އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (7)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

 

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(5 އޮގަސްޓް 2020 ގައި ޝާއިޢުކުރެވުނު ހިސާބާ ގުޅޭ)

ހީވާ ގޮތުގައި، މިހެންވާނީ، ނަމާދުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮންނާން ޖެހޭނީ، ނަމާދުގެ ބޭރުފުށުގެ ކަންތައްތައް ވީހާ ވެސް ރަނގަޅަށް އަދާ ކުރެވޭތޯ ބަލާ ފަދައިން، ނަމާދުގެ އަސްލު މަގުސަދާ ދޭތެރޭ ފުންކޮށް ވިސްނައި، އެ ކަން ހާސިލު ކުރެވޭތޯ ބަލައިގެންނެވެ. ކުރީން ވެސް ބަޔާންކުރެވި ދިޔަ ފަދައިން، ނަމާދުގެ ބޭނުމަކީ، ނަމާދުކުރާ މީހާ، މާތްﷲއާ ގުޅުވައިލަދީ އަދި އެ ގުޅުމުގެ ސަބަބުން މީހާ ހެޔޮލަފާ މީހަކަށް ވުމަށް އެހީވެދީގެންނެވެ. ކުރީން ބަޔާން ކުރެވި ދިޔަ إن الصلاة تنهى عن الفحشاء والمنكر ... (ހަމަ ކަށަވަރުން ނަމާދަކީ ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން ... ދުރުހެލިކުރުމަށް (އެހީވެދޭ) ... (ވަސީލަތެކެވެ)، މި އާޔަތުގައި ވާފަދައިންނެވެ. އެހެންވެ ނަމާދުކުރުމުގައި އެންމެ އިސްކަން ދެވެން ޖެހޭނީ މި މަގުސަދު ހާސިލުވެވޭތޯއެވެ. 

ދެން އަޅުގަނޑު ބަލައިލާން ގަސްދުކުރަނީ އާމީންގެ މައްޗަށެވެ. 'އާމީން'އާ ބެހޭ ގޮތުން މުފައްސިރުން ވާހަކަ ދައްކަވާ އިރު، އާއްމު ގޮތެއްގައި، އެބޭކަލުންގެ ވާހަކަތައް އަމާޒުވަނީ ތިން ކަމެއްގެ މައްޗަށެވެ. އާމީން ކިޔުމަކީ ޝަރުޢުކުރެވި ކަނޑައެޅިފައިވާ ކަމެއްތޯއާއި އާމީން ކިޔަނީ ކިހިނެއްތޯއާއި އަދި އާމީންގެ މާނައިގެ މައްޗަށެވެ. މި ތަނުގައި މި ތިން ކަމުގެ އިތުރުން، އާމީން މިލަފްޒުގެ އަސްލުގެ މައްޗަށް ވެސް ބަލައިލާން ގަސްދުކުރަމެވެ.

އެންމެ ފުރަތަމަ 'އާމީން' މި ލަފްޒުގެ އަސްލުގެ މައްޗަށް ބަލައިލަމާތޯއެވެ. ޝައްކެއްނެތް ގޮތުގައި، ކީރިތި ޤުރްއާން ބާވައިލެއްވުނު އިރު މިލަފުޒަކީ އަރަބި ބަހުގައި ބޭނުން ކުރެވެމުން އައި ލަފުޒެކެވެ. މި ލަފުޒުގެ އަސްލާ މެދު ތަފާތު ގޮތްގޮތަށް ވާހަކަދެކެވެއެވެ. ބައެއް ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި މި ލަފުޒަކީ ޚާލިސް އަރަބި ލަފްޒެކެވެ. މި ބޭކަލުންގެ ރައުޔު ބިނާވެފައިވަނީ ސާމީ ބަސްތަކުގެ އަސްލަކީ އަރަބި ބަސްކަމާއި މި ބަހުގެ ފެންކޮށްޓަކީ އަރަބި ކަރަކަމެވެ. އަދި ސާމީ އެހެން ބަސްތަކަށް މި ލަފުޒު ގޮސްފައިވަނީ އަރަބި ބަހުންކަމެވެ. 

