www.fanvai.info

Print

ފަލަކީ ހިސާބުން ހަނދު ސާބިތުކުރުމާ ދެކޮޅަށް އިސްލާމީ އުންމަތް އިޖްމާޢުވިތަ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިރާސާ

 އަޙުމަދު ޢަބްދުﷲ ސަޢީދު

_____________________________________________________

އިދާރީ ނޯޓެއް: 

މި ލިޔުމަކީ މި އަހަރު ރަމަޟާން މަސް ފެށެން ދެ ދުވަހަކަށް ވެފައި ވަނިކޮށް، މި ދިޔަ އެޕްރީލް މަހު 21 ގައި އަލްއުސްތާޛު އަޙުމަދު ޢަބްދުﷲ ސަޢީދު ލިޔުއްވައި، ޝާއިޢުކުރައްވައިފައިވާ ވަރަށް ޢިލްމީ ލިޔުމެކެވެ. އެހެންކަމުން ލިޔުން ފައްޓަވަމުން ރަމަޟާން މަހުގެ ހަނދުބެލުމަށް އިޝާރާތްކުރައްވައިފައިވާނެއެވެ. ބައެއް މީހުން ފަލަކީ ޢިލްމާއި ނުޖޫމީ ޢިލްމު އޮޅުވައިލައިގެން އުޅޭތީ އޭގެ މައްޗަށް ވެސް މި ލިޔުމުގައި އަލިއަޅުވައިލައްވައިފައިވެއެވެ. އަޙުމަދު ޢަބްދުﷲ ސަޢީދަކީ ފަލަކީ ހިސާބުތައް ދިރާސާ ކުރައްވާ އެ ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާއަކީ ޢަރަބި ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ޤާނޫނީ ވަކީލެއް ވެސް މެއެވެ. އަދި އެއީ ނޫސްވެރިކަމުގެ ދިގު ތާރީޚެއް އޮތް ލިޔުންތެރިކަމުގެ މަޝްހޫރު ތަނބެކެވެ. މި ދިޔަ ދުވަސްތަކުގައި ފަލަކީ ޢިލްމުގެ ދާއިރާގެ ގިނަ ލިޔުންތަކެއް މި ސައިޓްގައި ޝާއިޢުކުރެވިފައިވާތީ، މި ލިޔުމަކީ މި ސިލްސިލާއަށް އިތުރުކޮށްލެވޭ ވަރަށް ޢިލްމީ ބޮޅެކެވެ. މި ސައިޓްގައި މި ލިޔުން ޝާއިޢުކުރުމުގެ ފުރުޞަތު ދެއްވީތީ އުސްތާޛަށް ވަރަށް އިޙުތިރާމާއެކު ޝުކުރު ދަންނަވަމެވެ.

_____________________________________________________

މި ދުވަސްވަރަކީ، މިއަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާ ކައިރިވަމުން އަންނަ ދުވަސްވަރު ކަމަށްވާއިރު، މި މައުޟޫޢުގައި ދެކެވޭ ވާހަކަތައް ގިނަވެއްޖެއެވެ. ފަލަކީ ހިސާބަށް ބަލައިގެން ރޯދަ ހިފާން ފެށުމާއި ޢީދުކުރުން ހުއްދަ ނުވާނެ ކަމަށް، އިސްލާމީ އުންމަތުގެ މުޖްތަހިދު ޢިލްމުވެރިންނާ ޙަވާލާދީ، މީސްމީޑިއާގައި ލިޔަމުންދާ ލިޔުންތައް އެތައް ގުނައެއް އިތުރުވެއްޖެއެވެ. ފަލަކީ ޙިސާބަށް ބުރަވެ، ހަނދު ސާބިތުކުރުމަކީ ދީނުން ބޭރުވެފައިވާ ބަޔެއްގެ އާދަތަކަށް ތަބަޢަވުން ކަމަށް، ކުރެވޭ ތުހުމަތުތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

އެފަދަ ލިޔުންތަކުގައި، އެންމެ ފުރަތަމަ ކަމަކަށް، ފިޤުހުވެރިންނާ ޙަވާލާދީ ބުނެފައި އޮންނަނީ، ރަމަޟާން މަހުގެ ރޯދަ ހިފުން ވާޖިބުވަނީ ދެ ކަމުން ކުރެ ކަމެއް މެދުވެރިވުމުން ކަމަށެވެ. އެއީ، ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ ރޭ ހަނދު ލޮލަށް ފެނުން، ނުވަތަ ޝައުބާން މަހުގެ ތިރީސް ދުވަސް ހަމަވުމެވެ. އަދި ލޮލަށް ހަނދު ފެނުމުގެ މާނައިގެ ތެރެއަށް، ދުރުމި ފަދަ އެއްޗަކުން ބަލައިގެން ހަނދު ފެނުން ވެސް ވަދެގެންދާ ކަމަށް ބުނެއެވެ. ދެވަނަ ކަމަށް ބުނެފައި އޮންނަނީ، ފަލަކީ ހިސާބުން ހަނދު ސާބިތުކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް، އިސްލާމީ އުންމަތް އިޖްމާޢުވެފައިވާ ކަމަށެވެ. ތިންވަނައަށް ބުނެފައި އޮންނަނީ ނަބިއްޔާގެ ސުންނަތުގައި ވެސް ފަލަކީ ޙިސާބަށް ދެކޮޅު ހައްދަވާފައިވާ ކަމެކެވެ.

މި ވާހަކަތައް ސާބިތުކުރުމަށް ޙުއްޖަތެއްގެ ގޮތުގައި ދައްކަނީ، އަލްއިމާމް އިބްނު ޙަޖަރުލްއަސްޤަލާނީ، ޞަޙީޙުލް ބުޚާރީގެ ޝަރަޙައެއްގެ ގޮތުގައި ލިޔުއްވާފައިވާ "ފަތުޙުލް ބާރީ"ގެ 4 ވަނަ ބައިގެ 127 ވަނަ ޞަފްޙާގައި ހުރި ވާހަކަތަކާއި، އަލް އިމާމް ނަވަވީގެ "އަލް މަޖްމޫޢު"ގެ 6 ވަނަ ބައިގެ 276 ވަނަ ޞަފްޙާގައި ހުރި ވާހަކަތަކާއި، އަލް އިމާމް އައްސަރްޚަސީގެ "އަލް މަބްސޫޠު" ކިޔާ ފޮތުގެ ރޯދައިގެ ބާބުގައި ހުރި ވާހަކަތަކާއި، އަލް އިމާމް ޤުރްޠުބީގެ ތަފްސީރުގައި ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގެ ތަފްސީރުގައި ހުރި ބައެއް ވާހަކަތަކާއި، އަލްޚައްޠާބު ލިޔުއްވި މަވާހިބުލްޖަލީލް ފީ ޝަރަހަ މުޚްތަޞަރިލްޚަލީލްގެ 2 ވަނަ ބައިގައި ހުރި ބައެއް ވާހަކަތަކާއި، އިބްނު ތައިމިއްޔާގެ "މަޖްމޫޢު ފަތާވާ"ގެ 25 ވަނަ ބައިގެ 164-165 ވަނަ ޞަފްޙާގައި ހުރި ވާހަކަތަކެވެ.

އެހެންކަމުން، މިވާހަކަތަކުގެ ޙަޤީޤަތް އޮތް ގޮތާ މެދު އެއްޗެއް ދެންނެވުމުގެ ބޭނުންތެރިކަން، މި ހިނދަށް ބޮޑުވެއްޖެ ކަމުގައި ދެކެމެވެ. އެ ގޮތުން، ފަލަކީ ހިސާބަށް ދެކޮޅުހައްދަވާ ބޭފުޅުން ދައްކަވާ ވާހަކަތަކުގެ ޙަޤީޤަތް ހާމަކުރެވޭތޯ ބަލައިލާނަމެވެ.

