އަދުގެ ޚާއްސަ

Print

މުޙަންމަދު ރަފީޢު ސާހަބުގެ އަޚްލާޤީ މަދަރުސާއިން...

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޝަޚްޞިއްޔަތު

 އާދަމް ނަޞީރު އިބްރާހީމް 

އިންޑިޔާގެ އެތައް ކުރޯޑު ރައްޔިތުންނެއްގެ ހިތްތައް މިލްކުރައްވާފައިވާ  މުޙަންމަދު ރަފީޢު (ރަފީ ސާހަބު)އަކީ ދިވެހީންނަށް ވެސް އިތުރު ތަޢާރުފަކަށް ބޭނުންވާ ވަރަށް ވުރެ ދިވެހީންގެ ތެރޭގައި މަޤުބޫލު މަޝްހޫރު ފަންނާނެކެވެ. އިންޑިޔާގެ މިޔުޒިކީ ފަންނުވެރީންގެ ގާތުގައި މުޙަންމަދު ރަފީޢަކީ އަޑުގެ މުޢުޖިޒާއެވެ. ރާގުގެ ރަސްގެފާނެވެ. މިޔުޒިކުގެ ފޭތާންބަރެވެ.  އިންސާނީ ވަންތަކަމާއި މާތް އަޚްލާޤުގެ ދިރިހުރި ސޫރައެވެ.  ފިކުރުތަކާއި ދީންތައް ގިނަ އެކި ކަހަލަ ތަފާތުކުރުންތަކާއި ނަސްލީ ހަނގުރާމަތައް ހޫނު އިންޑިޔާގައި މުޙަންމަދު ރަފީޢަށް ކޮންމެ ދީނެއްގެ ކޮންމެ މީހެއްގެ ހިތުގައި އިންތިހާ ލޯތްބާއި އިޙްތިރާމު މިލްކުވެގެންވެއެވެ. ސަބަބަކީ އޭނާގެ މާތް އަޚްލާޤެވެ.     

މި މަޒުމޫނުގައި ބަލައިލާނީ މުޙަންމަދު ރަފީޢުގެ ކުރު ތަޢާރުފަކަށާއި އޭނާގެ އަޚްލާޤާ ބެހޭ ގޮތުން ބައެއް މީހުން ތަޖުރިބާކޮށްފައިވާ ބައެއް ކަންކަމުގެ މައްޗަށެވެ. 

ވަނަވަރު

މުޙަންމަދު ރަފީޢަކީ ދީންވެރި އާއިލާއެއްގެ ސުންނީ މުސްލިމެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 24 ޑިސެންބަރު 1924 ގައި ލާހޯރުގައެވެ. ބައްޕައަކީ ޙާޖީ ޢަލީ މުޙަންމަދެވެ. މަންމަގެ ނަމަކީ ﷲ ރައްކީއެވެ. އަޚުންގެ ތެރޭގައި މުޙަންމަދު ޝަފީޢު، މުޙަންމަދު ދީން، މުޙަންމަދު އިސްމާޢީލް، މުޙަންމަދު އިބްރާހީމް، އަދި މުޙަންމަދު ޞިއްދީޤު ހިމެނެއެވެ. އުޚުތުންނަކީ ޗިރާޣު ބީބީ އާއި ރޭޝްމާ ބީބީއެވެ. މިޔުޒިކާއި ލަވަކިޔުމުގެ ފަންނާ ބެހޭ ގޮތުން މާ ބޮޑު ތަޢުލީމެއް ހޯއްދަވައިފައި ނުވާ ކަމަށް ރަފީޢުވިދާޅުވެފައިވެއެވެ. 

ރަފީޢުގެ ލޯބި ނަމަކީ ފީކޯ (Pheeko) އެވެ. ހޮބީއަކީ ކެރަމާއި ބެޑްމިންޓަން ކުޅުމެވެ. އަދި ގުޑި އެރުވުމެވެ. 

