އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (8)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

 

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(6 އޮގަސްޓް 2020 ގައި ޝާއިޢުކޮށްފައިވާ ބަޔާ ގުޅޭ)

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް (1)

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލާލަން ގަސްދުކުރާއިރު، އެންމެ ފުރަތަމަ ހުށަހަޅާލަން ބޭނުންވަނީ އެސޫރަތުގެ ވަށަރޮނގެކެވެ. މިވަށަރޮނގު އެކުލެވިގެންވަނީ މިދަންނަވާ ނުކުތާތަކުގެ މައްޗަށެވެ. އެންމެ ފުރަތަމަ، ސޫރަތުގެ ނަމާއި، ބާވާލެއްވުނު ތާރީޚެވެ. ދެން، ސޫރަތުގެ ޖުމްލަ މާނައެވެ. އެއަށްފަހު ސޫރަތް ބިނާވެފައިވާ ގޮތާއި، ސޫރަތުގައި ހިމެނޭ ބައިތަކާއި އެބައިތަކުގެ ކުރު ޚުލާސާއެކެވެ.

ސޫރަތުގެ ނަމާއި ބާވައިލެއްވުނު ތާރީޚް

ކީރިތި ޤުރްއާނުގެ ސޫރަތްސޫރަތުގެ ނަމުގެ ވާހަކަ ދައްކާއިރު، ހަނދާންކޮށްލާން ޖެހޭ މުހިއްމު ނުކުތާއެއް އެބަ އޮތެވެ. އެއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކަށް ނަންދެވިފައިވަނީ ސޫރަތްތައް ފާހަގަކޮށް އެއް ސޫރަތާއި އަނެއް ސޫރަތް ވަކިކުރުމުގެ ބޭނުމުގައި ކަމެވެ. އާއްމު ގޮތެއްގައި، ސޫރަތްތަކަށް ނަންދެވިފައި ވަނީ، އެ ސޫރަތުގައި ނަންގަނެވިފައިވާ މުހިއްމު ހާދިސާއަކަށް ނުވަތަ ވާހަކައަކަށް ނުވަތަ ޝަޚްޞިއްޔަތަކަށް ނިސްބަތްކޮށެވެ. އަލްބަޤަރާ ސޫރަތުގެ ނަން ގުޅިފައިވަނީ، އެސޫރަތުގެ 67 ވަނަ އާޔަތުން ފެށިގެން 73ވަނަ އާޔާތުގެ ނިޔަލަށް، ނަންގަނެވިފައިވާ ވާހަކައަކާއެވެ. ބަނޫ އިސްރާއީލު ބާގައިގެ މީހުން އިމްތިހާނު ކުރެއްވުމުގެ ގޮތުން، ގެރިއެއް ކަތިލާން އަމުރު ކުރެވުނު ހިނދު، އެ މީހުން ކަންތައްތައް ކުރި ގޮތުގެ ވާހަކައާއެވެ. މީގެ ތަފްސީލު އެއާޔަތްތަކުގެ ތަފްސީރުގެ ވާހަކަ ލިޔެވޭއިރު ބަޔާން ކުރެވޭނެއެވެ.

