(14) އަނިޔާވެރީންނާ ހަނގުރާމަކުރެއްވި ޤާޟީ: އަލްބަޤިއްލާނީ
އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދުލު އިންސާފު ޤާއިމުވެ މުޖުތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
އަލްއިމާމުއްޛަހަބީ ވިދާޅުވެފައިވާ ގޮތުގައި ޤާޟީ އަލްބަޤިއްލާނީ އަކީ މުޢުތަޒިލާއިންނާއި ރާފީޟާއިންގެ މައްޗަށް މާތް ﷲ އުފުއްލެވި ކަނޑިއެކެވެ. ފާޠިމީންގެ ޙުއްޖަތްތައް ވީދި ކަފާސްވެގެން ދިޔައީ އެކަލޭގެފާނުގެ ގަލަންކޮޅުގެ ތުނޑުންނެވެ. އެކަލޭގެފާނަކީ ވަރަށް ވިސްނުންފުޅު ތޫނު ވަރަށް ވަރަޢުވެރި، ޒާހިދު ބޭކަލެކެވެ.
އަލްބަޤިއްލާނީ އަކީ : އަބޫބަކްރު މުޙައްމަދު ބިން އައްޠައްޔިބު ބިން މުޙައްމަދު ބިން ޖަޢުފަރު ބިން އަލްޤާސިމުލް ބަޤިއްލާނީ އެވެ.އުފަންވެވަޑައިގަތީ ހިޖްރައިން 338ވަނަ އަހަރު ބަޞްރާގައެވެ.
ޢައްބާސީ ޚަލީފާ ޢަޟްދުއްދައުލާ ނަޞާރާއިންނާ މުނާޒަރާ ކުރެއްވުމަށް އަލްޤާޟީ އަލްބަޤިއްލާނީ ވަރަށް ގިނައިން ފޮނުއްވިއެވެ.
ރޯމަނުންގެ ރަސްގެފާނުގެ އަރިހަށް ޚަލީފާ ޢަޟްދުއްދައުލަތި ޤާޟީ އަލްބަޤިއްލާނީ ފޮނުއްވިއެވެ. ރުކޫޢު ކުރާ ގޮތަށް އިސްތަށިފުޅު ތިރިކުރައްވައިގެން އަލްބަޤިއްލާނީ ރަސްގެފާނު އަރިހަށް ވަދެވަޑައިނުގަންނަވާނެކަން އެނގިވަޑައިގަންނަވާތީ ރަސްގެފާނުގެ ދަރުބާރަށް ވަނުމަށް ވަރަށް ތިރި ދޮރެއް ހެއްދެވިއެވެ. މި ދޮރުން ވަންނަ މީހަކު ވަރަށް ބޮޑަށް ބޯ ތިރިކުރާން ޖެހޭނެއެވެ. އަލްބަޤިއްލާނީއަށް މި ދޮރު ފެނިވަޑައިގަތުމުން ރަސްގެފާނުގެ މަކަރުވެރިކަން ވިސްނިވަޑައިގެން ވަގުތުން އެކަލޭގެފާނުގެ ބުރިކަށިފުޅު ދޮރާދިމާއަށް އަނބުރާލައްވައި ރަސްގެފާނަށް ފުރަގަސް ދެއްވައިގެން ކުރިއަށް ވަޑައިގަތެވެ. ރަސްގެފާނާ ހަމައަށް ވަޑައިގެންނެވުމުން އިސްތަށިފުޅު އުފުއްލަވައި މޫނުފުޅު އަނބުރައިލެއްވިއެވެ. އެހިނދު ރަސްގެފާނަށް އެކަލޭގެފާނަކީ ވަރަށް ވިސްނުންތޫނު ޢާލިމެއްކަން އެނގިވަޑައިގަތެވެ. އަލްބަޤިއްލާނީ އިސްވެ ރަސްގެފާނަށް ސަލާމެއް ނުކުރައްވައެވެ. ބަޤިއްލާނީ ވިދާޅުވިއެވެ. މަނިކުފާނާއި މަނިކުފާނުގެ އަހްލުންގެ ޙާލުކޮޅު ކިހިނެއްތޯއެވެ؟ މި ސުވާލުގެ ސަބަބުން ރަސްގެފާނު ވަރަށް ބޮޑަށް ކޯފާވިއެވެ. އެ ރަސްގެފާނަކީ ރާހިބެކެވެ. ރަސްގެފާނު ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. "އަހުރެމެން ކާވެނި ނުކުރާނެ ކަމެއް އަދި އަހުރެމެންގެ ދަރިން ނުތިބޭނެ ކަމެއް ތިބާއަކަށް ނޭނގޭހެއްޔެވެ؟"
ބަޤިއްލާނީ ޖަވާބުގައި ވިދާޅުވިއެވެ.: الله أكبر ކާވެނި ކުރުމާ ދަރިން ލިބުމުން ތިޔަބައިމީހުންގެ ނަފްސުތައް ހުސްޠާހިރުކުރާއިރު، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއާ މަރްޔަމުގެފާނާ އެބަ ތުހުމަތު ކުރަމުއެވެ. އެކަލާނގެ ޒާތުފުޅު ދަރީންގެ ކިބައިން ހުސްޠާހިރެއް ނުކުރަމުއެވެ.
