އަދުގެ ޚާއްސަ

Print

ދިވެހިބަހުގައި ކަމާއި ކަމުގެ ޒަމާނާމެދު ޚިޔާލެއް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ދިވެހިބަހުގައި ހިމެނޭ "ކަން" މިއީ ވަރަށް ފުޅާ މައުޟޫޢެކެވެ. ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކޮށް ގޮތެއް ނިންމާން ޖެހިފައިވާ މައުޟޫޢެކެވެ. މި މައުޟޫޢުގައި މިވެނި ކަމެއް އޮންނަނީ ނުވަތަ އޮންނާންވާނީ މިވެނިހެންނޭ ބުނެ އަޅުގަނޑު އަމިއްލައަށް ގޮތް ނިންމުމަށް ވުރެ، ބޮޑު މައުޟޫޢެކެވެ. އަޅުގަނޑަކަށް އެ ގޮތަކަށް އެ ކަމެއް ނުވެސް ނިންމޭނެއެވެ. ވީމާ މި ކަމާމެދު ގޮތެއް ކަނޑައަޅުއްވާން ޖެހޭނީ އަދި އެ ކަމުގެ އިޚުތިޔާރު އޮންނާނީ ވެސް ދިވެހިބަހުގެ ކަންކަމާ ގުޅޭ ގޮތުން ފަހުބަސް ވިދާޅުވާ ވިދާރާއަކަށް ކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަމެވެ.

އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާ ނަމަ، ބަހުގެ ގަވާއިދު އަލުން ދިރާސާކުރައްވައި މުރާޖަޢާކުރައްވައި ފުރިހަމަކުރެއްވުގެ ބުރަ މަސައްކަތްޕުޅު، ކަމާބެހޭ ވިދާރާއިން ކުރައްވަމުން އެބަ ގެންދަވައެވެ. (މި މަޢުލޫމާތު ކުށް ކަމުގައިވާނަމަ، މާފުކުރެއްވުން އެދެމެވެ.) އެހެންކަމުން، މިއަދު އަޅުގަނޑު ގަލަން ނަގައިގެން މި އުޅެނީ، ކަމާ ބެހޭ ގޮތުން ފަންނީ ބޭފުޅުން މަޝްވަރާކުރައްވާ އިރު، އެ ބޭފުޅުންގެ މޭޒުކޮޅު މައްޗަށް ހުށަހަޅައިލާން ބޭނުން ބައެއް ޚިޔާލުތައް ޙިއްސާކޮށްލުމުގެ ބޭނުގައެވެ. މި ދިމަދިމާއަށް ނުވަތަ މި ނުކުތާތަކާ ދޭތެރޭ އެ ބޭފުޅުންގެ ނަޒަރު ސީދާނުކުރައްވާނެތީއެއް ވެސް ނޫނެވެ. އެކަމަކު، ޚިޔާލެއް ހުށަހަޅައިލުމަކީ އަޅުގަނޑަށް ވެސް ކޮންމެވެސް ވަރަކަށް އެ މަސައްކަތްޕުޅުގައި ކުޑަ ނަމަވެސް ހިއްސާއެއް ވެވުނީކަމުގެ އިޙުސާސްކުރެވޭނޭ ކަމެއް ކަމަށް އުންމީދުކުރެވޭތީއެވެ. އެކަމުގެ އެދުމުގައެވެ. 

