www.fanvai.info

Print

"އަތުކުށް" (3)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ދިވެހި

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ)

އަޅުގަނޑު ސިލްސިލާ ގޮތެއްގައި ލިޔަމުން މި ގެންދާ ލިޔުމުގައި މިއަދު ބަލައިލާނީ ނޫހެއްގައި އޮތް އެންމެ ޖުމުލައެއްގެ މައްޗަށެވެ. އަޅުގަނޑުގެ މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ގަވާއިދަށް އަހުލުވެރިކުރުވުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަޅުގަނޑު ބަޔާނެއް ނުކުރަމެވެ. އެހެނީ އަޅުގަނޑުގެ ހަގީގީ ބޭނުމަކީ، އެ ދުވަހެއްގައި ފާހަގަކުރެވުނު ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް، ސަބަބާއެކު ބަޔާންކުރުމެވެ. މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް އިޞްލާޙުކުރައްވާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދާއި މަޤުޞަދާއި ނިޔަތެވެ.

މިއަދު އަޅުގަނޑު ނަކަލުކޮށްލީ އެންމެ ޖުމުލައެކެވެ. "މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދަތުރުފަތުރު ކުރުން ހުއްޓާލަން ވަނީ އަންގައިފައެވެ." މި ޖުމުލައެވެ.

މި ޖުމުލައިން އަޅުގަނޑު ދެތިން ކުށެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކުށަކީ މި ޖުމުލައިގައި މި އޮތް "މާލެ" އެވެ. މި ދެންނެވީ ބައެއް ބޭފުޅުންނަށް ގަބޫލުފުޅުކުރައްވާން ދަތިފުޅު ވާހަކައެއް ނަމަވެސް މި ޖުމުލައިގައި މި އޮތް "މާލެ" މި ލަފުޒުގެ ފަހު އަކުރުގައި ޖަހާންޖެހޭނީ އެބެފިއްޔެއް ނޫނެވެ. އެކަމަކު އޭބޭފިއްޔެވެ. ސަބަބަކީ އެ ޖުމުލައިގައި އެ އޮތް މާލެއަކީ "ސަރަހައްދު" މި ލަފުޒުގެ ނަންއިތުރެކެވެ. އެ ސަރަހައްދު ނިސްބަތްވަނީ މާލެއަށްކަން ދޭހަކުރުމަށް ޓަކައި އެ ޖުމުލައިގައި އެ އޮތް "މާލެ" މި ނަމުގެ ފަހަތަށް ނިސްބަސްކުރުމުގެ "ގ" އިތުރުކުރެވެއެވެ. ނަމަވެސް އެބެފިއްޔަށް ނިމޭ މި ފަދަ ލަފުޒުގެ ފަހަތަށް މި ގޮތަށް އިތުރުކުރެވޭ "ނިސްބަތްކުރުމުގެ، ނުވަތަ މިލްކުވެރިކަން ދޭހަކޮށްދިނުމުގެ ގާފު"ގެ ފިލި، ކުރީ ލަފުޒުގެ ފަހު އަކުރަށް ބަދަލުކުރުމާއެކު މި ގާފު ވަންހަނާވެއެވެ. އޭރުން "މާލެ+ގެ" ބަދަލުވާނީ "މާލޭ" އަށެވެ. އެހެންކަމުން މި ފަދަ ތަންތަން ލިޔެކިޔައި އުޅޭން ރަނގަޅު ހަމަ ގޮތްގޮތަކީ:

(1) މާލޭ ސަރަހައްދު  (އަސްލަކީ: މާލެ+ގެ ސަރަހައްދު)

(2) މާލޭ މަސްމާރުކޭޓު (އަޞްލަކީ މާލެ+ގެ މަސްމާރުކޭޓު)

(3) ބަދިގޭ ސާމާނު (އަޞްލަކީ: ބަދިގެ+ގެ ސާމާނު)

(4) މިގޭ އެންމެން (އަޞްލަކީ: މި ގެ+ގެ އެންމެން)

