www.fanvai.info

Print

އަތު ކުށް (1)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ދިވެހި

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)

ސިލްސިލާ ގޮތެއްގައި އަޅުގަނޑު މިއަދުން ފެށިގެން މި ފަށަނީ އޮންލައިން ނޫސްތަކުން ފެންނަ ބައެއް ކުށްތަކާއި އެ ކުށްތައް ރަނގަޅުކުރާނެ ގޮތާއި އެ ކުށް، ކުށަކަށް ވީ ގޮތުގެ މައްޗަށް ލިޔާ ލިޔުމެކެވެ. މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ގަވާއިދަށް އަހުލުވެރިކުރުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުން ކަމެއް ބަޔާނެއް ނުކުރާނަމެވެ. ނަމަވެސް އެ ދުވަހެއްގައި ފާހަގަކުރެވުނު ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް، ސަބަބާއެކު ބަޔާންކުރުމަކީ އަޅުގަނޑުގެ ހަގީގީ ބޭނުމެވެ. މި ލިޔުމާ މެދު ފައްސި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް އިޞްލާޙުކުރައްވާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އިލްތިމާސެކެވެ.

މިއަދު އަޅުގަނޑު ނަކަލުކޮށްލީ "ފުލުހުންގެ އިދާރާ ކުރިމަތީ ހުންނަވާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވިއެވެ." މި ޖުމުލައެވެ. މި ޖުމުލައިގައި އަޅުގަނޑު ފާހަގަކުރާ ދެ ކުށެއް އެބަ އޮތެވެ. ފުރަތަމަ ކުށަކީ އައިބައިލިފީގެ ކުށެކެވެ. އެއީ "ހުންނަވާ" މި ލަފުޒުގެ ފަހު އަކުރުގައި އެ އޮތް އާބާފިއްޔެވެ. ހަގީގަތުގައި އެ އަކުރުގައި އޮންނާންޖެހޭނީ އައިބައިފިއްޔެކެވެ. ސަބަބު ދަންނަވާނަމެވެ. ފުލުހުންގެ އިދާރާގެ ކުރިމަތީގައި ހުންނެވުމާއި ނޫސްވެރީންނާ ވާހަކަދެއްކެވުމަކީ އެކަކު ވިދިވިދިގެން، ނުވަތަ އެއް ވަގުތެއްގައި ހިންގި ދެ ޢަމަލެކެވެ. މި ފަދަ ޙާލަތަތްކުގައި "ކަންކުރި ފަރާތް އެއް ގޮތްވުމާއެކު އެއް ކަމެއް އަނެއް ކަމާ ގުޅަމުން ގެންދިޔުމުގައި" އައިބައިފިލި ޖެހުމަކީ އައިބައިފިލީގެ އެއް ހަމައެވެ. މި ޖުމުލައިގައި މި ބުނާ ދެ ކަން ކުރީ އެކެކެވެ. އެހެންވީމާ މި ހަމައިގެ މަތީން އެ ވާވުގައި ޖަހާންޖެހޭނީ އައިބައިފިއްޔެވެ. އާބާފިއްޔެއް ނޫނެވެ. އެ އަކުރުގައި އާބާފިލިޖެހީމާ، އެ ކަން ބަދަލުވާނީ ޖެހިގެން އޮތް ނޫސްވެރީންނަށް ދެވޭ އިތުރު ތަފްޞީލަކަށް ވާތީ، އެ ވާނީ ނަން އިތުރަކަށެވެ. އޭރުން ވާނީ ފުލުހުންގެ އިދާރާގެ ކުރިމަތީގައި "ހުންނަވާ" ނޫސްވެރިއަކަށެވެ. ނަމަވެސް އެ ޖުމުލައިގެ މަޤުޞަދަކީ އޭނާ އެ ވާހަކަދެއްކެވި ޙާލަތު، އެ ވަގުތު އޭނާ ހުންނަވައިގެން، އެ ވާހަކަ ދެއްކެވިކަން ބަޔާންކުރުމެވެ. ވީމާ، އެ ލަފުޒު "ހުންނަވާ" މި ލަފުޒުގައި އައިބައިފިލި ޖަހައިގެން "ހުންނަވައި" އަށް ބަދަލުކުރައްވާން ޖެހެއެވެ. ނުވަތަ "ހުންނަވައިގެން" މި ގޮތަށް "ގެން" އިތުރުކޮށްގެން ކަންއިތުރަކަށް ބަދަލުކޮށްލެއްވިޔަސް މާނަ ފުރިހަމަވާނެ އެވެ.

ދެވަނަ ކުށަކީ އެ ޖުމުލައިގައި އޮތް "ނޫސްވެރީންނާއި" މި ލަފުޒުގައި "ނޫސްވެރީން" މި ލަފުޒުގެ ފަހަތަށް އިތުރުކޮށްގައި އޮތް "އާއި"އެވެ. މިހާރު ބޭނުންކުރާ ހަމައަކީ ދޭދޭ ލަފުޒު ގުޅުވުމަށް ޓަކައި ނޫނީ "އާއި" ބޭނުން ނުކުރުމެވެ. އެއްޗަކާއި މީހަކާއި ނުވަތަ ތަނަކާ ބެހޭ ގޮތުން، ނުވަތަ ޙަވާލާދީ، ނުވަތަ ނިސްބަސްކުރާން ވާހަކަދައްކާ ނަމަ، ބޭނުންކުރާންޖެހެނީ "އާ"އެވެ. "އާއި"އެއް ނޫނެވެ. ބައެއް މިސާލު ދަންނަވައިލިއްޔާ ފަސޭހަފުޅުވާނެތީ ބައެއް މިސާލު ދަންނަވައިލާނަމެވެ. 

"އާއި" ބޭނުންކުރާ ގޮތުގެ ބައެއް މިސާލު:

             އޭނާއާއި އަޅުގަނޑު ވެސް ދާނަމެވެ.

             ފަންސުރަކާއި (ފަންސުރު+އެއް+އާއި) ފޮތެއް ދޭށެވެ.  

             މާތްވެގެންވާ އިސްލާމް ދީނާއި (ދީން+އާއި) ދިވެހި ޤައުމިއްޔަތު  

"އާ" ބޭނުންކުރާ ގޮތުގެ ބައެއް މިސާލު: 

             އެކަމާ (ކަން+އާ) ބެހޭ ގޮތުން ވާހަކަ ނުދައްކާށެވެ.

     އެ ފިހާރައާ މެދު، ދެކެނީ ކިހިނެއްހެއްޔެވެ؟

  ވަކި މީހަކާ (މީހެއް+އާ) ޙަވާލާ ދޭނެކަމެއް ނެތެވެ.

އިސްވެ ދެންނެވުނު މިސާލުތަކާއި ބަހުގެ ހަމަތަކަށް ބަލާއިރު، މިއަދު އަޅުގަނޑު އަތުކުށުގެ ގޮތުގައި ފާހަގަކުރި ޖުމުލަ އޮންނާން ޖެހޭނެ ރަނގަޅު ގޮތަކީ "ފުލުހުންގެ އިދާރާ ކުރިމަތީ(ގައި) ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވިއެވެ." ނުވަތަ "ފުލުހުންގެ އިދާރާ ކުރިމަތީ(ގައި) ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވިއެވެ." މިއީއެވެ. އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުގެ މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައި ވަޑައިގެން ލިޔުއްވާ ލިޔުންތަކުގައި މި ކުށްތައް ތަކުރާރު ނުރައްވައި ވޭތޯ ވިސްނުންފުޅު ބަހައްޓަވާނޭ ކަމަށެވެ.

__________________________________

 

www.fanvai.info