އަދުގެ ޚާއްސަ

Print

އިސްލާމީ ފިގުހުގައި ޒިނޭ ސާބިތުވުމުގެ ހެކީގެ މައްސަލައާ މެދު ބަހުސްކުރާއިރު ހަނދާންކޮށްލާން ޖެހޭ ދެތިން ކަމެއް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ފިޤުހު

 

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މި ދުވަސްކޮޅަކީ ޒިނޭގެ ހެކީގެ މައްސަލަ ނެގިގެން އުޅޭ ދުވަސްވަރެކެވެ. މިއާދޭތެރޭ އެއްޗެއް ނުބުނާން ނިންމައިގެން ހުއްޓައި، ބައެއް މީސްމީހުންގެ އެދުމުގެ މަތީން، ކުރު ގޮތަކަށް ނަމަވެސް އެއްޗެއް ލިޔެލާން ގަސްދުކުރީއެވެ. މި މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޝަރުއީ ނައްޞުތަކާ ފުށުއަރާ ގޮތަށް އެއްޗެއް ބުނުމުގެ އިޚްތިޔާރު އޮތްތޯ ނެތްތޯއާ ގުޅޭ މައްސަލައެކެވެ. އިހުގައި ވެސް މި ވާހަކަތައް ދެކެވިފައިވެއެވެ. ޝައިބާނީގެ މުސައްނަފުގައި މި މައްސަލައާ ބެހޭ ބާބެއް އޮވެއެވެ.

އައްޠޫފީ ވެސް މި މައްސަލައާ ބެހޭ ގޮތުން ރިސާލާއެއް ލިޔުއްވިއެވެ. ރިސާލަތު އައްޠޫފީ ފީ ރިއާޔަތި އަލްމަސްލަހާ، މިރިސާލަތެވެ. އަދި، އިބްނު އަލްޤައްޔިމު އޭނާގެ އިޢުލާމުގައި ވެސް މި މައްސަލައިގެ މައްޗަށް ބައްލަވައިލައްވައިފައި ވެއެވެ. މީގެ އިތުރަށް މި ޒަމާނުގައި ވެސް އެތައް ޢިލްމުވެރިންނެއް މި މައްސަލައިގައި ބަހުސްކުރައްވައިފައިވެއެވެ. ސައްޔިދު އަޙުމަދު ޚާނާއި، ޢައްލާމާ އިޤުބާލާއި އަދި ފަޒްލުއްރަޙުމާނު ފަދަ ޢިލްމުވެރީންނެވެ. މި މައްސަލައާ ބެހޭ ގޮތުން މި ނަންގަތް މި ޒަމާނުގެ ޢިލްމުވެރި ބޭފުޅުން ދައްކަވައިފައިވާ ވާހަކަތަކުގެ ޚުލާސާއަކީ މުޖުތަމަކީ މައްސަލަތަކާ ބެހޭ ޙުކުމްތަކުގައި، އެ ކަމަކަށް ހެކި ލިބޭން އޮތް ނަމަ، އިސްކަންދެވޭނީ އެ މައްސަލަތަކުގެ މަޤުސަދުތަކަށްކަމެވެ. އެ ކަމުގެ ހެކި ލިބިގަނެވޭނީ ކީރިތި ޤުރުއާނުގައި އެ ފަދަ ޙުކުމްތައް ބަޔާންކުރެވިފައިވާ ސީޣާއަށާއި، އެ ފަދަ ހުކުމްތައް ހިންގައިލެއްވުމުގައި ކީރިތި ރަސޫލާގެ ޢަމަލުފުޅުތައް ބަހައްޓަވައިފައި ހުރީ ކިހިނެއްކަމާއި އަދި، އަސްޙާބު ބޭކަލުން، ޚާއްޞަ ގޮތެއްގައި ޚުލަފާއުއް ރާޝިދީންގެ ދުވަސްވަރު ކަންތައްތައް ކުރެވިފައި އޮތީ ކިހިނެއްތޯއާއި މި ކަންކަމުގެ މައްޗަށް ބެލުމަށްފަހުއެވެ. މީގެ އިތުރަށް، ޝަރުއީ ނައްޞުތަކާ ފުށުއަރާ ގޮތަށް އެއްވެސް މައްސަލައެއް ނުނިންމޭނޭ ކަމަށް ވިދާޅުވާ، އިހާއި މިހާރުގެ ވެސް، އެތައް ޢިލްމުވެރިންނެއް ހިމެނިވަޑައިގަންނަވައެވެ.  އެހެންވެ، މި މައްސަލައަކީ ދެތިން ސަފުޙާއަކުން ލިޔެ ނިންމައިލެވޭނޭ މައްސަލައަކަށް ނުވާތީ އެއްޗެއް ނުބުނާން ހުރީއެވެ. ނަމަވެސް، ބައެއް ރައްޓެހިންގެ އެދުމުގެ މަތިން، ވަރަށް ކުރުކޮށް ނަމަވެސް، އެއްޗެއް ބުނެލާން ގަސްދުކޮށް، މި ލިޔުން ލިޔެލީއެވެ. ފަހަރެއްގައި ވެސް މިއީ މި މައްސަލައާ ބެހޭ ފަހުގެ ބަހެއް ނޫނެވެ. މި މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކާއިރު، ހަނދާނުގައި ބަހައްޓާން ޖެހޭނޭ ކަމަށް ފެންނަ ބައެއް ކަންކަން ފާހަގަކޮށްލުމުގެ ގޮތުން ބުނެލާ ވާހަކައެކެވެ.

