އަދުގެ ޚާއްސަ

Print

ޖުހާއާއި އޭނާގެ ރަހުމަތްތެރި މަނިކުބެއާއި ޖަޕާނު މީހުންގެ މޮޅުކަން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އިޖުތިމާޢީ

 

 

ޑރ.ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މިއީ އެއްދުވަހަކު، ޖުހާއާ އޭނާގެ ރަހުމަތެރި މަނިކު ބެޔާ ދެމެދު ދެކެވުނު ސަމާސާ ވާހަކައެކެވެ.

މަނިކުބެ: ޖުހާއެވެ! އަޅެ ނިކަން ދެކި ބަލާށެވެ! ޖަޕާނު މީހުންނަކީ ހާދަހާ ކުޅަދާނަ މޮޅު ބަޔެކެވެ. ހުރިހާ މައިދާނެއްގައި ވެސް އެމީހުން ކުރިއަރައިފައިވާ ވަރު ފެނޭ ނޫން ހެއްޔެވެ؟

ޖުހާ: ތިޔައީ ހަމަ ވަރަށް ރަނގަަޅު ވާހަކައެކެވެ. ނަމަވެސް، ތިޔަ ކަމާ ގުޅޭ، އެހެން ވާހަކައެއް އަހަރެން ބުނެފާނަމަވެ. ކުޅަދާނަވެފައި މޮޅީކީ ހަމަ އެކަނި ޖަޕާނު މީހުންނެއް ނޫނެވެ. ކުޅަދާނަކަމާއި މޮޅުކަން އެންމެނަށް ވެސް މާތްރަސްކަލާނގެ ދެއްވިއެވެ. މަނިކުބޭ މެންގެ މީހުންނަކީ ވެސް ހަމަ ކުޅަދާނަ މޮޅު މީހުންނެވެ.

މަނިކުބޭ: އަހަރުމެންގެ ކިބައިގައި ކުޅަދާނަކަމެއް ހުރި ކަމަށް ވަންޏާ ހުރިހާ ކަމެއްގެ އެންމެ ފުލުގައި އަހަރުމެން މިތިބީ ކީއްވެ ހެއްޔެވެ؟ އަހަރުމެންނަށް ދުނިޔޭގެ ހެވަށް ކޮށްދެވުނީ ކޮން ކަމެއް ހެއްޔެވެ؟ މިވީހާ ދުވަހު، ތަރައްގީގެ މަގުގައި، ކުރިއަށް އަހަރުމެންނަށް އެޅުނު ފިޔަވަޅަކަށްވާ ކަހަލަ ފިޔަވަޅަކީ ކޮބައި ހެއްޔެވެ؟ އަހަރުމެންގެ މީހުން ބޯ ހިޔާކޮށްލައިގެން އުޅޭނޭ ތަނެއް ނެތެވެ. ނިދާނޭ އެނދުގަޑެއް ވެސް ނެތެވެ. އަޅެ ނިކަން މި ކަން އަހަންނަށް ސާފުކޮށްދީ ބަލާށެވެ! ތަން މިއޮތީ ބައިބައިވެފައެވެ. ކޮންމެ ބައެއްގެ ވެސް އެދުމަކީ ވެރިކަމެއް ހޯދުމެވެ. މި ކަން މިގޮތަށް ދާކަމަށް ވެއްޖެ ނަމަ، ތަނުގެ ކޮންމެ ރަށަކީ ވަކި ދައުލަތަކަށް ހަނދަން އުޅުން ވެސް ދުރެއް ނޫނެވެ. އަހަރުމެންގެ ތެރެއިން ބަޔަކު، ގައުމަށް ޣަދަރުވެިރިވެ ވަިކވެ ގަނެ، ވަކި ސަރުކާރެއް ގެނައި ތާރީޚަކީ މިހާރުގެ ބައެއް ވެރިން ބުނާ ގޮތުގައި އަހަރުމެންގެ ފުރަތަމަ ޖުމްހޫރީ ސަރުކާރެވެ! އެ ސަރުކާރުގެ ވެސް، ހުރިހާ ބާރެއް، ރައީސްކަމާއި ވުޒާރާތަކުވެ ވަޒީރުކަމާއި ނޫސްތަކުގެ އެޑިޓަރުކަމާއި މި ނޫން ވެސް ކަމަކަށްވާ ކަހަލަ ކަމެއް ނަމަ އޮތް ނަމަ، އޮތީ ހަމަ އެންމެ މީހެއްގެ މުށުގެ ތެރޭގައެވެ! ދުވަސް ކޮޅަކުން، އަހަރުމެން ނަށް ހަގީގީ މިނިވަންކަން ލިބުނު ތާރީޚަކީ ނޮވެމްބަރު ތިނެއް ކަމަށް ވެގެން ހިނގައިދާނެއެވެ. އަދި، ފިސްތޯލަ ހާޖީ، ޣާޒީހާޖީއަށްވެ، އޭނާ ބަދަލުވެގެންދާނީ އަހަރުމެންނަށް ފުރިހަމަ މިނިވަންކަން ހޯދައިދޭން މަސައްކަތްކުރި ފުރަތަމަ ގައުމީ ބަތަލުކަމަށެވެ!

