އަދުގެ ޚާއްސަ

Print

21 ޖޫން 2020 ގައި ހިފާ އިރުކޭތަ އާއި، އިރުކޭތައިން ދެނެގަނެވޭ ބައެއް ކަންކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

ޢަބްދުﷲ ރަޝީދު، މ.ލިނެޓް

މި ޖޫން މަހުގެ 5-6 އަށް ހިފައިދިޔަ ހަނދު ކޭތަ ނިމުމާއެކު، ދެން ކުރިއަށް އޮތީ 21 ޖޫންގައި ހިފާ އިރުކޭތަ އެވެ. 

ހިފާ ކޭތަ ފެންނަ މިންވަރާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. ނޫސްނޫހާއި ޢާންމުންގެ މެދުގައެވެ. އޭގެ ސަބަބުން ކޭތައާ މެދު ހާމަ ކުރެވޭ ޢިލްމީ ވާހަކަތަކުގެ މުޢުތަބަރުކަމަށް ހީނަރުކަން ފޯރައެވެ. 

އެހެންކަމުން ކޭތައެއް ފެނުމާއި، ފެންނަ މިންވަރާ ގުޅުން ހުރި އަސާސީ ސަބަބުތަކާއި ކޭތައާއި ގުޅިގެން އެނގޭ އަސާސީ ބައެއް ކަންކަމުން ކުޑަ މިންވަރެއް ހާމަކޮށްލާނަމެވެ. އޭރުން އެފަދަ ވާހަކަ ތަކުން އަރާ އޮޅުންބޮޅުން ފަސޭހައިން ދެނެގަނެވޭނެއެވެ. 

 އެއް ކޭތައެއް ފެންނަ ގޮތް އެކި ތަންތަނަށް އެއްވަރަކަށް ނުފެންނާނެއެވެ. ކޭތަ ހިފާ ގަޑިއާއި ފުރިހަމަވާ ގަޑިއާއި ވީއްލާ ގަޑިއާއި ކޭތައިގެ ދިގުމިނާއި ކޭތަ ފެންނަ މިންވަރު ވެސް ތަފާތު ވާނެއެވެ.

 މޫސުމީ ގޮތުން ޖައްވުގެ ސާފު ނުސާފުކަން ހުންނަ މިންވަރުން ކޭތަ ފެނުގައި ފޯރާ އަސަރު ފިޔަވައި، ރަށެއް ޢަރުޟާއި ޠޫލުގެ ގޮތުން އޮންނަ ތަނާއި، ކޭތަ ހިފައިފައި ހުންނަ ވަގުތު، އިރު ނުވަތަ ހަނދު ހުންނަ ޢަރުޟާއި ޠޫލުގެ ތަފާތުން، އެއް ކޭތަ، އެކި ތަނަށް ފެންނަ މިންވަރު، އަނެއް ތަނަކާ ތަފާތު ވާނެއެވެ. 

ކޭތައެއް ވަކި ތަނަކަށް ނުވަތަ ވަކި ރަށަކަށް ފެންނާނެ ގޮތުގެ މައްޗަށް ލިޔެފައި އޮންނަ ލިޔުމެއްގެ މައްޗަށް ބިނާކޮށް އަނެއް ތަނަކަށް، އެ ކޭތައެއް ފެންނަ މިންވަރު ވެސް ތަފާތު ވާނެއެވެ.

 ބަޔާންވެ ދިޔަ ކަންތައްތަކަށް ވިސްނައިފިނަމަ، ވަކި ތަނަކަށް ކޭތައެއް ފެނުމުގެ ވާހަކައެއް ލިޔެފައިވާ ލިޔުމެއްގައިވާ ގޮތަށް އަނެއް ތަނަކަށް، އެ ކޭތަ ފެންނަ މިންވަރާއި ދިގުމިނާއި ހިފާ ގަޑިއާއި ފުރިހަމަވާ ގަޑިއާއި ވީއްލާ ގަޑި ވެސް އެއްގޮތް ނުވާނެކަން ހާމަވާނެއެވެ. 

