އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމްކޮށްގަތުމަށް މަގެއް (1)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު

ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް

 

ސިލްސިލާގެ ކުރު ތައާރުފެއް

'ކީރިތި ޤުރުޢާނު ފަހުމްކޮށްގަތުމަށް މަގެއް' މިސިލްސިލާ ގެނެސްދިނުމުގެ ބޭނުމަކީ، މިސިލްސިލާއަށް ދެވިފައިވާ ނަމުން އިޝާރަތް ކުރެވޭ ފަދައިން، ކީރިތި ޤުރްއާނުގެ މާނަ ދެނެގަތުމަށް އެހީވެ ދިނުމުގެ ގޮތުން މަގެއް ކޮށައިދެވޭތޯ މަސައްކަތްކުރުމެވެ. ކީރިތި ޤުރްއާނުގެ ރިސާލަތަކީ، މެސެޖަކީ، ކޮބައިތޯ ދެނެގަތުމަށްޓަކައި އެހީތެރިކަމެއް ފޯރުކޮށް ދެވޭތޯ ބެލުމެވެ. 

ކީރިތި ޤުރްއާނު އެކުލެވިގެންވަނީ ބައިތަކަކަށް، ސޫރަތްތަކަކަށް، ބަހައިލެވިގެންނެވެ. މިއިން ސޫރަތެއްގެ މާނަ ވިސްނައި ފަހުމްކޮށްގަތުމަށްޓަކައި ދެނިގަންނަންޖެހޭ މުހިއްމު ކަންތައްތަކެއްވެއެވެ. ސޫރަތުގެ މައިގަނޑު މައުޟޫއާއި، އަދި އިތުރު އެހެން ޘާނަވީ މައުޟޫތައް ވާނަމަ، އެއީ ކޮބައިކަން ވެސް، ދެނެގަތުމެވެ. އަދި ސޫރަތް ބިނާކުރެވިފައިވަނީ ކިހިނެއްކަމާއި، އޭގައި އެކުލެވޭ ބައިތަކަކީ ކޮބައިކަމާއި އެބައިތަކުގައި އައިސްފައިވާ ވާހަކަތައް މައިގަނޑު މައުޟޫއުއާ ގުޅެނީ ކިހިނެއްކަން ވެސް ދެނެގަތުމެވެ. އަދި ސޫރަތުގައި އެކުލެވޭ މުހިއްމު މަފްހޫމު ތަކަކީ ކޮބައިކަން ފާހަގަކޮށް، އެމަފްހޫމުތަކުގެ މާނަ ދެނެގަތުމެވެ. އަދި ސޫރަތުގެ ނުވަތަ އާޔަތުގެ ސިޔާގަކީ، އޭގެ ތާރީޚީ، އިޖްތިމާއީ، ސިޔާސީ އޮނިގަނޑަކީ، ކޮބައިކަން ދެނެގަތުމެވެ. އަދި ބަލާލެވޭ ސޫރަތުން، މުއުމިނުންނަށް ލިބެން އޮތް ފިލާވަޅަކީ، ފައިދާއަކީ، ކޮބައިކަމާ މެދު ވެސް ވިސްނުމުގެ ނަޒަރު ހިންގާލަންޖެހެއެވެ. ކީރިތި ޤުރުއާން ފަހުމްކޮށްގަތުމަށްޓަކައި، އެހީތެރިވެދިނުމުގެ ގޮތުން ކޮށާލަން ގަސްދުކުރާ މަގުގައި، މަތީގައި ދެންނެވުނު ނުކުތާތަކުގެ އަލީގައި، ބަލާލަން ގަސްދުކުރަނީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ޖުމްލަ މާނައާއި މެސެޖަކީ ކޮބައިކަމާމެދުގައެވެ. 

ކީރިތި ޤުރްއާންގެ މާނަ ދެނެގަތުމުގެ މަސައްކަތުގެ ތާރީޚުގެ މައްޗަށް އަވަސް ކަޅިއެއް

މި މަސައްކަތް ފެށުމުގެ ކުރިން، ކީރީތި ޤުރުއާން ދެނެގަނެ ފަހުމްކޮށްގަތުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލަން ގަސްދުކުރަމެވެ. އެ މަސައްކަތުން ހިތްވަރު ލިބިގަނެ، ކީރިތި ޤުރުއާން ފަހުމްކޮށްގަތުމަށް މަސައްކަތް ކުރުމުގެ އެދުން، އެފޮތަށް ލޯބިކުރާ މީހުންގެ ހިތްތަކުގައި އަށަގަނުވައި ދިރުވޭތޯއެވެ. ސިލްސިލާގެ ފުރަތަމަ ބޮޅުގެ މައުޟޫއަކީ މިއެވެ. ކީރިތި ޤުރްއާނުގެ ތަފްސީރުގެ ތާރީޚަށް ވަރަށް ކުރުކޮށް ބަލައިލުމެވެ. 

ކީރިތި ޤުރުއާން ބާވާލައްވަން ފެށުނީ މައްކާގައެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ އުމުރުފުޅުން ގާތްގަނޑަކަށް 40އަހަރުފުޅު ގައެވެ. އެއީ އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމުގެ 10 ވަރަކަށް އަހަރު ކުރިންނެވެ. މީލާދީ ސަނަތުން 610ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ބާވާލެއްވުނީ އަލަޤް ސޫރަތުގެ ފުތަރަމަ ފަސް އާޔަތެވެ. "ކަލޭގެފާނު [މުހައްމަދުގެފާނު] ހެއްދެވި، ކަލާނގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ އިސްމުފުޅު [ނަންގަނެ، ފައްޓަވައިގެން] ކިޔަވައިވިދާޅުވެ، އުނގެނި ވަޑައިގަންނަވާށެވެ! އެކަލާނގެއީ ހުރިހާއެއްޗެއްމެ އުފެއްދެވި ކަލާނގެއެވެ. ގަނޑު ލޭކޮޅަކުން، އެކަލާނގެ، އިންސާނާ އުފެއްދެވިއެވެ. ކަލޭގެފާނު ކިޔަވައިވިދާޅުވެ، އުނގެނި ވަޑައިގަންނަވާށެވެ! ކަލޭގެފާނުންގެ ސާހިބުވަންތަ ކަލާނގެއީ އެންމެ ދީލަތިވަންތަ ކަލާނގެއެވެ. އެކަލާނގެއީ ގަލަން މެދުވެރިކޮށް (އެބަހީ، ލިޔެކިޔުން މެދުވެރިކޮށް) އުނގަންނައިދެއްވި ކަލާނގެއެވެ. އިންސާނާއަށް ނޭނގޭ ކަންތައްތައް (ލިޔެކިޔުން މެދުވެރިކޮށް)، އެކަލާނގެ، އޭނާއަށް އުގަންނައިދެއްވިއެވެ."  