މި ކަމުން ފާހަގަކޮށްލަން ބޭނުންވަނީ، އާއްމު ގޮތެއްގައި، ކީރިތި ޤުރްޢާނުގެ ސޫރަތަކަށް ދެވިފައިވާ ނަމަކުން، އެސޫރަތުގެ މައުޟޫއުގެ މައްޗަކަށް އިޝާރާތެއް ނުކުރެވޭ ކަމެވެ. މީގެ މިސާލަކީ މީސްމީހުންނަށް ކިޔޭ ނަންނަމުގެ މިސާލެވެ. 'އަސަދު' (ސިންގާ) މިހެން މީހަކަށް ކިޔައި، އޭނާއަށް އެނަން ދެވުމުގެ މާނައަކީ އޭނާ 'ސިންގާ'އަކަށް ވުމެއް، ނުވަތަ އޭނާއަށް، ސިންގާއެއްގެ ސިފަ ލިބިގެންވުމެއް ނޫނެވެ. ހަމަ އެހެންމެ އިނގިރޭސި ބަހުން މީހަކަށް 'މރ. ބްލެކް' (ކަޅު) އޭ ކިޔުމުން އޭނާއަކީ 'ކަޅު' މީހަކަށްވުން ލާޒިމެއް ނުކުރެއެވެ. މީސްމީހުންނަށް ނަން ދެވެނީ މީސްމީހުން ކަނޑައަޅައި ފާހަގަކޮށް، އެ މީސްމީހުން، އެހެން މީހުންނާއި ވަކި ކުރުމުގެ ބޭނުމުގައެވެ. ހަމަ މިފަދައިން، ސޫރަތް ސޫރަތަށް ނަންދެވިފައިވަނީ ވެސް، އެއް ސޫރަތް އަނެއް ސޫރަތާ ވަކިކޮށް ފާހަގަކުރުމުގެ ބޭނުމުގައެވެ. މިހެންވެ، ކީރިތި ޤުރްއާނުގެ ސޫރަތްތައް ތަރުޖަމާ ކުރެވޭއިރު، ސޫރަތް ސޫރަތުގެ ނަން ތަރުޖަމާނުކޮށް، އެނަން އޮންނަ ގޮތަށް ބޭއްވެއެވެ. އާދެ، 'އަލްބަޤަރާ'ގެ މާނައަކީ 'ގެރި' ކަމުގައި ވިޔަސް، އެ ގޮތަށް މާނަނުކޮށް ބޭއްވެއެވެ. އަދި އަލްބަޤަރާ ސޫރަތަކީ 'ގެރީ'ގެ މައުޟޫއުގެ މައްޗަށް އިންސާފުކުރެވޭ ސޫރަތެއްގެ ގޮތުގައި ނުބެލެވެއެވެ. އަލްބަޤަރާ، އެއީ އެ ސޫރަތުގެ ނަން ކަމުގައި ބެލެވި، އެސޫރަތަކީ އަލްބަޤަރާ ސޫރަތޭ ބުނެ، އެ ގޮތުގައި ބޭއްވެއެވެ.

އަލްބަޤަރާ ސޫރަތަކީ މަދަނީ ދައުރުގައި ބާވައިލެއްވުނު ސޫރަތަކެވެ. އެ ސޫރަތުގެ ބޮޑުބައި، ބާވައިލެއްވުނީ މަދަނީ ދައުރުގެ ކުރީކޮޅުގަ އެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރައްވައި މަދީނާގައި ހޭދަކުރެއްވި ފުރަތަމަ ދެ އަހަރުގެ ތެރޭގައެވެ. ނަމަވެސް އަލްބަޤަރާ ސޫރަތުގެ 271ވަނަ އާޔަތުން ފެށިގެން 281ވަނަ އާޔަތުގެ ނިޔަލަށް ބާވައިލެއްވުނީ މަދަނީ ދައުރުގެ ފަހުކޮޅުގައެވެ. އަދި 281 އާޔަތަކީ ކީރިތި ޤުރްއާނުގެ އެންމެ ފަހުން ބާވާލެއްވުނު އާޔަތް ކަމުގައިވެސް ބެލެވެއެވެ.