ލަވަ ކިޔުމުގެ ފަންނުގެ ތެރެއަށް ރަފީޢަށް ވެދެވަޑައިގެންނެވުނީ ވަރަށް ތުއްޕުޅު އިރުއެވެ. ރީތިކޮށް ލަވަކިޔާ ލޯފަން މީހަކު ލަވާ ކިޔާ އަޑު ރީތިފުޅުވެގެން ކޮންމެ ދުވަހަކުހެން އޭނާގެ ފަހަތުން މަގުމަތިން ހިންގަވާ ލަވަ އަޑު އެއްސެވިއެވެ. ދެން އެ ލަވަތައް ހިތްޕުޅުން ދަސްފުޅުކުރައްވައި ފަރިތަކުރެއްވިއެވެ. 

އެއް ދުވަހަކު ބަޔަކު އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ލަވަކިޔުމުގެ އިސްޓޭޖު ހަރަކާތެއް ކުރިޔަށް ދަނިކޮށް ކަރަންޓު ކެނޑުނެވެ. ގިނައިރުވާން ފެށީމާ މީހުންގެ ނުރުހުން އަންނާން ފަށައިފިއެވެ. އަޑު ގަދަވާން ފަށައިފިއެވެ. އޭރު ރަފީޢަކީ ވަރަށް ޒުވާން ކުޑަ ކުއްޖެކެވެ. ޒުވާން ރަފީއަށް ފުރުޞަތު ލިބުނީ މީހުން ހަންމަތަމަ ކޮށްލާން އިސްޓޭޖުގައި ލަވައެއް އިއްވާލާށެވެ. ދިވެހީން ބުނާ ގޮތަށް ނަމަ މައިކެއް ނެތި އިސްޕީކަރެއް ނެތި ހުސް އަނގައިންނެވެ. ޒުވާން ކުޑަކުޑަ ފަންނާނު މި ފުރުޞަތުގެ ބޭނުން ހިފިއެވެ. ޕޯޗުގީޒުންގެ ހަނގުރާމައިގެ މައިދާނަށް ކުނބުހިފައިގެން ފުންމާލަން ދަންޑެހެލަށް ލިބުނު ފުރުސަތުގައި ދަނޑެހެލު ކުނބުގެ ބޭނުން ހިފިހެންނެވެ. އެހެންކަމުން އެކަން ވެގެން ދިޔައީ ފަންނީ އުދަރެހަށް އުދުއްސައިގަންނާން ރަފީޢުގެ ނަސީބު އޭނާ އަށް ލިބިދިން ޖާދޫގެ ވަރަޔަކަށެވެ. 

ރަފީޢަށް ލިބިވަޑައިގެންފައިވާ  އެވޯޑު ގިނަގުނައެވެ. ޕަދްމާޝިރީ އެވޯޑު ފަދަ އެތައް އެވޯޑެކެވެ. 2016  ވަނަ އަހަރު އިންޑިޔާއިން ރަފީޢުގެ އިސްޓޭމްޕެއް ވެސް ތަޢާރުފުކޮށްފައިވެއެވެ. 

ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ ރަމަޟާން މަހެއްގެ ފަހުދިހައިގައި ރޯދަފުޅަށް ހުންނަވައެވެ. އެއީ 1980 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.     