ކިޔެވުމާ އުނގެނުމަށް ބާރުއަޅައި ކީރިތި ޤުރުއާނުގެ އެންމެ ފުރަތަމަ ބާވައިލެއްވުން ބާވައިލެއްވުމަށްފަހު، އޭގެ ތޭވީސްވަރަކަށް އަހަރުފަހުން، ހިޖުރައިން 11ވަނަ އަހަރުގައި ކީރިތި ޤުރްއާނުގެ އެންމެ ފަހުން ބާވާލެއްވުނު އާޔަތް ކަމުގައި ބެލެވޭ އާޔަތް ބާވާލެއްވުނެވެ. އަލްބަޤަރާ ސޫރަތުގެ 281ވަނަ އާޔަތެވެ. ކޮންމެ މީހަކުވެސް، ދުނިޔަވީ ހަޔާތުގައި، އޭނާގެ އަމަލުތައް ހެޔޮގޮތުގައި ބެހެއްޓުމަށް ހަނދާންކޮށްދީ އެކަމަށް ބާރުއަޅަމުންނެވެ.  "ކަލޭމެން، އެ ދުވަހަކަށް، ބިރުވެތި ރައްކާތެރިވެ ތިބޭހުށިކަމެވެ. ކަލޭމެން އެންމެން، އެދުވަހުން، (މާތް)ﷲގެ ހަޒުރަތަށް، (އަނބުރައި) ގެންދެވޭނޭ ދުވަހަށެވެ. އަދި އެއަށްފަހު، ކަލޭމެންގެ ކޮންމެ މީހަކަށް ވެސް (އެ މީހެއްގެ އަމަލުތަކުން) ލިބިގަތް ކަމެއްގެ ޖަޒާ، ފުރިހަމަ ގޮތުގައި، އެމީހަކަށް ދެވޭނެއެވެ. އެއްވެސް މީހަކަށް (ކުޑަކޮށް ވެސް) އަނިޔާވެރިވުމެއް، (ބޭއިންސާފުވެރިވުމެއް،) ނެތިއެވެ." މި އާޔަތް ބާވާލެއްވުނީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ނުވަ ވަރަކަށް ދުވަސް ކުރީންކަމަށް ބައެއް ހަދީސްތަކުގައި ރިވާވެގެން ވެއެވެ. އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތާއި އަދި އެންމެ ފަހުން ބާވާލެއްވުނު އާޔާތާ ދެމެދުގައި، 23 އަހަރުގެ މުއްދަތެއްގެ ތެރޭގައި، ކީރިތި ޤުރްއާނުގެ އާޔަތްތައް ބާވައިލެއްވި އެ ފޮތް ފުރިހަމަ ކުރެވުނެވެ. 

ކީރިތި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާއަކާއި އަދި ތަފްސީރެއް ލިޔުއްވި މުހައްމަދު އަސަދު ވިދާޅުވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ބާވައިލެއްވުނު ފޮތް، އާދެ، ކީރިތި ގުރުއާން، ހިމެނިފައިވަނީ ދުނިޔޭގެ ތާރީޚުގައި ހިނގައި ދިޔަ އެހެން އެއްވެސް ހާދިސާއެއް ނުކުރުވާ ފަދަ ބޮޑު ތައުސީރެއް އިންސާނާގެ ދީނީ، އިޖުތިމާއީ އަދި ސިޔާސީ ހަޔާތަށް ކުރުވައިފައެވެ. ތައުރާތާއި އިންޖީލު ފަދަ، މުގައްދަސު އެހެން އެއްވެސް ފޮތެއް ވިޔަސް، ނޫނީ ތާރީޚީ އެހެން އެއްވެސް ހާދިސާއެއް ވިޔަސް، ކީރިތި ޤުރުއާން، އެންމެ ފުރަތަމަ، އެ ބަޔެއްގެ މައްޗަށް އެ ފޮތް ބާވައިލެއްވުނު މީހުންގެ ހަޔާތަށް، ކުރުވިފަދަ ތައުސީރެއް ކުރުވައިފައެއް ނުވެއެވެ. ކީރިތި ޤުރުއާން އެ މީހުންގެ ހިތްތަކަށް ވިސްނުމާއި ފިކުރުކުރުމުގެ އިންގިލާބެއް ގެނައެވެ. އަދި ކިޔެވުމާއި އިލްމު އުނގެނުމުގެ އެދުން އެ މީހުންގެ ހިތްތަކުގައި އަށަގެންނެވިއެވެ. މި ކަމުގެ ނަތީޖާއަކަށްވީ، ކީރިތި ޤުރުއާން އެ ބަޔެއްގެ މައްޗަށް ބާވައިލައްވައި، އެ ފޮތަށް އީމާންވި ފުރަތަމަ ޖީލަށް ފަހު، ދެން އައި ތިން ހަތަރު ޖީލެއްގެ މުސްލިމުން، ދުނިޔެއަށް، އިލްމީ ބޮޑު އިންގިލާބެއް ގެނައުމެވެ. އަދި މި އިންގިލާބު، އަދުގެ ހުޅަނގުގެ އިލްމީ ކުރިއެރުމުގައި، މުހިއްމު ދައުރެއް އަދާކުރިއެވެ. ހުޅަނގުގެ ހަޟާރަތުގެ ބިންގާ ކަމުގައިވާ ޔޫނާނީ ޙަޟާރަތުގެ އިލްމީ ތަރިކަ ދިރުވައި ރައްކާކޮށް، އެ ތަރިކައަށް އިތުރު މުއްސަނދިކަން ގެނެސް، އެ ތަރިކަ ހުޅަނގަށް ފޯރުކޮށްދިނެވެ. އާދެ، މުސްލިމުންގެ ތެރޭގައި، މި ދެންނެވި އިލްމީ އަދި ފިކުރީ އިންގިލާބު ގެނައީ ކީރިތި ޤުރުއާނެވެ. އެ ފޮތުގައި ކިޔެވުމާއި އުނގެނުމަށް ބާރުއަޅައިފައި އޮތް އޮތުމެވެ. 

