އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (13)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޢަޤީދާ

 

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(21 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް- 5

އިލާހީ ހިދާޔަތު، ބަޔެއްގެ ކުރިމައްޗަށް ހުށަހަޅައިލެވުމުން، އެބައިމީހުން، މި ހިދާޔަތް ބަލައިގަންނާނޭ ގޮތުގެ މައްޗަށް ބަލައި، މީސްތަކުން ބަހައިލެވޭ ބައިތަކުގެ ތެރެއިން، ފުރަތަމަ ބައި، އާދެ، އިލާހީ ހިދާޔަތް ގަބޫލުކުރާ ތަޤުވާވެރި މުއުމިނުންގެ ވާހަކައާއި އެ މީހުންގެ ބައެއް ޚާއްސަ ސިފަތައް، އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތުގައި ބަޔާން ކުރެވި ހިނގައްޖެއެވެ. ދެން ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގައި ބަޔާން ކުރެވިފައި އޮތީ އެ ހިދާޔަތަށް އިންކާރު ކުރާ މީހުންގެ ވާހަކަ އެވެ. މި ދެ އާޔަތުގެ މައްޗަށް ބަލައިލަމާތޯއެވެ. އެންމެ ފުރަތަމަ ދެ އާޔަތުގެ މާނައިގެ ތަރުޖަމާއެއް ހުށަހަޅާލާނަމެވެ.

 

إن الذين كفروا سواء عليهم أ أنذرتهم أم لم تنذرهم لا يؤمنون.(6)

ހަމަކަށަވަރުން، 'ކާފިރު'ވެއްޖެ މީސްތަކުން، އެ މީހުންނަށް، ކަލޭގެފާނު (މުހައްމަދުގެފާނު)، އިންޒާރު ކުރެއްވިޔަސް ނޫނީ އިންޒާރު ނުކުރެއްވިޔަސް، އެ މީހުންގެ ކައިރީގައި، (މި ކަން)، ހަމަހަމަ ވެގެން ވެއެވެ. އެހެނީ އެމީހުންނެއް އީމާނެއް ނުވާނެ އެވެ.

ختم الله على قلوبهم وعلى سمعهم وعلى أبصارهم غشاوة ولهم عذاب عظيم.(7)

އެ މީހުންގެ ހިތްތަކުގައްޔާއި އަދި އެމީހުންގެ އިވުމުގައި (އެބަހީ، ކަންފަތްތަކުގައި)، (މާތް)ﷲ ސިއްކަޖެއްސެވިއެވެ. އަދި އެމީހުންގެ ލޯމަތީގައި ފަރުދާއެއް ވެއެވެ. އެ މީހުންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ.

ކުރީން ވެސް ދެންނެވިދިޔަ ފަދައިން، މި ދެއާޔަތުގައި އިޝާރަތްކުރެވެނީ އިލާހީ ހިދާޔަތު، އެ މީހުންގެ ކުރިމައްޗަށް ހުށަހަޅައިލެވުމުން، އެ ކަމަށް އިންކާރުކުރާ މީހުންގެ ވާހަކައެވެ. އެ މީހުން ސިފަކުރެވިފައިވަނީ 'ކާފިރުން'ގެ، ގޮތުގައެވެ. އެ މީހުންގެ ކުރިމައްޗަށް، ކުރީގެ ފަސް އާޔަތުގައި ނަންގަނެވިދިޔަ އިލާހީ ހިދާޔަތުގެ ވާހަކަ ހުށަހަޅައިލައި، ހެވާ ނުބައަކީ އޮތް އެއްޗެއްކަމާއި އިލާހީ އަޚުލާޤީ މިންގަނޑުތަކާ  އެއްގޮތްވާ ގޮތުގެ މަތިން އިންސާނާގެ އަމަލުތައް ބަހައްޓާން ޖެހޭނޭކަމާއި، އަދި އުޚްރަވީ ހަޔާތެއް އޮތްކަމާއި އިންސާނާ އޭނާގެ އަމަލުތަކުގެ ނަތީޖާއާ އެ ދުވަހުން ކުރިމަތިލާން ޖެހޭނޭ ކަމުގެ ވާހަކަތައް އެ މީހުންނާ ދައްކައި އެ ކަމުން އެ މީހުންގެ ހިތްތައް ބިރުވެތިކުރާން މަސައްކަތް ކުރިކަމުގައި ވިޔަސް ނުވަތަ އެ މަސައްކަތް ނުކުރިކަމުގައި ވިޔަސް، އެ މީހުން އެ ވާހަކަތަކެއް ގަބޫލެއް ނުކުރާނެއެވެ. 