ޖުހާ: ތިހެން ކަންތައްތައް ވަމުން ދިޔަޔަސް، އަހަރެން ބުނާނީ ކަލޭމެންގެ ތެރޭގައި ވެސް ކުޅަދާނަ މޮޅެތި މީހުން ތިބިކަމެވެ. ކަންކަން ކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ ދުރުވިސްނޭ މީހުން ތިބި ކަމެވެ. ކަލޭމެންނާ ޖަޕާނު މީހުންގެ ތަފާތަކީ އެ މީހުންނަށް ކުޅަދާނަ މީހުން ވަކިކުރާން އެނގުމެވެ. އަދި، އެމީހެއްގެ ކުޅަދާނަކަން ނިޔާކުރާ ގޮތުން އެ މީހަކާ މަސައްކަތް ހަވާލުކުރުމެވެ. މިސާލަކަށް ދިހަ މީހުންގެ ތެރެއިން އެމީހުންނަށް މަގުދައްކައިދިނުމުގެ ކުޅަދާނަކަން ހުރި އެކަކު ވެސް އެމީހުންނަށް ފެނިއްޖަ ނަމަ، އެ މީހުންނަށް މަގުދެއްކުމަށް ޓަކައި އެ މީހާ އިސްކުރެއެވެ. ނަމަވެސް، ކަލޭމެންގެ ތެރޭގައި ކަންކުރަނީ އެގޮތަށް ހެއްޔެވެ؟ ކަލޭމެންގެ ތެރޭގައި މޮޅު މީހާ ކަމަށް ވަނީ އެންމެ ބާރަށް ހަޅޭއްލަވާ މީހާއެވެ. ކަލޭމެން ދެކޭ ގޮތުގައި، އަޑުގަދަ މީހާގެ ރުއް ގިނަވަނީކީ އެކަންޏެއް ނޫނެވެ. އޭނާގެ ރުއް ގިނަވާން ވެސް ޖެހެއެވެ. ތަނެއް ހަލާކޮށްލުމުގެ ހުނަރަކީ ތަން ބިނާކުރުމުގެ ހުނަރުކަމުގައި ކަލޭމެން ދެކެމުއެވެ. ނިކަން ދެކިބަލާށެވެ! މި ފަދަ އޮޅުމެއް އެއް ފަހަރު އަރައިފާނެކަން އަހަރެން ގަބޫލުކުރަމެވެ. ނަމަވެސް، ކަލޭމެންނަކީ، ކަލޭމެންގެ އަތަށް، އެއް ހޮރުން، ދެ ފަަހަރު، ކީއްކުރަން ހެއްޔެވެ؟ ސަތޭކަ ފަހަރު ވެސް ކަށިި ޖަހަން އެ ހޮރަށް އައްލައިފާނޭ ބަޔެކެވެ! ދެން ކަލޭމެން އަތަށް އެތައް ފަހަރަކު ކަށި ޖެހީމާ ކަލޭމެން ކުށްވެރިކުރާނީ ހޮރުގައި ކަށި ޖަހަން އިން ސޫތްޕެކެވެ! ކަލޭމެންގެ އެއްވެސް ކުށެއް މަސްއޫލިއްޔަތެއް އޮތްކަމަކަށް ކަލޭމެން ނުދެކޭނެއެވެ. މި ކަހަލަ ބަޔަކަށް ތަރައްގީގެ މަގުގައި ހަގީގީ ފިޔަވަޅެއް އެޅިދާނެ ހެއްޔެވެ؟