ދިވެހިބަހުގައި މިހާރު ބޭނުންކުރެވެމުންދާ ހަމައިން ބަލާއިރު، ކަމަކީ އެ ލަފުޒަކުން ޢަމަލެއް، ނުވަތަ އެ ޢަމަލެއްގެ ޒަމާން އެނގޭ ގޮތަށް އޮންނަ ކޮންމެ ލަފުޒެއްކަމަށް ވިސްނެއެވެ. މުހަންމަދު އަމީން (1368) ލިޔުއްވި "ދިވެހިބަސް، ދަރިވަރުންގެ އެހީތެރިޔާ"ގައި ބަޔާންކުރައްވައިފައިވާ ގޮތުން "ކަމަކީ ބަސް ބެހިފައިވާ ޒަމާންތަކުގެ ތެރެއިން ކޮންމެވެސް ޒަމާނެއްގައި ކަމެއް ހިނގައިފިކަން ނުވަތަ ހިނގާނނޭކަން، ނުވަތަ ހިނގައިފާނޭކަން ދޭހަކޮށްދޭ ބަހެކެވެ." (ޞ: 25، 26). މި ތަޢާރަފުގައި ހިނގަނީކަން ނުވަތަ ހިނގާކަން ދޭހަކޮށްދޭ ލަފުޒެއްގެ ވާހަކަ ނެތުމުން ކަމުގެ ހުރިހައި ޒަމާނެއްގެ ވާހަކައެއް ގެންނަވައިފައެއް ނެތެވެ. 

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢުކުރައްވައިފައިވާ "ދިވެހިބަހުގެ ގަވާއިދު" (1،2،3،4)ގައި ވާ ގޮތުން "ކަމަކީ ވޭތުވެ ދިޔަ ޒަމާނުގައި ހިނގައިފައިވާ ކަމެއް، ނުވަތަ މިހާރު ހިނގާ ކަމެއް، ނުވަތަ އަންނާން އޮތް ޒަމާނުގައި ހިނގާނެ ނުވަތަ ހިނގައިފާނެ ކަމެއް ދޭހަކޮށްދޭ ކޮންމެ ބަހެކެވެ." (ޞ. 8). މި ތަޢާރުފުގައި ވެސް ހުރިހައި ޒަމާނެއް ގެންނަވައިފައިވާކަމަކަށް ނުވިސްނެއެވެ. އިބްރާހީމް ރުޝްދީ (1355) ލިޔުއްވި "ސުއްލަމުލްއަރީބް ފީ ޤަވާޢިދު ލުޣަތިލްމަޙަލްދީބި"ގައި، ކަން (ފިޢުލު) ބަޔާންކުރައްވައިފައިވަނީ "ފިޢުލަކީ ބުނާ ބުނުމުން ކަމެއް ކުރުމަށް ދޭހަކުރާ ކޮންމެ ބަހެކެވެ." މިފަދައިންނެވެ. (ޞ:9، 10). ޙުސައިން ޞަލާޙުއްދީން (1347) ލިޔުއްވި "އައްތުޙުފަތުލްއަދަބިއްޔާ ލިޠުއްލާބިއްލުޣަތިލްމަޙަލްދީބިއްޔާ"ގައި ކަމުގެ ވާހަކަ ގެންނަވައިފައި ވަނީ މި ދަންނަވާ ގޮތަށެވެ. ނަމާއި ކަން އޮޅުންފިލުވައިދެއްވުމަށް ޓަކައެވެ. "ވެއަތުވެ ދިޔަ ޒަމާނާއި މިހައިރު ހިގަހިގައި އޮތް ޒަމާނާއި އަންނާން އޮތް ޒަމާނާއި މި ތިން ޒަމާނުންކުރެ ޒަމާނަކާއި އެކުލެވުމެއް ނެތި ކޮންމެވެސް މަޢުނައެއް ދޭހަވާ ކޮންމެ ލަފުޒަކީ ނަމެވެ. މަޘަލަން: ގެ. ވެލި. މޫސާ. މަގު. ރަތް. ތަދު.   މި ބުނި ތިން ޒަމާނުންކުރެ ޒަމާނަކާއި އެކުލެވިގެން މައުނައެއް ދޭހަވާ ކޮންމެ ލަފުޒަކީ ކަމެކެވެ. މަޘަލަން: ކައިފި. ކައި. ކާނެ." (ޞ:33)

މުޙަންމަދު ޖަމީލު (1969) ލިޔުއްވި "ފިޔަވަޅު-1 ދިވެހިބަހުގެ ޤަވާޢިދު"ގައި ބަޔާންކުރައްވައިފައިވާ ގޮތުން "... ކުރިއަށް ވޭތުވެ ދިޔަ ޒަމާނުގައި، ނުވަތަ، މިހާރު ހިގަހިގާ އޮތް ޒަމާނުގައި ނުވަތަ ފަހުން އަންނާން އޮތް ޒަމާނުގައި ކަމެއް ހިގުމުގެ މާނަދޭހަކޮށްދޭ ބަސްބަހީ ކަމެވެ." (ޞ:7)

