ނަކަލުކުރުމުގެ ޙައްޤު ނުވަތަ ކޮޕީރައިޓަށް އިޙުތިރާމްކުރުން
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އިންސާނާކު އުފައްދައިފައިވާ ކޮންމެ އެއްޗެއް ވެސް އުފެއްދި މީހަކު ނުވަތަ ބަޔަކު ވާނެއެވެ. މި ފަދަ ކޮންމެ އެއްޗަކީ ވެސް ކޮންމެވެސް މީހެއްގެ ނުވަތަ ބަޔެއްގެ އުފެއްދުމެއްކަން ކަށަވަރެވެ. އެހެންކަމުން އެ އެއްޗެއް ވާނީ އެ އުފެއްދި މީހެއްގެ ނުވަތަ އެ އެއްޗެއް އުފައްދައިދިން މީހެއްގެ މިލްކަކަށެވެ. އެ އެއްޗެއް ބޭނުންކުރުމުގެ އެންމެހާ ޙައްޤެއް އޮންނާނީ އޭގެ ވެރި ފަރާތަށެވެ. ނުވަތަ އޭގެ ވެރި ފަރާތުން އެ ޙައްޤު ހަވާލުކޮށްފައި އޮންނަ ފަރާތަކަށެވެ.
މީހަކު ފިލްމެއް އުފައްދާނީ ނުވަތަ ލަވައެއް ކުޅޭނީ ނުވަތަ ލަވައެއް ހަދާނީ ނޫންނަމަ މި ނޫން އުފެއްދުމެއް ނަމަވެސް އުފައްދާނީ އެކަމަށް ފިކުރުތަކެއް ކޮށްގެންނެވެ. ރޭވުންތަކެއް ރާވައިގެންނެވެ. ވަގުތުތަކެއް ހޭދަކޮށްގެންނެވެ. އެތައް ޚަރަދަކާއި އެތައް މަސައްކަތެއް ވެސް ކޮށްގެންނެވެ. އެހެންކަމުން އެ ފަދަ އެއްޗެއް އެހެން ބަޔަކު ނުވަތަ މީހަކު ނަކަލުކޮށް ނުވަތަ އެ ނޫން ގޮތަކަށް ވެސް ވިޔަފާރީގެ އުޞޫލުން ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ އެހެން މީހެއްގެ ޙައްޤަކަށް އަރައިގަތުމެއްކަން ކަށަވަރެވެ. މިއީ ތަހުޛީބު ކޮންމެ އިންސާނަކު ވެސް ޤަބޫލުކުރާނެ ހަމައެކެވެ. އަދި މިއީ ތަޢައްޞުބެއް ނެތި ވިސްނާ ކޮންމެ މީހަކަށް ވެސް ޤަބޫލުކުރެވޭނޭ ޙަޤީގަތެކެވެ.
އިސްވެ ދެންނެވުނު ޙައްޤަށް އަޅުގަނޑު ކިޔަނީ ނަކަލުކުރުމުގެ ޙައްޤެވެ. ނުވަތަ ކޮޕީރައިޓެވެ. ކޮޕީރައިޓަކީ ކޮންމެހެން އެ އުފެއްދުމެއް ނުވަތަ އެ އެއްޗެއް ނަކަލުކުރުމުގެ ޙައްޤު އެކަންޏެއް ނޫނެވެ. އަޅުގަނޑު ދަންނަވާނީ އެއީ އޭގެ ފުރިހަމަ މިލްކުވެރިކަމުގެ ޙައްޤު ކަމުގައެވެ. އެއީ އެ އެއްޗެއް ޝާއިޢުކޮށް، ނަކަލުކޮށް ނުވަތަ އެ ނޫން ގޮތަކުން ނަމަވެސް ވިޔަފާރީގެ ގޮތުގައި ނުވަތަ މަންފާއެއް ލިބޭ ގޮތަކަށް ނުވަތަ ޤާނޫނާ ޚިލާފު ނުވާނޭ ހަމަ ކޮންމެ ގޮތަކަށް ބޭނުންކުރުމުގެ ފުރިހަމަ ޤާނޫނީ ޙައްޤު އޮތުމެވެ.