މައިގަނޑު މައުޟޫއުއާއި ޖުމްލަ މާނަ

އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއަކީ އިލާހީ ހިދާޔަތުގެ ވާހަކައެވެ. ހެޔޮ ގޮތުގެ މަގު ބަޔާން ކުރުމުގެ ވާހަކައެވެ. އިންސާނާގެ ފަރުދީ ހަޔާތާއި އަދި ޖަމާއީ ހަޔާތް ހެޔޮ ގޮތުގައި ވޭތުކޮށްލާނީ ކިހިނެއްކަމާ ބެހޭ ގޮތުން ދެވޭ ތައުލީމާތުތަކާއި އިރުޝާދުގެ ވާހަކައެވެ. އެކަމާ ބެހޭ ގޮތުން އުނގަންނައިދެވޭ އުނގަންނައިދިނުންތަކާއި ބުނެދެވޭ ބުނެދިނުންތަކުގެ ވާހަކައެވެ. އެސޫރަތުގެ ދެވަނަ އާޔަތުގައި މިކަން ކަނޑައަޅައި ބަޔާންކޮށްދެވިފައި ވެއެވެ. ذلك الكتاب لا ريب فيه هدى للمتقين، (މިއީ އެފޮތެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، ތަޤުވާވެރިންނަށްޓަކައި، އެފޮތުގައި ހިދާޔަތު، (އިލާހީ ހެޔޮ މަގު، ބަޔާން ކުރެވިފައި)، ވެއެވެ'، މިއާޔަތުގައެވެ. މި މައިގަނޑު މައުޟޫއާ މެދު ވިސްނައިލުމުން، އަލްބަޤަރާ ސޫރަތާއި އެސޫރަތުގެ ކުރީން އޮތް އަލްފާތިޙާ ސޫރަތާ ގުޅޭ ގޮތް އެނގިގެންދެއެވެ. އާދޭހެވެ! އަލްބަޤަރާ ސޫރަތް ހިމެނެނީ، އަލްފާތިޙާ ސޫރަތުގައި، ތެދުމަގު އެދިގެން މާތްﷲގެ ޙަޟުރަތުގައި ދެންނެވިފައިވާ اهدنا الصراط المستقيم 'އަޅަމެނަށް ތެދު މަގު ދައްކަވާފާނދޭވެ!، މި ދުޢާގެ އިޖާބަކަމުގައެވެ. އަލްބަޤަރާ ސޫރަތަކީ ކީރިތި ޤުރުއާނުގައި ހުށަހަޅައިލެވޭ އިލާހީ ތެދުމަގު ބަޔާންކޮށްދިނުމުގެ ފެށުމެވެ.

އިލާހީ ހިދާޔަތުގެ މާނައަކީ ކޮބައިކަމާއި ކީރިތި ޤުރުއާނުގައި އެ ކަން ހުށަހަޅައިލެވިފައިވާ ގޮތާއި އަދި އެ ކަން މާނަ ކުރުމާ ބެހޭ ގޮތުން، ވޭތުވެ ދިޔަ ދޮޅު ގަރުނެއްހާ ދުވަހު ދެކެވިފައިވާ ވާހަކަތައް، ވަކިން، މުލްހަގެއްގެ، (އެޕެންޑިކްސްއެއްގެ)، ގޮތުގައި، އަލްބަޤަރާ ސޫރަތުގެ ތަފްސީރު ނިމުމުން،  އިރާދަކުރެއްވިއްޔާ، ތަފްސީލުކޮށް ބަޔާންކޮށް ދެވޭތޯ ބަލާނަމެވެ. މި ތަނުގައި، މި ވަގުތު، މި ވާހަކަތަކުގެ ކުރު ޚުލާޞާއެއް ހުށަހަޅައިލަމެވެ. މި ވާހަކަތަކުގެ މުހިއްމުކަމަށްޓަކައެވެ.