މި ތައާރަފުތަކަށް ބަލާއިރު، ކަމުގެ ލަފުޒެއް ކަމަށް ވިޔަސް އެ ލަފުޒުން އެއްވެސް ޒަމާނެއް ދޭހަނުވާ ނަމަ، ކަމުގެ ތެރޭގައެއް ނުހިމެނެއެވެ. އަދި މި ތަޢާރަފުތަކުގައި ނަމަވުމުގެ ވާހަކައެއް ވެސް ނެތެވެ. ނަމަވެސް "ދިވެހިބަހުގެ ޤަވާޢިދު" (1،2،3،4)ގައި "ޒަމާނާ ގުޅޭ ގޮތުން ކަން ބަހައިފައިވަނީ ހަ ބަޔަކަށެވެ. އެއީ، ވާކަން، ވޭވޭހުރިކަން، ވާނޭކަން، ނިމުނުކަން، ނިމިނިމުނުކަން، ނަމަވުން، މި ހަ ބަޔެވެ." (ޞ:25) މީގެ ތެރެއިން "ނަމަވުން" އެއީ ކޮން ޒަމާނެއް ދޭހަވާ ނަމެއްތޯ ސުވާލު ނޫފެދޭތޯއެވެ؟ ދިވެހިބަހުގައި ނަމަވުން އަދާކޮށްދޭ ދައުރަށް ބަލާއިރު ނަމަވުމުގެ ސަބަބުން ވަކި ޒަމާނެއް ދޭހައެއް ނުވެއެވެ. ބައެއް މިސާލުތައް ބަލައިލަމާތޯއެވެ!

1.ދުނިޔޭގައި ތެލުގެ އަގު ބޮޑުވަމުންދާތީ، އެހެން ޤައުމުތަކުގައި ތެޔޮ ހޭދަކުރުން މަދުކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅަމުން އެބަދޭ." (މައުމޫން ޢަބުދުލް ޤައްޔޫމް، 2007)

2.އަވިދިން ދުވަހު ހިނި ދިން ނަސޭހަތް އެހުނުނަމަ، މިހެނެއް ނުވީހެވެ..." (މުޙައްމަދު ޖަމީލް، 2004)

3.ކަލޭމެން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ކަލޭމެންނަށް ތެދުމަގު ލިބޭނެއެވެ." (އަބޫބަކުރު އިބުރާހިމް ޢަލީ، 2008)

4.އެ ރަށުގެ މީހުންގެ ހިތުގައި، އެ ދައިތަޔާ ދޭތެރޭ، އާދަޔާ ޚިލާފު ޙުރުމަތްތެރިކަމެއް އުފެދިފައި ނުވާނަމަ، މިހާރު ކިތަންމެ ފަހަރަކު، އަދަބު ވެސް ލިބިއްޖައީހެވެ. (ޢަލީޙުސައިނު ނައިފަރީ، 1994)

އިސްވެ ދިޔަ ތިން މިސާލު އަޅުގަނޑު ނަކަލުކުރީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އޭރު ކިޔަވަމުން ގެންދެވި ދަރިވަރެއް ކަމުގައިވާ މޫސާ ޝަރީފު 11 އޮގަސްޓް 2011 ގައި ފަންވަތް.އިންފޯގައި ޝާއިޢުކުރައްވައިފައިވާ ލިޔުމަކުންނެވެ. 