މި ހިސާބުން އުފެދޭ ސުއާލަކީ އިލްމީ ތަފާތު ރޮނގު ރޮނގުގައި އިލްމު އުނގެނި ކުރިއަށްދާން، ކީރިތި ޤުރުއާން، އެ ފޮތް އެންމެ ފުރަތަމަ ބަލައިގަނެ، އެ ފޮތް ކިޔެވި ޖީލުތަކަށް ހިތްވަރު ލިބުނު އިރު، ފަހުގެ ޖީލުތަކުގެ މުސްލިމުން، އަދި ވަކީން ޚާއްސަކޮށް، އަދުގެ މުސްލިމުން، އިލްމީ ރޭހުގައި ފަހަތަށްޖެހުނީ ކީއްވެބާއެވެ؟ އިހުގައި ކީރިތި ޤުރުއާންވެފައި އޮތީ އިލްމީ ގޮތުން ކުރިއެރުމަށް ބާރު އަޅައި ހިތްވަރުދޭ ފޮތަކަށެވެ. މިހާރު ކަންތައް އޮތީ މިހެން ބާވައެވެ؟ މި ސުއާލުތަކުގެ ޖަވާބު ހޯދައި ކަނޑައަޅައިލުމަކީ މި ލިޔުމުގެ މަގުސަދެއްނޫނެވެ. ނަމަވެސް، މި ސުއާލާ ދޭތެރޭ ވިސްނައިލުމަކީ މުހިއްމުކަމެއްކަން ފާހަގަކޮށްލުމުގެ ގޮތުން މި ސުއާލުތައް އުފުލައިލެވުނީއެވެ.

އެއްވެސް ޝައްކެއްނެތެވެ. ކީރިތި ޤުރްއާނުގައި ތަކުރާރުކޮށް، އެ ފޮތް އުނގެނި ދަސްކޮށް، އެ ފޮތުގެ އާޔަތްތަކާމެދު ވިސްނައި ފިކުރުކުރުމަށް، ބާރުއެޅިފައި އެބަ އޮތެވެ. މަތީގައި ނަންގަނެވި ދިޔަ، ޢަލަޤު ސޫރަތުގެ އާޔަތްކޮޅަށް ބަލައިލިޔަސް މި ކަން ފެނިގެންދެއެވެ. މީގެ އިތުރުން، ވިސްނައި ފިކުރުކުރުމަށާއި އިލްމު އުނގެނުމަށް ބާރުއަޅާ އެހެން އެތައްއެތައް އާޔަތެއް ވެސް ކީރިތި ޤުރުއާނުގައި ވާރިދުވެފައި ވެއެވެ. މިސާލެއްގެ ގޮތުން ދެތިން އާޔަތަކަށް އިޝާރަތްކޮށްލާނަމެވެ. އަލްއަންޢާމު ސޫރަތުގެ 98ވަނަ އާޔަތުގައި ކީރިތި ބާވައިލެއްވިފައިވަނީ 'ރަނގަޅަށް ފަހުމްކޮށް ވިސްނާ' ބަޔެއްގެ މައްޗަށް ކަމުގައި އައިސްފައި ވެއެވެ. އަދި ޔޫނުސު ސޫރަތުގެ 24ވަނަ އާޔަތުގައި އެ ފޮތް ބާވައިލެއްވިފައިވަނީ 'ވިސްނާ ފިކުރުކުރާ' ބަޔެއްގެ މައްޗަށްކަމުގައި އައިސްފައި ވެއެވެ. އަދި އައްނަޙްލު ސޫރަތުގެ 12ވަނަ އާޔަތުގައި އެ ފޮތް ބާވައިލެއްވިފައިވަނީ 'ބުއްދީގެ ހަމަތައް ބޭނުންކުރާ' ބަޔެއްގެ މައްޗަށް ކަމުގައި އައިސްފައި ވެއެވެ. އަދި އައްނިސާ ސޫރަތުގެ 82ވަނަ އާޔަތުގައްޔާއި ޞާދު ސޫރަތުގެ 29ވަނަ އާޔަތުގައި، ކީރިތި ޤުރްއާނުގެ އާޔަތްތައް އިޝާރާތްކުރާ މާނައަކީ ކޮބައިކަމާމެދު 'ތަދައްބުރު ކުރުމަށް'، 'ފުންކޮށް ވިސްނައި ފިކުރުކުރުމަށް' ގޮވައިލެވިފައި ވެއެވެ. މިއިން އެނގެނީ ކީރިތި ޤުރުއާނަކީ އުނގެނި ދަސްކުރާން އޮތް ފޮތެއްކަމެވެ. އެ ފޮތުގެ އާޔަތްތަކަކީ އެޔާ މެދު ވިސްނައި ފިކުރުކުރުމަށް އޮތް އާޔަތްތަކެއް ކަމެވެ. މި ކަން އަދައިގެން މަސައްކަތްކޮށްފި ކޮންމެ މީހަކަށްމެ، އެއީ ކުރެވިދާނޭ ކަމެއްކަން ވެސް މިއާޔަތްތަކުން ދޭހަވެއެވެ.  