ދެން، ހަތްވަނަ އާޔަތުގައި ކާފިރުވީ މީހުން، އިލާހީ ހިދާޔަތު އިންކާރު ކުރަނީ ކީއްވެގެން ކަމާއި މެދު އިޝާރަތް ކުރެވިފައިވެއެވެ. އެ މީހުން ވަނީ އެ މީހުން ތިބި ގޮތުގައި ތިބޭން ކަނޑައަޅައި ނިންމައިފައެވެ. އެ ނޫން އެހެން ގޮތަކަށް އެ މީހުންގެ އުޅުން ބަދަލު ކުރާކަށް އެމީހުން ބޭނުމެއް ނުވެއެވެ. މި ކަމަށް އިޝާރަތް ކުރެވިފައިވަނީ އެމީހުންގެ ވިސްނުމުގެ ވަސީލަތްތަކުގައި، އާދެ، ހިތާއި، އިވުމުގައި، ސިއްކަޖެހި ބަންދުކުރެވިފައިވާކަމާއި އަދި އެމީހުންގެ ފެނުން ވެސް ފަރުދާކުރެވިފައިކަން ބަޔާންކޮށް ދެއްވަމުންނެވެ. އާދެ، އެ މީހުންގެ އުޅުން ބަދަލު ކުރުމާބެހޭ އެއްވެސް ވާހަކައެއް އަޑުއަހައި އެކަމާ ދޭތެރޭ ވިސްނާކަށް އެމީހުން ބޭނުމެއް ނޫނެވެ. އެހެންވެ، މި ކަމުގެ ހިތި ނަތީޖާއާއި އާޚިރަތް ދުވަހު އެމީހުން ކުރިމަތިލާން ޖެހޭނޭކަން ބަޔާންކޮށް ހަތްވަނަ އާޔަތް ނިންމައިލެވިފައި ވެއެވެ.

މި ދެއާޔަތް އިތުރަށް ވިސްނައި ފަހުމްކޮށް ގަތުމަށްޓަކައި މި ދެއާޔަތުގައި ހިމެނޭ ބައެއް މުހިއްމު ލަފުޒުތަކާއި އިބާރާތްތަކުގެ މައްޗަށް އިތުރަށް ބަލައިލާން ޖެހެއެވެ. އެއްމެ ފުރަތަމަ 'ކާފިރު' ގެ މާނައިގެ މައްޗަށެވެ. ދެން އިންޒާރު ކުރުމާއި ނުކުރުން އެމީހުންގެ ކުރިމަތީގައި ހަމަހަމަ ވެގެންވަނީ ކީއްވެގެން ކަމުގެ މައްޗަށެވެ. އަދި އެއަށްފަހު، އެމީހުންގެ ހިތްތަކުގައްޔާއި އަދި އިވުމުގައި ސިއްކަޖެހުމުގެ މާނައަކީ ކޮބައިކަމާއި އަދި އެ މީހުންގެ ލޯމަތީ ފަރުދާއެއް ވުމުގެ މާނައިގެ މައްޗަށްވެސް ބަލައިލާން ޖެހެއެވެ.

ހަވަނަ އާޔަތް ފެށިފައި ވަނީ إن الذين كفروا "ހަމަކަށަވަރުން، 'ކާފިރު'ވެއްޖެ މީސްތަކުން"، މިހެންނެވެ. މި އާޔަތުގައިވާ كفروا، 'އެމީހުން ކާފިރުވެއްޖެ' މިލަފްޒު ނެގިފައިވަނީ كُفْر މިލަފްޒުންނެވެ. 'ކުފްރު'ގެ ލަފްޒީ މާނައަކީ 'ފޮރުވުން' ނުވަތަ 'ފޮހެލުން' މިއެވެ. 'ކަފަރަ' ގެ ލަފްޒީ މާނައަކީ 'އޭނާ ފޮރުވައިފި' ނުވަތަ 'އޭނާ ފޮހެލައިފި' މިއެވެ'. އަރަބި ބަހުގައި ރޭނގަޑު ސިފަކޮށްދިނުމުގެ ގޮތުން ރޭގަނޑަށް 'ކާފިރޭ' ކިޔެއެވެ. ރޭގަނޑުގެ އަނދިރިކަން އެހެން އެއްޗެހި 'ފޮރުވައިލާ'ތީއެވެ. އަދި ހަމަ އެހެންމެ، ދަނޑުވެރިޔާއަށް ވެސް އަރަބި ބަހުގައި 'ކާފިރު' އޭ ކިޔެއެވެ. އޭނާ، ގޮވާން ކުރުމަށްޓަކައި، ބިމުގައި އޮށް އިންދައި، އެ އޮށަށް ފަސްއަޅައި ވަޅުލައި ފޮރުވައިލާތީއެވެ.

'ދަނޑުވެރިން'ގެ މާނައިގައި، 'ކުއްފާރު'، ކީރިތި ޤުރްއާނުގައިވެސް ބޭނުން ކުރެވިފައި ވެއެވެ. އަލްޙަދީދު ސޫރަތުގެ 20ވަނަ އާޔަތުގައެވެ. ދުނިޔަވީ ހަޔާތުގެ އުފަލާއި އަރާމަކީ ވަގުތީ ކަމެއްކަމުގެ މިސާލު ދައްކަމުން މި އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. "... كمثل غيث أعجب الكفار نباتها ثم يهيج فتراه مصفرا ثم يكون حطاما." (ދުނިޔަވީ ހަޔާތުގެ އުފަލާ އަރާމުގެ މިސާލު، އުޑުން އޮހޭ) ވާރޭ ފެނުގެ މިސާލު ފަދައެވެ. އެ ފެނުން ފެންލިބި ހެދޭ ގަސްގަހާއި ގޮވާން، 'ކާފިރުންނަށް'، (އެބަހީ، ދަނޑުވެރިންނަށް) އުފަލާއި ހިތް ހަމަޖެހުން ގެނެސްދެއެވެ. ދެން އެގަސްތައް (ހެދި ބޮޑުވެ ފުރިހަމަވުމަށް ފަހު) ހިކި ދެއެވެ. ދެން އެގަސްތައް ފެންނަނީ (ދޮންވެ) ރީނދޫކުލައިގައި ވާތަނެވެ. އަދި އެއަށްފަހު އެގަސްތައް ކުދިކުދިވެ (ހިރަފުހަށްވެ، ނެތި) ދެއެވެ..."

