ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (6)
މުޙަންމަދު ޝާހިދު ޙަލީމު
(07 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)
މ- އާދަމް ޒާހިރު (1964-)
އާދަމް ޒާހިރަށް ތަމްސީލުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ 1982 ހައި ހިސާބުގައި ކޮޕީ މުޙަންމަދު ރަޝީދު ޑައިރެކްޓުކުރެއްވި ތަމްސީލަކުންނެވެ.
އާދަމް ޒާހިރު އެންމެ ފުރަތަމަ ލިއުއްވި ތަމްސީލެއް ކަމަށް ފާހަގަކުރެވެނީ "ތިން ދޮގެ"ވެ. އެއީ 1986ގައެވެ. ނަމަވެސް އެ ތަމްސީލަކީ އުރުދޫ ބަހުން ކުރެއްވި ތަރުޖަމާއެކެވެ. އާދަމް ޒާހިރު އަމިއްލަ ޚިޔާލަށް ފުރަތަމަ ލިއުއްވި ކަމަށް ފާހަގަކުރެވޭ ދެ ތަމްސީލަކީ 1987 ގައި ލިއުއްވި "ހަމްދަރްދީ"އާއި "ނުދަންނަ ފަރާތެ"ވެ. މި ދެ ތަމްސީލު މިހައިތަނަށް އިސްޓޭޖެއްގައެއް ކުޅެފައެއް ނެތެވެ.
އާދަމް ޒާހިރަކީ ތަމްސީލު ލިއުއްވުމުގެ އިތުރަށް ތަމްސީލު ކުޅުއްވައި ޑައިރެކްޓު ކުރައްވާ ބޭފުޅެކެވެ.
ތަމްސީލުގެ ރޮނގުގެ އިތުރަށް ވާހަކަލިއުމާއި، ޅެންވެރިކަމުގެ ރޮނގުގައި ވެސް އާދަމް ޒާހިރު ގެންދަވަނީ ދިވެހި އަދަބަށް ޚިދްމަތްކުރައްވަމުންނެވެ.
ތިރީގައި މި ބަޔާންކުރަނީ އާދަމް ޒާހިރު ލިއުއްވައިފައި ވާ ކަން މިހައި ތަނަށް އެނގުނު އިސްޓޭޖު ތަމްސީލުތަކެވެ. މި ތަމްސީލުތަކުގެ ތެރެއިން ގިނަ ތަމްސީލުތަކަކީ މަދަރުސާތަކުގެ ދަރިވަރުން ކުޅުމަށް ލިއުއްވައިފައި ވާ ވަރަށް ކުރު ތަމްސީލުތަކެކެވެ.
ލިއުއްވި ތަމްސީލުތައް (ލިއުއްވި އަހަރާ އެކު)
1. ހަމްދަރްދީ. (4 ފަރުދާގެ ލޯބީގެ ތަމްސީލެއް.) 1987
2. ނުދަންނަ ފަރާތް. (ލޯބީގެ ތަމްސީލެއް.) 1987
3. އެ ދުވަސް ރަން ދުވަސް. (4 ފަރުދާގެ ލޯބީގެ ތަމްސީލެއް.)1987
4. ޤުރްބާނީ. (1 ފަރުދާގެ ލޯބީގެ ތަމްސީލެއް.) 1988
5. އޮޓޯފީތާ. (2 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1989
(މިއީ ސައިކުރާ އިބްރާހީމް ނަޢީމު ލިއުއްވި ވާހަކައެއް ތަމްސީލަކަށް ބަދަލުކުރައްވައިފައެވެ.)
6. ފަތުސަޓަނި. (2 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)1989
(މިއީ ސައިކުރާ އިބްރާހީމް ނަޢީމު ލިއުއްވި ވާހަކައެއް ތަމްސީލަކަށް ބަދަލުކުރައްވައިފައެވެ.)
