އަދުގެ ޚާއްސަ

Print

ޝުކުރުގެ ކޮޅެއް ނެތެވެ.

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ދީން

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑުމެންނަށް، ދިވެހިރާއްޖެއަށް އިސްލާމް ދީނުގެ މަތިވެރި ހިދާޔަތު ލިބުނު ކަމަށް ޓަކައި އަޅުގަނޑުމެން އަބަދާއި އަބަދު ޝުކުރުވެރިވާންޖެހެއެވެ. ރާއްޖެ އިސްލާމްވީ ދުވަސް އަޅުގަނޑުމެން ފާހަގަކުރީ މި ދިޔަ ހަފުތާގައެވެ. މި މުނާސަބަތާ ގުޅިގެން އަޅުގަނޑުމެން ވިސްނައިލާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ.

އެކި މީހުންގެ ވިސްނުންތެރިކަމާއި ހިތްއަލިކަމާއި، ކަންކަމާ މެދު އެކި މީހުން ދެކޭ ގޮތުގައި ވެސް ތަފާތުތަކެއް ހުރެއެވެ. ފުރިހަމަ ތަޢުލީމާއި ތަރުބިއްޔަތު ލިބުމުގެ ސަބަބުން ވަރަށް މަތީ ދަރަޖައަށް ވިސްނުން ތަރައްޤީވެފައިވާ މީހުން ވެސް މީސްތަކުންގެ ތެރެއިން ވެއެވެ. ތަޢުލީމަކީ ސިކުނޑީގެ ކާނާއެވެ. އެހެންނަމަވެސް އަނެއް ބަޔަކީ އާދައިގެ ނަފުސުތަކެކެވެ. ދިރިއުޅުމުގެ ތެރެއިން ރަނގަޅު ތަޢުލީމެއް ޙާޞިލުކުރުމުގެ ނަޞީބު ލިބިފައިނުވާ ޟަޢީފު ބަޔެކެވެ.

އެއް ބަޔަކީ ވަރަށް ބޮޑަށް ދީނަށް ލޯބިކޮށް، ދީނީ ކަންކަމަށް ސަމާލުކަންދޭ ބަޔެކެވެ. ޙައްޤު ގޮތުގައި މާތް ﷲ ވޮޑިގެންވާކަން މަޢުރިފާކޮށް ދެނެ ތިބެ، ޙައްޤު ގޮތުގައި ﷲ އަށް ބިރުވެތިވާ މީހުންވެ. އަނެއް ބަޔަކީ ﷲއާމެދު ޔަގީންކަން ހޯދާން މަސައްކަތްކުރާ މީހުންނެވެ. ތިމާއަށް ﷲ ނުފެނުނު ކަމުގައި ވިޔަސް ﷲ ތިމާ ދެނެވޮޑިގެންވާ ކަމުގެ މަފުހޫމު ހިތުގައި ރަނގަޅަށް ބިންވަޅު ނުނެގޭ މީހުންނެވެ. މި ކަންކަން އެނގެނީ މީސްތަކުންގެ ޢަމަލުތަކުންނާއި އެ ފަދަ މީހުންގެ ބަސްތަކުންނެވެ.

މަތީގައި މި ދެންނެވި ދެ ބާވަތުގެ މީހުންގެ ތެރޭގައި މުސްލިމުން ވެސް ހިމެނެއެވެ. މި ދެބާވަތުގެ މީހުން ވެސް ޤަބޫލުކުރާ އާންމު އެއް ޤަބޫލުކުރުމެއް ވެއެވެ. މި ދެންނެވި ދެ ބާވަތުގެ މުސްލިމުން ވެސް މާތް ﷲ ވޮޑިގެންވާކަން ޤަބޫލުކުރެއެވެ. އަދި އެކަލާނގެއަކީ އިންސާނާގެ ނިކަމެތި ސިކުނޑިއަށް ވިސްނައިގަންނާން ކުޅަދާނަނުވާ މިންވަރަށް ކަށަކުޅަދުންވަންތަ، ކީރިތިވަންތަ ކަލާނގެ ކަމަށް ވެސް ޤަބޫލުކުރެއެވެ. އަޅުގަނޑުމެންގެ ބައެއް މީހުންނަށް ހިތުގެ އަޑިގައި ބިންވަޅުނެގިފައި ނުވާ ކަމަކީ އަޅުގަނޑުމެންގެ ލޭހޮޅިތަކަށް ވުރެ ނުވަތަ ކަރުގެ މައިނާރަށް ވުރެ، މާތް ﷲ އަޅުގަނޑުމެންނާ ކުއްތަންވެވޮޑިގެންވާ ކަމެވެ.

