ސުން ބިސީގެ ބަވަނައިގައި ފައިދާވެރީންނާއި ގެއްލުންތެރީން
އިބްރާހީމް ރަޝީދު މޫސާ
އެމެރިކާގެ ސިޔާސީ އިޤްތިޞާދީ މުފައްކިރެއް ކަމުގައިވާ އިޔާން ބްރެމަރ (Ian Bremer) ލިޔުއްވި ފޮތް (A World Without Leadership – ޒަޢާމަތެއްނެތް ދުނިޔެއެއް) ގައި ސުން ބިސީގައި ފައިދާވެރީންނާއި ގެއްލުންތެރީންނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ލަފާކުރައްވާ ގޮތުގައި ބައިނަލްއަޤްވާމީ ބިސީތަކުގެ މަޞްލަޙަތުތަކުގައި ހިމެނޭ ޖިއޯއިސްތިރާތީޖީގައި ހުރި ފުށުއެރުންތަކުގެ ސަބަބުން، އެމެރިކާގެ އިޤްތިޞާދީ އަތްގަދަކުރުމާއި އިޤްތިޞާދީ ރޮނގުން އެންމެ ބޮޑު ބާރު ކަމުގައިވާ ޖީ -8 ގެ އަތްގަދަކުރުމުގެ ޒަމާން ވަރަށް އަވަހަށް ނެތިގެން ހިނގައިދާނެއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މި ބިސީތައް ނެތިގެން ދިޔުމުން ދުނިޔެއަށް ވަންނަން ޖެހޭނީ ސުން ބިސީއަކަށެވެ. ދުނިޔެ ވެއްޓޭނީ ހުސްކަމެއްގެ ތެރެއަށެވެ. ދުނިޔޭގެ އިސްވާރުކަމަށް ބޭނުންވާ ގޮންޖެހުންތަކަށް ކުރިމަތިލުމުގެ ޤާބިލުކަން ހުރި ޤައުމެއް ނުވަތަ އެއްބާރުލުމެއް ނޯންނާނެތީއެވެ. މަރްކަޒީ ޒަޢާމަތެއް ނެތް ދުނިޔެއަކަށް ދުނިޔެ ބަދަލުވުމުން، އިޤްތިޞާދީ އަދި ސިޔާސީ އިތުރު ނުތަނަވަސްކަމާއި އިތުރު ވިލުމާއި (tension) އަޒްމާތަކަށް (crisis) ހާސާވެގެންދާނެއެވެ. އޭނާ މި ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ޠަބީޢަތަކީ ހުސްކަމަށް ނަފުރަތު ކުރާ ބާރަކަށް ވާތީ ސުން ބިސީ އަބަދުގެ އަބަދަށް ދެމިއެއް ނޯންނާނެއެވެ.
އޭނާ ދެކެވަޑައިގަންނަވާގޮތުގައި މި ހުސްކަމާއި ހާސްކަން މި އަންނަ ދަހަރުގެ އަހަރުތަކުގެ ތެރެއަށާއި އޭގެ ފަހުގެ އަހަރުތަކުގެ ތެރެއަށް ދެމިގެންދާނެއެވެ. ޒަޢާމަތެއްނެތް ދުނިޔެއެއްގެ ސަބަބުން އަޅުގަނޑުމެންނަށް ޞުލްޙަމަސަލަސްކަން ރައްކައުތެރިކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ޓަކައި ކުރާން ޖެހޭ މަސައްކަތްތަކަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ތިމާވެށި ރައްކައުތެރިކުރުމަށް ޓަކައި އަޅާންޖެހޭ ފިޔަވަޅުތައް އަޅަން ބޭނުންވާ މަސައްކަތް ކުރުމަށާއި، އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ކާބޯތަކެތި ތަނަވަސްކޮށް ދިނުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާން ލިބިފައިވާ ޤާބިލިއްޔަތުކަމަށް ބުރޫއަރާނެއެވެ. ފަހަރެއްގައި މިހާރުގެ ބައެއް އަސާސުތައް ބިންގަލުން ލުހިގެން ހިނގައިވެސް ދާނެއެވެ. މި ކަންކަމުގެ ނައްސިކަން ފޯރާނީ ހަމައެކަނި މި ގުރަހައަކަށް ނޫނެވެ. ޚާރިޖީ ހަވާއަށް ވެސް މީގެ އަސަރު ފޯރާނެ ކަމަށް އޭނާ ނިމުތު ކުރައްވައެވެ.