7.ހުކުރު ކުރީ އެރި ރަންނަމާރި. (8 ފަރުދާގެ ތާރީޚީ ތަމްސީލެއް.)1989
8. އަތްދަށު ނޯކަރު. (2 ފަރުދާގެ ހެއްވާ ތަމްސީލެއް.)1990
9. ތުއްތު ދެ ކުދިން. (3 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)1990
(މިއީ އެހެން ލިއުންތެރިއެއްގެ (އެ ލިއުންތެރިއެއް ނޭނގޭ) ވާހަކައެއް ތަމްސީލަކަށް ބަދަލުކުރައްވައިފައެވެ.)
10. ލޯބީގެ ކުޅިފަސް. (5 ފަރުދާގެ ލޯބީގެ ތަމްސީލެއް.) 1991
11. ބަނބުކެޔޮ ފުރޭތަ. (1 ފަރުދާގެ ބިރުވެރި ތަމްސީލެއް.)1991
12. އުނގަނޑު ތަވީދު. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.) 1991
13. ގުއިދަރި. (3 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1991
14. ހާޖަރާގެ ހިތާމަ. (1 ފަރުދާގެ ހިތާމަވެރި ތަމްސީލެއް.)1991
(މިއީ މަލިމް މޫސާ ކަލޭގެފާނު ލިއުއްވި "ހަޖަރާގެ ހިތާމަ" ތަމްސީލަކަށް ބަދަލުކުރައްވައިފައެވެ.)
15.ތުކި. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.) 1992
16. ފަހަތުން އައި މާކަނާ. (2 ފަރުދާގެ ބިރުވެރި ތަމްސީލެއް.) 1992
17. ގުދޯގުދޯ. (3 ފަރުދާގެ ހެއްވާ ތަމްސީލެއް.) 1993
18. އިޞްލާޙު. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1993
19. ލެއި ޒަހަރަށް. (4 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1994
20. ލޯ ބިރުން އަރާމު. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.) 1995
21. ހިތި ނަތީޖާ. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1995
22. ގޮނޑުން ރަންވި ރަންގަނޑުދައިތަ. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)1996
23. ރުއްކުރިން ފެނުނު އަތްތިލަ. (2 ފަރުދާގެ ބިރުވެރި ތަމްސީލެއް.)1996
24. ދެ މަސް ފަހާ ދުވި ހިބަރު. (6 ފަރުދާގެ ލޯބީގެ ތަމްސީލެއް.) 1998
25. ކައިރީގައި ހުއްޓަސް ދުރުގައި. (6 ފަރުދާގެ ލޯބީގެ ތަމްސީލެއް.) 1999
26. ޤައުމީ ދުވަހުގެ ހަދިޔާ. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1999
27. ހަށިލޫޅާ. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 2000
28. މާކަނާ ޖާފަތް. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.) 2000
(މިއީ އެހެން ލިއުންތެރިއެއްގެ (އެ ލިއުންތެރިއެއް ނޭނގޭ) ވާހަކައެއް ތަމްސީލަކަށް ބަދަލުކުރައްވައިފައެވެ.)
29. ހިޔަލަ ކަމަނާ. (6 ފަރުދާގެ ލޯބީގެ ތަމްސީލެއް.) 2001
30. މާފަނި ބިރު. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 2003
31. ޑަކައިތު އިބިލީސް. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 2003
32. ބޯ ކާ ފުރޭތަ. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 2003
33. މިހެން މި ވަނީ ކީއްވެ. (4 ފަރުދާގެ ލޯބީގެ ތަމްސީލެއް.)(އަހަރު ނޭނގޭ.)
ނޯޓު: މަތީގައި ވާ ތަމްސީލުތަކުގެ އިސްކިރިޕްޓު ޗާޕުކުރެވިފައެއް ނެތެވެ.
ފ- އަޝްރަފް ޢަބްދުއްރަޙީމް (1965-)
އަޝްރަފް ޢަބްދުއްރަޙީމް ތަމްސީލާ މެދު ޝައުޤުވެރިވެވަޑައިގަތީ މަދަރުސާގައި އުޅުއްވި އިރުއެވެ. ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރައްވަން ފެއްޓެވީ ޖަމާލުއްދީން އިސްކޫލުގައި ދިވެހި މުދައްރިސަކަށް އުޅުއްވި އިރުއެވެ. ފުރަތަމަ ލިއުއްވި ތަމްސީލަކީ 1990 ގައި ލިއުއްވި "ހަންޑަވާޅި"އެވެ.