އެއްވެސް ޝައްކެއްނެތެވެ. އެންމެ އިހުގައި މުސްލިމުން ކީރިތި ޤުރުއާން ކިޔަވައި އުޅުނީ އެ ފޮތް ވިސްނައި ފަހުމްކޮށްގަތުމަށްޓަކައެވެ. އިސްލާމީ ތާރީޚުގެ ސަފުހާތަކުން މި ކަން ވަރަށް ސާފުކޮށް އެނގޭން އެބައޮތެވެ. ހިޖުރައިން 8ވަނަ އަހަރު މައްކާ ފަތަހަކުރެވި، އެއާވިދިގެން އަރަބިކަރައިގެ ހުރިހާ ގަބީލާތައްހެން، އިސްލާމް ދީން ގަބޫލުކުރުމުން، އެ ގަބީލާތަކުގެ މީހުންގެ ގާތަށް، ކީރިތި ރަސޫލާ، ބައެއް އަސްހާބުބޭކަލުން، ފޮނުއްވިއެވެ. އެމީހުންނަށް ޤުރުއާން ކިޔަވައިދެއްވުމަށްޓަކައެވެ (ليقرئ عليهم القرآن). އަދި އެހެން ރިވާޔަތެއްގައި "އެ މީހުންނަށް ޤުރްއާން އުނގަންނައި ދެއްވުމަށްޓަކައެވެ (ليعلمهم)". މިދެ ރިވާޔަތް އަޅައިކިޔައިލުމުން، ކިޔަވައިދިނުމުގެ (ليقرئ)، 'ކިޔަވައިދެއްވުމަށްޓަކައި' މި އިބާރަތުގެ މާނައަކީ (ليعلم) 'އުނގަންނައިދިނުމަށްޓަކައި'ކަން ވަރަށް ސާފުކޮށް އެނގެއެވެ.  

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު، ކީރިތި ޤުރުއާން އުނގެނުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. އެ ދުވަސްވަރުގެ އިސްލާމީ އުއްމަތުގެ މައި ރަށްތަކުގައެވެ. ހިޖާޒުކަރައިގެ މައްކާއާއި މަދީނާގައެވެ. ޝާމްކަރާއިގެ ދިމިޝްގުގައެވެ. އިރާގުގެ ކޫފާއާއި ބަސްރާ އަދި ބަޣްދާދުގައެވެ. މިސުރުގެ ފުސްތާތުގައެވެ. (އިހުގެ ފުސްތާތުކަމުގައި ހިމެނުނު ރަށުގެ ސަރަހައްދު މިއަދު ހިމެނެނީ މިސުރުގެ ވެރިރަށް ގާހިރާގެ ތެރޭގައެވެ.) އަދި، ފަހުން އުތުރު އެފްރިކާގެ ރަށްތަކުގައްޔާއި އަންދަލުސް (މުސްލިމް ސްޕެއިން)ގައި ވެސްމެއެވެ. މި ރަށްރަށުގެ މިސްކިތްތަކުގައްޔާއި މަދަރުސާތަކުގައެވެ. މި މަސައްކަތްކުރެވުނު ގޮތުގެ ތަސައްވުރެއް، އަޅުގަނޑުމެންގެ އަތުގައިވާ ބައެއް އިސްލާމީ ފޮތްތަކުން ލިބެން އެބައޮތެވެ. ހަދީސްފޮތްތަކުގައި ލިޔެވިފައިވާ ޤުރުއާން ތަފްސީރާ ބެހޭ ބާބުތަކުންނެވެ. އަދި އިހުގެ ޤުރްއާން ތަފްސީރުތަކުން ވެސްމެއެވެ. 

އިހުގެ ތަފްސީރުތަކަށް ބަލައިލާއިރު އައްތަބަރީގެ (އަވަހާރަވީ310ހ./923މ. ގައި) ޖާމިޢު އަލްބަޔާން، އާއި އިބްނު ކަޘީރުގެ (އަވަހާރަވީ 774ހ./1373މ.) 'ތަފްސީރު އަލްޤުރްއާނި އަލްޢަޡީމް' އަދި އައްސުޔޫތީގެ 'އައްދުރް އަލް މަންޘޫރު' (އަވަހާރަވީ 910ހ./1505މ. ގައި) ފަދަ ކީރިތި ޤުރްއާނުގެ ތަފްސީރު ފޮތްތަކަށް ބަލައިލާއިރު، ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމަށްޓަކައި، އެންމެ ކުރީގެ ޖީލުތަކުގެ މުސްލިމުން ކުރި މަސައްކަތް، ކޮންމެވެސް ވަރަކަށް ނަމަވެސް، ފެންނާން އެބައޮތެވެ. މި ދެންނެވި ފަދަ ތަފްސީރުތަކުގައި ކީރިތި ޤުރްއާނުގެ އެކިއެކި އާޔަތްތަކާބެހޭ ގޮތުން، ފުރަތަމަ ދެތިން ޖީލުގެ މުސްލިމުންގެ - އަސްހާބުބޭކަލުންނާއި ތާބިއީ ބޭކަލުންނާއި އަދި ތަބައަ ތާބީއީ ބޭކަލުންގެ - ރައުޔުތައް ބަޔާން ކުރެވިފައިވެއެވެ. ކީރިތި ޤުރްއާނުގެ އާޔަތްތައް، އެބޭކަލުންނަށް ފަހުމްވެވަޑައިގަތް ގޮތާއި އަދި އެ ފަހުމްވުން ބިނާވެފައި އޮތީ ކޮންކަމެއްގެ މައްޗަށްތޯ، - ހަދީސެއް، ނުވަތަ، އަސަރެއްގެ މައްޗަށް ރިއާޔަތް ކުރެވިގެންތޯ ނޫނީ އެބޭކަލުންގެ އަމިއްލަ ވިސްނުންފުޅު ބޭނުކޮށް، ބަހާއި އަދި އެނޫން ވެސް އެ ކަންކަމުގެ މައްޗަށް ބަލައި، މާނަ ކަނޑައަޅައިލެވޭ އެކިއެކި ކަންތައްތަކުގެ މައްޗަށް ރިއާޔަތްކުރެވިގެންތޯ - ވެސް ފެންނާން އެބައޮތެވެ. މިއިން، އިހުގެ މުސްލިމުންގެ މެދުގައި، މިނިވަންކަމާއި ފޯރިއާއެކު، ކީރިތި ޤުރުއާން ފަހުމްކޮށް ދެނެގަތުމުގެ ގޮތުން ކުރެވުނު މަސައްކަތުގެ ތަސައްވުރެއް ހިތަށް ފެނިގެން ދެއެވެ.

