އަދުގެ ޚާއްސަ

Print

ތިމާއަށް ރަނގަޅަށް ދިވެހިބަސް ނޭނގޭކަމަށް ދިވެއްސަކު ބުނުމަކީ . . .

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު – މާވަށް

ތެދުފުޅެކެވެ. ބަހަކީ ބަދަލު އަންނަ އެއްޗެކެވެ. އެކަމަކު އޭގެ މާނައަކީ ބަސް ހަލާކުކުރުމެއް ނޫނެވެ. ބަހުގެ ރީތި ހަމަތަކާއި އުޞޫލުތައް އުވައިލުމެއް ވެސް ނޫނެވެ. އެމީހަކު ބޭނުންހައި ގޮތަކީ ގަވާއިދު ކަމަށް ގަބޫލުކުރުމެއް ވެސް ނޫނެވެ. އެ ބަދަލެއްގެ ސަބަބުން ބަހަށް ގެއްލުން ލިބޭ ނުވަތަ އުނިކަމެއް އަތުވެދާނޭ ބަދަލަކީ ރަނގަޅު ބަދަލެއްކަމަކަށް ހަމަގައިމުވެސް ހެޔޮ ވިސްނޭ މީހަކު ގަބޫލެއް ނުކުރާނެއެވެ. 

 

މި ޖީލުގެ ބައެއް ޒުވާނުން އެ މީހުންގެ ތަޢުލީމީ ފެންވަރު ހާމަކުރުމަށްޓަކައި ދިވެހިބަހުގެ ރީތި ލަފުޒުތައް ދޫކޮށް ދިވެހިބަހާ ބީރައްޓެހި ބައެއް ލަފުޒު ބޭނުންކުރާކަމީ އެންމެންގެ މެދުގައި މަޝްހޫރުކަމެކެވެ. އަދި ދިވެހިބަހުން ވަކި ކަމެއް ބަޔާންކޮށްދޭން ނޭނގޭކަމަށް އަމިއްލަޔަށް އިޢުތިރާފުވުމަކީ ބައެއް މީހުން އެ މީހުންގެ ގާބިލުކަން ދެއްކުމަށް ކުރާ ކަމެކެވެ. ނަމަވެސް ތިމާގެ އަމިއްލަ ބަހުން ޝުޢޫރެއް ހާމަކުރަން ނޭނގުމަކީ ލަދުވެތިކަމެކެވެ. އެހެނީ ދިވެހި ބަހަކީ ޚިޔާލާއި ޝުޢޫރު ފާޅުކުރުމުގެ ފުރިހަމަ ޤާބިލުކަން ލިބިފައިވާ ބަހެއްކަން ދިވެހި ކާބަފައިން ވަނީ ސާބިތުކޮށްދީފައެވެ. އެހެންވީމާ އަޅުގަންޑުމެން ބޭނުން ވާހަކައެއް ދިވެހިބަހުން ހާމަކޮށްދޭން ނޭނގުމަކީ ދިވެހިބަހުގެ ފަޤީރުކަމެއް ނޫނެވެ. އެއިން ދައްކައިދެނީ ތިމަތިމާމެންގެ ކިބައިގައި ހުރި ބަހަށް ކޮށިކަމެވެ. އަދި ތިމާމެންގެ ނާޤާބިލުކަމެވެ.

އަނެއްކޮޅުން ބަލާއިރު ދިވެހިބަހުގެ މުއްސަނދިކަމާއި ޤާބިލުކަމާއި އަސަރުގަދަކަން ދޭހަކޮށްދޭ ބައެއް ލަފުޒުތައް އެއްވެސް މާނައެއް ނެތް ގޮތެއްގައި ބޭނުންކުރުމަކީ ފެޝަނެއްގެ ގޮތުން ބައެއް މީހުން ކުރާ ކަމެކެވެ. ނަމަވެސް އެއީ ތަހުޒީބު ޢަމަލެއް ނޫނެވެ. އަދީ ކީއްތޯއެވެ؟ އެއީ ބަހަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެކެވެ.

މިސާލަކަށް ދިވެހިބަހުގައި އޮންނަ "ދޯ"އަކީ ވެސް ވަރަށް މާނަހުރި ގޮތެއްގައި ވަރަށް އަސަރުގަދަ ކޮށް ބޭނުންކުރަން އޮންނަ އަދި ބޭނުންކުރެވޭ ލަފުޒެކެވެ. އެކަމަކު މި ޒަމާނުގެ ގިނަ ޒުވާނުން ދައްކާ ވާހަކައިގައި ބޭނުންކުރާ ގިނަ "ދޯ"ތަކަކީ މާނައެއް ނެތް ހާސަރުތަކެކެވެ. އޭގެ ސަބަބުން އަޑުއަހާ މީހާއަށް ނުތަނަވަސްކަމެއް ލިބުން ފިޔަވައި އެހެން ކަމެއް ނުވާނެއެވެ. ވާހަކަދައްކާ މީހާގެ ހަށިގަނޑުން ވެސް ހަކަތަ އިސްރާފުވުން ނޫންކަމެއް ނުވާނެއެވެ. ބަހަށް ގެއްލުން ލިބުން ފިޔަވައި އެހެން ކަމެއް ޙާޞިލެއް ނުވާނެއެވެ. އެހެންވީއިރު ދޯ ބޭނުންކުރަން ޖެހެނީ ކޮން ގޮތަކަށް ހެއްޔެވެ؟