އަޝްރަފް ޢަބްދުއްރަޙީމް ތަމްސީލު ލިއުއްވުމުގެ އިތުރަށް އުރުދޫ ބަހުން ތަމްސީލު ތަރުޖަމާކުރައްވައިފައި ވެސް ވެއެވެ. އަދި އޭނާއަކީ ތަމްސީލު ޑައިރެކްޓުކުރައްވާ، ތަމްސީލު ކުޅުއްވާ ވެސް ބޭފުޅެކެވެ.
ތިރީގައި މި ބަޔާންކުރަނީ އަޝްރަފް ޢަބްދުއްރަޙީމް ލިއުއްވައިފައި ވާ ކަން މިހައި ތަނަށް އެނގުނު އިސްޓޭޖު ތަމްސީލުތަކެވެ.
ލިއުއްވި ތަމްސީލުތައް (ލިއުއްވި އަހަރާ އެކު)
1. ހަންޑަވާޅި. 1990
2. ބިއޯންޑް ޓޫ ތައުޒަންޑް. 1994
3. އެކަންޏެވެ. 1995
4. ޑަޔާނާގެ މަރު. 1998
ނޯޓު: މަތީގައި ވާ ތަމްސީލުތަކުގެ އިސްކިރިޕްޓު ޗާޕުކުރެވިފައެއް ނެތެވެ.
ދ- މުޙަންމަދު މުންތަޞިރު (1975-)
މުޙަންމަދު މުންތަޞިރު ތަމްސީލުގެ ތެރެއަށް ވެދެވަޑައިގަތީ މަޖީދިއްޔާ އިސްކޫލުގައި ތަޢުލީމު ޙާޞިލުކުރެއްވި އިރުއެވެ. އެއީ 1986 ވަނަ އަހަރު "އޮޓޯފީތާ" ކިޔާ ތަމްސީލެއް ކުޅުއްވައިގެންނެވެ. މާލެއިން ޖީސީއީ އޯ ލެވެލް ނިންމަވައިގެން އޭ ލެވެލް ހައްދަވަން ވަޑައިގަތީ ސިންގަޕޫރަށެވެ. ސިންގަޕޫރުގައި ހުންނެވި އިރު ތަމްސީލުގެ ރޮނގުން ފުރަތަމަ ޑިގްރީ ހޯއްދެވިއެވެ.
މުންތަޞިރު ލިއުއްވި ފުރަތަމަ ތަމްސީލަކީ މިޔާއޮއެވެ. އެއީ 1999 ވަނަ އަހަރުއެވެ. މުންތަޞިރަކީ ތަމްސީލު ލިއުއްވުމުގެ އިތުރަށް ތަމްސީލު ކުޅުއްވާ ތަމްސީލު ޑައިރެކްޓުކުރައްވާ ބޭފުޅެކެވެ. މުންތަޞިރު ޑައިރެކްޓުކުރެއްވި ތަމްސީލުތަކަކީ ރާއްޖޭގައި އޭގެ ކުރިން އިސްޓޭޖުގައި ތަމްސީލު ހުށައެޅި ގޮތާ ތަފާތުކޮށް ހުށައެޅި ތަމްސީލުތަކެކެވެ. އޭނާ ތަމްސީލު ހުށައެޅުއްވުމުގައި ރިއަލިސްޓިކްގެ ބަދަލުގައި ބޭނުންކުރެއްވީ އިސްޓައިލިޝްގެ އުސޫލެވެ.
ތިރީގައި މި ބަޔާންކުރަނީ މުޙަންމަދު މުންތަޞިރު މިހައިތަނަށް ލިއުއްވައިފައި ވާ އިސްޓޭޖު ތަމްސީލުތަކެވެ.