ދެން އައި ގަރުނުތަކުގައި ވެސް، ހުއްޓުމެއްނެތި، ކީރިތި ޤުރްއާނުގެ އާޔަތްތައް ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. އަދި ކީރިތި ޤުރުއާނުގެ އާޔަތްތަކާ މެދު ތަފާތު ރޮނގުވަޅުތަކުން ބަލައި، ބަހުސްތައް ކުރެވެމުންދިޔައެވެ. ބަހުގެ ޤަވާއިދާއި އަދި ބަހުގެ އަދަބިއްޔާތުގެ ރޮނގުވަޅުތަކުން ބަލައިގެންނެވެ. އައްޒަމަޚްޝަރީގެ (އަވަހާރަވީ 538ހ./1144މ. ގައި) 'އަލްކައްޝާފާއި' އަބޫ ހައްޔާނު އަލްޣަރްނާޠީގެ (އަވަހާރަވީ744ހ./1344މ.ގައި) 'އަލްބަހްރު އަލްމުޙީޠު' މި ދެތަފްސިރު ފޮތުން މި ކަން ފެނިގެންދެއެވެ. ކީރިތި ޤުރުއާނުގައި އެކި ކަންކަމާބެހޭ ގޮތުން އައިސްފައިވާ ހުކުމްތައް ދެނެގަތުމުގެ މައްޗަށް ބުރަވެ، އެ ރޮނގުވަޅުން ބަލައިލެވިގެން ވެސް ތަފްސީރުތައް ލިޔެވުނެވެ. އަލްޤުރްތުބީގެ (އަވަހާރަވީ 671ހ./1273މ. ގައި) އަލްޖާމިއު ހިމެނިފައިވަނީ މި ގޮތުން ލިޔެވިފައިވާ އެންމެ މަޝްހޫރު އެއް ތަފްސީރު ފޮތްކަމުގައެވެ. އިލްމީ އަދި ފަލްސަފީ ރޮނގުވަޅަކުން ބެލެވިގެން ވެސް ތަފްސީރުތައް ލިޔެވުނެވެ. މި ގޮތުން ލިޔެވުނު އެންމެ މަޝްހޫރު ތަފްސީރެއް ކަމުގައި ހިމެނިފައި އޮތީ ފަޚްރުއްދީން އައްރާޒީގެ (އަވަހާރަވީ 605ހ./1209މ.ގައި) 'މަފާތީހު އަލްޣައިބް'، ނުވަތަ، މަޝްހޫރު ނަމުން ނަމަ، 'އައްތަފްސީރު އަލްކަބީރު'، އާދެ، 'ބޮޑު ތަފްސީރެ' މި ފޮތެވެ. އައްރާޒީ ދެކިލެއްވި ގޮތުގައި، ކަމެއްގެ ހަގީގަތް ހޯދާން މަސައްކަތްކުރާ މީހަކަށް، ހަގީގަތާ ހަމައަށް ވާސިލުވެވޭނީ މާތްﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދިއާއި ސިކުނޑީގެ އަލީގައެވެ. އޭނާގެ ކިބައިގައިވާ އުނގެނުމާއި ވިސްނުމާއި އަދި ފިކުރުކުރުމުގެ ބާރާއި ގާބިލިއްޔަތު ބޭނުންކޮށްގެންނެވެ. އަދި، އެއަށްފަހު، ކިޔާ، އިވޭ، އެއްޗެއް ފަހުމުކޮށް، އެއާ މެދު ބިނާކުރަނިވި ފާޑުގެ ނަޒަރުން ބަލައި، އޭނާގެ އަމިއްލަ ޚިޔާލާއި ރައުޔު ފާޅުކޮށް ކަންކަމާ ދޭތެރޭ ގޮތްކިޔައިގެންނެވެ. އޭނާގެ ތަފްސީރު ބިނާކުރެވިފައިވަނީ މި އުސޫލުގެ މައްޗަށެވެ. އަދި އެ ދުވަސްވަރުގެ ބައެއް އިލްމީ ވާހަކަތައް ވެސް، އާޔަތްތަކުގެ މާނަ ބަޔާންކޮށްދިނުމުގައި އޭނާގެ ތަފްސީރުގައި ގެނެވި، ހިމެނިފައި ވެއެވެ. އޭނާގެ ތަފްސީރު ފޮތް ބެލެވިފައިވަނީ، އަމިއްލަ ރައުޔާއި އިޖުތިހާދު ބޭނުންކޮށްގެން ލިޔެވުނު ތަފްސީރުތަކުގެ ތެރެއިން، އެންމެ މަގުބޫލު އެއް ތަފްސީރު ފޮތް ކަމުގައެވެ.

ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް މިޒަމާނުގައި ވެސް މުސްލިމުންގެ މެދުގައްޔާއި (އަދި ޣައިރު މުސްލިމުންގެ މެދުގައި ވެސް) ކުރެވެމުން ދިޔައެވެ. މި މަގާމުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މި ޒަމާނުގައި ލިޔެވުނު އަދި މުސްލިމުންގެ މެދުގައި މަގްބޫލުކަން ލިބިފައިވާ ތަފްސީރުތަކުގެ ތެރެއިން އެއް ތަފްސީރެއްގެ ވާހަކައެވެ. ސައްޔިދު ޤުޠްބުގެ (އަވަހާރަވީ 1385ހ./1966މ. ގައި) ޡިލާލުގެ ވާހަކައެވެ. މި ތަފްސީރުގެ ވާހަކަ ނަންގަނެލާން ބޭނުންވަނީ އެ ތަފްސީރު ލިޔުން ބިނާކުރެވިފައިވާ މަންހަޖާއި (މެތޮޑޮލޮޖީއާއި) ގުޅޭ މުހިއްމު ނުކުތާއެއް ފާހަގަކޮށްލުމުގެ ބޭނުމުގައެވެ. އިހުގެ ތަފްސީރުތަކާއި އަދި ފަހުގެ ތަފްސީރުތަކަށް ވެސް ބަލައިލާއިރު، އާއްމު ގޮތެއްގައި ފެންނަނީ، ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އާޔަތްތަކަށް ވަކިވަކީން ބަލައިލެވިގެން އެ އާޔަތްތަކުގެ މާނަ ބަޔާންކޮށްދެވިފައިވާ ތަނެވެ. ސައްޔިދު ޤުޠްބުގެ ޡިލާލަށް ބަލައިލާ އިރު، ފެންނަނީ ސޫރަތްތަކުގެ އާޔަތްތައް، އެ އާޔަތްތަކުގެ މައިގަނޑު މައުޟޫއުގެ މައްޗަށް ރިއާޔަތްކޮށް، ބަހައިލެވިފައިވާ ތަނެވެ. އެއަށްފަހު، އާޔަތްތަކުގެ މާނަ އެއާޔަތްތަކާ ބެހޭ މައުޟޫއާ ގުޅުވައިގެން ބަޔާން ކުރެވިފައިވާ ތަނެވެ. މި ގޮތުން ބަލާއިރު، ސައްޔިދު ޤުޠްބުގެ ޡިލާލަކީ މައުޟޫޢީ ތަފްސީރެއްގެ ގޮތުގައި ކަނޑައަޅައިލެވިދާނެއެވެ. ކީރިތި ޤުރުއާން ފަހުމްކޮށް ދެނެގަތުމަށް ޓަކައި، އެހެން ތަފްސީރުތައް ފަދައިން، މައުޟޫޢީ ތަފްސީރުގެ އެހީތެރިކަން ވެސް ވަރަށް މުހިއްމެވެ. ކީރިތި ޤުރްއާނުގެ ސޫރަތްތަކުގައި ގިނަފަހަރު ތަފާތު އެތައް ވާހަކަތައް ހިމެނެއެވެ. އެކިއެކި ކަންކަމާ ބެހޭ ހުކުމްތަކެވެ. އިއުތިގާދީ ވާހަކަތަކެވެ. ތާރީޚީ ވާހަކަތަކެވެ. މި ތަފާތު ވާހަކަތައް އެއް ސޫރަތެއްގައި ހިމެނިފައިވަނީ ކީއްވެގެން ކަމާއި އެ ވާހަކަތަކާ ގުޅޭ މައިގަނޑު މައުޟޫއަކީ ކޮބައިކަން، މައުޟޫއީ ތަފްސީރުތަކުން ސާފުވެގެންދެއެވެ. އަދި، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ އާޔަތްތަކަކީ އެއް އާޔަތާއި އަނެއްއާޔަތް ގުޅި ލާމެހިފައިވާ ވަހުދާއެއްކަން، ޔުނިޓެއްކަން، ވެސް މައުޟޫއީ ތަފްސީރުތަކުން އެނގިގެންދެއެވެ. 

ކީރިތި ޤުރުއާނުގެ މާނަ ދެނެގަތުމަށް، އިހާއި އަދި މިހާރުގެ މަސައްކަތްތަކަށް ކުރުގޮތަކަށް ނަމަވެސް އަލިއަޅުވައިލުމުގެ ބޭނުމަކީ، އެ ފޮތަކީ، ކުރީން ވެސް ނަންގެންފަދައިން، ވިސްނައި ފަހުމްކޮށް ދެނެގަތުމަށް އޮތް ފޮތެއްކަން ފާހަގަކޮށްލުމަށް ޓަކައެވެ. އަދި، ކީރިތި ޤުރުއާނަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމަށް މަސައްކަތްކުރާން ހިތްވަރު ދިނުމަށްޓަކައެވެ. އަޅުގަނޑުގެ މި މުގައްދިމާ ނިންމައިލާން ގަސްދުކުރަނީ ދިވެހިންގެ ތެރޭގައިވެސް ކީރިތި ޤުރުއާން ފަހުމްކޮށް ދެނެގަތުމަށްޓަކައި ކުރެވިފައިވާ މަސައްކަތާ ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް ދަންނަވައިލައިފައެވެ.

ދިވެހިންގެ ތެރޭގައި، ކީރިތި ޤުރުއާން ފަހުމުކޮށް ދެނެގަތުމުގެ މަސައްކަތުގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ހިތަށް އަންނަނީ، ރަސްމީ ސިފައެއް ލިބިގެން، ދިވެހިބަހުން ލިޔެވި ދިވެހިންގެ ތެރޭގައި އާއްމުވި، ތަރުޖަމާގެ ވާހަކައެވެ. 1971ވަނަ އަހަރު ތަރުޖަމާކުރެވި، 1975ގައި ޝާއިއުކުރަން ފެށުނު ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގެ ވާހަކައެވެ. އެ ތަރުޖަމާ ކުރެވުނީ އެ ދުވަސްވަރުގެ ދިވެހި ސަރުކާރުން ކަނޑައަޅައިލެވުނު އިލްމީ ފަސް ބޭފުޅެއްގެ މައްޗަށް އެކުލަވައިލެވުނު ކޮމިޓިއަކުންނެވެ. ފޮތެއްގެ ސިފައިގައި ލިޔެވި ޝާއިއުކުރެވުމުގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުން މެދުކެނޑުމެއް ނެތި، ރާއްޖޭގެ ކަންކޮޅުތަކަށް، މި ތަރުޖަމާ، އިއްވެމުން ދިޔައެވެ. ޝައްކެއްނެތް ގޮތުގައި މި ތަރުޖަމާއިން ކީރިތި ޤުރްއާނުގެ މާނަ ކޮންމެވެސް މިންވަރަކަށް ނަމަވެސް ދިވެހިންނަށް އެނގި ސާފުވުމުގެ މަގު ފަހިވިއެވެ. 

ފުރަތަމަ ތަސްވީރަކީ އައްޝައިޚު މަލިންގޭ ހުސައިންދީދީގެ ކީރިތި ޤުރްއާނުގެ ތަރުޖަމާއާއި ތަފްސީރު، 1958ގައި، އަލަށް ޗާޕުކުރެވުނުއިރު ފޮތުގެ ބޭރުގަނޑުއޮތް ގޮތެވެ. ފޮތުގެ ޗާޕާބެހޭ މައުލޫމާތު މި ބޭރުގަނޑުގައި ލިޔެވިފައި އެބައޮތެވެ. ދެވަނައަށް އެވަނީ ފަހުން ނޮވެލްޓީއިން ކުރެވުނު މިފޮތުގެ ޗާޕުގެ ފުރަތަމަބައިގެ އެއްވަނަ ޖިލްދުގެ ބޭރުގަނޑެވެ. މި ޗާޕުގެ ދެބައިގައި ސަތާރަ ޖިލްދު ހިމެނެއެވެ.

