"فَذَكِّرْبِالْقُرْآنِ مَنْ يَخَافُ وَعِيْدِ" (سورة ق: 45)
([ފަހެ، ތިމަންރަސްކަލާނގެ ވަޢީދަށް ބިރުގަންނަ މީހަކަށް ޤުރުއާނުން ހަނދާންކޮށް ދޭހުށިކަމެވެ.])
ޢަބްދުﷲ ރަޝީދު މ.ލިނެޓް
ޚިލާފުކަމެއް ފޮތާމެދުގައި ނުވާ ބަސްފުޅުތަކީ ޤުރުއާން
ފިލާވަޅުތައް ބަލައި ވިސްނައި ހިފަންވި ފޮތޭ ވިމާތް ޤުރުއާން
ޚިލާފަތު މާތްވި އުޘްމާނީ ނިމެންދެން ބާރުވެރި އުންމަތް
މިލައި މޯޅިވި ސަބަބު ހޯދަން ހިފަންވި ފޮތޭ ވިމާތް ޤުރުއާން
އިރާ ހުޅަނގަށް ނުފޫޒުގެ ދައު ދަމައިގެން ރޯމަނުން ތިއްބައި
ފިރާލައި ހޮރުހޮރަށް ދުވެދާން ޖެހުނު ގަދަ ބާރަކީ ޤުރުއާން
ހަޖޫ ޖަހަމުން އިލާހަށަ މާތް އުޅުނު ކާފިރުވި ބިޔަ ދައުލަތް
މަޖޫސީން ވާނެކަން ބަލިއަދި ކުރިން އެނގެވި ފޮތޭ ޤުރުއާން
ޚިލާފަތު މާތްވި އިސްލާމީ ނިމުނު ސަބަބާ މެދަށް ވިސްނައި
ފިލާވަޅު ލިބި ހިފަންވި ފޮތީ އެނގޭތޯ ކަށަވަރުން ޤުރުއާން
ފޮތަށް ބާޠިލް ކަމެއް ދުވަހަކު ކުރިން ފަހަތުން އައުން ނުމެވާ
ގޮތަށް ޙުކުމާއި ކަން ދެމިއޮވެ ހިނގާނެ ފޮތޭ ވިމާތް ޤުރުއާން
އަޚުންނޭ ބާރު ލައްވާފައި އަލުން ވައުފަށު ހިނގާށެ ހިފަން
ވަހުމްތައް ހިތްހިތުން ނެރެލަން ޝިފާވި ފޮތޭ ވިމާތް ޤުރުއާން
_________________________