އަދުގެ ޚާއްސަ

Print

ޢަރަބިބަހުގެ ވިދާރާތަކުގެ މައްޗަށް ބަލައިލުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

އިބްރާހީމު ރަޝީދު މޫސާ

ވިހިވަނަ ސައްތައިގެ ފުރަތަމަ  ބައި ސައްތައިގެ  ދަހަރުތަކުގެ ތެރޭގައި ޢަރަބިބަސް ދިރުވުމަށް ޓަކައި މުހިއްމު  ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ޢަރަބިބަސް ދިރުވުމަށާއި ޒަމާނީ ޢިލްމީ މުޞްޠަލަޙުތައް އުފައްދައި ދުނިޔޭގެ މުހިއްމު ބަސްތައް ތަރައްޤީވެ ފުޅައުވަމުންދާ ދިޔުމާ އެކު ފައިހަމަ ކުރުމަށް ޓަކައި ޢަރަބިބަހުގެ ޢިލްމީ ވިދާރާތައް ޤާއިމުކުރެވުނެވެ.

މި ގޮތުން އުފެއްދުނު އެންމެ ފުރަތަމަ ވިދާރާއަކީ 1919ވަނަ އަހަރު ޤާއިމު ކުރެވުނު ދިމަޝްޤު ވިދާރާއެވެ. ދެން އުފެއްދުނު ބަހުގެ ވިދާރާއަކީ ޤާހިރާ ވިދާރާއެވެ.އެއީ 1932ވަނަ އަހަރުއެވެ. ތިންވަނައަށް އުފެއްދުނު ބަހުގެ ވިދާރާއަކީ ބަޣްދާދު ވިދާރާއެވެ. އެއީ 1947ވަނަ އަހަރުގައެވެ. 

ޢަރަބިބަހުގެ ވިދާރާތައް ޤާއިމު ކުރެވުނީ ވަރަށް ގިނަ ސަބަބުތަކަކާ ހެދިއެވެ. ޢަރަބިބަހުގެ ގިނަ ވިދާރާތައް އުފެދުނީ ތަރްޖަމާކުރުމާ ބެހޭ ކޮމެޓީތަކުގެ ސަބަބުންނެވެ. 

ވިދާރާތައް އުފެއްދުމުގެ ބޭނުންތައް

1- ޢަޖަމީ (ބިދޭސީ) ކަލިމަތަކާއި ޢާއްމީ (ބަހުރުވަތަކުގެ) ކަލިމަތައް ޢަރަބި ބަހުގެތެރެއަށް ވަދެ އޮޅިގެން ހިނގައިދާނެކަމުގެ ބިރު އިތުރުވާން ފެށުމުން އެ ކަންކަމުން ޢަރަބިބަސް ރައްކައުތެރި ކުރުން.

2- ޢިލްމީ، ފަންނީ، އަދަބީ އަދި ޙަޟާރީ މުޞްޠަލަޙުތައް  ދިރާސާކޮށް އެ މުޞްޠަލަޙުތަކަށް ބޭނުންވާ ޢަރަބި މުޞްޠަލަޙުތައް ހެދުން

3- ޢަރަބިބަހާ ބެހޭ ދިރާސާތައް ކުރުމާއި ޢަރަބީންގެ ޢިލްމާއި ފަންނާއި އަދަބުގެ ތަރިކަ  ދިރުވާ ރައްކައުތެރިކުރުމަށް މަސައްކަތް ކުރުން

4- ޢަރަބިބަސް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ އެންމެހައި ކަންކަން ކުރުން

5- ބިދޭސީ ޒަމާނީ ސަޤާފަތްތައް ދެނެގަތުން

6- ތަފާތު ޢަރަބި ޤައުމުތަކުގައި އޮތް ސިޔާސީ ވާދަވެރިކަން 

ދިމަޝްޤު ވިދާރާ 

ޢަރަބިބަހުގެ ވިދާރާތަކުގެތެރެއިން އެންމެ ޒަމާންވީ މުއައްސަސާއަކީ ސޫރިޔާގައި ޤާއިމު ކުރެވުނު ދިމަޝްޤު ވިދާރާއެވެ. ދިމަޝްޤުގެ ބަހުގެ ވިދާރާ  އުފެއްދުނީ 1919ވަނަ އަހަރުއެވެ. މިއީ ޢަރަބިބަހުގެ އެންމެ ޒަމާންވީ މުއައްސަސާއެވެ. 

