އަދުގެ ޚާއްސަ

Print

"އަތުކުށް" (2)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ދިވެހި

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ)

އޮންލައިން ނޫސްތަކުން ފެންނަ ބައެއް ކުށްތަކާއި އެ ކުށްތައް ރަނގަޅުކުރާނެ ގޮތާއި އެ ކުށް، ކުށަކަށް ވީ ގޮތުގެ މައްޗަށް އަޅުގަނޑު ސިލްސިލާ ގޮތެއްގައި ލިޔަމުން މިގެންދާ ލިޔުމުގައި މިއަދު ބަލައިލާނީ ނޫހެއްގައި އޮތް އެންމެ ސުރުޚީއެއްގެ މައްޗަށެވެ. މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ގަވާއިދަށް އަހުލުވެރިކުރުވުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުން ކަމެއް ބަޔާނެއް ނުކުރާނަމެވެ. ނަމަވެސް އެ ދުވަހެއްގައި ފާހަގަކުރެވުނު ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް، ސަބަބާއެކު ބަޔާންކުރުމަކީ އަޅުގަނޑުގެ ހަގީގީ ބޭނުމެވެ. މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް އިޞްލާޙުކުރައްވާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އިލްތިމާސެކެވެ.

މިއަދު އަޅުގަނޑު ނަކަލުކޮށްލީ ނޫހެއްގައި އޮތް ސުރުޚީއެއްގައިވާ "އާބާދީގެ ކުޑަބޮޑުމިނެއް ނުބަލާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭނަން : ނަސީމް" މި ޢިބާރާތަށެވެ. މި ޖުމުލައިގައި އަޅުގަނޑު ފާހަގަކުރާން އޮތީ އެންމެ ކުށެކެވެ. އެއީ އައިބައިފިލީގެ ކުށެކެވެ. އެއީ އައިބައިލިފީގެ ކުށެކެވެ. އެއީ " ނުބަލާ" މި ލަފުޒުގެ ފަހު އަކުރުގައި އެ އޮތް އާބާފިއްޔެވެ. ހަގީގަތުގައި އެ އަކުރުގައި އޮންނާންޖެހޭނީ އައިބައިފިއްޔެކެވެ. ސަބަބު ދަންނަވާނަމެވެ. އާބާދީގެ ކުޑަބޮޑުމިނަށް ނުބެލުމާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ އެކަކު ވިދިވިދިގެން، ހިންގި ނުވަތަ ހިންގާނެ ކަމަށް ބުނާ ދެ ޢަމަލެކެވެ. މި ފަދަ ޙާލަތަތްކުގައި "ކަންކުރި ފަރާތް އެއް ގޮތްވުމާއެކު އެއް ކަމެއް އަނެއް ކަމާ ގުޅަމުން ގެންދިޔުމުގައި" އައިބައިފިލި ޖެހުމަކީ އައިބައިފިލީގެ އެއް ހަމައެވެ. މި ޖުމުލައިގައި މި ބުނާ ދެ ކަން ކުރަނީ އެކެކެވެ. އެހެންވީމާ މި ހަމައިގެ މަތީން އެ ލާމުގައި ޖަހާންޖެހޭނީ އައިބައިފިއްޔެވެ. އާބާފިއްޔެއް ނޫނެވެ. އެ އަކުރުގައި އާބާފިލިޖެހީމާ، އެ ކަން ބަދަލުވާނީ ޖެހިގެން އޮތް ޞިއްޙީ ޚިދުމަތްތަކަށް ދެވޭ އިތުރު ތަފްޞީލަކަށް ވާތީ، އެ ވާނީ ނަން އިތުރަކަށެވެ. އޭރުން ވާނީ  ޞިއްޙީ ޚިދުމަތަށް ދިން ސިފައަކަށެވެ. އެއީ ކުޑަބޮޑުމިނަށް ނުބަލާ ޞިއްޙީ ޚިދުމަތަކަށެވެ. ޞިއްޙީ ޚިދުމަތުގެ ބާވަތަކަށެވެ. ނަމަވެސް އެ ޖުމުލައިގެ މަޤުޞަދަކީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާބާދީގެ ކުޑަބޮޑުމިނަށް ނުބަލައި، ހަމަހަމަ ގޮތެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ވާހަކަ ބަޔާންކުރުމެވެ. ވަކި ބާވަތެއްގެ ޞިއްޙީ ޚިދުމަތެއްގެ ވާހަކަ ބަޔާންކުރުމެއް ނޫނެވެ. ވީމާ، "ނުބަލާ" މި ލަފުޒުގައި އައިބައިފިލި ޖަހައިގެން "ނުބަލައި" އަށް ބަދަލުކުރައްވާން ޖެހެއެވެ. ނުވަތަ "ކުޑަބޮޑުމިނަށް ބެލުމެއް ނެތި" މި ގޮތަށް ވެސް ބަދަލުކޮށްލެވިދާނެއެވެ.

އެ ލާމުގައި އަބާފިލި ޖެހީމާ އެ ޢިބާރާތް އެ ވަނީ ޞިއްޙީ ޚިތުމަތަށް އިތުރު ސިފައެއް ގެނެސް ދިނުމަށް ޓަކައި ނުވަތަ އިތުރު ބަޔާނެއް ދިނުމަށް ޓަކައި ބޭނުންކޮށްފައިވާ ނަންއިތުރަކަށެވެ. ޞިއްޙީ ޚިދުމަތުގެ ސިފައަކަށެވެ. ނަމަވެސް ކުރީން ވެސް ދެންނެވި ފަދައިން އެ ޢިބާރާތުގެ މަޤުޞަދަކީ ޞިއްޙީ ޙިދުމަތަށް ވަކި ސިފައެއް ދިނުމެއް ނޫނެވެ. އެކަން ކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ. ޞިއްޙީ ޚިދުމަތް ދޭނީ އެއްވެސް ތަފާތުކުރުމެއް ނެތި، އާބާދީ ކުޑަތޯ ނުވަތަ ބޮޑުތޯ ބެލުމެއް ނެތި ހަމަހަމަކަމާއެކު ކަމަށާއި ހުރިހައި އާބާދީއަކަށް ވެސް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ވާހަކަ ބަޔާންކުރުމެވެ.

ބަހުގެ ހަމަތަކަށް ބަލާއިރު، މިއަދު އަޅުގަނޑު އަތުކުށުގެ ގޮތުގައި ފާހަގަކުރި ޢިބާރާތް އޮންނާން ޖެހޭނެ ރަނގަޅު ގޮތަކީ "އާބާދީގެ ކުޑަބޮޑުމިނެއް ނުބަލައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭނަން : ނަސީމް" ނުވަތަ "އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި، ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭނަން : ނަސީމް" މިއީއެވެ. 

އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދަކީ އަޅުގަނޑުގެ މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައި ވަޑައިގެން، ތިޔަ ބޭފުޅުން ލިޔުއްވާ ލިޔުންތަކުގައި މި ކުށްތައް ތަކުރާރު ނުރައްވައި ވޭތޯ ވިސްނުންފުޅު ބެހެއްޓެވުމެވެ.

____________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