www.fanvai.info

Print

ކީރިތި ޤުރުއާނާއި ފަލަކީ ޢިލްމު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ކެޕްޓަން މުޙަންމަދު ޝަރީފް،  ހ. އެލިއަތުވިލާ 

މި ހިނގާ 1441 އަހަރުގެ ފިޠުރު ޢީދުގެ ހަނދާ ގުޅޭ ގޮތުން ބައެއް ޢިލްމުވެރީންގެ މެދުގައި ކުރެވުނު ހޫނު ބަޙުޘަކީ ވަރަށް ޚުޠޫރަތްތެރި ވަގުތެއްގައި ކުރެވުނު ބަޙުޘަކަށްވެފައި، ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންގެ ތެރެއިން ބައެއް ޢިއްޒަތްތެރި ޢިލްމުވެރީން ކޮންމެވެސް ވަރަކަށް އަޅުގަނޑުގެ ރައުޔު ހޯއްދަވަމުން ވެސް ގެންދެވުމާއި އަދި މި ދާއިރާގައި ކޮންމެވެސް މިންވަރަކަށް މަސައްކަތް ކުރުމުގެހެޔޮ ނަޞީބު الله سبحانه وتعالى އަޅުގަނޑަށް މިންވަރު ކުރައްވައިފައި ވާތީ ކޮންމެވެސް ބަހެއް ދަންނަވާން ޤަޞްދުކުރަމެވެ. ފަހަރެއްގައި ވެސް ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންގެ ޢިލްމުވެރިކަމާމެދު އަދި ޢަޤީދާއާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް އޮވެގެނެއް ނޫނެވެ. ނަމަވެސް ވިސްނުން ކޮށި މީހަކަށް ނުވަތަ ބަޔަކަށް އެ ފަދަ ގޮތަކަށް ވިސްނިގެން ހިނގައިދާނޭ ފަދަ ގޮތަކަށް ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންގެ ބަޙުޘް ނުދާނޭ ގޮތަކަށް ދީނީ އަދި ޢިލްމީ ދަލީލުތަކުގެ މައްޗަށް ބައްޓަން ކުރެއްވުން ކިހިނެއްވާނެތޯ ދަންނަވައިލާން އަޅުގަނޑުގެ ހިތަށް އެރީއެވެ.

ފާހަގަކުރެވޭ ފުރަތަމަ ނުކުތާއަކީ، މި ކުރެވެމުންދާ ބަޙުޘަކީ الله سبحانه وتعالى ގެ ކުޅަދުންވަންތަކަމާމެދު ކުރަމުންގެންދާ ބަޙުޘެއް ނޫން ކަމާއި، الله سبحانه وتعالىގެ ކުޅަދުން ވަންތަ ކަމާމެދު، މުސްލިމަކަށްވެ ހުރެ އެ ޞީޣާއިން ސުވާލު ވެސް ނުއުފެއްދެވޭނެކަމީ، ތިޔަ ފަދަ ޢިއްޒަތްތެރި ޢިލްމުވެރީންނަށް ވަންހަނާވެގެން ވާނޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. އަނެއް ނުކުތާއަކީ الله سبحانه وتعالىގެ ޒާތުފުޅުގައި މުސްތަޙީލު ސިފަފުޅުތަކެއް ވާކަމީ ވެސް ކޮންމެ މުސްލިމަކު ޤަބޫލު ކުރުން ވާޖިބު ކަމެކެވެ. ވީ ހިނދު އަޢުރާފު ސޫރަތުގެ 54 ވަނައާޔަތުގައި الله سبحانه وتعالى ވަޙީކުރައްވާފައިވަނީ: ﴿إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ﴾މާނައީ، "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ. އެއަށްފަހު، އެކަލާނގެ عرشގެ މައްޗަށް استواءވެ ވޮޑިގެންވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވައިލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެކަލާނގެ أمر ފުޅަށް ކިޔަމަން ކުރައްވައިފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ހެއްދެވުމާއި أمر ކުރެއްވުންވަނީ، އެކަލާނގެއަށް خاص ވެގެންނެވެ. عالم ތަކުގެ ވެރި اللَّه މަތިވެރިވެ ވޮޑިގެންފިއެވެ."

އަދިވެސް ވަޙީކުރައްވައިފައިވެއެވެ. ﴿أَلَمْ تَرَ أَنَّ اللَّهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي إِلَىٰ أَجَلٍ مُّسَمًّى وَأَنَّ اللَّهَ بِمَا تَعْمَلُونَ خَبِيرٌ﴾މާނައީ، "ހަމަކަށަވަރުން، ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވައި އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވައި އަދި އިރާއި ހަނދު، خدمة ތެރި ކުރެއްވީ، اللَّه ކަން ތިބާޔަކަށް ނޭނގޭހެއްޔެވެ؟ (އެއިން) ކޮންމެ އެއްޗެއް ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

އަދި މި ފަދައިން ވެސް ވަޙީކުރައްވައިފައިވެއެވެ. ﴿وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ وَالنُّجُومُ مُسَخَّرَاتٌ بِأَمْرِهِ ۗ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ﴾3 މާނައީ، "އަދި އެކަލާނގެ ރެއާއި، ދުވާލާއި، އިރާއި، ހަނދު، ތިޔަބައިމީހުންނަށްޓަކައި خدمة ތެރި ކުރެއްވިއެވެ. އަދި ތަރިތައް ވެސް ވަނީ އެކަލާނގެ أمر ފުޅުން خدمة ތެރި ކުރައްވާފައެވެ. ހަމަކަށަވަރުން، އެ ހުރިހާ ކަންތަކުގައި ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ."