އެންމެ ފުރަތަމަ ކަމަކަށް، ރަމަޟާން މަހުގެ ރޯދަ ހިފުން ވާޖިބުވާ ގޮތަށް ބަލައިލަމާތޯއެވެ! ވަގުތުގެ ގޮތުން ނުވަތަ ޒަމާނުގެ ގޮތުން ބަލާއިރު، ރޯދަ ވާޖިބުވާ އޮތީ އެންމެ ގޮތެއް ނުވަތަ އެންމެ ސަބަބެކެވެ. އެ ސަބަބު މެދުވެރިވުމުން ރޯދަހިފުން ވާޖިބުވީއެވެ. އެއީ ޝަޢުބާން މަސް ނިމި ރަމަޟާން މަސް ފެށުމެވެ. ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، އެރޭ ހަނދު ފެނުމަކީ، ޝަޢުބާން މަސް ނިމި، ރަމަޟާން މަސް ފެށިއްޖެކަން ދެނެގަތުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވަވާފައިވާ ވަސީލަތެކެވެ. ނުވަތަ ޢިއްލަތެކެވެ. ހަމަ އެފަދައިން، ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ނުފެނިއްޖެ ނަމަ، އެ މަހުގެ ތިރީސް ދުވަސް ހަމަކުރަންޖެހެނީ ވެސް، ޝަޢުބާން މަސް ނިމިއްޖެކަން ކަށަވަރު ކުރުމަށް ލައްވަވާފައިވާ ވަސީލަތެކެވެ.

ފަލަކީ ހިސާބާ ދެކޮޅަށް ޙުއްޖަތް ދައްކަވާ ބޭފުޅުން ބަޔާންކުރައްވާ ވާހަކަތަކުގެ ތެރެއިން އިބްނު ޙަޖަރުލް އަސްޤަލާނީ (773-852ހ)ގެ ފަތުޙުލްބާރީގައި ވިދާޅުވެފައިވާ ކަމަށް، އެމީހުން ބުނެއެވެ. "ބަޔަކު މީހުން ފަލަކީ ޙިސާބު ޖަހާ މީހުންނަށް އެ މައްސަލާގައި ރުޖޫޢަވިއެވެ. އެބައިމީހުންނަކީ ރާފިޟާއިންނެވެ. އަދި ބައެއް ފިޤުހުވެރިންގެ ކިބައިން އެބައިމީހުންނާ އެއްބަސްވާ ބަހެއް ނަޤުލުކުރެވިފައިވެއެވެ. (އިމާމު) ބާޖީ ވިދާޅުވިއެވެ. ސަލަފުއްޞާލިޙުންގެ އިޖުމާޢުއަކީ އެބައިމީހުންގެ މައްޗަށްވާ ޙުއްޖަތެކެވެ. (އެބަހީ އެބަސް ނުބައިކަމަށްވާ ދަލީލެކެވެ.) އަދި އިބުނު ބަރީޒާ ވިދާޅުވިއެވެ. އެއީ ބާޠިލު މަޒުހަބެކެވެ."

ނަމަވެސް މި މައްސަލައިގެ ކަންބޮޑުވުމަކީ، އިބްނު ޙަޖަރްގެ ވާހަކަތައް ތަރުޖަމާކުރެއްވުމުގައި ވަރަށް ބޮޑަށް އޮޅުވައިލައިފައި ހުރުމެވެ. އަދި ފަލަކީ ހިސާބަށް ބަރޯސާވުމަކީ ރާފިޟާއިންގެ ކަމެކޭ ބުނެ ނިންމައިލި އިރު، އިބްނު ޙަޖަރް އެފަދައިން ވިދާޅުވެފައިވަނީ ކޮން ކަމަކަށް އިޝާރާތްކުރައްވައިގެންކަން، އެ ފަދަ ލިޔުންތަކުގައި ހިމަނައިފައި ނުވަނީ ކޮން މަޤްޞަދެއްގައި ކަމެއް ނޭނގެއެވެ.

ފަތުޙުލްބާރީގެ 4 ވަނަ ބައިގެ 127 ވަނަ ޞަފްޙާ ފެށިފައިވަނީ، ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގައި ހިސާބަށް ބަރޯސާވުމުގެ މައްސަލައިގައި، ކީރިތި މާތް ނަބިއްޔާ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ޙަދީޘްކުރައްވާފައިވާ (… لَا نَكْتُبُ وَلَا نَحْسُبُ …)(1) ހަމަކަށަވަރުން އަހުރެމެން ލިޔެ ހިސާބު ޖަހައެއް ނޫޅެމޭ އޮތް ބަސްފުޅުންނެވެ. މި ތަނުގައި އަހަރެމެންނަކީ ކޮން ބައެއް ކަމާއި، މި ތާނގައި އޮތް ހިސާބުގެ މުރާދަކީ ކޮން ހިސާބެއް ކަމާއި، ހިސާބަށް ބަރޯސާ ނުވަނީ ކީއްވެގެންކަން ވެސް އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. އެހެންކަމުން އެ ފޮތުގެ 127 ވަނަ ޞަފްޙާގެ ފެށުމާއި ހަމައިން، ރާފިޟާއިންގެ ވާހަކައާ ހަމައަށް ހުރި ވާހަކަތަކުގެ ޚުލާޞާ ތަރުޖަމާ ތިރީގައި މި ބަޔާން ކުރަނީއެވެ.

އިބްނު ޙަޖަރުލް އަސްޤަލާނީ ވިދާޅުވެފައިވެއެވެ؛ އިސްވެ ދިޔަ ޙަދީޘްގައި (إِنَّا أُمَّةٌ أُمِّيَّةٌ لَا نَكْتُبُ وَلَا نَحْسُبُ)(2) ހަމަކަށަވަރުން އަހުރެމެންނީ ލިޔަން ކިޔަން ނުދަންނަ އުންމަތެކޭ، އަހުރެމެން ލިޔެ ހިސާބު ޖަހައެއް ނޫޅެމޭ އޮތް ބަސްފުޅުގެ މުރާދަކީ، އެކަލޭގެފާނުގެ އެބަސްފުޅު ޙަދީޘްކުރެއްވި އިރު، އިސްލާމުންގެ ގޮތުގައި ތިބި މީހުންނެވެ. އެއީ އޭރުގެ މުސްލިމުންގެ ގިނަ މީހުންގެ ޙާލަތެވެ. ނުވަތަ އެބަސްފުޅުގައި "އަހަރެމެން"ގެ މުރާދަކީ ކީރިތި މާތް ނަބިއްޔާ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ގެ އަމިއްލަ ޒާތުފުޅެވެ. އަދި އޭރުގެ ޢަރަބީންގެ ތެރޭގައި ލިޔަންކިޔަން ދަންނަނީ ވަރަށް މަދު މީހަކު ކަމަށްވާތީ، އެ ބަސްފުޅުގެ މުރާދަކީ އެއިރުގެ ޢަރަބީން ކަމަށްވެސް ބުނެވެއެވެ. އެހެނީ ﷲ ވަޙީ ކުރައްވާފައިވެއެވެ؛ هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولاً مِّنْهُمْ(3) (މާނައީ؛ އުންމީންގެ ތެރެޔަށް، އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވީ އެކަލާނގެއެވެ.) މި ބަސްފުޅުން ޢަރަބީންގެ ތެރޭގައި ލިޔަންކިޔަން ދަންނަ ވަރަށް މަދު ބަޔަކު ތިބިކަން ނަފީއެއް ނުކުރެއެވެ.

ދެން އެއަށް ފަހުގައި، ހަމަ އެފޮތުގެ އެ ޞަފްޙާގައި އިބްނު ޙަޖަރު ވިދާޅުވެފައިވަނީ، ނަބިއްޔާގެ އެބަސްފުޅުގައި އޮތް ޙިސާބުގެ މުރާދަކީ، ނުޖޫމީ ޙިސާބާއި ތަރިތަކުގެ ހިނގުން ކަމަށާއި، އަދި ނުޖޫމީ ހިސާބުގެ ތެރެއިންވެސް، ވަރަށް މަދު މިންވަރެއް މެނުވީ އެމީހުންނަށް ނޭނގޭ ކަމަށެވެ. ރޯދަ ހިފަން ފެށުމާއި އެނޫން ކަންކަމުގެ ޙުކުމް، ހަނދު ފެނުމުގެ މައްޗަށް، ކީރިތި މާތް ރަސޫލާ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ގުޅުވާފައިވަނީ، ހިސާބު ހަދައިގެން ހަނދު ސާބިތުކުރުމުގެ އުނދަގޫ އެބައިމީހުންގެ ކިބައިން ފިލުއްވުމަށްޓަކައެވެ.

