www.fanvai.info

Print

"އަތުކުށް" (4)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ސިލްސިލާ ގޮތެއްގައި އަޅުގަނޑު ލިޔަމުން މި ގެންދާ ލިޔުމުގައި މި ފަހަރު ވެސް އަޅުގަނޑު ބަލައިލާން މި ގަސްތުކުރަނީ ނޫހެއްގައި އޮތް އެންމެ ޖުމުލައެއްގެ މައްޗަށެވެ. ދެންނެވިފައި ވާނޭ ފަދައިން އަޅުގަނޑުގެ މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ގަވާއިދަށް އަހުލުވެރިކުރުވުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަޅުގަނޑު ބަޔާނެއް ނުކުރަމެވެ. 

އަޅުގަނޑުގެ ހަގީގީ ބޭނުމަކީ، އެ ދުވަހެއްގައި ފާހަގަކުރެވުނު ކުށް ޢިބާރާތް ލިޔެ، އެ ޢިބާރާތުގެ ރަނގަޅު ގޮތް، ސަބަބާއެކު ބަޔާންކުރުމެވެ. މި ލިޔުމާ މެދު ފަހި ނަޒަރަކުން ވިސްނައިވަޑައިގެން ލިޔުންތައް އިޞްލާޙުކުރައްވާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އުންމީދާއި މަޤުޞަދާއި ނިޔަތެވެ. މިއަދުގެ ލިޔުން ތަންކޮޅެއް ދިގުކޮށް ލިޔާންޖެހިފައިވާތީ، މި ލިޔުން ދެ ފަހަރަކު ވިދާޅުވުން ވެސް މިއަދު އަޅުގަނޑު އެދެމެވެ. 

މިއަދު އަޅުގަނޑު ނަކަލުކޮށްލީ ތަންކޮޅެއް ދިގު ޖުމުލައަކަށެވެ. "އެޗްޕީއޭއިން މިރޭ އާންމުކުރި ކައުންސިލް އިންތިހާބުގައި އަމަލުކުރަން ޖެހޭ އާންމު އުސޫލުގައި އިންތިހާބަށް ތައްޔާރުވުމުގައްޔާއި އިންތިހާބު ބޭއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ވޯޓު ގުނުމުގައި އަމަލު ކުރަންވީ ގޮތާއި އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން އަމަލުކުރަން ޖެހޭ ގޮތްތަކާއި ވޯޓުލާ މަރުކަޒުގައި ހުންނަ ތަކެތީގެ ސާފުތާހިރުކަން ހުންނަން ޖެހޭ ގޮތް ހިމަނާފައިވެއެވެ." މި ޖުމުލައެވެ. 

މި ޖުމުލައިން ކުށެއް ފާހަގަކުރުމުގެ ކުރީން ޖުމުލައިގައި އޮތް ވަރަށް ރަނގަޅު ކަމެއް ފާހަގަކޮށްލާނަމެވެ. މި ޒަމާނުގެ ބައެއް ޤާނޫނުތަކުގައި ވެސް ތަކުރާރުކޮށް ލިޔެފައި ހުންނަ (އެކަމަކު ޤާނޫނުއަސާސީގައި އެ ކުށް ނުހުންނަ) ކުށް ގޮތެއް، މި ޖުމުލައިގައި ރަނގަޅަށް އޮތްކަން ފާހަގަކޮށްލާން ބޭނުންވީއެވެ. އެއީ "ތައްޔާރުވުމުގައްޔާއި" މި ޢިބާރާތެވެ. ވަރަށް ރަސްމީ ލިޔުންތަކުގައި ވެސް "ގައި"ގެ ފަހަތަށް "އާއި" ގުޅުމުން "ގައާއި" އަށް ބަދަލުކޮށް ލިޔެފައި ހުރެއެވެ. އެއީ ކުށް ގޮތެކެވެ. ނަމަވެސް މި ލިޔުމުގައި އޮތީ ރަނގަޅަށެވެ. އެއީ "ގައްޔާއި"އެވެ. މި ކަމަށް ޓަކައި އުފާކޮށް ތަހުނިޔާ ދަންނަވަމެވެ.

