އަދުގެ ޚާއްސަ

Print

"އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި...." ޅެންވެރީން ޤައުމަށް ޓަކައި ތެދުވާށެވެ!

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

މިއަދަކީ ދިވެހިރާއްޖޭގައި ޅެންވެރީންގެ ދުވަހެއް ފާހަގަކުރާން ފެށިތާ 32 އަހަރު ފުރޭ އުފާވެރި ޅެންވެރީންގެ ދުވަހެވެ. މި މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ޅެންވެރީންނާއި ޅެންވެރިކަމަށާއި ދިވެހި އަދަބިއްޔާތަށް ލޯބިކުރައްވާ ހުރިހާ އަދީބުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ. ދިބެހި ޅެންވެރިކަން ކުރިއެރުވުމަށް ދިވެހިބަހުގެ އެކެޑަމީއާއި ދިވެހި ޅެންވެރީން ކުރައްވާ މަސައްކަތްޕުޅަށް ތަޢުރީފު ކުރަމެވެ. ހުރިހާ ވެސް ކާމިޔާބީއަކަށް އެދެމެވެ.

ޅެންވެރީންގެ ދުވަހަކީ ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އަދި އަދީބު، އަދި އެންމެ ކުޅަދާން މުޤައްރިރު، އަދި އެހާ ތަޖުރިބާކާރު ސިޔާސީ މުޙައްނިކު، އަލްއުސްތާޛު އިބްރާހީމް ޝިހާބަށް ނިންބަސްވާ ދުވަހެކެވެ. އެ މަނިކުފާނު އަވަހާރުވުމާ ގުޅިގެން އެމަނިކުފާނުގެ އަދަބީ ޚިދުމަތްތަކުގެ ޒިކުރާ އާކުރުމުގެ ގޮތުން ފާހަގަކުރާން ފެށި ދުވަހެކެވެ. އެ މަނިކުފާނު އަވަހާރަވީ 1988 ވަނަ އަހަރު ޖަނަވަރީމަހު 15ގައި އޮޅުދޫކަރައިގައެވެ. ނަސީބު ދިމާކުރި ގޮތުން އަޅުގަނޑަށް އެ ދުވަހު އޮޅުދޫކަރައިގައި ހުރެވުނެވެ. އަޅުގަނޑުގެ ހަނދާން ބަލި ކަމުގައި ނުވާނަމަ އެންމެ ފުރަތަމަ ޅެންވެރީންގެ ދުވަސް ފާހަގަކުރާން ފަށައިފައި ވަނީ 1989 ވަނަ އަހަރުއެވެ.

މިއަދު އަޅުގަނޑުމެން ޅެންވެރީންގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެން މި ތިބީ އައު އާންމު ޙާލަތެއްގައެވެ. ކޮވިޑްގެ ޢާލަމީ ވަބާގެ ސަބަބުން ދިވެހިރާއްޖެއާއި މުޅި ދުނިޔެއަށް އިޤުތިޞާދީ، އަދި އިޖުތިމާޢި އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައެވެ. ޤައުމު ބިނާކުރުމުގެ މުޅީން އައު މަސައްކަތްތަކެއް ކުރާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. މި ސަބަބަށް ޓަކައި ކޮންމެ ފަރުދަކު ވެސް އެ މީހެއްގެ ފެންވަރުން، އެ މީހެއްގެ ހައިސިއްޔަތުން ޚިދުމަތްތަކެއް ކުރާންޖެހިފައިވާ ތަންވަޅެއްގައެވެ.

މި ދުވަސްވަރާއި މި ޙާލަތަށް ރިޢާޔަތްކުރައްވައި މި އަހަރުގެ ޅެންވެރީންގެ ޝިޢާރަކަށް ދިވެހިބަހުގެ އެކެޑަމީއިން ކަނޑައަޅުއްވައިފައި ވަނީ ވަރަށް ވެސް ގުޅޭ ޝިޢާރެކެވެ. އާދޭހެވެ! މަތީގައި އެވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރެވެ. "ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި....." މިއީ މީގެ އެތައް އަހަރެއްގެ ކުރީން، ރާއްޖޭގެ މަޝްހޫރު ޅެންވެރިޔަކު ހައްދަވައިފައިވާ ޅެމެއްގެ ބައިތެއްގެ ފުރަތަމަ މިސްރާއެވެ. ހަތަރު މިސްރާގެ މައްޗަށް އެކުލެވޭ ބައިތެއްގެ ފުރަތަމަ ފޮޅުވަތެވެ. ހީވަނީ މިއަދުގެ ޙާލަތަށް ރިޢާޔަތްކުރައްވައި މުޙިއްމުލްމަޠަނަކު ކުރައްވައިފައިވާ އިލްމިމާސެއް ހެންނެވެ. 