މި ތަނުގައި ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ، އިބްނު ޙަޖަރުގެ އެ ފޮތުގައި ފަލަކީ ހިސާބުގެ ވާހަކަ ބަޔާންކުރައްވާފައި ނުވާ ކަމެވެ. އެހެނެއް ކަމަކު އެ ފޮތުގައި، އިސްވެ ދެންނެވުނު ޙަދީޘްގެ ޝަރަޙައިގައި ވިދާޅުވެފައި އޮތީ، އެއީ (حساب النجوم) ނުޖޫމީ ހިސާބު ކަމަށެވެ. ނަމަވެސް، ފަހުގެ ޢިލްމުވެރިންގެ ތެރެއިން، އެ ފޮތުން ދަލީލު ދެއްކެވި ބޭފުޅުން (حساب النجوم) އޮތް ޢިބާރާތް މާނަކުރެއްވީ ފަލަކީ ޙިސާބު ކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި ފަލަކީ ހިސާބާއި ނުޖޫމީ ހިސާބަކީ މުޅިން ތަފާތު ދެ އެއްޗެކެވެ. އަދި ފަލަކީ ޢިލްމާއި ނުޖޫމީ ޢިލްމަކީ ވެސް މުޅިން ތަފާތު ދެ އެއްޗެކެވެ. ސުވާލަކީ، އިބްނު ޙަޖަރް ލިޔުއްވި ފޮތުގައި ފަލަކީ ހިސާބުގެ ބަދަލުގައި ނުޖޫމީ (ތަރިތަކުގެ) ހިސާބާއި ތަރިތައް ހިނގާ ގޮތުގެ ވާހަކަ ލިޔުއްވާފައި އޮތީ ކީއްވެ ހެއްޔެވެ؟

ފަލަކީ ހިސާބަށް އިންކާރުކުރައްވާ މިޒަމާނުގެ ޢިލްމުވެރިން، އަލްއިމާމް ނަވަވީގެ "ކިތާބުލް މަޖުމޫޢު"ގެ 276 ވަނަ ޞަފްޙާގައި ހުރި ވާހަކަތަކާ ޙަވާލާދީ ލިޔެފައި ހުންނަނީ އަންނިނިވި ޢިބާރާތުންނެވެ؛ "މަންޒިލުތަކަށް (ފަލަކީ ޙިސާބަށް މިކަމުގައި ބަރޯސާވާން) ޖެހޭނެކަމަށް ބުނާ މީހާގެ ބަސްވަނީ ރައްދުވެގެންނެވެ. އެއީ ޞަޙީޙް ބުޚާރީ އަދި ޞަޙީޙް މުސްލިމްގައިވާ ޙަދީޘްގެ މަތިންނެވެ. "އަހަރެމެންނަކީ އުއްމިއްޔާ އަދި ފަލަކީ ޙިސާބު ޖަހާ އުއްމަތެއްނޫނެވެ. މަސްތައްވަނީ މިފަދައިން އެފަދައިން (ތިރީސް ނުވަތަ ނަވާވީސް) ކަމުގައެވެ." މިފަދައިން ޙަދީޘްވެއެވެ. އަދި ރަނގަޅު ބަހަކީ ޖުމްހޫރު ޢިލްމުވެރިންގެ ބަހެވެ. އަދި އެނޫން ހުރިހާ ބަސްތަކެއް ވަނީ ފާސިދު ރައްދުކުރެވިގެންނެވެ. އެއީ ޞަރީޙަ ޙަދީޘްތަކުގެ ސަބަބުންނެވެ.

ނަމަވެސް، އިމާމް ނަވަވީގެ މިވާހަކަކޮޅު ނަގުލުކުރުމުގައި ވަރަށް ބޮޑު ތިން އޮޅުވައިލުމެއް އޮތް ކަމުގައި ދެކެމެވެ. ފުރަތަމަ ކަމަކީ، ނަބިއްޔާގެ ޙަދީޘްގައި (فَاقْدِرُوا لَهُ)، ހަނދަށް މިންކުރާށޭ ނުވަތަ މިންވަރު ކަނޑައަޅާށޭ އޮތް ބަސްފުޅުގެ މުރާދަކީ، ހަނދުގެ މަންޒިލްތައް ހިސާބުކުރުން ކަމަށް، އިމާމް ނަވަވީގެ ފޮތުގައި އޮތް ޢިބާރާތް މާނަކޮށްފައި އޮތް އިރު، އެއީ ފަލަކީ ހިސާބު ކަމުގައި ބުނެފައި އޮތުމެވެ. ނަމަވެސް އިމާމް ނަވަވީގެ ފޮތުގައި ފަލަކީ ހިސާބުގެ ވާހަކައެއް ނެތެވެ.

ދެވަނަ ކަމަކީ މިވާހަކަކޮޅުގައި ބަޔާންކުރައްވާފައިވާ ޙަދީޘްގައި އޮތް އެއް ޢިބާރާތް، ތަރުޖަމާގައި ހިމަނާފައި ނެތުމެވެ. އެ ޙަދީޘަކީ މިއެވެ؛ إِنَّا أُمَّةٌ أُمِّيَّةٌ لَا نَكْتُبُ وَلَا نَحْسُبُ، الشَّهْرُ هكَذَا وَهكَذَا (މާނައީ؛ ހަމަކަށަވަރުން އަހަރެމެންނީ، ލިޔަން ނޭނގޭ އަދި ހިސާބުޖަހަންވެސް ނޭނގޭ ލިޔަންކިޔަން ނުދަންނަ އުންމަތެކެވެ. މައްސަރު އޮންނަނީ މި ގޮތަށާއި މިގޮތަށެވެ. މާނައީ މަހެއްގައި އޮންނާނީ 29 ދުވަހާއި 30 ދުވަހެވެ.) މި ބަސްފުޅު ތަރުޖަމާކުރުމުގައި ވައްޓައިލައިފައިވާ ލަފްޒަކީ ލިޔަން ނޭނގޭ (لَا نَكْتُبُ) ކަމަށް އޮތް ބަސްފުޅެވެ. ތިން ވަނަ ކަމަކީ، ޙަދީޘް ނުބައިކޮށް ތަރުޖަމާކޮށްފައި އޮތުމެވެ. އެއީ، "ހިސާބު ނުޖަހާ" ކަމަށް އޮތް ލަފްޒު (وَلَا نَحْسُبُ) ތަރުޖަމާކޮށްފައި އޮތީ ފަލަކީ ހިސާބު ކަމުގައެވެ. ނަމަވެސް ނަބިއްޔާގެ އެ ބަސްފުޅުގައި، އެއީ ފަލަކީ ހިސާބު ކަމަށް ނުވަތަ އެހެން ހިސާބެއް ކަމަކަށް ކަނޑައަޅުއްވައިފައެއް ނުވެއެވެ.

ފަލަކީ ހިސާބަށް ދެކޮޅު ހަދާ މީހުން އެކަމުގެ ޙުއްޖަތެއްގެ ގޮތުގައި ދެން ބަޔާންކުރަނީ، އަލްއިމާމް ސަރްޚަސީ ލިޔުއްވާފައިވާ އަލްމަބްސޫޠު ކިޔާ ފިޤްހު ފޮތުގެ ރޯދައާ ބެހޭ ބާބުގައި، އިމާމް އަބޫ ޙަނީފާއާ ޙަވާލާ ދެއްވައި ބަޔާންކުރައްވާފައިވާ ވާހަކަތަކެވެ. އިމާމް އަބޫ ޙަނީފާ ވިދާޅުވެފައިވެއެވެ؛ "ތިޔަބައިމީހުންނަށް ހަނދު ފެނުމުން ރޯދަ ހިފާށޭ، އަދި ހަނދު ފެނުމުން ރޯދަ ހިފުން ހުއްޓައިލާށޭ، އަދި ވިލާ ބޯވެގެން ހަނދު ނުފެނިއްޖެ ނަމަ، ތިޔަބައިމީހުން 30 ދުވަހު ރޯދަ ހިފާށޭ، ކީރިތި ނަބިއްޔާ ޙަދީޘްކުރައްވާފައިވާ އޮންނަ ބަސްފުޅަށް ބަލާއިރު، ރަށެއްގެ މީހުން، އެމީހުންނަށް ހަނދު ނުފެންނަނީސް ރޯދަ ހިފައިފި ނަމަ، އެބައިމީހުން ނުބައި ހަދައިފިއެވެ. އަދި އެބައިމީހުން އެވަނީ ރަސޫލާގެ އަމުރުފުޅާ ޚިލާފުވެ ގޯހެއް ހަދައިފައެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުގައި، ހަނދު ފެނުމާ މެދު ޝައްކު އުފެދިއްޖެ ނަމަ، ޙިސާބު ޖަހާ މީހުންގެ ބުނުމަށް ރުޖޫޢަވާނީއެވެ.

