އަދުގެ ޚާއްސަ

Print

ރާއްޖެ އިސްލާމްވީ ދުވަހުގެ ހަނދާނުގައި

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އިޖުތިމާޢީ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދަކީ 1374 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ދިވެހީން ފާހަގަކުރަމުންއައި "ރާއްޖެ އިސްލާމްވީ ދުވަހެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާ މަހު ދެވަނަ ދުވަހުކަމަށް ތާރީޚުން ހެކިދެއެވެ. މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

އެހެންނަމަވެސް "ރާއްޖެ އިސްލާމްވީ ދުވަސް"ގެ ގޮތުގައި ދިވެހީން އެ ދުވަސް ފާހަގަކުރާން ފަށައިފައިވަނީ ރާއްޖެ އިސްލާމްވީތާ އަށް ޤަރުނު ވެސް ފާއިތުވީ ފަހުން 1374 ވަނައަހަރުގައެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތު އިންޤިލާބަކުން ބަދަލުކޮށްލި ފަހުން އައި ދުވަސްވަރެވެ. ދެވަނަ ޖުމުހޫރިއްޔަތެއް ޤާއިމުކުރެވެންދެން މި ކަން ދެމިގެން އައެވެ. މި ގޮތުގެ މަތީން ނުވަތަ ބައެއް ބަދަލުތަކާއެކު ނަމަވެސް 14 ވަރަކަށް އަހަރުވަންދެން މި ދުވަސް ފާހަގަކުރުމަށްފަހު، މި ދުވަސް ފާހަގަކުރުން ހުއްޓައިލެވުނެވެ. ސަބަބެއް ނޭނގެއެވެ. އަލުން މި ދުވަސް ފާހަގަކުރައްވާން ފެއްޓެވީ ދެވަނަ ޖުމްހޫރިއްޔަތުގެ ދެވަނަ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި މީލާދީން 2000 ވަނަ އަހަރުން ފެށިގެންނެވެ.

ބައެއް ނޫސްތަކުގައި މި ދުވަސް ބަލިކަށިކުރުމަށް ޓަކައި ތަފާތު ޢިބާރާތްތައް ބޭނުންކޮށްފައި ހުރެއެވެ. ޝައްކުއުފެއްދުމަށްޓަކައި މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އޭރުގެ މީހުންގެ ކިޔަމަންތެރިކަމާއި ރަސްކަމުގެ ތާރީޚު ފަރުވާތެރިކޮށް ލިޔަމުން ގެންދިޔުމާއި މި ކަންކަމުން އެ ދުވަހާ މެދު އަދި ރައްޔިތުން އިސްލާމްދީން ގަބޫލުކުރީ ރަސްގެފާނަށް ކިޔަމަންތެރިކަން އަދާކޮށްގެން ކިޔަމަންތެރިކަމާއެކު ކަމަށް ޝައްކު ކުރާނެ ޖާގައެއް ނެތެވެ. އެހެން ނޫނަސް ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރި ދުވަހުގެ ތާރީޚާމެދު ބަހުސްކުރުމަކީ މުހިންމު ކަމެއް ވެސް ނޫނެވެ. މުހިންމު ކަމަކީ އިސްލާމް ދީން ޤަބޫލުކުރި ކުރުމެވެ. އެހެން ޤައުމުތަކަށް އިސްލާމްދީން ފެތުރިގެން ދާއިރު ވެސް ސަމާވީ އެހެން ދީންތަކުގެ މީހުންނާއި މުޝްރިކުންނާއި މުލްޙިދުން ވެސް އުޅުނުތާއެވެ. ނަމަވެސް ދިވެހިރާއްޖޭގެ އެންމެންނަށް ﷲގެ ހިދާޔަތު ލިބުމަކީ ކޮންފަދަ ނިޢުމަތެއްތޯއެވެ؟ ހަގީގަތުގައި ވެސް ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމް ދީނުގެ އަލިގަދަ ނޫރުން އެ މީހެއްގެ ހިތާއި ނަފުސު އަލިވެގެން ދިޔުމެވެ. އެ މާތް ދީނުގެ ހިދާޔަތު ލިބުމެވެ.