ކޮވިޑްގެ ޢާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔެ މި ވަނީ މާޔޫސްވެފައެވެ. ދިވެހި މުޖުތަމަޢު ވެސް މި ވަނީ ހިތާމަވެރި ޙާލަތެއްގައެވެ. އާމްދަނީ ލިބޭނެ މަގުތައް ވަނީ ބަންދުވެފައެވެ. ފުރަބަންދުގެ ސަބަބުން ދަތުރުފަތުރުކޮށް އުޅުމަށް އެތައް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މަސައްކަތްތަކަށް މި ވަނީ ހުރަސްތައް އެޅިފައެވެ. އުންމަތުގެ މަޢީޝަތު ވަނީ ނިކަމެތިވެފައެވެ. މި ޙާލަތުގައި އަޅުގަނޑުމެންނަށް މިއަދު ޖެހިފައިވަނީ، މުޅި ޤައުމަށް އައު ދިރުމެއް ދޭނެ ފަދަ ގޮތެއްގައި އަލުން ތެދުވާށެވެ. މި ކަމަށް ހިތްވަރުދީ، ޅެންވެރީން ވެސް އެ ބޭފުޅުންގެ ޅެންތަކުން އުންމަތަށް ހިތްވަރުދެއްވާންވީ ވަގުތަކީ މިއީއެވެ. އުންމީދު އާކޮށްދީ މާޔޫސް ނުވެ، އަލުން އައު ހިއްވަރަކާއެކު ތެދުވާން ނަސޭހަތްތެރިވާންވީ ދަނޑިވަޅަކީ މިއީއެވެ. މުސްލިމުގެ ގޮތަކީ މިއީއެވެ. މުސްލިމުން ގަބޫލުކުރާންޖެހޭ ގޮތުގައި އެބައިމީހުންނަށް ކުރިމަތިވާ ކޮންމެ ޙާލަތެއްގައި ވެސް ހެވެއް ވާނެއެވެ. ކެތްތެރިކަމާއެކު ކޮންމެ މުޞީބާތަކާ ވެސް ކުރިމަތިލުމަކީ މުސްލިމުންގެ ގޮތެކެވެ. ވީމާ ކޮވިޑްގެ މި ޙާލަތުގައި އަޅުގަނޑުމެން އެންމެސް މި ވިސްނުމުގައި މަސައްކަތްކުރާންޖެހެއެވެ. މަޝްހޫރު ޅެންވެރިޔާ އައްނަބީލާ ފާޠިމަތު ސަޢީދު މީގެ އެތައް އަހަރެއްގެ ކުރީން މުޅި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ފާޅުކުރެއްވި ޝާޢިރީ ޚިޔާލުފުޅުން މި ވާޖިބު މި އޮތީ އެހާ ކުރީން ވެސް އަދާކުރައްވައިފައެވެ. މިއަދުގެ ޅެންވެރީން މި މަގުން ކުރިޔަށް ފިޔަވަޅުއަޅުއްވާން ފައްޓަވާންވީއެވެ.

މިއަހަރުގެ ޅެންވެރީންގެ ދުވަސް އައްނަބީލާ ފާޠިމަތު ސަޢީދު (ރަޙިމަހަﷲ) ގެ ނަންފުޅަށް ވަނީ ތަޚުޞީސް ކުރައްވައިފައެވެ. އެ ކަމަނާއަކީ ދިވެހި ޅެންވެރިކަމުގެ ގުލްޝަނުގެ ނަރުގިސްމަލެވެ. އެ ކަމާގެ ޅެންތަކަކީ އާދަޔާ ޚިލާފު މޮޅު ޅެންތަކެކެވެ. ޢިލްމީ ފަލްސަފީ ޅެންތަކެކެވެ. މިހެން ނުވާންވީ ސަބަބެއް ނެތެވެ. އެ ކަމަނާއަކީ ޢިލްމީ މާޙައުލަކުން ތަރުބިއްޔަތު ލިބިވަޑައިގެން ޝާޢިރީ ޖައްވެއްގައި ބޮޑުފުޅުވި ބޭފުޅެކެވެ. އެއީ ޅެންރީންގެ ދުވަސް އެ ބޭފުޅަކަށް ނިސްބަތްކުރެވިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބު (ރަޙިމަހުﷲ)ގެ އުޚުތެކެވެ. މަޝްހޫރު އަދީބު އަދި ދީނީ ޢީލްމުވެރިޔާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާހުއްދީނުގެ ދަރިކަނބަލެކެވެ. މަޝްހޫރު އަދީބު އަދި ޝާޢިރު އަލްއަމީރު މުޙައްމަދު އަމީންގެ އަނބިކަނބަލެކެވެ. ވީމާ، އެ ކަމަނާގެ ޅެންވެރިކަމުގެ ތާރީޚާމެދު މިހާރު ސުވާލެއް ނޫފެދޭ ނޫންތޯއެވެ!