މި މުއައްސަސާ އުފެދުނީ ތަރްޖަމާކުރުމާއި ތައުލީފު ކުރުމުގެ މަސައްކަތުގެތެރެއިންނެވެ. 1918ގައި ސޫރިޔާ ސަރުކާރުން މި މަސައްކަތް ކުރުމަށް ޓަކައި ޚާއްޞަ ޑިޕާރޓްމެންޓެއް އުފެއްދިއެވެ. އެއަށްފަހު މި ޑިޕާރޓްމެންޓް  ( ވުޒާރަތުލް މަޢާރިފު (އެޑިއުކޭޝަން މިނިސްޓްރީ))ގެ އޮފީހަކަށް ބަދަލުވިއެވެ. އެއީ 1919ވަނަ އަހަރުގެ ފެބްރުވަރީ މަހުގައެވެ. އެ އޮފީސް އުފެއްދުނީ ފޮތްތައް އެކުލަވައިލުމަށާއި، ދާރުލް އާސާރެއް ޤާއިމުކުރުމަށާއި، ކުތުބުޚާނާތައް ބަލަހައްޓައި އެތާނގައި ހުރި ފޮތްތައް ރައްކައުތެރިކުރުމަށެވެ. އެއަށްފަހު 8 ޖޫން 1919ގައި މި އޮފީސް ޢިލްމީ  ވިދާރާއަކަށް ބަދަލުވިއެވެ.  

މި ވިދާރާގެ މުހިއްމު މަސައްކަތްތަކެއްކަމުގައި ވެފައި ވަނީ  

1. މުޞްޠަލަހަތުތައް ހެދުން 

- މުޞްޠަލަޙުތައް ހަދާއިރު ކަމާބެހޭ ދާއިރާގެ މަންދޫބަކު ބައިވެރި ކުރެއެވެ.

- ހަދާ މުޞްޠަލަޙުތައް ވިދާރާގެ މަޖައްލާގައި ކޮންމެ މަހަކު ޝާއިޢު ކުރަމުން ދެއެވެ.

-  ހަދާ މުޞްޠަލަޙުތައް ބޭނުންކުރުމަށް ހުރިހާ ފަރާތްތަކެއްގެ ކިބައިން އެދެއެވެ. އަދި މި ކަމަށް ހިތްވަރުވެސް ދިނެވެ.

މުޞްޠަލަޙުތައް ހެދުމުގައި ވިދާރާއިން ޢަމަލު ކުރާ ގޮތް

ހ- ބޯދާ ޢަރަބިބަހަކުން މުޞްޠަލަޙު ތަރްޖަމާކުރުން (އެކަމުގައި ދުލަށް ތުރާކަމެއް އޮންނަ އޮތުމަކަށް ނުބަލައެވެ.) 

ށ- އެ މާނަ ލިބޭ ކަލިމައެއް ވިއްސުން 

ނ-  މުޞްޠަލަޙުތައް ހަދަން ބޭނުންވާ ފަރާތްތަކުން ހަދަން ބޭނުންވާ މުޞްޠަލަޙުތައް ވިދާރާއަށް ހުށައެޅުން.

