ޙައްޖުމަހުގެ އަޅުކަންތަކުގެ ފިޤްހިއްޔާތުގެ ތެރެއިން (1)
އިބްރާހީމް ރަޝީދު މޫސާ
ﷲ ސުބްޙާނަހޫ ވަ ތަޢާލާ ބައެއް ދުވަސްތައް ވަނީ އަނެއްބައި ދުވަސްތަކުގެ މައްޗަށް މާތް ކުރައްވައިފައެވެ. ބައެއް ރޭތައް އަނެއް ބައިރޭތަކުގެ މައްޗަށް އިސްކުރެއްވި ގޮތަށެވެ. ބައެއް ރަށްތައް އަނެއްބައި ރަށްރަށަށްވުރެ މާތް ކުރެއްވި ގޮތަށެވެ. ހުކުރުދުވަހާއި، ޢަރަފާތުދުވަހާއި، ޢާޝޫރާދުވަސް ފަދައިންނެވެ. ރަމަޟާންމަހާއި ޙުރްމަތްތެރިވެގެންވާ މައްސަރުތައް ފަދައިންނެވެ. މައްކާއާއި މަދީނާ މާތްކުރެއްވި ބީދައިންނެވެ. ގެފުޅުގެ ޤަދަރާއި ހައިބަތު އުފުއްލެވި ގޮތަށެވެ.
މައްސަރުތަކަށް ބަލާއިރު ޙައްޖުމަހަކީ މާތް ﷲ މަތިވެރި ކުރެއްވި މަހެކެވެ. މި މަހާ ގުޅިފައިވާ ޢިބާދާތުތަކެއް ވެއެވެ.
ޛުލްޙިއްޖާ މަހަކީ އަޅުގަނޑުމެންގެ ހިޖްރީ ކަލަންޑަރުގެ އެންމެ ފަހު މަހެވެ. އެއީ މާތް ﷲ ޙުރްމަތްތެރި ކުރެއްވި ހަތަރު މަހުގެ ތެރޭގައި ހިމެނޭ 2ވަނަ މަހެވެ.ޢަރަބިން މި މަހަށް ޛުލްޙިއްޖާ މަހޭ ކިއީ މި މަހުގައި ޙައްޖުގެ އަޅުކަންތައް އަދާކުރެވޭތީއެވެ. ޘަމޫދު ބާގައިގެ މީހުން މި މަހަށް ކިޔާފައި ވަނީ " މުސްބަލު" އެވެ. އަޞްލު ޢަރަބިން ( ޢާރިބު ޢަރަބިން ) ދީފައިވާ ނަމަކީ " ބުރަކު " އެވެ. އެއީ މި މަހުގައި ކަތިލެވޭ އެއްޗެހި މޮށްގަނޑު މައްޗަށް ތިރިކުރެވޭލެއް ގިނަކަމުންނެވެ.
ޢަރަބީންނަކީ ޙައްޖު މަސް މާތްކޮށް މަތިވެރިކުރި ބައެކެވެ. ޛުލްޤަޢިދާ މަހުގައި އެމީހުން ޢުކާޡު ބާޒާރު ހުޅުވިއެވެ. އެއަށްފަހު ޙައްޖު މަހުގައި ޛިލްމަޖާޒު ބާޒާރު ހުޅުވިއެވެ.