މި ތަނުގައި އެންމެ ފުރަތަމަ ކޮށްލާންޖެހޭ ސުއާލަކީ ހެކީގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ދެން ކީރިތި ގުރުއާނުގައި ހެކީގެ މައްސަލަ އޮތީ ކިހިނެއްތޯއެވެ؟ ދެން އެއަށް ފަހު ޒިނޭގެ މައްސަލަ ސާބިތުވުމުގައި ހެކި އޮތީ ކިހިނެއްތޯއެވެ؟ ދެން މި މައްސަލައާ ގުޅޭ މުހިއްމު ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލާން ޖެހެއެވެ.

ހެކީގެ ބޭނުން

ހެކީގެ ބޭނުކަމީ ކަމެއް ސާބިތުކުރުން ނޫނީ ނަފީކުރުމެވެ. ޝައްކެއް ނެތް ގޮތުގައި ކަމަކަށް އިއުތިރާފުވުން އެއީ ކަމެއް ސާބިތުކުރަމަށް ބެލެވިދާނޭ އެންމެ އިސްކަން ދެވޭ އެންމެ ސާބިތުކަން ބޮޑު ގޮތެވެ. އެ އިއުތިރާފުވާ ވުމަކީ ހަމަ ބުއްދީގައި ހުރެ، ތަސައްރުފު ފުދިގެންވާ މީހަކު އެއްވެސް މަޖުބޫރުކަމެއް ނެތި ވާ އިޢުތިރާފުވެމެއް ކަމަށް ވެއްޖެނަމައެވެ. މީގެ އިތުރަށް، އިހުގައި، ދެން އޮންނަނީ ހެކިވެރީންގެ ހެކި ބަހެވެ. ތަސައްރުފު ފުދިވައިވާ، އަދުލުވެރި، އެބަހީ ތެދުވެރި، ހެކިވެރިންގެ ހެކިބަހެވެ.

ކީރިތި ގުރުއާނުގައި ހެކީގެ މައްސަލަ

ކީރިތި ގުރުއާނުގައި އެކި ސިފަ ސިފައިގައި ހެކީގެ މައްސަލަ އައިސްފައިވެއެވެ. އެންމެ ހެއްކަކުން ފުއްދާލެވޭ ފަދަ މައްސަލަތަކެވެ. ދެހެކި ބޭނުންވާ މައްސަލަތަކެވެ. އަދި ބައެއް ފަހަރު ހެކީގެ ޖިންސު ކަނޑައެޅިފައިވާ މައްސަލަ ވެސް އެބަ ހުއްޓެވެ. މި ހުރިހާ މައްސަލަތަކެއްގައި ވެސް މަގުސަދަކީ ހައްގު ރައްކާތެރިކުރުމާއި ހައްގު ހޯދައި ކަނޑައެޅުމެވެ.