އައްނަބީލާ ފާޠިމަތު ސަޢީދު (ރަޙިމަހަﷲ)ގެ ޅެންވެރިކަމުން އަޅުގަނޑުމެން ނަމޫނާ ލިބިގަންނާންވީއެވެ. އަޅުގަނޑުމެންގެ ގަލަންތަކުން ޤައުމަށް ޓަކައި ޚިދުމަތެއް ކުރެވޭތޯ މަސައްކަތް ފަށާންވީއެވެ. ޅެމަކީ އަދަބިއްޔާތުގެ އެންމެ މުހިންމު އުފެއްދުން ކަމަށް ބެލެވެނީ ޅެމުން އިންސާނާގެ ހިތަށް އަސަރު ފޯރުވޭލެއް ބޮޑުކަމުންނެވެ. އެހެންވީމާ، ދިވެހި ޅެންވެރީން ވެސް އުންމަތަށް "އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި" ތެދުވެވަޑައިގަންނަވާންވީއެވެ. ރައްޔިތުންނަށް އުންމީދުތަކެއް ލިބިދެއްވާންވީއެވެ. މިއަދުގެ ޝާޢިރާ، މީގެ އެތައް އަހަރެއްގެ ކުރީން މުޅި ޤައުމަށް ދެއްވައިފައިވާ އަގުހުރި އިލްތިމާސް ބަލައިގަންނާންވީއެވެ. މިއަދުގެ ޙާލަތު ތަޖުރިބާކުރަމުންދާ ޅެންވެރީން، އައްނަބީލާ ފާޠިމަތު ސަޢީދު (ރަޙިމަހަﷲ) ނަމޫނާއަކަށް ބައްލަވައިގެންނެވެ. އަލުން ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ތެދުވެވަޑައިގަންނަވާންވީއެވެ. ތެދުވެވަޑައިގެން ހިންދެމިލައްވާންވީއެވެ! މާ އުފާވެރި މާ ތަނަވަސް ދިވެހިރާއްޖެއެއް ލިބިގަތުމަށްޓަކައެވެ. 

އާދޭހެވެ! "އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި" ޅެންވެރީންގެ ގަލަންތައް ޙަރަކާތްތެރިކުރަމާ ހިންގަވާށެވެ! "ހެނދުނެއްގެ އުފާ ޙަރަކާތާއެކު ދުވުމެއްގައި" އެންމެން މުރާލިވަމާ ހިންގަވާށެވެ! "މެދުވެރިކުރުވާހައި އުނދަގޫތައް" ދެކެމުން ކެތްތެރިކަމާއެކު ޢަމަލީ މައިދާނުގައި މަސައްކަތްތެރީން ޙަރަކާތްތެރިވާންވީއެވެ. އަޅުގަނޑުމެން ޅެންވެރީންނަށް ވެސް މިކަމުގައި "ވެދެވޭނެ އެހީތައް ގިނަގުނަ"ކަން ގަބޫލުކޮށްގެންނެވެ. އެކަން ޢަމަލީ ގޮތުން ދައްކަމުންނެވެ.

"ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި

      ހެނދުނެއްގެ އުފާ ޙަރަކާތާއެކު ދުވުމެއްގައި

              މެދުވެރިކުރުވާހައި އުނދަގޫތައް ދުށުމެއްގައި

                     ވެދެވޭނެ އެހީތައް ގިނަގުނައޭ ގޮވުމެއްގައި" 

_______________________

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