އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(16 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

އަލްފާތިޙާ (އަލްޙަމްދު) ސޫރަތުގެ މާނާއިގެ މައްޗަށް ބަލައިލުމެއް - 2

ސޫރަތުގެ ތަފްސީރު

ބިސްމިއަށް ފަހު، އަލްފާތިހާ ސޫރުގެ ދެވަނަ އާޔަތުގައި ވަނީ الحمد لله މިހެންނެވެ. މިއާޔަތުގައި އިރުޝާދު ދެވިފައިވަނީ މާތްﷲގެ ކިބަފުޅަށް ހަމްދުކުރުމަށެވެ. 'ޙަމްދަ' ކީ ހިތުގައި އުފެދޭ ޝުކުރާއި ތައުރީފުގެ އިހުސާސުތައް ދުލުން ފާޅުކުރާކުރުމަށް ކިޔާ ނަމެކެވެ. ޝުކުރު އަދާކުރަނީ އިހުސާންތެރިކަމާއި ވިދިގެންނެވެ. ހިތުންނާއި ދުލުންނެވެ. ތިމާއަށް އެހެން ފަރާތަކުން އިހުސާންތެރިކަމެއް ލިބިއްޖެނަމަ އެފަރާތަކަށް ދުލުންނާއި ހިތުގެއަޑީން ޝުކުރު އަދާކުރެވެއެވެ. ތައުރީފުކުރެވެނީ ރީތި ނޫނީ މޮޅެތި ސިފަތަކާއި އަދި ކަންކަމާއި ގުޅޭ ގޮތުންނެވެ.

މީހެއްގެ ކިބައިގައި ތެދުވެރިކަމާއި އަމާނަތްތެރިކަން ހުރެއްޖެ ނަމަ ނުވަތަ ހިތްވަރާއި ކެރުން އެމީހަކަށް ލިބިގެންވީ ނަމަ އެކަންކަމަށް ތައުރީފުގެ ބަސްތައް ކިޔައި އިއްވެއެވެ. އަދި ހަމަ އެހެންމެ، މީހަކު މޮޅު ކާމިޔާބީއެއް ހާސިލުކޮށްފި ނަމަ އެކަމާއި ވިދިގެން އެމީހަކަށް ތައުރީފުކުރެވެއެވެ. ހަމްދު ހުރީ މާތް ﷲ ގެ ކިބަފުޅަށޭ ބުނެވޭބަހުގެ މާނައަކީ ހުރިހާ ރިވެތި ސިފަތަކާއި މޮޅުކަމެއް އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެންވުމާއި އަދި އެހެނިހެން މަޚުލޫގުތަކުންނަށް ލިބިފައިވާ މިފަދަކަންކަމުގެ އަސްލަކީ އެކަލާނގެ ކަމަށް ހިތުގެއަޑީން ގަބޫލުކޮށް ދުލުން އިގުރާރުވުމެވެ. އެކަލާނގެ ކިބަފުޅަށް ޙަމްދު ކުރުން ދޭހަކޮށްދެނީ އެކަލާނގެ މަތިވެރިކަމަށް އެއްބަސްވެ އިއުތިރާފުވެ، އެކަލާނގެ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާ ކަމެވެ. ތިމަން ނެތުމުގެ ތެރޭން ވުޖޫދަށް ގެންނަވައި، ދުނިޔޭގައި އުޅުމަށް ބޭނުންވާ ވަސީލަތްތައް ދެއްވިކަމަށްޓަކައެވެ. ތިމާއަށް ތެދުމަގު ދައްކަވައި، ތިމާގެ ހަޔާތް ބާއްޖަވެރިކުރުމުގެ މަގުތައް ފަހިކޮށްދެއްވިކަމަށްޓަކައެވެ. އަދި މިނޫން ވެސް، އަދަދު ނުކުރެވޭ އެތައް އެތައް ނިއުމަތްތަކެއް، އުފަލާއި ހިތްހަމަޖެހުންތަކެއް، މެދުވެރި ކޮށްދެއްވި ކަމަށްޓަކައެވެ.