ޒިނޭގެ މައްސަލަ ސާބިތުވުމުގައި ހެކި

ޝައްކެއްނެތް ގޮތުގައި ޒިނޭގެ މައްސަލަ ހެކީގެ މައްޗަށް ބިނާކޮށް ސާބިތުކުރުމުގައި ކީރިތި ޤުރުއާނުގައި ހަތަރު ހެކީންގެ ހެކިބަސް ބޭނުން ކުރާން ޖެހޭނޭ ކަމަށް ކަނޑައެޅިފައި އޮވެއެވެ. ސުއާލަކީ، ހެކީގެ މައްޗަށް ބިނާކޮށް، މި ނޫން ގޮތަކަށް ޒިނޭ ސާބިތުކުރެވިދާނެ ހެއްޔެވެ؟

މި ސުއާލުގެ ޖަވާބެއް ހޯދުމުގެ ކުރިން، ބަލައިލާން ޖެހޭ ދެކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ ޝަރީއަތުގައި މިމައްސަލަ ގުޅެނީ ކޮން ބާވަތެއްގެ ހުކުމްތަކާކަމާއި އަދި މި މައްސަލަ ހިމެނޭ ބާވަތް ބިނާވާ އަސްލު މަގުސަދު ކޮބައިކަން ދެނެގަތުމެވެ.

މައްސަލައާ ގުޅޭ މަޤުޞަދު

ޒިނޭގެ މައްސަލަ، އޭގެ މައްޗަށް އެންމެ ފުޅާ ގޮތެއްގައި ބަލައިލާއިރު، ގުޅެނީ މުޖުތަމައީ މައްސަލަތަކާއެވެ. މާނައަކީ މުޖުތަމައުގެ ގުޅުންތައް އިންތިޒާމުކޮށް ހިންގުމާ ބެހޭ މައްސަލަތަކެވެ. މި ބައިގެ ތެރޭގައި މުއާމަލާތުތަކުގެ ބަޔާއި ކައިވެންޏާއި ވަރީގެބަޔާއި ޙުދޫދާއި އަނިޔާއާއި ޤިޞާޞްގެ ބައި ހިމެނެއެވެ. އިސްލާމީ ފިޤުހުގައި ޒިނޭގެ މައްސަލަ ހިމެނިފައި އޮންނަނީ ޙުދޫދުގެ ބައިގެ ތެރޭގައެވެ.

އިސްލާމީ ޝަރިޢަތުގައި މުޖުތަމަޢީ ހުރިހާ މައްސަލައެއްގެ މަގުސަދަކީ ޢަދުލު އިންސާފު ގާއިމުކުރުމެވެ. އައްނަޙުލު ސޫރަތުގެ 90 ވަނަ އާޔަތުގައި ކަނޑައަޅުއްވައިފައިވާ ފަދައިންނެވެ. [މާތްރަސްކަލާނގެ ކަލޭމެންނަށް އަމުރުކުރައްވަނީ އަދުލު އިންސާފު ގާއިމުކުރުމަށެވެ.] މީގެ މާނައަކީ މުޖުތަމައީ ހުރިހާ ހުކުމްތަކެއްގެ އަމާޒަކީ އަދުލު އިންސާފު ގާއިމުކުރުމެވެ. އެއްވެސް މީހަކަށް އަނިޔާވެރި ނުވެ، އެންމެންގެ މައްޗަށް ހަމަހަމަ ގޮތެއްގައި، ހުކުމްތައް ހިންގައިލުމެވެ. އެހެންވެ، މި މައްސަލައިގައްޔާއި އަދިވެސް މުޖުތަމައީ ހުކުމްތަކާ ބެހޭ މައްސަލަތަކުގައި، ބަހުސްކުރާއިރު މި ނުކުތާ ހަނދާނުގައި ބަހައްޓާން ޖެހެއެވެ. ހަމަހަމަކަމާއި އަދުލު އިންސާފު ގާއިމުކުރުމުގެ މަގުސަދެވެ.