ބައެއް އުފެއްދުންތައް އެ އުފެއްދުންތަކުގެ ޙައްޤު ވެރީންގެ ހުއްދަ ނެތި ބޭނުންކުރެވެމުންދާ ތަން މަދުން ނަމަވެސް ފެނެއެވެ. މި ގޮތަށް ނުޙައްޤުން ގިނައިން ބޭނުން ކުރާތީ ފެންނަނީ ފިކުރީ މުދަލެވެ. މިސާލަކަށް މީހުންގެ މިއުޒިކް ނުވަތަ ލަވަ ފަދަ ނުވަތަ ފިލްމު ފަދަ ތަކެއްޗެވެ. މިފަދަ ތަކެތި ނަކަލުކޮށް ސީޑީ ފަދަ ތަކެތީގައި ރެކޯޑްކޮށްގެން ވިޔަފާރީގެ ގޮތުގައި ބޭނުންކުރެވޭތީ ފެނެއެވެ. ބައެއް މީހުންގެ ލިޔުންތައް ވެސް ތިމާގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުންކޮށްފައި ވެސް އެބަ ހުރެއެވެ. މިއީ ނޭނގި ނަމަވެސް ކުރެވޭ ނުވަތަ އެނގިގެން ކުރާ ވައްކަމެކެވެ. އެހެން މީހެއްގެ ޙައްޤަކަށް އަރައިގަތުމެކެވެ. މިއީ ވަރަށް ދަށް ފެންވަރުގެ ނާތަހުޛީބު ޢަމަލެކެވެ. މިއީ ޤާނޫނީ ކުށެއްވެސްމެއެވެ. މިކަންކަން ކުރާ ބައެއް މީހުން މިކަންކަން ކުރަނީ މިއީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ތިބެއެވެ. ނުވަތަ މިކަން އެނގޭ ބަޔަކު މިކަން ކުރަނީ ޤާނޫނަށް ވެސް ސިއްރުންނެވެ. މި "ވައްކަން" ކުރާ މީހުންނަށްމި ފުރުޞަތު ލިބެނީ އަޅުގަނޑުމެންގެ ހޭލުންތެރިކަން ކުޑަކަމުންކަމަށް ވެދާނެއެވެ. މި ކަމާ ބެހޭ ޤާނޫނެއް އޮންނަ ކަމާއި އެ ޤާނޫނުން ޙިމާޔަތް ލިބެނީ ކޮންކޮން އުފެއްދުންތަކަކަށްކަން ނޭނގޭތީކަމަށް ވެސް ވެދާނެއެވެ.
އަޅުގަނޑުމެން އުފައްދާ ހަމަ ކޮންމެ އުފެއްދުމަކަށް ވެސް ޙަޤީޤަތުގައި ޤާނޫނީ ޙިމާޔަތް އެބަ އޮތެވެ. 2010 ވަނަ އަހަރު ފާސްކޮށް 2011 ވަނަ އަހަރު އޭޕްރީލްމަހު ޢަމަލުކުރާން ފަށައިފައިވާ "ކޮޕީރައިޓާއި އެޔާ ގުޅޭ އެހެން ޙައްޤުތަކުގެ ޤާނޫނު"ން މި ދެންނެވި ޙައްޤުތައް ވަނީ ޙިމާޔަތްކޮށްދީފައެވެ. މި ދެންނެވިޤާނޫނުގެ 7 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުން އެއްވެސް މީހެއްގެ ނުވަތަ ބަޔެއްގެ އުފެއްދުމެއްގެ ކޮޕީރައިޓް ޙިމާޔާތްކުރުމަށްޓަކައި ކޮންމެހެން ސަރުކާރުގެ އިދާރާއެއްގައި އެ އުފެއްދުމެއް ރަޖިސްޓަރީކުރާކަށް ނުޖެހެއެވެ. އެހެންނަމަވެސް ތިމާގެ ޙައްޤު ގެއްލިގެން ނުވަތަ ތިމާގެ މިލްކުވެރިކަން ކޯޓުގައި ސާބިތުކޮށްދޭން ބޭނުންވާ ބައެއް ދަނޑިވަޅުތަކުގައި އެ ގޮތަށް ރަޖިސްޓަރީކުރުމަކީ ބޭނުންތެރި ކަމެއްކަމުގައި ވެދެއެވެ.
އާދޭހެވެ! އަޅުގަނޑުމެން އުފައްދާ ހަމަ ކޮންމެ އެއްޗެއްގެ މިލްކުވެރިކަން މި ދެންނެވި ޤާނޫނުން ވަނީ ޙިމާޔަތްކޮށްދީފައެވެ. "ދިވެހިރާއްޖޭގައި އުފައްދާ ހުރިހާ ތަކެއްޗާއި ދިވެހިރާއްޖެ ތަޞްދީޤުކޮށްފައިވާ ބައިނަލްއަޤުވާމީ މުޢާހަދާއެއްގައި ބަޔާންކުރެވިފައިވާ ބަޔަކު އުފައްދާ ތަކެތި މި ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވޭނެ" ކަމަށް އިސްވެ ދެންނެވުނު ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ވަރަށް ޞަރީޙަކޮށް ބަޔާންކޮށްފައިވެއެވެ.
މި މާއްދާގައި ބަޔާންކޮށްފައިވާ "ތަކެތީގެ" އިތުރު ތަފްޞީލު، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ތަފްޞީލުކޮށްފައިވެއެވެ. މި ދެންނެވި ބައިތަކުގެ ތެތޭގައި އަންނަނިވި ބައިތައް ވެސް ހިމެނެއެވެ.