ޝައްކެއް ނެތެވެ! މިއަދަކީ ޤައުމީ ފެންވަރެއްގައި ފާހަގަކުރުން އެންމެ އެކަށީގެންވާ އެއް ދުވަހެވެ. ނަމަވެސް މިއަދު ފާހަގަކުރުމަށްޓަކައި ކުރާންވީ އެންމެ މުހިންމު ކަމަކީ ﷲއަށް ޝުކުރުވެރިވުމެވެ. ކިޔަމަންތެރިކަން އިތުރުކުރުމެވެ. އަޅުކަންކުރުން ގިނަކުރުމެވެ. އިޢުތިޤާދު ވަރުގަދަކުރުމެވެ. އިސްލާމްދީނާ އިދިކޮޅަށް ރާއްޖޭގައި ހިންގޭ ނުރައްކާތެރި ޢަމަލުތަކުގެ ޙަރަކާތްތަކުގެ މޫތައް ލުހެލުމެވެ. ލާދީނީ ހަރުކަށި ފިކުރުގެ ވިޔުގަތައް ފުނޑުފުނޑުކޮށްލުމެވެ. ރާއްޖޭގައި ލާދީނިއްޔަތު ފެތުރުމަށްޓަކައި ރާއްޖޭގައި މަކަރުވެރި ޕްރޮގުރާމްތައް ހިންގާ ތަންދޮރު ނުދަންނަ ޖާހިލުންނަށް ރީތި ވަޢުޡާއި ހެޔޮ ބަސްތަކުން ވިސްނައިދިނުމެވެ. ދީނީ ޢީލްމުވެރީންގެ ތާކިހާ އަޅައިގެން ދީނީ ޢީލްމުވެރީންނަށް ހެދިގެން އުޅޭ މުނާފިޤުންނަށް ތައުބާވާން ނަސޭހަތްތެރިވުމެވެ. އެ ފަދަ އަޚުންނާއި އުޚުތުންނަށް ތެދުމަގު ދެއްކެވުން އެދި ދުޢާކުރުމެވެ.

އިސްލާމީ ޤައުމެއްގެ ވެރިކަން ކުރުމުގެ އެންމެ އަސާސީ ބޭނުމަކަށް ވާނީ އެ ޤައުމުގެ އިސްލާމީ ވަޙުދަތު ޙިމާޔަތްކޮށް ބަދަހިކުރުމެވެ. އާދޭހެވެ! މިއަދަކީ ދިވެހީން އެންމެ ބޮޑަށް ފާހަގަކުރާންޖެހޭ ދުވަހެވެ. އެހެނީ އިސްލާމީ ހިދާޔަތަށްވުރެ މަތިވެތި ބޮޑު ނިޢުމަތެއް އެއްވެސް އިންސާނަކަށް ނުލިބޭނެއެވެ. އެހެނީ ޤައުމުގެ އެހެން ހުރިހާ ކަމެއް ބިނާވެގެންވާނީ މި ތަރަހައިގެ މަތީގައެވެ. އެހެންވީމާ ޤައުމުގެ ހުރިހާ ރައްޔިތުންނަށް މި މަތިވެރި ހިދާޔަތު ލިބުމަކީ ފާހަގަކުރާންޖެހޭނެ ކަމެކެވެ. މި ދުވަސް ފާހަގަކުރުމަށްޓަކައި ކުރާންޖެހޭނެ ކަމަކީ ﷲއަށް ޝުކުރުވެރިވުމެވެ. އެކަލާނގެއަށް ކުރާ އަޅުކަން އިތުރުކުރުމެވެ. މުންކަރާތްތަކާ ދުރުވުމެވެ. އިސްލާމްދީނާ އިދިކޮޅަށް މި ރާއްޖޭގައި ހިންގޭ ޙަރަކާތްތައް މުލުން ލުހެލުމެވެ. މުސްލިމުން ކަމަށް ހެދިގެން އުޅޭ މުނާފިޤުން ދެނެގަނެ، އެ މީހުންގެ ފިތުނައިން ޤައުމު ސަލާމަތްކުރުމެވެ. މިއަދު ދިވެހި އިސްލާމީ މުޖުތަމަޢަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެސް ދީނަށް  ލޯބިކުރާ މީހުންނަށް ހެދިގެން އުޅޭ މުނާފިޤުންގެ މައްސަލައެވެ. މި ކަންކަމަށްޓަކައި މުޅި ޤައުމު ތެދުވާން އެބަޖެހެއެވެ. އެހެނީ އިސްލާމީ ވަޙުދަތަކީ ދިވެހި ޤައުމިއްޔަތުގެ މައި ތަނބެވެ. އެ ތަނބަށް ގުޑުން އަރައިފި ނަމަ މުޅި ޤައުމިއްޔަތު ފުނޑުފުނޑުވެދާނެއެވެ.