ފޮތުގެ ނާރެސްތައް
މި ފޮތުގައި ހިމެނެނީ ހަ ފަޞްލެކެވެ.
1- ފުރަތަމަ ފަޞްލުގައި ވާހަކަ ދެކެވިފައިވަނީ ސުން ބިސީއާ ބެހޭގޮތުންނެވެ.
2- ދެވަނަ ފަޞްލުގައި ވާހަކަ ދެކެވިފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާގެ ބާރުތައް ވަރުގަދަ ކުންނަށް ވާޞިލުވި ގޮތާ ބެހޭގޮތުންނެވެ.
3- ތިންވަނަ ފަޞްލުގައި ވާހަކަދެކެވިފައިވަނީ ސުން ބިސީގެ ސަބަބުން ސިޔާސަތުތަކަށާއި، މަސައްކަތަށާއި، މަޢުލޫމާތަށާއި، މުވާޞަލާތަށާއި، އަމްނަށާއި، ކާބޯތަކެއްޗަށާއި، ވަޔަށާއި، ފެނަށް ފޯރާނެ އަސަރުތަކާ ބެހޭގޮތުންނެވެ.
4- ހަތަރުވަނަ ފަޞްލުގައި ވާހަކަދެވިފައިވަނީ ސުން ބިސީގެ ސަބަބުން އުފެދޭ ހިރާސްތަކާއި ފުރްޞަތުތަކާ އެކު މުޢާމަލާތު ކުރުމަށް، ޤައުމުތަކަށާއި މުއައްސަސާތަކަށް ލިބިފައިވާ ޤާބިލިއްޔަތާ ބެހޭ ގޮތުންނެވެ. މި ފަޞްލުގައި ފައިދާވެރީންނާއި ގެއްލުންތެރީންނާ ބެހޭގޮތުން ވަރަށް ތަފްޞީލުކޮށް ވާހަކަ ދައްކަވައިފައިވެއެވެ.
5- ފަސްވަނަ ފަޞްލުގައި އޮތީ ސުވާލެކެވެ. އެއަށްފަހުގައި އޮތީ ކޮން ކަމެއް ހެއްޔެވެ؟ މި ފަޞްލުގައި ސުން ބިސީގެ ސަބަބުން އުފަންވާ ބައިނަލްއަޤްވާމީ ނިޒާމާ ބެހޭގޮތުން މުޞައްނިފު ލަފާކުރައްވާ ކަންތައްތަކަށް ބައްލަވައިލައްވައިފައި ވެއެވެ.
6- ހަވަނަ ފަޞްލުގައި އެމެރިކާއިން މި އައު ދުނިޔެ ފަރުމާކުރާނެ ގޮތްތަކާމެދު ބައްލަވައިލައްވައިފައި ވެއެވެ.
ސުން ބިސީއަށް މަގު ކޮށުން:
ބްރެމަރ ދެކެވަޑައިގަންނަވާ ގޮތުގައި ސުން ބިސީއަށް މަގު ކޮށުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ ގިނަ ޤައުމުތައް އަޅިއަށްވެ އެމެރިކާގެ އަތްގަދަކުރުން އުފުލި ފުޅައުވެގެންދިޔަ ހިސާބުންނެވެ. މިކަމާ ވިދިގެން އެމެރިކާއާއެކު އެއްބައިވި ޔޫރަޕްގެ ޤައުމުތަކާއެކު ބައިނަލްއަޤްވާމީ އެތައް މުއައްސަސާތަކެއް ޤާއިމުކޮށް މި ޤައުމުތަކާއި މުއައްސަސާތައް އެމެރިކާގެ ޑޮލަރުން ބަދެލުމުންނެވެ. ވޮޝިންގްޓަންގެ ލަޑުދަނޑިތައް ވަރުގަދަ ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ނިޒާމު އަލުން ފަރުމާކުރުމުގެ މަސައްކަތް އެމެރިކާއިން ފެށީ އެ ހިސާބުންނެވެ.