ނަމަވުންކަމަށް ގެންނަވައިފައި އޮތް މި ހަތަރު މިސާލުން ދޭހަވަނީ ކޮންމެ ޖުމުލައެއްގައި ދެ ކަމެއް އެބަ އޮތް ކަމެވެ. ނިމިނިމުނުކަމާއި ވާނޭކަމާއި ވާކަން ފަދަ ތަފާތު އެތައް ޒަމާނެއް ވެސް މި ޖުމުލަތަކުން ދޭހަވާކަމެވެ. އެހެންވީމާ "ނަމަވުން" އެއީ ކޮން ޒަމާނެއް ދޭހަކޮށްދޭ "ކަމެއް"ކަމެއް ސާފެއް ނުވެއެވެ. މި ކަންކަމަށް ވިސްނައިލުމުން ކަމުގެ ތައާރަފު އަލުން އިބާރާތްކޮށް ޞަރީޙަކޮށްލާން ޖެހިފައިވާ ކަމަށް ގަބޫލުކުރެވެއެވެ.

އަޅުގަނޑުގެ ނަޒަރުގައި، ކަމަކީ އެ ލަފުޒަކުން އެއްވެސް ޢަމަލެއް، ނުވަތަ ހަރަކާތެއް ދޭހަކޮށްދޭ ކޮންމެ ލަފުޒެކެވެ. މީގެތެރޭގައި ޒަމާން ދޭހަކޮށްދޭ ލަފުޒާއި ޒަމާނެއް ދޭހަނުވާ ލަފުޒު ހުންނަނީއެވެ. މިސާލަކަށް، ކަމުގެނަން ނުވަތަ (މަސްދަރަކީ) ކަމުގެ އަޞްލަކީ ކަން އުފެދިގެން އަންނަ އަޞްލެވެ. ކަމުގެ ނަމުގެ ބައިގައި ހިމެނިއަސް، ކަމުގެ ބައިގައި ހިމެނިއަސް އަޅުގަނޑުގެ އިއުތިރާޒެއް ނެތެވެ. އެކަމަކު އަޅުގަނޑަށް ބުރަވެވެނީ އެއީ ވެސް ކަމުގެ ބައެއް ކަމަށެވެ. އެހެންނަމަވެސް ކަމުގެ ސުން ޒަމާނުގައި ހުންނަ (ޒަމާނެއް ދޭހަނުވާ ގޮތަށް ހުންނަ ކަން) "މާދަ"އިން ޒަމާނެއް ދޭހަ ނުވިޔަސް ހިމަނާން ޖެހޭނީ ކަމުގެ ތެރޭގައިކަމަށް ދެކެމެވެ. ބައެއް މިސާލުތައް ލިޔެލާނަމެވެ.

1-އަހަރެން ކޮންމެ ދުވަހަކު ވެސް މޫދަށް އެރޭން ދަން.  

2-އަހަރެން ކޮންމެ ދުވަހަކު ހިނގާން ވެސް ހިނގަން.  

3-އަހަރެން ކާން ބޭނުންވާ އެއްޗެއް ވިއްޔާ އަބަދު ވެސް ކަން. 

4-މިހާރު ހަމައެކަނި ފެންނާން އޮތީ މަހާނައެވެ.

މި ޖުމުލަތަކުގައި އަޅުގަނޑު ދެމޭފިލި ޖަހައިފައި އެހެރީ ކަމުގެ މާދައިގައެވެ. ފުރަތަމަ ތިން ޖުމުލައިގައި ކުރުފިލި ޖަހައިފައި އެހެރީ ކަމުގެ ވާކަމުގެ ޒަމާން ދޭހަވާ ލަފުޒުތަކުގައެވެ. ބައެއް މީހުން ނުވަތަ ބައެއް ބަހުރުވަތަކުން ވާހަކަދައްކާ އިރު، ދެމޭ ފިލީގެ އަޑު، ކުރު އަޑުގެ ގޮތުގައި ބޭނުންކުރާތީ، ލިޔާއިރު ވެސް އެ ގޮތަށް ލިޔަނީ، މި ކަމުގެ ގަވާއިދެއް އެކަށައެޅިފައި ނުވާތީއާއި އެއީ ކުށެއް ކަމަށް ނުބެލެވޭތީއެވެ. ނަމަވެސް މާދައާއި ވާކަން އެއް ގޮތަކަށް ކުރުފިލި ބޭނުންކޮށްގެން ލިޔުމަކީ އޮޅުންއަރާނެ ކަމަކަށް ވެދާނެއެވެ. "ގޫގްލ" ގަދަ މަންސައެއްގައި ލިޔެލީމާ ކުށް ރަނގަޅުކޮށްލާ ފަދަ "ޕްރޮގްރާމެއް" ހެދޭ ދުވަހަކުން ވެސް ފަސޭހަވާނީ "މާދަ"އާއި ވާކަމުގެ ޒަމާން ތަފާތުކޮށް ލިޔާނަމައެވެ. 

