(9) ބަޞްރާގެ ޢާލިމު: ޤާޟީ އަބޫ ޢުމަރުލް އުޒައިދީ
އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅާއިދާމީހުންގެ ޗާބޫކުތަކުން އެމީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރަން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެމީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
އަބޫ ޢުމަރުލް އުޒްދީ ބޮޑުފުޅުވީ ޤާޟީންގެ ހިޔާވެއްސެއްގައެވެ. އެކަލޭގެފާނުގެ ބަފައިކަލުންނަކީ ވެސް ޤާޟީއެކެވެ. އަލްމަންޞޫރާ ސަހަރުގެ ޤާޟީ ކަމަށް އެކަލޭގެފާނު އިސްކުރެވުނީ ހިޖްރައިން 284ވަނަ އަހަރުގައެވެ. އެކަލޭގެފާނަކީ ވަރަށް ވަރަޢުވެރި ޒާހިދު ނަޒާހަތްތެރި ބޭކަލެކެވެ. އެކަލޭގެފާނުގެ އަތްޕުޅުމަތިން އެތައް ބަޔަކު ދީނީ ތަޢުލީމު އުނގެނިފައި ވެއެވެ.
ޤާޟީ އަބޫ ޢުމަރުގެ އަރިހުން ވަރަށް ގިނަ ޝައިޚުން ރިވާކުރެއްވިއެވެ. އެކަލޭގެފާނުގެ އަރިހުން ވަރަށް ގިނަ ބަޔަކު ޙަދީޘާއި ފިޤްހު ކިޔަވައިފައިވެއެވެ. އެކަލޭގެފާނުގެ ޢިލްމީ މަޖިލީހުގައި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އަބޫބަކްރުއް ނައިސާބޫރީ ، ކަނާތްޕުޅު ފަރާތުގައި އަބުލް ޤާސިމު ބިން މަނީޢު، ވާތްޕުޅު ފަރާތުގައި އިބްނު ޞާޢިދު އިށީނދެވަޑައިގެން ތިއްބެވިއެވެ.
އިބްނު ކަޘީރު ވިދާޅުވެފައިވާ ގޮތުގައި އެކަލޭގެފާނު އިއްވެވި އެންމެ ރަނގަޅު ނިޔާއަކީ އަލްޙައްލާޖުގެ ލޭ ހުއްދަވެއްޖެކަމަށް ވިދާޅުވެ އިއްވެވި ނިޔާއެވެ. އެއީ ހިޖްރައިން 309ވަނަ އަހަރުއެވެ. އަލްޙައްލާޖު ބަނދެގެން ޤާޟީ އަބޫ ޢުމަރު މުޙައްމަދު ބިން ޔޫސުފުގެ އަރިހަށް ގެނެވުނެވެ. އޭނާއާއެކު އޭނާގެ ބައެއް އެކުވެރީންގެ ގޭގައި ހުރި އޭނާގެ ބައެއް ފަތުވާ ފޮތްތައް ވެސް ގެނެވުނެވެ. އެ ފޮތްތަކުގައި ވެއެވެ. ޙައްޖުވުމަށް އެދޭ މީހަކަށް ޙައްޖަށް ދިޔުމަށް ނުކުޅެދުންތެރިވެއްޖެނަމަ ފަހެ އޭނާގެ ގޭގެ ގޯތިތެރޭގައި ގެއެއް ބިނާކުރާށެވެ. އެއްވެސް ނަޖިހެއް އެގެއާ ކައިރިނުކުރާށެވެ. އަދި އެގޭގެ އެތެރެއަށް އެކަކުވެސް ނުވަންނާށެވެ. ޙައްޖުގެ ދުވަސްތައް އައުމުން ތިން ދުވަހު ރޯދަހިފައި ގެފުޅުގެ ވަށައިގެން ޠަވާފު ކުރާ ގޮތަށް މި ގޭގެ ވަށައިގެން ޠަވާފު ކުރާށެވެ.އެއަށްފަހު ޙައްޖުވެރިން މަނާސިކުތައް އަދާކުރާގޮތަށް އޭނާގެ ގޯތިތެރޭގައި މި މަނާސިކުތައް އަދާކުރާށެވެ! އެއަށްފަހު 30 ޔަތީމުންނަށް ކާންދޭށެވެ! ދެން ކޮންމެ ޔަތީމަކަށް ހެދުމެއް ދޭށެވެ! އެއަށްފަހު ކޮންމެ ޔަތީމަކަށް ހަތް ދިރްހަމު ދޭށެވެ! މި ކަންކަން މި ގޮތަށް ކުރުމުން ޙައްޖުގެ މަނާސިކުތައް އަދާކުރެވުނު ފަދައެވެ.
