www.fanvai.info

Print

ޔުނެސްކޯގެ ޑިރެކްޓަރ-ޖެނެރަލް ދެއްވި ޚިޠާބު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

 

"ތަޢުލީމުގައްޔާއި މުޖުތަމަޢުގައި ޝާމިލުވުން އިތުރުކުރުމަށް ޓަކައި ގިނަބައްސަކަން ކުރިއެރުވުން"

ތަރުޖަމާ: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ތިރީގައި މިވަނީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ޔުނެސްކޯގެ ޑިރެކްޓަރ-ޖެނެރަލް އަލްފާޟިލާ އޮޑްރޭ އެޒައުލޭ ދެއްވި ޚިޠާބުގެ ނުރަސްމީ އަވަސް ތަރުޖަމާއެކެވެ. މި ޚިޠާބަކީ ދިވެހި ކޮންމެ މަންމައަކާއި ބައްޕައަކު، ކޮންމެ މުދައްރިސަކާއި އިސްވާރަކު، އަދި ސިޔާސަތު އެކަށައަޅުއްވައި ތަންފީޒުކުރައްވާ ހުރިހާ ބޭފުޅުން ވެސް ވިސްނައިވަޑައިގެން ފިކުރުފުޅުކުރައްވާންޖެހޭނެ ޚިޠާބެއްކަމަށްވާތީ، ޚިޠާބުގެ މުހިންމު ކަމަށް ޓަކައި، ޚިޠާބުގެ ތަރުޖަމާއެއް ޝާއިޢުކޮށްލާ ހިތްވީއެވެ.

21 ފެބްރުވަރީ 2021

---------------------------------------------------------------

ކޮންމެ ފެބްރުވަރީ މަހެއްގެ 21 ވަނަ ދުވަސް، އާދެ! ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް، ޝަރަފުވެރިކޮށްދެނީ އަގަކާނުލައި ލިބިގަނެވޭނެ އިންސާނިއްޔަތުގެ ތަރިކައެއް ކަމަށްވާ ބަހަވީ ސިންދަފާތާއި ގިނަބައްސަކަމެވެ. 

މިއަހަރު މި ދުވަސް ފާހަގަ މިކުރަނީ ކުރީން ލަފާކޮށްފައިނުވާ ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި ދުނިޔެ އޮތް ދަތި ދުވަސްވަރެއްގައެވެ.

މި ޢާލަމީ ދަތި ދުވަސްވަރުގެ ވަގުތުގައި، މި ކަމުގެ ނަތީޖާއެއްގެ ގޮތުން، ތަޢުލީމީ ހަމަހަމަ ފުރުޞަތުގެ ތަފާތުކަން އިތުރުވެ، ދުނިޔޭގެ ކަންކޮޅުތަކުގައި މި ތަފާތު ވަނީ ފުޅާވެފައެވެ. 1.5 މިލިއަން އެތައް ދަރިވަރުންނެއް ވަނީ ދުރުންދޭ ތަޢުލީމުގެ ޙައްލެއް ހޯދައި ނުދެވި، ޢާލަމީ ވަބާގެ އެންމެ ބާރުބޮޑު ދުވަސްވަރު، އެ ކުދީންގެ ކްލާސްރޫމުތަކުން މަޙުރޫމުކުރެވިފައެވެ.

މީގެ އިތުރަށް، އެކިއެކި ޙަފުލާތަކާއި އީދުތައް ކެންސަލުކުރާންޖެހުމުގެ ސަބަބުންނާއި އުފެއްދުންތެރީންނަށާއި މީޑިއާއަށް ކުރިމަތިވި އިޤުތިޞާދީ ހީނަރުކަމުގެ ސަބަބުން، މުޅި ސަގާފީ ސިންދަފާތަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ. 

ޞަރީޙަކޮށް ދަންނަވާނަމަ، މާދަރިބަހުގެ ބޭނުންކުރާން ހިތްވަރުދީ އެ ކަމަށް ބާރުއެޅުމުގެ މާނައަކީ، ތަޢުލީމުގެ ފުރުޞަތު އެންމެންނަށް ފޯރުކޮށްދޭން ބާރުއެޅުމާ އެކުއެކީގައި، އެބައިމީހުންގެ ސަގާފީ ސިންދަފާތު، ޚާއްޞަކޮށް އެ ކަމުގެ މަޢުލޫމާތު ފަތުރާން ހިތްވަރުދީ ބާރުއެޅުމެވެ. 

އެހެންކަމުން، މި އަހަރުގެ މާދަރީބަހުގެ ޝިޢާރު "ތަޢުލީމުގައްޔާއި މުޖުތަމަޢުގައި ޝާމިލުވުން އިތުރުކުރުމަށް ޓަކައި ގިނަބައްސަކަން ކުރިއެރުވުން" ބާރުއަޅަނީ އިސްކޫލުތަކުގައްޔާއި ދުވަހީ ދިރިއުޅުމުގައި ވެސް ގިނަބައްސަކަމާއި މާދަރީބަސް ބޭނުންކުރާން ތާއީދުކުރުމަށެވެ.