ދެންމެ އިޝާރަތްކޮށްލި ފަދައިން، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ހިދާޔަތުގެ ވާހަކަ ގުޅެނީ މުއުމިނާގެ ފަރުދީ އަދި އޭނާގެ މުޖުތަމަޢީ ހަޔާތާއެވެ. އޭނާގެ އަމިއްލަ ޒާތީ ހަޔާތް ހެޔޮ ގޮތުގައި ވޭތުކޮށްލާނީ ކިހިނެއްކަމާއި އަދި އޭނާގެ މުޖުތަމައުގެ ކަންތައްތައް ރަނގަޅު ގޮތުގައި ރާވައި އިންތިޒާމު ކުރާނީ ކިހިނެއްކަމާއެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ އިލާހީ ހިދާޔަތުގެ ތައުލީމާތުތަކަށް، ޖުމްލަކޮށް، 'ޝަރީޢަތް' ނުވަތަ 'ހިނގަން ކަނޑައެޅިފައިވާ މަގު' މި ލަފްޒުން އިޝާރަތް ކުރެވެއެވެ. އަލްޖާޘިޔާ ސޫރަތުގެ އަށާރަ ވަނަ އާޔަތުގައެވެ.

ކީރިތި ޤުރުއާނުގައި، ޝަރީއަތާ ބެހޭ ތައުލީމާތުތައް، ބަޔާން ކުރެވިފައިވަނީ ތަފާތު ސިފަސިފައި ގައެވެ. ބައެއްފަހަރު ހިއްސީ ސިފައެއްގައެވެ. މިސާލަކަށް، ރޯދަ ހިފުން ފަރުޟު ކުރެވިފައިވަނީ ފަޖުރުއްސާދިގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސެން ދެންނެވެ، މި ކަމަށް ބައްލަވައިލައްވާށެވެ! އަނެއް ބައިފަހަރު މައުނަވީ ސިފައެއްގައި، މަބްދައުތަކެއް ނުވަތަ އުސޫލުތަކެއްގެ، ސިފައިގައެވެ. މިސާލަކަށް، ވެރިކަންކުރުމާއި މުޖުތަމައުގެ ކަންތައްތައް ރާވައި ހިންގުން ބިނާވެފައި އޮންނަން ވާނީ މަޝްވަރާގެ މައްޗަށް ކަމަށް ބަޔާންކުރެވިފައިވާ އިރުޝާދެވެ؛ ވެރިކަމުގެ ނިޒާމު އޮންނާން ޖެހޭ ވަކި ޚާއްސަ ސިފައެއް ކަނޑައެޅިފައެއް ނެތެވެ. އަދި، އެކަން އޮންނަން ޖެހޭނީ ކަނޑައެޅިގެން މިވެނި ސިފައެއްގައިކަން، ކީރިތި ރަސޫލާގެ ސުންނަތުން ނުވަތަ އަލްޚުލަފާއުއްރާޝިދޫންގެ (ފުރަތަމަ ހަތަރު ޚަލީފާއިން ކަމުގައި ހިމެނުނު އަބޫބަކުރުގެފާނާއި، އުމަރުގެފާނާއި އުސްމާނުގެފާނާއި އަލީގެފާނުންގެ) އަމަލުފުޅުތަކުން ވެސް ދޭހައެއް ނުވެއެވެ. އަދި އަނެއް ބައެއް ފަހަރު މި ތައުލީމާތުތައް އިބާރަތް ކުރެވިފައިވާ ގޮތުގެ ލަފްޒީ މާނައަށް ބާރުލެވި އެކަމަށް އިސްކަން ދެވިގެންނެވެ. މިސާލަކަށް، އޫރުމަހާއި މުޅަތަކެތި ފަދަ ބައެއް ކާނާ ހަރާންކުރުން އިބާރަތް ކުރެވިފައިވާ ގޮތުގެ މައްޗަށް ބައްލަވައިލައްވާށެވެ. އަދި މިނޫންވެސް ހަރާން-ހަލާލު ކަންތައް ބަޔާންކުރުމަށް ބޭނުންކުރެވިފައިވާ އިބާރާތްތަކުގެ މައްޗަށްވެސް މެއެވެ. އަނެއްބައިފަހަރު، އެ ތައުލީމާތުތަކުގެ މަޤާސިދުތަކަށް، އެބަހީ އެކަމުން ހާސިލުކުރަން ގަސްދުކުރެވޭ ކަންތައްތަކަށް ބާރުލެވި، އެ ކަންކަމަށް އިސްކަން ދެވިގެންނެވެ. މިސާލަކަށް، ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވާ، އަދި، ފިޤުހު އިލްމުގައި އެ ކަންކަމަށް، ޙުދޫދުގެ ނަމުން ނަންދެވިފައިވާ، އުޤޫބާތްތަކަށާއި، އަދި ޤިޞާޞުގެ ނުވަތަ މަރަށް މަރު ހިފުމުގެ، ހުކުމް އިބާރަތް ކުރެވިފައިވާ ގޮތުގެ މައްޗަށް ބައްލަވައިލައްވާށެވެ. މިހުރިހާ ކަމެއްގައިވެސް ބާރުއެޅިފައިވަނީ، ކުށްވެރިޔާއަށް އަދަބު ދިނުމަށްވުރެ ބޮޑަށް، އޭނާ އިސްލާހު ކުރުމުގެ މައްޗަށެވެ.

