އަދުގެ ޚާއްސަ

Print

ރަނގަޅު މާނައިގައި ލަފުޒު ބޭނުންކުރުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ނަކަލުކުރުމަކީ މޮޅަށް ޢިބާރާތްކުރާން ބޭނުންކޮށް އުޅޭ ހުނަރެކެވެ. މޮޅަށް ލިޔެފައި ހުންނަ ލިޔުންތައް ނަކަލުކޮށްގެންނެވެ. އެ ފަދަ ލިޔުންތައް ކިޔައިގެންނެވެ. މޮޅު ތަޤުރީރުތައް އަޑުއަހައިގެންނެވެ. މި ގޮތަށް ލިޔުންތައް ބަލައިގެން އަޑުއަހައިގެން ލިޔެފައި ހުންނަ ތަކެތި ކޮޕީކޮށްގެން މޮޅު ލިޔުންތަކުގައި ބޭނުންކޮށްފައި ލަފުޒުތައް ބޭނުންކޮށް އުޅުމަކީ ގޯސް ގޮތެއް ނޫނެވެ. އެއީ ރަނގަޅުކަމެކެވެ. ބޭނުންތެރި ކަމެކެވެ.

ކަން އޮތީ މިހެންކަމުގައި ވިޔަސް މޮޅު ލިޔުންތެރީންގެ ލިޔުންތަކުގައި ބޭނުންކޮށްފައި ހުންނަ އަދި ތަޤުރީރުތަކުގައި ލަފުޒުތައް ނުރަނގަޅު މާނައިގައި ބޭނުންކުރެވިއްޖެ ނަމަ، ފެންވަރު މޮޅުވުމުގެ ބަދަލުގައި އެކަން ބަދަލުވާނީ އޭގެ އަނެއްކޮޅަށެވެ. ފެންވަރު ދަށްވާނެއެވެ. ހެއްވާ ކަމަކަށް ވެދާނެއެވެ. މި ދެންނެވި ގޮތަށް ބޭނުންކުރެވެމުން އަންނަ ދެތިން ލަފުޒެއް، ނުވަތަ ދެ ޢިބާރާތެއް އަޅުގަނޑު ދަންނަވައިލާނަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން އޮނަރަބްލް އަލްއުސްތާޒު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ)އަކީ ރާއްޖޭގައި ވަރަށް މަޝްހޫރު، މަޤުބޫލު، މޮޅު، ހުނަރުވެރި ވާހަކަދެއްކުންތެރިއެކެވެ. އަދީބެކެވެ. އެ މަނިކުފާނުގެ ތަޤުރީރުތައް އަޑުއަހައި ބަލައި ނަކަލުކޮށް ހެދުމަކީ، އަޅުގަނޑުމެން ފަދަ ދަސްކުރާ މީހުންނަށް މަންފާ ކުރާނޭ ކަމެކެވެ. 

މި ދެންނެވި ގޮތުގެ މަތީން ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ)ގެ ތަޤުރީރުތައް ފައްޓަވާން ޙަމްދު ޞަލަވާތުގައި ތަޢާރުފުކުރެއްވި ދެ ލަފުޒެއް އަޅުގަނޑުމެންގެ ވަރަށް ގިނަ މީހުން ނަކަލުކޮށްގެން ރަނގަޅަށް ވެސް އަދި ގޯސްކޮށް ވެސް އެބަ ބޭނުންކުރެއެވެ. އެ ދެ ލަފުޒަކީ "އިތުރު އާލުން"ނާއި "މިތުރު އަޞްޙާބުން"ނެވެ. މިއީ ވަރަށް ޝާޢިރީ ގޮތަކަށް ބޭނުންފުޅުކުރައްވައިފައިވާ މާނަހުރި ދެ ޢިބާރާތެކެވެ. ޢިބާރާތުގައި އެ މަނިކުފާނު ބޭނުންފުޅުކުރެއްވި ދެ ނަންއިތުރެކެވެ. 

ހަނދުމަފުޅުހުރުން އެކަށީގެންވާ ފަދައިން "އިތުރު" މި ލަފުޒުން ދޭހަވަނީ "މާތް"، މަތިވެރި" ފަދަ މާނައެކެވެ. މި ނަންއިތުރު ބޭނުންފުޅުކުރައްވައިފައިވަނީ، "އާލުން"ނަށް އިތުރު ސިފައެއް ގެންނަވާށެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އަލުންނަކީ ކައު ސާހިބާ (ﷺ)ގެ ޢާއިލާގެ މެންބަރުންނެވެ. ތިމާގެ ބޭފުޅުންނެވެ. އެއީ ވަރަށް މާތް މަތިވެރި "އިންސާނުން"ކަމާމެދަކު އެއްވެސް މުސްލިމަކު ދެބަހެއް ނުވާނެއެވެ. އެހެންވީމާ "އިތުރު އާލުން" ބޭނުންފުޅުކުރައްވައިފައިވަނީ ވަރަށް ފުރިހަމަ މާނައެއްގައިކަން ކަށަވަރެވެ.

