އަދުގެ ޚާއްސަ

Print

މުޝްތަރީ އާއި ޒުޙަލު އެއްއުއިވުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސައިންސް

                              

ޢަބްދުﷲ ރަޝީދު، މ.ލިނެޓް 

އިރު ވަށައިގެން ގުރަހަތައް ދައުރުކުރާ ކުރުމުގައި އަދަކީ މުހިންމު ޙާދިސާއެއް ހިނގާ ދުވަހެކެވެ. މުސްތަރީ އާއި ޒުޙަލު އެއްއުއިވާ ދުވަހެކެވެ. އެއީ، ކޮންމެ އަހަރަކު ހިނގާ ކަމެއް ނޫނެވެ. އަހަރުތަކަކަށް ފަހު ހިނގާ ކަމެކެވެ.

ނަމަވެސް ކޮންމެ 20 އަހަރަކުން 1 ފަހަރު މި ދެ ގުރަހަ އެއް ރާއްސެއްގައި އެއްއުއިވުމީ ދައުރުވުމުގެ އާދައިގައި ހިނގާކަމެކެވެ. އެކަމަކު މި ފަހަރުގެ އެއްއުއި ވުމަކީ، ދުނިޔެއަށް އެއް ތަރިއެއްގެ ގޮތުގައި މި ދެ ގުރަހަ ފެންނަ މަދު ޙާލަތުންކުރެ ޙާލަތެކެވެ. މި ފަހަރުގެ އެއްއުއިވުމުގެ ބާވަތަކީ އެތައް ސަތޭކަ އަހަރަކުން އެއްފަހަރު މަގުން ހިނގާ ކަމެކެވެ.

21 ޑިސެމްބަރ 2020 ވަނަ ދުވަހުގެރޭ (މިރޭ) މާލޭ ގަޑިން 23:01 ގައި ކުންބަ ރާހީގެ ހުވަން ނަކަތުގެ 00 ދަރަޖަ 29 ދަގީގުގައި، މި ދެ ގުރަހަ އެއްއުއިވެ އެއް ގުރަހައެއްގެ ގޮތުގައި އެންމެ ފެންނަން ހުންނާނެއެވެ.

އެ ވަގުތު މުސްތަރީގެ ޖީ.އެޗް.އޭ. 57 ދަރަޖަ 58.1 ދަގީގު، ޑިކްލިނޭޝަން 20 ދަރަޖަ 30.9 ދަގީގު ކަމާއި، ޒުޙަލުގެ ޖީ.އެޗް.އޭ 57 ދަރަޖަ 59.4 ދަގީގުު، ޑިކްލިނޭޝަން 20 ދަރަޖަ 24.9 ދަގީގުކަން އެނގެން އޮތުމުން، އިރު ހުޅަނގުގެ ގޮތުން 0.3 ދަގީގުގެ ތަފާތެއްގައި، އުތުރު ދެކުނުގެ ގޮތުން 0.6 ދަގީގުގެ ތަފާތެއްގައި މި ދެ ގުރަހަ ހުންނާނެކަން ނޯޓިކަލް އަލްމަނެކުން އެނގެއެވެ. 

22 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 12 ގަޑި 50 މިނެޓްގައި ކުންބަ ރާހީގެ ހުވަން ނަކަތުގެ 00 ދަރަޖަ 30 ދަގީގަށް މުސްތަރީ ވަންނާންދެން މިރޭ 23:01 ގެެ ފަހުން މި ދެ ގުރަހަ ފަލަކުގައި ދަތުރު ކުރާނީ ހުވަން ނަކަތުގެ 00 ދަރަޖަ 29 ދަގީގުގައެވެ. 

މި ދެ ގުރަހަ ދެން އެންމެ އަވަހަށް އެއްއުވާނީ 2040 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު މާލޭ ގަޑިން 15:20 ގައި ވިރުސިކަ ރާހީގެ ހެއި ނަކަތުގައެވެ. 

އަދި މިއަދަކީ، މި ދެ ގުރަހަ އެއް ވަގުތުގައި އުދަވެ އޮސްފުހޭ ދުވަހެއް ވެސް މެއެވެ. އަދު ހެނދުނު 08:20 ގައި މި ދެ ގުރަހަ އުދަވާނެއެވެ. އޮއްސޭނީ މިރޭ 20:11 ގައެވެ. މިރޭ މި ދެ ގުރަހަ އޮއްސޭނީ ތީރު އަސްތަމާނަށެވެ. 

މި ރޭ މާލޭ ގަޑީން 04:41 ގައި ހަނދުގެ ފުރަތަމަ ކުއާޓަރ ފުރިހަމަވާނެތީ، މިރޭ، ފަޅިހަނދެއްގެ ގޮތުގައި ހަނދުވެސް ފެންނާން ހުންނާނެތީ، މިރެޔަކީ، އިރާކޮޅުގެ ވަގުތަކުގައި އުޑުގެ ގުދުރަތީ ރީތި މަންޒަރުތައް ފެންނާނެ ރެއެކެވެ. 

މުސްތަރީއާއި ޒުޙަލު އެެންމެ ރީތިކޮށް ބަލައިލުމުގެ ނަޞީބު މިރޭ ލިބޭނީ ޓެލެސްކޯޕަކުން ބެލުމުގެ ނަޞީބު ލިބުނު މީހަކަށެވެ. މިރޭ މި އެއްއުއިވާ އެއްއުއިވުމަކީ، އިންސާނެއްގެ ޙަޔާތުގައި ދެވަނަ ފަހަރު ދުށުމުގެ ފުރުޞަތު ނުލިބޭ އެއްއުއިވުމެކެވެ. 

________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