އަދުގެ ޚާއްސަ

Print

ހަދާދެން، އަންގާދެން، ކުކުޅުފާ ވިއްކަން އެބަހުރި

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަކީ އަޅެ ފަހެ މާ ދެރަ ކަމަކީ ހެއްޔެވެ؟ ނުވަތަ އެ ގޮތަށް ބޭނުންކުރަން އުނދަގުލީ ހެއްޔެވެ؟ މިހެން މި ދެންނެވީ ހަމަ ބެލުމެއް ނެތި އެބަޔަކު ހިތަށް އެރި ގޮތަކަށް ދިވެހިބަސް ލިޔެނަގަމުން ގެންދާތީ އެވެ.

ދިވެހިބަހުގައި އެކަށައެޅިފައިވާ ހަރުދަނާ ހަމަތަކުގެ ތެރޭގައި މީހުން އެންމެ ބޮޑަށް އަޅައިނުލައި ދޫކޮށްލަނީ ނުވަތަ ދޫކޮށްލެވެނީ އައިބައިފިލީގެ ހަމަތަކެވެ. އެންމެ ގިނަ މީހުންނަށް ނޭނގެނީ ވެސް މި ހަމަތަކޭ އަޅުގަނޑަށް ދަންނަވަން ކެރިދާނެއެވެ. މިހެން މި ދެންނެވީ ދިވެހިބަސްދެކެ ނުހަނު ލޯބިފުޅުވާ ދިވެހިބަހަށް ނުހަނު ގިނަގުނަ ޚިދުމަތްތައް ކުރައްވާ ޢިލްމީ ބޭފުޅުންގެ ލިޔުއްވުންތަކުގައިވެސް މި ފިއްޔަށް ސަމާލުކަން ދެއްވައިފައި ނުހުންނާތީއެވެ. އައިބައިފިއްޔަކީ "ފިއްޔެއް" ނޫންކަމަށް ދެކެވަޑައިގަންނަވާ ހެން ހީވާތީއެވެ.

އައިބައިފިއްޔަކީ ވަކިވަކި ދެ ފިއްޔެއް ނޫނެވެ. އެންމެ ފުރަތަމަ މި ޙަޤީޤަތް ޤަބޫލުފުޅުކުރައްވާށެވެ. ދެން އައިބައިޕިލީގެ ހަމަތައް ބައްލަވާށެވެ! އާދޭހެވެ! އައިބައިފިއްޔަކީ ވަކިވަކި ދެފިއްޔެއް ނޫނެވެ. އެއީ އަބަފިއްޔަކާއި އަލިފު އބިފިއްޔެއް އެކުވެގެން އުފެދިފައިވާ ވަކި ފިއްޔެކެވެ.

އައިބައިފިލީގެ ހަރުދަނާ ހަމަތައް، ބަނޑޭރި ޙަސަންމަނިކުފާނުގެ ދިޔޯގެ ރައިވަރުގައިވެސް ވަނީ ވަރަށް ފުރިހަމަޔަށް ހިފަހައްޓަވައިފައެވެ. އޭގެ ފަހުން ލިޔެވިފައިވާ ދިވެހިބަހުގެ ގިނަ ގަވާއިދު ފޮތްތަކުގައި ވެސް ވަކި ފިއްޔެއްގެ ގޮތުގައި "އައިބައިފިލި" ހިމަނުއްވައިފައިވެއެވެ.

ދެން ތިޔަ އުފައްދަވާ ސުވާލަކީ އައިބައިފިލި ބޭނުން ނުކޮށް އާބާފިލި އެކަނި ބޭނުންކުރީމާ ވަނީ ކީއްހެއްޔޭ ނޫންތޯ އެވެ؟ މި އުޅެނީ ތިޔަ ވާހަކަ ދަންނަވަންވެގެންނެވެ. މި ލިޔުމުގެ މައިގަނޑުނަމުގައި އެވާ 3 ލަފުޒާމެދު ވާހަކަދައްކައިލަމާ ހިންގަވާށެވެ!

ފިހާރައެއްގައި ހަރުކޮށަފއި ހުރި އިޝްތިހާރެކެވެ. "ކުކުޅު ފާ" ވިއްކާން ހުރި ވާހަކައެވެ.  މި ލަފުޒުން ދޭހަކޮށްދޭން ބޭނުންވި މާނަ ދޭހައެއް ނުވި އެވެ. ނަމަވެސް ވިސްނުމުގެ ބޭނުންކޮށްގެން އެއީ ކޮން އެއްޗެއްކަން ޖެހުނީ ދެނެގަންނާށެވެ. ދިވެހިބަހުން (ނަމެއްގެ ގޮތުގައި) "ފާ" ބޭނުންކުރެވޭ އަށް މާނައެއް އޮންނަ އިރު އޭގެ އެންމެ ޢާއްމު މާނައަކީ ކަނޑުލާއި ކުއްޅަވައް ފަދަ ގަސްގަސް ހެދިފައި ހުންނަ ތަންތަނާއި ބޮނބި ފާކުރަން އަޅައިފައި ހުންނަ ތަންތަނެވެ. މޭވާފަދަ ތަކެތި ދޮންވެގެން ވާ މަޑަށް ވެސް ފާވުން ކިޔައެވެ. އުނދަގުލަކަށް ވާފަދަ މީހަކު ތަނަކަށް އަންނަ އައުމަށް ވެސް ފާވުމޭ ކިޔައެވެ. އަދިވެސް މިފަދަ އިތުރު މާނަތައް އެބަހުއްޓެވެ.