ކުރީން ވެސް ދެންނެވި ފަދައިން އިސްލާމީ ޤައުމެއްގައި ވެރިކަމެއް އޮތުމުގެ އެންމެ މުހިންމު ބޭނުމަކީ އިސްލާމީ ވަޙުދަތު ޙިމާޔަތްކުރުމެވެ. އެހެނީ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ (”އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائمކޮށް، زكاةދީ، ހެޔޮކަންތަކަށް أمرކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّهއަށެވެ.") (سورة الحجّ:41) މިކަން ނުކުރާނަމަ، އެ ވެރީންނަކީ މުއުމިނުންކަމުގައި ނުވާނެކަން މި އާޔަތުގެ ކުރީގެ އާޔަތްތަކުން ދޭހަވެއެވެ. އަދި މި އާޔަތުގެ ކުރީގެ 40 ވަނަ އާޔަތް ނިންމަވައިލައްވަމުން ވަޙީކުރައްވައިފައިވާ ބަސްފުޅުގައި އަންގަވައިފައިވަނީ "ހަމަކަށަވަރުން، اللَّهއަށް نصرދޭ މީހަކަށް، އެކަލާނގެ نصرދެއްވާނެކަން ކަށަވަރު" ކަމަށާއި "ހަމަކަށަވަރުން، اللَّهއީ، ބާރުވެރިވަންތަ، عزيزވަންތަ ރަސްކަލާނގެކަން ކަށަވަރު" ކަމަށެވެ.

ﷲއަށް ނަޞްރު ދިނުމަކީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވުމެވެ. މީގެ ތެރެއިން އެންމެ މުހިންމު އަމުރުފުޅަކީ ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާއި ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ. މި ކަން ވެރީންނާ ޒިންމާކުރެވިފައިވާއިރު ވަކި މީހަކު އިސްތިސްނާ ނުވާ ގޮތުގެ މަތީން ހަމަ ހުރިހާ މުސްލިމުންގެ ކޮނޑުގައި ވެސް މި ޒިންމާ އެކި މިންވަރަށް ވަނީ އެޅިފައެވެ. މާތް ﷲ ވަނީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް (މުންކަރާތް) މަނާކުރާ ބަޔަކު ތިޔަބައި މީހުންގެ ތެރެއިން ވާށޭ އަންގަވައިފައެވެ. ވަކި މީހަކު އިސްތިސްނާ ނުވާ ގޮތުގެ މަތީންނެވެ. އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން މި ކަން ކުރާން މަޖުބޫރެވެ. އަޅުގަނޑު މި އަދާކުރަނީ އެ މަސްއޫލިއްޔަތެވެ. އެ ކަލާނގެ ވަޙީކުރައްވައިފައިވެއެވެ. " وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُوْلَـئِكَ هُمُ الْمُفْلِحُونَ" ("ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمرކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.") (سورة آل عمران:104)