މި ކަން ރަނގަޅަށް އޮތް ނަމަވެސް، މި  ޖުމުލައިން ވެސް ދެތިން ކުށެއް އަޅުގަނޑު ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކުށަކީ ކުށެކޭ ދެންނެވުމަށްވުރެ ބޮޑަށް އަޅުގަނޑު ދަންނަވައިލާ ހިތް ވަނީ އެއީ އެންމެ ރަނގަޅު ގޮތެއް ނޫނޭއެވެ. އެއީ އަކުރުގައި ނުކުތާ ޖެހުމުގެ ވާހަކައެވެ. އާންމު، އުސޫލު، ހަގީގަތް، ގަވާއިދު ފަދަ ދިވެހި ވެފައި ހުންނަ ލަފުޒުތައް ނުކުތާ ނުޖަހައި ލިޔުމަކީ އަޅުގަނޑު ވެސް ގަބޫލުކުރާ ގޮތެވެ. ނަމަވެސް އޭގެ މާނައަކީ ދިވެހިބަހުގައި ނުކުތާޖެހި އަކުރެއް ނެތްކަމަށް މުޅީން ބެލުމެއް ނޫނެވެ. ޚ، އާއި ޝ އާއި ޕ އާއި ޟ ފަދަ އަކުރުތަކުގައި ނުކުތާ ޖަހާންޖެހޭނެއެވެ. ޚަބަރަށް "ހަބަރު" ކިޔުމަކީ އަދި ޝުކުރިއްޔާއަށް "ސުކުރިއްޔާ"، އިންތިޚާބަށް "އިންތިހާބު" ލިޔުމަކީ އަދި ބައްޕައަށް "ބައްފަ" ލިޔުމަކީ ރަނގަޅު ގޮތް ގޮތެއް ނޫނެވެ. އެހެނީ އެއީ ދިވެހި އިސްތިމާލުގައި ބޭނުންކޮށް ދިވެހި މަޚުރަޖަށް ވެފައި ހުރި އަޑުތަކެކެވެ. ހަމަ މިފަދައިން "ޢަމަލު" މި ލަފުޒާއި "އަމަލު" މި ލަފުޒަކީ މުޅީން ތަފާތު ދެ މާނައެއްގައި ދިވެހިބަހުގައި ވެސް އިސްތިމާލުކޮށް އުޅޭ ދެ ލަފުޒަށް ވާތީ "ޢަމަލު" ލިޔާންޖެހޭ ތަންތާނގައި "އަމަލު" ލިޔުމަކީ މާނަ އަރައިރުންވެދާނޭ ކަމެކެވެ. ވީމާ، "ޢަމަލު" (ކުރާ ކަންކަން) ލިޔުއްވާއިރު ނުކުތާ ޖައްސަވާން އަޅުގަނޑު އިލްތިމާސްކޮށްލާން ބޭނުމެވެ. މާނަ ތަފާތުވާތީއެވެ. "އަމަލު" މިއީ "ޢަމަލެއް" ނޫނެވެ. ދިވެހިބަހުގައި ވެސް މެއެވެ. ދިވެހިބަހުގައި "އަމަލު"ގެ މާނައަކީ "މަސްތު"އެވެ. ނުވަތަ "އެއްޗެއް ކައިގެން ނުވަތަ ބޮއިގެން ނުވަތަ މި ނޫން ވެސް ގޮތަކުން ވާ މަސްތު"އެވެ. އަދި "ދެބަންދިހާރަ"ވުމަށް ވެސް އަމަލުވުމޭ (މަޖާޒީ ގޮތުން) ކިޔައެވެ. ޢަރަބި ބަހުގައި "އަމަލު"ގެ މާނައަކީ "އުންމީދު" ކަމަށް ވާތީ، އަދަބީ ބައެއް ލިޔުންތަކުގައި (ޚާއްޞަކޮށް ޅެންވެރިކަމުގައި) އެ މާނައިގައި ވެސް "އަމަލު" (މި ލަފުޒު) ބޭނުންކޮށްފައި އެބަހުއްޓެވެ. އަދި "މަދްރަސަތުލްއަމަލު" ނަމަކަށް ކީ މަދަލުސާއެއް ވެސް އަޅުގަނޑު ދުށީމެވެ. އެހެންވީމާ "ޢަމަލު" ލިޔުއްވާންޖެހޭ ތަނެއްގައި "އަމަލު" ލިޔުއްވައިގެން ކަމުދާނެކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ ތަފާތު ދެ މާނައެއްގައި ބޭނުންކުރެވޭ ތަފާތު ދެ ލަފުޒަކަށް ވާތީއެވެ.