ކީރިތި ޤުރުއާނުގައި ޝަރީއަތާއި ބެހޭ ތައުލީމާތުތަކުގެ ހުރިހާ ތަފްސީލެއް ލިޔެވިފައި ނެތަސް، އެތައުލީމާތުތައް މީސްތަކުންގެ ހަޔާތުގައްޔާއި އަދި މުޖުތަމުގައި ހިންގައިލާނޭ ގޮތް، އެންމެ ފުރަތަމަ، ކީރިތި ރަސޫލާގެ ސުންނަތުން، އެބަހީ، އެކަލޭގެފާނުގެ އަމަލުފުޅުތަކުން ފެނިގެންދިޔައެވެ. އަދި އެއަށްފަހު، އަލްޚުލަފާއުއްރާޝިދޫންގެ ދުވަސްވަރު ވެސް، މިކަން، އަމަލީގޮތެއްގައި ފެނިގެން ދިޔައެވެ. އެދުވަސްވަރު ކުރިމަތިވި އާ ހާލަތްތަކަށް، ޝަރިއަތުގެ ތައުލީމާތުގެ އަލީގައި، އާ ހުކުމްތައް ބަޔާންކުރެވިދިޔަ ތަން ވެސް ފެނުނެވެ. ދެން އައި ދުވަސްތަކުގައި، އާދެ، ހިޖުރައިގެ ފުރަތަމަ ގަރުނުގެ ފަހުކޮޅާއި އަދި ދެވަނަ ގަރުނުގެ ތެރޭގައި، މި ތައުލީމާތުތައް އިތުރަށް ތަރައްގީ ކުރެވުނެވެ. އަދި މީގެ ނަތީޖާއަކަށްވީ އިސްލީމީ ފިޤުހު އުފެދި ފުރިހަމަވުމެވެ.

އިސްލާމީ ފިޤުހު އިލްމު ތަރައްގީވެ، އެއަށް ފުރިހަމަ ސޫރަ ލިބުމާ ވިދިގެން، ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ، ޝަރީއަތުގެ ތައުލީމާތުތަކަށް، ލިޔުމުން، ފުރިހަމަ ހިއްސީ ސިފައެއް، ގެނެސްދެވުނެވެ. އިސްލާމީ ފިޤުހުގެ މާއްދީ-މަސްދަރުތަކާއި (ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި) އަދި މިމާއްދީ މަސްދަރުތައް މާނަކުރުމަށް އެހީވެދިން ވަސީލާތްތަކުގެ، (އިޖްތިހާދު-ޤިޔާސް އަދި އިޖުމާޢުގެ،) އަލީގައެވެ. އަދި އެ ދުވަސްވަރުގެ އިންސާނީ ހަޔާތުގެ ކަންތައްތައް ހުރި ގޮތުގެ މައްޗަށާއި އަދި އެދުވަސްވަރުގެ މުޖުތަމައީ އަގުތަކަށް ވެސް ރިއާޔަތްކުރެވިގެންނެވެ. އަދި ހަމަ އެހެންމެ، އެދުވަސްވަރު، އިންސާނީ ފިކުރާއި އަގުލާނިއްޔަތު، ތަރައްގީވެ، ކުރިއަރައިފައިވާ މިންވަރުގެ އަލީގައި ވެސް މެއެވެ.