މިއީ ވަރަށް އަސާސީ ކަމެކެވެ. ސަބަބަކީ ދުނިޔޭގެ ވަޒަންވެރީންގެ ތެރެއިން 40 އިންސައްތަ މީހުންނަކީ، އެމީހުންނަށް އެންމެ ރަނގަޅަށް ދޭހަވާ ނުވަތަ އެ މީހުން ވާހަކަދައްކާ ބަހުން، ތަޢުމީލަށް ވާޞިލުވުމުގެ ފުރުޞަތު ނެތް މީހުންކަމަށް ވާތީއެވެ. ހަމަ މި ފަދައިން މިބައިމީހުން ވަނީ، ސަގާފީ ޝުޢޫރުތަކާއި ތަރިކައަށް ވާޞިލުވުމުގެ ފުރުޞަތުން ވެސް މަޙުރޫމުވެފައެވެ.

މިއަހަރު ޚާއްޞަ ސަމާލުކަމެއް ދެވިފައި މިވަނީ ޅަފަތުގެ ދައުރުން ފެށިގެން ގިނަބައްސަވީ ތަޢުލީމު ދިނުމުގެ މައްޗަށެވެ. އޭރުން ކުދީންނަށް އެކުދީންގެ މާދަރީބަސް އަބަދުވެސް ވާނީ އެބައިމީހުންގެ އަގުހުރި ހަރުމުދަލަކަށެވެ.

ތަޢުލީމުގައި، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހުރިހާ ކަންކޮޅެއްގައި، ގިނަބައްސަކަމަކީ ހަމަހަމަކަމުގެ އެއް ބަހާއެވެ. އަދި މި ކަމަށް ހިތްވަރުދީ ވާގިވެރިވުމުގައި ޔުނެސްކޯ ވަރަށް ކަށަވެއްޗެވެ. މިސާލަކަށް، އިންޓަނެޓްގެ ޒަރީޢާއިން ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ޢިލްމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބަހަވީ ސިންދަފާތު ކުރިއެރުވުމަށް ޓަކައި މި ޖަމުޢިއްޔާއިން މަސައްކަތްކުރާނެއެވެ.

ހަމަ މި ރޫޙުގައި، "ވަޠަނީ ބަސްތަކުގެ ބައިނަލްއަޤުވާނީ ދަހަރު" (2022-2032)ގެ ގޮތުގައި ދަހަރެއް ވަނީ ކަނޑައަޅައިފައެވެ. ޔުނެސްކޯގެ އިސްވާރުކަމުގެ ދަށުގައި މި ކަމުގެ ޢަމަލީ ރޭވުންތަކުގެ ޢަމަލީ މަސައްކަތްތައް މިހާރު ތަންފީޒުކުރެވެމުން އެބަގެންދެވެއެވެ. އެއީ މުޖުމަޢަތަކުގެ ހިތްތަކަށް، ޚާއްޞަ ގޮތެއްގައި، ވަޠަނީ ބަސްބަހާބެހީގެ މުޖުތަމަޢުތަކަށް، ގިނަބައްސަކަން ވާޞިލުކޮށްދިނުމަށް ޓަކައެވެ.

އެހެންވީމާ، މިއަދު މި ދަހަރާ އެއްފަދައިން ބަސްބަހާބެހީގެ ސިންދަފާތަކީ ޙިމާޔަތްކުރެވިފައިވާ ޢާންމު ތަރިކައެއް ކަމުގެ ޔަގީންކަން ދިނުމުގައި އަޅުގަނޑުމެންނަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ބަހެއް މަރުވެއްޖެ ނަމަ، ލޯމަތީން ގެއްލިއްޖެ ނަމަ، އިޙުސާސްކުރެވެނީ އަދި ހީކުރެވޭނީ ދުނިޔެ ލޯމަތީން ޣާއިބުވީ ކަމުގައެވެ. އަދި ހުރިހާ ސަގާފީ ސިންދަފާތެއް އަލުން އަނބުރައި އިޢާދަ ނުކުރެވޭނެހެން އޭރުން ނެތިގެންދާނެއެވެ.

އެހެންކަމުން މި ބައިނަލްއަޤްވާމީ ދުވަހު ޔުނެސްކޯއިން މި ގޮވައިލަނީ ދުނިޔޭގެ މި މުނާސަބަތު އޭގެ ސިންދަފާތާއެކު އިޙުތިފާލުކުރުމަށެވެ. އަދި ދުވަހީ ދިރިއުޅުމުގައި ގިނަބައްސަކަމަށް ތާއީދުކުރުމަށެވެ.

 ___________________________

www.fanvai.info