ގަލްފްގެ ތެލަކީ ސުން ބިސީއާ ދިމާއަށް މިޞްރާބުކުރުވުމުގައި ބޭނުންކުރެވުނު ބަހާއެކެވެ. 1973ގެ އަރަބި – އިސްރާއީލު ހަނގުރާމައާ ވިދިގެން އޯޕެކް ޤައުމުތަކުން އެމެރިކާއަށް ބޭރުކުރި ތެޔޮ މަދުކުރިއެވެ. އަދި ތެޔޮ އުފައްދާ މިންވަރު މަދުކޮށް ތެލުގެ ބާޒާރުން ތެލުގެ މިންވަރު މަދުކޮށްލިއެވެ. އެއީ މި ހަނގުރާމައިގައި އެމެރިކާއިން އިސްރާއީލަށް ޢަސްކަރީ އެހީތައް ސީދާ ދީ އިސްރާއީލު ޢަރަބިންގެ އަތުން ބަލިވިޔަ ނުދިނުމަށް ޓަކައި އެމެރިކާއިން މި ހަނގުރާމައިގެ ތެރެއަށް ވަނުމުންނެވެ.
ސޮވިއެޓް ޔުނިއަން ރޫޅިގެން ގޮސް މި އިއްތިޙާދުގައި ހިމެނުނު ބައެއް ޤައުމުތައް މިނިވަންވުމުން ވެސް ތެލުގެ ބާޒާރަށް ގަނޑުބަޑުތަކެއް އައެވެ. ސޮވިއެޓް ޔުނިއަންގެ ދަށުން އަޒަރުބައިޖާނާއި ތުރްކުމާނިސްތާނާއި ކަޒަކިސްތާނު ވަކިވުމުގެ ސަބަބުން އައު ބާޒާރުތަކެއް ހުޅުވިގެން ދިޔައެވެ. މި އައު ބާޒާރު ޗައިނާއާއި ޖަޕާނުގައި ވާދަވެރި ފަރާތްތަކަކަށް ވިއެވެ.
މީގެއިތުރަށް ނިޔުކްލިޔާ ހަތިޔާރު ފެތުރުމުގެ ސަބަބުން ދުނިޔެ ވާދަވެރި ޙާލަތަކަށް ދިޔައެވެ. 1968ގައި އެމެރިކާއާއި ސޮވިއެޓް ޔުނިއަނާ ދެމެދުގައި ނިޔުކްލިއަރ ހަތިޔާރު ކޮންޓްރޯލް ކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އަދި ނިޔުކްލިއަރ ޓެކްނޮލޮޖީ ސުލްޙަވެރި ބޭނުންތަކަށާއި ދިރާސާކުރުމަށް ބޭނުންކުރުމުގެ ހުއްދަ ޤައުމުތަކަށް ދެވުނެވެ. އަދި ނިޔުކްލިއަރ ހަތިޔާރު އެފެއްދުމުން މަނާވެ ގަތުމަށް ވެސް އެއްބަސްވެވުނެވެ. އެހެނަސް މިއީ އެކަމުގައި އެއްވެސް ޖާމިނުވުމެއްނެތް އެއްބަސްވުންތަކެކެވެ.
އެމެރިކާއާއި ޗައިނާގެ ވާދަވެރިކަމާއި ދެބަސްވުންތައް އިތުރުވެ ފުޅައުވެގެން ދިޔުމުގެ ސަބަބުން ޗައިނާއިން ޚާއްޞަ ބާޒާރުތަކާއި ވިޔަފާރި މަގުތައް ޤާއިމު ކުރިއެވެ.