އިމާމް އަބޫ ޙަނީފާ ވިދާޅުވާ ގޮތުގައި، މިއީ (ޙިސާބު ޖަހާ މީހުންގެ ބުނުމަށް ބަރޯސާވުމަކީ) ނަބިއްޔާ ބަޔާންކޮށްދެއްވާފައިވާ ގޮތާ ދުރު ގޮތެކެވެ. އަދި އެކަމުގެ ދަލީލެއްގެ ގޮތުގައި އިމާމް އަބޫ ޙަނީފާ ބަޔާންކުރައްވާފައިވަނީ، "ކާހިނެއްގެ ގާތަށް ނުވަތަ ފާލުބަލާ މީހެއް (ނުޖޫމީ ޢިލްމުވެރިއެއް)ގެ ގާތަށް ގޮސް، އޭނާ ބުނާ ވާހަކަ ތެދުކޮށް ޤަބޫލުކޮށްފި މީހާ، މުޙައްމަދުގެފާނަށް ބާވައިލެއްވި ތަކެއްޗަށް ކާފަރުވެއްޖެ" (مَنْ أَتَى كَاهِنًا أَوْ عَرَّافًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ) ކަމަށް ކީރިތި މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެވެ.

މި ބަސްފުޅު މިހާ ސާފުކޮށް އޮތްއިރުވެސް، ފަލަކީ ހިސާބުން ހަނދު ސާބިތުކުރުމާ ދެކޮޅުހައްދަވާ ބޭފުޅުން، އިމާމް އަބޫ ޙަނީފާގެ މި ވާހަކަކޮޅު ވެސް ތަރުޖަމާކުރައްވާފައިވަނީ، ފަލަކީ ހިސާބުން ހަނދު ސާބިތުކޮށްފި ނަމަ، އެބަޔަކު ރަސޫލާގެ އަމުރުފުޅާ ޚިލާފުވެއްޖެ ކަމަށެވެ. ނަމަވެސް އިމާމް އަބޫ ޙަނީފާގެ މި ވާހަކަކޮޅުގައިވެސް އަދި ރޯދައިގެ ބާބުގެ އެއްވެސް ތަނެއްގައި ފަލަކީ ހިސާބުގެ ވާހަކައެއް ބަޔާންކުރައްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިމާމް އަބޫ ޙަނީފާ ޙުއްޖަތް ދައްކަވާފައިއެވަނީ، ނުޖޫމީ ޢިލްމުވެރިންގެ ބަހަށް ބަރޯސާވެގެން ހަނދު ސާބިތުކުރުން ހުއްދަ ނުވާނެ ކަމަށެވެ.

ފަލަކީ ހިސާބުން ހަނދު ސާބިތުކޮށްގެން ރޯދަ ހިފުން ހުއްދަ ނުވާނެ ކަމަށް ވިދާޅުވާ ބޭފުޅުންގެ އަނެއް ޙުއްޖަތަކީ، މަވާހިބުލް ޖަލީލް ފީ ޝަރަހަ މުޚްތަޞަރިލް ޚަލީލްގެ 2 ވަނަ ބައިގައި، އަލް ޙައްޠާބު ލިޔުއްވާފައިވާ މިވާހަކައެވެ؛ (وروى ابن نافع عن مالك في الإمام الذي يعتمد الحساب أنه لا يقتدي به ولا يتابع) މާނައީ؛ "ޙިސާބަށް ބަރޯސާވާ ވެރިމީހާއާ ބެހޭ ގޮތުން، އިބްނު ނާފިޢުގެ ކިބައިން އަލްއިމާމް މާލިކް ރިވާކުރައްވާފައިވަނީ، އެފަދަ ވެރިމީހާއަށް ތަބާވެ އޭނާއާ އެއްގޮތަށް ޢަމަލުކުރުމެއް ނެތް ކަމަށެވެ." ނަމަވެސް ޙުއްޖަތް ދައްކަވާ ބޭފުޅުން، އިމާމް މާލިކްގެ މި ބަސްކޮޅު ތަރުޖަމާކުރައްވާފައި އޮންނަނީ މިފަދައިންނެވެ؛ ފަލަކީ ޢިލްމަށް ބަރޯސާވާ ވެރިމީހާގެ މައްޗަށް ތަބާވެ އެކަމުގައި ޢަމަލު ކުރުމެއްނުވާކަމަށް އިބުނު ނާފިޢު މާލިކުގެ ކިބައިން ރިވާކުރައްވާފައިވެއެވެ.

ނަމަވެސް އިމާމް މާލިކްގެ މިވާހަކަކޮޅުގައި، ފަލަކީ ހިސާބު ނުވަތަ ފަލަކީ ޢިލްމުގެ ވާހަކަ ވިދާޅުވެފައެއް ނެތެވެ. އެހެނެއް ކަމަކު، އިމާމް މާލިކްގެ މި ރިވާޔަތުގެ ދެތިން ފޮޅުވަތުގެ ކުރީގައި، ފޮތުގެ މުއައްލިފު، މި ކަމާ ގުޅޭ ގޮތުން ވިދާޅުވެފައި އޮތީ، ނުޖޫމީ ޢިލްމުވެރިއަކު، އޭނާއަށް ހަނދު ފެނިއްޖެ ކަމަށް ބުންޏަސް އެ ބުނުމުގެ މައްޗަށް ހަނދު ސާބިތުނުވާނެ ކަމަށާއި އޭނާގެ ބުނުމުގެ މައްޗަށް ރޯދަ ހިފުން ހުއްދަ ނުވާނެ ކަމަށެވެ. އަދި އިމާމް މާލިކްގެ ވާހަކަތައް ތަފްޞީލްކުރުމުގެ ތެރޭގައިވެސް ފޮތުގެ މުއްލިފް މުޅިންވެސް ބަޔާންކުރައްވާފައި ހުރީ ނުޖޫމީ ޢިލްމާއި ނުޖޫމީ ހިސާބުގެ ވާހަކައެވެ. އަދި ހަމަ މި ވާހަކަތަކުގެ ތެރޭގައި، އިބްނުލް ޙާޖިބު (570-646ހ) ވެސް ވިދާޅުވެފައިވަނީ؛ ހަނދު ސާބިތުކުރުމުގައި ނުޖޫމީ ޢިލްމުވެރިންގެ ބަހަށް ބުރަވުމެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް، ހިތާމައަކީ އިބްނު މާލިކްގެ އެ ރިވާޔަތުން ޙުއްޖަތް ދައްކަވާއިރު ވެސް، ނުޖޫމީ ޢިލްމުގެ މާނައިގައި ދައްކާފައި ހުރި ހުރިހާ ވާހަކައެއް ފަލަކީ ހިސާބަށް ބަދަލުކޮށްފައިވުމެވެ.

މިކަމުގައި އެ ބޭފުޅުންގެ އަނެއް ޙުއްޖަތަކީ، ސޫރަތުލް ބަޤަރާގެ 185 ވަނަ އާޔަތުގެ ތަފްސީރުގައި އަލްއިމާމް ޤުރްޠުބީ ލިޔުއްވާފައި ހުރި ވާހަކަތަކެވެ. އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި އެ ބޭފުޅުން ވިދާޅުވަނީ ފަލަކީ ޙިސާބު ބާޠިލުކަމަށް އިސްލާމީ އުންމަތް އިޖްމާޢުވެފައިވާ ކަމަށް އިމާމް ޤުރްޠުބީ ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ޤުރްޠުބީގެ ތަފްސީރުގައި ފަލަކީ ހިސާބު ނުވަތަ ފަލަކީ ޢިލްމުގެ ވާހަކަ ބަޔާންކުރައްވާފައެއް ނުވެއެވެ. އެހެނެއް ކަމަކު އިމާމް ޤުރްޠުބީގެ ތަފްސީރުގައި މުޅިން ވެސް ވާހަކަދައްކަވައިފައި ހުރީ،  ނުޖޫމީ ޢިލްމާ ނުޖޫމީ ޢިލްމުވެރީން، ޖަހައިއުޅޭ ހިސާބަށް ބަރޯސާވެގެން ހަނދު ސާބިތުކުރުން ހުއްދަ ނުވާނެކަމުގެ މައްޗަށެވެ.