ޒާތީ އަޚްލާޤު 

މުޙަންމަދު ރަފީޢުގެ އަމިއްލަ ޒާތު ނުވަތަ ޝަޚްޞިއްޔަތާ ގުޅިފައިވާ މާތް ސިފަތަކުގެ ތެރޭން ގިނަ ބަޔަކު ފާހަގަކުރާ އެއް ކަމަކީ ދުނިޔެވީ ހުތުރު މަޖާތަކާ ދުރު ޝަޚްޞިއްޔަތެއްކަމުގައިވުމެވެ. މަސްތުވާ އެއްވެސް އެއްޗެއް ބޭނުން ނުކުރައްވާކަން  ލަތާ މަންގެޝްކަރު ފާހަގަ ކުރެއެވެ. ދުންފަތުގެ އިސްތިޢުމާލެއް ނުކުރައްވައެވެ. ކުޑަ މިނުން ސުޕާރީ ނުވަތަ [ދުފުން] ވެސް އެއީ ކުރައްވާ އިސްތިޢުމާލެއް ނޫނެވެ. ހަމަ އެހެންމެ ފިލްމީ އެއްވެސް ޕާޓީއަކަށް ވެސް ދުވަހަކު ވެސް ރަފީޢު ވަޑައެއްނުގަނެއެވެ. ލަވަ ރެކޯޑު ކުރައްވައިފައި އަބަދު ވެސް އުޅުއްވާނީ ގޭގައެވެ. އަނބިކަނބަލުންނާއި ގޭތެރޭގެ ކުޑަ ކުދީންނާއެކު އޮންނަ ސަމާސާ އުފާވެރި އާއިލީ ވެށްޓެއްގައެވެ. މި ކަންކަމަށް އިޝާރާތްކޮށް ލަތާ މަންގެޝްކަރު ބުނެފައިވެއެވެ. [ރަފީ ސާހަބަކީ ނިކަން މާތް އިންސާނެކެވެ] 

އަނެކުންގެ ކުރިއެރުމަށް އެދުން

ރަފީޢުގެ ރީތި އަޚްލާޤުގެ ތެރެއިން މީހުން ވަރަށް ލޯބިވާ އަނެއް ސިފައަކީ އަނެކުންނަށް ހެޔޮ އެދުމުގެ ރީތި ސިފައެވެ. އަނެކުންގެ ކުރި އެރުމަށް ބާރު އަޅުއްވައި އެ ކަމަށް ހިތްވަރާއި އެހީތެރިކަން ދެއްވާ މިންވަރެވެ. އެ ގޮތުން ވަރަށް ގިނަ ފަންނާނުން ބުނެފައިވަނީ ތިމަންގެ ކުރިއެރުމުގެ އަސްލަކީ ރަފީޢު ސާހަބު ކަމަށެވެ. ހާދިސާއެއް ދަންނަވާ ނަމަ ކިޝޯރުކުމާރުގެ ހާދިސާއަކީ އާދަޔާ ޚިލާފު ވާހަކައެކެވެ. އެހެނީ ރަފީޢުގެ ތަރި އިންޑިޔާގެ ލަވަކިޔުމުގެ ފަލަކުގައި އެންމެ އުހުގައި ބަބުޅަމުން ދަނިކޮށް ކިޝޯރު ލަވަކިޔަން ފަށައިފިއެވެ. އޭރު އޭނާއަކީ ފިލްމުތަކުގައި ހެއްވާބައި ކުޅޭ މަޖާ އެކްޓަރެކެވެ. ލަވަ ކިޔާން ފަށައިގަތީ އޭނާގެ އަމިއްލަ ފާޑާ ގުޅޭ ގޮތަކަށެވެ. މަޤުބޫލުކަމުގެ އިންތިހާގައި އޮތް ރަފީޢުގެ ލަވަކިޔުމުގެ އޮމާން ރީތި ގޮތާއި ކިޝޯރުގެ ފަރާތުން މި ފެންނަ ގޮތާ، އުޑާއި ބިމާ ހައި ތަފާތެވެ. އެހެންކަމުން އެ މައިދާނަށް ކިޝޯރު ބަލައިގަތުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. އޭގެ ތެރެއިން އެއް ކަމަކީ ބައެއް ރޭޑިއޯ ޗެނަލްތަކުން ކިޝޯރުގެ ލަވަ ނުވެސް ފޮނުވުމެވެ. 