ޒިނޭގެ މައްސަލައާ ބެހޭ ގޮތުން ދެވަނައަށް ފާހަގަކޮށްލާން ޖެހެނީ، ހަތަރު ހެކީގެ މައްޗަށް ބިނާކޮށް، ޒިނޭ ސާބިތުކުރުން ކަނޑައެޅިފައި އޮންނަނީ ވަކި މަގުސަދެއްގައި ކަމެވެ. އެއީ ޒިނޭ ނުކުރާ މީހާ ރައްކާތެރި ކުރުމަށެވެ. ނޫރު ސޫރަތުގެ އެކަމާ ބެހޭ އާޔަތުގައި ވެސް އޮންނަނީ އެފަދައިންނެވެ. 'މުހުސަނާއިންނަށް' އިއްފަތްތެރި އަންހެނުންނަށް ޒިނޭގެ ތުހުމަތުކޮށް، ހަތަރު ހެކިން ހެކިބަސް ނުދެއްކިއްޖެ ނަމަ، ޤަޛުފުގެ ޙައްދުޖެހުމަށެވެ. އެއާޔަތުގެ މަގުސަދަކީ، ފަހަރެއްގައި ވެސް، ޒިނޭ ކުރި މީހަކު އެ ކަމުން ބޯދަމައިގަތުމުގެ މަގު ފަހިކޮށްދީ އޭނާއަށް އެ ކަން ކުރުމަށް އެހީވުމެއް ނޫނެވެ. އެކަމުގެ މަގުސަދަކީ ޒިނޭކުރާ ފިރިހެން މީހާ، ޒިނޭކުރުމަށް ފަހު، ދޮގު ހަދައި، އެ ކަމުން ރެކިގަނެވޭނޭ ފުރުސަތު ދިނުން ކަމަށް ވެއްޖެ ނަމަ، ޝަރީއަތުގެ ހުކުމްތަކުގެ މުޖުތަމައީ މަގުސަދުކަމުގައިވާ ހަމަހަމަކަމާއި އަދުލުއިންސާފު ގެއްލިގެން ދިޔައީއެވެ.

މި ނަންގަތް ދެ ނުކުތާގެ މައްޗަށް ބަލައި، ޒިނޭ ސާބިތުކުރުމުގައި ހަތަރު ހެކިވެރިންގެ ހެކިބަސް ނޫން ގޮތަކަށް ޒިނޭ ސާބިތުކުރިވެދާނޭތޯ ސުއާލުކޮށްލުމުން، ކުރީން ފާހަގަކޮށްލި ސުވާލު މަތީން ހަނދާންކޮށްލާން ޖެހެއެވެ. ޒިނޭ ސާބިތުކުރުމަށް ޓަކައި، ހެކި ހޯދާން އުޅެނީ ކޮން މަގުސަދެއްގައި ތޯއެވެ؟ އެއްވެސް ކުށެއް ނެތް މީހެއްގެ ބޮލުގައި ޒިނޭގެ ދޮގު އިލްޒާމެއް އަޅުވައި އެމީހާގެ އަބުރު ކަތިލުމަށް ޓަކައި ހެއްޔެވެ؟ ނޫނީ ޒިނޭކޮށްފައި ދޮގު ހަދައި، އެ ކަމުން ރެކިގަތުމަށް މަގު ފަހިކޮށްދޭން ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި ފުރަތަމަ ހާލަތުގައި އާދެ، ކުށެއް ނެތް މީހެއްގެ ބޮލުގައި ޒިނޭގެ ކުށް އެޅުވޭނޭ ގޮތް ހެދިގެން ނުވާނެއެވެ. އެހެންވެ، އެކަން ސާބިތުކުރުން، އުނދަގޫކުރެވިފައިވެއެވެ. ހަތަރު ހެކީންގެ ހެކިބަސް ދައްކަން ޖެހިފައި އޮތުމުންނެވެ. ނަމަވެސް، ދެވަނަ ހާލަތުގައި، މާނައަކީ ޒިނޭކުރުމަށް ފަހު، އެކަމުން ރެކިގަންނަން އުޅޭކަން ޝަރީއަތުގެ މަޖުލިހަށް ފާހަގަކުރެވިއްޖެ ނަމަ، ހަތަރު ހެކިން ނެތް ނަމަ، އެނޫން އެހެން ގަރީނާތައް ބޭނުންކޮށްގެން ވެސް، ޒިނޭ ސާބިތުކުރުމަކީ ޝަރުއީ ގޮތުން ނެތް ކަމެކޭ ބުނެވޭ ކަށެއް ނެތެވެ. ތިރީގައި ނަންގަނެވޭ ހެކިތަކުގެ މައްޗަށް ރިއާއަތްކުރެވިގެންނެވެ. އަދި، ޒިނޭ ކުރި މީހާއަށް އެފަދަ ހީލަތެއް ބޭނުންކޮށްގެން އޭނާ ކުރިކަމަކުން ރެކިގަނެވޭނޭ މަގުފަހިވެގެން ދިޔަ ނުދިނުމަށް ޓަކައި ވެސް މެއެވެ.