އަދިވެސް ވަޙީކުރައްވައިފައިވެއެވެ. ﴿وَهُوَ الَّذِي جَعَلَ لَكُمُ النُّجُومَ لِتَهْتَدُوا بِهَا فِي ظُلُمَاتِ الْبَرِّ وَالْبَحْرِ ۗ قَدْ فَصَّلْنَا الْآيَاتِ لِقَوْمٍ يَعْلَمُونَ﴾4 މާނައީ، "އަދި އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަރިތައް ލެއްވި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން، އެއިން އެއްގަމާއި، ކަނޑުގައި (ރޭގަނޑުގެ) އަނދިރިކަމުގެ ތެރޭގައި، މަގު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ވަކިވަކިން ބަޔާންކޮށްދެއްވީ، ދަންނަ ބަޔަކަށެވެ."

އިރުހަނދާއި ތަރިތަކަކީ الله سبحانه وتعالى އަށް ކިޔަމަން ކުރައްވައިފައި އަދި އިންސާނިއްޔަތަށް ޚިދުމަތްތެރި ކުރައްވައިފައި ވާ ނިޒާމެކޭ ވަޙީ ކުރެއްވުމުން އެއްވެސް މުސްލިމަކު މިކަމާ އިންކާރު ކޮށް، އެއް ދުވަހު އިރުހަނދު ތަންކޮޅެއް ލަހުން ނުވަތަ އަވަހަށް ނުވަތަ އިރު އެރުއްވުން ވެސް ލަސްކުރައްވާން ވަޙީކުރައްވައިފާނެއޭ ވިދާޅުވާނަމަ އެއީ ހިތާމަކުރާން ޖެހޭ ފަދަ ވިސްނުންފުޅެކެވެ. الله سبحانه وتعالىގެ ސުންނަތާ މެދު ސުވާލު އުފެއްދުނީ ނޫންބާވައޭ ވެސް އަޅުގަނޑު ހިތަށްއަރައެވެ. އަދި މި ކަމުގައި އޮތް އެންމެ ޞައްޙަ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ހަމަ ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންނަށްކަމަށް ވެސް ޤަބޫލު ކުރަމެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿مَّا كَانَ عَلَى النَّبِيِّ مِنْ حَرَجٍ فِيمَا فَرَضَ اللَّهُ لَهُ ۖ سُنَّةَ اللَّهِ فِي الَّذِينَ خَلَوْا مِن قَبْلُ ۚ وَكَانَ أَمْرُ اللَّهِ قَدَرًا مَّقْدُورًا﴾މާނައީ، "اللَّه، ނަބިއްޔާއަށް ހުއްދަކޮށްދެއްވި ގޮތާމެދު، އެއްވެސް ކުށެއް ފާފަޔެއް އެ ނަބިއްޔާއަކަށް ނުވެއެވެ. (އެއީ) އިސްވެދިޔަ ނަބިއްޔުންގެ ތެރޭގައިވެސް اللَّه، ކަން ހިންގެވިގޮތެވެ. އަދި اللَّه ގެ امر ފުޅު އެއީ، ކަނޑައެޅި ނިޔާކުރައްވާފައިވާ ނިޔާއެއް ކަމުގައި ވެއެވެ."

އަދިވެސް ވަޙީކުރައްވައިފައިވެއެވެ. ﴿سُنَّةَ اللَّهِ فِي الَّذِينَ خَلَوْا مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ اللَّهِ تَبْدِيلًا﴾މާނައީ، "(އެއީ) އިސްވެދިޔަ މީހުންނާމެދު، اللَّه، ކަންހިންގެވިގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."

އަދި މިފަދައިން ވެސް ވަޙީކުރައްވައެވެ. ﴿سُنَّةَ اللَّهِ الَّتِي قَدْ خَلَتْ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ اللَّهِ تَبْدِيلًا﴾ މާނައީ، "(އެއީ) މީގެކުރިންވެސް اللَّه އެކަލާނގެ (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."

ސޫރަތުއްރަޙުމާންގައި ވަޙީކުރައްވައިފައިވެއެވެ. ﴿الشَّمْسُ وَالْقَمَرُ بِحُسْبَانٍ﴾ މާނައީ، "އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ."

