އަދުގެ ޚާއްސަ

Print

ކޮވިޑް19ގެ މި ޙާލަތުގައި ވެސް ކަންކަން ހޯދައި ބަލައި ދިރާސާކުރުމީ އޮތްކަމެކެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިރާސާ

ޢަބްދުﷲ ރަޝީދު މ.ލިނެޓް

ފަތިހުގެ ތަރި، ނުވަތަ ކެތި، ފަތިހު އުދަވާން ފެށުމުން، ވަބާ ނުވަތަ ފެތުރޭ ބަލިބަލި އުފުއްލަވައިފާނޭކަމުގެ މައްޗަށް ހުރި، ނަބަވީ ބަސްފުޅުތައް ދިރާސީ ނަޒަރަކުން ދެނެގަތުމަށްޓަކައި، ބަލައި ދިރާސާކުރުމީ ނެތްކަމެއް ނޫނެވެ. ޚާއްޞަކޮށް މިއަދުގެ ޙާލަތާ ގުޅިގެން އެ ކަމުގެ މުހިއްމުކަން ބޮޑުކަމަށް ދެކެމެވެ. ކޮންމެ އަހަރެއްގެ މޭ މަހުގެ 6 ވަނަ ދުވަހަކީ، އަބަދު ވެސް ކެތި ލައިގަންނަ ދުވަހެވެ. 

އެހެނަސް ފަތިހުގެ ވަގުތުކޮޅުގައި ކެތި އުދަވެގެން ފެންނަން ފަށާނީ މޭމަހުގެ 20 ގައި، ރޯނު ނަކަތް ލައިގަތީމައެވެ. އަދި ފަތިސް ވަގުތަށް، ކެތި އުދަރެހުން ފާޅުވެ އުދަވާން ފަށާނީ، އަބަދުވެސް މޭ މަހުގެ 26 ވަނަ ރެއިން ފެށިގެންނެވެ. ކެއްޗަކީ ހަނދުގެ މަންޒިލްތަކުން (الثّريّا) އޭ ކިޔޭ މަންޒިލެވެ. އެ މަންޒިލް ނުވަތަ ނަކަތް، ސާބިތުވެގެންވަނީ "އިސަބަ" ރާހީގެ (ނުވަތަ ثور /  Tauras) ބުރުޖުގެ 14 ދަރަޖައިން ފެށިގެންނެވެ. ސައުރު ބުރުޖުގެ 14 ވަނަ ދަރަޖަ މާލެއަށް އުދަވާނީ އަބަދުވެސް މޭމަހުގެ 26 ވަނަރޭގެ 4:34 އިން ފެށިގެންނެވެ. މިހާރު ހިނގަމުން މިދަނީ އެ ދުވަސްކޮޅެވެ. 

އެހެންކަމުން، ފަތިހުގެ ތަރި، އުދަވުމާ ގުޅޭ ގޮތުން ރިވާވެގެންވާ ޙަދީސްފުޅުތަކުގެ ދަރަޖައާމެދު ޢިލްމީ ގޮތުން ރައުޔު ތަފާތުވެގެންވީ ކަމުގައި ވިޔަސް، މި ވަގުތު މުޅި ދުނިޔެ ތަޙައްމަލު ކުރަމުން މިދާ ވަބާގެ މި ޙާލަތުގައި، އެ ބަސްފުޅުތަކުގެ މައްޗަށް ދިރާސީ ނަޒަރަކުން ބަލައިލުމީ ގޯހެއްކަމުގައި ވާނޭކަމަކަށް ނުދެކެމެވެ. 

މި މައުޟޫޢުގައި ވާރިދުވެފައިވާ ބައެއް ބަސްފުޅު ތިރީގައި ބަޔާންކޮށްލާނަމެވެ.