މި ދެންނެވި ހުރިހައި ބާވަތެއްގެ މުއުމިނުންނަށް ވެސް ޔަގީންވާ ކަމެއް އޮވެއެވެ. ކޮންމެ ނަފްސެއް ވެސް ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި މި ބިންމަތީގައި ދިރިއުޅުމަށް ފަހު، އެ ނަފްސެއްގެ އަޖަލުހަމަވުމުން ﷲގެ ޙަޟުރަތަށް ދާން ޖެހޭނެކަމެވެ. މާތް ﷲގެ ވަޙީ ބަސްފުޅުގައި ވަނީ މި ފަދައިންނެވެ. "كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَما الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ" ("ކޮންމެ ނަފުސަކީ ވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތްދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބުލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.") (سورة آل عمران:185). އާންމުކޮށް ހުރިހާ މުސްލިމުން ވެސް ޤަބޫލުކުރާ އަނެއް ޙަޤީޤަތަކީ މި ބިންމަތީގައި ދިރިއުޅޭ ކުރު މުއްދަތުގައި ތަފާތު ގޮތްގޮތުން މާތް ﷲ އަޅުގަނޑުމެން އިމްތިޙާންކުރައްވާކަމެވެ.  "الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ الْعَزِيزُ الْغَفُورُ" ("އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާންކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.") (سورة الملك:2)

ދެން މުސްލިމުން ޤަބޫލުކުރާ އަނެއް ޙަޤީޤަތަކީ މި ފަނާވެދަނިވި ދުނިޔެ ދޫކޮށް އަޅުގަނޑުމެން ދާންޖެހުމުން ލަހެއް ފަހެއް ނުވާނޭކަމެވެ. އޭރުން އަޅުގަނޑުމެންގެ ޢަމަލުތަކަށް ފުރިހަމައަށް އިންސާފު ލިބި، ދާއިމީ ޙަޔާތާ ކުރިމަތިލާން ޖެހޭނޭ ކަމެވެ. އެހެންޏާ ބާއްޖަވެރިކަމާއި ދާއިމީ ނިޢުމަތުގެ ސުވަރުގެތަކެވެ. ނުވަތަ އަބާއްޖަވެރިކަމާއި ވޭންދެނިވި ދާއިމީ ޢަޛާބުގެ ނުރައްކާތެރި ނަރަކައެވެ.

މާތްﷲއީ ޢަދުލުވެރިވަންތަ އޯގާވަންތަ ކަލާނގެއެވެ. އަޅުގަނޑުމެންނަށް މަގެއް ނުދައްކަވައި އަނދިރި ހަތަރު އަނގޮޅިއަކަށް އަޅުގަނޑުމެން ދޫކޮށްލައްވާކަށް އެކަލާނގެ އިރާދައެއް ނުކުރައްވައެވެ. އެހެންކަމުން އިންސާނުންނަށް އެކަލާނގެ ދެ މަގަށް މަގު ދެއްކެވިއެވެ. "وَهَدَيْنَاهُ النَّجْدَيْنِ" ("އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ.") (سورة البلد:10) ހަމަ އެފަދައިން އިންސާނުންނަށް ރަނގަޅާއި ނުރަނގަޅު އެކަލާނގެ ބަޔާންކޮށްދެއްވިއެވެ. އަދި ﷲގެ ތަނަވަސް ރަޙުމަތާއި ނިޢުމަތްތަކުގެ ސުވަރުގެއަށް ވާޞިލުވެވޭނެ ހުރިހާ މަގުތަކެއް އެކަލާނގެ ދެއްކެވިއެވެ. އަދި ވޭނާއި ޢަޛާބުގެ ނަރަކައަށް މީހާ ހުށަހެޅޭނޭ ގޮތަތައް ވެސް ބަޔާންކޮށްދެއްވައި ފުރިހަމަ އިޚުތިޔާރު ދުނިޔެމަތީގައި އިންސާނާއަށް ދެއްވިއެވެ.