ދެން، 'ކުފްރު'، ފޮރުވުމާއި' 'ފޮހެލުމު'ގެ ހިއްސީ މާނައިން، 'ހައްގުބަސް'، ނުވަތަ 'ކަމެއްގެ ހަގީގަތް އެނގިހުރެ އިންކާރު ކުރުމު'ގެ މައުނަވީ މާނައިގައި ބޭނުން ކުރެވުނެވެ. އަދި، މިފަދަ ގޮތެއްގައި ކަމެއް އިންކާރު ކުރާ މީހާއަށް 'ކާފިރު' އޭ ކިޔުނެވެ. މަތީގައި ނަންގަނެވިފައިވާ އަލްބަޤަރާ ސޫރަތުގެ 6ވަނަ އާޔަތުގައި 'ކަފަރޫ' ބޭނުން ކުރެވިފައިވަނީ މިދެންނެވި މައުނަވީ މާނައިގައެވެ. އާދެ، إن الذين كفروا ގެ މާނައަކީ 'ހަމަކަށަވަރުން، ހައްގު ބަސް، އިންކާރު ކުރާމީހުން..." މިއެވެ. މިތަނުގައި 'ހައްގު ބަސް' އިޝާރަތް ކުރެވެނީ މާތްﷲ ވޮޑިގެންވުމަށާއި އަދި އެކަލާނގެ ދައްކަވައިފައިވާ އިލާހީ ތެދުމަގަށާއި އަދި އާޚިރަތްދުވަސް ފަދަ ކަންކަމަށެވެ. ކާފިރުވީ މީހުންނަކީ މިކަންކަމަށް އިންކާރު ކުރާ މީހުންނެވެ.                             

ދެން އޮތީ ހައްގަށް އިންކާރު ކުރާ މިފަދަ މީހުންގެ ކައިރީގައި 'އިންޒާރު ކުރުމާއި ނުކުރުން ހަމަހަމަ ވެގެންވާ ކަމެވެ (سواء عليهم أ أنذرتهم أم لم تنذرهم). އިންޒާރުގެ މާނައަކީ ކަމެއްގެ ވާހަކަ ކިޔައިދިނުމާއި އަދި އެކަމާ ގުޅިފައިވާ ބިރުވެރިކަމާއި ނުރައްކާ އަންގައިދިނުމެވެ. ބައެއްގެ އުޅުން އިސްލާހުކޮށް ވަކި ހަމަތަކެއްގެ މަތީގައި އެމީހުންގެ އުޅުން ބަހައްޓައިތޯއެވެ. މި ތަނުގައި އެ ވާހަކައަކުން އިންޒާރު ދިނުމަށް ނުވަތަ ނުދިނުމަށް އިޝާރަތް ކުރެވެނީ އިސްވެ ދިޔަ ފުރަތަމަ ފަސް އާޔަތުގައި އިޝާރަތް ކުރެވިދިޔަ އިލާހީ ހިދާޔަތުގެ ވާހަކައެވެ. މާތްﷲއަށް އީމާންވެ، އުޚްރަވީ ހަޔާތުގެ ކާމިޔާބަށް އެދި، ދުނިޔޭގައި ހެޔޮ އަމަލުކުރުމުގެ ވާހަކައެވެ. އަދި، އިލާހީ ހިދާޔަތަށް ފުރަގަސްދީ އެ ހިދާޔަތުގެ އަލީގައި ދުނިޔެވީ ހަޔާތް ވޭތުކޮށް ނުލެވިއްޖެނަމަ، އާޚިރަތުގައި ހުރި ގެއްލުމާއި ހަލާކުގެ ވާހަކައެވެ. މި އާޔަތުގައި ބަޔާން ކޮށްދީފައިވަނީ ހައްގަށް އިންކާރު ކުރާ މީހުން، އެ މީހުންގެ ކައިރީގައި އިލާހީ ހިދާޔަތުގެ މި ވާހަކަތައް ދައްކައި އާޚިރަތް ދުވަހު ކުރިމަތިވެދާނެ ބިރާއި ނުރައްކަލުގެ ވާހަކަ ކިޔައިދީ ހެދުމާއި ނުހެދުން ހަމަހަމަވެގެންވާކަމެވެ. އެހެނީ، އާޔަތް ނިންމައިލައްވަމުން ބަޔާންކުރައްވައިފައިވާ ގޮތުން، އެ މީހުން އީމާނެއް ނުވާނެއެވެ (لا يؤمنون). އިލާހީ ހިދާޔަތު، އެމީހުން، ގަބޫލެއް ނުކުރާނެއެވެ. 