މި ވާހަކަ މިހެން ދަންނަވައިލީމާ މި ވާހަކަ ގަބޫލުފުޅުކުރައްވާން ވަރަށް ގިނަ ބޭފުޅުންނަށް އުނދަގޫފުޅު ވެސް ވެދާނެއެވެ. ސަބަބަކީ، "މާލެ ސަރަހައްދު"، "ބަދިގެ ސާމާނު" ފަދަ ގޮތް ގޮތަށް ލިޔެ އިޝްތިހާރުކޮށް ހަދާތީ، މީހުންގެ ކަންފަތްތަކަށް މި ކުށް އިވިއިވި، ލޮލަށް ފެނިފެނި، ހޭނިފައިވާތީ، ކުރީން ދެންނެވި ބޭބޭފުޅުންނަށް ވެސް އެއީ ކުށް ގޮތެއް ކަމަށް ފާހަގަނުކުރެއްވުމެވެ. ނަމަވެސް "ބަދިގެ ސާމާނު"، "މާލެ ސަރަހައްދު" "މާލެ މާރުކޭޓު" މިއީ ލިޔެކިޔައި އުޅޭން ހަމަ ގޮތްގޮތެއް ނޫނެވެ. ލިޔެކިޔައި ހަދާންޖެހޭނީ "ބަދިގޭ ސާމާނު"، "މާލޭ މާރުކޭޓު"، މާލޭ ސަރަހައްދު" މި ފަދަ ގޮތް ގޮތަށެވެ. މި ބަދަލު އަންނާންޖެހެނީ ކީއްވެގެންކަން އިސްވެ ދަންނަވައިލެވިއްޖެއެވެ.

"މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދަތުރުފަތުރު ކުރުން ހުއްޓާލަން ވަނީ އަންގައިފައެވެ." މި ޖުމުލައިގައި އިޞްލާޙުކޮށްލާންޖެހޭ ދެވަނަ އަދި ތިންވަނަ ކުށަކީ، "ހުއްޓާލަން" މި ލަފުޒެވެ. އެ ލަފުޒު އޮންނާންޖެހޭނީ "ހުއްޓައިލާން" މި ގޮތަށެވެ.  ޓަވިޔަނީގައި އައިބައިފިލި ޖަހައި، ލާމުގައި އާބާފިލި ޖަހައިގެންނެވެ. ސަބަބު މި ދަންނަވަނީއެވެ.

"ހުއްޓާލަން" މި ކަމުގެ މަޞްދަރަކީ (ނުވަތަ "ކަމުގެނަމަކީ") "ހުއްޓައިލުން" އެވެ. "ހުއްޓާލުން"އެއް ނޫނެވެ. ނިމިނިމުނުކަމަކަށް ބަދަލުކުރާ ނަމަ އޮންނާނީ "ހުއްޓައިލި" މި ގޮތަށެވެ. "ހުއްޓާލި"އެއް ނޫނެވެ. "ހުއްޓައިލުން" މި މަޞްދަރުން ނިމުނުކަމެއް އުފައްދައިފި ނަމަ އޮންނާނީ "ހުއްޓައިލައިފި" މި ގޮތަށެވެ. ނިމުނުކަން އުފެއްދުމަށް ޓަކައި އިތުރުކުރާ "ފި" މި އަކުރުގެ ކުރީގައި އޮންނަ އަކުރުގައި (އެބެފިލި ޖެހޭ މަދު ޙާލަތްތައް ފިޔަވައި) ޖަހާންޖެހޭނީ އައިބައިފިއްޔެވެ. އާބާފިއްޔެއް ނޫނެވެ. ވީމާ، "ހުއްޓައިލި" މި ނިމިނިމުނުކަމާއި "ހުއްޓައިލައިފި" މި ނިމުނުކަން އަމުރުގެ ޙާލަތަށް ނުވަތަ ފަހުން ކުރާން ގަސްތުކުރާ ނުވަތަ އުންމީދުކުރާ ކަމަކަށް ބަދަލުކުރިއަސް ޓަވިޔަނީގައި އޮތް އައިބައިފިތްޔަށް ބަދަލެއް ނާންނާނެއެވެ. ޖެހިޖެހިގެން ދެ އައިބައިފިލި އައުމަކީ ވަކި ހަމައަކުން ވަކި ގަވާއިދަކުން ޖަހައިފައި އޮތް އައިބައިފިއްޔެއް  އެހެން ފިތްޔަކަށް ބަދަލުކުރާންޖެހޭ ހަމައެއް ނޫނެވެ. 

