އަދުގެ ޚާއްސަ

Print

ޅެމަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލުން: ޢައްލާމާ އިޤްބާލުގެ މަލާއިކަތުންގެ ލަވަ، މިޅެމުގެ ކިޔައިލުމެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

ސުރުޚީގައި ބަޔާންކުރެވިފައިވާ ފަދައިން، އަދުގެ ވާހަކަކޮޅު ގުޅެނީ ޅެމަކާއެވެ. ފަލްސަފީ ޅެންވެރިޔެއްގެ ގޮތުން މަޝްހޫރުވެފައިވާ ޢައްލާމާ އިޤްބާލުގެ ޅެމަކާއެވެ. ޅެމާއި ޅެމުގެ ތަރުޖަމާއަކާއި ޅެމުގެ މަޒްމޫނު، އޭގައި އެކުލެވޭ ޖުމްލަ މާނަ، ހުށަހަޅާލައި ޅެމުގެ މައްޗަށް ކަޅިއެއް އެއްލުމުގެ ކުރިން، އެންމެ ފުރަތަމަ ޅެމާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ބޭނުންވެއެވެ. ޅެމާ ބެހޭ ގޮތުން އެއްޗެއް ބުނަން ބޭނުންވަނީ ޅެމުގެ ތަޢުރީފު، ޅެމަމީ ކޮބައިކަން، މި ކަންކަމާ ބެހޭ ގޮތަކުންނެއް ނޫނެވެ. ނުވަތަ ޅެމުގެ ސޫރަ، ބޭރު ފުށް، މި ކަންކަމާ ބެހޭ ގޮތުންނެއް ވެސް ނޫނެވެ. މިއަދު، މި މަގާމުގައި، ޅެމާ ބެހޭ ގޮތުން ފާހަގަކޮށްލާން ބޭނުންވަނީ ޅެމުގެ ތަރުބަވީ ދައުރާ ބެހޭ ގޮތުނެވެ. ވިސްނުމާއި ފިކުރުކުރުން ކުރިއެވުމަށް ޓަކައި ޅެން އަދާކުރާ ތައުލީމީ ދައުރާ ބެހޭ ގޮތުންނެވެ.

ޅެމުގައި އެކުލެވޭ މާނަ އޮންނަނީ ޅެމުގެ ލަފުޒުތަކުގެ ތެރޭގައި ޖުމްލަ ގޮތެއްގައި 'ފޮރުވި'ފައެވެ. އަދި، ޅެމުގެ ފޭރާން ޒީނަތްތެރިކޮށް، ރީތިކުރުމަށް ޓަކައި، ޅެންވެރިޔާ ބަސްތައް އަތުރައިލާ ގޮތުންނާއި އޭނާ ބޭނުންވާ މާނަ ފޯރުކޮށް ދިނުމުގައި ބޭނުންކުރާ، އެއްގޮތްކުރުންތަކާއި، މަޖާޒީ ބަސްތަކާއި ތަޝްޚީސުކުރުމާއި އަދި މި ނޫން ވެސް އަދަބީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ފަހަރު، މާނަ އިތުރަށް ފޮރުވި، ވަޅުލެވޭ ގޮތް ވެއެވެ. މި ކަމުގެ ސަބަބުން، ޅެމުގެ މާނަ ދެނެގަތުމަށް ޓަކައި ކިޔުންތެރިޔާ، އޭނާގެ ވިސްނުމާއި ފިކުރު، އޭނާގެ ޚިޔާލާއި ރައުޔު، ބޭނުންކުރާން ޖެހެއެވެ. ފޮތެއް ކިޔައި އޭގެ މާނަ ދެނެގަނެ، ފަހުމުކުރުމަށް ޓަކައި މި ކަންކަން ބޭނުންކުރާން ޖެހޭ ވަރަށްވުރެ އިތުރަށެވެ. ފޮތް ފޮތުގައި، ޖުމްލަގޮތެއްގައި މާނައެއް ގެނެސްދެވޭ ނަމަ، އެ ކަން އިތުރަށް ތަފުސީލުކޮށްދީ ބަޔާންކުރެވެއެވެ. މައުނަވީ ގޮތެއްގައި ބަޔާންކުރެވޭ ނަމަ، އޭގެ ހިއްސީ ސޫރައެއް ގެނެސް، އެ ކަން އިތުރަށް ސާފުކޮށްދެވެއެވެ. އެހެންވެ، ގިނަ ފަހަރަށް، ފޮތެއް ކިޔައި އޭގެ މާނަ ދެނެގަތުން ޅެމެއް ކިޔައި އޭގެ މާނަ ދެނެގަތުމަށް ވުރެ ފަސޭހަވެއެވެ.

