އަދުގެ ޚާއްސަ

Print

މީހުންނަށް ކިޔާ ޢާއިލީ ނަންނަން، ކަމާ ނުބެހޭމީހުން ބޭނުންކުރުމަކީ ބޭއަދަބީ ކަމެކެވެ.

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ އިޖުތިމާޢީ

 

މުޙައްމަދު ނަޖީބު

ކޮންމެ މީހެއްގެ ވެސް ތަފާތު ޙައިސިއްޔަތުތަކެއް ހުންނާނެއެވެ. އެއީ، މީހެއްގެ ދަރިއެކެވެ. މީހެއްގެ ބައްޕައެކެވެ. ނުވަތަ މަންމައެކެވެ. ނުވަތަ ފިރިއެކެވެ. ނުވަތަ އަނބިމީހާއެވެ. ނުވަތަ ބޭބެއެކެވެ. ދައްތައެކެވެ. ނުވަތަ ކޮއްކޮއެކެވެ. ނުވަތަ މީހެއްގެ ރައްޓެއްސެކެވެ. ނުވަތަ ކޮލީގެކެވެ. މި ހައިސިއްޔަތުތަކާއެކު އެކި މަޤާމުގައި އޭނާގެ ދަރަޖަ ތަފާތުވެއެވެ. މި ގޮތުން އަޅުގަނޑަކީ ވެސް ތަފާތު ޙައިސިއްޔަތުތަކެއް ލިބިފައިވާ މީހެކެވެ. 

އަޅުގަނޑުގެ ދަރީން އަޅުގަނޑަށް ކިޔަނީ ބައްޕައެވެ. ބައްޕައާއި މަންމަ ކިޔަނީ ދަރިފުޅެވެ. ބޭބެމެންނާއި ދައްތަމެން ކިޔަނީ ކޮއްކޮއެވެ. އެއްބަނޑު އެއްބަފާ ކޮއްކޮމެން ކިޔަނީ ދޮންބެއެވެ. އެއްބަނޑު ބޭބެމެންގެ ދަރީން ކިޔަނީ ބޮޑުބެއެވެ. ދައްތަމެންގެ ކުދީން ކިޔަނީ ތުއްތުބެއެވެ. ބައެއް ކުދީން ތުއްތޮންބެ ވެސް ކިޔައެވެ. ތަންކޮޅެއް ދުރުތާ ތިމާގެ މީހުންނާއި ޢާއިލީ ގާތް ރައްޓެހީންގެ ކުދީން ކިޔަނީ ނަޖީއްބެއެވެ. ރައްޓެހީންނާއި އެކުވެރީން ކިޔަނީ ނަޖީބެވެ. އަޅުގަނޑުގެ އޮފީހުގެ މުވައްޒިފުން އަޅުގަނޑަށް ކިޔަނީ މަޤާމުގެ ނަމުގެ ރަމްޒެވެ.  މިއިން ކޮންމެ ނަމަކުން ގޮވައިލިޔަސް އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ލިބެއެވެ. އެ ނަމަކުން އެ މީހަކާ އަޅުގަނޑާ ދެމެދު އޮންނަ ޚާއްޞަ ގުޅުން ރަމްޒުކޮށްދޭތީއެވެ. އެ މީހަކާ އަޅުގަނޑާ އޮންނަނީ ކޮން ބާވަތެއްގެ ގުޅުމެއްކަން ދޭހަވާތީއެވެ.

ނަމަވެސް މިހާރަކަށް އައިސް އަޅުގަނޑަށް އަޅުގަނޑު ނުވެސް ދަންނަ މީހުން "ނަޖީއްބެ" އޭ ކިޔައި އެބަ ގޮވައެވެ. ނަސީބަކުން ބައްޕައެކޭ ނުގޮވައެވެ. އަދި އެކި ބައްދަލުވުންތަކުގައި (ރަސްމީ ހައިސިއްޔަތުން އޮންނަ އިޙުތިފާލުތަކުގައި ވެސް) އަޅުގަނޑާ މުޚާޠަބުކޮށް ނަޖިއްބެއޭ ކިޔައި އެބަ މުޚާޠަބު ކުރެއެވެ. އެ ބައްދަލުވުމުގައި އަޅުގަނޑު ބައިވެރިވަނީ ޢާއިލީ އެއްވެސް ޙައިސިއްޔަތަކުންނެއް ނޫނެވެ. އޮފީސް ތަމްސީލުކުރާ މަންދޫބެއްގެ ހައިސިއްޔަތުންނެވެ. އެހެންކަމުން އަޅުގަނޑާ މުޚާޠަބުކުރާންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުގެ ނަމުންނެވެ. ނުވަތަ މަޤާމުގެ ނަމުންނެވެ. އެ ނޫން ގޮތް ގޮތަށް އަޅުގަނޑާ މުޚާޠަބުކުރެއްވުން އަޅުގަނޑު މާނަކުރަނީ އެއީ ޤަދަރުކުޑަކުރުމުގެ ޢަމަލެއް ކަމުގައެވެ. އެއީ އިޙުތިރާމްކުރުމުގެ ގޮތުން ކުރާ ކަމެއް ނަމަ، އެ ފަދަ މީހުން އިޙުތިރާމްމުރައްވާ ބޭބޭފުޅުންނަށް ވެސް އެ ބޭބޭފުޅުންގެ ގާތްތިމާގެ މީހުން މުޚާޠަބު ކޮށް އުޅޭ ނަންނަމުން ބޭނުންކުރެއްވީސްތާއެވެ. މިސާލަކަށް ސުމުއްވުލްއަމީރު މުޙައްމަދު އަމީނަށް ވެސް އެ މަނިކުފާނުގެ ޢާއިލާގެ ތިމާގެ ބޭފުޅުން (ޢާއިލީ ގޮތުން) ބޭނުންކޮށް އުޅުނީ މުހައްމައިދީބެއެވެ. އަދި އެހެންއިސް ބޭބޭފުޅުންގެ ވެސް ޢާއިލާއެއް އޮންނާނެތީ ކިތަންމެ މަތީ ބޭފުޅެއް ނަމަވެސް އެ ބޭފުޅެއްގެ ޢާއިލީ ނަމެއް އޮންނާނެއެވެ. އެ ބޭބޭފުޅުންނަށް އިޙުތިރާމްކުރުމުގެ ގޮތުން އެއިން ނަމެއް، ދުރު މީހުންނާއި ރައްޓެހީންނެއް ބޭނުންކޮށެއް ނޫޅެއެވެ. އެހެން ވީއިރު، އަޅުގަނޑުގެ ރައްޓެހީންގެ ތެރެއިން ބައެއް މީހުންނާއި އަޅުގަނޑު ނުވެސް ދަންނަ މީހުންނާއި މަޤާމުގެ ގޮތުން ދެކެފަރިތަ މީހުން އަޅުގަނޑަށް "ނަޖީއްބެ"އޭ ކިޔައި ގޮވަނީ އަޅުގަނޑަށް ޤަދަރުކުރުމުގެ މަޤުޞަދުގައި ކަމަކަށް އަޅުގަނޑަކަށް އިޙުސާސެއްކުރެވެއެވެ. އެހެން ސަބަބެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި އެކަމާ ހިތްހަމަ ވެސް ނުޖެހެއެވެ.