ނަމަވެސް ހަމަ މި ވާހަކަތަކުގެ ތެރޭގައި އިމާމް ޤުރްޠުބީ ބަޔާން ކުރައްވާފައިވެއެވެ؛ ތާބިޢީންގެ ތެރެއިން އަރައި ހުންނެވި، مُطَرِّف بن عبد اللَّه بن الشِّخّير އާއި ޢަރަބި ބަހުގެ ޢިލްމުވެރިންގެ ތެރެއިން إبن قتيبة ވިދާޅުވާ ގޮތުގައި، ވިލާ ބޯވެގެން ހަނދު ނުފެނިއްޖެ ނަމަ، ހަނދުގެ މަންޒިލްތައް މިންކޮށްގެން ހަދާ ހިސާބުތަކަށް ބަރޯސާވެ، އެ ހިސާބަށް އިތުބާރުކޮށްގެން ރޯދަ ހިފާނީއެވެ. އަދި ނުޖޫމީ ޢިލްމުވެރިންގެ ބުނުމަށް އިތުބާރުކޮށްގެން ރޯދަ ހިފުން ހުއްދަވާނެ ކަމަށް، ޝާފިޢީ މަޒްހަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވާކަމަށް ވެސް ޤުރްޠުބީގެ ތަފްސީރުގައިވެއެވެ. އެކަމަކު މިއިން އެއްވެސް ވާހަކައެއް، ފަލަކީ ޙިސާބާ ދެކޮޅު ހައްދަވާ ބޭފުޅުން ފާހަގައެއް ނުކުރައްވައެވެ.

ފަލަކީ ހިސާބުން ހަނދު ސާބިތުކުރުން ހުއްދަ ނުވާނެ ކަމަށް ވިދާޅުވާ ބޭފުޅުންގެ އަނެއް ޙުއްޖަތަކީ، އަލްއިމާމް އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ "މަޖްމޫޢު ފަތާވާ"ގެ 25 ވަނަ މުޖައްލަދުގައި، (إِنَّا أُمَّةٌ أُمِّيَّةٌ لَا نَكْتُبُ وَلَا نَحْسُبُ…) މިފަދައިން އޮންނަ ޙަދީޘްގެ ޝަރަޙައިގައި ދައްކަވާފައި ހުރި ވާހަކަތަކެވެ. އިބްނު ތައިމިއްޔާއާ ޙަވާލާދީ އެބޭފުޅުން ވިދާޅުވާ ގޮތުގައި ފަލަކީ ޙިސާބު ޖަހައި، އެޔަށް ތަބާވާ މީހުން ވާހުށީ މުއުމިނުންގެ މަގުނޫން މަގަށް ތަބާވާ ބައެއްކަމުގައެވެ. ނަމަވެސް އިބްނު ތައިމިއްޔާގެ އެ ވާހަކަތަކުގައި އެންމެ ފަހަރަކު ވެސް ފަލަކީ ހިސާބުގެ ވާހަކަ ބަޔާން ކުރައްވައިފައެއް ނުވެއެވެ. އަދި އެއީ ކޮން ހިސާބެއް ކަންވެސް ބަޔާން ކުރައްވައިފައެއް ނުވެއެވެ.

މީގެ އިތުރަށް ވެސް، ބައެއް އެހެން ޢިލްމުވެރީން، ހިސާބު ހަދައިގެން ހަނދު ސާބިތުކުރުން ހުއްދަ ނުވާނެ ކަމަށް ޙުއްޖަތް ދައްކަވައިފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކު ފަލަކީ ހިސާބުގެ ވާހަކަ ދައްކަވައިފައެއް ނެތެވެ. މުޅިންވެސް ދައްކަވައިފައި ހުރީ ނުޖޫމީ ޢިލްމުގެ ވާހަކައެވެ. އެ ގޮތުން، الدارمي(4) ވިދާޅުވެއެވެ:  މުނައްޖިމެއްގެ ބުނުމުގެ މައްޗަށް ރޯދަ ހިފުމެއް ނުވެ އެވެ. البغوي(5) ވިދާޅުވެއެވެ: ރޯދަ ހިފަން ފެށުމުގައި ވެސް އަދި ރޯދަ ނިންމައި ޢީދުކުރުމުގައި ވެސް، މުނައްޖިމުން ހަދާ ހިސާބަށް ތަބާވުން ހުއްދައެއް ނުވާނެ އެވެ.(6) 

الإمام ابن عابدين(7) ލިޔުއްވާފައިވެ އެވެ؛ (لَا عِبْرَةَ بِقَوْلِ الْمُؤَقِّتِيْنَ فِي الصَّوْمِ) ރޯދަ ހިފުމުގައި، ވަގުތު ބުނެދޭ މީހުންގެ ބަހަށް ޢަމަލުކުރުމެއް ނުވެ އެވެ. އަދި ވަގުތު ބުނެދޭ މީހުންނަކީ ކޮބައިކަން ބަޔާންކޮށްދެއްވާފައިވަނީ އަންނަނިވި ޢިބާރާތުންނެވެ؛ (لَا يُعْتَبَرُ قَوْلُهُمْ بِالْإجْمَاعِ وَلَا يَجُوْزُ لِلْمُنَجِّمِ أنْ يَعْمَلَ بِحِسَابِ نَفْسِهِ)(8) މާނައީ؛ "އެބައިމީހުން (ވަގުތު ބުނެދޭ މީހުން)ގެ ބަހަށް އިތުބާރު ނުކުރެވޭނެ ކަމަށް އިޖްމާޢުވެފައިވެއެވެ. އަދި ނުޖޫމީ ޢިލްމުވެރިއަކު ހަދާ ހިސާބަށް ޢަމަލުކުރުން، ޚުދު އޭނާގެ އަމިއްލަ ނަފްސަށްވެސް ހުއްދައެއް ނުވާނެ އެވެ."

އެހެންވީމާ، ފަލަކީ ހިސާބުން ހަނދު ސާބިތުކުރުން ހުއްދަ ނުވާނެ ކަމަށް ވިދާޅުވާ ހުރިހާ ބޭފުޅުން، މި އުންމަތުގެ މުޖްތަހިދު ޢިލްމުވެރިންނާ ޙަވާލާ ދެއްވައި ވިދާޅުވެފައިވަނީ ރަނގަޅު ވާހަކަތަކެއް ނޫންކަން އެނގެއެވެ. ފަލަކީ ހިސާބާ ދެކޮޅު ޙުއްޖަތެއްގެ ގޮތުގައި، ފާހަގަކޮށްފައި ހުރި ޢިލްމުވެރިންގެ ހުރިހާ ބަސްފުޅުތަކެއްގައި ވެސް ހުރީ، ނުޖޫމީ ޢިލްމުގެ ވާހަކައެވެ. އެހެންކަމުން އެ ޒަމާނުގެ ޢިލްމުވެރިން، ހިސާބު ޖަހައިގެން ހަނދު ސާބިތުކުރުމާ ދެކޮޅަށް އިޖްމާޢުވެފައިވާ ނަމަ، އިޖްމާޢުވެފައިވަނީ، ނުޖޫމީ ޢިލްމުވެރިން ޖަހާ ހިސާބުން ހަނދު ސާބިތުކުރުމާ ދެކޮޅަށެވެ.