ޅެމުގެ މާނަ، އޭގެ ލަފުޒުތަކުގައި ފިއްތައިލެވި، ފޮރުވިފައި އޮތުމުގައި އީޖާބީ ކަމެއް، ނުވަތަ ދާދި ފަހުން ބޭނުންކުރަން ފެށުނު ލަފުޒެއް ބޭނުންކުރާ ނަމަ، 'ފައްސި' ކަމެއް ވެސް އޮވެއެވެ. އެ ގޮތުގައި އެ ކަން އޮތުމުން، ލިބޭ ފައިދާއެއް އެބަ އޮތެވެ. ކުރީން ބަޔާންކުރެވުނު ފަދައިން، ކިޔުންތެރިޔާ އޭނާގެ ޒިހުނީ މަސައްކަތް އިތުރަށް ކުރާން ޖެހުމެވެ. މިސާލަކަށް، މިއަދުގެ ވާހަކައިގެ ސުރުޚީ ހިތަށް ގެންނަވައި ބައްލަވާށެވެ. 'މަލާއިކަތުންގެ ލަވަ' މި ސުރުޚީގެ މައްޗަށް ނަޒަރު ހިންގައިލައްވަ ބައްލަވާށެވެ! ތަފާތު ސުއާލުތައް ހިތުގައި އުފެދެއެވެ. މަލާއިކަތުން ލަވަ ވިދާޅުވޭ ހެއްޔެވެ؟ އެ ބޭކަލުން ލަވަ ވިދާޅުވާ ނަމަ، އެ ލަވަ ވިދާޅުވެ ދެއްވަނީ ކާކަށް ހެއްޔެވެ؟ އެ ބޭކަލުން ލަވަ ވިދާޅު ނުވާ ނަމަ، މި ތަނުގައި 'މަލާއިކަތުން' މި ލަފުޒުގެ މުރާދަކީ ކޮބައި ހެއްޔެވެ؟ ޅެންވެރިޔާ، މި ލަފުޒު، މިތާ، ބޭނުންކުރުމުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ މި ފަދަ، ތަފާތު އެތައް ސުއާލެއް، ސުރުޚީ އެކަނި ވެސް އެބަ ކުރިމަތިކުރެއެވެ. މި ސުއާލުތަކުގެ ޖަވާބު ޅެމުގައި ބަޔާންކުރެވިފައެއް ނުވެއެވެ. އޭގެ ޖަވާބު ހޯދާން ޖެހެނީ ކިޔުންތެރިޔާ އަމިއްލައަށެވެ. ޅެމުގެ މާނައިގެ މައްޗަށް ވިސްނުމާއި ފިކުރުކުރުމުގެ ނަޒަރެއް ހިންގައިލުމަށް ފަހު، އޭނާ ނެރޭ އޭނާގެ އަމިއްލަ ރައުޔުގެ މައްޗަށް ބިނާކޮށެވެ. ތަޢުލީމީ އޮނިގަނޑެއްގެ ތެރޭގައި، އަދަބީ މާއްދާއެއް ކިލާހެއްގެ ތެރޭގައި، މި ޅެމާ ބެހޭ ގޮތުން ވާހަކަ ދައްކާ ނަމަ، މުދައްރިސެއްގެ، އެއް އަމާޒަކަށް ވާނީ، ކިޔަވާ ކުދިންނަށް މި ފަދަ ސުއާލުތައް ކުރާން ދަސްކޮށް ދިނުމެވެ. އަދި އެ ސުއާލުތަކުގެ ޖަވާބުގައި އެ ކުދީންނަށް ފެންނަ އެއްޗެއް ބުނުމުގެ ހިތްވަރު ދިނުމެވެ. އަދި އެ ކުދިންގެ ޖަވާބުތަކުގެ ތަބުރީރު، އެ ޖަވާބުތައް ދިނީ ކީއްވެގެންތޯ، ބަޔާންކޮށްދީ ހެކިދައްކާން އެހީވުމެވެ. އާދޭހެވެ! ޅެމުގެ މާނަ، ލަފުޒުތަކުގައި ފޮރުވިފައި އޮތުމުން، މި ފަދަ ސުއާލުތައް އުފައްދައި، އެ ސުއާލުތަކުގެ ޖަވާބުގައި، ފެންނަ އެއްޗެއް ބުނުމަށް އިތުރު ހިތްވަރު ލިބެއެވެ. ސުއާލުތަކުގެ ޖަވާބު، ޅެމުގައި، ސީދާ ގޮތެއްގައި، ކަނޑައެޅިފައި ނެތުމުންނެވެ. ޅެން އަދާކުރާ ތަރުބަވީ ދައުރުގެ ތެރޭގައި މި ކަން ހިމެނެއެވެ. ތަފާތު ގިނަ ސުއާލުތައް ކުރުމާއި އެ ސުއާލުތަކުގެ ޖަވާބު ލިބިގަތުމަށް ޓަކައި މަސައްކަތްކޮށް، ވިސްނައި ފިކުރުކުރުން ކުރިއަރުވައި ތަރައްގީކުރާން އެހީވުމެވެ. އެހެންވެ، ޅެމެއްގެ މައްޗަށް ނަޒަރު ހިންގައިލާ އިރު، މި ފަދަ ސުއާލުތައްކޮށް އަމިއްލައަށް އޭގެ ޖަވާބު ހޯދާން މަސައްކަތްކުރުމަކީ އަމިއްލަ ވިސްނުމާއި ފިކުރު ކުރިއަރުވައި ތަރައްގީކުރުމަށް ޓަކައި އެހީވެދޭނޭ ކަމެކެވެ.