މިއަދު "ރާއްޖެ އިސްލާމްވީ ދުވަސް" ފާހަގަކުރާއިރު، އަޅުގަނޑުމެންނާ މަތިކޮށްފައިވާ ވާޖިބާމެދު ސަމާލުކަންދެވެނީ ކިހާ މިންވަރަކަށްތޯ ވިސްނައިލެވެނީ ކިތައް މީހުންނަށް ބާވައެވެ! ވަކި މީހަކު އިސްނިސްނާ ނުކުރައްވައި، މުންކަރާތްތައް މަނާކުރާން ﷲ ކުރައްވައިފައިވާ އަމުރުފުޅު އަޅުގަނޑުމެން ތަންފީޒުކުރަނީ ކިހާ މިންވަރަކަށްތޯއެވެ! ކޮންމެ މީހަކު ވެސް އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އެ ވާޖިބު އަދާކުރެވޭތޯ އުޅެނީ ކިތައް މީހުންތޯއެވެ!

أبي سعيد الخدري (رضي الله عنه) ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘެއްގައިވެއެވެ. "من رأى منكم منكرا فليغيره بيده ، فإن لم يستطع فبلسانه ، فإن لم يستطع فبقلبه ، وذلك أضعف الإيمان " (ތިޔަބައިމީހުންގެތެރެއިން މުންކަރާތެއް ފެނިއްޖެ ނަމަ ފަހެ ތިޔަބައިމީހުންގެ އަތުން އެކަން ހުއްޓުވާށެވެ. އެކަމަށް ކުޅަދާނަނުވެއްޖެ ނަމަ، އޭނާގެ ދުލުންނެވެ. ފަހެ ދުލުން އެކަން ކުރުމަށް ކުޅަދާނަ ނުވާނަމަ ފަހެ އޭނާގެ ހިތުންނެވެ."(رواه مسلم). އެހެންވީ އިރު މިކަމުން އިސްތިސްނާވާ ވަކި އެކަކު ވެސް އެބަ ވޭތޯއެވެ!

މިއަދު ކައު ރަސޫލާ މުޙައްމަދު رسول الله (صلى الله عليه وسلم)އަށް ފުރައްސާރަކުރާ ރަސްމީ ޖަމްޢިއްޔާތައް ޙަރަކާތްތެރިވާއިރު، އަދި އެކި ޤައުމުތަކުގެ ރައީސުން އެ ކަން ކުރާއިރު އެ ކަން މަނާކުރަނީ މި މުސްލިމު އުންމަތުގެ ކިތައް މީހުންތޯއެވެ؟ ދައުލަތުގެ އެންމެ މަތީން ފެށިގެން އަޅުގަނޑުމެން ފަދަ އެންމެ އާދައިގެ މީހާއާ ހަމައަށް ވިސްނައިލުމުން ރަސޫލާގެ ދިފާޢުގައި ބަސްބުނަނީ ކާކުތޯއެވެ؟ ފެންނަ މަންޒަރަކީ "ރަސޫލާގެ ދިފާޢުގައި" ފަދަ މައުޟޫޢުތަކަށް މީހުން ހޭލުންތެރިކުރާން މަސައްކަތްކުރާން މަދު ބަޔަކު މަސައްކަތްކުރިޔަސް "މައުޟޫޢު ބަދަލުކުރާން" އަންގައި އަތުން ބާރު ލިބިފައިވާ ފަރާތްތަކުން، ރަސޫލާ ދިފާޢުކުރުން މަނާކުރެވޭ ތަނެވެ. ރަސޫލާއަށް މަލާމަތްކޮށް އިސްލާމް ދީނަށް ތައުހީނުކުރާ މީހުންނާ ދެކޮޅަށް އެއްޗެކޭ ބުނާ މީހަކާ މެދު ތަފާތު އިލްޒާމުތައް އަޅުވައި ދަޢުވާކޮށް އަދަބު ދެވޭ ތަނެވެ. މުސްލިމުންނޭ ކިޔައިގެން އިސްލާމް ދީން ޙިމާޔަތްކުރުމުގެ ނަމުގައި ތިބޭ މީހުން ލަދުވެތި ނުވޭތޯއެވެ! ރަސޫލާއާ ބެހޭ ގޮތުން ރަސޫލާއަށް ލޯބިކުރުމާ މެދު މާތް ﷲ އަންގަވައިފައިވަނީ ކީކޭތޯއެވެ! އަޑުއައްސަވާށެވެ! މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "قُلْ إِن كُنتُمْ تُحِبُّونَ اللّهَ فَاتَّبِعُونِي يُحْبِبْكُمُ اللّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللّهُ غَفُورٌ رَّحِيمٌ" ("ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّهއަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبعވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.")  (سورة آل عمران:31) . އެހެންވީމާ ﷲގެ ރުހިވޮޑިގަމުމާއި އާޚިރަތުގެ ބާއްޖަވެރިކަމާ މެދު ޚިޔާލުކުރާ ކޮންމެ މީހަކުމެ ރަސޫލާގެ ދިފާޢުގައި ބަސްބުނާންޖެހެއެވެ.