ކުކުޅަކީ މި ގޮތުން ބަލާ އިރު، ފާކުރާން ބޭނުންވާނެ މޭވާއެއް ނޫނެވެ. ނުވަތަ އެފަދަ "ފާ"ތަކުގައި ހައްދާ ގަހެއް ނޫނެވެ. އެހެންވީމާ އެ ވާނީ "ކުކުޅު ފައި" ކަމަށް ލަފާކުރެވުނެވެ. ދިވެހިބަހުގެ ބައެއް (މަދު) ބަހުރުވަ ތަކުގައި، "ފައި" މި ލަފުޒުގެ ބަދަލުގައި "ފާ" ބޭނުންކުރާކަން އަޅުގަނޑު ވެސް ދެނެހުރީމެވެ. ނަމަވެސް އެއީ ޢާއްމުކޮށް ލިޔެކިޔައި އުޅުމަށް ބޭނުންކުރާ ބަހުރުވަތަކެއް ނޫނެވެ. އެކި ސަރަޙައްދުތަކުގައި އެކި ބަހުރުވަތަކުން ވާހަކަދެއްކުމަކީ މުޅިން އެހެން ކަމެކެވެ. އެއީ އެކަން އޮންނަންވާނެ ގޮތް ވެސް މެއެވެ.

ދިވެހިބަހުގެ ޢާއްމު އަދަބީ ބަހުރުވައިގައި "ކުކުޅުފާ- ކުކުޅުފާއެއް" ނުވަތަ ކުކުޅުފަލެއް، ކުކުޅު ފާލެކޭ ނުކިޔަމުއެވެ. މި ގޮތަށް ބޭނުންކުރުމަކީ ހަމަ ގޮތެއް ނޫނެވެ. ރަނގަޅު ގޮތަކީ "ކުކުޅުފައި- ކުކުޅު ފައެއް" މި ގޮތަށް ބޭނުން ކުރުމެވެ. އެއީ "ފާ" ކަމަށް ވާނަމަ، ދިވެހިބަހުގައި "ފާ" އެކަހެރިކުރާއިރު ފިލިޖެހޭނީ ލާމެއްގައެވެ. ފާ މޭވާ = އެ މޭވާ ފަލެއް ނުވެއެވެ. ކަނޑުފަލުން ކަނޑޫ ބިންނަނީ އެވެ.

ދެން އޮތީ "ހަދާދިނުމާއި" "އަންގާދިނުމެވެ." މި ދެ ލަފުޒު ވެސް ލިޔެފައި މިވަނީ ރަނގަޅަކަށް ނޫނެވެ. ސަބަބަކީ މި ގޮތަށް މި ދެ ލަފުޒު ލިޔާކަމަށް ވާނަމަ އެ ދެލަފުޒު ނަފީކުރުމަށްޓަކައި ޢާއްމުކުރާ ޙާލަތުގައި ލިޔަންޖެހޭނީ "ހަދާއެއް ނުދެން" "އަންގާއެއް ނުދެން" މިހެންނެވެ. އެކަމަކު މިއީ ދިވެހިބަހުން ވާހަކަދައްކައި ލިޔެކިޔައި ހަދާ ގޮތްގޮތެއް ނޫނެވެ. އެހެންވީމާ އެ ދެ ލަފުޒު އޮންނަންވާ ރަނގަޅު ގޮތަކީ "ހަދައިދެން – އަންގައިދެން" މިހެންނެވެ. އޭރުން އެ ދެ ލަފުޒު އެކަހެރިކުރާ އިރު ބަދަލުވާނީ "ހަދައެއް ނުދެން – އަންގައެއް ނުދެން" މި ގޮތްގޮތަށެވެ. މީގެ ތަފްޞީލްތައް މީގެ ކުރީން އަޅުގަނޑު ވެސް ލިޔެފައި ހުންނާނެއެވެ. އެ މަޒުމޫނު ވިދާޅުވުން ހުއްޓެވެ. 

އަޅުގަނޑުގެ މިއަދުގެ ހަމައެކަނި ބޭނުމަކީ މި ކަންކަމަށް ހުރިހާ ބޭފުޅުން ވެސް ސަމާލުކަން ދެއްވުން އެދޭ ވާހަކަ ދަންނަވައިލުމެވެ. އައިބައިފިލީގެ މުހިއްމުކަމުންނެވެ. އެކަމަކު އެކަމަށް މީހުންދޭ ސަމާލުކަން ކުޑަކަމުންނެވެ.

______________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