އިމާމު އަޙުމަދު، އެކަލޭގެފާނުގެ މުސްނަދުގެ 5105 ވަނަ ނަންބަރުގައި ބުޚާރީގެ ޝަރުޠުތައް ފުރިހަމަ ސަނަދަކުން، ޢުޘްމާން ބިން ޢަބްދުﷲ ބިން ސުރާޤާގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. މޭވާ ވިއްކުމާ ބެހޭގޮތުން އަހުރެން ޢަބްދުﷲ ބިން ޢުމަރު رضي الله عنه އަރިއަހުގައި ސުވާލު ދެންނެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު صلى الله عليه وسلم ވަނީ ބަލިމަޑުކަން ފިލައިގެން ދާންދެން، މޭވާ ވިއްކުން މަނާ ކުރައްވާފައެވެ. އަހުރެން ދެންނެވީމެވެ. އެއީ، ކޮން އިރަކު ތޯއެވެ؟ އެކަލޭގެފާނު ވިދާޅު ވިއެވެ. އެއީ ކެތި އަރާންދެނެވެ. 

އަދި އިމާމު އަޙުމަދު އެކަލޭގެފާނުގެ މުސްނަދުގެ 9039 ވަނަ ނަންބަރު އަބޫ ހުރައިރާ رضي الله عنهގެ އަރިއަހުން ރިވާކުރައްވާފައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްފުޅު ކުރެއްވިއެވެ. "ފަތިހުތަރި (ބަޔެއްގެ މައްޗަށް) އަރައިފިއްޔާ، މާތްﷲ އެބައިމީހުންގެ ކިބައިން ބަލިމަޑުކަން ނުގެންދަވައި، ނުވަތަ ލުއިނުކުރައްވައި ނުދާނެއެވެ.

ޢަބުލްޢައްބާސް ޢަބްދުލްއިލާހު އަލްޢައްބާސީ ވިދާޅުވިއެވެ. [އަހުރެން ތާރީޚު ފޮތްފޮތާއި މަޝްހޫރު މީސްމީހުންގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ފޮތްތައް ހޯދައި ބެލުމަށްފަހު އަހުރެންނަށް ބުރަވެވެނީ ޙަދީސްފުޅުގައި (ބަލިމަޑުކަމުގެ ވާހަކަ) އައިސްފައިވަނީ ޢާއްމުކޮށް ކަމަށެވެ. އޭގެ ތެރޭގައި ޠާޢޫނާއި ވަބާތައް ވެސް ހިމެނޭ ކަމަށެވެ. ފަހެ، މި ބަލިތައް މީސްތަކުންނަށް ޖެހި، ބަލިތައް ފެތުރިފައިވާ ދުވަސްވަރާއި މޭމަހުގެ މެދު ދިހައިގެ ތެރޭގައި ފަތިހު ކެތި އެރުމާ ދިމާ ވެއްޖެނަމަ އެ ބަލި ލުއިވެއެވެ. ނުވަތަ ބަލި އެއްކޮށް އުފުއްލަވަތެވެ. މިއީ، އާދަކޮށް މާތްﷲ ކައުނުގައި ކަން ހިނގަވާފައިވާ ގޮތެވެ.]  

މި މައުޟޫޢުގައި ހުރި ބަސްފުޅުތައް އަދި ވެސް އެބަހުއްޓެވެ. އެހެނަސް މި މިންވަރުން މަޢުޟޫޢަށް ފުދެއެވެ. ޢަބުލްޢައްބާސް ޢަބްދުލްއިލާހު އަލްޢައްބާސީ ވިދާޅުވެފައި އެވާ ވިދާޅުވުމުގައި މޭ މަހުގެ މެދު ތެރޭގައި ފަތިހު ކެތި އުދަވުމީ ދާއިމަށް އެކަން ހިނގާ ގޮތެވެ. 