ރ-  މި އެދުމާ އެއްގޮތަށް ހަދާ މުޞްޠަލަޙުތަކާމެދު މަޖައްލާގައި ބަހުސްކުރުން

ބ-  އެއަށްފަހު މި މުޞްޠަލަޙުތަކުގެ ލިސްޓު ޝާއިޢު ކުރުން 

ޅ-  އެ އަށްފަހު މި ލިސްޓްތައް ކަމާބެހޭ އިދާރާތަކަށް ފޮނުވާ އެ ފަރާތްތަކުގެ ރައުޔު ހޯދުން

މަސައްކަތް ކުރާ ގޮތް 

1- 1918ގައި ސޫރިޔާ ސަރުކާރުން ޤާނޫނުތަކާއި ޤަވާޢިދުތައް ތުރްކީ ބަހުން ޢަރަބިބަހަށް ބަދަލު ކުރިއެވެ.  އެއަށްފަހު މި ބަސްތައް ( ތުރްކީ ބަހާއި އޭގެ ޢަރަބިބަސް ) ވިދާރާއަށް ފޮނުވުމުން ވިދާރާއިން އެ ބަސްތަކަށް އެކަށީގެންވާ ޢަރަބިބަސްތައް ހެދިއެވެ. އޭގެތެރޭގައި ޕޮލިސްގެ ބަދަލުގައި  الشرطة  ކިޔުމާއި ތަފާސްހިސާބަށް  الإحصاء ކިޔުން ފާހަގަ ކުރެވެއެވެ. މި ފަދަ ބަސްތައް ވަރަށް އަވަހަށް މުޖްތަމަޢުގެތެރެއަށް ފޭދި ތުރްކީ ބަސްތަކުގެ މައްޗަށް ގަދަވެގަތްތަން ފެނުނެވެ. 

2- ޢަރަބިބަސް  ދިރުވުމަށް ޓަކައި ވިދާރާއިން ބޭނުންކުރާ ވަސީލަތްތަކުގެތެރޭގައި މި ދަންނަވާ ކަންތައްތައް ފާހަގަ ކުރެވެއެވެ. 

ހ- މަދުރަސީ ފޮތްތައް ބަލައި އެ ފޮތްތައް ތަންޤީޙު ކުރުން. މަދުރަސާތަކުގައި ކިޔަވާދޭ ފޮތްތައް ކިޔަވާދެވޭނީ މި ވިދާރާއިން ބަލައި ފާސްކުރުމަށް ފަހުގައެވެ.

ށ-  ޢާއްމުން ހުށައަޅައި ފޮތްތަކުގައި ހުންނަ ބަހަވީ އަދި އަދަބީ  ކުށްތައް ރަނގަޅުކޮށް ދިނުން 

ނ-  ވިދާރާގެ މަޖައްލާގައި ( ގަލަމު ކުށް ) މި ނަމުގައި ކޮންމެ މަހަކު މަޒުމޫނެއް ޝާއިޢު ކުރުން. މި ޞަފްޙާގައި ނޫސް މަޖައްލާތަކުގައި ހުންނަ ކުށްތައް ބަލައި ރަނގަޅުގޮތް ބުނެދީފައި ވެއެވެ.

ނ- އައު ބަސްތައް އުފެއްދުމުގައި ދަރަންޏަށް ނެގުން ( ނުވަތަ ލޯންކުރުން ) 

ރ- ސަރުކާރުގެ ދާއިރާތަކަށާއި ކިޔަވާދޭ މަރްކަޒުތަކަށް ބޭނުންވާ ޒަމާނީ ޢިލްމީ އައު ލަފުޒުތައް އުފައްދާދިނުން.

ޤާހިރާ ވިދާރާ

މިޞްރުގައި އުފެއްދުނު  ޢަރަބިބަހުގެ ވިދާރާ އުފެއްދުނީ 13 ޑިސެންބަރު 1932  ގައެވެ. މި ވިދާރާގެ މެންބަރުންގެ ޢަދަދަކީ ވިއްސެވެ. މި ވިހި މެންބަރުންގެތެރެއިން ދެބައިކުޅަ އެއްބައި ބޭފުޅުން މިޞްރު މީހުންނަށް ވުން ލާޒިމުވެގެންވެއެވެ. އަނެއް 10 މެންބަރުންނަކީ އެހެން ޢަރަބި  ޤައުމުތަކުން ޢައްޔަން ކުރެވޭ ޢަރަބީންނާއި އަރަބިބަހުގެ ޢިލްމުވެރީންނެވެ. އެހެންކަމުން އެހެން ޢަރަބި ވިދާރާތަކާ ޚިލާފަށް މި ވިދާރާއަކީ ޢާލަމީވަންތަ ވިދާރާއެއްކަމަށް މިޞްރުން ބުނެއެވެ. 