މިކަމަށް ލިބޭ ޝަރުއީ އެތައް ހެކިތަކެއް އެބަ ހުއްޓެވެ. އެންމެ ފުރަތަމަ ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާ އުސާމަތުގެފާނުގެ ބައްޕާފުޅަކީ ޒައިދުގެފާނުކަން ނިންމެވީ 'ގާއިފެއް' – އެބަހީ ފައިގެ ނޫނީ އެހެން ގުނަވަންތަކުގެ އެއްގޮތްކަން ބަލައި ދަރިލެއްވުންކަނޑައަޅާ ތަޖުރިބާކާރު – ކަމުގައިވާ މުޖްޒިރު އަލް-މުދްލަޖިއްޔުގެ ނިންމެވުން ހިމެނެއެވެ. ޒައިދުގެފާނާއި އުސާމަތުގެފާނުގެ ފައިތިލަފުޅު ބެއްލެވުމަށްފަހު މި ނަންގަތް ގާއިފު ވިދާޅުވީ "މި ފައިތަލިފުޅު އައީ ހަމަ އެ ފައިތިލަފުޅުންނެވެ." (ސުނަނު ބައިޙަޤީ، ދިހަވަނަ ޖިލްދުގެ 262ވަނަ ސަފުހާ.) އުސާމާގެ ބައްޕާފުޅަކީ ޒައިދުކަމާ މެދު ސުއާލު އުފެދުނީ ދެބޭކަލުންގެ ހަމުގެ ކުލަ ވަރަށް ބޮޑަށް ތަފާތުވުމުންނެވެ. އެއްބޭފުޅެއްގެ ހަމުގެ ކުލަފުޅު ވަރަށް ކަޅުވެފައި އަނެއް ބޭފުޅެއްގެ ހަމުގެ ކުލަފުޅު ވަރަށް ދޮންވުމުންނެވެ. މި ހަދީސް ބުޚާރީގެ ސަހީހުގައްޔާއި (ހަދީސް ނަމްބަރު: 3394) އަދި މުސްލިމުގެ ސަހީހު ހަދީސް ފޮތުގައި (ހަދީސް ނަންބަރު: 2741) ލިޔެވިފައި ވެއެވެ. ބުޚާރީގެ ޖާމިއުގައި ހަދީސްގެ ޢިބާރާތް އޮތީ މިފަދައިންނެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا مَسْرُورًا، تَبْرُقُ أَسَارِيرُ وَجْهِهِ، فَقَالَ: أَلَمْ تَسْمَعِي مَا قَالَ المُدْلِجِيُّ لِزَيْدٍ، وَأُسَامَةَ، وَرَأَى أَقْدَامَهُمَا: إِنَّ بَعْضَ هَذِهِ الأَقْدَامِ مِنْ بَعْضٍ. (މާތް ރަސްކަލާނގެ ރުއްސުންލެއްވި އާއިޝަތުގެފާނުންގެ ކިބައިން ރިވާކުރެވިގެން ވެއެވެ. ސަލާމާއި ސަލަވާތްލެއްވި މާތްރަސްކަލާނގެ ރަސޫލާ އުފާފުޅުކުރައްވައި ގޮސް، އެކަލޭގެފާނުންގެ ނިތްކުރިފުޅު މަތީގެ ރޫތައް ވިދާބަބުޅާ ހާލު، އެކަމަނާ އަރިހަށް ވެދެވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. އަލްމުދްލިޖިއްޔު ޒައިދާއި އުސާމާއަށް ވިދާޅުވި ވާހަކަ ކަމަނާ ނާއްސަވަމުތޯއެވެ. އޭނާ އެ ދެ ބޭކަލުންގެ ފައިތިލަފުޅު ބައްލެވިއެވެ. އަދި ވިދާޅުވިއެވެ. މި ފައިތިލަފުޅަކީ ހަމަ އެ ފައިތިލަފުޅުން އައިސްފައިވާ ފައިތިލަފުޅެކެވެ." މި ޙަދީސާއި އަދި މި ކަމަކާ ގުޅޭ ބައެއް އެހެން ހަދީސްތަކުގެ މައްޗަށް ބިނާކޮށް، ނަސަބު ކަނޑައެޅުމުގައި ގިޔާފަތަކީ (ފައިތިލައާއި އަދި އެހެނިހެން ގުނަވަންތަކުގެ އެއްގޮތް ކަމުގެ މައްޗަށް ބެލުން) އިހުގެ ގިނަ ފިގުހު އިލްމުވެރިންގެ ނަޒަރުގައި މުއުތަބަރު ހެއްކެކެވެ. (ވަހްބާ އައްޒުހައިލީގެ އަލްފިގްހު ވައަދިއްލަތުހޫ 7ވަނ ޖިލްދުގެ 680ވަނަ ސަފުހާ.) މީގެ އިތުރަށް، މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނު ވެސް، ގިޔާފަތުގެ މައްޗަށް ބިނާކުރައްވައި ނަސަބު ކަނޑައެޅުއްވައި ނަސަބާ ބެހޭ މައްސަލަތައް ނިންމެވިއެވެ. (އައްޒުހައިލީގެ އިސްލާމީގެ އަލްފިގުހު 7ވަނަ ޖިލްދުގެ 680 އަދި 681ވަނަ ސަފުހާ.) އެހެން ކަމަށްވާ، މި ކަމުގެ މައްޗަށް ގިޔާސްކޮށް، ޑީ.އެން.އޭ. ހެއްކެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތެވެ. ހަމަ ޔަގީންނުން ވެސް، ޑި.އެން.އޭ. އިން ލިބޭ ހެކި ގިޔާފަތުން ލިބޭ ހެއްކަށް ވުރެ ކުޑައެއް ނުވާނެއެވެ.