އެކަލާނގެ ކިބަފުޅަށް ހަމްދުކުރުމުގެ އިރުޝާދަށްފަހު، ދެން، އެކަލާނގެ ޢަޡަމަތްތެރިކަން، އާދެ، މަތިވެރިކަން، ސިފަކޮށްދެވިފައި ވެއެވެ. އެކަން އިންސާނާގެ ހިތަށް ކޮންމެވެސް ވަރަކަށް ނަމަވެސް ތަސައްވުރު ކުރެވިދޭތޯއެވެ. އަދި އެކަލާނގެއަށް ހައްގުވާ އަދަބާއި އިހުތިރާމު އަދާކޮށް، ގަދަރު ބެހެއްޓުމައްޓަކައެވެ. މިގޮތުން މާތްﷲގެ ޒާތުފުޅުގެ ހަގީގަތުގެ މައްޗަށް އަލިއަޅުވައިލެވިފައި ވެއެވެ. އެންމެ ފުރަތަމަ މާތް ﷲއީ رب العالمين ކަން، އާލަމްތަކުގެވެރި ރަސްކަލާނގެކަން، ބަޔާން ކޮށްދެވިފައި ވެއެވެ. އެންމެހައި މަޚްލޫގުތަކުން އުފައްދަވައި އެމަޚުލޫގުތަކުންގެ ކަންތައްތައް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. ދެން މާތްﷲއީ الرحمن الرحيم ވަންތަ ރަސްކަލާނގެކަން، ރަހުމަތްވަންތަ އަދި ރަހުމަތްލައްވާ ރަސްކަލާނގެކަން ބަޔާންކޮށްދެވިފައިވެއެވެ. ކީރިތި ޤުރުއާނުގައި މާތް ﷲގެ ޒާތުފުޅުގެ ހަގީގަތް ބަޔާން ކުރުމުގެގޮތުން އެތައް ސިފަފުޅުތަކެއް ނަންގަނެވިފައިވާ އިރު، ރަހުމަތުގެ ސިފަފުޅު އެންމެފުރަތަމަ ސޫރަތުގައި ނަންގަނެވިފައިއޮތީ ކީއްވެކަން ފާހަގަކޮށްލަންޖެހެއެވެ. މިއާޔަތުންނާއި އަދި މިނޫންވެސް އެހެން ބައެއް އާޔަތްތަކުން ރަހުމަތުގެ ސިފަފުޅަކީ މާތްﷲގެ އެންމެ މުހިއްމު ސިފަފުޅުކަން ދޭހަވެއެވެ. الرحمن ސިފަކޮށްދެންނީ އެކަލާނގެ ޒާތުފުޅެވެ. އެކަލާނގެ އަކީ އެންމެ ފުރަތަމަވެސް ރަހުމަތުގެ ރަސްކަލާނގެކަމެވެ. އެއްވެސް ހާލަތެއްގައި އެކަލާނގެ އެއްވެސް މަޚުލޫގަކަށް އަނިޔާވެރިވެ ވޮޑިގެންނުވެއެވެ. ރަހުމަތުގެ ސިފަޔަކީ މާތްﷲ އެކަލާނގެ ރަސްކަންފުޅުގެ މައްޗަށް، އަމިއްލަފުޅަށް، ވާޖިބު ކުރައްވައިފައިވާކަމެކެވެ. "...ތިޔަބައިމީހުންގެވެރި ރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅުގެ މައްޗަށް ރަހުމަތް ލާޒިމުކުރައްވައިފައެވެ..." (އަލްއަންޢާމް 54) މިއާޔަތުގައި އައިސްފައިވާފަދައިންނެވެ. އެއްވެސް މީހަކު އެކަލާނގެއަށް ނުކިޔަމަންތެރިވެ އުރެދުނުކަމުގައި ވިޔަސް، އެކަލާނގެ ރަހުމުތުގެ ދޮރުވަނީ އަބަދުވެސްވަނީ އޭނާއަށްޓަކައި ހުޅުވިފައެވެ. އެކަލާނގެ އަޅުތަކުންނަށް، އަދި ވަކިން ޚާއްސަކޮށް، ފާފަތަކަށް އަރައިގަނެ، ތިމާމެންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވި އަޅުތަކުންނަށް އަންގަވަނީ "...(މާތް) ﷲގެ ރަހުމަތާއި މެދު މާޔޫސްވެ އުއްމީދު ކަޑާނުލުމަށެވެ. (އެހެނީ މާތްﷲ) އަޅުތަކުންގެ ހުރިހާ ފާފައެއް ވެސް ހަމަ އެއްކޮށް ފުއްސަވާލައްވަތެވެ." (އައްޒުމަރު 53) މިއާޔަތުގައި ބަޔާންވެގެންވާފަދައިންނެވެ.

