(12) ޢިއްފަތެރި ވަރަޢުވެރި ޤާޟީ: ޢަބްދުއްރަޙްމާނު ބިން ޒިޔާދު
އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފުރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެމީހުން ޙިމާޔަތްކޮށް ޢަދުލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދުލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
ޢަބްދުއްރަޙްމާނު ބިން ޒިޔާދު ބިން އަންޢުމުލް އިފްރީޤީ އަކީ ވަރަށް ވިސްނުންފުޅު ތޫނު ކޯފާ މަޑު ޤާޟީއެކެވެ. އެކަލޭގެފާނަކީ މުސްލިމުން ޤައިރުވާން ފަތަޙަކުރި ފަހުން މުސްލިމުންނަށް ލިބުނު އެންމެ ފުރަތަމަ ދަރިއެވެ. އެކަލޭގެފާނުގެ ބަފައިކަލުން ޒިޔާދު ބުނު އަންޢުމަކީ ޢުޤްބަތު ބިން ނާފިޢުގެ ލަސްކަރުގެ އިސް އަސްވާރެކެވެ.
އަލްޤާޟީ ޢަބްދުއްރަޙްމާނު ބިން ޒިޔާދު ދުނިޔެއަށް ވަޑައިގަތީ ހިޖްރައިން 64ވަނަ އަހަރުގައެވެ. އެކަލޭގެފާނުގެ ލަޤަބަކީ [އަބޫ ޚާލިދުލް އިފްރީޤީ] އެވެ.
އަލް ޤާޟީ ބިން ޒިޔާދު އިތުރަށް ތަޢުލީމު ޙާޞިލުކުރެއްވުމަށް ޓަކައި އިސްލާމީ މަޝްރިޤުގެ ޤައުމުތަކަށް ދަތުރުކުރެއްވިއެވެ. ޢިރާޤަށް ވަޑައިގެންނެވުމުން ޚަލީފާ އަބޫ ޖަޢުފަރުލް މަންޞޫރު ބަޣްދާދުގައި ހުންނެވުމަށް ދެންނެވިއެވެ.އެހެނަސް އޭނާ ވިދާޅުވިގޮތުގައި އޭނާގެ ފައިދާ އެފްރިކާއަށް މާ ބޭނުންތެރިއެވެ. އެހިނދު އަބޫ ޖަޢުފަރުލް މަންޞޫރު ޤައިރުވާނުގެ ޤާޟީކަމަށް އެކަލޭގެފާނު އިސްކުރެއްވިއެވެ. ޤައިރުވާނުގެ ކަންތައްތައް ބައްލައިލެއްވުމަށްފަހު އަލްޤާޟީ ޢަބްދުއްރަޙްމާނު ބިން ޒިޔާދު ޚަލީފާ އަބޫ ޖަޢުފަރުގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. [އޭ އަމީރުލްމުއުމިނީނޭވެ! މަނިކުފާނާ އެންމެ ދުރުގައި އޮތް ރަށްތަކުގެ ޙާލަތު ވަރަށް ނުބައެވެ. އަނިޔާވެރިކަން ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. މަނިކުފާނާ އަރިސްވި ވަރަކަށް މި ކަންތައްތައް ބޮޑުވެގެން ދާނެއެވެ.] ޚަލީފާ އިސްތަށިފުޅު ތިރިކޮށްލައްވައިފައި ޤާޟީއާ ދިމާއަށް ބައްލަވައިލައްވައި ވިދާޅުވިއެވެ. [ބޮޑުންގެ ޙާލަތު ކިހިނެއް ހެއްޔެވެ؟] ޤާޟީ ޢަބްދުއްރަޙްމާނު ދެންނެވިއެވެ. [ޢުމަރު ބިން ޢަބްދުލްޢަޒީޒު ވިދާޅުވިއެވެ. ވެރިމީހާ ބާޒާރެއްފަދައެވެ. އޭނާގެ ގާތަށް މީހުން އަންނާނީ އޭނާ ހޭދަކުރާ ގޮތަކަށެވެ. އޭނާ ހެޔޮ ކަންކަމަށް ހޭދަކުރާނަމަ އޭނާގެ ގާތަށް އޭގެ ހެޔޮކަން އަންނާނެތެވެ. އޭނާ ނުބައި ކަންކަމަށް ހޭދަ ކުރާނަމަ އޭނާގެ ގާތަށް އޭގެ ނުބައި ކަން އަންނާނެތެވެ.]
އިބްނު ޒިޔާދަކީ ޙައްޤުތައް އޭގެ ވެރިންނަށް ރައްދު ކުރެއްވުމުގައި ޖެހިލުން ކުޑަ ބޭކަލެކެވެ. އޭނާ ވިދާޅުވި މަޝްހޫރު ބަސްތަކުގެ ތެރޭގައި ވެއެވެ. [ޤާޟީގެ ގެއަށް ހަދިޔާ ވަންނަ ތަން ފެނިއްޖެނަމަ އެ ގެއިން އަމާނަތްތެރިކަން ބޭރަށް ނުކުމެއްޖެކަން ކަށަވަރެވެ.]
ޤާޟީ އިބްނު ޒިޔާދު ފަނޑިޔާރުކަމުގެ މަޤާމުގައި އަވަހާރަވަންދެން ހުންނެވިއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 121ވަނަ އަހަރުގެ ރަމަޟާން މަހުގައެވެ.
________________________________