ޖޫން 2020 ގައި ހިފާ "ފަނޑު ހިޔަނި" ހަނދު ކޭތަ
ޢަބްދުﷲ ރަޝީދު މ.ލިނެޓް
2020 ޖޫން 5 ވަނަ ދުވަހުގެ ރޭ "ފަނޑުހިޔަނި" (Penumbra) ހަނދު ކޭތައެއް ހިފާން ފަށައެވެ. ފަނޑުހިޔަނި ކޭތައަކީ، ލޮލަށާއި ޓެލެސްކޯޕަށާއި ދުރުމިއަށް ނުފެންނަ، ފަލަކީ ޢިލްމުން ދެނެގަނެވޭ ބާވަތުގެ ކޭތައެވެ. ސަބަބަކީ ހަނދުގެ އަލިކަން ފަނޑުވާކަން ފާހަގަކުރެވޭ މިންވަރަށް ހަނދުގެ އަލިކަން ފަނޑު ނުވުމެވެ.
"ހަނދުކޭތަ"އަކީ، އިރުގެ އަލީގެ ސަބަބުން ދުރަށް ދެމިގެންވާ، ދުނިޔޭގެ ދެމިގެންވާ ހިޔަނީގެ ތެރެއަށް ހަނދު ނުވަތަ ހަނދުން މިންވަރެއް ވަނުމަށް ކިޔާ ނަމެވެ.
ހިޔަނި ދެމިގެންވާ ގޮތުގެ ޢިލްމަކީ، ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ޢިލްމީ ބާބުތަކުން ބޮޑުވެގެންވާ ބާބެކެވެ. އެއީ، ސޫރަތުލް ފުރުޤާނުގެ 45 ވަނަ އާޔަތުގައި އޮތް "مَدَّالظِّلَّ" މި ކަލިމައިގެ މައްޗަށް އޮތް މަތިވެރި ޢިލްމީ އާޔަތުގައި ބަޔާންވާ ހިޔަނި ދެމިގެންވުމުގެ ޢިލްމުގެ ބާބެވެ. ހިޔަނި ދެމިގެންވާ ބާވަތްތަކާއި، އެއިން އެނގޭ ކަންކަމާއި، އެއިން އެނގޭ ކަންތައްތަކުގެ ގިނަކަމުން އެއިން މިންވަރެއް ވިޔަސް ބަޔާންކުރުމަކީ، ކޮޅުންލާނޭ މިންވަރަށް ވުރެން ގިނަ ކަންކަމެވެ. އެހެން އެކަން ހުރުމުން، މި ކުރު ލިޔުމުގެ މައުޟޫޢަކީ ހިޔަނި ދެމިގެންވުމުގެ ވާހަކަ ބަޔާންކުރުން ކަމުގައި ނުވާތީ، އެ ވާހަކަ މި ލިޔުމަށް އިތުރުނުކޮށް ދޫކޮށްލުމަށްފަހު، މި ލިޔުމުގެ މައުޟޫޢު ކަމުގައިވާ ހަނދުކޭތައިގެ ވާހަކައަށް ރުޖޫޢަވާނަމެވެ.
ތިރީގައި ވާ ދެ ފޮޓޯއަކީ، ދުނިޔޭގެ ދެމިގެންވާ ހިޔަނި، ދެމިގެންވާ ގޮތާއި، އެ ދެމިގެންވާ ހިޔަނީގެ، ދެ ބާވަތާއި އޭގެ ތެރެއަށް ހަނދު ވަނުމުން ހިފާ ކޭތައިގެ ދެ ބާވަތް އަންގައިދޭ ދެ ފޮޓޯއެވެ. ދުނިޔޭގެ ކަޅު ހިޔަންޏަކީ ރޭގަނޑެވެ. ފުރަތަމަ ފޮޓޯގައި އެ ވަނީ [ކަޅުހިޔަނި ހަނދުކޭތަ] (ފުރިހަމަ ހަނދުކޭތަ) އެވެ. އޭގެ ތިރީގައިވާ ފޮޓޯގައި އެ ވަނީ [ފަނޑުހިޔަނި ހަނދުކޭތަ] އެވެ.
މި ކޭތައާ ބެހޭ މުހިއްމު ބައެއް މަޢުލޫމާތު:
- 2020 ޖޫން 5 ވަނަ ދުވަހުގެ ކޭތަ ހިފާންފަށާނީ، މާލޭގަޑިން 22:46 ގައެވެ.
- ކޭތަ ފުރިހަމަވާނީ 06 ޖޫން 2020 ވަނަ ދުވަހު (ހަމަ އެރޭ މެންދަމުން އަލިވެ) 00:25 ގައެވެ.
- ކޭތަ ވީއްލާނީ 06 ޖޫން 2020 ވަނަ ދުވަހު މެންދަމުން އަލިވެ 02:04 ގައެވެ.
- މިއީ، ފަޅި ކޭތައެކެވެ. މި ކޭތައިގައި ކަޅުހިޔަނީގެ ތެރެއަށް ހަނދެއް ނުވަންނާނެއެވެ.
- އަދި ފަނޑު ހިޔަނީގެ ތެރެއަށް ވަންނާނީ ވެސް ހަނދުގެ ފަޅިއެކެވެ.
- މި ކޭތަ ހިފާއިރު ހަނދު އޭގެ ފަލަކުގައި ހުންނަ ޕޮޒިޝަނަކީ، މުލަ ނަކަތެވެ. އެއީ الشولة އެވެ ކިޔޭ މަންޒިލެވެ. އެ މަންޒިލް ހިމެނެނީ ދަނަ ރާހީ (قوس/ސެޖިޓޭރިއަސް) ބުރުުޖުގައެވެ. ކޭތަ ނިމޭ އިރު، ހަނދު ހުންނާނީ ފުރަހަޅައިގައެވެ. އެ މަންޒިލްވަނީ قوس ބުރުޖް ފަހު ބަޔާއި ޖަދީ ބުރުޖް (މަކަރަ ރާހީ)ގެ ފުރަތަމަ ބައިގައެވެ.
______________________________