މި ގޮތަށް ދިގުފިލި ޖަހާންޖެހޭ ތަންތާނގައި ކުރުފިލި ޖަހައިގެން ލިޔަނީ ހަމައެކަނި ކަމުގެ މާދައިގައެއް ނޫނެވެ. ނަމުގެ ތެރެއިން "އެއް" އިތުރުކޮށްގެން ގިނަ ކޮށްފައި ހުންނަ ބައެއް ނަންތައް ވެސް އެ ގޮތަށް ލިޔެ އުޅެއެވެ. ގަވާއިދުގައި އެކަމާ މެދު މާ ބޮޑު ވާހަކައެއް ލިޔެވިފައި ނުވާތީއެވެ. އަދި އެއީ ކުށެއް ކަމަށް ވެސް ކަނޑައެޅިފައި ނުވާތީއެވެ. ނަމަވެސް އަޅުގަނޑަށް އެ ގޮތެއް ކަމަކު ނުދެއެވެ. އެހެންވެގެން އެ ފަދަ ތަންތަން ވެސް އަޅުގަނޑު ލިޔަނީ ދެމޭފިލި ޖަހައިގެންނެވެ. އެ ގޮތަށް ދެމޭފިލި ޖެހުމަކީ ކަނޑައެޅިގެން "ކުށެއް" ކަމަށް ގަވާއިދުގައި ކަނޑައަޅުއްވައި ބަޔާން ނުކުރައްވާހާ ހިނދަކު އަޅުގަނޑު ލިޔާނީ ވެސް އަދި އަޅުގަނޑަށް ލިޔެވޭނީ ވެސް އެހެންނެވެ. ނަމުގައި މި ދެންނެވި ގޮތަށް ދެމޭފިލި ހުންނަ ބައެއް ތަންތަން ދަންނަވައިލާނަމެވެ.

1-ދިވެހީން  (ދިވެހި+އިން)  ބައެއް މީހުން ލިޔެ އުޅެނީ "ދިވެހިން"

2-ކުރީން  (ކުރި+އިން)  ބައެއް މީހުން ލިޔެ އުޅެނީ "ކުރިން"

3-ވެރީން (ވެރި+އިން) ބައެއް މީހުން ލިޔެ އުޅެނީ "ވެރިން"

4-ކުދީން (ކުދި+އިން) ބައެއް މީހުން ލިޔެ އުޅެނީ "ކުދިން"

އަޅުގަނޑު ކުރީން ދެންނެވި ކަމުގެ "މާދަ"އާއި ފަހުން މި ދެންނެވި ނަންނަމުގައި ކުރުފިލި ޖަހައިގެން ލިޔެ އުޅެވެނީ ކުރީން ވެސް ދެންނެވި ފަދައިން، ވާހަކަދެއްކުމުގައި އެ އަޑުތައް މާބޮޑަށް ނުދަމައި ކުރުއަޑާއި ދިގު އަޑާ ދެމެދުގެ މިންވަރަކަށް ވާހަކަދައްކައި ކިޔައި ހަދާތީއެވެ. އަދި ގަވާއިދުގައި ކަނޑައެޅިގެން އެއީ ކުށެއް ކަމަށް ކަނޑައަޅައިފައި ނުވާތީއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ލިޔާންވާނީ ރަނގަޅަށް ކަމަށް އަޅުގަނޑަށް ފެނެއެވެ.