އެކަލާނގެ ޒާތުފުޅު ބަޔާންކޮށްދިނުމުގެ ގޮތުން ތިންވަނައަށް ނަންގެނެވިފައިވަނީ އެކަލާނގެއީ مالك يوم الدينކަމެވެ. ޖަޒާދިނުމުގެ ދުވަސް، އާދެ، ގިޔާމަތްދުވަހުގެ ވެރި ރަސްކަލާނގެ ކަމެވެ. يوم الدين މިއިބާރާތުގައި ގިނަ މާނަތައެއް އެކުލެވިގެންވެއެވެ. ދުނިޔަވީ ހަޔާތަކީ ނިމުމެއްއޮތް ހަޔާތެއް ކަމެވެ. ހުރިހާ އިންސާނުން ވެސް، މަރުވެ، މި ދުނިޔެ ދޫކޮށްދާންޖެހޭނޭ ކަމެވެ. އަދި އެއަށްފަހު، އަލުން ދިރުއްވައި އެމީހުންގެ ދުނިޔަވީ އަމަލުތަކާއިމެދު، އެމީހުންނާ ސުއާލުކުރެވޭނޭ ކަމެވެ. އަދި ކޮންމެ މީހެއްގެ ވެސް އަމަލުތަކުގެ މައްޗަށް ބިނާކޮށް، ހިސާބުބެލެވި، އެމީހަކަށް ހައްގުވާ ޖަޒާ ދެވޭނޭ ކަމެވެ. ރަނގަޅު ގޮތުގައި ކަންތައްތައްކުރި މީހުންނަށް ހެޔޮ ޖަޒާ ދެވޭނޭ ކަމެވެ. އެމީހުންގެ ހަޔާތް، ކުށްފާފަކުރުންމަތީ ވޭތުކޮށްލި މީހުން ވެސް، އެ މީހުން ކުރިކަމެއްގެ ނަތީޖާއާއި ކުރިމަތިލާންޖެހޭނޭ ކަމެވެ. އަދި އެ މީހުންނަށް ވެސް، އެމީހުންގެ ފާފަތައް ފުއްސެވުމަށް މާތްﷲ އިރާދަކުރައްވައިފިނަމަ، ފާފަފުއްސަވައި އެމީހުންނަށް ވެސް ހައްގުވާ ޖަޒާދެވޭނޭ ކަމެވެ. 

مالك ކިޔުމުގައި ސައްހަ ދެ ގޮތެއް ވާރިދުވެފައިވެއެވެ. 'މާލިކި' (ވެރިޔާ) އާއި 'މަލިކި' (ރަސްގެފާނު) މި ދެ ގޮތެވެ. މި ދެ ގޮތް ވެސް އިޝާރާތް ކުރަނީ އެއް މާނައަކަށެވެ. ގިޔާމަތްދުވަހު، ހުރިހާބާރަކާއި އިޚުތިޔާރެއް – މަތީގައި ދެންމެ ނަންގަނެވުނު ހިސާބު ބެއްލެވުމާއި، އަފޫކުރެއްވުމާއި ޖަޒާދެއްވުންފަދަ ހުރިހާ ކަމެއްގެ ބާރާއި އިޚުތިޔާރު - ލިބިވޮޑިގެންވަނީ ހަމައެކަނި މާތް ﷲއަށް ކަމަށެވެ. 

މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް އިންސާނާގެ ހިތަށް އެކަލާނގެ ރަސްކަންފުޅުގެ ތަސައްވުރެއް ހުށަހާޅާލުމަށްފަހު، ދެން ނަންގަނެވިފައިވަނީ، މިތަސައްވުރާއި ގުޅޭ އެ ކަލާނގެއާއި އަޅުތަކުންނާއި ދެމެދު އޮންނަންވާ ގުޅުމުގެ ވާހަކައެވެ. މިގުޅުމަށް އިޝާރާތްކުރެވިފައިވަނީ إياك نعبد وإياك نستعين މިއާޔަތުގައެވެ. އަޅުކަންކުރުން އޮންނަންޖެހޭނީ ހަމައެކަނި މާތްﷲގެ ކިބަފުޅަށް ކަމަށެވެ. އަދި ވާގިއެދުން ވެސް އޮންނަންޖެހޭނީ ހަމައެކަނި މާތްﷲގެ ޙަޟުރަތުން ކަމަށެވެ. މިއާޔަތުގައިވާ މުހިއްމު ދެ ލަފުޒު ކަމުގައިވާ އަޅުކަންކުރުމާއި (نعبد) ވާގިއެދުމުގެ (نستعين) މާނައިގެ މައްޗަށް އިތުރަށްބަލައިލަމާތޯއެވެ. މިއާޔަތް ރަގަޅަށް ވިސްނި ފަހުމުވޭތޯއެވެ. 