މީގެ އިތުރުން ބައެއް އަމިއްލަ ބޭބޭފުޅުން ވެސް ދިވެހި ބަހުން ކީރިތި ޤުރްއާނުގެ ތަރުޖަމާއާއި ތަފްސީރު ލިޔުއްވައިފައިވެއެވެ. މި ގޮތުން ދެ ތަފްސީރެއްގެ ވާހަކަ ނަންގަނެލާނަމެވެ. އެންމެ ފުރަތަމަ އައްޝައިޚު އަލްމަރްހޫމް މަލިންގޭ ހުސައިންދީދީ (އަވަހާރަވީ 1399ހ./1979މ.ގައި) ލިޔުއްވި 'ކީރިތި ޤުރްއާނުގެ ތަރުޖަމާއާއި ތަފްސީރު'ގެ ވާހަކައެވެ. މިތަފްސީރަކީ، އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިވެހި ބަހުން ލިޔެވުނު ފުރަތަމަ ތަރުޖަމާއާއި ތަފްސީރެވެ. މި ތަރުޖަމާއާއި ތަފްސީރު ފުރަތަމަ ޗާޕުކުރެވި ޝާއިއު ކުރެވުނީ އިންޑިޔާގައި 1378ހ./1958މ. ވަނަ އަހަރުއެވެ. މިއީ މިހާތަނަށް ދިވެހިބަހުން އެންމެ ތަފްސީލުކޮށް ލިޔެވި، ފެންނަން އޮތް ތަރުޖަމާއާއި ތަފްސީރެވެ. މި ތަފްސީރު ދެބައަކަށް ބެހިނގެންވެއެވެ. ފުރަތަމަބައިގައި އަލްފާތިހާ (އަލްހަމްދު) ސޫރަތުން ފެށިގެން އައްނަޙްލު ސޫރާތާއި (ސޯޅަވަނަ ސޫރަތާއި) ހަމައަށް ތަރުޖަމާ ލިޔެވިފައިވެއެވެ. މި ބައިގައި، ބައެއް ތަންތަނުގައި ތައުލީގު ހިމެނިފައި ވިޔަސް، މައިގަނޑު ގޮތެއްގައި، ހުށަހަޅައިލެވިފައިވަނީ މި ސޫރަތްތަކުގެ ތަރުޖަމާއެވެ.  ނޮވެލްޓީއިން ކުރެވުނު ޗާޕުގެ މިބައިގައި، ހަތަރު ޖިލްދު އެކުލެވިގެން ވެއެވެ. ދެވަނަ ބައިގައި އަލްއިސްރާއު ސޫރަތުން (ސަތާރަ ވަނަ ސޫރަތުން) ފެށިގެން އައްނާސު ސޫރަތާ (ސަތޭކަ ސާދަވަނަ ސޫރަތާއި) ހަމައަށް ތަރުޖަމާއާއި ތަފްސީރު ލިޔެވިފައިވެއެވެ. ނޮވެލްޓީއިން ޗާޕުކުރެވުނު މިބައިގައި ތޭރަ ޖިލްދު ހިމެނެއެވެ. އާދެ، މިފޮތް ކަރުދާހުގައި ލިޔެވި ޝާއިއުކޮށް އާއްމުންނަށް ލިބެން މިހާރު އެބައޮތެވެ. އަދި ހަމަ އެހެންމެ އިންޓަރނެޓް މެދުވެރިކޮށް ވެސް މިފޮތް ބަލައިލުމުގެ ފުރުސަތު އެބައޮތެވެ.

ކީރިތި ގުރްއާނުގެ ތަރުޖަމާއަކާއި ތަފްސީރެއް އެންމެ ފުރަތަމަ ދިވެހިބަހުން ލިއުއްވި އައްޝައިޚު އަލްމަރުހޫމު މަލިންގޭ ހުސައިންދީދީ. މާތްﷲ އޭނާއަށް ހެޔޮ ރަހުމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށިއެވެ. 

ދެވަނައަށް ފާހަގަކޮށްލަން ބޭނުންވަނީ ޅ. ހިންނަވަރު އައްޝައިޚު އަލްމަރްހޫމު އަބޫބަކުރު އިބްރާހިމް އަލީ، 2006 ވަނައަހަރު، ލިއުއްވި ތަރުޖަމާއާއި ތަފްސީރުގެ ވާހަކައެވެ. އަދި މިހާތަނަށް ކަރުދާހުގައި ލިޔެވި ޝާއިއުކުރެވިފައި ނެތަސް، އިންޓަރނެޓްގައި އޭނާގެ ތަފްސީރާއި ތަރުޖަމާ ޝާއިއު ކުރެވިފައި އެބައޮތެވެ. މިއީ ސާދާ ދިވެހި ބަހުން އެންމެ އާންމު މީހާއަށް ވެސް ދޭހަވާނޭ ފަދައިން ލިޔުއްވާފައިވާ ތަރުޖަމާއަކާއި ތަފްސީރެއް ކަމުގައި މުސައްނިފު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ވެސް، ޝައިޚު އަބްދުﷲ ފަހުމީ ދީދީއާއި ޝައިޚު މުހައްމަދު ޖަމީލު ދީދީއާއި ޝައިޚު އާދަމް ސައީދާއި އަދި މިނޫން ބޭބޭފުޅުން ވެސް، އަމިއްލަފުޅު ގޮތުން، ކީރިތި ޤުރުއާނުގެ ތަރުޖަމާއާއި ތަފްސިރު ލިޔުއްވުމުގެ މަސައްކަތްކުރައްވައި، ބައެއް ސޫރަތްތަކުގެ ތަރުޖަމާއާއި ތަފްސީރު ލިޔުއްވައި ޝާއިއުކުރެއްވިއެވެ. 

އައްޝައިޚު އަލްމަރްހޫމް އަބޫބަކުރު އިބުރާހީމު، ޅ. ހިންނަވަރު. ތައުލީމު ހާސިލު ކުރެއްވީ މަދީނާގެ އިސްލާމީ ޔުނިވަރސިޓީގައެވެ. ކިޔަވައިވިދާޅުވުމަށް ފަހު، ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ މެދުތެރޭގައި ރާއްޖެއަށް އެނބުރި ވަޑައިގެން، މުޅިއުމުރު ހޭދަކުރެއްވީ އިސްލާމީ ތައުލީމު އުނގަންނައިދެއްވުމާއި އިސްލާމީ ދައުވަތުގެ މަސައްކަތުގައެވެ. އަދި ދީނީ ފޮތް ތަރުޖަމާކުރެއްވުމުގައެވެ. ޝައިޚު ދޫކުރައްވައްފައި ވަޑައިގަތް އެންމެ އަގުހުރި އިލްމީ ތަރިކައަކީ އޭނާގެ އަމިއްލަ އަތްޕުޅުން ލިޔުއްވި ކީރިތި ޤުރުއާނުގެ ތަރުޖަމާއާއި ތަފްސީރެވެ. ޝައިޚަށް މާތްﷲ ހެޔޮޖަޒާ ދެއްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ! 