ދެން ޅެމުގެ ތަރުޖަމާގެ އެހީގައި ނަމަވެސް، ޅެމުގެ މާނައިގެ މައްޗަށް ބަލައިލަމާތޯއެވެ. ޅެމުގެ އަސްލު ބަސް ނޭނގުމަކީ މައްސަލައެއް ނޫނެވެ. އަޅުގަނޑަކީ ވެސް، ޅެމުގެ އަސްލު ބަސް، ކޮންމެވެސް ވަރަކަށް އެނގުނު ނަމަވެސް، އެ ބަސް އެނގެއޭ ބުނަން ކެރޭ ވަރަށް، އ ެބަސް އެނގޭ މީހެއް ނޫނެވެ. އެހެންވެ، އަޅުގަނޑުގެ ތަރުޖަމާ ވެސް ބިނާވެފައިވަނީ ޅެމުގެ އިނގިރޭސި ތަރުޖަމާއެއްގެ އެހީއާ ވެސް އެކުގައެވެ.

އަގްލް ހައި ބޭޒަމާމް އަބީހ، އިޝްގު ހައި ބޭ މަގާމް އަބީހ

ނަގްޝް ގަރޭ އަޒަލް، ތޭރާ ނަގްޝް ހައި ނާތަމާމް އަބީހ

ސިކުނޑި އަދިވެސް އޮތީ ލަނގަން މޮހައި ނުލެވިއެވެ. ލޯބި އަދިވެސް އޮތީ އޭގެ މަގާމު އެއަށް ނުލިބިއެވެ. އަޒަލުގައި ލިޔުއްވާ ރަސްކަލާނގެއެވެ! އިބަރަސްކަލާނގެ (އަޒަލުގައި ލިޔުއްވި އެ) ލިޔުއްވުން އަދިވެސް އޮތީ (ހަގީގަތަކަށްވެ،) ފުރިހަމަ ނުވެއެވެ.

މި ބައިތުގައި ބޭނުންކުރެވިފައިވާ ދެތިން ލަފުޒެއްގެ ކައިރީ ކުޑަކޮށް މަޑުޖައްސައިލަމާތޯއެވެ! އެންމެ ފުރަތަމަ 'އަގްލު'، މި ލަފުޒުގެ ކައިރީގައެވެ. މި ލަފުޒުން އިޝާރަތްކުރެވެނީ އިންސާނާގެ ވިސްނައި ފިކުރުކުރުމުގެ ބާރަށެވެ.  ޅެންވެރިޔާ ވިދާޅުވާ ގޮތުގައި މި ބާރު، އޮތީ އަހެއްގެ ލަގަނުގައި ހިފަހައްޓައި، އެ އަސް މަތަކޮށް، ހައްޔަރުކުރެވިފައިވާ ފަދައިން، ހައްޔަރުކޮށް ހިފެހެއްޓިފައެވެ. މި ތަނުގައި ޑރ. އިޤްބާލު، އިޝާރަތް ކުރައްވަނީ، މުސްލިމުންގެ އަގުލަށެވެ. އެމީހުންގެ ހިތްތަކާއި ސިކުނޑިތަކަށެވެ. އެ މީހުންގެ ވިސްނުމާއި ފިކުރުކުރުމަށެވެ. މިކަން ހުއްޓި، ކުރިއަރުވާން ނޫޅެވޭ ކަމެވެ. އެ މީހުންގެ އިސްލާމީ ތައުލީމީ މުއައްސަސާތަކުންނާއި އެ ތަންތަނުގައި ހިންގައިލެވޭ އިސްލާމީ ތައުލީމީ ނިޒާމު، މުސްތަގިއްލު ގޮތެއްގައި ވިސްނައި ފިކުރުކުރާ މީހުން އުފައްދަމުން ނުދާކަމެވެ. މި ކަމުގެ ނަތީޖާއަކީ ކޮބައިތޯއެވެ؟ މުސްލިމުންނާ މާތްކަލާނގެ ކަނޑައަޅުއްވައި ހަވާލުކުރައްވައިފައިވާ ވާޖިބު އަދާ ނުކުރެވުމެވެ. އެކަލާނގެ އެދިވެވޮޑިގެންވާ ފަދަ އަފުރާދުންނާއި އެ މީހުންގެ މައްޗަށް އެކުލެވޭ މުޖުތަމަޢެއް އުފައްދާން ނުކުޅެދިފައިވުމެވެ. އެކަކު އަނެކަކަށް ލޮބުވަތައި އަޅައިލައި އުޅޭ، އަދި، އެ މީހުންގެ ތެރޭގައި ހަމަހަމަކަމާއި އަދުލުވެރިކަން އޮތް މުޖުތަމައު އެއް އުފެއްދިފައި ނުވުމެވެ. އަދި އެއްފަހަރު ބައިތުގެ މާނަ، ބައެއް އިތުރުކުރުންތަކާއެކު ކިޔައިލަމާތޯއެވެ؟