އަޅުގަނޑު ނަކަލު ކޮށްލި ޖުމުލައިން ފާހަގަކޮށްލާން ބޭނުންވާ އަނެއް ލަފުޒަކީ "އަމަލުކުރަން" މި ލަފުޒެވެ. މި ލަފުޒުގެ ފުރަތަމަ އަކުރު ޢައިނަކަށް ބަދަލުކުރާންޖެހޭ ވާހަކަ، ސަބަބާއެކު، އިސްވެ ދެންނެވިއްޖެއެވެ. ގެންނާން ޖެހޭ އަނެއް ބަދަލަކީ ރ ގައި އަބަފިލީގެ ބަދަލުގައި އާބާފިލި ޖެހުމެވެ. "ޢަމަލުކުރަން" އެއީ އެ ލަފުޒު ވާކަމުގެ ޒަމާނުގައި އޮންނަ އިރު، ލިޔާން ޖެހޭ ގޮތެވެ. ކަމެއް ކުރުމަށް ޓަކައި ނުވަތަ ފަހުން ކުރާންޖެހޭ ކަމެއްގެ މާނަ ދޭހަކުރުމުގެ ގޮތުން ލިޔާނަމަ އެ ރާގައި އާބާފިލި ޖަހާންޖެހެއެވެ. (ކިޔާއިރު އަޑު ކުރުކޮށް ކިޔުމަކީ އެކި މީހުންގެ ވާހަކަ ދެއްކުމުގައި ހުންނަ ތަފާތެކެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. ނަމަވެސް ލިޔާންޖެހޭނީ އާބާފިއްޔެވެ.)  އެ ޖުމުލައިގައި އޮތް "ސަމާލުކަން ދޭންވީ" މި އިބާރާތުގައި ދ ގައި އެބެފިލި ނުޖައްސަވައި އޭބޭފިލި ޖެއްސެވި ހަމައިން ("ދެންވީ" ނުލިޔުއްވައި "ދޭންވީ" ލިޔުއްވި ފަދައިން) އެ ރާގައި ވެސް އަބަފިލީގެ ބަދަލުގައި އޮންނާންވާނީ އާބާފިއްޔެވެ. މި އަބަފިއްޔާއި އާބާފިލި ތަފާތުވާ ގޮތުގެ ބައެއް މިސާލުތައް ދަންނަވައިލިއްޔާ ފަސޭހަފުޅުވެދާނެތީ އެ ފަދަ ބައެއް މިސާލު ދަންނަވައިލާނަމެވެ. 

(1)އަހަރެން ކޮންމެ ދުވަހަކު ހިނގަން.  އަހަރެން ކޮންމެ ދުވަހަކު ހިނގާން ދަން.

(2) އެ ގެއަށް އަހަރެން ދަން. މި ދަނީ ވެސް އެ ގެއަށް ދާން.

(3) އަހަރެން އަބަދު ވެސް މެންދުރު ކަން.  މިއަދު މެންދުރު ކާން ދަމުން ތިޔަ ގެޔަށް ވަދެލާނަން.

(4) އަހަރެން ކޮންމެ އަހަރަކު ވެސް ރޯދައަށް މަސައްކަތް ހުއްޓައިލަން.   މި ފަހަރު ރޯދައަށް މަސައްކަތް ހުއްޓައިލާން މި ގަސްތު ކުރަނީ ފަހު ދިހައަށް އެކަނި.

(5) ތިޔަ މަގުން ވެސް އަހަރެން ދުއްވަން. އަހަރެން ކާރު ދުއްވާން ދާއިރު، އެ ގޭ ދޮރުމަތީން ވެސް ދަން.

