އަދުގެ ޚާއްސަ

Print

(ކޮން މީހެއް؟ (15)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(02 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

ދާއޫދާއެކު ދައޫދުގެ ޚާއްޞަ ސަރަހައްދަށް ގޮސް އޭނާގެ ޚާއްޞަ ކޮޓަރިއަށް ވަދެވުމާއެކު ނީނާ ހުރީ ހަމަ އާޝޯޚުވެފައެވެ. އެއީ ފުރިހަމަ ގަނޑުވަރެކޭ ނީނާ ހިތަށް އެރިއެވެ. ކޮޓަރި ހުޅުވައިލުމާއެކު ވަދެވުނީ ސިޓިންގ ރޫމަކަށެވެ. ސިޓިންގ ރޫމުގައި އަޅައިފައި އޮތް ދޫލައާއި ބަހައްޓައިފައި ހުރި ސޯފާސެޓާއި ކަފޭރާއާއި ސަތޭކަ އިންޗީގެ ޓީވީއާއި މިހެން ގޮސް ނީނާއަށް ލަންކާއިން ވެސް ފެނިފައި ނުވާ ފަދަ ފުރިހަމަ ޒީނަތަކުން ޒީނަތްވެފައިވާ މި ސިޓިންގ ރޫމުން ގޮސް ހުޅުވައިލި ކޮޓަރިއަކީ ވެސް އާދައިގެ ގެޔެއްގެ 4 ކޮޓަރިހައި ބޮޑު ސަރަހައްދެކެވެ. ނީނާ ފާޚާނާއަށް ވަދެލަންވެއްޖޭ ބުނެ ދާއޫދު އިޝާރާތްކޮށްލި ދޮރު ހުޅުވައިލިއިރު، ސުބްޙާނައްﷲ އެވެ! ހެޔޮވަރެއްގެ ކުޑަކުޑަ ސުވިމިންޕޫލަކާއެކު ތައްޔަރުކޮށްފައިވާ ބޮޑު މާސިންގާ ސަރަހައްދެކެވެ. 

ނީނާ ފާޚާނާއިން އައިސް ބޮޑު ކިންގް ސައިޒް އެނދުގެ އެއް ފަރާތުގައި އޮށޯވެލީ އިރަށް ދާއޫދުވެސް ގޮސް ފާހާނާއަށް ވަދެލައިފައި އައިސް އަލަމާރީގައި އަޅުވައިފައި ހުރީ ކޮން ހެދުމެއްތޯ ބަލައިލުމަށް ފަހު ވަރަށް އުފަލުން އައިސް އެނދުގެ ބެޑްކަވަރުގެ ދަށްށް ވަދެ ހަމަޖެހިލައިފިއެވެ.

ދާއޫދާއި ނީނާއަށް ލޮލުފިޔައެއް ޖެހުނީ ފަތިސްދަމަށް އެޅުނުފަހުން ކަމަށް ވާތީ ހޭލެވުނީ ނުވައެއްވެސް ޖަހައި ދިޔަ ފަހުންނެވެ. ހެނދުނު ސައިގެ ބުފޭ އޮންނަނީ ހެނދުނު ހަތަކުން ދިހައަކަށް ކަމަށް ވާތީ ދާއޫދު ބޭނުންވީ ދިހައެއްގެ ކުރީން ގޮސް ހެނދުނުގެ ނާސްތާކޮށްލާށެވެ! ބައެއް ފަތުރުވެރީންނާ ވެސް ދިމާވެލުމުގެ އެދުމުގައެވެ.

ސައިގެ ކަންތައް ނިންމައިލުމަށްފަހު، ދާއޫދު ބޭނުންވީ މާވަށަށް ދާ ދަތުރު އަވަހަށް ފަށާށެވެ. އެއްގަމުމަގުން ދާނަމަ ވަރަށް ދިގު ރާސްތާއެއް ކަޑައްތުކުރާން ޖެހޭނެއެވެ. އެއީ އަލުން އެނބުރި މުންޑޑޫކޮޅުން ގަންފޮނަދޫ ސިޓީތެރެއަށް އަރައިގެން ގާދޫ ބުރިޖް ހުރަސްކޮށް ހިތަދޫ ދެކުނުން މެންދޫތެރެއިން ކުނަހަންދޫ ފުއްޓަރުފަރާތުން ގޮސް މާވަށާ ގުޅިފައިވާ ދިގު ކޯސްވޭއިން ދަތުރުކުރާ މަގެވެ. ދެގަޑިއެއްހާއިރުގެ މި ދަތުރުގެ ބަދަލުގައި ކަނޑުމަގުން ދާނަމަ ފަންސާހަކަށް މިނިޓުން މާވަށަށް ދެވޭނެއެވެ. އެހެންވެ ދާއޫދުމެން ޚިޔާރުކުރީ ކަނޑުމަގެވެ. އޭރު ދާއޫދުގެ ޚާއްޞަ ލާންޗު އޮތީ ތައްޔާރަށެވެ. ލާންޗެކޭ ދެންނެވިޔަސް އެއީ ދެ އިންޖީނުއަޅައިފައި ހުރި ކުޑަވަރެއްގެ ޔޮޓެކެވެ. 