އަޅުގަނޑުމެން މިއަދު ރާއްޖެ އިސްލާމްވީ ދުވަސް ފަޚުރުވެރިކަމާއެކު ފާހަގަކުރާއިރު މި ކަންކަމާމެދު ވިސްނައިލަނީ ކިތައް މީހުންތޯއެވެ! އަޅުގަނޑުމެންނަކީ މުސްލިމުންނޭ ބުނެލައިގެން ސަލާމަތްވާކަށް ނެތެވެ. އަޅުގަނޑުމެން ހެޔޮ އުންމަތެއްގެ ގޮތުގައި ﷲ ލެއްވީ ޝަރުޠުތަކެއްގެ މަތީންނެވެ. ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުން ޝަރުޠުކުރައްވައިފައެވެ. މިކަން ނުކުރާނަމަ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ވާހުށީ ފާސިޤުންކަމުގައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللّهِ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ" ("މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّةކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمرކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّهއަށް إيمانވަމުއެވެ. ފޮތުގެ أهلވެރިން إيمانވީނަމަ، އެއުރެންނަށް އެ ގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمانވެގެންތިބި މީހުންވެއެވެ. އަދި، އޭގެ ތެރެއިން ގިނަ މީހުންނީ فاسقންނެވެ.") (سورة آل عمران:110)

ވީމާ، އަޅުގަނޑުމެންނަށް މާތް ﷲ ދެއްވި އެންމެ ބޮޑު ނިޢުމަތް މިންވަރުކުރެއްވި މި ދުވަސް (ރާއްޖެ އިސްލާމްވީ ދުވަސް) ފާހަގަކުރަމުންދާއިރު، މި ކަންކަމާމެދު ވިސްނައި ހެޔޮ މަގަށް ރުޖޫޢަވާން އަވަސްވަމާތޯއެވެ! ވަކި މީހަކު އިސްތިސްނާ ނުވާ ގޮތުގެ މަތީންނެވެ. ސަރުކާރާއި ރައްޔިތުންނެވެ. އެންމެންނެވެ. ދިންނަވައި ނަސީބު ލިބޭނޭ ހަމައެކަނި މަގަކީ އެއީއެވެ. 

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައްޔާއި ޞުލްޙަވެރި މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި މި ލޮބުވެތި ދިވެހި ޤައުމު ޤިޔާމަތާ ހަމައަށް ލަހައްޓަވާށިއެވެ! އާމީން! 

___________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