ރަފީޢަށް މި ކަން ފާހަގަކުރެއްވިގެން މި ފަދަ ރޭޑިޔޯ ޗެނަލަކަށް ވަޑައިގެން އަދި އެ ސްޓޭޓްގެ ސްޓޭޓް މިނިސްޓަރު އަރިހުން އެ ޕޮއިންޓްމެންޓެއް ހޯއްދަވައިގެން ބައްދަލު ކުރައްވައި މި ކަން ބަދަލު ކޮށްދެއްވިކަމަށް ވެއެވެ. 

ރޭޑިޔޯއިން ކިޝޯރުގެ ލަވަތައް ފޮނުވެން ފަށައިފިއެވެ. ކިޝޯރަށް ވީ އާދަޔާ ޚިލާފުކަމަކަށެވެ. ދެން ރޭޑިޔޯ ޗެނަލަށް ދިޔައީ ކިޝޯރެވެ. އެ ތަނުން ބުނީ މިނިސްޓަރު ވިދާޅުވެގެން ފޮނުވަން ފެށީކަމަށެވެ. ކިޝޯރު ބޭނުންވީ މިނިސްޓަރަށް ޝުކުރު ދެންނެވުމަށް ޓަކައި ފައިންޕުޅު ފެނޭތޯ ބަލާށެވެ. ފުރުޞަތު ލިބުނެވެ. ކިޝޯރު ވަރަށް އުފަލުން ވާހަކަ ދައްކައި ހުރިހައި ޝުކުރެއް އަދާކޮށް ނިމުނީމާ މިނިސްޓަރު ވިދާޅުވިކަމަށްވެއެވެ. މީ ސިއްރެކެވެ. ނުބުނާން ބުނެފައި އޮތް ވާހަކައެކެވެ. ނަމަވެސް ބުނާނަމެވެ. ޝުކުރު އަދާކުރަންވީ ތިމަންނައަކަށް ނޫނެވެ. ޝުކުރު ޙައްޤުވާ ޙަޤީޤީ ފަރާތް ބުނަންހެއްޔެވެ؟ ދެން ކަން ހިނގިގޮތް ކިޔައިދެއްވިއެވެ. މުޙަންމަދު ރަފީޢު އުފުއްލެވި ބުރައެވެ. ތިމަން މި ކަން މި ކޮށްދިނީ ރަފީޢު ސާހަބު ތިމަން ގާތަށް ވަޑައިގެން ވިދާޅުވީމާ ކަމަށް މިނިސްޓަރު ކިޝޯރަށް ވިދާޅުވިއެވެ. ކިޝޯރަކީ ކުރިއަރަމުން އަންނަ މޮޅު ލަވަކިޔުންތެރިއެއްކަމާއި ހިތްވަރު ބޭނުން ވާނެކަމާއި ފުރުޞަތު މުހިންމު ކަމާއި މި ފަދަ ނުކުތާތައް ރަފީޢު ހުށަހެޅުއްވިކަމަށްވެއެވެ. ފެންކަޅިވެފައިވާ ދެ ލޮލާއެކު ކިޝޯރު ދެން ހިނގައިގަތީ ރަފީޢު ސާހަބުގެ ގެކޮޅުގެ ދޮރުގައި ޓަކި ދިނުމަށެވެ. 