'نعبد' (އަޅަމެން އަޅުކަން ކުރަނީ) އައިސްފައިވަނީ 'عبادة' (އަޅުކަންކުރުން) މި މަސްދަރުންނެވެ. އަޅުކަންކުރުމުގެ މާނައިގައި މައިގަނޑު ދެކަމެއް އެކުލެވިގެން ވެއެވެ. ފުރަތަމަ ކަމަކީ ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުމެވެ. ދެވަނަކަމަކީ ތައުޡީމު އަދާކުރުމެވެ. ތިމަންމެން އަޅުކަން ކުރަނީ މާތްﷲގެ ކިބަފުޅަށޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ ކިބަފުޅަށް ތިމާގެ އަމިއްލަ ނަފްސު ތަސްލީމުކޮށް، ދީލުވާލައި، ކިޔަމަން ކުރުވުމެވެ. މިކިޔަމަން ކުރުން ފާޅުކޮށް، ދައްކުވައިލެވެނީ އަމިއްލަ ނަފްސު، ނުރަގަޅު ކަންތައްތައް ކުރުމުން ދުރުހެލިކުރުވައި، ހެޔޮކަންތައްތައް ކުރުންމަތީ ދަމަހައްޓުވައި ގެންނެވެ. އެކަލާނގެ ހައިބަތާއި މަތިވެރިކަން ހިތަށްގެނެސް، ތަޢުޡީމު އަދާކުރާ ހާލުގައެވެ. މިގޮތުގެ މަތިން، މާތްﷲގެ ކިބަފުޅަށް ބޯލަނބައި ކިޔަމަންތެރިކަން އަދާ ކުރެވެނީ ކިހެނެއްތޯ އިތުރަށް ސާފުކޮށްލުމުގެ ގޮތުން އިސްލާމް ދީނުގެ އަޅުކަމުގެ އެންމެ މުހިއްމު އެއްރުކުން ކަމުގައިވާ ނަމާދުގެ މަގުސަދުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލުން ބޭނުންތެރި ކަމަށް ދެކެމެވެ. 

އާދެ، ނަމާދަކީ އަޅުކަމުގެ ރަސްމެކެވެ. ހަރަކާތްތަކާކައި ކިޔުންތަކެއްގެ މައްޗަށް އެކުލެވިފައިވާ، ބޭރުފުށުގެ އަޅުކަމުގެ އަމަލެކެވެ. މިއަޅުކަން ކުރުމަށް ބާރުއަޅައި، މިއަޅުކަމުގެ މަގުސަދަކީ ކޮބައިކަން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވެއެވެ. އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައެވެ. ނަމާދުގެ މުހިއްމުކަމާއި، މިއަޅުކަމުގެ ހަގީގީ މަގުސަދާއި ބޭނުމަކީ ކޮބައިކަން މުއުމިނުންނަށް ހަނދާންކޮށް ދިނުމުގެ ގޮތުން، އެންމެ އިހުއްސުރެން، މުސްލިމު މުޖުތަމައުތަކުގައި، ކޮންމެ ހުކުރު ދުވަހަކު، ހުކުރުގެ ފަހު ޚުތުބާގައި ކިޔޭ މިއާޔަތު ގައެވެ. "... وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر...."، "...އަދި، ކަލޭގެފާނު (މުހައްމަދުގެފާނު) ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، (ޒިނޭކުރުންފަދަ ހަޑިހުތުރުކަން ބޮޑުވެގެންވާ) ފާހިޝް އަމަލުތަކުންނާއި، (އިންސާނާގެ ސަލާމަތް ބުއްދި، އެއީ ނުބައި ކަންތައްތަކެއް ކަމުގައި ބުނެދޭ، މީހުންމެރުމާއި ވައްކަންކުރުމާއި، ފޭރުންފަދަ، ނުބައިކަން ބޮޑުވެގެންވާ)، މުންކަރާތްތައް ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް، އެހީވެދޭ) ކަމެކެވެ. އަދި (ނަމާދު މެދުވެރިކޮށް މާތް)ﷲ މަތީން ހަނދުމަކުރުން އެއީ އެންމެ މޮޅުއިތުރު ވެގެންވާ ކަމެވެ...."، މިއާޔަތުގައެވެ. 