އޭ އަޒަލުގައި (ކަންކަން) ފަރުމާކުރެއްވި މާތްރަސްކަލާނގެއެވެ! ސިކުނޑީގައި އެޅިފައިވާ ކަސްތަޅުތައް އަދި ނައްޓައިލެވިފައި ނުވުމުން، (ހިތްތަކުގެ މައްޗަށް ލޯބި ވެރިނުވެ، މަގުމަތިވެ، އަދި) ލޯބީގެ މަގާމު ގެއްލިފައި ވުމުން، އިބަރަސްކަލާނގެ (ދުނިޔޭގެ ކަންތައްތައް އޮންނަންޖެހޭ ގޮތް) ފަރުމާކުރައްވައި އިރާދަފުޅުކުރެއްވި ގޮތް އަދިވެސް އޮތީ (ދުނިޔޭގައި) ފުރިހަމަ ނުވެ، އެ ގޮތް ހަގީގަތަކަށް ހަދައިނުލެވިފައެވެ!

މުސްލިމުންގެ ސިކުނޑީގައި ކަސްތަޅު އެޅި، ވިސްނުމާއި ފިކުރުގެ އަސް ނެރި ތަފާތު މައިދާންތަކުގައި ދުއްވުމަށް ނުކުޅެދިފައި ވަނީ ކީއްވެ ހެއްޔެވެ؟ ދެން އޮތް ބައިތުތަކުގައި މި ކަމުގެ ސަބަބުތައް ބަޔާންކުރައްވާ ގޮތް ބަލާލަމާތޯއެވެ! 

ޚަލްގޭ ޚުދާ ކީ ގާހތް މޭ، ރިންދޯ ފަގީހޯ އަމީރޯ ޕީރް،

ތޭރޭ ޖަހާނ ހައި ވޮހީ، ގަރުދްޝޭ ސުބްހޯ ޝާމް އަބީހ

(ދުނިޔޭގެ އުފަލުގައިޖެހި) މަސްތުވެފައި ތިބި މީހުންނާއި، (ބޭރުފުށް އެކަނި ފެންނަ) ފިގުހުގެ، (އިސްލާމް ދީނުގެ)، އިލްވެރިންނާއި، (ވެރިކަމުގެ ދަހިވެތިކަމުގައި ޖެހިފައިވާ ފާސިދު) އަމީރުންނާއި (ދުނިޔޭގެ ފައިދާއަށްޓަކައި) ދީންވެރިވެގެން އުޅޭ މީހުން އިނބަރަސްކަލާނގެ އާންމު އަޅުތަކުން (އަޅުވެތިކުރުމަށް ޓަކައި) ފާރަވެރިވެ އެބަ ތިއްބެވެ! އެހެންވެ، އިނބަރަސްކަލާނގެ މި ދުނިޔޭގައި (ލެއްވެވި) ހެނދުންތަކާއި ހަވީރުތަކަށް، (މި ދުނިޔޭގެ ދުވަސްތަކަށް) އަދިވެސް (އިސްލާހެއް އައިސް، ހެޔޮ) ބަދަލެއް ނާދެއެވެ.