(6) އަހަރެން އަބަދުވެސް މޫދަށް އެރެން.  މިއަދަކު މޫދަށް އެރޭން ދާ ހިތެއް ނުވޭ.

(7) އަބަދު ވެސް އަހަރެން އެކަން ކުރަން. އެކަމަކު މިއަދު ކުރާން މި އުޅެނީ އެހެން މަސައްކަތެއް.

މި އުޞޫލުގެ މަތީން، އެ ޖުމުލައިގައި ހުރި، "އަޅަންޖެހޭ"، "އަމަލުކުރަންވީ"، "އަމަލުކުރަންޖެހޭ"، "ހުންނަންޖެހޭ" މި ޢިބާރާތްތަކުގައި އަބަފިލި ޖަހައިފައި ހުރި ޅ، ރ، ނ ގައި އަބަފިލގެ ބަދަލުގައި އާބާފިލި ޖަހާންޖެހެއެވެ.

ދެން އޮތީ އައިބައިފިލީގެ ވާހަކައެކެވެ. ޖުމުލަ ނިންމައިފައި އޮތް "ހިމަނާފައިވެއެވެ" މި ޢިބާރާތުގައި މި އޮތް ނޫނުގައި ޖަހާންޖެހޭނީ އައިބައިފިއްޔެވެ. އާބާފިއްޔެއް ނޫނެވެ. އެކަން ދެނެގަތުމަށް ޓަކައި "ހިމެނުން" މި މަޞްދަރުން ނިމުނުކަމެއް އުފައްދައިލައްވާށެވެ! މި ގޮތަށް ނިމުނުކަމެއް އުފައްދައިފި ނަމަ އޮންނާނީ "ހިމަނައިފި" މިހެން ނޫންތޯއެވެ! "ހިމަނާފި"އެއް ނުލިޔަމެއް ނޫންތޯއެވެ. އެހެންވީ އިރު ފާފުގައި އައިބައިފިލި ޖަހާންޖެހުމުން އެ އަކުރުގެ ކުރީގައި އޮތް ނޫނުގައި އޮންނަ އައިބައިފިލި، އާބާފިއްޔަށް ބަދަލުކުރުމަކީ އެއްވެސް ހަމައެއްކަމަށް ވާނެތޯއެވެ! ވީމާ، އެތަން އޮންނާން ޖެހޭނީ "ހިމަނައިފައިވެއެވެ" މިހެންނެވެ.

އިސްވެ ދެންނެވުނު ހަމަތަކާއި އުޞޫލުތަކަށް ރިޢާޔަތްކޮށް، އަޅުގަނޑު މިއަދު މި ވާހަދެއްކި ދިގު ޖުމުލަ އޮންނާންޖެހޭ ރަނގަޅު ގޮތަށް ލިޔެލުމާއެކު މި މަޢުޟޫޢުން ވަކިވެލާނަމެވެ. މާ ބޮޑަށް ދިގުވެދާނެތީ އެވެ. ރަނގަޅުކުރި ތަންތާނގައި ދަށުރޮނގު ދަމައިފައި އެ ވަނީއެވެ.

"އެޗްޕީއޭއިން މިރޭ އާންމުކުރި ކައުންސިލް އިންތިޚާބުގައި ޢަމަލުކުރާން ޖެހޭ އާންމު އުސޫލުގައި އިންތިޚާބަށް ތައްޔާރުވުމުގައްޔާއި އިންތިޚާބު ބޭއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅާންޖެހޭ ފިޔަވަޅުތަކާއި ވޯޓު ގުނުމުގައި އަމަލު ކުރާންވީ ގޮތާއި އިންތިޚާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން ޢަމަލުކުރާން ޖެހޭ ގޮތްތަކާއި ވޯޓުލާ މަރުކަޒުގައި ހުންނަ ތަކެތީގެ ސާފުތާހިރުކަން ހުންނާން ޖެހޭ ގޮތް ހިމަނައިފައިވެއެވެ."

____________________________

www.fanvai.info