އިލާހީ ހިދާޔަތުގެ މަގަށް ފުރަގަސްދީ، އެމީހުން އީމާން ނުވުމުގެ ސަބަބަކީ އެމީހުން ތިބީ މާކުރިއްސުރެން ވެސް އެ މީހުންގެ ގޮތް ދޫނުކުރާން ނިންމައިގެން ކަމަށްވާތީއެވެ. އެ މީހުން ތިބީ އެ މީހުން ގަބޫލުކުރާ އެ މީހުންގެ ހަޔާތުގެ އަގުތަކުގައި ހިފަހައްޓައިގެން ކަމަށްވާތީއެވެ. މި އަގުތައް ހުއްޓިފައި އޮތީ ހަމައެކަނި ދުނިޔަވީ އުފަލާއި ހިތް ހަމަޖެހުން ހޯދުމުގެ މައްޗަށެވެ. މުދަލާ ފައިސާ ހޯދުމާއި ހަނގުރާމަ ކުރުމާއި ރާބުއިމާއި ޖިންސީ އަރާމާއި ލައްޒަތުގެ އުފާތައް ލިބިގަތުމުގެ މައްޗަށެވެ. އަރަބި މުޝްރިކުންގެ ހަޔާތުގެ އަގުތައް ކީރިތި ޤުރްއާނުންނާއި އަދި އަރަބި ޖާހިލީ ޅެންތަކުން ސާފުވާން އެބައޮތެވެ. ކީރިތި ޤުރްއާނުގެ އައްތަކާޘުރު ސޫރަތުގެ ފުރަތަމަ ދެއާޔަތަށް ބައްލަވާލައްވާށެވެ. "ألهاكم التكاثر حتى زرتم المقابر"، 'ކަލޭމެން ޣާފިލުކޮށްލައިފައިވަނީ (މުދަލާއި ފައިސާ، ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަންތައްތައް، އެކަކު އަނެކަކަށްވުރެ) ގިނަކުރަން އުޅުމެވެ. ކަލޭމެން ކަށްވަޅުތަކަށް ދާންދެނެވެ." މިދެއާޔަތެވެ. އަދި މީގެ އިތުރުން، އެމީހުންގެ ހަޔާތުގެ އަގުތަކުގެ ވާހަކަ އަރަބި ޖާހިލީ ޅެންވެރިޔަކު ކަމުގައިވާ ޠަރަފާ ބިން އަލްޢަބްދު މިފަދައިން ބަޔާން ކޮށްދީފައި ވެއެވެ.

1. ألا أيهذا اللائمي أحضر الوغى وأن أشهد اللذات هل أنت مخلدي؟

2. وإن كنت لا تسطيع دفع منيتي فدعني أبادرها بما ملكت يدي

3. ولو لا ثلاث هن من عيشة الفتى وجدك لم أحفل متى ما قام عودي

4. فمنهن سبق العاذلات بشربة كميت متى ما تعل بالماء تزبد

5. وكري إذا نادى المضاف مجنبا كسيد الفضاء نبهته المتورد

6. وتقصير يوم الدجن والدجن معجب ببهكنة تحت الخباء المعمد

1. އޭ، އަހަރެން، ހަނގުރާމާއިގައި ބައިވެރިވެ، (ހަނގުރާމަ ކުރުމަށާއި) އަދި (ހަޔާތުގެ) އުފާތައް ލިބިގަތުމާއި މެދު (ނުރުހި)، އަހަރެން ބަދަނާމު ކުރާމީހާއެވެ! ކަލޭ، އަހަރެން އެކަން ކުޅައުން މަނާކުރަން ތިއުޅެނީ، ކަލެއަށް، (ދުނިޔޭގައި) އަހަރެން އަބަދަށްޓަކައި ދިރިދަމަހަށްޓައި ބެހެއްޓޭނޭތީ ހެއްޔެވެ؟

2. އަހަރެންގެ މަރުވުން، އެއީ ކަލެއަށް ހިފެހެއްޓޭނޭ ކަމަކަށް ނުވާއިރު، (ދުނިޔަވީ) އުފާތައް ލިބިގަތުމަށްޓަކައި އަހަރެންގެ އަތުގައި އޮތް ހުރިހާ އެއްޗެއް ހޭދަކޮށް، އެކަން ލިބިގަތުމަށް އަވަސްވެގަންނަން އަހަރެން ދޫކޮށްލާށެވެ. 

3. ކަލޭގެ ނަސީބު ގަންދީ ބުނަމެވެ. ދިރިހުރުމުން، ޒުވާނާއަށް ލިބިގަނެވޭނޭ މަޖަލުގެ މި ތިންކަންތައް ލިބެން ނެތްނަމަ، އަހަރެން (މަރަށް ހާޒިރުވެ) މަރުވާތަން ދެކެން އައިސްތިބި މީހުން، (އަހަރެން ދިރިހުންނާނެ ކަމުގެ އުއްމީދު ކަނޑާލައި) ތެދުވެ ދިޔަޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ. (މި ބަޔާން ކުރާ ތިން ކަންތައް ނުވާނަމަ، މަރުވިޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ.)