ދެން، ހުރި މައްސަލަތަކަކީ، ކަނޑައެޅިގެން ވަކި ގޮތަކަށް ޝަރުއީ ނައްސު އޮއްވައި، ނައްސުގެ ލަފްޒީ މާނައިގެ މައްޗަށް ބިނާކޮށް ޙުކުމް ހިންގައިލުމުން އަދުލު އިންސާފުން އެއްކިބާވެއްޖެކަމަށް ބެލެވިގެން، އަދުލު އިންސާފުގެ މައްޗަށް ބިނާކޮށް އާ ހުކުމެއް ކުރި މައްސަލަތަކެވެ. މީގެ ދެތިން މިސާލެއް ލިޔަލާނަމެވެ.

އެންމެ ފުރަތަމަ މިސާލަކީ އިސްލާމީ ފިގުހުގައި 'އުއްމުލް ވަލަދި'ގެ ނަމުން މަޝްހޫރުވެފައިވާ މައްސަލައެވެ. އުއްމުލް ވަލަދިގެ މައްސަލައަކީ ތިމާ މީހާގެ އަޅު އަންހެނަކަށް ކުއްޖަކު ލިބުމަށް ފަހު، އެ އަޅު އަންހެނާ ވިއްކައިލުމުގެ މައްސަލައެވެ. މި ކަމަކީ ކުރިއްސުރެ ކުރެވެމުން އައި މުއާމަލާތެއް ކަމުގައި ވިޔަސް، ތިމާ މީހާގެ ދަރިފުޅުގެ މަންމަ ވިއްކައިލުމަކީ އަދުލު އިންސާފުގެ ހަމައާއި އަދި އަޚުލާގީ ހަމަތަކާ ވެސް ޚިލާފުކަމަކަށް ވުމުން، މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު މި ކަން މަނާ ކުރެވުނީއެވެ. އަދި، ތިމާ މީހާގެ އަޅު އަންހެނާއަށް ދަރިއަކު ލިބިއްޖެ ނަމަ، އެ އަންހެން މީހާ ސީދާ މިނިވަންވީކަމާއި އަދި، އޭނާގެ މައްޗަށް ހިނގާނީ މިނިވަނެއްގެ ހުކުންކަމުގައި އުމަރުގެފާނު ކަނޑުއަޅުއްވައި ނިންމެވިއެވެ.