ޙައްޖު މަހަކީ ޙައްޖު މޫސުން ނިމޭ މަހެވެ. ޙައްޖު މޫސުން ފެށެނީ ޝައްވާލު މަހުގައެވެ. ޙައްޖުގެ މަނާސިކުގެ އެންމެ މުހިއްމު މަނާސިކަކީ ޢަރަފާތު ދުވަހެވެ. އެއީ ޙައްޖުމަހުގެ 9ވަނަ ދުވަހެވެ. އޭގެ ކުރީ ދުވަހަށް ( ޙައްޖު މަހުގެ 8ވަނަ ދުވަސް ) " ތަރްވިޔާ " ދުވަހޭ ކިޔެއެވެ. ޢަރަފާތު ދުވަހާ ވިދިގެން އަންނަ ދުވަހަކީ އަޟްޙާ ޢީދު ( ބޮޑު ޢީދު ) ދުވަހެވެ. ޢީދު ދުވަހާ ވިދިގެން އަންނަ ތިން ދުވަހަކީ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހެވެ. ހައްޖުމަހުގެ މި ދުވަސްތަކަކީ ޙައްޖުގެ މަނާސިކުތައް ހިމެނޭ ދުވަސްތަކެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( الْحَجُّ أَشْهُرٌ مَعْلُومَاتٌ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَا أُولِي الْأَلْبَابِ(1) - މާނައީ : حج ގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި حج فرض ކޮށްގެންފި މީހާ (އެބަހީ: حج ވުމަށް قصد ކޮށް إحرام ބަނދެފިމީހާ، ދަންނާށެވެ!) ފަހެ حج ވުމުގެ ތެރޭގައި جماع ވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ. އަދި، (اللَّه އީ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوى އެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!}
ޙައްޖު މަހުގެ ދިހަ ދުވަހުގެ ހުކުންތައް
ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކޮށް ދެއްވައި، ވަޙީ ކުރައްވަނީ " وَ ٱلْفَجْرِ وَلَيَالٍ عَشْرٍ(2) - ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ. " އިބްނު ޢައްބާސުގެފާނާއި މުޖާހިދު ފަދަ ބޮޑެތި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އާޔަތްތަކުގައި މި ހަނދާންކޮށް ދެއްވަނީ އަޅުގަނޑުމެންނަށް ޓަކައި ހުޅުވައިލަ ދެއްވި ޚައިރާތުގެ މޫސުމެއްގެ މަތިންނެވެ. އެކަލާނގެ އަޅުގަނޑުމެންނަށް މި ގޮވައިލައްވަނީ އެކަލާނގެ ޙަޟްރަތަށް އަލުން އައުމަށެވެ.
ރަސޫލުﷲ صلى االه عليه وسلم ޙަދީޘް ކުރެއްވިއެވެ." إِنَّ الْعَشْرَ عَشْرُ الْأَضْحَى وَالْوَتْرَ يَوْمُ عَرَفَةَ وَالشَّفْعَ يَوْمُ النَّحْرِ(3) - ހަމަކަށަވަރުން ދިހަ ދުވަހަކީ އަޟްޙާގެ ދިހަ ދުވަހެވެ.ވަތުރަކީ ޢަރަފާތު ދުވަހެވެ. ޝަފްޢަކީ ބޮޑު ޢީދު ދުވަހެވެ. " މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުން ލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން ބުޚާރީ ރިވާކުރެއްވިއެވެ. ރަސޫލުﷲ - صلى الله عليه وسلم - ޙަދީޘް ކުރެއްވިއެވެ. " مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ فَقَالُوا يَا رَسُولَ اللَّهِ وَلَا الْجِهَادُ فِي سَبِيلِ اللَّهِ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : وَلَا الْجِهَادُ فِي سَبِيلِ اللَّهِ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ – މި ދިހަ ދުވަހަށް ވުރެ، ﷲގެ ޙަޟްރަތުގައި ޞާލިޙު ޢަމަލުތައް ކުރުން ލޮބުވެތިކަން ބޮޑު ވެގެންވާ ދުވަސްތަކެއް ނުވެއެވެ. އެބޭކަލުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އެކަމަކު މީހަކު އޭނާގެ ނަފްސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާ އެކު އެބުރި ނައި މީހާ ފިޔަވައެވެ."
ރޯދަ ހިފުން
މި ދުވަސްތަކުގައި ކުރެވެން އޮތް ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلمގެ އަނބިއަނބިކަނބަލުންގެ އަރިހުން ވާރިދުވެފައި ވެއެވެ. " އެކަލޭގެފާނު ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހާއި، ޢާޝޫރާ ދުވަހާއި، ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވިއެވެ. (4) " ސަޢީދު ބުނު ޖުބައިރަކީ ޙައްޖު މަހަށް ހަނދު ބަލައިފި ނަމަ އަޅުކަން ކުރެއްވުމުގައި ހޭފުޅު ލައްވައި ހުންންވަން ވެގެން، ރޭގަނޑު ގޭގެ ބައްތި ނިއްވައި ނުލައްވާ ބޭކަލެކެވެ.
- ފަޤީޙުން އިއްތިފާޤުވެ ވަޑައިގެންފައިވާ ގޮތުގައި ޙައްޖު މަހުގެ ފުރަތަމަ 8 ދުވަހު ރޯދަ ހިފުމަކީ މުސްތަޙައްބު ކަމެކެވެ. ޙަންބަލީން ވިދާޅުވާ ގޮތުގައި 8 ވަނަ ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. މާލިކީން ވިދާޅުވާ ގޮތުގައި ތަރްވިޔާގެ ދުވަހު ( 8ވނަ ދުވަހު ) ރޯދަ ހިފުމަކީ ފާއިތުވެދިޔަ އަހަރުގެ ކުށް ފާފަތައް ފުއްސަވާ ދެއްވާނެ ކަމެކެވެ. ޝާފިޢީން ވިދާޅުވާގޮތުގައި މި ދުވަސްތަކުގައި ޙައްޖުވެރީންނަށް ވެސް ރޯދަ ހިފުން ސުންނަތްވެގެން ވެއެވެ. އެހެނަސް މާލިކީން ވިދާޅުވާގޮތުގައި ޙައްޖުވެރިޔާއަށް ޙައްޖުމަހުގެ 8ވަނަ ދުވަހާއި 9ވަނަ ދުވަހު ސުންނަތް ރޯދަ ހިފުން މަކްރޫހަ ވާނެއެވެ.