އަނެއް ލަފުޒަކީ "މިތުރު" އެވެ. މިތުރުގެ މާނައަކީ "އެކުވެރި"އެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން "ޞަޙާބީން"ނަކީ ނުވަތަ "އަޞްޙާބުން"ނަކީ ކައު ސާހިބާ (ﷺ)ގެ އަރިހުގައި އުޅުއްވި، ނުވަތަ އެ ކަލޭގެފާނަށް ތާއީދުކުރައްވައި، ފައިންޕުޅު ފެނި، އެހީތެރިވެދެއްވި ބޭފުޅުންނެވެ. މި ފަދަ "ބޭފުޅުން"ނަށް އަޅުގަނޑުމެން "ބޭކަލުން"ނޭ ކިޔަނީ ބޭފުޅުންނަށް ވުރެ ވެސް މަތީ ދަރަޖައެއް އަރުވާންވެގެންނެވެ. ވީމާ، "މިތުރު އަޞްޙާބުން" ބޭނުންފުޅުކުރައްވައިފައި އެ ވަނީ ވަރަށް ގުޅޭ ބަދަހި މާނައެއްގައެވެ.

ނަމަވެސް މި ފަހަކަށް އައިސް ބައެއް ބޭފުޅުން ވާހަކަފުޅުދައްކަވާއިރު ޙަމްދު ޞަލަވާތުގެ ޢިބާރާތުގައި، "އިތުރު" މި ލަފުޒާއި "މިތުރު" މި ލަފުޒު ރަނގަޅު ނޫން މަޤާމުގައި ބޭނުންކުރާ އަޑު އިވުމަކީ އެ ދައްކަވާ ވާހަކަފުޅެއްގެ ފެންވަރު ދަށްކުރާ ކަމެކެވެ. މި ދެންނެވީ ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާއިރު "މިތުރު އާލުންނާއި"، "އިތުރު އަޞްޙާބުން"ނޭ ވިދާޅުވުމަކީ މި ދެންނެވި ދެ ލަފުޒު ނުރަނގަޅު މަޤާމުގައި ބޭނުންފުޅު ކުރެއްވުމަކީ ރަނގަޅަށް ކުރެއްވޭ ކަމެއް ނޫނޭއެވެ. ރަނގަޅު ގޮތަކީ "އިތުރު އާލުންނާއި މިތުރު ޞަޙާބީން"ނެވެ. މާ ދިގުކޮށް މި ވާހަކަ ނުދެންނެވިޔަސް އަޅުގަނޑު ދަންނަވާން މި އުޅޭ އެއްޗެއް، އިސްވެ ދެންނެވުނު ވާހަކަތަކުން ސާފުވެވަޑައިގަންނަވާނޭ ކަމަށް އުއްމީދުކުރަމެވެ. 

ދެން ދަންނަވައިލާން އޮތް އަނެއް ދެ ލަފުޒަކީ، "އެއްބައިވަންތަކަން" އާއި "އެއްބައެއްވަންތަކަން" އެވެ. އެއްބައިވަންތަކަން މި ލަފުޒަކީ އިހުއްސުރެ ބޭނުންކޮށް އުޅޭ، އަދި އެ ލަފުޒުގެ މާނަ އެންމެންނަށް ވެސް އެނގޭ ލަފުޒެއް ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް "އެއްބައެއް ވަންތަކަން" ފުރަތަމަ އަޅުގަނޑު އަޑުއަހާން ފެށީ، އަޅުގަނޑަށް އިވޭން ފެށީ، ރައީސް މައުމޫންގެ ތަޤުރީރުތަކުންނެވެ. ނަމަވެސް އަޅުގަނޑަށް މިއިން އެއްވެސް ލަފުޒެއް ރަދީފުން ފެނިފައެއް ނެތެވެ. (އަޅުގަނޑަށް ހޯދިފައެއް ނެތެވެ.) ނަމަވެސް މި ދެ ލަފުޒު އެކުލެވިފައިވާ ގޮތަށް ބަލައި އެ ދެ ލަފުޒުގެ މާނަ ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. އެހެނީ "އެއްބައިވުން" މި ލަފުޒުގެ މާނަ އަޅުގަނޑަށް އޮތީ ހޯދިފައެވެ. "އެއްބައިވުން"ގެ މާނައަކީ "އެއްބަސްވުން"، ގަބޫލުވުން"، "ބައިވެރިވުން" ކަމަށް ދިވެހި ބަސްފޮތުގައި އެބަ އޮތެވެ. (ޞ:511)