ކުރީ ބައިތުގައި އިޝާރަތްކުރެވި ދިޔަ ފިކުރީ ހޭލުންތެރިކަން މުސްލިމުންނަށް ނުލިބި ތިބެންޖެހިފައިވާ ބައެއް ސަބަބުތައް މި ބައިތުގައި ބަޔާންކުރެވިފައިވެއެވެ. ހުރިހާ ދިމާއަކުން ވެސް މުސްލިމުންގެ އާންމު މީސްތަކުން ތިބީ ފިކުރީ ގޮތުން ކަސްތަޅު އެޅުވި، އަމިއްލައަށް ވިސްނުމަށް މަސައްކަތްކުރުން ހުއްޓުވައިފައެވެ. އެއް ކޮޅުން މުސްލިމުންގެ ސިޔާސީވެރީންނެވެ. އިހުގައި މުސްލުމުންގެ ސިޔާސީ ޒައީމުންނަކީ އުނގެނުމާއި އުނގަންނައިދިނުން، ހުރިހާ ރޮނގެއްގައި ވެސް، އިލްމީ ގޮތުން ކުރިއަރައި ދިޔުމުގެ މަގުފަހިކޮށްދެއްވި އިލްމުވެރި ޒައީމުންނެވެ. މުސްލިމުންގެ ތެރޭގައި ޢިލްމުވެރިކަން ކުރިއަރައި ފެތުރިދިޔުމަށް ޓަކައި، މަދަރުސާތަކާއި ޖާމިއާތައް، ލައިބުރަރީތައް ބިނާކުރެއްވިއެވެ. އިލްމީ ފޮތްތައް އެތައް މިތަނުން ހޯއްދަވައިގެން ގެންނަވައި، އެ ފޮތްތައް ތަރުޖަމާކުރައްވުމުގެ މަގުފަހިކޮށްދެއްވި، އުއްމަތުގެ މަސްލަހަތު އިސްކުރެއްވި ދުރު ވިސްނިވަޑައިގެން ތިއްބެވި ޒައީމުންނެވެ. ނަމަވެސް، އަދުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ މުސްލިމުންގެ ތެރޭގައި އިލްމުގެ މަފްހޫމު ވެސް އޮތީ ޖާމިދު އެއްޗެއްގެ ގޮތުގައެވެ. ޚާއްސަ ގޮތެއްގައި ދީނީ ޢިލްމަކީ އިހުގެ ޢިލްމުވެރިންގެ އުފެއްދުންތައް ހިތުދަސްކުރުމުގެ މައްޗަށް ބިނާވެފައި އޮންނަ ޢިލްމެކެވެ. އެ ފަދަ ދީނީ މަންހަޖެއްގެ ކިޔަވައި ދަސްވެނިވެގެން، ނިކުންނަ ދީނީ ތަޢުލީމުގެ މީހުންނަށް، ދުނިޔެއަށާއި އިސްލާމީ މުޖުތަމައުތަކަށް އަންނަމުންދާ ބަދަލުތައް ކުރިމަތި ކުރުވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން، ދީނީ އުސޫލަތަކުގެ އަލީގައި އެއްޗެއް ބުނުމުގެ ޤާބިލިއްޔަތުކަން ލިބިގަނެވޭ ގޮތެއް ނުވެއެވެ. މިސާލެއްގެ ގޮތުން އެއްޗެއް ނަންގަނެލާނަމެވެ. ޒަކާތަކީ މުސްލިމު މުޖުތަމައުގައި ފަގީރުކަން ނައްތައިލުމަށް ޓަކައި އޮތް ވަސީލަތެއްކަމަށްވީ އިރު، އެ ގޮތުގައި އެ ކަން ތަރައްގީކުރެވޭ ގޮތެއް އަދިވެސް ނުވެއެވެ. ޒަކާތުގެ މައްސަލަތައް އަދިވެސް ވިސްނަނީ އިހުގައި ފައިސާގެ މަފްހޫމު އޮތް ގޮތުގެ މައްޗަށް ބަލައިފައެވެ. ރަނާއި ރިހި، ގެރި ބަކަރިއާއި ޖަމަލު، އަދި ގޮވާމުގެ ބާވަތްތައް ފައިސާގެ ގޮތުގައި ބޭނުންކުރެވުނު އިރު، ކަންތައްތައް އޮތް ގޮތުގެ މައްޗަށް ބަލައިފައެވެ. މިހާރުގެ ފައިސާއަކީ މި ގޮތުގައި އޮތް އެއްޗަކަށް ނުވިޔަސް، އަދިވެސް، ޒަކާތުގެ މައްސަލަތައް ކިޔަވައިދެވެނީ ހަމަ އިހުގެ ކަންތައްތައް އޮތް ގޮތަށެވެ. އާދޭހެވެ! އަދުގެ ގިނަ ފިގުހުވެރިންނަކީ ހަމަ އެކަނި ފިޤުހީ މައްސަލަތުގެ ބޭރު ފުށަށް ބަލާ ބަޔަކަށް ވުމުންނެވެ. ދެން،  

ކިރިޔާ ވެސް އެއާ ޚިލާފަށް އެއްޗެއް މީހަކު ބުނެފި ނަމަ، އެމީހާ ކާފިރުކޮށް އޭނާ ދީނުން ބޭރުކުރެއެވެ. އަދި، ބައެއް ފަހަރު، އޭނާގެ ފުރާނައަށް ނުރައްކާވެ، އޭނާގެ އަމިއްލަ ރާއްޖޭ ދޫކޮށްލާން ވެސް ޖެހޭ ފަހަރު އާދެއެވެ.