4. އެ ކަންކަމުގެ ތެރެއިން ވެއެވެ. (އަހަރެން) ބަދުނާމުކޮށް (އެކަން ހުއްޓުވައިފާނެ މީހުން) ހޭލުމުގެ ކުރިން، އެއަށް ސާފުފެން އަޅައިލުމުން ފޮނުއަރާ، ކަޅުރަތް ކުލައިގެ، ރާ ބުއިމެވެ. 

5. އަދި، ސަލާމަތްކޮށް ދިނުން އެދި (ހާލުގައި ޖެހިފައިވާ) މީހަކު ގޮވައިލުމުން، އަލްޣަޟާއޭ ކިޔުނު ގަސް ހެދިފައިވާ (ވަލު ތެރޭ)ގައި އުޅޭ މިނިކާވަގެއް ދުވެފައި ދާ ފަދައިން، އޭގެ މުލައްދަނޑީގައި ކުޑަ ލެނބުމެއްވާ އަހެއް މަތީ (އެމީހާގެ ކައިރިއަށް) ދިޔުން (އެތިންކަމުގެ ތެރެއިން ހިމެނެ)އެވެ.

6. އަދި އުޑުމަތި ބަނަދުވަހެއްގައި – ބަނަދުވަސް ދުވަސް ހިތްގައިމެވެ – މަސްޖަހާލައިފައިވާ ރީތި އަންހެން ކުއްޖަކުގޮވައިގެން އުފުލިފައިވާ ޓެންޓެއްގެ ތެރޭގައި ދުވަސް ކުރުކޮށްލުމުވެ. 

އާދެ، ކުރީގައި ނަންގަނެވުނު އައްތަކާޘުރު ސޫރަތުގެ ދެއާޔަތާއި މިބައިތުކޮޅުގައި، އަރަބި މުޝްރިކުންގެ ހަޔާތުގެ އަގުތައް ޚުލާސާކޮށް ބަޔާންކުރެވިފައި ވެއެވެ. އެމީހުންގެ ހަޔާތުގެ ފަލްސަފާގެ މައްޗަށް މި ދެ ތަނުގައި އަލިއަޅުވައިލެވިފައި ވެއެވެ. އެ މީހުން ދުނިޔޭގައި ދިރި ތިބޭން އެދުންވެރިކޮށް ބާރުއަޅައިދޭ ކަންކަމަކީ ކޮބައިކަން ބަޔާންކޮށްދީފައި ވެއެވެ. އެއީ މުދަލާއި ފައިސާ ހޯދުމާއި ރާބުއިމާއި ތަޅައިފޮޅައި ހަނގުރާމަ ކުރުމާއި އަދި ޖިންސީ އަރާމާއި ލައްޒަތު ލިބިގަތުމެވެ. މިބައިމީހުންނަކީ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، އެ މީހުންގެ މިގޮތް ބަދަލުކުރަން ބޭނުންނުވާ މީހުންނެވެ. އެ ވާހަކައަކީ ހައްގު ބަސްކަމުގައި އެ މީހުންނަށް ގަބޫލު ކުރެވުނަސް ވެހެވެ. ދުނިޔަވީ ހަޔާތަކީ ވަގުތީ ކަމެއްކަމާއި، ދުނިޔަވީ ހަޔާތް ނިމޭނޭ ކަމާއި އަދި އުޚުރަވީ ހަޔާތެއް އޮންނާނޭކަމާއި އުޚުރަވީ ހަޔާތުގެ ކާމިޔާބީ ލިބުން އޮތީ ދުނިޔަވީ ހަޔާތުގައި އިލާހީ ހިދާޔަތުގެ އަގުތައް ބަލައިގަނެ، އިލާހީ އަޚުލާގީ މިންގަނޑެއްގެ މަތީގައި ދުނިޔަވީ ހަޔާތް ވޭތުކޮށްލެވިގެންކަން ހަނދާންކޮށްދެވުނަސް އެކަން ބަލައެއް ނުގަނެވެއެވެ. އެހެނީ އެ މީހުންވަނީ ދުނިޔަވީ އުފަލާއި އަރާމުގެ އަވާގައިޖެހި ދުނީޔޭގެ އުފަލާއި މަޖާ ހޯދުމުގެ އެދުމުގެ ތެރެއަށް މާ ވަރުގަދައަށް ވަދެވިފައެވެ. އަދި މި ކަން ދޫކޮށްލާ ހިތެއް އެ މީހުން ނުވެއެވެ. އެހެންވެ، މި ފަދަ މީސްމީހުންގެ ކައިރީގައި، ތެދުމަގުގެ ވާހަކަ ދެއްކުމާއި ނުދެއްކުން ހަމަހަމަ ވެގެން ވެއެވެ. އެމީހުން އީމާނެއް ނުވާނެއެވެ. އެ މީހުން، އެ މީހުންގެ ގޮތެއް ދުލެއް ނުކުރާނެއެވެ.