މާވަށަށް ކުރި ދަތުރެއް ނަމަވެސް ލާންޗު ދިޔައީ މާވަށު ބަނދަރަކަށް ނޫނެވެ. ސީދާ "އެއަރޕޯޓް ގާރޑްން ހޮޓަލަށެވެ." އެ ދިމާ ބޭރުގައި "ޔޮޓު" ބަނދަރު ކުރިއިރު ކުޑަ ލާންޗެއް ދާއޫދުގެ އިސްތިޤުބާލުގައި އޮތެވެ. 

މަރުޙަބާގެ ބުއިންތަކާއެކު ރަށަށް އެރުމަށް ފަހު ދާއޫދު ބޭނުންވީ މޫދުކޮޓަރިއަކަށް ދާށެވެ! އެއީ މޫދަށް އެރިލާން ބޭނުންވާތީއެވެ. ނީނާ ވެސް މޫދަށް އެރިލާހިތްވެއެވެ. ނަސީބު ދެރަކަމުން އިތުރު ހެދުމެއް ނުގެނެވުނީއެވެ. 

"ނީނާ މޫދަށް އެރިލަންވީދޯ؟"

"ދާއޫދު އެރޭ!" ނީނާ ދެރަވެފައި ކަހަލަ ގޮތަކަށް ބުނެލިއެވެ. "އެނގޭނެނު ނީނާ ނުގެންނަކަން އެހެން ހެދުމެއް"

"އަޅޭ މޫދަށް އެރޭނީ ސްވިމިންގ ޝޫޓްގައޭ." ދާއޫދު އޮޅުންފިލުވައިދިނެވެ. "މާސްކާ ހުރިހާ ސާމާނެއް ހުންނާނެ މި ކޮޓަރީގައި."

"މިތަން ވަރަށް ފުންވާނެތަ؟" ނީނާ އަދި މިކަހަލަ ތަޖުރިބާއެއް ކޮށްފައެއް ނެތީމާ ކުޑަކޮށް ބިރުގަތެވެ. "މަށަކަށް ނޭނގޭނެ ފަތާކަށްވެސް."

ނީނާ ދާއުދުގެ އެޙިގައި ސުވިމިންގ ސޫޓްލައިގެން ނުކުތުމުން އޭނާގެ ހެދިހުރި ހަށިގަނޑުގެ ވަނާތަކުގެ ފުރިހަމަކަން ދެކޭ މީހުން ހައިރާންވާހައިވެއެވެ. އެއީ ޤުދުރަތުގެ ފުރިހަމަ މިސާލެކެވެ. ދާއޫދަށް އެ ފުރިހަމަ ފަރުމާ ފެނުނީ އަލަށް ނޫނަސް މިއަދު އެ ފެނިލުމުން ވެސް ދާއޫދުގެ ހުރިހާ ޙިއްސެއްގައި ވިންދު ޖަހައިލިއެވެ. މާ ސަމާލުވެގެން ބަލަން ހުރުމުން ނީނާ ލާނެއް ސުވާލެއް ކޮށްލިއެވެ. "ނުފެންނަ އެއްޗެއް ފެނުނީތަ؟"

"ނޫން. ކިތަންމެ ވަރަކަށް ފެނުނަސް ރީތި ތަންތަނާއި އެއްޗިއްސަށް ބަލާހިތްވުމާއި މީރު އެއްޗިހި ކާހިތްވުމަކީ އިންސާނާގެ ޠަބީޢަތެއް ނޫންތަ؟" ދާއޫދު ޖެހިލުމެއް ނެތި ޖަވާބު ދިނެވެ. "ނީނާ ބަލާހިތެއް ނުވޭތަ؟"