މިފަދަ އަނެއް މައްސަލައަކީ ވާރުތައާ ބެހޭ މައްސަލައެކެވެ. އެ ދުވަސް ވަރުގެ ކަންތައްތަކަށް ބަލައި އަދުލު އިންސާފުން އެއްކިބާވާ ކަމަށް ފެނުމުން، އިސްލާހު ގެނެވުނު މައްސަލައެކެވެ. އެއް މައްސަލައަކީ ވާރުތަ ވެރީންގެ ގޮތުގައި ފިރިއަކާއި މައިންބަފައިން ތިބި މައްސަލައެކެވެ. ކީރިތި ގުރުއާނުގެ ވާރުތައިގެ ގަވާއިދުތައް، އަކުރުން އަކުރަށް ހިންގައިލައިފި ނަމަ، ބައްޕައަށް ލިބޭ މިންވަރު މަދުވުމުން، އެ ކަން އިސްލާހުކޮށް، ބައްޕައަށް ތިންބައިކޮށްފައި އެއްބައި ލިބޭ ގޮތަށް އުމަރުގެފާނު އިސްލާހުގެންނެވިއެވެ. މީގެ އަނެއް މައްސަލައަކީ ވާރުތަވެރިންގެ ގޮތުގައި އަތްނބަކާއި މައިންބަފައިން ތިބި މައްސަލައެވެ. މި މައްސަލަ ވެސް، ބައްޕައަށް ލިބޭ މިންވަރު އިތުރުވާނޭ ގޮތަށް އުމަރުގެފާނު ނިންމެވިއެވެ. މި ދެ މައްސަލަ މަޝްހޫރުވެފައިވަނީ އުމަރުގެފާނުގެ ދެ މައްސަލައިގެ (އަލްއުމަރިއްޔަތައިނި) ނަމުންނެވެ. މިފަދަ އެހެން މައްސަލަތައް ވެސް އެބަ ހުއްޓެވެ. ކަނޑައެޅިފައި އޮންނަ ނައްސު، އަކުރުން އަކުރަށް ހިންގައިލުމުން، އަދުލު އިންސާފު ގާއިމު ނުވާކަމަށް ބެލެވި، އިސްލާހުގެ ގެނެވުނު މައްސަލަތަކެވެ. (ބޭނުން މީހަކަށް މީގެ ތަފްސީލު ކިޔައިދެވިދާނެއެވެ.)

މި މައްސަލަތުން، ޚާއްސަ ގޮތެއްގައި ގިޔާފަތު (ފައިތިލައިގެ އެއްގޮތްކަން ބަލައި ބައްޕަ ކަނޑައަޅައިލުން) އަންގައި ދެނީ، ޒިނޭގެ މައްސަލަތަކުގައި ވެސް، ހެކީގެ ގޮތުގައި އެހެނިހެން ގަރީނާތައް ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމެވެ. އަސަރީ ގަރީނާތަކާއި އަދި ޑީ.އެން.އޭ. ފަދަ ގަރީނާތަކެވެ. ސަބަބަކީ ހެއްކާއި ގަރީނާގެ ބޭނުމަކީ ހައްގާއި ހަމައަށް ވާސިލު ވުމެވެ. ވަކި ގޮތަކަށް ހެކީގެ މައްސަލަ ކަނޑައެޅިފައި އޮތުމަކީ ހައްގާ ހަމައަށް ވާސިލުވެވޭނީ ހަމައެކަނި އެ މަގުން ކަމުގައި ބަޔާންކުރުމެއް ނޫނެވެ. މަތީގައި ނަންގަތް ހަދީސާއި އަސްހާބު ބޭކަލުންގެ ނިންމެވުންތަކުން ވެސް އެނގޭފަދައިންނެވެ. މީގެ މާނައަކީ އަސަރީ ގަރީނާތަކާއި އަދި ޑީ.އެން.އޭ. ފަދަ ގަރީނާތަކަކީ އެކަމުގައި މައްސަލަތައް ނެތް ކަންކަމަށް ބުނުމެއް ނޫނެވެ. ޚުދު ހެކި ބަހަކީ ވެސް މައްސަލަ ނެތް ކަމެއް ނޫނެވެ. އަދުގެ ކަމާ ބެހޭ ބައެއް ދިރާސާތުތައް އަންގައިދެނީ ހެކި ބަހުގައި ވެސް އެތައް މައްސަލަތަކެއް ހުންނަކަމެވެ. ބައެއް ހާލަތްތަކުގައި ތިމަންނާ ދުށީމޭ ބުނެ ބުނާ ވާހަކައަކީ، ހަގީގަތާ އެއްގޮތް ނުވެ، އެބުނާ މީހާގެ ޚިޔާލަށް ފެންނަ އެއްޗަކަށްވެސް ވެފައި ހުރެދާނެއެވެ. އެހެންވެ، ކޮންމެ ފަދަ ހެއްކަކީ ވެސް އެކަމުގައި މައްސަލަ ހުރެދާނެ ކަންކަމެވެ. ހެކީގެ ވަރުގަދަކަން ނުވަތަ ނޫންކަން ބަލާނީ ޝަރުއީ ކޯޓުތަކުން ކަމާ ބެހޭ ތަޖުރިބާކާރުންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް، މީގެ މާނައަކީ އުސޫލެއްގެ ގޮތުން އަސަރީ ހެއްކާއި ޑީ.އެން.އޭ.ގެ އެހީގައި ލިބޭ ހެކިބަސް، ޝަރުއީ ގޮތުން ކަމު ނުގޮސް، ބަލައި ނުގަނެވޭނޭ ވާހަކައެއް ނޫނެވެ.