ދެން، ކަލޭމެންގެ ކަންތައްތައް މި ފަދައިން ހުރުމުން، ދިހަ މީހުންގެ ތެރެއިން ކަލޭމެންނަށް މަގުދައްކަން ކަލޭމެން ހޮވާނީ ކަމަށް އެންމެ އެކަށިގެންވާ މީހާއެއް ނޫނެވެ. އެންމެ އަޑުގަދަ މީހާއެވެ. ނުވަތަ ކަލޭމެން ނަފުރަތު ކުރާ މީހާ ނޫން މީހާއެވެ. އެ މީހަކީ ރަނގަޅަށް ލިޔެ ކިޔާން ނުދަންނަ މީހަކަށް ވިޔަސް ވެހެވެ. އެ މީހަކީ ކަންކަން ޚަރާބުކުރުމުގެ ތާރީޚެއް އޮތްކަން ފެނި ތަޖުރިބާކުރެވިފައިވާ މީހެއްކަމަށް ވިޔަސް ވެހެވެ. އެ މީހަކީ އެއްވެސް ހަމައެއްގެ މައްޗަށް ބިނާކޮށް އެއްޗެއް ބުނަން ނޭނގޭ މީހަކަށް ވިޔަސް ވެހެވެ. އެ މީހަކީ ތަން ބިނާކުރުމުގެ ކުޑަ ވެސް ތަޖުރިބާއެއް ނެތް މީހަކަށް ވިޔަސް ވެހެވެ.

މިހެން ވާން ޖެހެނީ ކީއްވެ ހެއްޔެވެ؟ ކަލޭމެންގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތަކެއް ސަބަބުންނެވެ. ހަސަދަވެރިކަމުގެ ނުބައި ސިފައެވެ. އަނެކާއަށް ހެޔޮ ނޭދުމުގެ ނުބައި ސިފައެވެ. އެއް ކޮޅުން ކަމެއްގެ ރަނގަޅުކަން ނުފެންނަ އިރު، ކަންކަމުގެ ނުރަނގަޅު ގޮތް މާ އަވަހަށް ފެންނަ ގޮތް ވުމުގެ ނުބައި ސިފައެވެ. ހުޅުމާލޭ ބުރިޖު މަތިން ދަތުރުނުކުރާން ގަދަހަދައިފައި ކަނޑުމަގުން މާލެ އައި މީހުންގެ މަތިން ހަނދާންކޮށްލާށެވެ! ކަލޭމެންނަށް އެއްޗެއް ނޭނގުނީމާ، ކަލޭމެންގެ ކިބައިގައި ހުނަރެއް ނެތީމާ، ކަލޭމެން ބަލަނީ އެހެން އެންމެން ވެސް ތިބޭނީ ހަމަ އެ ގޮތަށް ކަމެވެ. މި ނުބައި ސިފަތައް ހުރުމުގެ ސަބަބުން، ހަމަ ލޮލުން ބަލައި، ހަމަ ބުއްދި ބޭނުންކޮށްގެން ކަލޭމެންނަށް މީހުންގެ އަގުވަޒަންކުރާން ނޭނގެނީއެވެ. އަދި އެ ކަން ހެޔޮ ގޮތުގައި ކުރެވޭތޯ މަސައްކަތްކުރާން ވެސް ނޫޅެވެނީއެވެ! 

މީގެ އިތުރަށް، ކަލޭމެންގެ އާދަކާދަ ނިޔާކުރަނީ، މޮޅު ރަނގަޅު މީހުން އުފެދޭން ޖެހޭނީ ހަމަ އެކަނި ދެތިން އާއިލާއެެއްގެ ތެރެއިން ކަމެވެ. މޮޅު ކަމާއި ގާބިލިއްޔަތުކަން އޮންނަނީ ވަކިބަޔަކަށް ޚާއްސަވެފައި ނޫންކަން ކަލޭމެން ގަބޫލެއް ނުކުރެއެވެ. ހިކި ގަޅި ގަނޑަކުން ދިޔަ ފެލޭނެކަން ކަލޭމެން ގަބޫލުކޮށް، މޮޅު އާއިލާގެ ދަރީގެ ސިކުނޑިއަކީ އެއްވެސް ތެތްކަމެއް ނެތް، ހިކިފައި އޮތް ގަޅިގަނޑެއް ފަދަ އެއްޗެއް ކަމަށް ވިޔަސް، ކަލޭމެން ބަލަނީ އޭނާގެ ސިކުނޑި ރަނގަޅުވާނޭ ކަމަށެވެ. 