އެހެންކަމުން، އަދު ކުރިމަތި ވެފައިވާ މި ވަބާގެ ޙާލަތާއި، ފަތިހު ކެތި އުދަވުމުގެ މޫސުމުން ދިމާވި ހިނދު، އެ ބަސްފުޅުގެ މާނައިގައި ހިމެނޭ ބަލީގެ ބާވަތަކީ ކޮބައިތޯ ދިރާސާކޮށްފި ނަމަ، މި މައުޟޫޢުގައިވާ ޙަދީސްފުޅުތަކުގެ މުރާދުގައި ހިމެނެނީ، ދަނޑުފަނގާއި ގޮވާމަށް ޖެހޭ ބަލިތައްކަން، ނުވަތަ ޢާއްމު ބަލިތަކާއި، ވަބާއާއި ޠާޢޫނު ފަދަ ބަލިތައް ވެސް ހިމެނޭ ގޮތުންކަން، ދެނެގަތުމުގެ ފުރުޞަތު، އިތުރަށް ލިބޭނެއެވެ. ހޯދައި ބަލައި ދިރާސާކުރުމީ ނެތްކަމެއް ނޫނެވެ. ޙަދީސްފުޅުގައިވާ ބަލިތަކުގެ ބާވަތުގައި، ވަބާފަދަ ބަލިތައް ހިމެނޭ ނަމަ، އެއީ އުފާވެރި ޚަބަރެކެވެ. ތާރީޚީ ގޮތުން މިފަދަ ކަންކަން، ޙާލަތާއި މޫސުމާއެކު ތަޖުރިބާކުރާން ލިބުމަކީ، އަބަދު ލިބޭ ފުރުޞަތެއް ނޫނެވެ.

މި މޫސުމުގައި ފަތިހު ކެތި އުދަވާން ފެށިތާ، މަސްދުވަސް، 26 ޖޫންގައި ހަމަ ވާއިރު، ވަބާގެ ޙާލަތު އޮތްގޮތް ދެނެގަނެވިއްޖެނަމަ، ޙަދީސްފުޅުގައިވާ ބަލީގެ ބާވަތަކީ، ދަނޑުފަނގަށް ޖެހޭ ބަލިބަލީގެ ބާވަތްތައް އެކަނިކަމާމެދު، ނުވަތަ ވަބާއާއި ޠާޢޫނު ވެސް ހިމެނޭ ގޮތުންކަމާމެދު، އުފެދިފައި އޮންނަ ޚިލާފުން މިންވަރެއް، ދެނެގަނެވިދާނެ ކަމުގައި ދެކެމެވެ. އެއީ، މަސްދުވަހަކީ ވެސް އެކަށީގެންވާ މުއްދަތެއް ކަމުގައި ވާތީއެވެ. މިބަހަކީ، 30 ދުވަހަށް ވުރެ މުއްދަތު ކުރުވުން ނުވަތަ ދިގުވުން ނެތްކަމުގައި ކަނޑައަޅައިގެން  ދެންނެވި ދެންނެވުމެއް ނޫނެވެ.

ބަލި އުފުއްލެވުމީ ބަލި ވުޖޫދުން ނެތިދިއުން ނޫންކަމާއި މޫސުމީ ގޮތުން އެ ވަގުތަށް އެ ބައްޔެއް ލުއިވުމުގެ މާނަކަން ވިސްނުން ހުއްޓެވެ. ވެކްސިނެއް ފަދަ ފަރުވާއެއް އެންމެނަށް ލިބިދީގެން މެނުވީ ބައްޔެއް ޢާންމުކޮށް ފެތުރުން ހުއްޓިގެން ނުދާކަން ވެސް މަޒީއަށް ބަލާއިރު ދަންނާންވާނެއެވެ. ބަލިވުމުން ބޭސް ފަރުވާ ކުރަން އޮންނަނީ އެހެން ވެގެންނެވެ.

ކަންކަމުގެ މައްޗަށް ނަޒަރު ހިންގައި، ހޯދައި ބަލައި، ދިރާސާކޮށް ވިސްނައި ފިކުރުކުރުމީ، އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. (والله أعلم)

____________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