ދެން ހަތްވަނަ އާޔަތުގައި ހައްގަށް އިންކާރު ކުރާމީހުން، އިލާހީ ހިދާޔަތް ބަލައިގަނެ އީމާން ނުވާނީ ކީއްވެގެންކަން، ބަޔާން ކޮށްދެވިފައި ވެއެވެ. ختم الله على قلوبهم وعلى سمعهم وعلى أبصارهم غشاوة، 'އެމީހުންގެ ހިތްތަކު ގައްޔާއި އަދި އެމީހުންގެ އިވުމުގައި (އެބަހީ، ކަންފަތް ތަކުގައި)، (މާތް)ﷲ ސިއްކަ ޖެއްސެވިއެވެ، އަދި އެ މީހުންގެ ލޯމަތީގައި ފަރުދާއެއް ވެއެވެ.' މިފަދައިން ބަޔާން ކުރެވިގެންނެވެ. މިއިން އިޝާރަތް ކުރެވެނީ އެ މީހުންގެ ގޮތުގައި އެ މީހުން ހިފަހައްޓައިގެން ތިބިލެއް ވަރުގަދަ ކަމެވެ. އާދެ، ދުނިޔަވީ މަޖަލާއި އުފަލުގެ ތެރެއަށް ގެނބި، އެހެން އެއްވެސް ގޮތަކާ މެދު ވިސްނައިލުމުގެ ބޭނުމެއް، އެދުމެއް، ނެތްކަމެވެ. މި ކަން އިތުރަށް ސާފުވެދިޔުމަށްޓަކައި، މިއާޔަތުގައި ބަޔާން ކުރެވިފައިވާ ހިތްތަކުގައްޔާއި އަދި އިވުމުގައި ސިއްކަޖެއްސެވުމާއި އަދި ފެނުމުގައި ފަރުދާއެޅިފައި ވުމުގެ މާނައިގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ހިންގާލަމާތޯއެވެ.

ختمގެ ލަފްޒީ މާނައަކީ ސިއްކަ ޖަހައި ރަނގަޅަށް ބަންދުކުރުމެވެ. މިސާލަކަށް ސިޓީއެއް އުރައަކަށްލައި ސިއްކަޖަހައި ބަންދުކުރުމެވެ. އެފަދައިން ސިޓީ ބަންދު ކުރެވިފައިވާ ހާލު، އެސިޓީއަށް ވާސިލުވެވޭނޭ އެއްވެސް ގޮތެއް ނޯވެއެވެ. ހިތުގައްޔާއި އަދި ކަންފަތުގައި ސިއްކަޖެހުމޭ ބުނުމުގެ މާނައަކީ ހިތާއި ކަންފަތް ރަނގަޅަށް ބަންދުކުރުމެވެ. މީގެ މުރާދަކީ ހިތާއި އަދި ކަންފަތަށް ހައްގުބަސް ވާސިލު ވެވޭނޭ ގޮތެއް ނެތުމެވެ. މާނައަކީ، ކާފިރުން، އާދެ، ހައްގުބަހަށް އިންކާރުކުރާ މީހުން، ހައްގު ބަސް އަޑު އަހައި އެއާ ދޭތެރޭ ވިސްނައި ފިކުރު ކުރުމުގެ އެއްވެސް އެދުމެއް، ބޭނުމެއް، އެމީހުންގެ ނެތުމެވެ. ސަބަބަކީ، އެމީހުން ތިބި ގޮތުގައި ތިބުމުގެ އެދުން މާބޮޑުކަމެވެ. އެހެންވެ، އެއްވެސް އެހެން ގޮތެއްގެ ވާހަކަ އަޑު އަހައި އެއާ ދޭތެރޭ ފިކުރުކުރުމުގެ ބޭނުމެއް އޮތް ކަމަކަށް އެ މީހުން ނުދެކެއެވެ. އެވާހަކައަކީ އިލާހީ ހިދާޔަތުގެ ވާހަކަ ކަމަށްވިޔަސް، ވެހެވެ. ހަމަ އެހެންމެ، އެ މީހުންގެ ފެނުމުގައި، އާދެ، ލޯމަތީގައި ވަނީ ފަރުދާއެއް އެޅިފައެވެ. މީގެ މުރާދަކީ، ހައްގު މަގަށް އެމީހުން ލަންބުވައި، އެމަގަށް ގެންގޮސްފާނޭ ކިތައްމެ މަންޒަރެއް އެމީހުންގެ ކުރިމަތިން ފެންނަން އޮތަސް މިއިން ކަމަކުން އިބުރަތް ލިބިގަނެ، އެކަންކަމާ ދޭތެރޭ ވިސްނާކަށް އެމީހުން ބޭނުމެއް ނުވެއެވެ. މިސާލަކަށް ކީރިތި ޤުރްއާނުގައި ތަބީއަތުގެ އެކިއެކި މަންޒަރުތަކުން އިބުރަތް ލިބިގަތުމަށް އަރަބި ކަރައިގެ މުޝްރިކުންނަށް ގޮވައިލެވިފައި ވެއެވެ. އެމީހުން ގެންގުޅޭ ޖަމަލުގެ މައްޗަށް ނަޒަރު ހިންގައި އެ ޖަމަލު އުފެދިފައިވަނީ ކިހިނެއްކަމާ މެދު ވިސްނައި ފިކުރު ކޮށްގެންނެވެ. އެ މީހުންގެ ވަށައިގެންވާ ފަރުބަދަތައް ކޮޅަށް ޖެހިފައިވާ ގޮތުގެ މައްޗަށް ނަޒަރު ހިންގައި އެކަމާ ދޭތެރޭ ވެސް ވިސްނައި ފިކުރުކޮށް ގެންނެވެ. އަދި، އެމީހުންގެ ކުރިމަތީ ފެންނަން އޮންނަ ހަނަފަސް ސަހަރާ ބިން، ވާރޭ ވެހުމަށް ފަހު ދިރި، އެ ބިމުގައި ގަސްފަޅައި ހެދޭ ގޮތް ބަލައި އެ ކަމުގެ މައްޗަށް ވެސް ވިސްނައި ފިކުރުކޮށްގެންނެވެ. މިއިން ކޮންމެ މަންޒަރަކީ ވެސް، ކީރިތި ޤުރުއާނުގެ ނަޒަރުގައި، އިބުރަތުން ފުރިގެންވާ މަންޒަރެކެވެ. ވިސްނައި ފިކުރުކުރާ މީހަކަށް، ޚާލިޤުވަންތަ ފަރާތެއްވާކަން ދައްކުވައިދޭ މަންޒަރެކެވެ. ނަމަވެސް، ކާފިރުން، އާދެ، ހައްގުބަހަށް އިންކާރު ކުރާ މީހުން، އެ މީހުންގެ ނަޒަރު ހުއްޓިފައިވަނީ ހަމަ އެކަނި ދުނިޔޭގެ މަޖަލާއި އުފާ ހޯދުމުގެ މައްޗަށް ކަމުން، އެ ފަދަ ތަބީއީ މަންޒަރުތަކުން އިބުރަތް ހާސިލުކުރެވޭ ގޮތެއް ނުވެއެވެ. އެހެންވެ، އެމީހުންނަށް އެފަދަ މަންޒަރެއް ފެނުނުކަމުގައި ވިޔަސް، އެއިން އިބުރަތެއް ލިބިގަނެވޭނޭ ގޮތެއް ނުވެއެވެ. އެމީހުންގެ ފެނުމުގައި، ލޯމަތީގައި، ފަރުދާއެއް އެޅިފައިވާ ކަހަލައެވެ.