ދެން ތިބީ ދީންވެރިވެގެން އުޅޭ މީހުންނެވެ. ދީނަކީ ހަމައެކަނި ބޭރުފުށުގެ ކަމެއްކަމަށް ބަލައި، ދީނުގެ ހުރިހާ ތަޢުލީމާތުތަކަކީ ބޭރު ފުށާއި ގުޅިފައި އޮންނަ ކަމެއް ކަމަށް ދައްކައިލައި އުޅޭ މީހުންނެވެ. މީހާގެ ތަގުވާވެރިކަން ބިނާވެފައި އޮންނަނީ މީހާގެ ތުނބުޅީގެ ދިގުމިނުގެ މައްޗަށާއި އޭނާ ލާ ހެދުމާއި އެ ހެދުމުގެ ކުލައިގެ މައްޗަށްކަން، އެމީހުންގެ އަމަލުތަކުން ދައްކާ ޕީރުންނެވެ. ދީނީ ތަޢުލީމުގެ އެއްވެސް މިންވަރެއް ލިބިފައި ނެތަސް، މިފަދަ ޕީރުން، ދީނީ ވާހަކަދައްކައި ފަތުވާދިނުމުގައި އުޅެއެވެ. އަދި، ބައެއް ފަހަރު، ދީނުގެ ނަމުގައި، އަގަށް ފެން ކިޔަވައި، ފަންޑިތަ ސިހުރު ހާހޫރަ ހަދައި ވިޔަފާރި ވެސް ކޮށް އުޅެއެވެ. މިއިން ކަމަކާ މީހަކު އިދިކޮޅު ހަދައިފި ނަމަ، އަނެއްކާވެސް އެމީހަކު ކާފިރުކޮށް، ދީނުން ބޭރުކުރެއެވެ. 

އާދޭހެވެ! ޅެންބައިތުގައި ބުނެފައި ވަނީ، މި ފަދަ ވެރިންނާއި ފިޤުހުވެރީންނާއި ދީންވެރިވެގެން އުޅޭ މީސްމީހުން، އެބައި މީހުންގެ އަމިއްލަ މަސްލަޙަތުތައް ރައްކާތެރިކުރުމަށް ޓަކައި އާންމު މީހުންގެ ވިސްނުމުގައި ކަސްތަޅުއަޅުވައިފައި ވެއެވެ. މިނިވަންކަމާއެކު އެއްޗެއް ބުނެފި ނަމަ، ހައްޔަރުކޮށް ނުވަތަ ދީނުން ބޭރުކޮށް، އަދި ބައެއް ފަހަރު އެ ފަދަ މީހުންގެ ފުރާނައަށް ވެސް ގެއްލުންދީގެންނެވެ. މި ފަދަ ގޮތެއްގައި މުސްލިމުންގެ ހާލު އޮތް އިރު، އިލްމީ ހޭލުންތެރިކަމެއް އެ މީހުންގެ ތެރައަށް ގެނެވޭނީ ކިހިނަކުން ހެއްޔެވެ؟ ޅެންވެރިޔާގެ ޢިބާރާތުން ބުނާ ނަމަ، އެ މީހުންގެ ހެދުންތަކާއި ހަވީރުތަކަށް ހެޔޮ ބަދަލެއް ގެނެސް އަލުން ޒީނަތްތެރިކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ތެރޭ އަމީރު މާލޭ މަސްތު، ތޭރޭ ފަގީރް ހާލޭ މަސްތް

ބަންދާ ހައި ކޫޗާ ގިރްދް އަބީހ، ޚުވާޖާ ބަލަނދެ ބާމް އަބީހ

(މުދަލާއި ފައިސާގެ ނިޢުމަތް ދެއްވި) އިބަރަސްކަލާނގެ މުއްސަނދި އަޅުތަކުން، ފައިސާގެ މަސްތުގައި ޖެހިފައި، (އެހެން މީހުންނަށް އަޅައިލެވޭ ވަރެއް ނުވެއެވެ.) 

(މުދަލާއި ފައިސާވެރިކަމުގެ ނިޢުމަތުން މަހްރޫމުވެފައި ވާ) އިބަރަސްކަލާނގެ ފަގީރު އަޅުތަކުން (އެ މީހުންގެ) ހާލަތުގެ މަސްތުގެ ތެރެއަށް ގެނބި، ފުދި ރުހި ތިބުމުން، (އެ މީހުންގެ ހާލަތު ބަދަލުކުރާން މަސައްކަތްކުރެވޭ ގޮތެއް ނުވެއެވެ.)