މުދަލާއި ފައިސާއާ ހުރި ދުރުކަން

ރަފީޢަކީ ވަރަށް ހެޔޮ އަގުގައި ލަވަކިޔައިދެއްވި ފަންނާނެކެވެ. އަދި އެ ކުންފުންޏެއްގެ ފެންވަރުން އެ ބަޔަކަށް ދެވެން އޮތް މިންވަރަކަށް ރުހިވަޑައިގަނެއެވެ. ހަމަ އެހެންމެ ވަރަށް ގިނަ ފަރާތްތަކުން ރަފީޢަށް ފައިސާ އަދާ ނުކޮށް އޮންނާނެ ކަމަށާއި އެއިން ވާހަކައެއް ނުވެސް ދައްކަވާނެކަމަށް ޖީތެންދުރާ ބުނެފައިވެއެވެ. ފައިސާއާ ބެހޭ ގޮތުން އޭނާ ފާހަގަކުރި އެއް ހާދިސާއެއްގައި ވެއެވެ. ޖީތެންދުރާ ހިމެނިގެން ކުރިޔަށް ދިޔަ ފިލްމެއްގެ މަސައްކަތުގައި ރަފީޢު ލަވައަކަށް ކިޔުއްވި އަގަކީ ހަތަރު ހާސް ރުފިޔާއެވެ. ފިލްމުގެ މަސައްކަތް ވަރަށް ދިގުލައިގެން ގޮސް ނިމުނު އިރު ކިޝޯރު ކުމާރުގެ ލަވަ ވެސް ހުއްޓެވެ.  ކިޝޯރު އަގު ކީ ލަވަޔަކަށް އަށާރަ ހާސް ރުފިޔާއެވެ. މި ކަމުގައި އެ ފާއިތުވި  ދިގުމުއްދަތުގައި ބާޒާރުގައި އަގުތަކަށް އައި ބަދަލުތައް ވެސް ހިމެނެއެވެ. ކޮންމެޔަކަސް ތިމަންމެން ރަފީޢު ސާހަބަށް އަށާރަ ހާސް ރުފިޔާ ފޮނުވީމެވެ. ވަގުތުން ފޯނު ކުރައްވައިފިއެވެ. އެއްސެވިއެވެ. ހާދަ ގިނަ ލާރިއެކެވެ. ކޮންކަމެއް ހެއްޔެވެ؟ ތިމަން ތަފުޞީލު ދެންނެވީމެވެ. ފާއިތުވި މުއްދަތާއި ބާޒާރުގެ އަގުތަކަށް އައި ބަދަލާއި ކިޝޯރުގެ އަގާއި މި ހުރިހައި ވާހަކައެއް ދެންނެވީމާ ވެސް ހަމަ ހިނިފުޅުވަޑުވައިލައްވާފައި ވިދާޅުވީ ބޭނުންފުޅުވަނީ އެއްބަސް ވެވުނު އަގުކަމަށެވެ. ދެން އެބައި ނަންގަވާފައި އަނެއް ސާދަހާސް ރުފިޔާ އަނބުރާ ފޮނުވައިލެއްވިއެވެ. 

ލަތާ ކިޔާ ދެއެވެ. ތިމަންނައާއި ރަފީ ސާހަބާ ދެމެދު މައްސަލައެއް ޖެހުނެވެ. އެއީ ތިމަން ހުށަހެޅި މައްސަލަޔަކަށް ރަފީ ސާހަބު އިންކާރު ކުރެއްވީމާ ތިމަންނައަށް އެ ގޮތް ކަމު ނުދިޔުމެވެ. އެ މައްސަލައަކީ ރޯޔަލްޓީގެ މައްސަލައެވެ. ލަވަ ރެކޯޑުކުރުމަށް ފަހު، ޕްރޮޑިއުސަރުން ތިމަންމެންނަށް އަގުދެއެވެ. އެ އަށް ފަހު ދެން އެ ލަވަޔަކަށް ލިބޭ އެއްޗެއް ނޯވެއެވެ. އެކަމަކު ޕްރޮޑިއުސަރަށް އަބަދު ހުންނަނީ އެ ލަވަޔަކަށް ލާރި ލިބިލިބިއެވެ. އެއްވެސް ރޭޑިޔޯ، ޓީވީ  ޗެނަލަކުން ލަވަ ފޮނުވަންޏާ ޕްރޮޑިއުސަރަށް އެ ލަވައަކަށް ލާރި ލިބެއެވެ. އެހެންވީމާ ތިމަން ބޭނުންވީ އެ ލާރި ލިބޭ މީހުންގެ ތެރޭގައި ލަވަކިޔުންތެރީން ވެސް ހިމެނޭށެވެ. ތިމަން އެކަމާ ވަކާލާތުކޮށް ރަފީޢު ސާހަބަށް ދެންނެވީމެވެ. ނަމަވެސް ރަފީޢު ސާހަބު ވިދާޅުވިއެވެ. ލަވަޔަށް އަހަރެމެން ކިޔާ އަގު ލަވަ ރެކޯޑުކޮށް ނިމުނީމާ ޕްރޮޑިއުސަރުން އަހަރެމެންނަށް ދޭ ނޫންހެއްޔެވެ؟ ދެން އެ ނިމުނީ ނޫން ހެއްޔެވެ؟ 