އަރަބި ބަހުގެ ބައެއް އިލްމު ވެރިން، މިބަހުގެ އަސްލު ސީރިއެކް ބަހާ ވެސް ގުޅުވައިލައެވެ. ސީރިއެކް ބަހަކީ އަރަމައިކް ބަހުގެ ބަހުރުވަތަކުގެ ތެރެއިން ބަހުރުވައެކެވެ. ހީބްރޫ ބަސް ނުވަތަ ޢިބްރާނީ ބަހުގެ ވެސް އަސްލު ކަމުގައި ބެލެވިފައިވަނީ އަރަމައިކް ބަހެވެ. އަރަމައިކް ބަހާއި ސީރިއެކް ބަހާއި ހިބްރޫބަހާއި އަދި އަރަބި ބަހަކީ ވެސް ސާމީ ބަސްތަކުގެ ތެރޭގައި ހިމެނޭ ބަސްބަހެވެ. މި ރައުޔުގެ މައްޗަށް ބަލާއިރު 'އާމީން' މިލަފްޒު ސާމީ ބަސްތަކަށް ގޮސްފައިވަނީ އެބަސް ތަކުގެ އަސްލު ސީރިއެކް ބަހުންނެވެ. 

'އާމީން' މިލަފްޒު، އައިސްފައިވަނީ ހިބްރޫ ބަހުން ކަމަށް ވެސް ބައެއް އިލްމުވެރިން ދެކިލައްވައެވެ. އިބުރާހިމީ މުގައްދަސު ފޮތްތަކަށް (ތައުރާތާއި އިންޖީލާއި އަދި ޤުރްއާންއަށް) ބަލައިލާ އިރު، ތާރީޚީ ގޮތުން، އާމީން، މި ލަފްޒު އެންމެ ކުރީން ބޭނުން ކުރެވިފައިވަނީ ހީބްރޫ ބައިބަލްގައި ކަމަށް ވާތީއެވެ. ހީބްރޫ ބައިބަލްއަށް ޔަހޫދީން ކިޔައި އުޅެނީ ތަނަޚްއެވެ. ތަނަޚް އެކުލެވިގެންވަނީ ތިންބައިގެ މައްޗަށެވެ. އެއީ ތައުރާތާއި (އިރުޝާދުތައް ނުވަތަ ޝަރުއީ ގާނޫނުތައް) ނެވިއީމް (ނަބީބޭކަލުންގެ ވާހަކަ) އާއި ކެތުއީމް (ލިޔުންތައް) މި ތިން ބައެވެ. އަދި ކްރިސްޓިއްނުން ހިބްރޫ ބައިބަލަށް ކިޔައި އުޅެނީ އޯލްޑް ޓެސްޓަމެންޓްއެވެ. ހިބްރޫ ބައިބަލްގައި އާމީން ބޭނުންކުރެވިފައި އޮތުމުގެ މާނައަކީ ހީބްރޫ ބަސް ނުވަތަ އަރަމައިކް ބަސް އަރަބި ބަހަށް ވުރެ ދޮށިވުމެއް ނޫނެވެ. ސަބަބަކީ، މިހުރިހާ ސާމީ ބަހެއްގެ އަސްލު މައި ބަހަކީ ކޮބައިކަން ސާފުކޮށް އެނގިފައި ނެތުމެވެ.

މި ނަންގަތް ރައުޔުތަކުގެ އިތުރަށް، ބައެއް އިލްމުވެރިން، 'އާމީން' މި ލަފްޒުގެ އަސްލު ގިޕްތީ ބަހާ ވެސް (ކޮޕްޓިކް، މިސުރުގެ އަސްލު އަހުލުވެރިންގެ ބަސް) ގުޅުވައިލައެވެ. މި ފަދަ އިލްމުވެރިންގެ ރައުޔުގައި 'އާމީން' މި ލަފްޒު އައިސްފައިވަނީ ޤިބްޠީ ބަހުގެ 'އާމޫން' ނުވަތަ 'އާމޫން-ރާ' އިންނެވެ. އެއީ ގިބްތީންގެ އިލާހެކެވެ. މި ގުޅުވާލުން ބިނާކުރެވިފައި ވަނީ 'އާމީން' އާއި 'އާމޫން" މި ދެ ލަފުޒުގެ ސޫރައިގެ އެއްގޮތްކަމުގެ މައްޗަށް ރިއާޔަތްކުރެވިގެންނެވެ. މި ދެންނެވި ފަދަ އިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި މޫސާގެފާނު މިސުރުގައި އުޅުއްވި އިރު، އެ ލަފުޒު އެނގި ވަޑައިގަންނަވާނެއެވެ. އަދި އެ ގޮތުން ހިބްރޫ ބަހަށް ވެސް އެ ލަފްޒު ވަދެފައިވާނޭ ކަމަށް ވެސް އެބޭކަލުން ދެކެވަޑައިގަންނަވައެވެ. 