އަޅުވެތިވެފައިވާ މީހުންގަނޑު، އަދިވެސް، މަގުތަކުގައި ހާސްވެ ކަންބޮޑުވެގެން އެނބުރެނީއެވެ. އެ މީހުންގެ ސާހިބުންގެ (ގާތަށް އެހީއެއް ހޯދާން ދެވޭ ވަރަށް ވުރެ ސާހިބުންގެ ގަނޑުވަރުތަކުގެ) ފާރުތައް މާ އުހެވެ.

މުސްލިމުންގެ މެދުގައި ފިކުރީ ހޭލުންތެރިކަމެއް އުފެދި ދިޔުމަށް އެހެން ހުރަސްތައް ވެސް އެބަ ހުއްޓެވެ. އެ މީހުންގެ އިގުތިސާދީ ޙާލަތެވެ. އެ މީހުންގެ ތެރޭގައި އޮތް މުއްސަނދިކަމާއި ފަގީރުކަމުގެ ތަފާތު ބޮޑުކަމެވެ. މުއްސަނދިން އިތުރަށް މުއްސަނިދިވެ އެ މީހުން ވަނީ އެ ކަމުގެ މަސްތުގައި ޖެހި، މުދާވެރިވުން ނޫން އެހެން ކަމެއް ކުރުމުގެ އެދުމާއި ބޭނުމެއް ނެތިފައެވެ. ދެން ތަނުގެ ބޮޑު އަޚުލަބިއްޔަތެއް އޮތީ ނުލާހިކު ފަގީރު ޙާލަތެއްގައެވެ. އެ މީހުންގެ ޒަރޫރީ ބޭނުންތައް ވެސް އަމިއްލައަށް ފުއްދައިނުލެވޭ ފަދަ ޙާލަތެއްގައެވެ. އެ ކަންކަން ފުއްދައިލެވޭން އޮތް ހަމައެކަނި ގޮތަކީ މުއްސަނދިން ގާތަށް ގޮސް ސަލާންޖެހުމެވެ. ނަމަވެސް، އެ ފަދަ މުއްސަނދިންގެ ގަނޑުވަރުތަކުގެ ފާރުތައް އުސްވެ، އެމީހުންނާ ހަމައަށް ދިޔުން ވެސް ނުހަނު އުނދަގުލެވެ. މި ފަދަ ގޮތެއްގައި އެ މީހުންގެ ޙާލަތު އޮތް އިރު، ޢިލްމީ ހޭލުންތެރިކަމެއް އެ މީހުންގެ ތެރެއަށް ގެނެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ދާންޝޯ ދީނޯ އިލްމީ ފަންނު ބަންދަގީ އޭ ހަވާސް ތަމާމް

އިޝްގޭ ގުރަހް ކުޝާޔޭ ކާ ފައިޒް ނެހީ ހައި އާމް އަބީހ 

ދީނާއި ސައިންސުގެ އިލްމާއި ފަންނުތަކުގެ އިލްމު ހޯދައި އުނގެނުމުގެ (ބޭނުމަކަށްވެފައި އޮންނަނީ، ވިސްނުން ތަރައްޤީ ކުރުމަށް ވުރެ ބޮޑަށް، އަމިއްލަ) މާއްދީ ބޭނުންތައް ފުއްދދާން ކޮށައިލެވޭ މަގަކަށެވެ.

ހުރިހާ ކަމަކަށް އޮތް ފަރުވާކަމުގައިވާ، (އެކަކު އަނެކަކަށް) ލޯބިކުރުމާއި (އެކަކު އަނެކަކަށް، ކަމޭހިތައި) އަޅައިލުމުގެ ނިއުމަތުގެ ސިފަ މީސްތަކުންނަށް އަދިވެސް ލިބިގަނެވޭ ގޮތެއް ނުވެއެވެ.