މިއައި ތަރައްގީއާއި ވިދިގެން ޝަރީއަތާއި އަދި ފިޤުހުގެ ގުޅުމަށްވެސް ބަދަލެއް އައެވެ. އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅު، އާދެ، ފުރަތަމަ ދެގަރުނުގެ ތެރޭގައި، 'ޝަރީއަތް' މި ލަފުޒު ބޭނުންކުރެވިފައިވަނީ، ކުރީން ނަންގަނެވިދިޔަ ފަދައިން، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ހިދާޔަތުގެ ތައުލީމާތުތަކަށް، ޖުމްލަ ގޮތެއްގައި، އިޝާރަތްކުރުމަށެވެ. ފިޤުހު ބޭނުން ކުރެވުނީ މި ތައުލީމާތުތަކާ މެދު ވިސްނައި ފިކުރުކޮށް، މި ތައުލީމާތުތަކުން، އެކިއެކި ކަންކަމާ ބެހޭ ހުކުމްތައް ނެރެ އިސްތިންބާތު ކުރުމަށެވެ. އެ ތައުލީމާތުތަކަށް އަމަލުކޮށް، އެ ކަންކަން މުޖުތަމައުގައި ހިންގައިލެވޭ ސިފައެއް އެ ކަންކަމަށް ގެނެސްގަތުމައްޓަކައެވެ. ފިޤުހު އިލްމު ތަރައްގީވެ އެއަށް އޭގެ އެންމެ ފަހުގެ ސޫރަ ލިބުމުން، ފިޤުހާއި ޝަރީއަތް މިދެ މަފްހޫމު ވެސް އެކައްޗަކަށްވެ، އެއް މާނައެއްގައި ބޭނުންކުރެވޭން ފެށިއެވެ. އާދެ، އިސްލާމީ ޝަރީއަތަކީ އިސްލާމީ ފިޤުހު ކަމުގައި ވެގެން ދިޔައެވެ.