ނަމަވެސް، ހީބްރޫ ބައިބަލްގައި މި ލަފްޒު އެންމެ ފުރަތަމަ ބޭނުންކުރެވިފައިވާ ގޮތުގެ މައްޗަށް ބަލައިލާ އިރު، މިއީ ގާތްގަނޑަކަށް މުސްތަހީލުކަމެއް ކަމުގައި މި މައްސަލަ ބަހުސްކުރައްވާ އިލްމުވެރިން ވިދާޅުވެއެވެ. 'އާމީން' މި ލަފުޒު ހީބްރޫ ބައިބަލް ގައި އެންމެ ފުރަތަމަ ވާރިދުވެފައިވަނީ އަދަދުތަކުގެ ނަމުން ނަންދެވިފައިވާ ފޮތުގެ ފަސްވަނަ ބާބުގެ ބާވީސްވަނަ އާޔަތުގައެވެ. މިއާޔަތުގައި އައިސްފަނީ ޒިނޭކުރިކަމަށް ތުހުމަތު ކުރެވުނު އަންހެނެއްގެ ވާހަކައެކެވެ. އޭނާ ޒިނޭކުރިކަމަށް އިންކާރުކުރުމުން އެކަމުން އޭނާ ބަރީއަވުމަށްޓަކައި، އެކަން އޭނާކޮށްފައިވާ ނަމަ، އޭނާގެ މައްޗަށް މާތްﷲ ކޯފާލެއްވިޔަސް އެންމެ ރަނގަޅުކަމަށް ބުނެ 'އާމީން' ކިޔުމަށް އޭނާއަށް އިރުޝާދުދެވިފައި ވެއެވެ. އެ އާޔަތުގައި ވަނީ "ލައުނަތް ގެނެސްދޭ މި ފެން، އިނބަގެ ހަށިގަނޑު ތެރެއަށް ވަދެގެން ދާ ހުށިކަމެވެ. އަދި އޭގެ ސަބަބުން އިނބަގެ ބަނޑު ދުޅަވެ، ނޫނީ އިނބަގެ ރަހިމު (ގައި ދަރިއެއް އޮތްނަމަ އެދަރި) ބައިގެންދާހުށި ކަމެވެ." 'ދެން، (މިވާހަކަ މުޚާތަބު ކުރެވޭ) އަންހެންމީހާ ބުނަން ޖެހޭނީ 'އާމީން، އެހެން ވާ ހުށިކަމެވެ،" މިހެންނެވެ. މިތަނުގައި އެއަންހެން މީހާ މުޚާތަބު ކުރަނީ މާތްﷲއާއެވެ. 'އާމޫން' އިލާހަކާއެއް ނޫނެވެ. އެހެންވެ، 'އާމިން' ހިބްރޫ ބައިބަލްގައި ބޭނުން ކުރެވިފައިވަނީ ޤިބްތީން 'އާމޫން' ބޭނުން ކުރި މާނައިގައި ނޫންކަމާއި އަދި 'އެކަން އެގޮތަށް ވާހުށިކަމެވެ' މި މާނައިގައިކަން ބައިބަލްގެ މިއާޔަތުން އެނގެއެވެ. 

ދެން އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު އާމީން ކިޔުމުގެ މައްޗަށް ބަލައިލަމާތޯއެވެ! އެންމެ ފުރަތަމަ އެލަފުޒު ކިޔާ ގޮތާ ބެހޭ ގޮތުންނެވެ. އެ ލަފުޒު ކިޔުމުގައި ސައްހަ ދެ ގޮތެއް ވާރިދުވެފައި ވެއެވެ. ފުރަތަމަ ގޮތަކީ އަލިފުގައި އަބަފިލި ޖަހައި 'އަމީން' ކިޔުމެވެ. ދެވަނަ ގޮތަކީ އަލިފުގައި އާބާފިލި ޖަހައި އާމީން ކިޔުމެވެ. މި ދެ ގޮތް ވެސް އެންމެ ރަނގަޅު ކަމުގައި އިލްމުވެރީން އެއްބަސްވެ ވަޑައިގަނެއެވެ. (އިބްނު މަންޡޫރުގެ ލިސާނު އަލްޢަރަބި 29/13).