އެ ކަމުގައިވެސް ޙަޤީޤަތްތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ، އެ ޒަމާނުގައި ވަގުތު ގުނާނެ ފުރިހަމަ ބަރާބަރު މިންގަނޑެއް ނެތުމެވެ. އެހެން ކަމުން، ހަނދާއި އިރު އަރައި އޮއްސޭނީ، ނުވަތަ ކޭތަ ހިފާނީ، ނުވަތަ އިރު މެދުޖެހޭނީ، ސީދާ ކޮން ވަގުތަކު ކަން ކަނޑައަޅައި ބުނެދެވޭނެ ސީދާ ގޮތެއް ނޯންނާނެއެވެ. މިކަމުގެ ވަރަށް ގިނަ ދަލީލުތައް ސުންނަތުންނާއި އިހުގެ މުސްލިމް ޢިލްމުވެރިންގެ ފޮތްތަކުން ފެންނާން އެބަހުއްޓެވެ. އެފަދަ އެއް މިސާލަކީ، ޢީދު ނަމާދާއި ޟުޙާ ނަމާދުގެ ވަގުތު ބަޔާންވެފައިވާ ވާހަކަތަކެވެ. މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައިވާ ގޮތުގައި ޟުޙާ ނަމާދުގެ ވަގުތަކީ، ބިންގަނޑަށް ހޫނުވާ ވަގުތެވެ. އެއީ ބަނޑުޖަހައިގެން ތިބޭ ޅަ ޖަމަލުތައް، ބިންގަނޑަށް ހޫނުވުމުގެ ސަބަބުން ތެދުވެގެން ހިޔަލަކަށް ޖެހިލަން އުޅޭ ވަގުތެވެ. މި ޙަދީޘްގެ ޝަރަޙައިގައި އޭރުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ، އެއީ ބަމައެއްގެ އުސްމިނަށް އިރު އެރުމުން ކަމަށެވެ. ޙަދީޘްތަކަށް ރިޢާޔަތްކުރައްވައި، ޢީދު ނަމާދުގެ ވަގުތާ ބެހޭ ގޮތުން ޢިލްމުވެރިން ވިދާޅުވަނީ، ޢީދު ނަމާދުގެ ވަގުތަކީ ދުނިދަނޑިއެއްގެ މިންވަރަށް އިރު އެރުން ކަމަށެވެ. ނުވަތަ އެއީ ލޮންސިއެއްގެ މިންވަރަށް އިރުއެރުން ކަމަށް ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

މި މިންތަކަކީ، އެއްވަރަށް ހުންނަ މުޅިން ބަރާބަރު މިންތަކެއް ނޫނެވެ. ދުނިދަނޑިއަކީ ވެސް، އަދި ލޮންސިއަކީވެސް އެކި ސަރަޙައްދުތަކުގައި އެކި ދިގުމިނުގައި ހަދައިފައި ހުންނަ އެއްޗެކެވެ. ވީއިރު، އެފަދަ އެއްޗަކުން ވަގުތު ބަޔާން ކޮށްދެއްވާފައި އެވަނީ، ވަގުތު ގުނާނެ، ސާބިތު އެއްވެސް މިންގަނޑެއް އެ ޒަމާނުގައި ނެތުމުން ކަން ކަށަވަރެވެ.

މި މައްސަލައިގެ ދެ ވަނަ ޙަޤީޤަތަކީ، އެ ޒަމާނުގައި ފަލަކީ ޢިލްމު ނެތުމެވެ. އެހެން ނޫން ނަމަ، މިއަދުގެ ޢިލްމުވެރިން، ފަލަކީ ޙިސާބާ ދެކޮޅަށް ޙުއްޖަތް ދައްކަވާ ބޭފުޅުން ޙަވާލާ ދެއްވާ، އިހުގެ މުސްލިމް ޢިލްމުވެރިންގެ ފޮތްތަކުގައި ފަލަކީ ޙިސާބުގެ ވާހަކަ މަދުން ނަމަވެސް ބަޔާންކުރައްވާފައި އޮންނާނެއެވެ. ހިޖްރައިން ތިން ވަނަ ޤަރްނުގައި އުޅުއްވި الإمام الدارمي އާއި 5 ވަނަ ޤަރުނުގައި އުޅުއްވި الإمام البغوي އާއި الإمام السرخسي އާއި الإمام الروياني އާއި، 6 ވަނަ ޤަރުނުގައި އުޅުއްވި إبن العربي އާއި 7 ވަނަ ޤަރުނުގައި އުޅުއްވި الإمام النووي އާއި الإمام القرطبي އާއި، ހިޖްރައިން 7 އަދި 8 ވަނަ ޤަރުނުގައި އުޅުއްވި الإمام ابن تيمية އާއި الإمام ابن القيم އާއި، 8 ވަނަ ޤަރުނާއި 9 ވަނަ ޤަރުނުގައި އުޅުއްވި الإمام ابن حجر الأسقلاني އާއި 11 ވަނަ ޤަރުނުގައި އުޅުއްވި الإمام الزرقاني، އަދި 12 ވަނަ ޤަރުނާއި 13 ވަނަ ޤަރުނުގައި އުޅުއްވި الإمام ابن العابدين ފަދަ ބޭފުޅުންގެ ފޮތްތަކުގައި ފަލަކީ ޙިސާބުގެ ނަން ގަނެވިފައި ނެތީ، އެ ޒަމާނުގައި ފަލަކީ ޢިލްމާއި ފަލަކީ ހިސާބު ނެތުމުންނެވެ. އެހެންކަމުން އެ ބޭފުޅުންގެ ފޮތްތަކުން ސާބިތުވަނީ، ހިސާބުން ހަނދު ސާބިތުކުރުން ހުއްދަ ނުވާނެ ކަމަށް އެބޭފުޅުން ވިދާޅުވެފައިވަނީ، އެ ދުވަސްވަރުގައި އޮތް ނުޖޫމީ ޢިލްމަށާއި ނުޖޫމީ ޢިލްމުވެރިންގެ ލަފާކުރުންތަކުގެ މައްޗަށް ބުނާ ބުނުންތަކަށް ނިސްބަތްކުރައްވައިގެން ކަމެވެ.

ހަމައެފަދައިން ހިސާބުން ހަނދު ސާބިތުކުރުން ހުއްދަ ނުވާނެ ކަމަށް އިސްލާމީ އުންމަތް އިޖްމާޢުވެފައިވާ ކަމަށް އެބޭފުޅުން އެ ވިދާޅުވަނީވެސް، ނުޖޫމީ ޢިލްމުވެރިން ޖަހައިއުޅޭ ހިސާބުން އެކަން ކުރުން ހުއްދަ ނުވުމުގެ މައްޗަށް ކަން އެނގެއެވެ. އެއްވެސް ޒަމާނެއްގައި، މުސްލިމް ޢިލްމުވެރިންނަކީ، އެބޭކަލުންގެ ކުރިމަތީގައި ނެތް ކަމެއްގެ މައްޗަށް ބަހުސްކޮށް ފަތުވާ ދެއްވާ ބަޔެއް ނޫނެވެ. އެ ބޭފުޅުންގެ ޒަމާނުގައި ފަލަކީ ޢިލްމު ނެތްއިރު، އައި ފަލަކީ ޢިލްމު ވުޖޫދަށް އަންނާނެ ދުވަހެއް ވެސް ނޭނގޭއިރު، ފަލަކީ ޢިލްމުން ހަނދު ސާބިތުކުރުން ހުއްދަނުވާނެކަމަށް، އިސްލާމީ އުންމަތް އިޖްމާޢުވެފައި އޮންނާނެ ކަމަށް، ސަލާމަތް ބުއްދިއަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭގެ އިތުރަށް، އެ ކަން ހުއްދަނުވާނެ ކަމުގެ ދަލީލެއްގެ ގޮތުގައި، އެޒަމާނުގެ ފޮތްތަކުގައި މުޅިން ވެސް ބޭނުންކުރައްވައިފައިވަނީ، ކާހިނުންނާއި ނުޖޫމީ ޢިލްމުވެރިންނާއި ފާލުބަލާ މީހުންނާއި ރަމަލުޖަހާ މީހުންގެ ވާހަކަތައް ޤަބޫލުނުކުރުމަށް، ކީރިތި މާތް ރަސޫލާ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ގެ ސުންނަތުގައި ވާރިދުވެފައިވާ ޙަދީޘްތަކެވެ.