ވީމާ، ދިވެހި ލިޔުންތަކުގައި ކުރީން މިވެނި ގޮތަކަށް ލިޔެފައި އެބަހުއްޓޭ ވިދާޅުވުމަކީ އެއީ ހުއްޖަތަކަށް ނުވެއެވެ. ސަބަބަކީ ކުރީގެ ލިޔުންތަކުގައި "އާއި" ބޭނުންކުރުމުގައި ވެސް ވަކި އުސޫލެއް ހިފެހެއްޓިފައެއް ނުހުރެއެވެ. ހުސްނޫނު ބޭނުންކުރާންފެށީ، މާ ފަހުންނެވެ. ސުކުންކުރުމުގައި ވެސް ތަފާތު ގޮތްގޮތަށް ހުރެއެވެ. ހުއްޓާތިކި ވެސް ކޮމާގެ ބަދަލުގައި ބޭނުންކޮށްފައި އެބަހުއްޓެވެ. އިސްވެ ދެންނެވުނު ގަވާއިދު ފޮތްތަކުން ވެސް މި ކަންކަން ވަރަށް ރީތިކޮށް ފެންނާން އެބަހުއްޓެވެ.

މިއަދު އަޅުގަނޑުމެންނަށް ބޭނުންވަނީ ބަސް ބޭނުންކުރެވޭ ހަމަތަކަށް ރިޢާޔަތްކޮށްގެން ގަވާއިދު އިސްލާޙުކުރާށެވެ. މި ގޮތަށް އިޞްލާހުކޮށް ހަދާ ގަވާއިދަކުން ބަހަށް ނުވަތަ ބަހުގެ ގަވާއިދަށް ކުޑަ ވެސް އުނިކަމެއް، ހީނަރުކަމެއް ނާންނާނޭ ގޮތަކަށް ވިސްނައިގެންނެވެ.

މި ކަންކަމަށް ވިސްނައިލުމުން، ދިވެހިބަހުގެ ގަވާއިދު ދިރާސާކޮށް އަލުން އެކަށައެޅުމަކީ ވަރަށް ބިޔަ ބޮޑު ކަމެއްކަމަށް އިޙުސާސްކުރެވެއެވެ. އެއީ އަޅުގަނޑުމެންގެ ބައެއް މީހުން ހީކުރާހައި ކުޑަކުޑަ ކަމެއް ނޫނެވެ. 

އަޅުގަނޑު މި ބަޔާންކޮށްލީ، ކަމާ ބެހޭ ގޮތުން އަޅުގަނޑު މިހެން އެކަނި އިނދެ ވިސްނައިލި އިރު ޚިޔާލަށް އަންނަ ވަރަށް ގިނަ ކަންކަމުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ. މި ކަމުގެ މާހިރުން މި ކަމާމެދު ވިސްނުންފުޅު ގެންގުޅުއްވާ އިރު މި ނުކުތާތަކަށް ވެސް ނަޒަރެއް ދެއްވާނެ ކަމުގެ އުންމީދުގައެވެ.

އަޅުގަނޑަށް މި ވިސްނޭ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދަޢުވާ ކުރަނީކީއެއް ނޫނެވެ. އަދި އެއީ ރަނގަޅު ގޮތެއް ކަމަށް ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރަނގަޅު ނޫން ގޮތެއް ބަޔާންކުރުމަކީ ވެސް ރަނގަޅު ގޮތް ވިސްނުންފުޅަށް ގެންނަވާން ތިޔަ ބޭފުޅުންނަށް ފަސޭހަފުޅު ވެދާނެ ކަމަކަށް ވެސް ވެދާނެއެވެ. އަދި މި ފަދަ ހާސަރުތަކެއްގެ ސަބަބުން ތިޔަ ބޭފުޅުންގެ ވިސްނުންފުޅު އިތުރު ދިމަދިމާއަށް ގެންދަވާން ފަސޭހަފުޅު ވެސް ވެދާނެއެވެ. މި އުންމީދުގައި މި ވާހަކަތައް ހަމަ ހިއްސާކޮށްލާ ހިތް ވީއެވެ. މިއީ ދިވެހިބަހުގައި ކަމާއި ކަމުގެ ޒަމާނާމެދު އަޅުގަނޑު ހަމައެކަނި ފާޅުކޮށްލި އިޚުލާޞްތެރި ޚިޔާލެކެވެ.

___________________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