އަދުގެ ޚާއްސަ

Print

މިއަހަރުގެ މާދަރީބަހުގެ ޝިޢާރާމެދު ފަލްސަފީ ނަޒަރެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އެނގިވަޑައިގަންނަވާނޭ ފަދައިން މި އަހަރުގެ މާދަރީބަހުގެ ޝިޢާރަކީ "ތަޢުލީމުގައްޔާއި މުޖުތަމަޢުގައި ޝާމިލުވުން އިތުރުކުރުމަށް ޓަކައި ގިނަބައްސަކަން ކުރިއެރުވުން" (Fostering Multilingualism for Inclusion in Education and Society)ކަމަށް ޔުނެސްކޯއިން ވަނީ ކަނޑައަޅުއްވައިފައެވެ. މި ޝިޢާރުގެ އަމާޒަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނދުދަނޑިތަކުގައި އެންމެންގެ ޝާމިލުވުން އިތުރުކުރުމެވެ. މި ކަމަށް ޓަކައި ޅަފަތުގެ ތަޢުލީމު ނުވަތަ ތުއްތުކުދީންގެ ތަޢުލީމު މާދަރީބަހުން ދިނުމަކީ މުހިންމު ކަމެއްކަމަށް މި ޝިޢާރުން ރަމްޒުކޮށްދެއެވެ. ޔުނެސްކޯއިން ގަބޫލުކުރަނީ ތަޢުލީމަކީ އުނގެނުމުގެ ބިންގާކަމަށް ވާތީ، ޅަފަތުގެ ދުވަސްވަރު ނުވަތަ ޙަޔާތުގެ ކުރީކޮޅު ދެވޭ ތަޢުލީމު ވާންޖެހޭނީ އެ ބަޔެއްގެ ފުރަތަމަ ބަސް ނުވަތަ މާދަރީމަހުގެ މައްޗަށް ބިނާވެފައިވާ ތަޢުލީމެއް ކަމަށެވެ.

ކޮންމެ އިންސާނަކަށް ވެސް ދެނެގަންނާން ފަސޭހަވާނީ އެ މީހެއްގެ މާދަރީބަހުން އޮޅުން ފިލުވައިދެވޭ އެއްޗެއްކަމީ އެއްވެސް މީހަކަށް ދެބަސް ނުވެވޭނެ ހަގީގަތެކެވެ. މިސާލަކަށް ޢަރަބިބަސް ރަނގަޅަށް ނޭނގޭ މީހަކަށް އަރަބިބަހުން އިސްލާމް ދީން ކިޔަވައިދިނުމަށް ވުރެ އެ މީހެއްގެ އަމިއްލަ ބަހުން ކިޔަވައިދިނީމާ ވިސްނޭލެއް މާ ބޮޑަށް ވެސް ފަސޭހަވާނެއެވެ. ދިވެހިރާއްޖޭގެ އެންމެންނަކީ އިނގިރޭސިބަސް ދަންނަ ބަޔެއް ކަމަށް ގިނަ ބަޔަކު ހީކުރިޔަސް ރަނގަޅަށް އިނގިރޭސިބަސް ދަންނަ މީހުން އަދި ވެސް ވަރަށް މަދެވެ. މި ފަދަ ބަޔަކަށް ދިވެހީންގެ މާދަރީބަސް ދޫކޮށް އިނގިރޭސިބަހުން އިސްލާމްދީން ކިޔަވައިދޭން މަސައްކަތްކޮށްފި ނަމަ، އެ ބަޔަކަށް ދީނުގެ ބައެއް ކަންކަން އޮޅިދާނެ ކަމަށް ގަބޫލުކުރާންޖެހެއެވެ. ރާއްޖޭގައި އުޅޭ ހުރިހާ ބަންގާޅީންނާއި ހިންދީންނާއި ސިންގަޅައިންނަށް، އަދި މި ނޫން ބިދޭސީންނަށް ވެސް، ދިވެހިބަސް އެނގޭ ކަމަށް ބަލައި ކޮވިޑާ ބެހޭ އިރުޝާދު ހަމައެކަނި ދިވެހިބަހުން، ނުވަތަ އިނގިރޭސިބަސް އެނގޭނެ ކަމަށް ބަލައި އިނރިރޭސިބަހުން އެކަނި، ކޮވިޑް19ގެ މަޢުލޫމާތު ދީގެން އެ މީސްމީހުންނަށް އެންމެ ފުރިހަމައަށް ދޭހަވާނެތޯއެވެ؟ ޝައްކެއް ނެތެވެ. ދޭހައެއް ނުވާނެއެވެ. އެހެންވީމާ، އެ ފަދަ އެންގުންތަކުގައި "ގިނަބައްސަކަން" މިއަދު ހިމަނައިފައިވާކަން އުފަލާއެކު ފާހަގަކޮށްލަމެވެ. މިސްކިތްތަކުން ނަމާދުގެ ކުރީން އެންގޭ އެންގުންތަކުގައި ވެސް "ގިނަބައްސަކަން" ހިމަނައިފައިވާކަމީ އެންމެންގެ ޝާމިލުވުމަށް ޓަކައި  ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ. މިއީ މުޖުތަމަޢުގައްޔާއި ތަޢުލީމުގައި ޝާމިލުވުން އިތުރުކުރުމަށް ޓަކައި "ގިނަބައްސަކަން" މުހިންމުކަމަށް ޔުނެސްކޯއިން ޤަބޫލުކުރާ ގަބޫލުކުރުން އިޖުތިމާޢީ މުޢާމަލާތްތަކުގައި މުހިންމުކަމަށް ދިވެހި މުޖުތަމަޢާއި ދައުލަތުން ވެސް ގަބޫލުރާކަމުގެ ހެތްކެކެވެ. މަރުޙަބާ ދަންނަވަމެވެ.