(1) ފޮތް، ލުއިފޮތް، މަޒުމޫނު އަދި މި ނޫން ލިޔުންތައް
(2) ޢިލްމީ، އަދަބީ، އަދި އާރޓިސްޓިކް ތަޤުރީރުތަކާއި، މުޚާޠަބުކޮށް ދައްކާ ވާހަކަ.
(3) ޑްރާމާ، މިޔުޒިކީ ޑްރާމާ، ސްޓޭޖް ނެށުމާއި، އެ ނެށުން ރާވައި އަތުރައިފައިވާ ގޮތާއި، ފިޔަވަޅުތަކާއި މި ފަދަ ހުށަހެޅުންތަކާއި މި ނޫންވެސް މި ފަދަ އުފެއްދުންތައް،
(4) ޅެމާއި ލަވަޔާއި ރާގާއި މި ނޫންވެސް މިޔުޒިކީ އުފެއްދުންތައް،
(5) ފީޗަރ ފިލްމު، ޑޮކިޔުމެންޓަރީ ފިލްމު، ޑްރާމާ، ވީޑީއޯ ލަވަ، އަދި އެހެނިހެން ވީޑީއޯ ވިޜުއަލް ހުށަހެޅުންތަކާއި މަސައްކަތްތައް
(6) ކުރެހުމާއި ފަރުމާކުރުމުގެ މަސައްކަތްތައް،
(7) ފޮޓޯގެ މަސައްކަތްތައް
(8) އިތުރު ބޭނުމަކާއެކު އުފައްދައިފައި ހުންނަ ފަންނާނީ މަސައްކަތްތައް،
(9) އިލަސްޓްރޭޝަން، ޗާޓް، ޕްލޭން، ސްކެޗް އާއި ޖޯގްރަފީ، ޓޮޕޯގްރަފީ، ފަރުމާކުރުން ނުވަތަ ސައިންސާގުޅޭ 3 ޑައިމެންޝަންގެ އުފެއްދުންތައް
(10)ކޮމްޕިޔުޓަރ ޕްރޮގްރާމްތައް (ސޯސް ކޯޑް ނުވަތަ އޮބްޖެކްޓް ކޯޑުގެ ގޮތުގައި ހުރި ނަމަވެސް)
މި ޤާނޫނުގެ ދަށުން އެއްވެސް އުފެއްދުމެއް ޙިމާޔަތްކޮށްދެނީ އެ އެއްޗެއް ހުށަހަޅައިދޭ ގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަޤުޞަދަށް ބަލައިގެނެއް ނޫނެވެ. ހަމަ އެކަނި އެ އުފެއްދުމެއް އުފެއްދީތީއެވެ.
މިހާ ބޮޑަށް އަޅުގަނޑުމެންގެ އުފެއްދުންތައް ޤާނޫނީ ގޮތުން ޙިމާޔަތް ކޮށްދީފައި އޮތް ނަމަވެސް ކޮޕީރައިޓް ޙިމާޔްތަކުރެވިފައިވާ މިންވަރު އެނގެނީ ދާދި މަދު މީހަކަށެވެ. މީހުންގެ މާއްދީ މުދަލަށް ސަމާލުކަން ދެވުނަސް އެހެން މީހުންގެ ފިކުރީ މުދަލުގެ މިލްކުވެރިކަމާމެދު ގިނަ މީހުންނަށް މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. މިއީ ވަރަށް ސީރިއަސް ކަމެއް ކަން ދަންނަނީ އަދި މާ މަދު ބަޔެކެވެ.
މާއްދީ ނުވަތަ ފިކުރީ މުދަލެއްގެ ވެސް ޙައްޤުވެރިކަމާއި މިލްކުވެރިކަން އޭގެ ވެރި ފަރާތަށް ލިބިފައިވާނީ ހަމަ އެއް މިންވަރަކަށެވެ. އެހެންކަމުން އެހެން މީހުންގެ ޢިލްމީ ފަންނީ އަދަބީ ނުވަތަ އެ ނޫން ވެސް މިފަދަ މަސައްކަތްތަކަށް އަޅުގަނޑުމެން އިޙުތިރާމްކުރަން ދަސްކުރާން އެބަޖެހެއެވެ. މާއްދީ މުދަލުގެ މިލްކުވެރި ފަރާތެއް ވާނޭ ފަދައިން ފިކުރީ މުދަލުގެ ވެސް މިލްކުވެރިޔާގެ ޙައްޤުތަކަށް އިޙުތިރާމްކުރާން އެބަޖެހެއެވެ. ޤާނޫނީ ގޮތުން ޙިމާޔަތް ކޮށްދީފައިވާ، އެހެން ބަޔެއްގެ ޙައްޤުތަކަށް އަޅުގަނޑުމެންނަށް އަރައިގަނެވިއްޖެ ނަމަ، ނޭނގި ތިއްބައި ތިމާއަށް ފޫނުބެއްދޭފަދަ ގެއްލުމަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ކައިރި ކަމެކެވެ.
________________________________