ވިދާރާގެ ލަނޑުދަޑިތައް 

1- ޢަރަބިބަހުގެ އަޞާލަތްތެރިކަން ރައްކައުތެރި ކުރުމަށް މަސައްކަތް ކުރުން 

2- މި ޒަމާނުގެ ޢިލްމުތަކާ ފަންނުތަކާއެކު ފައިހަމަކޮށް ހިނގުމަށް ބޭނުންވާ ބަހަވީ މަސައްކަތްތައް ކުރުން

3- މުޞްޠަލަޙުތައް ހެދުން 

4- ޢަރަބި ކުރުމަށާއި ބަސް ކުރިއެރުވުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި މި ދިރާސާތައް ޝާއިޢު ކުރުން

5- ޢަރަބިބަހުގެ ތާރީޚާ ބެހޭ ބަސްފޮތެއް އެކުލަވައިލުން. މި ބަސްފޮތުގައި ބައެއް ކަލިމަތަކުގެ ތާރީޚާއި މި ކަލިމަތަކުގެ ދަލާލަތު ބަދަލުވަމުން އައި ގޮތް ބަޔާންކުރުން

6- ޢަރަބި ޤައުމުތަކުގެ ބަހުރުވަތަކާބެހޭ ޢިލްމީ ދިރާސާތައްކުރުން

މަސައްކަތް ކުރާގޮތް 

މި މަސައްކަތްތައް ކުރަނީ ތަފާތު ގޮތްގޮތަށެވެ. މިސާލަކަށް

ހ- މުޞްޠަލަޙު ހަދަން ބޭނުންވާ ކަލިމަތައް ( ކަމާބެހޭ ފަރާތްތަކުން : ޔުނިވަރސިޓީންނާއި މަދަރުސާފަދަ ތަންތަނުން)  ހޯދާ ވިދާރާގެ ބަސް ކޮމެޓީގެ މެންބަރުން ބަހުސްކުރުން . ކޮމެޓީން ނިންމާ ބަސްތައް އަހަރީ މަހާސިންތާއަށް ހުށައެޅުން . މި ތަނުން ނިންމާނިންމުން އެއީ ވަގުތީ ނިންމުމެއް ކަމުގައި ބަލައި ވިދާރާގެ މަޖައްލާގައި ޝާއިޢު ކުރުން 

ށ- މުޞްޠަލަޙުތައް ހަދާނެ މަންހަޖެއް އެކަށައެޅުން . އެއީ ހަމަ  ދިމަޝްޤު ވިދާރާގެ ވެސް މަންހަޖު : ބޯދާ ބަސްތަކުން ހޯދުން – އިޝްތިޤާޤުން ލަފްޒު ވިއްސުން- ލަފްޒު ޢަރަބިކުރުން – ލޯން ކުރުން

ނ-   މުޖްތަމަޢުގެ ރައުޔު ހޯދުމަށްފަހު މި ބަސްތަކާމެދު ބަހުސް ކޮށް އެންމެ ފަހު ގޮތް ކަނޑައެޅުން . މި ގޮތަށް ބަހުސްކުރުމަށްފަހު ބަސްތައް ނެރޭނީ އޭގެ މަނައާއެކުގައެވެ.

ބަޣުދާދު  ވިދާރާ

ބަޣުދާދު ވިދާރާ ޤާއިމު ކުރެވުނީ 1947ގައެވެ. މި ވިދާރާ މަސައްކަތް ކުރަނީ ޢަރަބިބަހާއި ކުރްދީބަހާއި ސިރްޔާނީ ބަސް ރައްކައުތެރިކުރުމަށެވެ. ޤާހިރާ ވިދާރާއާ އެއްގޮތަށް ބަޣްދާދު ވިދާރާއިން ވެސް އެންމެ ބޮޑަށް އިސްކަންދީފައިވަނީ މުޞްޠަލަޙުތައް ހެދުމަށާއި ޒަމާނީ ސައެންސާއި ފަންނާއި އަދަބުތައް ތާރީބު ކުރުމަށެވެ. ޢިރާޤީ ވިދާރާއަކީ ބޯދާބަސްތައް ދިރުވުމަށާއި ބަސްތަކުގެ މާނަ ފުޅައު ކުރުމަށް ވަރަށް އިސްކަންދޭ މުއައްސަސާއެކެވެ.