ތިމަންމެންނަކީ 100 އިން 100 މުސްލިމުންގެ ބައެކޭ ކަލޭމެން ކިޔާތާ މިހާރު އެއްހާސް އަހަރު ވާން ކައިރިވީ އިރުވެސް، ކަލޭމެންނަކަށް އިސްލާމީ އެންމެ މުހިއްމު އެއް އަސާސީ އަގު ކަމުގައިވާ ހަމަހަމަކަން މިއީ ކަލޭމެން ފާހަގަކުރާން ބޭނުންވާ ކަމެއް ނޫނެވެ. އަދިވެސް ކަލޭމެންގެ ތެރޭގައި އޮތީ ކަލޭމެންގެ އިހުގެ ބުދު ދީނާއި ހިންދީ ދީނުގެ ސަގާފަތާއި އާދަކާދަތަކެވެ. ކަލޭމެންގެ ގައުމު ބަހައިލައިފައި ވަނީ ތަބަގާތުތަކަކަށެވެ. ބޭފުޅުންނާއި ބޭފުޅުނޫން މީހުންނެވެ. މާލޭ މީހުންނާއި ރާއްޖެތެރޭ މީހުންނެވެ. އުތުރާއި ދެކުނުގެ މީހުންނެވެ. މި ތަފާތުކުރުން މި ހިސާބަކުން ނުނިމެއެވެ. އަތޮޅުތަކުގެ މެދުގައި ވެސް މި ކަން އޮވެއެވެ. ބައެއް އަތޮޅުތަައް ދެކެނީ އެ އަތޮޅުތަކަކީ 'މޮޅު' އަތޮޅުތައްކަމުގައިެވެ. އެ ނޫން އަތޮޅުތަކަކީ 'ދެރަ' އަތޮޅުތައްކަމުގައެވެ. ރަށްރަށް ވެސް އޮތީ މިހެންނެވެ. ބައެއް ރަށްރަށް ދެކެނީ އެރަށްރަށަކީ ރަސް ރަށްރަށް ކަމުގައެވެ. އަނެއް ބައިރަށަކީ އަޅުންގެ ރަށްރަށް ކަމުގައެވެ. އެންމެންނަކީ ވެސް ހަމަހަމަ ބަޔެއްކަމުގައި ބަލައިގެން މެނުވީ ތަރައްގީގެ މަސައްކަތް ނުކުރެވޭނޭ ކަމެއް ކަލޭމެންނަށް ނުވިސްނެއެވެ. އަދި އެ ކަން ވިސްނާކަށް ވެސް ކަލޭމެން ބޭނުމެއް ނޫނެވެ.

ފަންސަވީހަކަށް އަހަރު ދުވަހުގެ ތެރޭގައި ސިންގަޕޫރު ތިންވަނަ ދުނިޔެއިން އެއްވަނަ ދުނިޔެއަށް ނިކުތް އިރު ހަތްދިހަ އަހަރަށް ވުރެ ގިނަ އަހަރު ވީއިރު ވެސް، އިންޑިޔާ ތަރައްގީ ނުވެ ތިންވަނަ ދުނިޔޭގެ ގައުމެއްގައި އޮތީ ކީއްވެ ހެއްޔެވެ؟ އިލްމުވެރިން ނެތިގެންނެއް ނޫނެވެ. މުއްސަނދި ފަރުދުން ނެތިގެންނެއް ނޫނެވެ. މުޅި ދުނިޔޭގައި ވެސް މުއްސަނދި ފަރުދުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ. ނަމަވެސް، ގައުމެއްގެ ގޮތުގައި އިންޑިޔާ ތަރައްގީ ނުވެ އެ އޮތީ އެމީހުންގެ ތެރޭގައި ހަމަހަމަ ކަން ނެތުމުންނެވެ. އެ މީހުންގެ ތަފާތުކުރުން އެމީހުންގެ ދީނީ ޖައުހަރީ ކަމަކަށް ވުމުން، އެ ކަން އެމީހުންގެ މުޖުތަމައީ އަގަކަށް ވެފައި އޮތީމައެވެ. 