"ނޫން!" ނީނާ މަޢުޟޫޢު އެހެންދިމާއަކަށް ފިރައިލުމަށް މަސައްކަތްކުރިއެވެ. "ނީނާ ވެސް މި ބަލަނީ މި ރީތި މަންޒަރު. މޫދުގެ މަންޒަރު. އެކަމަކު އަލަށް. މިހާރީތި މޫދެއް އަހަރެމެން ރަށަކު ވެސް ނޯވޭ. މިއީ ހާދަ ރީތި ރަށެކޭ ދޯ؟"

"އަޞްލު ބުނަންތަ؟ މާވަށަކީ ކުރީން ރީތި ގޮނޑުދޮށެއް އޮތް ރަށެއްނޫން" ދާއުދު ހަގީގަތެއް ހާމަކޮށްލިއެވެ. "މާވަށުގައި ތިބޭނީ ހަމައެކަނި ނީނާ ކަހަލަ ރީތި އަންހެންކުދީން."

"ދެން ދާއޫދު ދައްކާ ވާހަކަ. މީ މާވަށެއް ނޫންތަ؟"

"މީ މާވަށޭ ކިޔާނީ. އެކަމަކު އަސްލުރަށާ މިތަނާ މޭލެއްހާ ދުރުވާނެ. މިއީ އޭރު މާވަށުގެ އިރުމަތީ ފަރާތުގައި އޮންނަ ވިލެއް. މި ވިލުގެ އަރިމައްޗަށް ވާ ގޮތަށް ރަށުން ފެށިގެން ހިއްކީ މަށަށް މިތަން ލިބުނީމާ. މިތަން ހިއްކައިލީ އެމްޓީސީސީއަށް ދީގެން. އެ މީހުން މަހާޖައްރާފާ-2 ގެނެސްގެން މި ތަން ހިއްކައި ނިންމައިލީ ވިއްސަކަށް ދުވަހުގެ ތެރޭގައި. މަށަށް މިތަން ލިބިފައި މިއޮތީ 10 އަހަރަށް ހިލޭ."

"ކީއްވެ ހިލޭ ލިބުނީ؟"

"އެއީ އުތުރު ފަރާތު ފަޅުތެރެ ހިއްކައިދީ އެތާނގައި އެ އޮތް އެއަރޕޯޓް އަޅައިދިނުން ޝަރުޠުކޮށް، އަދި މިތަން ވެސް ހިއްކައި ޞިނާޢީ މަސައްކަތްކުރުން ޝަރުޠުކޮށް މިތަން ލިބުނީ."

"އޯހ! މިރަށު އެއަރޕޯޓް ވެސް އެއީ ދާއޫދުގެތަ؟"

"ނޫން. އަހަރެން، ބިންހިއްކައި އެއަރޕޯޓްގެ ބޯޓުޖައްސާތަން ހަދައި، ގިމަތައާއި އަދި އެ ނޫންވެސް ވަސީލަތްތައް ފުރިހަމަކޮށްފައި ސަރުކާރާ ހަވާލުކުރީ." ދާއޫދު ފޮނިކަނޑާ ފަދަ މޭރުމަކުން ވާހަކަ ދެއްކިޔަސް އޭނާ އެ ދައްކަނީ ހަގީގީ ވާހަކަތަކެކެވެ. "އަދި މި ރަށުގައި 1000 ހައުސިންގ ޔުނިޓްވެސް ގާއިމުކޮށްދިނިން."

"ވަރަށް ރީތިދޯ އަސްލު މިހާރު މި ސަރަހައްދު؟" ނީނާ ހައިރާންކަން ފާޅުކުރިއެވެ. "ވަރަށް ލައިކްވެއްޖެ މިރަށާ."

"ލައިކްވަންޏާ ދެން ހިނގާ މޫދަށް ފައިބަމާ!" ދާއޫދު ބޭނުންވީ އަވަހަށް މޫދަށް ދާށެވެ. "މިއަދު ބޭނުން އަރާމުކޮށްލާން. އަދި ދުވާލަކު އަރާމެއް ނުކުރެވޭ! މުޅިން ވެސް ރޭގަނޑު...."

"ތިތަން ވަރަށް ފުންވާނެ ދޯ!" ނީނާއަށް ދާއޫދު ދެއްކި ވާހަކަ މޭރުން ވިޔަސް ހަމަ ގަސްތުގައި މައުޟޫޢުބަދަލުކޮށްލީއެވެ. "ނުކެރޭނެކަން ނޭނގެ ފައިބާކަށް."