- ޙައްޖު މަހުގެ 9 ވަނަ ދުވަހު (ޢަރަފާތު ދުވަހު) ރޯދަހިފުން: ފަޤީހުން އިއްތިފާޤުވެ ވަޑައިގަންނަވާ ގޮތުގައި ޙައްޖުވެރިޔާ ފިޔަވައި އެހެން މީހުން ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ދުވަހެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރައްވައިފައިވާ ގޮތުގައި ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުށް ފާފަތައް ފުއްސަވާ ދެއްވާނެ ޢަމަލެކެވެ. ޢަރަފާތު ދުވަހު ރޯދަ ހިފުމާ ބެހޭ ގޮތުން ރަސޫލުﷲގެފާނަށް ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. " صَومُ يومِ عَرَفةَ يُكفِّرُ سَنتَينِ؛ ماضيةً ومُستقبَلةً، وصَومُ عاشوراءَ يُكفِّرُ سَنةً ماضيةً.(5) – ޢަރަފާތު ދުވަހު ރޯދަ ހިފުމުން އިސްވެދިޔަ އަހަރުގައި ކުރެވުނު ފާފަތަކާއި، ކުރިއަށް އޮތް އަހަރުގައި ކުރެވޭ ފާފަތައް ފުއްސަވާ ދެއްވާނެތެވެ. އަދި ޢާޝޫރާ ދުވަހުގެ ރޯދައަކީ އިސްވެ ދިޔަ އަހަރުގައި ކުރެވުނު ފާފަތައް ފުއްސަވާ ދެއްވާނެ ކަމެކެވެ. " ބައެއް ޢިލްމުވެރީން ވިދާޅުވަގޮތުގައި ފުއްސަވާ ދެއްވާނީ ކުދި ފާފަތަކެވެ. ބޮޑެތި ފާފަތައް ފުއްސަވާ ދެއްވާނީ އެ ކަންކަމަށް ތައުބާވީމައެވެ. އެހެނަސް އަނެއްބައި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ރަސޫލާގެ ބަސްފުޅަކީ ޢާއްމު ބަސްފުޅެކެވެ. އޭގައި ބޮޑެތި ފާފަތަކާއި ކުދި ފާފަތައް ހިމެނޭނެއެވެ. އަލްއިމާމުލް ޚަޠީބުއް ޝިރްބީނީ ވިދާޅުވެފައިވާ ގޮތުގައި ޢަރަފާތު ދުވަހަކީ އެންމެ މާތް ދުވަހެވެ. އެހެނީ އެ ދުވަހު މާތް ﷲ ނަރަކައިން މުއްތި ކުރައްވާ މީހުންގެ ޢަދަދު އެހެން އެއްވެސް ދުވަހަކަށްވުރެ ގިނަވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْداً مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ(6) – ޢަރަފާތު ދުވަހަށް ވުރެ ގިނައިން އެހެން އެއްވެސް ދުވަހެއްގައި، ﷲ އެކަލާނގެ އަޅުން، ނަރަކައިން މުއްތި ނުކުރައްވަތެވެ. ހަމަކަށަވަރުން އެކަލާނގެ އެ ދުވަހު ކުއްތަންވެ ވޮޑިގަތުމަށް ފަހު މަލާއިކަތުންނަށް އެކަމާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ފަހެ، އެކަލާނގެ ވަޙީ ކުރައްވާނެތެވެ. އެބައިމީހުން އެދެނީ ކޮން ކަމެއް ހެއްޔެވެ؟)
(ނުނިމޭ)
ފުޓް ނޯޓާއި ޙަވާލާ:
1. البقرة : 197
2. الفجر : 1-2
3. رواه أحمد
4. رواه البيهقى وأحمد
5. أخرجه مسلم (١١٦٢) والنسائي في «السنن الكبرى» (٢٧٩٦) وأحمد (٢٢٥٣٥)
6. مسلم : 1348.