އެމީހުންގެ ދީނީ އިއުތިގާދު ނިޔާކުރަނީ އެއްބަޔަކީ އެމީހުން އުފަންވުން ނިޔާ ކުރާ ގޮތުން މަތީ ދަރަޖަތައް ލިބި ވެރީންނަށް ވާން ޖެހޭ ބަޔެއް ކަމާއި އަނެއް ބަޔަކީ އެ މީހުންގެ އުފަންވުން ނިޔާކުރާ ގޮތުން ދަށު ދަރަޖައިގެ ބަޔެއްގެ ގޮތުގައި 'ފާޚާނާ ސާފުކުރާން' އުޅޭން ޖެހޭނޭ ބަޔެއްކަމެވެ. މިހެން ކަންތައް އޮތުމުން އިހުތިރާމާއި ގަދަރު ލބެން ޖެހެނީ ހަމަ އެކަނި މަތީ ދަރަޖައިގެ މީހުންނަށެވެ. އިހުތިރާމާއި ގަދަރަކީ، ދަށު ދަރަޖައިގެ ފާޚާނާ ސާފުކުރާ މީހުންނަށް  ހައްގު އެއްޗެއް ނޫނެވެ. އެހެން ކަމަށްވާއިރު، މި ބުނާ ދަށު ދަރަޖައިގެ މީހުން ހެޔޮ ގޮތުގައި އުޅެން ޖެހޭނޭ ކަން އެންމެނަށް ގަބޫލުކުރެވޭނެ ހެއްޔެވެ؟ ނުކުރެވޭނެއެވެ. ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ފާޚާނާ ސާފުކުރުން މަތީ، ޖިފުޓިތަކުގައި އެއް އިރު ކައިގެން އަނެއް އިރު ނުކައި އެމީހުން އުޅުން އެއީ އެމީހުންނަށް ލިޔެވިފައި އޮތް ގޮތް ކަމަށް ބުނުމެވެ. މި ފަދަ ގަބޫލުކުރުންތަކެއް ގަބޫލުކުރާ ބަޔަކަށް ގައުމެއްގެ ސިފައިގައި ކުރިއަރައި ތަރައްގީވެވޭނީ ކިހިނެއް ހެއްޔެވެ؟ ހަގީގީ ތަރައްގީއަކީ އިންސާނުންނަށް އަމާޒުކުރެވިގެން އެމީހުންގެ ދުނިޔަވީ މައީޝަތު ކުރިއެރުވުން ކަމުގައި ވާއިރު، އެއްބަޔަކު އުޅެން ޖެހޭނީ ނިކަމެތި ގޮތުގައި ކަމުގައިދެކެވިއްޖެ ނަމަ، ހަގީގީ ތަރައްގީއެއް ނުގެނެވޭނެ ނޫން ހެއްޔެވެ؟

