. އެއަށްފަހު ރަސޫލާ ﷺ މަދީނާއަށް އެނބުރިވަޑައިގެންނެވީ ޒަމަޒަމްފެނުގެ މިންވަރަކާއެކުގައެވެ. މިއީ ކީރިތި ރަސޫލާ ޙައްޖަތުލް ވަދާޢު އަދާކުރެއްވި ގޮތުގެ ވަރަށް ކުރު ޚުލާޞާއެކެވެ.
530. އެއަށްފަހު ހިޖްރައިން 11 ވަނަ އަހަރުގެ ޞަފަރުމަހުގެ އެންމެ ފަހު ހަތަރުވަނަ ދުވަހު ރޯމަނުންނާ ދެކޮޅަށް ލަޝްކަރެއް ފޮނުއްވުމަށް ގަސްތުކުރައްވައި އެކަމަށް ތައްޔާރުވެވަޑައިގަތުމަށް ރަސޫލާ ﷺ ޞަޙާބީންނަށް އަމުރުކުރެއްވިއެވެ. މި ލަޝްކަރުގެ އަމީރެއްކަމުގައި ރަސުލާ ﷺ އިސްކުރެއްވީ އުސާމަތު ބިން ޒައިދުގެފާނެވެ. އޭރު އުސާމަތުގެފާނުގެ ޢުމުރުފުޅަކީ 18 އަހަރެވެ. މި ލަޝްކަރުގައި އެންމެ ބޮޑެތި ޞަޙާބީންކަމުގައިވާ ޢުމަރުގެފާނާއި ، ސަޢުދު ބިން އަބީ ވައްޤާޞުގެފާނާއި ، އަބޫ ޢުބައިދަތު ބުނުއް ޖައްރާޙުގެފާނު ފަދަ ބޭބޭކަލުން ތިއްބެވިއެވެ.
531. ރަސޫލާ އުސާމަތުގެފާނަށް ލަޝްކަރުގެ ވެރިކަން ދެއްވުމުން މުސްލިމުންގެތެރެއިން ބައެއް މީހުން އެކަމާ ދެކޮޅަށް ފާޑު ކިޔެއެވެ. މި ޚަބަރު ރަސޫލާއަށް ލިބިވަޑައިގަތުމުން މީސްތަކުންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވައި އެކަން އޮތްގޮތް ސާފުކޮށްދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުން އޭނާގެ އަމީރުކަމާ ދެކޮޅުހަދާނަމަ ތިޔަ ދެކޮޅު ހަދަނީ ތިމަންކަލޭގެފާނުގެ އަމީރުކަމާއެވެ. މާތް ﷲ ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން އޭނާއަކީ އަމީރުކަމަށް އެކަށީގެންވާ މީހެކެވެ. އޭނާގެ ބައްޕައަށްފަހު ތިމަންކަލޭގެފާނު އެންމެ ލޯބިފުޅުވާ މީހަކީ އޭނާކަން ކަށަވަރެވެ.] ރަސޫލާގެ އަތްޕުޅުން ހަނގުރާމައިގެ ދިދަ ބަދެދެއްވައި އެކަލޭގެފާނަށް ނަޞްރު ދެއްވުމަށް ދުޢާކޮށްދެއްވިއެވެ.
532. އިސްލާމީ ރިސާލަތު ފުރިހަމަވެ ޢަރަބިކަރައިގެ މީސްތަކުން އިސްލާމްދީނަށް ފައުޖުފައުޖަށް ވަންނަ ތަން ފެނިވަޑައިގަތުމުން އެކަލޭގެފާނުގެ އަޖަލުފުޅު ކައިރިވެއްޖެކަން އެކަލޭގެފާނަށް އިޙްސާސް ކުރެއްވުނެވެ.
533. ނަބިއްޔާ ﷺ ގެ އަޖަލުފުޅު ކައިރިވެއްޖެކަމުގެ ބައެއް ޢަލާމަތްތަކަކީ :-
ހ- އައްނަޞްރު ސޫރަތް ބާވައިލެއްވުން
ށ- ހިޖްރައިން 10ވަނަ އަހަރުގެ ރަމަޟާން މަހުގައި ތަކްރާރުކޮށް ޤުރްއާން މުރާޖަޢާކޮށް ދެއްވުން
ނ- އަޅުކަންކުރެއްވުމުގައި އަވަދިނެތިވެ ވަޑައިގަތުން އިތުރުވުން
ރ- ރަމަޟާން މަހު އިޢުތިކާފު ކުރެއްވުމަށް ގަދައެޅުއްވުން
534. ރަސޫލާ ﷺ ސުވަރުގެ ވަޑައިގެންނެވި އާލާސްކަންފުޅު ފެށުނީ ޞަފަރު މަހުގެ ފަހުކޮޅުގައެވެ. މި އާލާސްކަންފުޅު ފެށުނީ އިސްތަށިފުޅުގައި ރިއްސިރިއްސުމަކުންނެވެ. މި އާލާސްކަންފުޅުގައި ރަސޫލާ ﷺ 13 ދުވަސް ހޭދަކުރެއްވިއެވެ.
535. ރަސޫލާ ﷺ ގެ އާލާސްކަންފުޅު ބޮޑުވުމުން ހުރިހާ އަނބިއަނބިކަނބަލުންނަށް ޒިޔާރަތް ކުރައްވަން މަސައްކަތް ކުރެއްވިއެވެ. އާލާސްކަންފުޅު އެންމެ ބޮޑުވީ މައިމޫނަތުގެފާނުގެ ކޮޓަރިކޮޅުގައި އޮންނަވަނިކޮށްނެވެ. އެހިނދު އަނބިއަނބިކަނބަލުންގެ ހުއްދަ ހޯއްދަވައިގެން ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅަށް ރަސޫލާ ﷺ ބަދަލުވެ ވަޑައިގެންނެވިއެވެ.
536. ރަސޫލާ ﷺ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި އޮންނަވަނިކޮށް ހުންފުޅު ވަރަށް ބޮޑަށް ގަދަވެގެން ދިޔައެވެ.
(ނުނިމޭ)