މި ވިދާރާގެ ލަނޑުދަނޑިތަކުގެތެރޭގައި އިންސާނީ މަޢުރިފާތައް މުއްސަނދިކޮށް މި މަޢުރިފާތައް ޢިރާޤާއި ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ ތަރައްޤީއަށް ޓަކައި ބޭނުންކުރެވޭނެ މަގު ތަނަވަސް ކުރުން ވެއެވެ. އެހެންކަމުން މި ވިދާރާގެ މަސައްކަތް ހުޅަނގުގެ ޢިލްމީ ވިދާރާތަކުގެ މަފްހޫމާ ގުޅުން ހުރިކަމަށް  ފެނެއެވެ.   

މަސައްކަތް ކުރާގޮތް 

1. ވިދާރާއަށް ލިބޭ ބަސްފޮތްތަކާއި ބަސްތަކާމެދު ބަހުސްކުރުން 

2. ވިދާރާއިން ހަދާ މުޞްޠަލަޙުތައް ވިދާރާގެ މަޖައްލާގައި ޝާއިޢު ކުރުން . މުޞްޠަލަޙެއް ބަލައިގަނެވޭނީ އެ މުޞްޠަލަޙެއް މަޖައްލާގައި ޝާއިޢު ކުރެވޭތާ 6 މަސް ފަހުންނެވެ.

3. އައު މުޞްޠަލަޙުތައް ވިދާރާގެ މަޖައްލާގައި ޝާއިޢު ކުރެވޭ މަޒުމޫނުތަކުގެތެރެއިން ފަތުރައި ޢާއްމު  ކުރުން

އުރްދުން ވިދާރާ

މި ވިދާރާ ރަސްމީ ސިފައެއްގައި ޤާއިމު ކުރެވުނީ 1 ޖުލައި 1976 ގައެވެ. 

ލަނޑުދަނޑިތައް 

1- ބަހުގެ ދުޅަހެޔޮކަން ރައްކައުތެރިކުރުން

2- މުޞްޠަލަޙުތައް އެއްފަސްކުރުމާއި ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ފައިހަމަ ކުރެވޭ އެއްޗަކަށް މި މުޞްޠަލަޙުތައް ހެދުން

3- ބަސްފޮތްތައް އެކުލަވައިލުން

4- ތަރްބަވީ މުއައްސަސާތަކާއެކު އެއްބާރުލުން ޤާއިމުކުރުން 

އަރުތަތައް

1. ޔުނިވަރސިޓީ ފޮތްތައް އަރަބި ކުރުމާއި ތަރްޖަމާކުރުމާއި ޝާއިޢު ކުރުން

2. ވިދާރާގެ މަސައްކަތްތައް ލުއިފޮތުގެ ގޮތުގައި ޝާއިޢު ކުރުން . 

3. ސަޤާފީ ފޯވަހިތައް ބޭއްވުން.  އެއީ ވިދާރާގެ މަސައްކަތްތައް ތަޢާރުފުކޮށްދިނުމަށާއި އައު ބަސްތަކާއި މުޞްޠަލަޙުތައް ހާމަކޮށްދިނުމަށާއި އެ ބަސްތައް ބޭނުންކުރުމަށް ހިތްވަރު ދިނުމަށެވެ. 

4. ތަރްބަވީ މުއްސަސާތަކާއެކު އެއްބާރުލުން ޤާއިމު ކުރުމުގެ ސަބަބުން ތަރްބަވީ ފޮތްތައް ސާފު ޢަރަބިބަހުން ތައުލީފު ކުރެވެއެވެ. އަދި އަލަށް އުފެއްދޭ ބަސްތަކާއި މުޞްޠަލަޙުތައް މުޖްތަމަޢުގައި ފެތުރެއެވެ. 