ކަން މިހެން އޮތް ނަމަވެސް ތަޢުލީމުގައި ގިނަބައްސަކަމުގެ މުހިންމުކަން އަދި ވެސް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އިނގިރޭސިބަސް ރަނގަޅަށް ނޭނގޭ ކުދީންނަށް ތަޢުލީމުގެ ވަސީލަތަކަށް ހަދައިފައިވަނީ އިނގިރޭސިބަހެވެ. ނުވަތަ މަދު އިސްކޫލެއްގައި ޢަރަބިބަހެވެ. ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސްކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅައިފައި ވިޔަސް ދިވެހިބަހުން ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމާއި ސާނަވީ ތަޢުލީމާއި މަތީ ސާނަވީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތެއް އަދިއެއް ނެތެވެ. މި ކަން މި ހެން އޮތުމަކީ އިނގިރޭސިބަހަށް މޮޅުކުރުމަށް ޓަކައި ކުރާންޖެހޭ ކަމެއް ކަމަށް ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކުންނާއި ގިނަ ބެލެނިވެރީން ވެސް ގަބޫލުކުރައްވައެވެ. އެހެން ނޫނީ އިނގިރޭސިބަސް ދަސްނުވާނެކަމަށް ހީވަނީ ކަމަށް ވެދާނެއެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. 