އަނެއް ބަދަލަކީ ޖުމުލައިގައި އޮތް "ހުއްޓާލަން" މި ލަފުޒުގައި އޮތް "ލ"ގައި އެ އޮތް އަބަފިލީގެ ބަދަލުގައި އޮންނާންޖެހޭނީ އާބާފިތްޔެވެ. ހަގީގަތުގައި އެ ލާމުގައި އަބަފިލިޖެހޭނީ އެ ލަފުޒު، ވާކަމުގެ ޙާލަތުގައި ފުރަތަމަ މީހާގެ ނަޒަރުން ބަޔާންކުރާ ނަމައެވެ. ނަމަވެސް އެ ކަން ކުރުމަށް ޓަކައި ބުނާ ބުނުންތަކުގައި، އެ އަކުރުގައި އޮންނާނީ އާބާފިއްޔެވެ. ބައެއް މިސާލު ދަންނަވައިލާނަމެވެ.

(1) އަހަރެން ކޮންމެ ދުވަހަކު ހިނގަން.  އަހަރެން ކޮންމެ ދުވަހަކު ހިނގާން ދަން.

(2) އެ ގެއަށް އަހަރެން ދަން. މި ދަނީ ވެސް އެ ގެއަށް ދާން.

(3) އަހަރެން އަބަދު ވެސް މެންދުރު ކަން.  މިއަދު މެންދުރު ކާން ދަމުން ތިޔަ ގެޔަށް ވަދެލާނަން.

(4) އަހަރެން ކޮންމެ އަހަރަކު ވެސް ރޯދައަށް މަސައްކަތް ހުއްޓައިލަން.   މި ފަހަރު ރޯދައަށް މަސައްކަތް ހުއްޓައިލާން މި ގަސްތު ކުރަނީ ފަހު ދިހައަށް އެކަނި.

(5) ތިޔަ މަގުން ވެސް އަހަރެން ދުއްވަން. އަހަރެން ކާރު ދުއްވާން ދާއިރު، އެ ގޭ ދޮރުމަތީން ވެސް ދަން.

(6) އަހަރެން އަބަދުވެސް މޫދަށް އެރެން.  މިއަދަކު މޫދަށް އެރޭން ދާ ހިތެއް ނުވޭ.

"މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދަތުރުފަތުރު ކުރުން ހުއްޓާލަން ވަނީ އަންގައިފައެވެ." މި ޖުމުލައިން ދެތިން ކުށް ފާހަގަކުރުމަށް ފަހު ނިންމައިލުމުގައި "އަންގައިފައެވެ." މި ގޮތަށް ލިޔެފައި އޮތީގެ އައިބައިފިލީގެ ރަނގަޅު ހަމައިންކަން ވެސް އުފަލާއެކު ފާހަގަކުރަމެވެ. އެހެންވީ އިރު، "ހުއްޓައިލާން" ރަނގަޅަށް ލިޔެފައި ނެތީ ކީއްވެބާއޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް ރަނގަޅު ބަޔަށް ތަޢުރީފުކޮށް ޝުކުރުވެރިކަމާއެކު އުފާކުރަން ވެސް މެއެވެ.

ކޮންމެއަކަސް އިސްވެ ދެންނެވުނު މިސާލުތަކާއި ހަމަތަކަށް ބައްލަވައި ފިކުރުފުޅު ހިންގެވުމަށް ފަހު، އެ ޖުމުލަ (ދެން ލިޔުއްވާނަމަ) އަންނަނިވި ގޮތަށް އިޞްލާހުކޮށްލެއްވުން އެދެމެވެ. "މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދަތުރުފަތުރު ކުރުން ހުއްޓައިލާން ވަނީ އަންގައިފައެވެ."

ބަހުގެ ހަމަތަކަށް ބަލާއިރު، އަތުކުށުގެ ގޮތުގައި މިއަދު އަޅުގަނޑު މި ފާހަގަކުރި ޢިބާރާތް އޮންނާން ޖެހޭނެ ރަނގަޅު ގޮތް އިސްވެ މިދަންނަވައިލީއެވެ. އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދަކީ ބަހުގެ ގަވާއިދާމެދު ވިސްނުންފުޅު ހިންގަވައި ދިރާސާކުރައްވައި ހެއްދެވުމެވެ. އަދި އަޅުގަނޑުގެ މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން، ތިޔަ ބޭފުޅުން ލިޔުއްވާ ލިޔުއްވުންތަކުގައި މި ކުށްތައް ތަކުރާރު ނުރައްވައި ވޭތޯ ވިސްނުންފުޅު ބެހެއްޓެވުމެވެ.

__________________________________

www.fanvai.info