ޢަރަބިބަހާބެހޭ ޤާނޫނު

ޢަރަބިބަސް ރައްކައުތެރިކުރުމަށް ޓަކައި 2015ވަނަ އަހަރު ޤާނޫނެއް ހެދުނެވެ. 18 މާއްދާގެ މި ޤާނޫނުގެ ސަބަބުން ސަރުކާރުގެ ވުޒާރާތަކަށާއި އިދާރާތަކަށާއި ރަސްމީ އަދި ނުރަސްމީ މުއައްސަސާތަކަށާއި ޖަމްޢިއްޔާތަކަށާއި ސިޔާސީ ޕާޓިތަކަށާއި ކުންފުނިތަކަށް އަރަބިބަހުން ހުރިހާ މުޢާމަލާތުތަކެއް ކުރުން ލާޒިމުވެގެން ދެއެވެ. މި ޤާނޫނުގެ ސަބަބުން މުދައްރިސުން ތަމްރީނުކުރުމުގައި ޢަރަބިބަހަށް ސަމާލުކަން ދިނުން މަޖްބޫރުކޮށްފައި ވެއެވެ.

މަޣުރިބު ވިދާރާ

މި ވިދާރާ އުފެއްދުނީ ޢަރަބިބަސް ހެޔޮގޮތުގައި އިސްތިއުމާލު ކުރުމަށް ބާރުއެޅުމަށާއި ޢަރަބިބަހުންނާ ޢަރަބިބަހަށް ކުރަކި ކަމެއްނެތި ރަނގަޅަށް ތަރްޖަމާ ކުރުމަށް ހިތްވަރު ދިނުމަށް ޓަކައެވެ.  ބޭރު ބަސްތައް އަރަބިކުރުމާއި މުޞްޠަލަޙުތައް ހެދުން މި ވިދާރާގެ ލަޑުދަނޑިތަކުގެތެރޭގައި ނުހިމެނޭކަން ފާހަގަ ކުރެވެއެވެ.މި ކަމުގެ ސަބަބަކީ އެ މަސައްކަތަށް ޚާއްޞަ މަރްކަޒެއް  މަޣްރިބުގައި ހުންނާތީއެވެ. 

އެހެނިހެން ޢަރަބި ޤައުމުތަކުގެ ވިދާރާތައް

1- ޢިލްމާއި އަދަބާއި ފަންނާބެހޭ ތޫނިސް ވިދާރާ ( ބައިތުލް ޙިކްމަތި ) : މި ވިދާރާ  އުފެއްދުނީ  1982 ގައެވެ.

2- ސޫދާނުގެ ބަހަވީ ވިދާރާ : އުފެއްދުނީ 1993 ގައެވެ.

3- ފަލަސްޠީނުގެ ބަހަވީ ވިދާރާ : އުފެއްދުނީ 1994 ގައި 

4- ލީބިޔާގެ ބަހަވީ ވިދާރާ : އުފެއްދުނީ 1994 ގައެވެ. މި ވިދާރާގެ ލަނޑުދަނޑިތަކުގެތެރޭގައި ޢަރަބިބަހަށް ރައްކައުތެރިވުމާއި ފިކްރީ ޙަޔާތް މުއްސަނދިކުރުމުގެ އިތުރަށް  ޢަރަބި ޤައުމިއްޔަތު ހަރުދަނާ ކުރުން ވެއެވެ.