ތަންކޮޅެއް ކުރީން (1990ގެ އަހަރުތަކުގައްޔާއި އޭގެ ކުރީން) ދިވެހިބަހުން ފަށާ ތަޢުލީމު ޙާޞިލުކޮށްގެން މަޖީދިއްޔާއާއި އަމީނިއްޔާއަށް ވަން ކިތަންމެ ދަރިވަރުންނެއް ޖީސީއީ އިމްތިޙާނުގައި އިނގިރޭސިބަހުން ގަދަ 10ގައި ހިމެނިފައި އެބަހުއްޓެވެ. ޢަރަބިބަހުން ޤުރުއާން ކިޔަވައިލާން ނޫނީ ނޭނގޭ ކުދީން ޢަރަބި ޔުނިވަރސިޓީތަކަށް ގޮސް އެއް އަހަރު ދުވަހު ޢަރަބިބަސް ކިޔަވައިގެން އެ ބަހުން ހުރިހާ ޑިގްރީއަކާއި ޕީއެޗްޑީ ޙާޞިލުކުރީ ކިތައް ދަރިވަރުންތޯއެވެ! ރޫސީބަހުގެ އަލިފުބާ ވެސް ނުދަންނަ ކުދީން ރޫސީވިލާތަށް ގޮސް އެއް އަހަރު ދުވަހު ރޫސީބަސް ކިޔަވައިގެން އެ ބަހުން ޑޮކްޓަރުކަން ކިޔަވައިފައި ނެތްތޯއެވެ! އަދި ބައެއް ޤައުމުތަކުގައި (މިސާލަކަށް ލާއޯސްގައި) އިނގިރޭސި ކިޔަވައިދޭން ފަށަނީ ވެސް ގްރޭޑް އަށަކުން ކަމަށް ވިޔަސް އެ ނިޒާމުން ކިޔަވައިގެން އެހެން ޤައުމުތަކަށް ގޮސް ބޭރު ބަސްބަހުން ތަފާތު ޑިގްރީތައް ނަގައިފައި އެބަހުއްޓެވެ. އެހެންވީއިރު އެހެން ބަސްބަސް އެއްއަހަރު ދެ އަހަރުން ދަސްވާއިރު، އިނގިރޭސިބަސް ދަސްކުރާން މުޅި ތަޢުލީމީ ޙަޔާތް ހޭދަކުރާންޖެހުމަކީ ހައިރާންވާންޖެހޭ ކަމެކެވެ. އެއީ އެހާ އުނދަގޫބަހަކީބާއޭ ވެސް ހިތަށް އަރައެވެ.

އެހެން ނަޒަރަކުން ވިސްނާއިރު، ދިވެހި ޤައުމިއްޔަތާއި އިޖުތިމާޢީ ހުރިހާ އަގުތަކެއް ހިމެނޭ "އިޖުތިމާޢީ ޢިލްމު" ފަދަ މާއްދާތައް އެ ބަޔެއްގެ މާދަރީ ބަސް ފިޔަވައި އެހެން ބަހަކުން ކިޔަވައިދީގެން، އެ މާއްދާ ކިޔަވައިދިނުމުގެ މަޤުޞަދު ޙާޞިލު ނުވާކަން ވެސް ނަތީޖާއިން އަންނަނީ ފެންނަމުންނެވެ. ދިވެހި ތާރީޚުގައި ފާހަގަކުރެވޭ ބައެއް ނަންފުޅުތައް ކަމަށްވާ ބޮޑުތަކުރުފާނާއި ޣާޒީބަންޑާރައިންނާއި އުތީމު މަހާރަދުން ފަދަ ނަންތަކާއި އެ ބޭބޭފުޅުންގެ ޤައުމީ ޚިދުމަތް އެހެން ބަހަކުން ކިޔަވައިދެވޭނެބާވައެވެ. ދިވެހި މުޖުތަމަޢުގައި ޤައުމާމެދު ވިސްނާ މިންވަރާއި ޤައުމިއްޔަތަށް ލޯބިކުރާ މިންވަރާއި ޤައުމީ ބަޠަލުންނަށް ޙުރުމަތް އަދާކުރާ މިންވަރާ މެދު ވިސްނައިވަޑައިގަތުން ހުއްޓެވެ! މިއީ ޤައުމިއްޔަތު ކިޔަވައިދޭން ޤައުމީ ބަސް ފިޔަވައި އެހެން ބަސްބަސް ޚިޔާރުކުރުމުގެ ނަތީޖާ ނޫންތޯ ވިސްނައިލާން އެބަޖެހެއެވެ.

ދިވެހި މާޙައުލުގައި ހުންނަ ކަނޑު، ގިރި، ފަރު، ބެން، ހާ، ފަޅު، މާކަނޑު، އެތެރެވަރި، ކަނޑުއޮޅި، ވަނި، ފުން، ވިލު، އަތިރިމަތި، ގޮނޑުދޮށް ފަދަ ނަންތައް އެހެންބަހަކުން ފުރިހަމައަށް އޮޅުންފިލުވައިދެވޭނެބާވައެވެ! ނޭޕާލު މީހުން ފަރުބަދައިގެ އެކި ތަންތަނަށް ކިޔާ ތަފާތު ނަންނަމާއި، ޢަރަބީން ޖަމަލުގެ އެތައް ބާވަތަކަށް ކިޔާ އެކި ނަންނަން އަޅުގަނޑުމެންނަށް ނޭނގޭ ފަދައިން ކަނޑުފަޅުގެ އެކި ހިސާބުތަކަށް ކިޔާ ނަންނަން އެ މީހުންގެ ބަސްބަހުން ބުނެދެވޭނެތޯއެވެ! މިއީ ހަމައެކަނި އަޅުގަނޑު އުފައްދަ ސުވާލެކެވެ.

