އިސްލާމް ދީނުގައި ބަލިމަޑުކަމާއި ޝިފާ
ސާދުނާ ޢަބްދުލްކަރީމް
ބައްޔާއި ބޭހާ އަދި ޝިފާ، ދެއްވާ ކަލަކު ވޮޑިގެންވެޔޭ
ޙައްޤާއި ބާޠިލް ވަކިކުރާ، ޤުރްއާނުގައިމެ ޝިފާވެޔޭ
ރައްކައުވުމަށް ބަލިމަޑުކަމުން، ފިޔަވަޅުތަކެއް އެބަހުރިމެޔޭ
ﷲ ކިބައިން ރަޙްމަތަށް، އެދި ދެންނެވުން ލާޒިމް ވެޔޭ
*
ފުރިހަމަ ޠަހާރަތަކުން މިދީން، ދައްކައިދެނީ ޞިއްޙީ ގޮތޭ
ހުރިނަމަ ހިލައިން ފުހެލައި ނަޖިސް ދޮވެލުން އެއީވެސް އެއްގޮތޭ
ކުރިނަމަ ވުޟޫ މޫނާއި އަނގަ، ދެ އަތާއި ފައި ތާހިރު ވެތޭ
ފުރިހަމަ އަރާމަށް ފަހު ހިނައި، ތާހިރު ވެލުން ވާޖިބުވެތޭ
*
ބަލި ފެތުރެނީނަމަ ގައިންގަޔަށް، އުދުރަށްމެ ގައިދުރުވާށެވީ
ހަލިކޮށް މަރީޟުން އެކަހެރިން، ވަޑުވައި އެހީތެރި ވާށެވީ
ބަލިމީހުނަށް ފަރުވާ ދެމުން، ހަށިރައްކަލަށްމެ ބަލާށެވީ
ބަލި އޮތް ބިމަށް ވަދެ ނުކުމެވުން ފުރަބަންދަކަށް ގެނުވާށެވީ
*
ކެތްތެރިވުމުން ބަލިމަޑުކަމަށް، ހެޔޮދަރުމަ ނަފްސަށް ލިބިދެނީ
ކުށްފާފަޔަށް ލިބި މަޣުފިރަތު، ރަޙުމަތުގެ ދޮރުކޮޅު ހުޅުވެނީ
ނެތްކަން ޔަޤީނުން ދެރަގޮތެއް، މުސްލިމް އަޅާ އީމާންވަނީ
ހެއްދެވި އިލާހަށް ޙަމްދުކޮށް ތަސްބީޙަ ދުލުގައި ފަށްވަނީ
____________________________