ފަލަކީ ހިސާބުން ހަނދު ސާބިތުކުރުމާ ދެކޮޅަށް އިސްލާމީ އުންމަތް އިޖްމާޢުވެފައި ނުވާ ކަމުގެ އަނެއް ހެތްކަކީ، އެ ބޭފުޅުން އެ ވިދާޅުވާ ޒަމާނުގައި އުޅުއްވި މުޖްތަހިދު ބައެއް ޢިލްމުވެރިން ވެސް ކަނޑައެޅިގެން، ހިސާބުކޮށްގެން ހަނދު ސާބިތުކުރެވިދާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ. ޝާފިޢީ މަޒްހަބުގެ އިމާމެއް ކަމަށްވާ إبن سريج (306-249ހ) އާއި ޙަންބަލީ މަޒްހަބުގެ ފިޤްހުވެރިއެއް އަދި ޙަދީޘް ޢިލްމުވެރިއެއް ކަމަށްވާ إبن قتيبة (276-213ހ) އާއި ތާބިޢީންގެ ތެރެއިން مُطَرِّف بن عبد اللَّه بن الشِّخّير (އަވަހާރަވީ ހިޖްރައިން 95 ވަނަ އަހަރު) ވިދާޅުވާ ގޮތުގައި (فَاقْدِرُوا لَهُ)ގެ މާނައަކީ ހަނދުގެ މަންޒިލްތައް ދެނެގަނެގެން، އެ ހަނދު މަހުގެ ނިމުން ހޯދައި ބެލުމެވެ. ހަމަ އެފަދައިން ރޯދައާ ބެހޭ ގޮތުން ރިވާވެފައިވާ ޙަދީޘްތަކުގައި، (فَاقْدِرُوا لَهُ) ހަނދަށް މިންކުރާށޭ އޮތް ޢިބާރާތުން މުޚާޠަބު ކުރައްވަނީ، މާތް ﷲ އެކަމުގެ ޢިލްމު ދެއްވާފައިވާ މީހުންނަށް ކަމަށާއި، ބައެއް ޙަދީޘްތަކުގައި (فَأَكْمِلُوا الْعَدَدَ) ޢަދަދު ފުރިހަމަކުރާށޭ އޮތް ޢިބާރާތުން މުޚާޠަބު ކުރަނީ ޢާންމު މީސްތަކުންނަށް ކަމަށް إبن سريج ވިދާޅުވެ އެވެ.(9)

ދެން އޮތީ މިހާރު މި ބޭނުންކުރާ ފަލަކީ ޢިލްމާއި ފަލަކީ ޙިސާބަށް ބަލައިލުމެވެ. އޭގެ ކުރިން ފަލަކީ ޢިލްމާއި ނުޖޫމީ ޢިލްމުގެ ތަފާތަކީ ކޮބައިތޯ ބަލަމާ ހިނގާށެވެ. މިޒަމާނުގެ ފަލަކީ ޢިލްމު (އެސްޓްރޮނޮމީ) އާއި ނުޖޫމީ ޢިލްމު ނުވަތަ އިރުވަރުބެލުމުގެ ޢިލްމު (އެސްޓްރޮލޮޖީ) އަކީ މުޅިން ތަފާތު ދޭއްޗެކެވެ. ފަލަކީ ޢިލްމަކީ، އޭގެ ޒާތުގައި ސައެންޓިފިކް ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާވެފައިވާ ޢިލްމެކެވެ. ނުޖޫމީ ޢިލްމަކީ، ސައެންޓިފިކް އެއްވެސް ޙަޤީޤަތެއް ހިމެނިފައިވާ ޢިލްމެއް ނޫނެވެ.

ނުޖޫމީ ޢިލްމަކީ، ކައުނުގެ ތެރޭގައި އިރު ހަނދާއި ތަރިތައް، އެތުރިފައި ހުންނަ ގޮތާއި، އެތަކެތި ހުންނަ މިސްރާބުތަކާ އިންސާނުންގެ ނަސީބާއި ސުންޕާކަން ގުޅިފައިވާ ކަމަށް ބުނެއުޅޭ، ޙަޤީޤަތެއް ނެތް ޚިޔާލީ ޢިލްމެކެވެ. އަދި އިންސާނުން ކުރާ ކަންކަމުގެ ކާމިޔާބާއި ނާކާމިޔާބު ގުޅިފައި ހުންނަނީ، ތަރިތަކުގެ ދައުރުވުމާ ކަމަށް ބުނެ އުޅޭ ފުލޯކު ޢިލްމެކެވެ. މިއާ ޚިލާފަށް ފަލަކީ ޢިލްމަކީ، މި ބިމާއި އިރު ހަނދާއި ތަރިތައް، ޖައްވުގެ ތެރޭގައި ދަތުރުކުރާ ދުވެއްޔާއި، އެތަކެތި ދަތުރުކުރާ ފަލަކުގެ ކުޑަބޮޑުމިނާއި ބައްޓަމާއި، އެތަކެތި އެކަތި އަނެކައްޗާ ދެމެދުގައި ހުންނަ ދުރުމިނާއި، މިފަދަ ޢިލްމީ އެތައް ޙަޤީޤަތްތަކަކަށް ބިނާކޮށް، އިރާއި ހަނދު އަރައި އޮއްސޭނެ ވަގުތާއި، މި ބިމާއި އިރާއި ހަނދު އެކަތި އަނެކައްޗާ ހުރަސްވެ ނިވާވާނެ (ކޭތަ ހިފާނެ) ވަގުތުތަކާއި، މި ބިމާއި އިރާއި ހަނދު އެއްއުއި (الإقْتِرَانُ ނުވަތަ conjunction) ވާނެ ވަގުތުތަކާއި، މިފަދަ ޢިލްމީ ޙަޤީޤަތްތައް ބަޔާންކޮށްދޭ ޢިލްމެކެވެ.

އެއްވެސް އެއްޗެއް މިންކޮށް ހިސާބުކުރާ ނަމަ، އެކަމެއް ކުރެވޭނީ ހިސާބުޖަހައިގެން ކަމާމެދަކު ޝައްކެއް ނެތެވެ. އަދި އެއީ އިސްލާމް ދީން ނުހަނު ބޮޑަށް ބާރުއަޅާ ކަމެކެވެ. ހިސާބުގެ ޢިލްމުގެ އެއް ގޮފި ކަމަށްވާ ވިޔަކުރުމުގެ، އެންމެ ފުރިހަމަ ނިޒާމެއް ފެންނަން އޮތީ، އިސްލާމް ދީނުގައި ކަނޑައެޅިފައިވާ، ތަރިކަ މުދާ ބެހުމުގެ ޢިލްމުގެ ތެރެއިންނެވެ. ހަމައެފަދައިން މައްސަރުތަކާއި ދުވަސްތަކުގެ ހިސާބުވެސް ބެލޭނީ، އެކަން ކުރުމަށް ކަނޑައެޅިފައި އޮންނަ ހިސާބެއްގެ ބޭނުން ހިފައިގެންކަން ކަށަވަރެވެ. އެކަން ކުރުމަށްޓަކައި ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވާފައި އޮތީ، އިރާއި ހަނދުގެ ދައުރާނާ ހިސާބުކުރުމަށެވެ. އެއަށް މިޒަމާނުގައި ކިޔައި އުޅެނީ ފަލަކީ ހިސާބެވެ.

މި ޒަމާނުގެ ފަލަކީ ހިސާބު ދުނިޔެއަށް އަލިވިލިގެން އައީ، އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ރޯޔަލް ގްރީންވިޗް އޮބްޒަވޭޓަރީން، މީލާދީން 1767 (ހިޖްރައިން 1180) ވަނަ އަހަރު ޝާއިޢުކުރަން ފެށި ނޯޓިކަލް އަލްމަނަކް (The Nautical Almanac and Astronomical Ephemeris)އާ ހަމައިންނެވެ. މި ޒަމާނުގެ ފަލަކީ ހިސާބުގައި އިރު ހަނދާއި ތަރިތައް ދައުރުކުރާ ގޮތް މިންކުރުމަށް ބޭނުންވާ ބަރާބަރު ޑާޓާތައް ކަށަވަރު ކުރެވިފައިވަނީ އެ ދުވަސްވަރުގެ ތެރޭގައެވެ. ނޯޓިކަލް އަލްމަނަކް އަކީ، އުޑުމަތީގައި ހުންނަ ތަރިތައް ބަލައިގެން ދަތުރުކުރުން ފަސޭހަކުރުމުގެ ގޮތުން، ކަނޑުމަތީގައި އުޅަނދު ހުރި ތަން (ޕޮސިޝަން) ދެނެގަތުމަށްޓަކައި، އިރާއި ހަނދުގެ އިތުރަށް، ޖައްވުގެ ތެރެއިން ހޮވައިލެވިފައިވާ ވަކި ތަރިތަކެއް، މި ބިމުގެ ނިސްބަތުން ބަލާއިރު، އަހަރުގެ ކޮންމެ ދުވަހެއްގެ ކޮންމެ ސިކުންތެއްގައި، އުޑުމަތީގައި ހުންނާނެ ތަން އަންގައިދޭ ތާވަލު ފޮތެކެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރަކަށް މީގެ ތާވަލު ފޮތެއް އަންނަނީ ޝާއިޢު ކުރަމުންނެވެ.