ދެން މުސްލިމު މުޖުތަމައުގައި އިލްމު އުނގެނުމުގެ މަގުސަދުގެ މައްޗަށް ނަޒަރު ހިންގައިލުން ހުއްޓެވެ. އުނގެނުމާއި ތައުލީމު ހާސިލުކުރުމުގެ ބޭނުމަކީ ވިސްނުމާއި ފިކުރުކުރުން ތަރައްޤީކޮށް، އިލްމު އުފައްދައި ތަނުގެ ޙާލަތު އިސްލާހުކޮށް ހެޔޮ ބަދަލެއް ގެނައުމެއް ނޫނެވެ. ކިޔެވުމުގެ މައިގަނޑު މަގުސަދަކަށް ވެފައި އޮންނަނީ ތިމާމެންގެ މޮޅުކަން ދެއްކުމާއި ބޮޑެތި ވަޒީފާތައް ލިބުގަތުމަށް ޓަކައި ކޮށައިލެވޭ މަގަކަށެވެ. ތިމާ ހާސިލުކުރާ ސެޓުފިކެޓަކީ ރަނުގެ ޗޭނެއް ކަހަލަ އެއްޗެކެވެ. ވީހާ ވެސް ދުރަށް ފެންނަ ގޮތަކަށް ތިމާގެ ކަރުގައި އަޅުވައިލެވޭއެވެ. ކިޔެވުމާއި ތަޢުލީމު ޙާޞިލުކުރުމުގެ ބޭނުމަކީ ޙިލްމުވެރިކަން، އާދެ، ރިވެތި އަޚުލާގެއްގެ ވެރިބަޔަކަށްވެ، އެންމެނަށް އަޅައިލައި ލޯބިކޮށް، ޚިދުމަތް ކުރުމުގެ ގާބިލުކަމާއި އެކަށޭނަކަމުގެ ހުނަރު ހޯދަން ކުރާކަމަށް ނުވެއެވެ. އިލްމު ހާސިލުކުރުމުގެ އަމާޒުފަތްގަނޑަކީ، ހަމައެކަނި މާއްދީ ފައިދާތަކެއް ލިބިގަތުމަށް ޓަކައި، ކުރާ ކަމަކަށް ވެފައި އޮތުމުން، ޢިލްމީ ހޭލުންތެރިކަމެއް އުފައްދައިލެވޭނީ ކިހިނެއް ހެއްޔެވެ؟  

ޖައުހަރޭ ޒިންދަގީ ހައި އިޝްގު، ޖައުހަރޭ އިޝްގު ހައި ޚުދީ

އާހް! ކޭ ހައި ޔޭ ތޭޚޭ ތޭޒް ޕަރްދަގީ މޭނ ނިޔާމް އަބީހ

ޙަޔާތުގެ ޖައުހަރަކީ، ރޫހަކީ، (ޙަޔާތަށް ދިރުންދޭ އެއްޗަކީ ޙަޔާތްދެކެ، އަދި އެކަކު އަނެކަކަށް) ލޯބިކުރުމެވެ. މި ލޯބިކުރުގެ ޖައުހަރުގެ (މަގާމަކީ، ގެއަކީ، އެ ސިފަ އުފެދިންގެ އަންނަތަނަކީ، ތިމާގެ) އަމިއްލަ ނަފްސެވެ. އާހ! (ލޯބީގެ) މި ތޫނު ކަނޑި އަދިވެސް އޮތީ އޭގެ (ގެއަށް ނުގޮސް، އޭގެ) އުރައިގެ ތެރޭގައި (އަދިވެސް) ނިދައިފައެވެ!

އާދެ، ހަޔާތަށް ހަގީގީ ދިރުން ގެންނަނީ އެކަކު އަނެކަކަށް ލޯބިކޮށް، އެކަކު އަނެކަކަށް އިހުތިރާމު ކުރެވިގެންނެވެ. އެންމެންނަކީ ވެސް ގަދަރާއި އިއްޒަތް ލިބިގެންވާ ބައެއްކަމުގައި ދެކެވިގެންނެވެ. މި ކަން ކޮންމެ ނަފްސަކަށް ވެސް، ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވިގެންނެވެ. އަދި، ކޮންމެ ނަފްސެއްގައި ލެއްވިފައިވާ ކުޅަދާނަކަން ތަރައްގީކުރެވިގެންނެވެ. އެންމެނަށް އުނގަންނައިދީ، އަދި، އުނގަންނައި ދިނުމުގެ ބޭނުމަކީ ވިސްނާ ފިކުރުކުރަން ދަސްކޮށްދިނުންކަން ދެކި، އެ މަގުސަދު ހާސިލުކުރެވިގެންނެވެ. މި ކަން ކުރެވިއްޖެ ނަމަ، މުސްލިމުންގެ ހާލަތު ވެސް އިސްލާހުވެ، އެ މީހުންނަށް ވެސް ކުރިއެރުން ލިބޭނެއެވެ. އާދޭހެވެ! މަލާއިކަތުންގެ ލަވައަކީ މިއެވެ.

________________________________

އިދާރީ ނޯޓެއް:

http://fanvai.info/images/stories/Dr.Ghafoor.jpgޢަރަބިބަހާއި އިސްލާމީ ތަޢުލީމުގެ ރޮނގުން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޢިލްމުވެރިއެއް ކަމަށްވާ ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މައުޟޫޢުތަކަށް ޢިލްމީ އަދި ފަލްސަފީ ލިޔުންތައް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ނޫސް-މަޖައްލާތަކަށް ލިޔުއްވުމުގެ އިތުރަށް މީހުން ހޭލުންތެރިކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ވެސް އޭނާ ލިޔުއްވަމުންގެންދަވައެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ދަރިކަލެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