މި މާނަތަކަށް ބަލައިގެން "އެއްބައިވަންތަކަން" އަޅުގަނޑަށް މާނަކުރެވެނީ، "އެއްބަސްވެ ރުހި ގަބޫލުވުމާއި ބައިވެރިވުމުގެ ސިފަލިބިގެންވާ ވުން" ކަމުގައެވެ. އެއީ މި ދެންނެވި މާނައިގައި ބޭނުންކުރެވޭ "އެއްބައިވަންތަ" މި ނަންއިތުރުން އުފައްދައިފައިވާ ނަމެކެވެ. ނަންއިރުރުގެނަމެކެވެ. ސިފަނަމެކެވެ. ނަމަވެސް މި މާނައިގައި ގުޅުވައިލައިގެން "އެއްބަޔެއްވަންތަ" ހަމަ އެ މާނައިގައި ބޭނުންކުރުމަކީ ހަމަ ގިނައިން އަޅުގަނޑު އަޑުއަހާ ލަފުޒެކެވެ. މި ގޮތަށް ބޭނުންކޮށްފައި ހުންނަ ލިޔުންތައް ކިޔާން އަދި އެ ފަދަ ވާހަކަތައް އަޑުއަހާން ވަރަށް އުނދަގޫވެއެވެ. ރަނގަޅު ވާހަކަފުޅެކެވެ. އުނދަގޫވަނީ އެކަންކަމާ ވިސްނާތީއެވެ. ނުވިސްނާނަމަ، ހަމަ އެ ޢިބާރަތަކީ ވަރަށް ފުރިހަމަ ޢިބާރާތެއް ކަމަށް ވިސްނުނީސްތާއެވެ. ނަމަވެސް އަޅުގަނޑަށް ހަމަ އެ ބާވަތުގެ ކަންކަމާ ވިސްނެނީއެވެ. މި އަދު މި ވާހަކަ ލިޔެލާން މި ގަސްތުކުރީ އަޅުގަނޑަށް އުނދަގޫވާ އުނދަގޫވުމަށް ކޮންމެވެސް ލުޔެއް ލިބޭނެތީއެވެ.

"އެއްބަޔެއްވަންތަކަން" މި ލަފުޒުން ދޭހަވަނީ "އެއް ދަރިކޮޅެއްގެ ނުވަތަ އެއް ބަޔެއްގެ ސިފަ ލިބިގެންވާ ވުން" ކަމުގައެވެ. އެހެންވީމާ އެއްބަޔެއް ވަންތަ ބަޔެއް ކަމަށް ވިޔަސް އެއްބައިވަންތަ ނުވެދާނެއެވެ. އެއްބައިވަންތަކަން ލިބިގެންވާ ކޮންމެ ބަޔަކީ "އެއްބަޔެއްވަންތަ" ބަޔަކަށް ނުވެދާނެ އެވެ. 

މިފަދަ ވަރަށް ގިނަ ޚިޔާލުތައް ސިކުނޑިއަށް ވެރިވެއެވެ. ނަމަވެސް މިއަދަށް މި މިންވަރުން ފުއްދައިލާނަމެވެ. އަޅުގަނޑު ދަންނަވައިލާން މި އުޅުނީ އަދަބީ ފަންނުގެ މޮޅު މީހުންގެ ޢިބާރާތްތައް އަޑުއަހައި ބަލައި ކިޔައި ހެދުމަކީ ޢިބާރާތްކުރުމުގެ ހުނަރު ތަރައްޤީ ކުރުމަށް ޓަކައި މުހިއްމު ކަމެކޭއެވެ. ނަމަވެސް އެ ފަދަ ޢިބާރާތްތަކުގައި ލަފުޒުތައް ބޭނުންކޮށްފައި ހުންނަ މާނައަށް ނުވިސްނައި ހަމައެކަނި ލަފުޒުގެ ބޭރުފުށުގެ މިޔުޒިކަށް ބަލައިގެން ލަފުޒު ބޭނުންކުރުމަކީ ނުރަނގަޅު މާނައެއް ދޭހަވެދާނެ ކަމެއްކަމުގައެވެ. އަދި އަޅުގަނޑުގެ ބޭނުމަކީ ލަފުޒުގެ ހަގީގީ މާނައަށް ނުވިސްނައި ހަމައެކަނި ބޭރުފުށުގެ އޮމާންކަމަށް ޓަކައި ލަފުޒެއް ބޭނުންކުރުމަކީ ޢިބާރާތްކުރުމުގެ ފެންވަރު ރަނގަޅުވުމުގެ ބަދަލުގައި ފެންވަރު ދަށްވެދާނޭ ކަމެއްކަމަށް ވިސްނުންފުޅު ބެހެއްޓެވުމަކީ ވަރަށް މުހިއްމުކަމެކޭ ދަންނަވައިލުމެވެ.

_________________________________

 

އިދާރާ

އެނގޭތަ؟

ވާހަކަ