މިއާޔަތުގައި، އާދެ، ހަތްވަނަ އާޔަތުގައި، އެމީހުންގެ ހިތްތަކު ގައްޔާއި ކަންފަތްތަކުގައި ސިއްކަޖެހުން، ނިސްބަތް ކުރެވިފައިވަނީ މާތްﷲ އަށެވެ. އާދެ، މިއާޔަތުގައި ވަނީ މާތްﷲ އެމީހުންގެ ހިތްތަކުގައްޔާއި އަދި ކަންފަތްތަކުގައި ސިއްކަޖެއްސެވިކަމެވެ. މީގެ މުރާދަކީ، މަތީގައި އިޝާރަތް ކުރެވި ދިޔަ ފަދައިން، އެމީހުން ހައްގު ބަހުގެ އަޑު ނޭހީ، އަދި އެއާ ދޭތެރޭ ވިސްނައި ފިކުރުކޮށް ނުހެދީ، އަދި ހައްގު ބަހާ ހަމައަށް ވާސިލުވެވޭނޭ މަންޒުރު ފެނިފައިވެސް ހައްގު މަގު ނުލިނުގަނެ، ތިބެވުނީ އެމީހުންގެ އަމަލުތައް ހުރި ގޮތުގެ ސަބަބުންނެވެ. ދުނިޔަވީ އުފާތައް ހޯދުމުގެ އެދުން ބޮޑުވެފައި އެ ކަމުގައި މަޝްޣޫލުވެ ތިބިލެއް ބޮޑުކަމުންނެވެ. އަދި، އެހެންވެ، އެހެން ކަމަކާއި ދޭތެރޭ ވިސްނާނޭ ޖާގައެއް އެ މީހުންގެ ހިތްތަކުގައި ނުވުމުންނެވެ. އިލާހީ ހިދާޔަތުގެ މަގަށް ގެންގޮސްދޭނޭ ވިސްނުމަކުން ވިސްނުމުގެ އެކަށޭނެކަން އެ މީހުންގެ ކިބައިން އެ މީހުން ވަނީ ނިގުޅައިގެންފައެވެ. މި ފަދަ ގޮތެއްގައި އެ އެކަށޭނަކަން ނިގުޅައިގެންފައި ވުމުން، އަރަބި ބަހުގައި، އެ ކަން މާތްﷲއަށް ނިސްބަތްކޮށް ބުނެވެނީއެވެ. ފަހަރެއްގައިވެސް ހައްގު ބަސް ނުވިސްނުމުގެ ސަބަބަކީ މާތްﷲ އެމީހުންގެ ހިތްތަކުގައްޔާއި ކަންފަތްތަކުގައި ސިއްކަ ޖައްސަވައި ބަންދުކުރައްވައި އަދި އެމީހުންގެ ލޯތައްމަތީ ފަރުދާ އެޅުއްވުމުގެ ސަބަބަކުންނޫނެވެ. އެކަން އެހެންވީ އެ މީހުން އެ ގޮތް އެދުމުންނެވެ. އެމީހުން އެ ގޮތް އިޚްތިޔާރުކުރުމުގެ ސަބަބުންނެވެ.