ހުރިހާ އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އާމީންއަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއްނޫނެވެ. އަދި އާމީން، މި ލަފުޒު، އެހެން އެއްވެސް ސޫރަތެއްގައި ވެސް ވާރިދުވެފައެއް ނުވެއެވެ. އެހެން ނަމަވެސް، ނަމާދުގައި، އަލްފާތިޙާ ސޫރަތް ކިޔެވުމަށް ފަހު، އާމީން ކިޔުމަކީ ޝަރުޢުކުރެވި، ކަނޑައެޅިފައިވާ ކަމެއްކަމުގައި ގިނަ މުފައްސިރުންނާއި ފިޤުހު އިލްމުވެރިން ދެކެވަޑައިގަންނަވައެވެ. މި މައްސަލައާ ބެހޭ ގޮތުން ބައެއް ހަދީސް ވާރިދުވެފައި ވެއެވެ. އޭގެ ތެރެއިން އެއް ހަދީސެއްގައި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިކަމަށް އޮވެއެވެ. "އިމާމު މީހާ އާމީން ކިޔުމުން ކަލޭމެން (މައުމޫމުން) އާމީން ކިޔާށެވެ..." އަދިވެސް އެހެން ހަދީސެއްގައި ކީރިތި ރަސޫލާ އަޑުހަރުކޮށް، (މީމުގެ އިބިފިލި) ދައްމަވައިލައްވައިފައި އާމީން ވިދާޅުވާކަމާއި އަދި އެއަށް ފަހު މައުމޫމުންގެ އާމީން ކިޔެވުމުން މުޅި މިސްކިތް ގުގުމާލައިގެންދާ ވާހަކަ ވެސް އައސްފައި ވެއެވެ. މި ދެ ހަދީސްއާއި އަދި މި މާނައިގައި ވާރިދުވެފައިވާ އެހެން ހަދީސްތަކަކީ ވެސް ސައްހަ ހަދީސް ކަމުގައި ހަދީސް އިލްމުވެރިން ދެކެވަޑައިގަންނަވައެވެ. (ތަފްސީރުލް މަނާރު 98/1). އަދި ފިގުހު އިލްމު ވެރިއެއްކަމުގައްޔާއި އަދި ހަދީސް އިލްމުވެރިއެއް ކަމަށްވާ އައްޝަވްކާނީ އޭނާގެ ނައިލު އަލްއަވްޠާރުގައި، މި މައްސަލައާ ބެހޭ ހަދީސްތައް ބަޔާންކުރައްވައި، އޭގެ މައްޗަށް ބިނާކޮށް، ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު އާމީން ކިޔުމަކީ ޝަރުއުކުރެވިފައިވާ ކަމެއް ކަމަށް ވިދާޅުވެއެވެ. (ނައިލު އަލްއަވްޠާރު 225-222/1). އަދި، މި މާނައިގައި  ޞައްޙަ ސަތާރަ ހަދީސް ވާރިދުވެފައިވާ ކަމަށް މުޙައްމަދު ޢަބްދުހޫ ވެސް ބަޔާންކުރައްވައެވެ. (ތަފްސީރު އަލްމަނާރު 98/1). އިމާމު މާލިކާއި އަދި އިމާމު އަބޫ ޙަނީފާގެ ފަރާތްޕުޅުން އާމީން ކިޔުން ނެތްކަމަށް އެބޭފުޅުން ވިދާޅުވާކަމާއި އަދި މި ބާބުގައި ވާރިދުވެފައިވާ ހަދީސްތައް އެވިދާޅުވުމަށް ރައްދުދޭ ކަމުގައި ވެސް އައްޝަވްކާނީ ބަޔާންކުރައްވައެވެ. (ނައިލު އަލްއަވްޠާރި 222/1). 

ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމަށްފަހު އާމީން ކިޔެވުން ޝަރުޢުކުރެވިފައި ވިޔަސް، އެކަމުގެ ޙުކުމާއި ދޭތެރޭ ފިޤުހުވެރިންގެ ރައުޔު ތަފާތެވެ. ޞަޙީޙު އަލްބުޚާރީގެ ޝަރަޙައެއް ލިޔުއްވި އިބްނު ޙަޖަރު ވިދާޅުވަނީ ގިނަ އިލްމުވެރިންގެ ރައުޔުގައި އެއީ އެއީ މަންދޫބު (އެދެވިގެންވާ) ކަމެކެވެ. ޡާހިރީ މަޒްހަބުގައި އާމިން ކިޔުމަކީ ވާޖިބު ކަމެކެވެ. އަދި މުހައްމަދު ޢަބްދުހޫ ދެކެވަޑައިގަންނަވަނީ އިމާމާ އާމީން ކިޔެވުމުން މައުމޫމުންގެ މައްޗަށް އާމީން ކިޔުން ވާޖިބު ވެގެންވެއެވެ. މި ޚިޔާލު ތަފާތުވުން ބިނާވެފައިވަނީ އާމީން ކިޔުމަށް ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި އޮތް އިބާރާތުގައި އަމުރުގެ ސީޣާ (ކަލޭމެން އާމީން ކިޔާށެވެ!) މާނަކުރެވުމާއެވެ. އެއްބަޔަކު މާނަކުރަނީ މިތާގައި އަމުރުގެ ޞީޣާ ދޭހަކޮށްދެނީ އެއީ އެދެވިގެންވާ ކަމެއްގެ ގޮތުގައެވެ. އަނެއްބަޔަކު ދެކެނީ އަމުރުގެ ޞީޣާ މާނަކުރެވެނީ ކޮންމެހެން ކުރަންޖެހޭ ވާޖިބު ކަމެއްގެ ގޮތުގައެވެ. 