އިންސާނާއަށް ތެދުމަގު ދައްކަވާނޭ ރަސޫލުން ފޮނުއްވައި ބަޝާރަތާއި އިންޒާރު ދެއްވުމަށް ފަހުގައި ނޫނީ އެއްވެސް އިންސާނަކަށް ﷲ ޢަޛާބެއް ނުދެއްވައެވެ. އެހެނީ ﷲއީ، އިންސާނުން ދުނިޔޭގައި އުޅޭ އިރު ވެސް އިންސާނުންނަށް ނުހަނު އޯގާވަންތަ ރަޙުމާނުވަންތަ ރަސްކަލާނގެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ." مَنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا" ("ތެދުމަގު ލިބިގެންފި މީހާ (ދަންނާށެވެ!) ފަހެ، އެ މީހާ އެ ތެދު މަގު ލިބިގަންނަކަން ކަށަވަރީ، އެމީހާގެ އަމިއްލަ ނަފްސުގެ ލާބައަށެވެ. އަދި މަގުފުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ މަގުފުރެދޭކަން ކަށަވަރީ، އެ ނަފްސުގެ ހަލާކަށެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. އަދި ތިމަންރަސްކަލާނގެ ރަސޫލަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) ޢަޛާބުދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ.") (سورة الإسراء:15) އެހެންކަމުން އިންސާނުންގެ ތެރެއިން އެކަލާންގެ ހޮއްވަވައި އިޚުތިޔާރުކުރައްވާ މާތް އިންސާނުން (ނަބިއްޔުންނާއި ރަސޫލުން) މެދުވެރިކުރައްވައި އެކަލާނގެ ރިސާލަތު އިންސާނުންނަށް ފޮނުއްވައެވެ. ރަސޫލުބޭކަލުން އެބޭބޭކަލުންގެ އުއްމަތަށް ގެނެސްދެއްވާ ރިސާލަތު ޖީލުތަކަކަށް ފަހު ފަނޑުވަމުން ގޮސް އިންސާނުންގެ އުރެދުންތެރިކަމުން ޖާހިލުކަމުގެ ތެރެއަށް އަލުން އިންސާނުން ވަދެއެވެ. މި ފަދަ ޙާލަތަކަށް އިންސާނިއްޔަތު ވެއްޓުމުން އަނެއްކާ ވެސް ﷲގެ އޯގާވަންތަކަމުން އެ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް ޓަކައި އެހެން ރަސޫލަކު ފޮނުއްވައެވެ.

މާތް ﷲ އެ ދެބެއިކަލުންނަށް ސަލާމްލެއްވި މޫސާގެފާނާއި ޢީސާގެފާނު ގެނެސްދެއްވި ޝަރީޢާ، އެ ބޭކަލުންގެ އުންމަތްތަކުގެ މީސްތަކުންގެ ނުބައި މުޑުދާރު އަތްތަކުން އެ މީހުންގެ ހަވާނަފްސު އެދޭ ގޮތަކަށް ބަދަލުކޮށް ހެދިއެވެ. ނަތީޖާއެއްގެ ގޮތުން އަނެއްކާ ވެސް މުޅި އިންސާނިއްޔަތު ތައުޙީދުގެ މަގުން އެއްކިބާވިއެވެ. މުޅި އިންސާނިއްޔަތު އޭގެ ކުރީން ދުވަހަކު ވެސް ނުވެއްޓޭ ފަދަ، ޖާހިލުކަމުގެ އަނދިރި ވަޅުގަނޑަކަށް ވެއްޓުނެވެ. ތަޅައިފޮޅުމާއި ފޭރުމާއި ޒިނޭކުރުމާއި މީހުންމެރުމާއި ފިތުނަ ފަސާދަ އާންމުވެ، ޖަނަވާރުންނަށް ވުރެ ވެސް ދަށު ދަރަޖައަކަށް މުޅި އިންސާނިއްޔަތު ސޮއްސައިލިއެވެ. އެކަން ސިފަކޮށްދެއްވަމުން މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "... لَهُمْ قُلُوبٌ لاَّ يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لاَّ يُبْصِرُونَ بِهَا وَلَهُمْ آذَانٌ لاَّ يَسْمَعُونَ بِهَا أُوْلَـئِكَ كَالأَنْعَامِ بَلْ هُمْ أَضَلُّ أُوْلَـئِكَ هُمُ الْغَافِلُونَ" ("... އެ ހިތްތަކުން (ޙައްޤު ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (ޙައްޤު މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (ޙައްޤު އަޑު) ނާހާ ކަންފަތްތަކެއް ވެސް، އެއުރެންނަށްވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެ ތަކެއްޗަށް ވުރެ ވެސް އެއުރެން މަގުފުރެދުން ބޮޑެވެ. އެއުރެންނަކީ ހަމަ ޣާފިލުވެގެންވާ ބަޔެކެވެ.") (سورة الأعراف:179)