މިއަދު ކޮންމެ މަޔަކާއި ކޮންމެ ބަފަޔަކު ނުވަތަ ކޮންމެ ބެލެނިވެރިޔެއްގެ ވެސް އުންމީދަކީ އެ ބަޔެއްގެ ދަރިން ތަޢުލީމީ ގޮތުން މޮޅު ދަރިންތަކަކަށް ހެދުމެވެ. ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ކިތަންމެ ބޮޑު ބުރައެއް އުފުއްލައިގެން ވިޔަސްވެހެވެ. މިއީ ދިވެހީން ތަޢުލީމަށް ލޯބިކުރާ މިންވަރުގެ މަތިވެރިކަން ހާމަކޮށްދޭ ކަމެކެވެ. މިއީ އުފާކުރުން ޙައްޤުކަމެކެވެ. ނަމަވެސް.......

ތަޢުލީމީ ގޮތުން ދަރީންނަށް ކުރިޔަށް ދެވޭނީ އިނގިރޭސިބަހަށް ވެސް މޮޅުވެގެންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެއީ ޙަޤީޤަތެއްކަމަށް ވެދާނެއެވެ. ތެދުފުޅެކެވެ! ބަހަކީ ޢިލްމުގެ ވާސިޠާކަމަށް ވީ ހިނދު ދަރިފުޅަށް ބޭރުބަސް އެނގޭ މިންވަރު އިތުރުވުމަކީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުވާނެ ކަމެކެވެ. ނަމަވެސް އަޅުގަނޑުމެންނަށް އޮޅިފައި އޮންނަ ކަމެއް އެބަ އޮތެވެ. ޅަފަތުގައި މާދަރީބަހަށް ސަމާލުކަން ނުދިނުމަކީ އަދި ހަމަ އެކަނި އިނގިރޭސި ބަހަށް ސަމާލުކަން ދިނުމަކީ ކުއްޖާ އިނގިރޭސިބަހަށް މޮޅުވާނޭ ކަމެއް ކަމުގައި ވަރަށް ގިނަ މައިންބަފައިން ގަބޫލުކުރާ ގަބޫލުކުރުމެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. އެއްވެސް ހަގީގަތެއް ނެތް ކުށް ހީއެކެވެ.

ކުއްޖާ އިނގިރޭސިބަހަށް މޮޅުކުރުމަށްޓަކައި އެންމެ ތުއްތު އިރުއްސުރެ، ހަމައެކަނި އިނގިރޭސި ލަފުޒުތައް ކުއްޖާއަށް ދަސްކޮށްދޭން ބައެއް ބެލެނިވެރީން ވިސްނައެވެ. މާދަރީބަހާމެދު ވިސްނުމެއް ނެތިއެވެ. މިސާލަކަށް ކުދީންނަށް ކުލަތަކާއި ބައްޓަންތަކާއި ހިސާބުގެ ޢަދަދުތަކާއި ޢާއިލާގެ މެންބަރުންގެ މަޤާމުތަކާއި (ބައްޕަ، މަންމަ ފަދަ) ބައެއް ނަންނަމާއި ކަންކަން ކިޔައިދެނީ ހަމަ އެކަނި އިނގިރޭސި ބަހުންނެވެ. ރަނގަޅަށް އިނގިރޭސިބަސް ނޭނގުނު ނަމަވެހެވެ. އެކަމަކު ކުއްޖާގެ ވަށައިގެންވާ މާޙައުލުން އިވި ދަސްވަނީ ދިވެހިބަހުން ވާހަކަދައްކާށެވެ. ނަމަވެސް މުހިންމު ލަފުޒުތަކާއި ނަންނަމާއި ކަންކަން ކުއްޖާއަށް ދަސްވާނެ ފުރުޞަތެއް މައިންބަފައިންނެއް ނުދެއެވެ. އެހެންކަމުން ކުއްޖާ ބޮޑުވެގެން އަންނައިރު މާދަރީބަހުން ރަނގަޅަށް ގުނާކަށް ނޭނގެއެވެ. ކުލަޔަކަށް ކިޔާ ނަމެއް ނޭނގެއެވެ. ހިތަށް ވެރިވާ ޝުޢޫރުތައް ހަމަކުރާން އުނދަގޫވެއެވެ. މިއީ އާދައިގެ މައްސަލައެއް ނޫނެވެ. ސީރިއަސް މައްސަލައެކެވެ.