"މީ އިރުމަތީ ފަރާތު ސިޑިއެއްނު. މިތަން ފުންވިޔަސް އުތުރުފަރާތު ސިޑިން ފެއިބީމާ މާ ރަނގަޅަށް ވެސް އިސްކޮޅުޖެހޭނެ." ތަނުގެ މަޢުލޫމާތު ނީނާއަށް އޮޅުންފިލުވައިދިނެވެ. "އަދި އެހެންނޫނަސް މިއީ ހިކިދިޔަ ވީމާ އެހާ ފުނެއް ނުވާނެ."

 "ބަނޑުހައެއް ނުވޭތަ؟" ނީނާއަށް މި ތިބެވެނީ ސައިނުބޮއިކަން އިޙުސާސްކުރެވިގެން އަހައިލިއެވެ. "ހެނދުނު ސައެއް ނުލިބޭނެތަ؟"

"އަޅޭ. މަ ހީކުރީ އެކޮޅުން ކޮފީބޮއިގެން އައިސް މިތަނުން ޖޫސް ބުއިމާ ނީނާ ވެސް ބަނޑުހައި ނުވާނެކަމަށް. ވަރަށް ސޮރީ".

"އިޓްސް އޯކޭ." ނީނާ ހަމަޖެހިލިއެވެ. "ދެން މެންދުރުކެއިމާ އޯކޭވާނެ."

"އެންމެ ރަނގަޅު." ދާއޫދު ބުނެލިއެވެ. "ހުންނާނެ ފުރުޓްސް އަދި ބައެއް ކަހަލަ ނަޓްސް. ހިނގާ ގޮތެއް ހަދައިލަމާ!"

މޫދަށް ފެއިބުމުގެ ކުރީން ދެމީހުން ވަރަށް މަޖާކޮށް ލުއި ކާނާގެ ބުރެއް ނިންމައިލައިފިއެވެ.

"މޫދަށް އެރުމުގެ ކުރީން ކެއުމުގެ މަތީން ނީނާ ހަނދާންކޮށްދިނީތީ ވަރަށް ރަނގަޅު." ދާއޫދު ބުނެލިއެވެ. "މޫދުން އަރާއިރު ތިބޭނީ ވަރަށް ބަނޑުހައިވެފައި. އެހެންވީމާ ރެސްޓޯރަންޓަކަށް ނުދެވޭނެ. ވީމާ ކާއެއްޗިއްޗަށް އޯޑަރުކޮށްފައި އެރެންވާނީ. ކިހާއިރަކު ނީނާ ބޭނުމީ ކާން؟"

"ބާރަޖަހާއިރު"

"އެންމެ ރަނގަޅު." ދާއޫދު ބުނެލިއެވެ. 11:30" އަށް ލަންޗަށް މި އޯޑަރކުރަނީ!"

މޫދުގައި މާ ގިނަ އިރަކު ހޭދަ ނުކޮށް ދެ މީހުން މޫދުންއަރައި ފެންވަރައިލައިގެން ހަވީރުވަންދެން އަރާމުކޮށްލީއެވެ.

ހަވީރު ހަތަރުގަޑި ބައިވީހައި އިރު ތެދުވެ ނަލަހެދިގެން އެއަރޕޯޓާއި މާވަށުގެ މުހިއްމު ތަންތަން ބަލައިލާން ބުރެއްޖަހައިލިއެވެ. މި ކުރު ޒިޔާރަތުގައި މާވަށުގައި ހުންނަ މަޝްހޫރު ރެސްޓޯރަންޓެއް ކަމަށްވާ "ރެސްޓޮރަންޓް ކެކްޓަސް" އާއި އުސް ފަސްގަނޑާއި ކަނޑޫފަލާއި ވެލާ ކަހަނބު އާލާކުރާ ސަރަހައްދުވެސް ބަލައިލިއެވެ. ރެސްޓޮރަންޓް ކެކްޓަސް ގައި ނީނާއަށް އެންމެ ގަޔާވި އެއްޗަކީ އެ ރެސްޓޮރަންޓުން ނީނާއަށް ކާން ލިބުނު މަސްބަނަހެވެ.

"ވަރަށް މީރު ދޯ މި ބަނަސް" ނީނާއަށް މާ މީރު އެއްޗަކަށް ވެގެން ނީނާ ބުނެލިއެވެ."

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