އެއަށްފަހު ދުނިޔެއާ ކުރިމަތިވީ ޢާލަމީ މާލީ އަޒްމާއެވެ. މި އަޒްމާއަކީ އެމެރިކާގެ އަތްގަދަކުރުމަށް ފައިން އަރައި އެމެރިކާގެ ހުވަފެން ބިލާހަކަށް ބަދަލުކޮށްލި ބަހާއެކެވެ. ބްރެމަރ މިއަށް ދެއްވައިފައިވާ ނަމަކީ [އެމެރިކާގެ ވެއްޓުން] އެވެ.
ގެއްލުންތެރީންނާއި ފައިދާވެރިން:
ބްރެމަރ ވިދާޅުވާ ގޮތުގައި މި އައު ދުނިޔޭގައި (ސުން ބިސީގެ ޢާލަމުގައި) ފައިދާވެރީންނަކީ މި ވެހީގެ ޠަބީޢަތް ދެނެގަނެވުނު މީހުންނެވެ. ޢާލަމީ ނިޒާމު ބަދަލުވަމުންދާއިރު، އެ ނިޒާމު ބައްޓަންވަމުންދާ ގޮތް ދެނެގަނެވުނު މީހުންނެވެ. ސަރަޙައްދުތައް އަދިވެސް ހުޅުވިފައިވާކަމަށް ދެކެގެން މަސައްކަތްކުރާ މީހުންނާއި، އެއްވެސް ހުރަހެއް ނެތްކަމަށާއި ދުނިޔޭގައި އަދިވެސް އޮތީ އެންމެ ބާޒާރެއްކަމަށާއި މިނިވަން ދުނިޔޭގެ އިސްވާރަކީ އަދިވެސް އެމެރިކާކަމަށް ދެކޭ މީހުންނަކީ ހިނގަމުންދާ ކަންތައްތައް މޭރުންނުވާ މީހުންނެވެ.
ފައިދާވެރީންނަކީ ކޮބައިކަން ބަޔާން ކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި މި ކަމުގައި އެންމެ ރަނގަޅު މިސާލަކީ ބްރެޒީލެވެ. އެއީ އެ ސަރަޙައްދުގައި އޮތް އެންމެ ބޮޑު ބާޒާރެވެ. އެ ސަރަޙައްދުގެ ހަތަވިވަރު (ޖީޑީޕީ) ގެ 40 % އަކީ އެ ޤައުމުގެ އުފެއްދުންތަކެވެ. ބްރެމަރ ވިދާޅުވާ ގޮތުގައި ބްރެޒީލަށް އެ ސަރަޙައްދުގައި އެމެރިކާއާ ވާދަކުރެވިދާނެއެވެ.
ފައިދާވެރީންގެ ތެރޭގައި ދެން ގުނައިލެވެނީ ތުރުކީއެވެ. ތުރުކީ އޮތް ހިސާބަކީ ވަރަށް އިސްތިރާތީޖީ ހިސާބެކެވެ. އެ ޤައުމުގެ ތަރައްޤީއަށް ބަލާއިރު، ތުރުކީގެ ފަރްދީ އާމްދަނީ ވަނީ ޗައިނާގެ ފަރްދެއްގެ އާމްދަނީއަށްވުރެ ދެ ގުނަ އިތުރުވެފައެވެ. އަދި އިންޑިޔާގެ ކޮންމެ ހަތަރު މީހެއްގެ އާމްދަނީއާ އެއްވަރަށް އިތުރުވެފައެވެ.