އާދެ، އަޅުގަނޑުމެންގެ ތެރޭގައި ވެސް ރަސްމީ ސިފައިގައްޔާއި އަދި އަމިއްލަ މީސްމީހުން ވެސް ކީރިތި ޤުރްއާނުގެ މާނަ ފަހުމްކޮށް ދެނެގަތުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމުގެ ހެކި ދެންމެ މި އިޝާރަތްކޮށްލި ވާހަކަތަކުން ލިބެއެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ އެކިއެކި ކަންކޮޅުގައި ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރެވިފައިވެއެވެ. ޚާއްސަގޮތެއްގައި އައްޑުއަތޮޅުގައެވެ. ސ.ހިތަދޫ ޝައިޚު ހުސައިން ރަހާއާއި އޭނާގެ އިސްދަރިވަރުންގެ ތެރޭގައި ހިމެނުނު ޝައިޚު މޫސާ އަލްމުސްތަފާ އާއި ދެއިލްމުވެރިން ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް ލިޔުއްވި ކަމަށްވެއެވެ. އަދި، 70ގެ ކުރީކޮޅު ކީރިތި ޤުރުއާނުގެ ރަސްމީ ދިވެހި ތަރުޖަމާކުރުމުގެ މަސައްކަތް ފެށުނު އިރު، މި ތަރުޖަމާ ބެލެވުނު ކަމަށް ވެއެވެ. މި ތަރުޖަމާގެ އިތުރުން ޖަލާލުއްދީން އަލްމަހައްލީއާއި (އަވަހާރަވީ 864ހ/1459މ.ގައި) އޭނާގެ ދަރިވަރު ޖަލާލުއްދީން އައްސުޔޫޠީގެ (އަވަހާރަވީ 911ހ./1505މ.ގައި) ތަފްސީރު ކަމުގައިވާ 'ތަފްސީރު އަލްޖަލާލައިން' ވެސް ހިތަދޫގައި ދިވެހި ބަހަށް ތަރުޖަމާ ކުރެވުނު ކަމަށްވެއެވެ. މިއިން ފޮތެއް ބަލައިލުމުގެ ނަސީބު އަޅުގަނޑަކަށް ލިބިފައެއް ނުވެއެވެ. އެހެން ކަމުގައި ވިޔަސް، މިއިން ވެސް، ކީރިތި ޤުރުއާން ފަހުމްކޮށް ދެނެގަތުމުގެ ގޮތުން މަސައްކަތްތަކެއް، ދިވެހިންގެ މެދުގައި، އިހުގައި ވެސް، ކުރެވިފައިވާކަން އެނގި ސާފުވެއެވެ.

ކީރިތި ޤުރްއާން ފަހުމްކޮށްގަތުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ މުހިއްމު ކަމެއްކަން، އެ ފޮތަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ދެކޭނޭ ކަމީ، އެއްވެސް ޝައްކެއް އޮތް ކަމެއްނޫނެވެ. މާތްﷲގެ ކިބަފުޅުން، ތައުފީގުއަށް އެދި ދުއާކުރަމުން، 'ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމަށް މަގެއް'، މި ސިލްސިލާ ހުށަހަޅައިލަނީ، ކީރިތި ޤުރުއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތުގެ އާ އޮށެއް އިންދުމުގެ ގަސްދުގައެވެ. އެ އޮށުގައި ކޯދުލައި އާނިރެއް ފަޅުވައިލެވޭތޯއެވެ. އަދި ކީރިތި ޤުރުއާން ދެނެގަނެ ފަހުމްކޮށް ގަތުމުގެ ސިލްސިލާއަށް ބޮޅެއް އިތުރުކޮށްލެވޭތޯއެވެ. އެ ކަމަށް އެހީތެރިވުމުގެ ގޮތުން އަތެއް ފޯރުކޮށް ދިނުމުގެ މަގުސަދުގައެވެ. ކިޔުންތެރިންގެ ކިބައިން އެދެނީ ފާޑުކިޔުމުގެ ނަޒަރަކުން ލިޔުންކިޔައި، ކުށެއްވާ ނަމަ، އެކަން ފާހަގަކޮށްލައިދިނުމެވެ. އަދި އުފެދޭ ސުއާލުތަކާއި ލިޔުމުގައި ސާފުކޮށް ބުނެނުދެވި ހުރިކަންކަން ވެސް ފާހަގަކޮށްލައިދިނުމެވެ. އެ ސުއާލުތަކުގެ ޖަވާބު ހޯދައި އަދި ސާފުނުވެހުރި ކަންކަން ސާފުކޮށްދެވޭތޯ މަސައްކަތް ކުރުމަށްޓަކައެވެ. ދެވަނަ ބައިގައި އަލްފާތިޙާ ސޫރަތުގެ، އާދެ، އަލްހަމްދު ސޫރަތުގެ، މާނައިގެ މައްޗަށް ބަލައިލާން ގަސްދުކުރަމުން، އަޅުގަނޑުގެ މުގައްދިމާ މިހިސާބުން ނިންމާލަމެވެ.

(ނުނިމޭ)

އިދާރީ ނޯޓެއް:

ޢަރަބިބަހާއި އިސްލާމީ ތަޢުލީމުގެ ރޮނގުން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޢިލްމުވެރިއެއް ކަމަށްވާ ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މައުޟޫޢުތަކަށް ޢިލްމީ އަދި ފަލްސަފީ ލިޔުންތައް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ނޫސް-މަޖައްލާތަކަށް ލިޔުއްވުމުގެ އިތުރަށް މީހުން ހޭލުންތެރިކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ވެސް އޭނާ ލިޔުއްވަމުންގެންދަވައެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ދަރިކަލެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