އޭނާގެ ފަތުވާތަކުގައި އައިސްފައި ވެއެވެ. ވިދިވިދިން ތިން ދުވަހު ރޯދަ ހިފުމަށް ފަހު ހަތަރުވަނަ ދުވަހު ރޯދަވީއްލި މީހާ ރަމަޟާން މަހުގައި ރޯދަހިފުމަށް ފުދިގެންވެއެވެ. ރޭގަނޑެއްގައި ރޭގަނޑު ފެށޭ ހިސާބުން ފެށިގެންގޮސް ރޭގަނޑު ނިމޭ ހިސާބަށް ދާންދެން ދެ ރަކްޢަތުން ދެ ރަކްޢަތުން ނަމާދު ކުރިމީހާ ދެން ދުވަހަކު ނަމާދު ނުކުރިޔަސް އޭނާއަށް އެ ކަން ފުދިގެންވެއެވެ. އަދި ޝަހީދުންގެ ޤަބުރުސްތާނަކާ އަވަށްޓެރިވި މީހާއާއި ޤުރައިޝުންގެ ޤަބުރުސްތާނުތަކާ 10 ދުވަހު އަވަށްޓެރިވެ ނަމާދުކޮށް ދުޢާކޮށް ރޯދަހިފައި ރޮށިކޮޅަކާއި ލޮނުކޮޅެއްނޫން އެހެން އެއްޗަކުން ރޯދަ ނުވީއްލިމީހާ އޭނާގެ ޢުމުރުގެ ބާކީ އޮތް ދުވަސްތަކުގައި އެއްވެސް އަޅުކަމެއް ނުކުރިޔަސް ފުދިގެންވެއެވެ.
އެހިނދު ޤާޟީ އަބޫ ޢުމަރު ވިދާޅުވިއެވެ. "މިހިރަ މީހާއޭވެ! މިއީ ކޮންތާކުން ކަލެއަށް ލިބުނު ވާހަކަތަކެއް ހެއްޔެވެ. ؟ އޭނާ ބުންޏެވެ. މިއީ އަލްޙަސަނުލް ބަޞްރީގެ ކިތާބުލް އިޚްލާޞުން ލިބުނު އެއްޗެކެވެ. ޤާޟީ ވިދާޅުވިއެވެ. ((كذبت يا حلال الدم – ލޭ ޙަލާލު ވެފައިވާ މިހިރަ މީހާއޭވެ!ކަލޭ ދޮގު ހަދައިފީމެވެ. ހަސަނުގެ ކިތާބުލް އިޚްލާޞް މައްކާގައި އަހުރެމެން ކީމެވެ. ތިޔަ ވާހަކަތަކެއް އެ ފޮތަކު ނެތެވެ.)) އެހިނދު ވަޒީރު ޤާޟީއާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. ކަލޭގެފާނު އޭނާއާ ދިމާއަށް " ލޭ ޙަލާލުވެފައިވާ މީހާއޭ " ވިދާޅުވެއްޖައީމުއެވެ. މި ކަރުދާހުގައި އެ ގޮތަށް ލިޔުއްވާށެވެ! މި ގޮތަށް ފަށްފަށްކޮށް ވިދާޅުވެ ދެލިފުޅި ދެއްވިއެވެ. ދެއްވުމުން ޤާޟީ އެ ބަސްފުޅު ލިޔުއްވިއެވެ. އެ މަޖީހަށް ޙާޒިރުވި މީހުންގެ ނަންތައް ލިޔުއްވިއެވެ. އަދި މި ޙުކުން ތަންފީޒު ކުރުމުގެ ހުއްދަ ދެއްވުމަށް ވަޒީރު ޚަލީފާ އަލްމުޤްތަދަރުގެ އަރިހުން އެދިވަޑައިގަތެވެ. ތިންދުވަހުގެ ތެރޭގައި ޙައްލާޖުގެ މައްޗަށް ޙުކުން ތަންފީޒުކޮށް ޤަތުލު ކުރެވުނެވެ.
ޤާޟީ އަބޫ ޢުމަރުލް އުޒައިދީ އަވަހާރަވީ ހިޖްރައިން 320 ވަނަ އަހަރުގެ ރަމަޟާން މަހު ޢުމުރުފުޅުން 78 އަހަރުގައެވެ. އޭނާ ފަސްދާނު ލެވުނީ އޭނާގެ ގޭގައެވެ.
____________________________________