މިއަދު އިންސާނީ ހަޔާތުގެ ކަންތައްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އިންސާނުންގެ ވިސްނުމާއި ފިކުރަށެވެ. އޭނާ މަސައްކަތްކޮށް އުޅޭ ގޮތްތަކަށެވެ. އޭނާ ގަބޫލުކުރާ ބައެއް އަގުތަކަށެވެ. މިސާލަކަށް އިންސާނުން އަޅުވެތިކުރުމާއި އަޅުން ގެން ގުޅުމަކީ އެއްދުވަސް ވަރެއްގައި ހަމަ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ބެލެވިދިޔަކަމަށް ވިޔަސް، މިކަން ވަނީ މިއަދު ބަދަލުވެފައެވެ. އިސްލާމީ ޝަރީއަތުގައި އަޅުން މިނިވަން ކުރާން އިރުޝާދުދެވި އެ ކަމަށް ބާރުއެޅިފައި އޮތްކަމުގައި ވިޔަސް، އެކަން، ސީދާ ސަރީހަ އިބާރާތުން މަނާ ކުރެވިފައި ނެތުމުން، އިސްލާމީ ފިގުހުގައި އެ ކަން އޮތީ ހުއްދަކުރެވިފައެވެ. އަދި ހަމަ އެ ފަދައިން، އިންސާނުން އަތުންފައިން ކުރަމުން އައި ގިނަ މަސައްކަތްތަކެއް، މިއަދު، ކުރެވެމުން އަންނަނީ މެޝީންތަކުގެ ޒަރިއްޔާއިންނެވެ. މީގެ އިތުރުން، އިސްލާމީ ފިޤުހު ތަރައްގީކުރެވުނު ދުވަސްވަރުގައި ފައިސާ މާނަކުރެވުނު ގޮތާއި މިއަދު ފައިސާ މާނަކުރެވޭ ގޮތް ވަނީ ބަދަލުވެފައެވެ. ގެރިބަކަރިއާއި ގޮވާމުގެ ބާވަތްތަކާއި ރަނާއި ރިއްސާއި މި ފަދަ ހުރިހާ މުދަލަކީ، އެ ދުވަސްވަރު، ފައިސާގެ ގޮތުގައި ބޭނުން ކުރެވުނެ އެއްޗިއްސެވެ. އެހެންވެ، އިސްލާމީ ފިޤުހުގައި ޒަކާތުގެ ހުކުމްތައް ބަޔާންކުރެވިފައިވަނީ ފައިސާގެ މި ތަސައްވުރުގެ މައްޗަށް ބިނާކޮށެވެ. މި ތަކެއްޗަކީ ފައިސާކަމުގައި ބެލެވިގެންނެވެ. ނަމަވެސް މިއަދު މި ކަން ވަނީ ބަދަލުވެފައިވެ. އާދެ، ފައިސާގެ މަފްހޫމު މުޅިން އާވެ، ފައިސާގެ އަގު ގުޅިފައިވަނީ އޭގެ ޒާތަކާއި ނޫނެވެ. ދައުލަތަކުން އެއަށް ދެވިފައިވާ އިތުބާރާއި އަދި އިގްތިސާދީ އަވާމިލު ނުވަތަ ސަބަބުތަކާއެވެ. އަދި މިނޫން ވެސް، އިސްލާމީ ފިޤުހުގެ ހުކުމްތައް، އޭގެ މައްޗަށް ބިނާވެފައިވާ ގިނަ ތަސައްވުރުތަކެއް، މިއަދު، ވަނީ ބަދަލުވެފައެވެ. މި ބަދަލުތައް އަންނާން ފެށީ ގާތްގަނޑަކަށް މީލާދީ ސަނަތުން އަށާރަ ވަނަ ގަރުނުގެ ހިސާބުން ފެށިގެންނެވެ. ސިނާއީ އިންގިލާބު، ނުވަތަ އިންޑަސްޓްރިއަލް ރެވޮލޫޝަނާއި ތަންވީރީ ފިކުރުގެ ނުވަތަ އެންލައިޓްންމަންޓްގެ ފެށުމާއި، މި ކަންކަމުގެ އަސަރު އިސްލާމީ ދުނިޔެއަށްވެސް ފޯރައި މުޅި ދުނިޔެއަށް މި ކަންފެތުރި އާއްމުވެގެން ދިޔުމުގެ ސަބަބުންނެވެ.

އާދޭހެވެ! 'އަސްރާނިއްޔަތު'ގެ ނުވަތަ 'މޮޑާރނިޓީ'ގެ ނަމުން ނަންދެވޭ ޒަމާނީ މި ބޮޑު ބަދަލުގެ އަލީގައި، ކީރިތި ޤުރުއާނުގެ ޝަރީއަތުގެ ތައުލީމާތުތައް މުޖުތަމައުގައި ހިންގައިލުމަށްޓަކައި އިހުގައި މާނަކުރި ފަދައިން، އަލުން އެ ތައުލީމާތުތައް މާނަކޮށް، އިސްލާމީ ފިޤުހު އިލްމު ތަޖުދީދުކޮށް، އާކުރުމަކީ، މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ޗެލެންޖު ކަމުގައި، ގޮންޖެހުން ކަމުގައި، މި މައްސަލައަށް ބަހުސްކުރައްވާ އިސްލާމީ ދިރާސާތުގެ ބައެއް މުސްލިމު އިލްމުވެރިން ވިދާޅުވެއެވެ. އާދެ، ހިޖުރީ ފަނަރަ ވަނަ ގަރުނު ގޮވަމުންދަނީ މި ކަމަށް މުސްލިމު މުޖުތަމައުތައް ހޭލުންތެރިވެ، މުސްލިމުންގެ ތެރެއިން މި ކަން ކުރާނޭ ގާބިލު ބަޔަކު އުފަންވުމަށެވެ! ކީރިތި ޤުރްއާނުގެ މާނަ ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާއިރު މި ކަމާ ދޭތެރޭ ވިސްނައި ފިކުރުކުރުމަކީ ނުހަނު މުހިއްމު ކަމެއްކަމުގައި ދެކެމެވެ. މީގެ މާނައަކީ އިސްލާމީ ޝަރީއަތް ބަދަލު ކުރުމެއް ނޫނެވެ. ބަދަލުވެ ތަރައްގީވާނީ އިސްލާމީ ފިޤުހެވެ. އާދެ، ދެން، އަލްބަޤަރާ ސޫރަތުގެ މައުޟޫއުގެ ވާހަކައާއިގެން ކުރިއަށް ދަމާތޯއެވެ!