ދެން ނިކަން ކަލޭމެންގެ ހާލަތަށް ބަލައިލަބަލާށެވެ! ކަލޭމެން ވެސް ގަބޫލުކުރަނީ ނިކަމެތީން އުޅޭން ޖެހޭނީ ނިކަމެތިކޮށް ނިކަމެތިންގެ ގޮތުގައި ކަމެވެ. އަރާމާއި އުފަލުގައި އުޅެން ޖެހޭނީ ވަކި ބަޔެއްކަމެވެ. އަމިއްލަ ގޯތި ގެދޮރު ލބިން ޖެހޭނީ ވަކި ބަޔަކަށް ކަމެވެ. މިއީ ކަލޭމެންގެ ތާއީދު ލިބިގެން ތިބި ބަޔެއް ސިޔާސީ ވެރިން އަޑު ހަރުކޮށް ގޮވާ ވާހަކައެކެވެ. ދެން ތިބި ސިޔާސީ ވެރީން މިވާހަކަ އަޑުހަރުކޮށް ނުގޮވި ކަމުގައި ވިޔަސް އެމީހުންގެ އަމަލުތައް ހުންނަނީ ހަމަ އެއްގޮތަކަށެވެ. ގޯތި ގެދޮރު ލިބުން ބިނާވަނީ ގުރުއަތެއްގެ މައްޗަށެވެ! ގޯތި ގެދޮރު ލިބުމަކީ ކެއުން ބުއިން ފަދައިން އެންމެންގެ ވެސް ޒަރޫރީ ކަމެކެވެ. ނިކަމެތިންގެ ތެރެއިން ކެއުމާއި ބުއިން ހައްގުވަނީ ގުރުއަތުން ހޮވޭ ބަޔަކަށޭ ބުނެފި ނަމަ އެކަމާ ވެސް ދެކޮޅު ނުހަދާނޭ ސިޔާސީވެރިން ކަލޭމެންގެ ތެރޭގައި އުޅެފާނެއެވެ! މަނިކުބޭ ނިކަން ވިސްނައި ފިކުުރުކޮށްލަބަލާށެވެ! މާލޭގައި އިމާރަތްތައް އޮތް މީހުންނަށް ވިިލިގިއްޔާއި އަދި ހުޅުމާލެއާއި އަދި ލ. އަތޮޅު ފަދަ އެހެން ތަންތަނުން ވެސް ލިބެނީ ގޯތިތައް ލިބޭ ނޫން ހެއްޔެވެ؟ ހުރިހާ ކަމެއް ވެސް މި އޮންނަނީ މިހެންނެވެ. އެންމެ އިހުގައި ވެސް ރާއްޖޭގެ ފަޅު ރަށްތައް ބަހައިލެވިފައި އޮތީ ހަމަ މަދު މީހުން ކޮޅަކަށް ނޫން ހެއްޔެވެ؟ އެއީ ކޮން ހަމަޔަކުން ހެއްޔެވެ؟ ވެރިކަމާ އެމީހުން ގުޅިފައި އޮތުމާއި ދެން، އެފަދަ މީހުންނާ އެެހެން ބަޔަކު ގުޅިފައި އޮންނަ އޮތުމުގެ މައްޗަށެވެ. މިހާރުވެސް ގޯތި ގެދޮރު މި ލިބެނީ ހަމަ މިއުސޫލުން ހަމަ އެއް ބަޔަކަށް ނޫން ހެއްޔެވެ؟ ވެރިކަމުގައި އުޅޭ މީހުންނަށާއި އެ ފަދަ ބާރުތަކާ ގުޅުން އުފައްދައިލެވޭ ފައިސާވެރި މުއްސަނދިންނަށެވެ. ފަހަރެއްގައި ވެސް ގޯތިތައް އެ ފަދަ މީހުންނަށް ލިބުމަކީ އެ ލިބޭ މީހުންގެ ކުށެއް ނޫނެވެ. އެއީ ސިޔާސީ ވެރީންގެ ސިޔާސަތުތަކުގެ ކުށެވެ. މިކަމުގެ ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ ތަނުގެ ހުރިހާ ހަރުމުދަލެއް ހަމަ އިހުނެކޭ އެއްފަދައިން މަދު ބަޔެއްގެ އަތްމައްޗަށް އެރުމެވެ. އެ މީހުންގެ މިލްކަކަށް ވުމެވެ. އަދި އެ ކަމުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ހުރިހާ މުއްސަނދިކަމެއް މަދު ބަޔެއްގެ އެއްޗަކަށް ވުމެވެ. ދެން ތިބި ބަޔަކު އެމީހުންގެ އަޅުންނަށްވެ، އެމީހުންގެ މިނިވަންކަމާއި އިންސާނީ ކަރާމަތު ވެސް ގެއްލުމެވެ. އިހުގައި މީހުން އަޅުވެތިވީ ރިބާގެ ސަބަބުންނެވެ. މިއަދު ކަލޭމެން އަޅުވެތިވަނީކީ ބޭންކުގެ އިންޓަރެސްޓުގެ ސަބަބަކުން ނޫނެވެ. މިއަދު ކަލޭމެން އަޅުވެތިވަނީ ގޯތި ގެދޮރު ނެތި ކުއްޔަށް ތަންތަން ހިފައިގެން އުޅެން މަޖުބޫރު ވެފައި އޮތުމުންނެވެ. ކުއްޔަކީ މިއަދުގެ ރިބާއެވެ! އެ ކަމަށް ކަލޭމެން ވަރަށް ކެރިގެން ނިކުމެ ހައްލެން ހޯދަން ޖެހެއެވެ.

މަނިކުބޭ: އެންމެ ރަނގަޅެވެ! އެންމެ ރަނގަޅެވެ! ޖަޕާނުގައި ނަމަ ތިކަން ހައްލުކުރުމުގެ ގޮތުން ކަންތައް ކުރާނެ ގޮތެއް އަޅެ ބުނެދީ ބަލާށެވެ!