މިއާޔަތުގައި ބަޔާން ކުރެވިފައިވާ ގޮތުގައި، ނަމާދުގެ އެންމެ ފުރަތަމަ ބޭނުމަކީ މުއުމިނާ، އޭނާގެ ސާހިބުވަންތަ ރަސްކަލާނގެއާއި، ގުޅުވާލަދިނުމެވެ. އޭނާއަކީ މާތްﷲއަށް އީމާންވާ މީހެއްކަން، އޭނާގެ އަމިއްލަ ނަފްސަށް ހަނދާންކޮށްދީ، މިކަން އޭނާގެ ނަފްސުގައި އަށަގަންނުވައި ދެމެހެއްޓުމެވެ. މިއާޔަތުގައިވާ ولذكر الله أكبر، (އަދި (މާތް)ﷲ މަތީން ހަނދުމަކުރުމަކީ އެންމެ މޮޅުއިތުރުވެގެންވާ ކަމެވެ)، މިއިބާރަތުން ދޭހަވާ ފަދައިންނެވެ. މީގެ އިތުރުން، މިދެންނެވި ގުޅުމުމުގެ ބޭނުމެއް އޮތްކަމާއި، އަދި އެބޭނުމަކީ ކޮބައިކަންވެސް މިނަންގަތް އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައި ބަޔާން ކުރެވިފައިވެއެވެ. މިގުޅުމަކީ މާނަ ހުރި ގުޅުމަކަށް ހަދައިލުމަށް ޓަކައެވެ. އެކަމަށް އިޝާރަތް ކުރެވިފައިވަނީ މިއާޔަތުގެ إن الصلاة تنهى عن الفحشاء والمنكر މިބައިގައެވެ. ނަމާދަކީ ޒިނޭފަދަ ހަޑިހުތުރުކަން ބޮޑު ވެގެންވާ ފާފަތައް ކުރުމުންނާއި، މީހުން މެރުމާއި، އަދި އެނޫންވެސް އެފަދަ ބޮޑެތި ކުށްތައް ކުރުމުން، ނަމާދު ކުރާމީހާ ދުރުހެލި ކުރުމަށް އެހީވެދޭ ކަމެއްކަން ބަޔާންކޮށްދެމުންނެވެ. އާދެ، ނަމާދު ވާންޖެހޭނީ ފާފަވެރި އަމަލުތަކުންނާއި ނުރަނގަޅު ކަންތައްތައް ކުރުމުން އަމިއްލަ ނަފްސު ދުރުހެލި ކުރުވާ ކަމެއްކަމަށެވެ. އަދި، ނަމާދު ކުރާމީހާއަށް، އެފަދަ ކުށް ފާފަތަކަށް އަރައިގަތުމުން ދުރުހެލި ނުވެވޭނަމަ، އޭނާ، ނަމާދުކޮށް، މާތްﷲއާ އޭނާއާއި ދެމެދު އުފައްދަން ބޭނުންވާ ގުޅުން ވާނީ މާނައެއް ނެތް ގުޅުމަކަށެވެ. އެކަންކަމުން ދުރުނުވެވިއްޖެ ނަމަ، ނަމާދުވާނީ އެއްވެސް ފައިދާއެއްނެތް ގޮތުގައި ކުރެވޭ މާނައެއްނެތް ހަރަކާތްތަކަކާއި ކިޔޭކިޔުން ތަކަކަށެވެ. ނަމާދުފަދަ އަޅުކަންކަމުގެ މިދެންނެވި މަގުސަދު ހާސިލު ނުކުރެވޭ ނަމަ، އެފަދަ އަޅުކަންކަމުން، ތިމާގެ ނަފްސަށް ލިބުން އެދެވޭ ރޫހާނީ ދިރުމަކާއި ކުރިއެރުން އޮންނަނީ ނުލިބިފައެވެ. މިކަމަށް އިޝާރަތް ކުރައްވައި، މަލިންގޭ ހުސައިންދީދީ މިއާޔަތުގެ ތަފްސީރުގައި ލިއުއްވި ވާހަކަ ކޮޅެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ. އަލްޢަންކަބޫތު ސޫރަތުގެ 45 އާޔަތް ތަފްސީރު ކުރައްވަމުން، އޭނާ ލިޔުއްވައިފައިވެއެވެ.

... އެންމެހައި ހަޑި މުޑުދާރު ކަންތައްތަކުންނާއި، އަދި މާތްރަސްކަލާނގެ ރުހިވޮޑިގެން ނުވާ އެންމެހައި ކަންތައްތަކުން، މީހާ ދުރުވެގަތުމަށް ނަމާދު އެއީ، ނުހަނު ބޮޑު ޛަރީޢާ އެކެވެ [ވަސީލަތެކެވެ]. ނަމާދު ގާއިމުކޮށް އުޅޭމީހަކަށް، ނަމާދު ފެންނާނީ، ހެޔޮކަންތަކަށް ތިމާއަށް އަމުރުކުރާ ތަނާއި އަދި ނުބައި ކަންތައްތަކުން ނަހީ ކުރާތަނެވެ. ނަމާދުކުރާ މީހާއަށް ތިމާގެ ނަމާދުގެ ޛަރީޢާއިން ނުބައި ކަންތަކުން ދުރުވެ ނުގަނެވިއްޖެ ނަމަ، އެމީހަކު ދާހުރީ ކީރިތި ﷲއާ ނުހަނު ބޮޑަށް ދުރުވަމުން، ދުރުވަމުންނެވެ. ތިމާ ކުރާ ނަމާދު، ފާފަތަކުންނާއި، އަދި ނުބައި ކަންތައްތަކުން، ތިމާ ދުރު ނުކޮށްފި ނަމަ، ﷲގެ ހަޟްރަތުގައި އެމީހާގެ ނަމާދު ޤަބޫލުނުވާހުއްޓެވެ. މިފަދައިން، ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލާ ކުރައްވާފައިވާ ޙަދީޘްފުޅެއް، އިބްނު އަބީ ޙާތިމްގައި ރިވާވެގެންވެއެވެ. އަދި މިނޫންވެސް މިކަމާއި މެދުގައި ރިވާވެގެންވާ ރަސޫލާގެ ޙަދީޘްފުޅުތައް ގިނަގުނައެވެ. (މަލިންގޭ ހުސައިންދީދީ ލިޔުއްވި ކީރިތި ޤުރްއާނުގެ ތަރުޖަމާ އާއި ތަފްސީރު، ދެވަނަބައިގެ ތިންވަނަ ޖިލްދުގެ 651 ވަނަ ސަފުހާ.)