މައްސަރެއް ފެށުމުގައި އޮޅުމެއް އަރާފައި ނުވާނަމަ އަބަދުވެސް އިރުކޭތަ ހިފާނީ ހަނދުމަހުގެ 29 ވަނަ ދުވަހެއްގެ ވަގުތެއް ގައެވެ. އިރުކޭތައަކީ، އާ މަސް ފެށުމަށް "އެއްއުއި" (އިޤްތިރާން) ވެއްޖެކަން ސާބިތުވާ، ލޮލަށް ފެންނަ ޤުދްރަތީ ޢަލާމާތެވެ. އިރުކޭތައެއް ބިމަށް އެންމެ ފުރިހަމައަށް ފެންނަ ޕޮޒިޝަނަށް، އިރުކޭތަ ފުރިހަމަވާ ވަގުތަކީ، އެ މަހަކު އެއްއުއިވާ ވަގުތެވެ. އެއްއުއިވުމުން ހިނގަމުންދާ ހިޖްރީ މަސް ނިމުނީއެވެ. އެއްއުއިވާ ސިކުންތުން ފެށިގެން ދެން ހިނގަންފަށާ ފުރަތަމަ ސިކުންތަކީ، ހިޖްރީ އާ މަހުގެ ވަގުތު ތަކެވެ. އެއީ، ހިޖްރީ މަސްފެށޭ ޤުދްރަތީ ގޮތެވެ. 

އިސްލާމީ ގޮތުން އާ މަސް ފެށުމުގައި ބަލާ އުޞޫލަކީ، ހިނގަމުންދާ ހިޖްރީ މަހުގެ 29 ވަނަ ދުވަހު  ރަށަކަށް ނުވަތަ ޤައުމަކަށް އިރު އޮއްސޭ ވަގުތުގެ ފަހުން، ހަނދު އޮއްސޭކަން ކަށަވަރު ވެއްޖެ ނަމަ، ޖެހިގެން އަންނަ ދުވަހަކީ، ހިޖްރީ އާ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައެޅޭ އުޞޫލެވެ. އިސްލާމީ އުޞޫލުން އެ ކަން ކަނޑައަޅަނީ ހަނދުގެ ހުޅެވި ލޮލަށް ފެނުމުންނެވެ. މި ޒަމާނު އެ އުޞޫލުގައި ފަލަކީ ޙިސާބުން ބަލައިގެން އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭކަން ކަށަވަރުވުން ހިމަނައެވެ. އަދި އެ ރަށަކަށް އެ ދުވަހު އިރަށް ވުރެ ފަހުން، ހަނދު އޮއްސޭކަން ފަލަކީ ޙިސާބަށް ދައްކާ ރެޔަކު، އެ ރަށަކަށް ހަނދުގެ ހުޅެވި ނުފެނަސް އެފަދަ ރެޔަކު އިސްލާމީ ދައުލަތަކުން ހަނދު ލެއްވުމުން، އެއަށް ތަބާވުން ވެސް ހިމެނެއެވެ. 

އެއްއުއިވާ ވަގުތަކީ، 29 ވަނަ ދުވަހުގެ އިރު ރަށަކަށް އޮއްސުމުގެ ކުރީގެ ވަގުތެއް ނަމަ، އެ ރަށަކަށް އެ ދުވަހަކު ހަނދު އޮއްސޭނީ އިރަށް ވުރެ ފަހުންނެވެ. އެހެނީ، ހަނދާއި އިރާއި އެއްއުއިވުމަށް އިރާއި އަރައި، ހަނދު ހަމަކުރާނީ އަބަދުވެސް އިރުގެ ހުޅަނގު ފަރާތުން އައިސް އިރުގެ އިރުމައްޗަށް ހަނދު ފާސް ކުރާ ގޮތުގެ މަތީން ކަމުގައި ވާތީއެވެ. އެއީ، ބަދަލުނުވެ ދާއިމަށް އެކަން ހިނގާ ޤުދަރަތީ ގޮތެވެ. އެއްއުއިވުމުގެ ފަހުން ހަނދު، ނުވަތަ ހަނދުން މިންވަރެއް ވިޔަސް ހުންނާނީ އިރަށް ވުރެން އިރުމައްޗަށް ޖެހިފައެވެ. އެ ގޮތުން އިރުގެ އިރުމަތި ފަރާތަށް ހަނދު ޖެހިފައިހުރި މިންވަރުގެ ސަބަބުން، އެ ރަށަކަށް އެ ދުވަހު ހަނދު ޣާއިބުވާނީ އިރަށް ވުރެ ފަހުންނެވެ. މާނައަކީ، ހަނދު އިރަށްވުރެން  އޮއްސުން ފަސްވުމެވެ.