ކީރިތި ޤުރްއާނުގެ މައިގަނޑު މައުޟޫއަކި އިލާހީ ހިދާޔަތުގެ ވާހަކަކަން ކަނޑައަޅައިލުމަށް ފަހު، ކީރިތި ޤުރުއާނުގެ އަސާސީ ތަޢުލީމާތުތައް މި ސޫރަތުގައި ބަޔާން ކުރެވިފައިވެއެވެ. އެ ގޮތުން އެންމެ ފުރަތަމަ މާތްﷲ ވޮޑިގެންވާކަން ފާހަގަ ކުރެވިފައި ވެއެވެ. މި ގޮތުން މިސޫރަތުގައި މާތްﷲގެ މުހިއްމު ސިފަފުޅެއް، ތަސައްވުރެއް، ހުށަހަޅައިލެވިފައި ވެއެވެ. އެކަލާނގެއީ 'އަލް ގައްޔޫމު' ކަމުގައި ބަޔާންކުރެވި ސިފަކުރެވިފައި ވެއެވެ. އެކަލާނގެއީ އެކަލާނގެ ވޮޑިގެންވުމުގައި، އެހެން އެއްވެސް ފަރާތެއްގެ އެހީއަކަށް ބޭނުންވެ ވޮޑިގެންނުވާ، އަމިއްލަ ޒާތީ ފުދުންތެރިކަން ލިބިވޮޑިގެންވާ، މުޅި ވުޖޫދުގެ ފަނާރު ކަމުގައެވެ. އަސްލު ކަމުގައެވެ. އަދި، އިންސާނާގެ ބުއްދި އާއި ވިސްނުން ބޭނުންކޮށްގެން، މި ކަން، މާތްﷲ ވޮޑިގެންވާކަން، ރަނގަޅަށް ދެނެގަނެވޭނޭ ކަންވެސް މި ސޫރަތުގައި ބަޔާކޮށްދެވިފައި ވެއެވެ. އިންސާނީ ތާރީޚު ފެށުނީއްސުރެން، މީސްތަކުންގެ ތެރެއަށް ރަސޫލު ބޭކަލުން ފޮނުއްވައި، އެބޭކަލުންގެ ގައުމުތަކުގެ މީސްތަކުންނަށް ކެނޑިނޭޅި އުނގަންނައިދެއްވި އުނގަންނައި ދެއްވުމަކީ މިއީ ކަން ވެސް ބަޔާން ކުރެވިފައި ވެއެވެ. އަދި، މިކަން ދެނެގެނެ، މާތް ﷲއަށް އީމާންވެ، މި އީމާންކަން ނިޔާކުރާ ގޮތެއްގައި މުއުމިނާގެ ހަޔާތް ބައްޓަންކުރުމަށް، މިސޫރަތުގައި، މީސްތަކުންނަށް ގޮވައިލައްވައި، ދައުވަތުދެއްވިފައި ވެއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