މިހިސާބުން، މިދެންނެވުނު ވާހަކަ ތަކުގެ އަލީގައި އަލްފާތިޙާ ސޫރަތުގެ ފަސްވަނަ އާޔަތުގައިވާ 'إياك نعبد' (އަޅަމެން އަޅުކަން ކުރަނީ ހަމައެކަނި އިބަރަސްކަލާނގެ ކިބަފުޅަށެވެ) މިއިބާރާތުގެ މާނައިގެ މައްޗަށް ނަޒަރު ހިންގާލަމާތޯއެވެ. ކުރިންވެސް ނަންގަނެވުނުފަދައިން އަޅުކަން ކުރުމުގެ މާނަ ގުޅެނީ މާތްﷲއަށް ބޯލަނބައި ކިޔަމަންގަނެ، އެކަލާނގެއަށް ތަޢުޡީމު އަދާކުރުމާއެވެ. މާތްﷲގެ ކިބަފުޅަށް އަޅުކަން ކުރެވެނީ، އެކަލާނގެ ރަސްކަންފުޅުގެ ހައިބަތާއި މަތިވެރިކަން ހިތަށް ގެނެސް، އަޅުވެރިޔާގެ ނަފްސު އެކަލާނގެ ކިބަފުޅަށް ތަސްލީމުކޮށް، ދީލާލައި، ކިޔަމަންތެރި ކުރުވައިގެންނެވެ. މިތަސްލީމުކުރުމާއި ކިޔަމަންތެރިކަން އަދާކުރެވެނީ ކުށް ފާފަތަކަށް އަރައިގަތުމުން ދުރުހެލިވެ، ހެޔޮ އަމަލުކުރެވިގެންނެވެ. އިސްލާމް ދީނުގެ އަޅުކަމުގެ އެންމެ މުހިއްމު އެއްރުކުން ކަމުގައިވާ ނަމާދުގެ މަގުސަދާއި ބެހޭގޮތުން، ދެންމެ ނަންގަނެވިދިޔަ، އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައި އަންގަވާފައިވާ ފަދައިންނެވެ. 

ދެން، 'نستعين' ("އަޅަމެން ވާގިއެދެމެވެ") މިލަފުޒުގެ މައްޗަށް ބަލައިލަމާތޯއެވެ. 'نستعين' މިލަފުޒުގެ ނެގިފައިވަނީ استعانة މިމަސްދަރުންނެވެ. މާނައަކީ 'ވާގިވެރިކަން'، ނުވަތަ 'އެހީތެރިކަން'، ހޯދުން، މިއެވެ. وإياك نستعين "އަޅަމެން ވާގި އެދެނީ ހަމައެކަނި އިބަރަސްކަލާނގެ ހަޟްރަތުންނެވެ." މިއާޔަތުގެ މާނައަކީ ކަމެއް ކުރުމަށް ނުވަތަ ކަމެއް ހާސިލުވެ ދިޔުމަށް، މުއުމިނާ ބޭނުންވާ އެހީތެރިކަން، އާދެ، ހިތްވަރާއި ބާރު، ލިބުން، އޭނާ އެދެނީ، ހަމައެކަނި މާތްﷲގެ ހަޟްރަތުންކަމެވެ. އެންމެ ފުރަތަމަ، އެކަލާނގެއަށް އަޅުކަންކޮށް ކިޔަމަންތެރިކަން އަދާ ކުރުމުގައެވެ. އަދި، އެއަށްފަހު، މުއުމިނާގެ ދުނިޔަވީ ކަންތައްތައް ފުރިހަމަކޮށް، އޭނާ ކަނޑައަޅާލާ ލަނޑުދަނޑިތަކާއި ހަމައަށް، ވާސިލުވުމުގައެވެ. 

