އަދުގެ ޚާއްސަ

Print

ކުޑަކުދީންގެ ވާހަކަ(7): ނައިނަވާ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

ނައިނަވާ އުފަންވީ  ހޮނިހިރު ދުވަހެއްގައެވެ.  އެއީ ނޮރަ ނަކަތުގެ ނުވަވަނަ ދުވަހެވެ. ނައިނަވާގެ އެޑްރެހަކީ މ. ނާލާފުށީ ނޫރާނީގެއެވެ. ނައިނަވާގެ މަންމަގެ ނަމަކީ ނޫރަންނަހާރެވެ. ނައިނަވާގެ ބައްޕައަކީ ނޭޕާލު  މީހެކެވެ. އޭނާގެ ނަމަކީ ނޫން އިބުނު ނޫޙުއެވެ.

 ނައިނަވާއަށް އެންމެ ރީތީ ނޫކުލައެވެ. ނައިނަވާ އެންމެ ކާހިތްވަނީ ނާނެވެ. އޭނާއަށް އެންމެ މީރު ބުއިމަކީ އަނޯނާ ފަންޏެވެ.  ނައިނަވާ ދުވަހަކުވެސް ނޫޑުލްސް އެއް ނުކައެވެ. އޭނާ ހީކުރަނީ ނޫޑުލްސް ހަދަނީ ކިލާފަނިން ކަމަށެވެ.  ނައިނަވާ ނަންނުގަތިދެކެ ވަރަށް ބިރުގަނެއެވެ.

ނައިނަވާ ކޮންމެ ރެއަކުވެސް ނުވައެއްޖަހާއިރު ނިދައެވެ. އެއީ ފަތިސްނަމާދަށް ހޭލެލެވޭނީ އަވަހަށް ނިދީމާ ކަމަށް ނައިނަވާ ގަބޫލު ކުރާތީއެވެ. ނައިނަވާއަށް ނިދަން ފަސޭހައީ ނާނާ އަޑުއަހައިގެންނެވެ. ނައިނަވާއަށް  އެންމެ ކަމުދާ ނާނާއަކީ އޭނާގެ  ނޮންނަ ކިޔައިދޭ  "ނުރޮއި ނިދާ ނައިނަވާ" އެވެ.  

  ނައިނަވާގެ  ނޮންނަ ފަދައިން ނަރުހަކަށް  ވާކަށް ނައިނަވާ ބޭނުމެއް ނޫނެވެ. އެއީ  ނަރުހުންނަކީ ބައެއް ރޭރޭ ނުނިދައި ހޭލައި ތިބެންޖެހޭ ބަޔަކަށް ވާތީއެވެ. ނައިނަވާ  ހީކުރަނީ  އޭނައަށް   ރޭގަނޑު ނުނިދައެއް ނުހުރެވޭނެ ކަމަށެވެ. 

  އެއްރެއަކު ނައިނަވާ ނިންދަވަން  ވެގެން ނޮންނަ އުޅެނިކޮށް ނައިނަވާ ބުނީ އޭނާ ބޮޑުވެގެން ވާނީ ނޫސްވެރިޔަކަށް ކަމުގައެވެ. ނޫސްވެރިންނަކީ ވެސް ޚަބަރުތައް ހޯދުމަށްޓަކައި ބައެއް ރޭރޭ ނުނިދައި ހޭލައި އުޅޭން ޖެހޭ ބަޔެއްކަމެއް ނައިނަވާއަކަށް ނޭނގެއެވެ.  ނައިނަވާ ބޮޑުވުމުން އެކަންކަން އަދި އޭނާއަށް ވިސްނޭނެތީ  ނައިނަވާއާ ދެކޮޅަކަށް  ނޮންނަ އެކައްޗެއް ވެސް ނުބުނެއެވެ. އެކަމަކު ހީނލާފައި ނައިނަވާގެ ނިތްކުރިއަށް ނޮންނަ ދޮނެއް ދީފައި ނާނާ ކިޔައިދިނުމުން ނައިނަވާއަށް ނިދިއްޖެއެވެ.

____________________________

އިދާރާ

ވާހަކަ