'އާމީން'އާ ބެހޭ ގޮތުން ދެން އޮތީ އެ ލަފުޒުގެ މާނައާއި ބެހޭ މައްސަލައެވެ. އެ ލަފުޒުގެ މާނަ ބަޔާންކޮށް ދިނުމުގައި ގިނަ އިލްމުވެރިން ވިދާޅުވަނީ އާމީން ގެ މާނައަކީ 'اللهم فاستجب' މިއެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، (އަޅަމެންގެ ދުއާ) އިޖާބަކޮށްދެއްވާނދޭވެ' މިއެވެ. ބައެއް އިލްމުވެރިން ވިދާޅުވަނީ އާމީންގެ މާނައަކީ كذلك فليكن މިއެވެ. އެފަދައިން، (އެބަހީ، އަޅަމެން ދުއާގައި ދަންނަވާފަދައިން) އެކަން ވާހުށިކަމެވެ' މިއެވެ. އާމީން އަކީ މާތްﷲގެ އިސްމުފުޅެއްކަމުގައި ވެސް މުޖާހިދު ފަދަ ބައެއް އިލްމުވެރިން ވިދާޅުވެއެވެ. މާނައަކީ 'ހައްގުވަންތަ ފަރާތް' މިއެވެ. ލަފާކުރެވޭގޮތުގައި މި މާނަ ނެގިފައިވަނީ ބައިބަލް އިންނެވެ. މުފައްސިރުންގެ އިސްތިލާހުގައި އިސްރާއީލީ ރިވާޔަތްތަކުންނެވެ. އާމީން އެއީ އަރަބި ބަހުގައި މާތްﷲގެ އިސްމުފުޅަކަށް ނުވާނެކަމަށް އަލްއަޒްހަރީ ފަދަ އިހުގެ އަރަބި ބަހުގެ އިލްމުވެރީން ވިދާޅުވެ، މި ރައުޔަށް ރައްދު ދެއްވައެވެ. (އިބްނު މަންޡޫރު، ލިސާނު އަލްޢަރަބް 27/13).

މި ތަނުގައި ފާހަގަކޮށްލަން ޖެހެނީ ނަމާދުގައި މުސްލިމުން އެންމެ ފުރަތަމަ އާމީން ކީއިރު ކީ ކޮން މާނައެއްގައިތޯއެވެ. މުސްލިމުން، އާމީން، މިލަފްޒު، އަބަދު ވެސް ބޭނުންކޮށްފައިވަނީ މާތްﷲ ހަޟްރަތުގައި ދުއާ ދެންނެވުމަށްފަހު އެދުއާ އިޖާބަކޮށްދެއްވުމަށް އަދައި ދެންނެވުމުގެ މާނަ ދޭހަކޮށްދޭ އިބާރާތެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ، އެހެން ބައެއް ދީންތަކުގައި ވެސް އާމީން ބޭނުން ކުރެވެނީ މިފަދަ މާނައެއްގައެވެ. 

އާދޭހެވެ! މި ހިސާބުން އަލްފާތިޙާ ސޫރަތަށް އިތުރުކޮށްލުމުގެ ގޮތުން، އަޢޫޛާއި ބިސްމިއާއި އާމީން ކިޔުމާ ބެހޭ ގޮތުން ގެނެސްދެވުނު ވާހަކަތައް ނިމުނީއެވެ. ދެން ބަލައިލެވޭތޯ މަސައްކަތްކުރާނީ އަލްބަޤަރާ ސޫރަތުގެ މައްޗަށެވެ. އެންމެ ފުރަތަމަ އެ ސޫރަތުގެ ވަށަ ރޮނގެއް ދެން ގެނެސްދެވޭ ބައެއްގައި، އިރާދަކުރެއްވިއްޔާ، ހުށަހަޅައިލެވޭތޯ ބަލާނަމެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