އަދުގެ ޚާއްސަ

Print

(10) ހާރޫނުއްރަޝީދުގެ ކިބިހިފުޅަށް ތަޝްމީތު ނުކުރެއްވި ޤާޟީ: ޢާފިޔަތު ބިން ޔަޒީދު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ  

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ  ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅާއިދާމީހުންގެ ޗާބޫކުތަކުން އެމީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރަން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެމީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

ޢާފިޔަތު ބިން ޔަޒީދު ބިން ޤައިސަކީ އަބޫ ޙަނީފާގެ ދަރިވަރެކެވެ. އެކަލޭގެފާނަކީ ޚަލީފާއިންދެކެ ބިރުފުޅުނުގަނެ ޢަދްލު އިންސާފު ޤާއިމުކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވި ޤާޟީއެކެވެ. 

އެއް ދުވަހަކު ޤާޟީ ޢާފިޔާ ހާރޫނުއްރަޝީދުގެ މަޖިލީހުގައި އިންނަވަނިކޮށް ޚަލީފާއަށް ކިނބިއްސެއް އެޅުއްވުނެވެ. އެހިނދު އެ މަޖިލީހުގައި ތިބި އެންމެން "يَرْحَمُكَ الله" އޭ  ބުންޏެވެ. ޢާފިޔާ ޤާޟީ ފިޔަވައެވެ. ހާރޫނުއްރަޝީދު މި ކަމާމެދު އަޖައިބުފުޅުވެގެން ޢާފިޔާއަށް ވިދާޅުވިއެވެ. ކަލޭގެފާނު يرحمك الله ވިދާޅުނުވީ ކީއްވެގެންތޯއެވެ؟ ޤާޟީ ޢާފިޔާ އެއްވެސް ޖެހިލުމެއް ނެތ ވިދާޅުވިއެވެ. މަނިކުފާނު الحمد لله  އޭ ވިދާޅެއް ނުވަމުއެވެ. ރަސޫލު ﷲ  ޙަދީސް ކުރައްވަނީ ކިބިއްސެއް އެޅި މީހާ "އަލްޙަމްދު ލިﷲ" އޭ ބުނެފިނަމަ އޭނާއަށް ރަޙްމަތް ލެއްވުމަށް ދުޢާކޮށްދިނުމަށެވެ. އެހިނދު އަމީރުލްމުއުމިނީން ވިދާޅުވިއެވެ. "ތިބާ މަސައްކަތަށް އެނބުރިދާށެވެ! އޭނާއަށް އެޅުނު ކިބިއްސަށް ވެސް ތިބާ ދުލެއް ނުދިނީމުއެވެ. ތިބާ އެހެން ކަމެއްގައި އޭނާއަށް ދުލެއް ނުދޭނެކަން ކަށަވަރެވެ."  

ޤާޟީ ޢާފިޔާ ޤާޟީކަމުން ވަކިވެ ވަޑައިގަތީ ވެސް މި ކަހަލަ ކަމެއްގައެވެ. ޤައުމުގެ ކަމުވޮށިވެގެންވާ ދެ ބޭކަލަކު މަސްއަލައެއްގައި ޤާޟީ ޢާފިޔާ އަރިހަށް ވަޑައިގެން އެ ދެ ބޭކަލުން ވެސް ދަޢުވާއަށް ބޭނުންވާ ހެކި ސާބިތުކޮށް ދެއްވިއެވެ. އެ ދެ ބޭކަނބލުން ޞުލްޙަވެ ވަޑައިގަންނަވަން އުއްމީދު ކުރައްވާތީ މަސްއަލައާމެދު ނިޔާ އިއްވުން އަނެއް ދުވަހަށް ފަސްކުރެއްވިއެވެ. ދެ ޚަޞްމުންގެ ތެރެއިން އެކަކަށް ރޯ ކަނދުރަކީ ޤާޟީ ޢާފިޔާ ވަރަށް ބޮޑަށް ފަރިއްކުޅުއްވާ ހިތްޕުޅުވާ އެއްޗެއްކަން އެނގިގެން ރޯ ކަނދުރުތަކެއް ހިފައިގެން ޤާޟީގެ އަރިހަށް ދިޔައެވެ. ޤާޟީގެ ހަށިފާރަވެރިޔާއަށް ރިޝްވަތު ދީގެން  ޤާޟީގެ މަޖިލީހަށް އޭނާ ވަނެވެ. އެހިނދު ޤާޟީ ތެދުވެވަޑައިގެން އޭނާ އެ މަޖިލީހުން ބޭރަށް ނެރުއްވިއެވެ. އަދި ޤާޟީގެ މަޖިލީހަށް ވެއްދި ހަށިފާރަވެރިޔާ ވެސް ވަޒީފާއިން ވަކިކުރައްވާ ފޮނުވައިލެއްވިއެވެ. ޤާޟީ ޢާފިޔާ ހަދިޔާ ޤަބޫލުނުކުރެއްވި ނަމަވެސް މި ހަދިޔާ ދޭން އުޅުމުގެ ސަބަބުން އޭނާގެ ނަޒާހަތްތެރިކަމަށް ނުބައި އަސަރެއް ކޮށްފާނެތީ ބިރުފުޅުން ޚަލީފާ ހާރޫނުއް ރަޝީދުގެ އަރިހަށް ވަޑައިގެން އިސްތިޢުފާ ދެއްވިއެވެ. 

__________________________________

އިދާރާ

އެނގޭތަ؟

ވާހަކަ