ޖުހާ: ތިކަން ހައްލުކުރުމުގެ ގޮތް ހޯދާން ޖަޕާނު މީހުން ކަންތައް ކުރާނޭ ގޮތް ހޯދަން ޖަޕާނަށް ދަނީ ކީއްކުރަން ހެއްޔެވެ؟ އެކަން ކަލޭމެންގެ ތާރީޚުން ވެސް ފެންނަން އެބައޮތެވެ. ބިންބިމަކީ ބަންޑާރަ ބިމޭ ކިޔާ އަޑު މަނިކުބޭ ވެސް އަހަމެއް ނޫން ހެއްޔެވެ؟ މި ކަމުގެ އަސްލަށް ބަލައިލާއިރު މިކަމަކީ މާލޭގެ ބޮޑުތި ބޭފުޅުންގެ މިލްކުވެރިކަމުން ބޮޑެތި ބިންބިން އަތުލުމަށްޓަައި ކުރެވުނު ކަމެކެވެ. ހަމަ އެ ގޮތަށް މިހާރު ވެސް ރާއްޖޭގެ ހުރިހާ ބިމަކީ ދައުލަތުގެ އެއްޗެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ. އަދި، އެއްވެސް ބިމަކީ އެކަކަށް ވެސް މިލްކުނުކުރެވޭނޭ އެއްޗެއްކަމުގައި ހެދިދާނެއެވެ. މި ކަން ކުރަން ޖެހެނީ ރާއްޖޭގައި ބިމަކީ ތަދު އެއްޗަކަށް ވެފައި އަންނަން އޮތް ޖީލުތަކަށްޓަކައި ވެސް ބިންތައް ރައްކާކުރަން ޖެހޭނެތީއެވެ. މިކަން މި ގޮތަށްކޮށްފައި ސަަރުކާރުތަކުން ޖެހެނީ މީހުން އުޅެން އިމާރާތްތައް ހަދާށެވެ. ހަމައެކަނި މާލޭ ސަރަހައްދުގައި މާލޭ ވަށައިގެންވާ ރަށްތަކުގައެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދައްގައި މައި ރަށްތައް ކަމުގައި ރަށްތަކެއް ކަނޑައަޅައިލައިގެން އެ ރަށްތަކުގައި ވެސް މެއެވެ. އަދި، މި ގޮތުން ކަންތަަައް ކޮށް، ކޮންމެ މީހަކަށް ވެސް އުޅެވޭނެ ފަދަ ޖާގައެއް، މާނައަކީ ފުލެޓެއް ހޯދައި ދޭން ޖެހެއެވެ. އެ ފުލެޓު ގަނެ މިލްކުކުރެވޭ ގޮތަށެވެ. މި ކަން ކުރަން ޖެހޭނީ ގުރުއަތުލައިގެންނެއް ނޫނެވެ. މިއީ ކޮންމެ ދިވެހި ފަރުދެއްގެ ހައްގަކަށްވާން ޖެހެއެވެ. މި ފަދަ  ގޮތެއްގައި ކަންތައް ކޮށް، ގެދޮރުގެ ދަތިކަން ފިލުވައިލި ޕުލޭނެއް ސިންގަޕުރުން ފެނެއެވެ. ރާއްޖޭގައި ސަރުކާރުން ހަދާ ފުލެޓުތައް ލިބުމުގައި އެކަކަށް އެއް ފުލެޓުގެ އިތުރުން އެހެން ތަނެއް ގަނެވޭނޭ ގޮތަކަށް ކަންތައްތައް އޮވެގެން ނުވާނެއެވެ. މިހާރުގެ މިކަމުގެ ނިޒާމު އޮތް ގޮތުން، ރާއްޖޭން ބޭރުގައި ވަޒަންވެރިވެ އުޅޭ މީހުންނަށް ވެސް ހުޅުމާލޭން ފުލެޓު  އެބަ ލިބެއެވެ! މިއީ ކިހާ އަނިޔާވެރި ނިޒާމެއް ހެއްޔެވެ؟ 