އިންސާނާ ކަމެއް ހާސިލުކުރުމަށްޓަކައި ތަފާތު މަރުހަލާތަކެއް ކަޑައްތު ކުރަންޖެހެއެވެ. އެންމެ ފުރަތަމަ އެކަން ކުރަން ގަސްދުކޮށް، އެކަން ކުރުމުގެ ވަރުގަދަ އަޒުމެއް ހިތުގައި ކަނޑައަޅާލުމެވެ. ތަހައްދީތަކާއި ގޮންޖެހުންތައް، ދަތިތަކާއި ހުރަސްތައް، ކުރިމަތި ވިޔަސް، އޭނާ ބޭނުންވާ ކަމެއްކޮށް ނިމެންދެން، އެކަން ކުރުމުގެ އެދުން ފަނޑުނުވެ ހުންނާނޭ ފަދަ، ނުގުޑާ ވަރުގަދަ އަޒުމެކެވެ. އެއަށްފަހު، އެކަން ހަގީގަތަކަށް ހަދާލުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަރުހަލާއެވެ. އާދެ، ކުރަން ގަސްދުކުރާ ކަމަކާ ހަމަޔަށް ވާސިލުކޮށްދޭ އަސްބާބުތަކުގައި ހިފުމުގެ މަރުހަލާއެވެ. މިއީ އެކަން ކުރުމުގެ މަގުގައި ކުރިމަތިވާ ހުރަސްތައް ގިރާކުރުމާއި ދިމާވާ ދަތިތައް ނެތިކޮށްލުމުގެ މަރުހަލާ ވެސް މެއެވެ. މިހުރިހާ މަރުހަލާތަކެއްގައި ވެސް ހިތްވަރާއި ބާރު، ވާގިވެރިކަމާއި އެހީތެރިކަން، އޭނާ ބޭނުންވެއެވެ. މިސާލަކަށް ކިޔަވާކުއްޖަކު އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދަން އެދޭ ނަމަ، އެންމެ ފުރަތަމަ މިކަމަށް ނިޔަތްގަނެ އަޒުމު ކަނޑައަޅާލަންޖެހެއެވެ. އެއަށްފަހު، އޭނާގެ ލަނޑުދަނޑިޔާ ހަމަޔަށް ގެންގޮސްދޭނޭ އަސްބާބުތަކުގައި ހިފަން ޖެހެއެވެ. އާދެ، އޭނާގެ ފިލާވަޅުތައް ކިޔައި ފަހުމްކޮށް ދަސްކުރަންޖެހެއެވެ. ނޭނގޭ އެއްޗެއް އޮތް ނަމަ އެކަން ފާހަގަކޮށް، އެއެއްޗެއް އޮޅުން ފިލުވަންޖެއެވެ. އާދެ، ކުރުގޮތަކަށް ދަންނަވަނީ ނަމަ، ދުރާލައި ވަރަށް ރަނގަޅަށް އިމްތިހާނަށް ތައްޔާރުވާން ޖެހެއެވެ. މިކަމުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަންވެސް ޖެހެއެވެ. ބައެއް ފަހަރު، ނިދިން މަހްރޫމުވެ، ހިތްހަމަޖެއްސުމުގެ ކުޅިވަރުތަކާއި މަޖާކުރުމާއި އަރާމު ކުރުމާއިވެސް ވަގުތީގޮތުން ދުރަށް ދާންޖެހެއެވެ. މިފަދަ ވަގުތުތަކުގައި އޭނާގެ އަމިއްލަ ނަފްސު އިމްތިހާނު ކޮށްލެވެއެވެ. ތިމާގެ އަޒުމުގެ ހުރިނަމަ ހުރި ސާބިތުކަމަކާއި އަދި ތިމާގެ ހިތްވަރުގެ ފަންވަރު ވެސް އެނގި، އަމިއްލަ ނަފްސު ދަސްވެއެވެ. ބައެއް ފަހަރު އަމިއްލަ އަޒުމު ބަލިކަށިވެ، ހީނަރުވާގޮތްވެއެވެ. އަދި ހިތްވަރު އެލި، ނަފްސަށް ކަންނެތްކަމާއި ލޮޑުކަން ވެރިވެއެވެ. އަދި ބޭނުންވާ ލަނޑުދަނޑިއާ ހަމަޔަށް ދާން ކުރަންޖެހޭ މަސައްކަތް ކުރުން ހުއްޓޭގޮތް ވެއެވެ. މިފަދަ ވަގުތުތަކުގައި އިތުރު ހިތްވަރާއި ބާރު އަމިއްލަ ނަފްސުގައި އުފައްދާލަން ޖެހެއެވެ. ހަމަ އެހެންމެ، ބޭނުންވާ ކަންތައް ހާސިލުކުރުމަށް ހުރަސްއަޅާ، ތިމާގެ އަމިއްލަ ބާރުން ބޭރުގައިވާ، ކަންތައްތައް ވެސް ހުރެއެވެ. އިމްތިހާނުގެ ދުވަސްވަރު ބަލިވުން ފަދަ ކަންކަމެވެ. ނޫންނަމަ ގާތްތިމާގެ މީހަކު ވަކިވެ ދިޔުން ފަދަ ހިތާމަވެރިކަމަކާއި ކުރިމަތިލާން ޖެހުމެވެ. އެކަމުގެ ސަބަބުން މުޅި ނަފްސު ލޮޅުން އަރުވާލައި، ފިލާވަޅުތައް ދަސްކޮށް އިމްތިހާނަށް ތައްޔާރުވުމުގެ ތަރުކީޒު ގެއްލި ދާގޮތް ވެއެވެ. 