ނައުޝާދު ހާމަކުރެއެވެ. ތިމަން ރަފީޢު ސާހަބު ލައްވައި އެއް ރެޔަކު ރެކޯޑު ކުރުވި ލަވައަކީ ﷲ ޚަލްޤުކުރެއްވި ތަކެތީގެ ތެރެއިން ރީތި ހިތްގައިމު އެތައް ތަކެއްޗެއްގެ ނަންތަކުން ކުރެހުން އެޅިފައިވާ ލަވައެކެވެ. ތަރިހަނދާއި މާމެލާމެއްޔެވެ. ކޮންމެޔަކަސް ލަވަ ނިންމާފައި ރަފީޢު ސާހަބު ވިދާޅުވިއެވެ. ދެން ދަނީ އިނގޭއެވެ. ތިމަން ދެންނެވީމެވެ. ސާހަބު ކިހިނެއް ވީ ތޯއެވެ؟ ވިދާޅުވިއެވެ. ޠަބީޢަތަށް ވަރަށް އާދަޔާ ޚިލާފު އަސަރުތަކެއް ކޮށްފިއެވެ. ތިމަން ދެންނެވީމެވެ. އަގު ހިއްޕަވައިގެން ވަޑައިގަންނަވާށެވެ. ވިދާޅުވިއެވެ. އަގެއް ވެސް ބޭނުމެއް ނޫނެވެ. ވަރަށް އަސަރުކޮށްފިއެވެ. ދެން ވަޑައިގެންފިއެވެ. 

އަނެކުންގެ އަބުރާއި ޢިއްޒަތް ސަލާމަތްކޮށްދެއްވުން

ރަފީޢުގެ އެކުވެރިޔަކު ކިޔައިދެއެވެ. އެއް ދުވަހަކު މަގުމަތިން ކާރުގައި ވަޑައިގަންނަވަމުން ކުއްލިޔަކަށް ކާރު މަޑުކޮށްލައްވައިފިއެވެ. ތިމަން ކާރުގައި އިނީމެވެ. ދެން ރަފީޢު ފައިބައިވަޑައިގަތެވެ. އަދި އިމާރާތެއްގެ އަސްކަނި ދަށުގައި ހިރަފުހާ ތަތްތެޅިފައި އިން މީހެއްގެ ގާތަށް އެބަ ވަޑައިގަނެއެވެ. އަންނައުނުތައް ވަނީ ފީވެ ފިނދިފައެވެ. ރަފީޢު ވަރަށް އަސަރާއެކު އޭނާއާ ވާހަކަދެއްކެވިއެވެ. ހާލު އޮޅުން ފިލުއްވާ ކާރަށް ލައްވައިފިއެވެ. އަދި ގެޔަށް ގެންނަވައި ގޭގައި އުޅޭ ޚާދިމުން ލައްވައި އޭނާ ސާފުކުރުއްވިއެވެ. އާ ހެދުން ލެއްވިއެވެ. މި މީހަކީ އެއް ދުވަސްވަރެއްގެ ލަވަކިޔުންތެރިއެކެވެ. ރަފީޢު ސާހަބާ އެކީގައި ވެސް ލަވަ ކިޔައިފައިވެއެވެ. އޭނާ އެ ހާލަށް ވެއްޓުނީ އޭނާ ކިޔައިދިން ގޮތުގައި ބަނގުރާގެ އަވާގައި ޖެހި ގެންނެވެ.  ރަފީޢު މަސައްކަތްކުރެއްވި އަލުން އޭނާ ދުނިޔެއަށް ގެންނެވޭތޯއެވެ. މި ގޮތަށް އެތައް ބަޔަކަށް އެހީތެރިވެދެއްވައެވެ. 