ނަފުސާނީ ޢިލްމުވެރިންނާއި ބަސްވާރުން ވިދާޅުވާ ގޮތުގައި ކުއްޖާގެ ޚިޔާލާ ފިކުރު އުފެދިގެން އަންނަނީ އެކުއްޖާގެ މާދަރީ ބަހުންނެވެ. އެ ކުއްޖާ މާދަރީ ބަހަށް މޮޅުވުމަކީ ސިކުނޑި ހުޅުވި ވިސްނުމުގެ ބާރު ގަދަވާ ކަމެކެވެ. އަދި މާދަރީ ބަހަށް މޮޅުވުމަކީ އެހެން ބަސްތަކަށް މޮޅުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މާދަރީބަހާމެދު އިހުމާލުކޮށްލެވި ހަމަ އެކަނި އިނގިރޭސިބަހަށް ސަމާލުކަން ދެވުމުގެ ނަތީޖާއަކަށްވާނީ ކުއްޖާ އިނގިރޭސިބަހަށް މޮޅުވާން ޖެހޭ ވަރަށް މޮޅުނުވެ، ދިވެހިބަހަށް ވެސް މޮޅު ނުވުމެވެ. މިއީ އަޅުގަނޑުމެން ބޭނުންވާ ނަތީޖާއެއް ނޫނެވެ.

ތުއްތު އިރުއްސުރެ ކުއްޖާ އިނގިރޭސި ބަހަށް މޮޅުކުރުމަށް މަސައްކަތްކުރުމަށް އަޅުގަނޑު ވެސް ތާއީދުކުރަމެވެ. ނަމަވެސް ކުއްޖާއަށް އިނގިރޭސި ބަހުން 1 (ވަންނ) ކިޔައި ދޭ ފަދައިން ދިވެހިބަހުން 1 (އެކެއް) ވެސް ކިޔައިދެވިދާނެއެވެ. ކިޔައިދޭން ވެސް ވާނެއެވެ. އަދި ޢަރަބި ބަހުން 1 (ވާޙިދު) ވެސް އުނގަންނައިދެވިދާނެއެވެ.

ޅަފަތުގެ ސިކުނޑިއަކީ ދަސްކުރުމުގެ ބާރުގަދަ ސިކުޑިއެކެވެ. "އަލިފުބާ"އާއި "ހަށަނަރަބަޅަ"އާއި "އޭބީސީޑީ" އެކުއެކީގައި ދަސްކުރުމަކީ އުނދަގޫ ކަމެއްކަމަށް ހީފުޅު ނުކުރައްވާށެވެ. އެންމެ ތުއްތު އިރުއްސުރެ ހަތަރު ބަސް ދަސްކޮށް ހަތަރު ބަހަށް މޮޅު ކުދީން ވެސް އެބަ ތިއްބެވެ. އަދި މި ދުވަސްވަރު ދަސްކުރާ ތަކެއްޗަކީ ހަނދާނުން ފޮހެލުން އުނދަގޫ ތަކެއްޗެވެ. ޚާއްޞަކޮށް ޅަފަތުގައި މާދަރީބަހަށް ކުއްޖާ އަހުލުވެރިކުރުމަށް ސަމާލުކަންދޭން އެބަޖެހެއެވެ. އެ ކުއްޖާ އިނގިރޭސި ބަހަށް މޮޅުކުރާނަމަ މި ކަމަށް ސަމާލުކަން ދޭން އެބަޖެހެއެވެ. މާދަރީ ބަހަށް މޮޅުވުމަކީ ދެވަނަ ބަހަކަށް މޮޅުވުމަށް ޓަކައި އެޅޭ ބާރެކެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެއްނޫނެވެ. މިއީ ބަސްވާރުންގެ ބަހެވެ. ޔުނެސްކޯއިން މި އަހަރުގެ މާދަރީބަހަށް ކަނޑައެޅުއްވި ޝިޢާރުން ވެސް ހާމަކޮށްދެނީ މި ހަގީގަތެވެ.