"އަޅަމެން ވާގި އެދެނީ ހަމައެކަނި އިބަރަސްކަލާނގެ ހަޟްރަތުންނެވެ." މިއާޔަތުން ދޭހެކޮށްދެނީ މުއުމިނާ އޭނާ ކަމެއް ކުރަން ގަސްދުކުރާއިރު އޭނާއަށް އެކަން ކުރުމުގެ މަގު ފަހިކޮށްދެއްވުމާއި އަދި ކާމިޔާބު ގޮތެއްގައި އެކަމާ ހަމައަށް ވާސިލުކޮށް ދެއްވުމަށް ވާގިވެރިވެ، އެހީތެރިވެދެއްވުމަށް އަދައިދަންނަވަނީ ހަމައެކަނި މާތްﷲގެ ހަޟްރަތުގައި ކަމެވެ. އެންމެ ފުރަތަމަ އޭނާ ކަނޑައަޅާލި އަޒުމުގެ މަތީ ނުގުޑާ ދެމިހުރުމަށްޓަކައި ބޭނުންވާ ވާގިވެރިކަމާއި އެހީތެރިކަމެވެ. އެއަށްފަހު، އެކަމަށް މަގުފަހިކޮށް ދޭ އަސްބާބުތައް މެދުވެރިކޮށް ދެއްވުމުގެ ވާގިވެރިކަމާއި އެހީތެރިކަމެވެ. އަދި، ކުރިމަތިވެދާނެ ދަތިތަކާއި ހުރަސްތައް، ތިމާގެ އަމިއްލަ ނަފްސުގައި، އެކަންކަން ނެތިކޮށްލެވޭނެ އެކަށޭނަކަން ހުރި ނަމަ، އެފަދަ ދަތިތަކާއި ހުރަސްތަކާއި ކުރިމަތިލައި، އެކަންކަން ނެތިކޮށްލުމުގެ ހިތްވަރާއި ބާރު އަމިއްލަ ނަފްސުގައި އުފައްދާލުމުގެ ވާގިވެރިކަމާއި އެހީތެރިކަމެވެ. އެފަދަ ހުރަސްތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ތިމާގެ އަޒުމު ބަލިކަށިވެ، ހިތްވަރު އެލޭ ވަގުތުތަކުގައި، ތިމާގެ އަޒުމު އަލުން އާކޮށް، އިތުރު ހިތްވަރު ތިމާގެ ނަފްސުގައި އުފައްދާ ލުމުގެ ވާގިވެރިކަމާއި އެހީތެރިކަމެވެ. އަދި ތިމާގެ އަމިއްލަ ބާރުން ބޭރުގައިވާ ދަތިތަކާއި ހުރަސްތައް މެދުވެރި ނުކުރެއްވުމަށް އެދި ދަންނަވައި، މިގޮތުންވެސް ވާގިވެރިވުމާއި އެހީތެރިވުމެވެ. އާދެ، މުއުމިނާ މިފަދަ ހުރިހާ ކަމެއްގައިވެސް ވާތްގާއި އެހީތެރިކަމަށް އެދި ދަންނަވަނީ ހަމަ އެކަނި މާތްﷲގެ ހަޟްރަތުގައެވެ. 

މިހިސާބުން އަލްޙަމްދު ސޫރަތުގެ ފުރަތަމަބައިގެ، އާދެ، އެއްވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ، ތަފްސީރުގެ ވާހަކަ ނިމުނީއެވެ. މަތީގައި ބަޔާން ކުރެވި ދިޔަ ފަދައިން، މިބައިގައި އައިސްފައި ވަނީ، ބިސްމި ކިޔައި ސޫރަތް ކިޔަވަން ފަށައި، މާތްﷲއަށް ހަމްދުކޮށް ޘަނާ ދަންނަވައި ޝުކުރުކުރުމާއި، އެކަލާނގެ ތަމްޖީދުކޮށް، އެކަލާނގެއަށް ތައުޠީމު އަދާކުރުމާއި، އަދި އެއަށްފަހު މާތްﷲއާއި މުއުމިނާއާއި ދެމެދު އޮންނަ ގުޅުމުގެ ވާހަކައެވެ. މުއުމިނާގެ އަޅުކަން ކުރުމާއި އަދި އޭނާ ބޭނުންވާކަންކަން ހާސިލުކުރުމުގައި ވާތްގާއި އެހީތެރިކަން އެދެނީ ހަމައެކަން މާތްﷲގެ ކިބަފުޅުން ކަމެވެ. ދެން ފަހަރަކުން ބަލައިލެވޭތޯ މަސައްކަތް ކުރާނީ އަލްޙަމްދު ސޫރަތުގެ ދެވަނަ ބަޔަށެވެ. އެސޫރަތުގެ ފަހު ދެ އާޔަތުގެ މައްޗަށެވެ. އެސޫރަތުގެ މައިގަނޑު މައުޟޫއު، މައްޗަށެވެ. އާދެ، މާތްﷲގެ ޙަޟްރަތުގައި ތެދުމަގު ހޯދުމަށް އެދި ދެންނެވޭ ދުޢާގެ މައްޗަށެވެ.

 

 

 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