އެހެނަސް، ކުރިން ބުނެފައިވީ ފަދައިން އިރުކޭތައެއް އެންމެ ފުރިހަމައަށް ފެންނަ ތަނަށް، އެ ކޭތަ ފުރިހަމަވާ ވަގުތާއި އެ ތަނަކަށް އެ ދުވަހުގެ އިރު އޮއްސޭ ވަގުތުގެ ތަފާތު ކުޑަވެފައި، އެ ދުވަހު އިރާއި ހަނދުގެ ސެމީ ޑައިމީޓަރަށް ބަލާއިރު އިރަށްވުރެ ހަނދުގެ ސެމީ ޑައިމީޓަރު ކުޑަކަމަށް ވާނަމަ، ކޭތަ ފުރިހަމަވާ ވަގުތަށް ބަލާއިރު، އެ ދުވަހު އެ ރަށަކަށް އިރު އޮއްސޭ ވަގުތު ހަނދަށް އިރަށް ވުރެ ފަސްވެ އޮއްސުމުގެ ފުރުޞަތު ނުލިބި އޮއްސުމީ ވެސް ދިމާވާ ޙާލަތެކެވެ. އެހެނަސް، އިރަށް ވުރެ ހަނދު އެ ފަދަ ދުވަހަކު އޮއްސޭ މިންވަރުގެ އިސްފަސްކަމަކީ ފަލަކީ ޙިސާބަށް ސިކުންތާއެކު ދެނެގަނެވޭނެ ކަމެކެވެ. މި ޖޫންމަހުގެ 21 ވަނަ ދުވަހަކީ އިރަށް ވުރެ ހަނދުގެ ސެމީޑައިމީޓަރު 0.3 ކުޑަ ދުވަހެކެވެ. އެހެނަސް އިރާއި ހަނދު އޮއްސުމުގެ ތަފާތުގައި 10 މިނެޓަށް ވުރެ ބޮޑު ފަރަގު ހުރުމުން ހަނދަށް ފަސްވެ އޮއްސުމަށް ވަގުތު ތަންދިނީއެވެ.  

ހަނދުކޭތަ އަބަދު ވެސް ހިފާނީ، އޮޅުމެއް ނެތި، ފެށިފައިވާ ހަނދުމަހެއްގެ ސާދަ ވަނަ ދުވަސް ފުރިހަމަ ވުމުގެ ފަހުން ފަނަރަވަނަ ދުވަސް ފުރިހަމަ ވުމުގެ ކުރީގެ ވަގުތެއް ގައެވެ. ހަނދުކޭތަ ހިފުމާއި ކޭތަ ފުރިހަމަ ވުމާއި ވީއްލުމުގައި މައްސަރެއް ފެށުމާއި ނިމުމާއި ގުޅުމެއް ނުވެއެވެ. އެކަމަކު ހިނގަމުންދާ މައްސަރު ދެބައިވުމަކީ، ހަނދުކޭތަ ފުރިހަމަވުމެވެ. ހަނދުކޭތަ ފުރިހަމަ ވުމަކީ، ހިނގަމުންދާ މަސް ދެބައިވާކަމުގެ ލޮލަށް ފެންނަ ޤުދުރަތީ ޢަލާމާތެވެ. 

އިސްވެ ބަޔާންކުރެވުނު ފަދައިން، ކޭތައެއް ފެނުމުގައި ރަށެއް އޮންނަ ތަނާއި ކޭތަ ހިފާއިރު އިރު ނުވަތަ ހަނދު ހުންނަ ތަނުގެ ގޮތުން އެކި ތަންތަނަށް ކޭތަ ފެނުމުގައި ހުންނަ ތަފާތު ތިރީގައި ހިމަނައިލާނަމެވެ.