މި ފަދަ ނާމާން ޙާލަތެއްގައި "ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތް މަތީގައި" އިންސާނިއްޔަތު ވަނިކޮށް ރަޙުމާނުވަންތަ މާތް ﷲ މުޅި އިންސާނިއްޔަތަށް ރަޙުމަތެއްކަމުގައި އިސްލާމީ ރިސާލަތާއިގެން ކައު ސާހިބާ މުޙައްމަދު ﷺ ރަސޫލުކަމާއިގެން ފޮނުއްވިއެވެ. ޢަދާވާތްތެރިކަމާއި މުންކަރާތްތަކުގެ ސަބަބުން ނަރަކައިގެ ތުންފަތްމަތީގައި އިންސާނުން ވަނިކޮށް އިންސާނުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދަރުމަވެވޮޑިގެން ދެއްވި ނިޢުމަތްތައް ހަނދުމަކޮށްދެއްވުމަށް ޓަކައި ވަޙީކުރައްވައިފައިވެއެވެ. "وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعًا وَلاَ تَفَرَّقُواْ وَاذْكُرُواْ نِعْمَةَ اللّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىَ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا كَذَلِكَ يُبَيِّنُ اللّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ". ("ތިޔަބައިމީހުން އެންމެން اللَّهގެ دينގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން ޢަދާވާތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން ސަލާމަތްކުރެއްވިއެވެ. اللَّه، އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެ ފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށް ޓަކައެވެ."). (سورة آل عمران:103)

މި ގޮތުގެ މަތީން އިންސާނުންނަށް ދަރުމަވެވޮޑިގެން މާތް ﷲ ފޮނުއްވި ހިދާޔަތު ފިޔަވައި އެހެން އެއްވެސް ފަލްސަފާއެއް އެއީ ދީނެއްކަމަށް މާތް ﷲގެ ޙަޟުރަތުގައި ގަބޫލުފުޅެއް ނުކުރައްވާނެކަމަށް އަންގަވައި ވަޙީކުރެއްވިއެވެ. "وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ". ("ދީނެއްގެ ގޮތުގައި އިސްލާމް ދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެ މީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."). (سورة آل عمران:85) އަދި ދުނިޔޭގައި އެކި މީސްމީހުން ދީނޭ ކިޔައިގެން ތަފާތު އުސޫލުތަކަށާއި ތަފާތު ފަލްސަފާތަކަށް ތަބާވެ ޢަމަލުކުރަމުން ގެންދިޔަ ކަމުގައި ވިޔަސް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީނަކީ އިސްލާމް ދީންކަން ވަރަށް ޞަރީޙަ ބަހުން އަންގަވައި ވަޙީކުރައްވައިފައިވެއެވެ. "إِنَّ الدِّينَ عِندَ اللّهِ الإِسْلاَمُ وَمَا اخْتَلَفَ الَّذِينَ أُوْتُواْ الْكِتَابَ إِلاَّ مِن بَعْدِ مَا جَاءهُمُ الْعِلْمُ بَغْيًا بَيْنَهُمْ وَمَن يَكْفُرْ بِآيَاتِ اللّهِ فَإِنَّ اللّهِ سَرِيعُ الْحِسَابِ" ("ހަމަކަށަވަރުން، اللَّهގެ ޙަރޟުރަތުގައި، ދީނަކީ، އިސްލާމް ދީނެވެ. އަދި، ފޮތް ލިބުނު މީހުން އެއުރެންނަށް (ޙައްޤު ގޮތް) އެނގުމަށްފަހުގައި މެނުވީ، އެއުރެން ޚިލާފުވެޔެއް ނުގަނެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ޙަސަދަވެރިކަމުގެ ގޮތުންނެވެ. اللَّهގެ އާޔަތްތަކަށް ކާފިރުވާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، ޙިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.") (سورة آل عمران:19)

އަދި އިސްލާމީ ޝަރީޢާއަކީ ޤިޔާމަތާ ހަމަޔަށް މަންސޫޚުވުމެއް ނެތި ދެމި އޮންނަ ޝަރީޢަތެއްކަމުގައި ލެއްވިއެވެ. ކީރިތި ޤުރުއާން ޤިޔާމަތާ ހަމަޔަށް ރައްކާތެރިކޮށްދެއްވާނެ ކަމަކުގެ ވަޢުދު ބަސްފުޅު މާތް ﷲ ވަޙީކުރެއްވިއެވެ. "إنا نحن نزلنا الذكر وإنا له لحافظون" ("ހަމަކަށަވަރުން، ޤުރުއާން ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ ޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ.") (سورة الحِجْر:9). އިސްލާމީ ޝަރީޢަތަށް ވާޞިލުވުމުގެ ތަނަވަސް މަގު ހުރިހާ އިންސާނުންނަށް އެއްވެސް ދަތިކަމެއް ނެތި ޤިޔާމަތާ ހަމަޔަށް މިވަނީ ފަހިކޮށްދެއްވައިފައެވެ. ﷲގެ އޯގާވަންތަކަމާއި ދީލަތިވަންތަކަމަށް ޓަކައި އަޅުގަނޑުމެން އަބަދާއިއަބަދު ޝުކުރުވެރިވާކަށް ނުޖެހޭތޯއެވެ!

__________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