މި ދެންނެވި ތާވަލު ފޮތުގައި ހުންނަ ޑާޓާތައް އެއްކޮށް އާންމުކުރަން ފެށީ، ހިޖްރައިން 1180 ވަނަ އަހަރުގައެވެ. އެއީ ފަލަކީ ޢިލްމުން ހަނދު ސާބިތުކުރުން ހުއްދަ ނުވާނެ ކަމަށް ވިދާޅުވިކަމަށް، މިހާރުގެ ޢިލްމުވެރިން އެވިދާޅުވާ، الإمام الدارمي ދުނިޔެ ދޫކުރެއްވިތާ 925 އަހަރު ފަހެވެ. އަދި الإمام البغوي ދުނިޔެ ދޫކުރެއްވިތާ 665 އަހަރު، الإمام السرخسي ދުނިޔެ ދޫކުރެއްވިތާ 690 އަހަރު، الإمام الروياني ދުނިޔެ ދޫކުރެއްވިތާ 686 އަހަރު، إبن العربي ދުނިޔެ ދޫކުރެއްވިތާ 542 އަހަރު ފަހެވެ. އަދި الإمام النووي ދުނިޔެ ދޫކުރެއްވިތާ 504 އަހަރު، الإمام القرطبي ދުނިޔެ ދޫކުރެއްވިތާ 509 އަހަރު، الإمام ابن تيمية ދުނިޔެ ދޫކުރެއްވިތާ 452 އަހަރު، الإمام ابن القيم ދުނިޔެ ދޫކުރެއްވިތާ 429 އަހަރު، الإمام ابن حجر الأسقلاني ދުނިޔެ ދޫކުރެއްވިތާ 328 އަހަރު، އަދި الإمام الزرقاني ދުނިޔެ ދޫކުރެއްވިތާ 58 އަހަރު ފަހެވެ.

ވީއިރު، އެބޭފުޅުން ދިރިއުޅުއްވި ޒަމާނުގައި ނެތް ޢިލްމަކާ ދެކޮޅަށް އެ ބޭފުޅުން އެއްޗެއް ވިދާޅުވިކަމަށް، ނުވަތަ ދެކޮޅު ހެއްދެވި ކަމަށް ތުހުމަތުކުރުމަކީ، އެ ބޭފުޅުންގެ ޢިލްމުވެރިކަމާއި އެބޭފުޅުންގެ ތަޤްވާވެރިކަމާއި ޒާހިދުކަމާއި ވަރަޢަވެރިކަމަށް ވެސް ބުނެވޭ ކުޑައިމީސް ބަހެއް ކަމުގައި ނޫނީ ނުވާނެއެވެ.

ފަލަކީ ހިސާބުން ބުނާ ބުނުންތައް (ނަމާދު ވަގުތުތަކާއި، އިރާއި ހަނދު އަރައި އޮއްސޭ ވަގުތާއި، ކޭތަ ހިފާ ވަގުތުތައް) ބަރާބަރަށް ދިމާވަނީ އެކަމުގެ ހިސާބު ހަދާ މީހުންގެ މޮޅުކަމަކުން ނޫނެވެ. އެއީ، މި ކައުނުގެ ތެރޭގައިވާ އެންމެހައި ތަކެތި ދައުރުކުރުމުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވަވާފައިވާ ސާބިތު އިންތަކާއި މިންތަކުގެ އަދި ފުރިހަމަ ނިޒާމުގެ ބަރާބަރުކަމެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވަނީ، އެކަލާނގެ ކޮންމެ އެއްޗެއް ހެއްދެވި ކަމަށާއި، އެކަލާނގެ އެތަކެތި ވަރަށް ފުރިހަމަޔަށް މިންވަރު ކުރެއްވި (وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا)(10) ކަމަށެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކި މިންވަރަކަށް (إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ) (11) ކަމަށެވެ.

އަދި، އިރާއި ހަނދު ހިނގަހިނގާ ހުންނަވީ އެފަދަ ދެވަނައެއް ނެތް ފުރިހަމަ ހިސާބެއްގެ މަތިން (الشَّمْسُ وَالْقَمَرُ بِحُسْبَانٍ) (12) ކަމަށާއި، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލައްވައި، އަދި އެ ހަނދު ހިނގުމަށް މަންޒިލްތަކެއް މިންވަރުކުރެއްވީ، އިރާއި ހަނދުގެ ދައުރާނާއިން، އަހަރުތަކުގެ ޢަދަދާއި މައްސަރުތަކާއި ދުވަސްތަކުގެ ޙިސާބު ދެނެގަތުމަށްޓަކައި (هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ) (13) ކަމަށްވެސް ﷲ އެންގެވިއެވެ. ހަމަ މިފަދައިން ސޫރަތުލް އަންޢާމްގެ 96 ވަނަ އާޔަތުގަޔާއި ސޫރަތުލް އިސްރާއުގެ 12 ވަނަ އާޔަތުގައިވެސް އަންގަވައިފައިވެއެވެ.

___________________________

ފުޓް ނޯޓާއި ޙަވާލާތައް:

1. صحيح مسلم: 1080، صحيح البخاري: 1814، سنن  النسائي: 2140، مرقاة المفاتيح  شرح  مشكاة المصابيح: 1971 (مُتَّفَقٌ عَلَيْهِ)

2. صحيح مسلم: 1080، صحيح البخاري: 1814، سنن النسائي: 2140، مرقاة المفاتيح شرح مشكاة المصابيح: 1971 (مُتَّفَقٌ عَلَيْهِ)

3.  سورة الجمعة، الآية: 2

4.  الحافظ أبوسعيد عثمان بن سعيد بن خالد بن سعيدالتميمي، الدَّارِمي، السِّجِسْتانِيُّއަކީ ހިޖްރައިން 200 ވަނަ އަހަރު ޚުރާސާނަށް އުފަންވެވަޑައިގެންނެވި، ޙަދީޘް ޢިލްމާއި ޝާފިޢީ ފިޤްގުގައި މަޝްހޫރު ޢިލްމުވެރިއެކެވެ.

5.  أبومحمدالحسين بن مسعود بن محمدالفراءالبغويއަކީ ހިޖްރައިން ފަސް ވަނަ ޤަރުނުގެ ތެރޭގައި ޚުރާސާނުގައި އުޅުއްވި، ޙާފިޡެއް، ފިޤްހުވެރިއެއް އަދި ޝާފިޢީ މަޛްހަބުގެ މުޖްތަހިދު ޢިލްމުވެރިއެކެވެ.

6. موسي شاهين لاشين، فتح المنعم شرح صحيح مسلم، الجزءالرابع، دارالشروق، القاهرة، ط 1، 2002، ص: 504

7. محمد أمين بن عمر بن عبدالعزيزعابدين الدمشقيއަކީ މީލާދީން 1784-1836 (ހިޖްރައިން 1198-1252) އަށް، ޝާމް ކަރައިގައި އުޅުއްވި ޙަނަފީ މަޒްހަބުގެ ފިޤްހު ޢިލްމުގެ އިމާމެކެވެ.

8. محمد أمين الشهيربابن عابدين، ردالمحتارعلىالدرالمختارشرح تنويرالأبصار، الجزءالثالث، دارعالمالكتب، الرياض، 2003، ص: 354

9. شرح الزرقاني علي صحيح الموطأ، الجزءالثاني، المطبعة الخيرية، ص: 85

10. سورة الفرقان، الآية: 2

11.  سورة القمر، الآية: 49

12. سورة الرحمن، الآية: 5

13. سورة يونس، الآية: 5

www.fanvai.info