21 ޖޫން 2020 ގެ އިރުކޭތަ މާލެއަށް ހިފަން ފަށާނީ އެ ދުވަހު ހެނދުނު މާލޭ ގަޑިން 09:39 ގައެވެ. ކޭތަ ފުރިހަމަ ވާނީ 10:51 ގައެވެ. ކޭތަ ވީއްލާނީ 12:14 ގައެވެ. ކޭތަ ފުރިހަމަވާ އިންސައްތައަކީ، %25.96 އެވެ. ކޭތައިގެ ދިގުމިނަކީ 2 ގަޑި 36 މިނެޓެވެ. 

މި އިރު ކޭތަ ޕާކިސްތާނުގެ ކަރާޗީއަށް ހިފަން ފަށާނީ އެތާނގެ ގަޑިން 09:26 ގައެވެ. ކޭތަ ފުރިހަމަ ވާނީ 10:59 ގައެވެ. ކޭތަ ވީއްލާނީ 12:46 ގައެވެ. ކޭތަ ފުރިހަމަވާ އިންސައްތައަކީ، %92.95 އެވެ. ކޭތައިގެ ދިގުމިނަކީ 3 ގަޑި 20 މިނެޓެވެ. 

ހަމަ މި ކޭތަ އިންޑިއާގެ ނިއުދިއްލީއަށް ހިފަން ފަށާނީ އެ ތާނގެ ގަޑިން 10:20 ގައެވެ. ކޭތަ ފުރިހަމަ ވާނީ 12:01 ގައެވެ. ކޭތަ ވީއްލާނީ 13:48 ގައެވެ. ކޭތަ ފުރިހަމަވާ އިންސައްތައަކީ، %94.98 އެވެ. ކޭތައިގެ ދިގުމިނަކީ 3 ގަޑި 29 މިނެޓެވެ. 

މި ކޭތަ ސައުދީ ޢަރަބިއްޔާގެ މައްކާއަށް ހިފަން ފަށާނީ އެ ތާނގެ ގަޑިން 07:04 ގައެވެ. ކޭތަ ފުރިހަމަ ވާނީ 08:13 ގައެވެ. ކޭތަ ވީއްލާނީ 09:34 ގައެވެ. ކޭތަ ފުރިހަމަވާ އިންސައްތައަކީ، %77.98 އެވެ. ކޭތައިގެ ދިގުމިނަކީ 2 ގަޑި 36 މިނެޓެވެ.  

އޮމާންގެ މަސްކަތަށް މިކޭތަ ހިފަން ފަށާނީ އެތާނގެ ގަޑިން 08:14 ގައެވެ. ކޭތަ ފުރިހަމަވާނީ 09:39 ގައެވެ. ކޭތަ ވީއްލާނީ 11:19 ގައެވެ. ކޭތަ ފުރިހަމަވާ އިންސައްތަ އަކީ، %97.99 އެވެ. ކޭތައިގެ ދިގުމިނަކީ، 3 ގަޑި 5 މިނެޓެވެ. 

އިރުކޭތައިގެ އަޞްލަކީ، "އެއްއުއި" (އިޤްތިރާން) ވުމުގެ ސާބިތު ދަލީލެވެ. އެ ގޮތުން 21 ޖޫން 2020 ގައި ހިފާ އިރުކޭތައަކީ، މި ހިނގާ ޝައްވާލު މަހު، ދުނިޔެ ވަށައިގެން ހަނދު ޖަހާ ބުރު ފުރިހަމަ ކުރުމަށްފަހު، ޛުލްޤަޢިދާ މަސް ފެށުމަށްޓަކައި، އިރާ ދުނިޔެއާއި ދެމެދަށް ހަނދު ވަދެ އެއްއުއި ވުމުގެ ދަލީލެވެ. 

އިރާ ހަނދު ދުނިޔޭގެ ނިސްބަތުން، ސަރަޠާން ބުރުޖުގެ 00 ދަރަޖަ 21 ދަގީގާއި އެއްއުވާނީ، 21 ޖޫން 2020 ވަނަ ދުވަހު މާލޭގަޑިން 11:40 ގައެވެ. 

އެއްއުއިވާ ފަލަކީ ޕޮޒިޝަނަކީ، "އަދަ" ނަކަތެވެ. އަދަ ނަކަތް ހިމެނެނީ "މިތުނަ" ރާހީގެ ފަހުބައިގައާއި "ކަރުކަށަ" ރާހީގެ ފުރަތަމަ ބައިގައެވެ. "މިތުނަ" ރާއްސަކީ، "ޖައުޒާ" ބުރުޖެވެ. އިނގިރޭސިބަހުން "ޖެމިނީ" އެވެ. ކަރުކަށަ ރާއްސަކީ، "ސަރަޠާން" ބުރުޖެވެ. އިނގިރޭސިބަހުން "ކެންސަރ" އެވެ. 