ރޯމަނުންގެ ރަސްގެފާނު ކޯފާ އިސްކުރައްވައި، ވަރަށް ބޭއަދަބީ ގޮތަކަށް ރަސޫލާގެ ޒަމާނުގައި ހިނގި އިފްކުގެ ޙާދިސާގެ ވާހަކަ ވިދާޅުވިއެވެ. އެހިނދު އަލްޤާޟީ އަލްބަޤިއްލާނީ ވިދާޅުވިއެވެ. "ފަހެ، ދަންނައެވެ. ﷲ ގަންދީ ބުނަމެވެ. ޢާއިޝަތުގެފާނު ކާވެނިފުޅު ބައްލައިގަތެވެ. އެކަމަނާ ދަރިމައިވެވަޑައެއް ނުގަންނަވައެވެ. މަރްޔަމުގެފާނު ކާވެނިފުޅު ބައްލަވައެއް ނުގަންނަވައެވެ. އެކަމަނާ ދަރިމައިވެ ވަޑައިގަތެވެ. ޢިއްފަތްތެރި ޠާހިރު މި ދެ ކަމަނާއިންގެ ތެރެއިން ފާސިޤުން ބޮޑަށް އަރައިގެންފައި މި ވަނީ ކޮން ކަނބަލެއްގެ އަބުރުފުޅަށް ހެއްޔެވެ؟ ބަޤިއްލާނީގެ މި ރައްދު އިވިވަޑައިގަތުމުން ރަސްގެފާނު އިތުރަށް ކޯފާވެ ހާސްވެވަޑައިގަތެވެ.
ރޯމަނުންގެ ރަސްގެފާނު ބަޤިއްލާނީއާ ސުވާލު ކުރައްވަން ފެށްޓެވިއެވެ.
ރަސްގެފާނު: ތިޔަބައިމީހުންގެ ނަބިއްޔާ ހަނގުރާމަ ކުރެއްވިތަ؟
ބަޤިއްލާނީ: އާދެ!
ރަސްގެފާނު: އެކަލޭގެފާނު ހަނގުރާމަ ކުރެއްވިއިރު އިސް ސަފަށް ނުކުމެ ވަޑައިގެންނެވިތަ؟
ބަޤިއްލާނީ: އާދެ!
ރަސްގެފާނު: އެކަލޭގެފާނަށް ނަޞްރު ލިބިވަޑައިގެންނެވިތަ؟
ބަޤިއްލާނީ: އާދެ!
ރަސްގެފާނު: އެކަލޭގެފާނަށް ނާކާމިޔާބު ލިބިވަޑައިގެންނެވިތަ؟
ބަޤިއްލާނީ: އާދެ!
ރަސްގެފާނު: ޙައިރާންކުރުވަނިވި ކަމެއް. ނަބިއްޔަކު ބަލިވުން
ބަޤިއްލާނީ: މާ ޙައިރާން ކުރަނިވި ކަމެއް .. ކަލާނގެއަކު ޞަލީބަށް އެރުވުނުތަ؟
ބަޤިއްލާނީ އަވަހާރަވީ ހިޖްރައިން 403 ވަނަ އަހަރުގެ ޛުލް ޤަޢިދާ މަހުގައެވެ. އެކަލޭގެފަނުގެ ޖަނާޒާގައި ރަށުގެ އެންމެން ބައިވެރިވިއެވެ. އެކަލޭގެފާނުގެ ޖަނާޒާ ބޭއްވުނު ވަގުތު ޝައިޚުލް ޙަނާބިލާ އަބުލްފަޟްލުއައްތަމީމީ ވިދާޅުވިއެވެ. "މިއީ ناصر السنة والدينގެ ޖަނާޒާއެވެ. މިކަލޭގެފާނު 70 ހާސް ކަރުދާސް ތަޞްނީފު ކުރައްވައިފައިވެއެވެ."
_______________________________