މީގެ މިސާލެއް، ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްގެ ކިބައިން ފެނިދާނެއެވެ. އެފަދަ މީހަކަށް، އޭނާ ވިސްނަން އުޅެފިނަމަ، ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއްކަން އެނގި ގަނެވިދާނެއެވެ. ދުންފަތުގައި ވިހަ އެތައް މާއްދާއެއް އެކުލެވިގެންވާކަން އޭނާއަށް ހޯދައިގަނެވިދާނެތީއެވެ. އަދި، އޭނާ އަޑުއަހާން ބޭނުންނަމަ، އެކިއެކި ޚަބަރު ފަތުރާ ވަސީލަތްތަކުން ދުންފަތް އިސްތިއުމާލު ކުރުމުގެ ގެއްލުމުގެ ވާހަކަތަކުގެ އަޑު އިވޭނެއެވެ. ހަމަ އެހެންމެ އޭނާ ބަލާން ބޭނުން ނަމަ، އެ ކަމުގައި ހުރި ގެއްލުމުގެ މަންޒަރުތައް ވެސް ފެންނާން އެބަހުއްޓެވެ. މިސާލަކަށް، ސިނގިރޭޓު ފޮށްޓެއް ގަންނައިރު ޚުދް އެ ފޮށީގައި ވެސް އެ ކަމުގެ ގެއްލުން ދައްކުވައިދޭ މަންޒަރުތައް ފެންނަން ހުރެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ އޭނާ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވައިލާން ހިތްވަރުދީ ބާރު އަޅައިދޭ ކަމަކަށް ނުވެއެވެ. އޭނާގެ ހިތަށް އެ ކަމުގެ ގެއްލުމުގެ ވާހަކަތައް ނުވިސްނޭ ކަހަލައެވެ. އޭނާގެ ކަންފަތައް އެ ވާހަކަތަކުގެ އަޑުނީވޭ ކަހަލައެވެ. އަދި އޭނާގެ ލޮލަށް އެ ކަމުގެ ގެއްލުމާ ބެހޭ މަންޒަރުތައް ނުފެންނަ ކަހަލައެވެ. އެއީ އޭނާ އެ ކަން ވިސްނައި އެނގިގަންނާން ބޭނުންނުވާތީއެވެ. އަދި އެ ކަން އަޑުއަހައި ދެކޭން ވެސް ބޭނުން ނުވާތީ އެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ އެދުން އެއަށްވުރެ މާބޮޑީމައެވެ. އެހެންވެ، އެ ވާހަކަތައް އަޑުއެހުމުން އޭނާގެ ހިތާއި ކަންފަތް ވަނީ މާތްﷲ ސިއްކަޖައްސަވައި ބަންދުކޮށްފަޔޭ ބުނެވިދާނެއެވެ. އަދި އޭނާގެ ލޯމަތީ އެކަން ދުށުމަށް ހުރަސްއަޅާ ފަރުދާއެއް އެބަ އޮތޭ ވެސް ބުނެވިދާނެއެވެ.

މި އާޔަތް ނިންމައިލައްވައިފައިވަނީ ހައްގު ބަހަށް އިންކާރުކުރާ މީހުންނަށް ވަރުގަދަ އިންޒާރެއްގެ އަޑު އިއްވައިލައްވަމުންނެވެ. އާދެ، އެމީހުންނަށް ބޮޑުވެގެންވާ އަޒާބެއްވާކަމުގެ ވާހަކަ ބަޔާންކުރައްވަމުންނެވެ. އެ މީހުންގެ އަމަލުތަކުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނޭކަމާއި، އެމީހުންގެ އުޅުން އިސްލާހު ނުކޮށްފިނަމަ، އާޚިރަތުގައި ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހޭނޭކަމުގެ އިންޒާރެވެ.

(ނުނިމޭ)

އިދާރީ ނޯޓެއް:

ޢަރަބިބަހާއި އިސްލާމީ ތަޢުލީމުގެ ރޮނގުން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޢިލްމުވެރިއެއް ކަމަށްވާ ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މައުޟޫޢުތަކަށް ޢިލްމީ އަދި ފަލްސަފީ ލިޔުންތައް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ނޫސް-މަޖައްލާތަކަށް ލިޔުއްވުމުގެ އިތުރަށް މީހުން ހޭލުންތެރިކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ވެސް އޭނާ ލިޔުއްވަމުންގެންދަވައެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ދަރިކަލެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