އެއްވެސް ޝައްކެއް ނެތެވެ. "ދޯ"އަކީ އާނބަސް ބުނުވުމުގެ ގޮތުން ސުވާލުކުރުމަށް ޓަކައި ބޭނުންކުރާ އަކުރެކެވެ. މި ސުވާލުކުރަން ޖެހޭނީ އަޑުއަހާ މީހާއަށް އެނގޭ މަޢުލޫމާތަކުންނެވެ. ދޯ ބޭނުންކުރަންޖެހޭނީ ބުނާ މީހާ ބުނި ބުނުމަށް ތާއީދު ހޯދުމަށް ޓަކައި ނުވަތަ އެއްބަސްކުރުވުމުގެ ގޮތުން އަހާ އެހުމެއްގެ ގޮތުގައެވެ. އެހެން ވީމާ، މީހަކަށް އެކަމެއްގެ މައުލޫމާތު ނޭނގޭ ކަމަކާ ގުޅޭ ގޮތުން 'ދޯ'އޭ އެހީމާ ޖަވާބު ދޭން ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ "ދޯ"އޭ އެހީމާ 'ނޫނެކޭ'އެއް ނުބުނެވޭނެތީއެވެ. އެކަމަކު ނޭނގޭ ކަމަކަށް އާނއެކޭ ބުނާނީ ވެސް ފަހެ ކިހިނެއްހެއްޔެވެ؟

އާދޭހެވެ! "ދޯ" އަކީ ވަރަށް ފުރިހަމަ މާނައެއްގައި ޖުމުލައިގައި ބޭނުންކުރެވޭ ސުވާލެކެވެ. މިއަސަރާއި މި މާނައިގައި ބޭނުންކުރާ އިނގިރޭސި ލަފުޒެއްވެސް ޑިކްޝަނަރީއަކުން ފެންނާކަށް ނެތެވެ. ދިވެހިބަސް ފޮތް (2011) ބުނާ ގޮތުން ވެސް "ދޯ" އަކީ މީހަކު ލައްވައި "އާނ ބަސް ބުނުވުމުގެ ގޮތުން ސުވާލުކުރުމަށް ބޭނުންކުރާ އަކުރެކެވެ." އެ މީހަކު ބުނި ބުނުމަށް އަނެކާގެ ތާއީދު ހޯދުމުގެ ގޮތުންނެވެ. މި ސުވާލަށް އަނެކާ ބުނާންޖެހެނީ އާނއެކޭ އެވެ. މި ފަދަ ("ދޯ"ގެ) ސުވާލަކަށް ނޫނެކޭ ބުނުމަކީ "ސެންސް ރިލޭޝަންސް" ތިއަރީ އާ ޚިލާފުކަމެކެވެ. އަދި އެއީ "ސްޕީޗް އެކްޓް" ތިއަރީއާ ބީރައްޓެހި ކަމެއްވެސް މެއެވެ. އެކަމަކު ތިމާއަށް ނޭނގޭ ކަމަކާ މެދު "ދޯ"އޭ ބުނީމާ ދެން ބުނާނީ ވަކި ކީކޭތޯއެވެ؟ އެހެންވީމާ، އެ ކަމެއްގެ މަޢުލޫމާތު ނެތް މީހެއް ކުރެން ތާއީދު ހޯދުމަށްޓަކައި 'ދޯ'އޭ އެހުމަކީ ދިވެހިބަހުގެ އުޞޫލެއް ނޫނެވެ. ބަހަވީ ޢިލްމުގެ ސުލޫކެއް ނޫނެވެ. މުޢާމަލާތުކުރުމުގެ ވުޞޫލެއް ނޫނެވެ.

ވީމާ، ތިމާއަށް ދިވެހިބަސް ރަނގަޅަށް ނޭނގޭކަމަށް ބުނެގެން، ނުވަތަ ދިވެހިބަސް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ތިމާގެ ޤާބިލުކަން ދެއްކުމަށް މަސައްކަތްކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އެއީ ފެޝަނެއް ވެސް ނޫނެވެ. އެކަމުގެ ސަބަބުން ތިމާގެ ނާޤާބިލުކަން ހާމަވުން ފިޔަވައި އެހެން ކަމެއް ނުވާނެއެވެ. އަދި މީގެ އިތުރަށް އެއީ ދިވެހިބަހަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ވެސްމެއެވެ.

_______________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