ބަހަވީ ވިދާރާތަކުގެ އިއްތިޙާދު

ޢަރަބިބަހުގެ ވިދާރާތަކުގެ އިއްތިޙާދު ޤާއިމު ކުރެވުނީ 1971 ވަނަ އަހަރު ޤާހިރާގައެވެ. މި އިއްތިޙާދުގެ ފުރަތަމަ ރައީސަކަށް ޢައްޔަން ކުރެވުނީ ޤާހިރާ ވިދާރާގެ އޭރުގެ ރައީސް ޑރ. ޠާހާ ޙުސައިނެވެ. ޢާއްމު ސެކްރަޓަރީގެ މަޤާމަށް އިސްކުރެވުނީ  ޑރ. އިބްރާހީމު މަދްކޫރެވެ. އޭނާގެ ދެ ނާއިބުން ކަމުގައި އިސްކުރެވުނީ ބަޣުދާދު  ވިދާރާއިން ޑރ. އަޙްމަދު ޢަބްދުއްސައްތާރާއި ދިމަޝްޤު ވިދާރާއިން ޑރ. ޢަދްނާނުލްޚަޠީބެވެ. 

މި އިއްތިޙާދު ޤާއިމުކުރެވުނުއިރު އިއްތިޙާދުގެ މެންބަރު ވިދާރާތަކަކީ 

1- މޫރިތާނިޔާގެ ބަހަވީ  މަޖްލިސް

2- ދިމަޝްޤު ވިދާރާ

3- ޤާހިރާ ވިދާރާ

4- ބަޣުދާދު ވިދާރާ

5- އުރްދުން ވިދާރާ

6- މަޣުރިބު ވިދާރާ

7- ތޫނިސްގެ ޢުލޫމާއި ފުނޫނާއި އާދާބާ ބެހޭ ވިދާރާ 

8- ފަލަސްޠީނު ވިދާރާ

9- ސޫދާނު ވިދާރާ

10-ލީބިޔާ ވިދާރާ

11-ޖަޒާއިރު ވިދާރާ 

ލަނޑުދަނޑިތައް 

1. ބަހަވީ ވިދާރާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުން

2. ވިދާރާތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމާއި އެއްފަސްކުރުން

3. ޢިލްމީ ފަންނީ ، އަދަބީ ، ޙަޟާރީ މުޞްޠަލަޙުތައް އެއްގަލަކަށް އަރުވައި އެއްފަސްކުރުން

މަސައްކަތް ކުރާ ގޮތް

މި މަސައްކަތްތައް ކުރަނީ ސިންތާތައް ބާއްވައިގެންނެވެ. މި ސިންތާތަކުގައި ބަހުސްކޮށް ދިރާސާކުރާނީ :

- މަތީ ތަޢުލީމު ޢަރަބިކުރުމާއި 

- މުޞްޠަލަޙުތައް އެއްގޮތް ކުރުމާއި

- ޢިލްމީ ޢަރަބި ލިޔުންތައް އިތުރު ކުރުމާ ބެހޭގޮތުންނެވެ.

-2006ވަނަ އަހަރު މި އިއްތިޙާދުން ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކަށް ޚާއްޞަ ވަޞިއްޔަތެއް ކުރިއެވެ. މި ވަޞިއްޔަތުގައި ލިޔެކިޔުމުގައި ޢަރަބި ބަހަށް ( ފުޞްޙާ ބަހަށް) އިސްކަން ދިނުމަށް ގޮވާލައިފާ ވެއެވެ. އަދި ތާރީބު ކުރުމުގެ މަސައްކަތް ޤައުމީ މަޝްރޫޢަކަށް ހެދުމަށް ވެސް މި އިއްތިޙާދުން ނިންމާ ގޮވާލައިފާ ވެއެވެ. ޢަރަބީންގެ ޢަރަބިވަންތަކަން ކަށަވަރުކޮށް ދިނުމަށް ޓަކައި ހުރިހާ ސަރުކާރުތަކަކުން މި މަޝްރޫޢަށް ޚާއްޞަ އެހީތެރިކަމެއް ދިނުމަށް ވެސް ގޮވާލައިފާ ވެއެވެ. 

-2017ވަނަ އަހަރު ވަނީ ޢަރަބިބަހުގެ ތާރީޚާ ބެހޭ އެކުމާފާނެއް އެކުލަވައިލުމުގެ މަޝްރޫޢެއް ފަށައިފައެވެ. މި މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަން ފާހަގަ ކުރަމެވެ. 

_________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