ސާނަވީއާއި މަތީސާނަވީ އިމްތިޙާނުގައި ދަރިވަރުން ދިވެހިބަހަށް ދަށް ވާހަކަ އަޅުގަނޑުމެން ދައްކަމުއެވެ. އެކަމަކު، އެ ކަމުގެ ސަބަބާމެދު ވިސްނާކަށް ބޭނުމެއް ނުވެއެވެ. މިހެން ދިމާވާ އެތައް ސަބަބުތަކެއް ހުރިއިރު، އެ ކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޅަފަތުގައި ދިވެހިބަހާ ކުދީން ބީރައްޓެހި ކުރުވާ ކަމެވެ. "ރެޑް ކަލަރ" ކިޔައިދެވޭ ފަދައިން "ރަތްކުލަ" ކިޔައިނުދެވޭކަމެވެ. ކުދިންގެ ޑެޑީ އާއި މަމީ ތިބޭ އިރު ބައްޕައާއި މަންމަ ނުތިބޭ ކަމެވެ. މިއީ ވަރަށް ނާޒުކު މައްސަލައެކެވެ. ޅަފަތުގައި ކުއްޖާގެ މާދަރީބަހާ މެދު އިހުމާލުކޮށްލެވިއްޖެ ނަމަ ނަތީޖާ ފެންނާނީ އަޅުގަނޑުމެން އެދޭ ގޮތަކަށް ނޫނެވެ. 

އަޅުގަނޑުމެންގެ އުންމީދަކީ ކުއްޖާ އިނގިރޭސި ބަހަށް މޮޅުކުރުމެވެ. ދިވެހިބަހަކީ ދަސްނުކުރިޔަސް ފަހުން އެނގޭނެ އެއްޗެއްކަމަށް ބަލައިގެންނެވެ. މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. ދިވެހިބަސް  ޅަފަތުގައި މޮޅަށް ދަސްކޮށްދެވޭނަމަ، އަދި ހަމަ އެޔާއެކު އެކީގައި އިނގިރޭސިބަސް ވެސް ޅަފަތުގައި ކިޔަވައިދޭ ނަމަ، އަދި އެޔާ އެކުއެކީގައި ޢަރަބިބަސް ވެސް ކިޔަވައިދޭނަމަ ކުއްޖާ  އެ ތިން ބަހަށް ވެސް މޮޅުވާނެއެވެ. މިޔާ ޚިލާފަށް މާދަރީބަސް ކަމުގައިވާ ދިވެހިބަސް އިހުމާލުކޮށްލެވިއްޖެ ނަމަ، ނަތީޖާއަކަށް ވާނީ ކުއްޖާ މޮޅުވާންޖެހޭ މިންވަރަށް އެއް ބަހަކަށް ވެސް މޮޅުނުވުމެވެ. ޚިޔާލާއި ޝުޢޫރުތައް ހާމަކުރުމުގައި ކުއްޖާއަށް އުނދަގޫތަކާ ކުރިމަތިވުމެވެ. މި ހަގީގަތް މިއަދު އަޅުގަނޑުމެންނަށް އެބަ ފެނޭ ނޫންތޯއެވެ؟ "ދިވެހިބަހުން" ދިވެހީންނަށް އޮޅުންފިލުވައިދޭން ހުށަހަޅާ ހުށަހެޅުންތަކުގައި ދިވެހިބަހުން އަރިމަތީސުރުޚީ (ސަބްޓައިޓްލް) ލިޔާ ހިސާބަށް ދިޔަކަން މިއަދު ފެނުނު ވީޑިއޯއަކުން ސާބިތުވެއެވެ. މިއީ ހިތާމައިގެ ކޮޅެއް ވެސް ނެތް ކަމެކެވެ. ދިވެހިބަހުން ހުށަހެޅި ހުށަހެޅުމެއްގެ ވީޑީއޯގައި އަލުން ދިވެހިބަހުން "އަރިމަތީސުރުޚީ" (ސަބްޓައިޓްލް) ލިޔާންޖެހުމަކީ ކޮންފަދަ ލަދުވެތި ކަމެއްތޯއެވެ!