އެހެން މީހަކު ކިޔާދެއެވެ.  ބަޔަކު އިންތިޒާމު ކުރި މިޔުޒިކު ޝޯތަކެއްގައި ބައިވެރިވާން ތިމަންމެން ދިޔައިމެވެ. ރަފީޢު ސާހަބު ވަޑައިގަތެވެ. ފުރަތަމަ ރޭ ކުޅުނީ ތިމަންމެނެވެ. ވަރަށް ތަރުޙީބު ލިބުނެވެ. ދެވަނަ ރޭ ކުޅެން އޮތް މީހުންނާ އިންތިޒާމު ކުރާ ފަރާތާ މައްސަލައެއް ޖެހި އެ މީހުން އެ ރޭ ނުކުޅޭން ނިންމައިފިއެވެ. އިޝްތިހާރުކޮށް ޓިކެޓް ވިކި ހުސްވެފައިވަނިކޮށެވެ. އިންތިޒާމު ކުރާ ފަރާތަށް އިންތިހާ ބޮޑު ނުތަނަވަސް ކަމެއް ކުއްލިޔަކަށް ލިބިއްޖެއެވެ. ހާސްވެ ގޮތް ހުސްވެއްޖެއެވެ. އޭރު ރަފީޢު ސާހަބު ވަނީ ފުރާވަޑައިގަތުމަށް އެއަރޕޯޓުގައެވެ. އަމީތާބު ލަފާ ދިނީ ރަފީޢަށް ދެންނެވުމަށެވެ. އިންތިޒާމު ކުރި ފަރާތުން ބުނީ ތިކަން ކުރާނީ ވެސް ކިހިނެއް ހެއްޔެވެ؟ ލާހިކެއް ނޫނެވެ. އެންމެ ފަހުން އެ މީހުން ރަފީޢާ ހަމައަށް ވާޞިލުވީ ބޯޓުގައި އިންނަވަނިކޮށެވެ. އަމީތާބު އިސްވެ ދިޔައިމާ އެއަރޕޯޓުގެ މެނޭޖްމެންޓު އެ ފުރުޞަތު ވެސް ދެއްވައިފިއެވެ. ފުރާން ތައްޔާރުވެފައި އޮތް ބޯޓު ޑިލޭ ކޮށްގެންނެވެ. ބޯޓު ތެރެއިން އަމީތާބާއި އިންތިޒާމީންގެ އިސްކޮށް ކުރި މީހާ ފެނުމުން ރަފީޢަށް ލިބިވަޑައިގަތީ ބޮޑު ހައިރާންކަމެކެވެ. [ކޮން ކަމެއް؟] ރަފީޢު އައްސަވައިލެއްވިކަމަށްވެއެވެ. ޖަވާބު ދޭނެ ހިތްވަރު ވެސް ލިބުނީ ހަމައެކަނި އަމީތާބަށެވެ. ވެގެން އުޅޭ ގޮތާއި އައި ސަބަބު ކިޔައިދީ ނިމުނީމާ ހަމަ އެންމެންގެ މޫނަށް ބައްލަވައިލައްވާފައި ލުއި ހިނިތުންވެވަޑައިގަތުމަކާއެކު ތެދުވެވަޑައިގެން ދަބަސް ނަންގަވައިގެން އެ ހިންގަވައިގަތީއެވެ. އަވަހަށް ހިނގާށޭ ވިދާޅުވަމުންނެވެ. 