ބްރެމަރ ވިދާޅުވާ ގޮތުގައި ސުން ބިސީގެ ތެރޭގައި ހިމެނޭ ގެއްލުންތެރީން ތިން ގިންތިއަކަށް ބަހައިލެވިދާނެއެވެ. ފުރަތަމަ ގިންތިއަކީ ޙާކިމާއިންނެވެ. އެއީ ބައިނަލްއަޤްވާމީ ނިޒާމަށް އަތްގަދަކުރުމަށް ޓަކައި އުފައްދައިފައިވާ މުއައްސަސާތަކެވެ. މިސާލަކަށް ދުނިޔޭގެ ބޭންކާއި ބައިނަލްއަޤްވާމީ ފައިސާ ފަންޑެވެ. މި ފަދަ މުއައްސަސާތައް އަވަސް ގޮތަކަށް އިޞްލާހެއް ނުކުރެވޭނެއެވެ. ދެވަނަ ގިންތިއަކީ: އެމެރިކާއަށް ބަރޯސާވާ ޤައުމުތަކެވެ. މި ޤައުމުތަކަކީ އެމެރިކާގެ ޙިމާޔަތް ލިބޭނެކަމަށް ބަލައިގެން، ކުރިއަށްދާން މަސައްކަތްކުރާ ޤައުމުތަކެވެ. ބްރެމަރގެ ނަޒަރުގައި މި ޤައުމުތަކަކީ ހިރާސަށް ހާސާވެފައިވާ ޤައުމުތަކެކެވެ. ތިންވަނަ ގިންތިއަކީ ހިޔަނި ޤައުމުތަކެވެ. އެއީ ނާރެހުގެ ދައުލަތްތަކުގެ މިނިވަންކަމުން އަރާމު ޙާޞިލުކުރުމަށް އެދޭ ޤައުމުތަކެވެ. މިކަމުގެ މިސާލަކީ މެކްސިކޯއެވެ.
މިންޖުކޮށްދޭނެ ބާރަކީ ޖީ- 2:
މި ފޮތުގެ އެންމެ ފަހު ފަޞްލުގައި ބްރެމަރ ވާހަކަފުޅު ދައްކަވައިފައި ވަނީ ސުން ބިސީގެ ތެރެއިން ނުކުންނަމުންދާ ނަތީޖާގެ ސަބަބުން ދުނިޔެ ދެކެމުންދާ ގަނޑުބަޑުތަކާ ދުރުހެލިވެވޭނެ ގޮތްތަކާމެދުއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ފިޔަވަހިން ސަލާމަތްވެވޭނީ ވޮޝިންގްޓަނާ ބޭޖިންގާ ދެމެދުގައިވާ ސިޔާސީ އިޤްތިޞާދީ ގުޅުންތައް ދެނެގަނެގެންނެވެ. މި ގުޅުން ކޯޅުމަކަށް ވެއްޖެނަމަ ދުނިޔެއަށް އޮތް ބޮޑު ކާރިސާއަކަށް އެ ކަން ވެގެންދާނެއެވެ. މި ގުޅުން އެއްބާރުލުމަކަށް ބަދަލުވެއްޖެނަމަ ސުން ބިސީގެ ނައްސި އަސަރުތަކުން ސަލާމަތް ވެވިދާނެއެވެ. ޖީ – 2 ފާޅުވުމަށް ޓަކައި އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް ޕާޓީ ނިޒާމުގެ ވާވުމުން ސަލާމަތްވެގެން، ޕޭޖިންގާ ހަތުރުވެރިނޫން ސިޔާސަތަކަށް ދަތުރު ކުރުމަށް ޙަރަކާތްތެރިވާން ޖެހޭނެއެވެ. މީގެއިތުރަށް އެމެރިކާގެ އިޤްތިޞާދަށް އަލުން ޙަޔަވިއްޔަތުކަން ލިބިދޭ އެމެރިކާގެ ވިޔަފާރިވެރީންނަށް ވުނަކުރުމުގެ ފުރުޞަތުތައް ބޭރުގައި އިތުރުވެގެން ދާން ޖެހޭނެ މިސްރާބެއް ތަނަވަސްކޮށްދޭން ޖެހޭނެއެވެ.
______________________________