މާދަރީބަހުން ލިޔެފައި ހުންނަ ފޮތްފޮތުން ކިޔަވައިދިން ކަމުގައި ވިޔަސް އުނގަންނައިދޭ މާޙައުލުގައި އެބަޔެއްގެ ބަހުރުވައިން ކުދީންނަށް އޮޅުންފިލުވައިދިނުމަކީ ވެސް ގިނަބައްސަކަމުގެ މަފުހޫމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގަބޫލުކުރަމެވެ. އެކަމަކު އެންމެންގެ ފަސޭހައަށް ޓަކައި ފޮތްފޮތް ލިޔެފައި ހުންނާންވާނީ އެބަޔެއްގެ އާންމު އަދަބީ ބަހުރުވައިންނެވެ. މިއީ އިނގިރޭސިބަހުގައި ވެސް ޢަރަބިބަހުގައި ވެސް އަދި ހުރިހައި ބަހެއްގައި ވެސް މި ކަން އޮންނާންވާނެ އަދި އޮންނަ ގޮތް ވެސް މެއެވެ. ނަމަވެސް އޮޅުންފިލުވައިދިނުމުގައި އެ ހިސާބެއްގެ ބަހުރުވަ ބޭނުންކުރުމަކީ ދޭހަކޮށް ގަތުމަށް ދަރިވަރުންނަށް ފަސޭހަވާނެ ކަމެއްކަން ކަށަވަރެވެ.

ވީމާ، ޔުނެސްކޯއިން ގަބޫލުކުރާ ފަދައިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގައި އެންމެންގެ ޝާމިލުވުން އިތުރުކުރުމަށް ޓަކައި، ގިނަބައްސަކަން އިތުރުކުރަމާތޯއެވެ! މިއަދު ޢާންމު އިޖުތިމާޢީ ކަންކަމުގައި ގިނަބައްސަކަން ޝާމިލުކުރާ ފަދައިން  ތަޢުލީމީ ނިޒާމުގައި ވެސް ގިނަބައްސަކަން ޝާމިލުކޮށް ޙަޔާތުގެ ކުރީކޮޅުގައި ދެވޭ ތަޢުލީމު ވާންޖެހޭނީ އެ ބަޔެއްގެ ފުރަތަމަ ބަސް ނުވަތަ މާދަރީބަހުގެ މައްޗަށް ބިނާވެފައިވާ ތަޢުލީމެއް ކަމަށް ހަދަމާތޯއެވެ! ޔުނެސްކޯގެ މި އަހަރުގެ ޝިޢާރާމެދު ފުންކޮށް ވިސްނައިވަޑައިގެން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ފިޔަވަޅުތައް އަޅަމާތޯއެވެ! ޔުނެސްކޯއިން ކޮންމެ އަހަރަކު ކަނޑައަޅުއްވާ ޝިޢާރަކީ ހަމައެކަނި ހަފުލާތައް ޒީނަތްތެރިކުރާން ލިޔެލާ ޢިބާރާތަކަށް ނަހަދައި އެ ޝިޢާރުގެ މައްޗަށް ޢަމަލުތައް ބައްޓަންކުރަމާތޯއެވެ! މާދަރީބަހުގެ ދުވަހުގެ މި އަހަރުގެ ޝިޢާރާމެދު ފުންކޮށް ވިސްނައިލުމުން އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުޢޫރުތައް މި ހާމަކޮށްލީ ކަމާބެހޭ އިދާރާތަކުންނާއި ވިދާރާތަކުން މި ކަމާމެދު ޚިޔާލުފުޅުކުރައްވައިފާނެކަމުގެ އުންމީދުގައެވެ.

_____________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