ލިއުއްވި ތަމްސީލުތައް (ލިއުއްވި އަހަރާ އެކު)
1. މިޔާއޮ. 1999
2. ފޫޅުދިގު ހަންޑި ވާހަކަ ވަނަވަރު. 2001
3. ކޮށި. 2002
ނޯޓު: މަތީގައި ވާ ތަމްސީލުތަކުގެ އިސްކިރިޕްޓު ޗާޕުކުރެވިފައެއް ނެތެވެ.
މަތީގައި ވާ ތަމްސީލު ލިއުންތެރީންގެ އިތުރަށް ވެސް، އެކިއެކި ތަމްސީލު ލިއުނު ކަމަށް ފާހަގަކުރެވުނު ތަމްސީލު ލިއުންތެރީންނާއި، އެ ލިއުންތެރީން ލިއުނު ތަމްސީލުތަކާއި، ތަމްސީލު ލިއުނު އަހަރު ތިރީގައި މި ވަނީއެވެ.
ތ- އާމިނަތު ޙުސައިން
1. ޙަޔާތުގެ ތަޖުރިބާ. (14 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) (އިސްކިރިޕްޓު ޗާޕުވެފައި.) 1959
ލ- މުޙަންމަދު ޒަކަރިއްޔާ ނައިފަރު
1. ތަޢުލީމު ދޭނީ ތަރުބިއްޔަތާ އެކުގައެވެ. 1961
2. އޮޅެމުންދާ އޮޅުމެއް. 1983
ގ- ޔޫސުފް މުޙަންމަދު ފުޅު
1. މިނިވަން ޖިހާދު. (ޅެމުން.) (ތާރީޚީ ތަމްސީލެއް.) (އިސްކިރިޕްޓު ޗާޕުވެފައި.)1981
2. ޝަހީދުންގެ ޖިހާދު. (ޅެމުން.) (ތާރީޚީ ތަމްސީލެއް.) (އިސްކިރިޕްޓު ޗާޕުވެފައި.)1982
3. ދިވެހިރާއްޖޭގެ ކުރިއެރުން (ޅެމުން.) (އިޖްތިމާޢީ ތަމްސީލެއް) (މި ތަމްސީލުކުޅުނީ ޓީޗަރުން ތަމްރީނުކުރާ ކޯހުގެ ފަސްވަނަ ބުރުގެ ބައިވެރީން ދާރުލްޢުލޫމުގައި.) (އިސްކިރިޕުޓު ޗާޕުނުވޭ.) 1982
ޏ- ޢަބްދުﷲ ޢަލީ ނައިފަރު
1. ދަރިވަރުންނާ މެދު ބެލެނިވެރީންގެ ޙިއްޞާ. 1982
ސ- މޫސާ ފަތުޙީ
1. އަންހެން ކުއްޖެއްގެ ބޮލުގެ އިސްތަށިގަނޑު. 1983
ޑ- ކަނީރު ޢަބްދުއްރަޙީމް
1. ވީސީއާރު. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1987
ޒ- ފީބޯ އަޙްމަދު މަނިކު
1. އަގުޅި ނެތް ކަންނެޔޮ. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.) 1987
ޓ- މުޙަންމަދު ނަޢީމު ޙުސައިން ނައިފަރު
1. މަންމަ. 1994
ޔ- ތަސްނީމު ސަޢީދު
1. ގެއްލުނު ޙަޔާތް 1995
ޕ- މުޙަންމަދު ޝާހިދު ޙަލީމު
1. ޚިދްމަތްތެރިޔާ. (1 ފަރުދާގެ އިޖްތިމާޢީ ހެއްވާ ތަމްސީލެއް.) (އިސްކިރިޕްޓު ޗާޕުވެފައި).1999
(މި ތަމްސީލު 1999 ގައި އިސްޓޭޖުގައި ކުޅެވުނަސް އިސްކިރިޕްޓު ޗާޕުކުރެވުނީ ޖަނަވަރީ 2000ގައި ފަތްތޫރައިގެ 250 ވަނަ އަދަދުގައެވެ.)
(ނުނިމޭ)