މިފަދަ މައްސަލަތަކާ ބެހޭ ގޮތުން އިތުރަށް ވާހަކަދެއްކުން މުހިއްމެވެ. ކީރިތި ގުރުއާނާއި އަދި އިތުރު އެކަލޭގެފާންގެ ސުންނަތާއި އަދި ޚުލަފާއުއްރާޝިދީންގެ ދުވަސްވަރު މައްސަލަތައް ނިންމާފައި ހުރި ގޮތްތައް ވެސް ބަލައި އެކަމުގެ އަލީގައެވެ. އަދި، އިސްލާމީ ޝަރީއަތުގެ ހުކުމްތަކުގެ މުޖުތަމައީ މަގުސަދަކީ އަދުލު އިންސާފު ގާއިމުކުރުންކަން ވެސް ހަނދާނުގައި ބަހައްޓައިގެންނެވެ. ޝަރުއީ ހުރިހާ ހުކުމުތަކެއް ވެސް ބަލަން ޖެހޭނީ މި މައި މަގްސަދުގެ އަލީގައެވެ. އައްނަހުލު ސޫރަތުގެ 90 ވަނަ އާޔަތުގައި އޮތް ފަދައިން، އެކަލާނގެ އަޅުތަކުންނަށް މާތްރަސްކަލާނގެ އަމުރުކުރައްވަނީ، އަދުލު އިންސާފު ގާއިމުކުރުމަށެވެ. އާދެ، ޝަރީއަތުގެ ހުކުމްތަކުގެ ބޭނުމަކީ މިއެވެ. ނަމެއްގައި އެކަން ހިންގައިލުމެއް ނޫނެވެ. އެ ހުކުމްތަކުގެ ބޭނުން ހިފައިގެން، އެންމެންގެ މައްޗަށް ހަމަހަމަ ގޮތެއްގައި، އަދުލު އިންސާފު ގާއިމުކުރުމެވެ. ކުށެއް ކޮށްފައި، އެކަމުން ބޯ ދަމައިގަތުމުގެ މަގުފަހިކޮށްދިނުމަކީ ކީރިތި ގުރުއާނުގައި ބާރުއަޅާފައި އޮތް ހަމަހަމަކާއި އަދުލު އިންސާފު ގާއިމުކުރުން ކަމުގައި ބެލެވިދާނެ ހެއްޔެވެ؟ އަދި، ޒިނޭ ފަދަ ކުށެއް ކުރުމުގެ ނަތީއެއްގެ ގޮތުން ދަރިއަކު ލިބި، އެކަމުގެ ޒިންމާ އުފުލުމުން ވެސް ރެކިގަތުމަށް މަގުފަހިކޮށްދީ އެހީތެރިވެދިނުމަކީ އަދުލު އިންސާފު ގާއިމުކުރުން ކަމުގައި ބެލެވިދާނެ ހެއްޔެވެ؟

_______________________________

އިދާރީ ނޯޓެއް:

ޢަރަބިބަހާއި އިސްލާމީ ތަޢުލީމުގެ ރޮނގުން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޢިލްމުވެރިއެއް ކަމަށްވާ ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މައުޟޫޢުތަކަށް ޢިލްމީ އަދި ފަލްސަފީ ލިޔުންތައް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ނޫސް-މަޖައްލާތަކަށް ލިޔުއްވުމުގެ އިތުރަށް މީހުން ހޭލުންތެރިކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ވެސް އޭނާ ލިޔުއްވަމުންގެންދަވައެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ދަރިކަލެކެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