ދީންވެރިކަން

ރަފީޢު ދަންނަ މީހުން ބުނާ ގޮތުން ރަފީޢަކީ ޙަމްދުކުރުން ގިނަ ބޭފުޅެކެވެ. ދުނިޔެއާ ކާއިނާތާމެދު ފިކުރުކުރެއްވުން ގިނަ ބޭފުޅެކެވެ. ދީނުގެ އަޅުކަންތަކަށް ފަރުވާތެރިވެވަޑައިގަންނަވައެވެ. ހޭދަކުރެއްވުން ގިނައެވެ. ޙައްޖުވެވަޑައިގަތެވެ. 

މެހެންދުރަ ކަޕޫރު ކިޔައިދެއެވެ. ތިމަންމެން އެއް ފަހަރަކު ޝޯއަކަށް ދަތުރެއް ކުރީމެވެ. ރޭގަނޑުގެ ލަސް ވަގުތެއްގައި ތިމަންމެން ތިބި ހޮޓަލުގެ ޓެރަސް މައްޗަށް ރަފީޢު ސާހަބާ އެކީގައި ނިކުމެލީމެވެ. ވަރަށް މޫސޫން ރީތި ރެޔެކެވެ. ހަނދުވަރު ހިތްގައިމެވެ. ތަރިތަކުގެ ބެބުޅުން އުޖާލާއެވެ. ވައިރޯޅި މަޑެވެ. ފިންޏެވެ. ރަފީޢު ސާހަބު ފުން ނޭވާފުޅެއް ލެއްވިއެވެ. ވަށައިގެންވާ ކާއިނާތަށް ބައްލަވާ ލެއްވިއެވެ. މައްޗަށް ނަޒަރުފުޅެއް ދެއްވިއެވެ. ''ﷲ ގެ ކުޅަދުންވަންތަކަން ދެކެބަލާށެވެ!] ވިދާޅުވިއެވެ. އެ ރޭގެ މައުޟޫޢަކަށް ވެސް ވީ އެކަމެވެ. އަދި އެއަށް ފަހު އެކަލާނގެ ނިޢުމަތްތަކުގެ މަތިވެރިކަމުގެ މައްޗަށް ޝުކުރުގެ ސަޖިދައެއް ޖެއްސެވިއެވެ. 

ނިންމުން

މުޙަންމަދުގެ މާނައަކީ އެހެން މީހުންގެ މަދަޙައާއި ހެޔޮ އެދުން ލިބިގެންވާ މީހާއެވެ. ރަފީޢުގެ މާނައަކީ މަތިވެރިކަން ލިބިގެންވުމެވެ. މި ދެ ސިފަ ވެސް މުޙަންމަދު ރަފީޢުގެ ކިބައިގައި އެބަ ހުއްޓެވެ. އިޙްސާންތެރިކަމާއި އިޚްލާޞްތެރިކަން އޭނާގެ ކިބައިގައި ހުރީތީއެވެ. އަނެއްކުންގެ މައްޗަށް ހަސަދަވެރިކަމެއް ނެތް ސާފު ހިތެއްގެ ވެރިޔަކަށް ވީތީއެވެ. އެނެކުންގެ ރިހުންތަކަށް ފަރުވާދެއްވި ޙަކީމަކަށް ވީތީއެވެ. ދުނިޔޭގެ ހަޑި މިލައެއްގައި މެކިވަޑައިނުގެން ފިޠުރަތުގެ ޠާހިރުކަންމަތީ ދެމި ހުންނެވީތީއެވެ. ސާދާކަމާއި ސާފުކަން ހުރިހައި މާނައެއްގައި ފުރިހަމައަށް ހުރީތީއެވެ. އޯގާ ވަންތަ ﷲ މި ހިތްތިރި ނިޔަނެތި އިންސާނާގެ ފާފަތައް ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ރޫޙުފުޅު ލައްވާށިއެވެ! 

                ____________________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