ދެން، ފުލެޓުތައް މި ފަދަ ގޮތެއްގައި ލިބޭ ގޮތަށް އޮންނާނޭ ނިޒާމެއް ގާއިމުކުރުމުގެ ވާހަކަދެއްކުމުން، މި ކަމުގެ އިދިކޮޅު ވާހަކައަކަށް އޮންނާނީ މިކަމުން އިގުތިސާދީ ހަރަކާތަށް ހުއްޓުން އަރާނޭ ކަމެވެ. އެހެން ވިޔަސް، ބިމުގެ މައްސަލަ މި ބުނި ގޮތަށް ބާއްވަން މަޖުބޫރެެވެ. ރާއްޖޭގައި އެކަކަށް ދިހަ ބާރަ އިމާރަތް ކުރުމުގެ ފުރުސަތު ދިނުމަކީ އެމީހާއަށް އެހެން މީހުން އަޅުވެތި ކުރުމުގެ މަގުފަހިކޮށްދެވޭ ކަމަކަށް ވާތީއެވެ. އަދި، އެހެންވެ، މީގެ އިތުރަށް ވެސް، ތަންތަނުގެ ކުލި ކޮންޓުރޯލުކުރާނޭ ނިޒާމެއް ވެސް ގާއިމުކުރަން ޖެހެއެވެ. ކާޑު އެއްޗެހީގެ އަގު ކޮންޓުރޯލު ކޮށްފައި އޮންނަ ފަދައިންނެވެ. މިސާލަކަށް ތިމާގެ އަމިއްލަ ތަނެއް ކުއްޔަށްދޭން ބޭނުން ނަމަ، ކުއްޔަށް ދެވެނީ ކަމާ ބެހޭ ސަރުކާރުގެ އިދާރާއަކަށް، އެ އިދާރާއަކުން ކަނޑައަޅާ ކުއްޔަކަށާއި އަދި އެކަމަށް ހަމަ ޖެހިފައި އޮންނަ ގަވާއިދުތަކެއްގެ މަތިންނެވެ. ދެން، އެ އިދާރާއަކުން، ކުލީގެ ބާޒާރަށް، ހަމަ ޖެހޭ ގަވާއިދުތަކެއްގެ މަތިން، ތަންތަން ކުއްޔަަށް ދޭން ނެރެވިދާނެއެވެ. މި ކަން ކުރާންޖެހޭނީ ސަރުކާރަށް އާމްދަނީ ހޯދަންކުރާ ކަމެއްގެ ގޮތުގައެއް ނޫނެވެ. ކުލީގެ ރިބާ ހުއްޓުވައި ކުލި ބޭނުންކޮށްގެން މީހުން އަޅުވެތިކުރުން ހުއްޓުވާން ކުރާ ކަމެއްގެ ގޮތުގައެވެ. އެހެންވެ، ތަނުގެ ކުލި ހަމަ ޖެހިފައި އޮންނަން ޖެހޭނީ ތަނުގެ އާންމުންގެ އެންމެ ދަށު މުސާރައިގެ ތިންބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ނުވާ ގޮތަކަށެވެ. މިއީ ޚިޔާލެކެވެ. މީގެ މުހިއްމު ޕޮއިންޓަކީ ކުއްޔަކީ، ރިބާ ފަދައިން، މީހުންގެ އަޅުވެތިކޮށް މީހުން މަގުމަތިކޮށްލާފާނޭ ކަމަކަށްވާ ގޮތަށް އެ ކަން އޮތަ ނުދިނުމެވެ. ކުއްޔަކީ މީހުންގެ އަބުރާއި އިއްޒަތް، އެ މީހުންގެ އިންސާނީ ކަރާމަތް ނިގުޅައިގަންނަ ކަމެއްގެ ގޮތުގައި އޮންނަ ކަމެއްގައި ނުވުމެވެ. މި ކަން ކުރެވޭނީ އެންމެ ފުރަތަމަ، އެންމެންނަކީ ވެސް ހަމަހަމަ ބަޔެއް ކަމުގައި ގަބޫލުކުރެވިގެންނެވެ. އެންމެނަށް ވެސް، އެބަހީ ހުރިހާ ދިވެހި މުވާތިނުންނަށް ވެސް، އަބުރުވެރިކަމާއެކު ބޯހިޔާކޮށްލާނޭ ގޮތެއް އޮންނަން ޖެހޭނޭކަން އެންމެނަށް ވެސް ގަބޫލުކުރެވިގެންނެވެ. މުޖުތަމައުގެ އެއްބަޔަކީ ބޭފުޅު ބުރަހަމިނުން ކަމުގައި ބަލައި އަނެއްބަޔަކީ އަޅުވެތި ހަރުޖަނުން ކަމުގައި ނުދެކުމުންނެވެ. 

މަނިކުބޭ: އަނެއްކާ ވެސް ބުނާނީ ދެން އެންމެ ރަނގަޅެވެ. ޖަޕާނު މީހުންފަދައިން އަހަރުމެންގެ ތެރޭގައި ވެސް މޮޅު މީހުން އުޅޭނޭ ކަން އެއްބަސް ވާން ޖެހެއެވެ. ދެން އޮތީ އެމީހުންގެ ބޭނުން ހިފޭނޭ ގޮތް ބެލުންތާއެވެ! ބުޅާކަރުގައި ރަނގަބީލު އަޅަން މީދާ އުޅުން ފަދަ ކަމަކަށް ނުވެއްޖިއްޔޭ ކިތައްމެހާ ވެސް ރަނގަޅޭ ހިތަށް އަރައެވެ.

_________________________________

އިދާރީ ނޯޓެއް:

ޢަރަބިބަހާއި އިސްލާމީ ތަޢުލީމުގެ ރޮނގުން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޢިލްމުވެރިއެއް ކަމަށްވާ ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މައުޟޫޢުތަކަށް ޢިލްމީ އަދި ފަލްސަފީ ލިޔުންތައް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ނޫސް-މަޖައްލާތަކަށް ލިޔުއްވުމުގެ އިތުރަށް މީހުން ހޭލުންތެރިކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ވެސް އޭނާ ލިޔުއްވަމުންގެންދަވައެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ދަރިކަލެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