21 ޖޫން 2020 ގެ އިރުކޭތައިން، އެއްއުއިވުމުގެ ދަލީލު ކަށަވަރުވާ ހެތްކަކީ. 22 ޖޫން 2020 ވަނަ ދުވަހަކީ، ޛުލްޤަޢިދާ މަހުގެ 1 ވަނަ ދުވަސްކަން ކަށަވަރު ވުމެވެ. އެކަން ކަށަވަރުވާ ދަލީލަކީ، 21 ޖޫން 2020 ވަނަ ދުވަހު މާލެއަށް ހަނދު އޮއްސޭނީ، އިރަށް ވުރެ 10 މިނެޓް 48 ސިކުންތު ފަހުން 18:29:54 ކަން ކަށަވަރު ވުމެވެ. އެ ދުވަހު މާލެއަށް އިރު އޮއްސޭނީ 18:19:06 ގައެވެ. މާލެއަށް އެދުވަހުގެ މަޣުރިބު ނަމާދު ވަގުތު، 18:20:00 ކަމުގައި ކަނޑައެޅުމުގައި އިތުރުކޮށްފައިވަނީ އިރު އޮއްސޭ ވަގުތަށް 54 ސިކުންތެވެ. 

އެދުވަހު އިރު އޮއްސޭ ވަގުތު، އުތުރު ދެކުނުގެ ގޮތުން އިރަށްވުރެ ހަނދު އުތުރަށް ޖެހިހުރި މިންވަރުގެ ކުޑަކަމުން ހަނދުގެ ހުޅެވި ފާޅުވާނީ ހަނދުގެ ތިރީ އަރިން ވަރަށް ހިމަ ކޮށެވެ. އެހެން ދިމާވާ މަސްމަހުގައި ހަނދު އިރަށް ވުރެ ބޮޑު ތަން އިރުމައްޗަށް ޖެހިފައި ހުރިނަމަވެސް، ހަމަލޮލަށް ހުޅެވި ފާޅުވެ ފެނުން ދަތިވާނެއެވެ. ފަސޭހައިން ހުޅެވި ލޮލަށް ފާޅުވަނީ އިރުގެ އުތުރަށް ނުވަތަ ދެކުނަށް ހަނދު ޖެހިފައި ހުރެގެން އޮއްސޭ މަސްމަހުގައެވެ. މި ނުކުތާގައި މޫސުމީ ހުރަސްތަކުގެ ވާހަކަ ނުގެނެޔަސް ހުޅެވި ހަމަލޮލަށާއި ވަސީލަތްތަކަށް ފެނުމުގައި މޫސުނީ ހުރަސްތަކުގެ ދައުރުން ކުޅެނީ ކުޑަ ދައުރެއް ނޫނެވެ. 

21 ޖޫންގައި އިރު އޮއްސޭ ވަގުތު، ދުރުމިއާއި ޓެލެސްކޯޕުން ބަލައިފިނަމަ، ހަނދު ފެނިފައިމެ ހަނދުގެ ތިރީ އަރިން ހުޅެވި ވަރަށް ހިމަކޮށް ފާޅުވާނެއެވެ. އިރާއި ހަނދު ވެސް އެދުވަހު އޮއްސޭނީ "ސިމާގު އަސްތަމާނު" ވީ ސަމުގާ މިޞްރާބުން (ނުވަތަ 293 ވީ މިޞްރާބަށެވެ.) އެ މިޞްރާބަށް ދުރުމިއާއި ޓެލެސްކޯޕުން ބަލާ މީހަކަށް ހަނދުގެ ހުޅެވި ފާޅު ނުވިޔަސް ހަނދު ފެންނާނެއެވެ.   

މިއީ، އިރުކޭތައެއް ހިފުމުގައި އެކުލެވިގެންވާ ކަންތައްތަކެވެ. 

______________________________________ 

ހަމަމިގަލަމުން

އިދާރާ

ވާހަކަ