އެހެން ނަޒަރަކުން ވިސްނާއިރު، އެކި މީހުން އެކި ހައިސިއްޔަތުން މީސްމީހުންނާ މުޚާޠަބުކުރާ ނަންނަން، އެ ހައިސިއްޔަތު ނެތް މީހުން ބޭނުންކޮށް އުޅުމަކީ އެ ނަން ރައްދުވާ މީހާއަށް އެ ނަމަކުން ލިބޭ އުފާވެރިކަމަށް ހުރަސްއެޅޭ ކަމެކެވެ. މިސާލަކަށް އަޅުގަނޑުގެ ޢާއިލީ ނުވަތަ އަވައްޓެރި މީހުން އަޅުގަނޑަށް "ނަޖިއްބެ" އޭ ގޮވީމާ ވަރަށް އުފާވެއެވެ. އެއީ އެ ފަދަ މީހުންނާ އަޅުގަނޑާ އޮންނަ ގުޅުން އެ ނަމުން އަޅުގަނޑަށް އިޙުސާސްކުރެވެއެވެ. އަދި ތިއްތިބެ ނުވަތަ ބޮޑުބެ އޭ ކިޔައި ގޮވައިލީމާ، އޭނަޔާ އަޅުގަނޑާ އޮންނަ ތިމާގެކަން އިޙުސާސްކުރެވެއެވެ. ނަމަވެސް އަޅުގަނޑުގެ ކޮލީގުންނާއި، ރައްޓެހީންނާއި، ނުވެސް ދަންނަ މީހުން "ނަޖިއްބެ"އޭ ކިޔައި ގޮވީމާ އަޅުގަނޑުގެ ގާތަށް ހިންޏެއް ނާދެއެވެ. އަންނަނީ ރުޅިއެވެ. އެއީ އަޅުގަނޑުގެ ޤަދަރު ކުޑަކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ޤަބޫލުކުރެވޭތީއެވެ.

ވީމާ ކޮންމެ މީހަކު ވެސް މީހުންނާ މުޚާޠަބުކުރާން ވާނީ އެ މީހަކާ އަނެކާއާ ދެމެދު އޮންނަ ގުޅުމަކަށް ރިޢާޔަތްކޮށްގެންކަމަށް އަޅުގަނޑަށް ފެނެއެވެ. އަޅުގަނޑުގެ މުހައްމައިދީބެއަށް ވަޒީރުކަން ލިބިވަޑައިގަތަސް އެއީ އަޅުގަނޑުގެ މުހަންމައިދީބެއެވެ. އެކަމަކު އެހެން މީހުންނަށް އެ މަނިކުފާނުވާނީ ވަޒީރަށެވެ. އެ މީހުން އެ ބޭފުޅަކާމުޚާޠަބުކުރާންވާނީ ވަޒީރު ނުވަތަ މިނިސްޓަރ ފަދަ ނަމަކުންނެވެ. ނުވަތަ އެ މަނިކުފާނުގެ ނަންފުޅުންނެވެ. އެއީ އެންމެންގެ މުހަންމައިދީބެއެއް ނޫނެވެ. އެކަމަކު އެންމެންގެ ވަޒީރެވެ. އެހެންވީމާ އަޅުގަނޑަށް ދެންނެވޭން އޮތީ މީހުންނަށް ކިޔާ ޢާއިލީ ނަންނަން، ކަމާ ނުބެހޭމީހުން ބޭނުންކުރުމަކީ ބޭއަދަބީ ކަމެކެވެ. މީހުންނާ މުޚާޠަބުކުރާން ވާނީ އޭނާ އެންމެ ހިތް ރުހޭ ނަމަކުންނެވެ. ނުވަތަ އޭނާ އެދޭ ނަމަކުންނެވެ.

____________________________

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