އިރާއި ހަނދު ބަރާބަރު ޙިސާބެއްގެ މަތިން الله سبحانه وتعالى ލައްވައިފައިވާ ވާހަކަ ވަޙީކުރެއްވުމުން އެ ކަމުގައި ފިސާރި ހަމަކަމެއް ހުންނާނެކަމީ ކޮންމެ މުސްލިމަކު ޤަބޫލްކުރުން ވާޖިބު ސިފައެކެވެ. އަދި الله سبحانه وتعالىގެ ސުންނަތް ބަދަލު ނުކުރައްވާނެ ވާހަކަ ތަކުރާރުކޮށް ވަޙީކުރެއްވުމުން ވެސް ހަމަ އެހެން ގޮތަކަށް ބަދަލު ކުރައްވައިފާނެ ނޫންތޯއޭ ސުވާލު އުފެއްދިދާނޭތޯ އަޅުގަނޑުގެ ހިތާ ސުވާލު ކޮށްލަމެވެ. ޖަވާބު ތިޔަ ޢިއްޒަތްތެރި ޢިލްމުވެރިން ދެއްވާނެކަމާމެދު ޝައްކެއް ނުކުރަމެވެ. ވީމާ، ވަގުތު ދެނެގަތުމުގެ އަސާސަކީ އިރުހަނދާއި ތަރިތައްކަން ވަރަށް ސާފުކޮށް މުޅި އިންސާނިއްޔަތަށް ވަރަށް ޞަރީޙަ ޢިބާރާތުން ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން އެނގެން އެބައޮތެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ ﴿فَالِقُ الْإِصْبَاحِ وَجَعَلَ اللَّيْلَ سَكَنًا وَالشَّمْسَ وَالْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ﴾ 9 މާނައީ، "އެކަލާނގެއީ، ފަތިހުގެ އަލިކަން ނެރުއްވި ރަސްކަލާނގެއެވެ. އަދި ހަމަހިމޭންކަމުގެ ވަގުތެއް ކަމުގައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ވަގުތު ދެނެގަތުމަށްޓަކައި) ހިސާބެއްކަމުގައި އިރާއި، ހަނދު ލެއްވި ރަސްކަލާނގެއެވެ. އެއީ، މޮޅަށް ދެނެވޮޑިގެންވާ، ގަދަފަދަވަންތަ ރަސްކަލާނގެ މިންވަރު ކުރެއްވުމެވެ."

ވީމާ الله سبحانه وتعالىގެ މި ވަޙީ ބަސްފުޅާއި މެދު ސައިންޓިފިކް ގޮތުން ވިސްނައިލަމާތޯއެވެ! ކައުނީ ޢިލްމަކީ މުޅި އިންސާނިއްޔަތަށް ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ފައިދާކުރުވަނިވި ޢިލްމެއްކަމަށް ކީރިތި ޤުރުއާނުގެ ސޫރަތުލްބަޤަރާގެ 164 ވަނަ އާޔަތުން ވެސް ވަރަށް ސާފުކޮށް އެނގެން އޮވެއެވެ. "ފަލަކީ" (فَلَكِي) މި ލަފުޒު ނެގިފައި އޮތީ ޢަރަބި ބަހުގެ "ފަލަކު" (فَلَك) މި ލަފުޒުންނެވެ. އަދި ޢަރަބިބަހުގައި މި ލަފުޒުގެ ބޭނުންކުރާ އެއް މާނައަކީ، "އޯބިޓް" އެވެ. ނުވަތަ ކައުނުގައިވާ ހެވެންލީ ބޮޑީއެއް ބުރު ޖެހުމުގައި، އެ އެއްޗެއްގެ ޒާތުގައި ނުވަތަ އެހެން އެއްޗެއްގެ ވަށައިގެން އެނބުރޭ އެނބުރުމަށް ކިޔާ ނަމެއްގެ މާނައިގައެވެ. ވީމާ، ޢަރަބި ބަހުގައިވާ މި ލަފުޒުގެ އިޞްތިލާޙީ މާނައަށް ބަލާއިރު، "ފަލަކީ ޢިލްމު"އަކީ ކައުނުގައި އިރު ހަނދާއި ތަރިތައް ދައުރުކުރާ ގޮތުގެ ޢިލްމަށް ކިޔާ ނަމެކެވެ. މީގެ އިތުރަށް ފަލަކީ ޢިލްމަކީ، މި ބިމާއި އިރު ހަނދާއި ތަރިތައް، ޖައްވުގެ ތެރޭގައި ދަތުރުކުރާ ދުވެއްޔާއި، އެ ތަކެތި ދަތުރުކުރާ ފަލަކުގެ ކުޑަ-ބޮޑުމިނާއި ބައްޓަމާއި، އެ ތަކެތި، އެކަތި އަނެކައްޗާ ދެމެދުގައި ހުންނަ ދުރުމިނާއި، މިފަދަ ޢިލްމީ އެތައް ޙަޤީޤަތްތަކަކަށް ބިނާކޮށް، އިރާއި ހަނދު އަރައި އޮއްސޭނެ ވަގުތާއި، މި ބިމާއި އިރާއި ހަނދު އެކަތި އަނެކައްޗާ ހުރަސްވެ ނިވައިވާނެ (ކޭތަ ހިފާނެ) ވަގުތުތަކާއި، މި ބިމާއި އިރާއި ހަނދު އެއްއުއި (الإِقْـــتِرَان ނުވަތަ conjunction) ވާނެ ވަގުތުތަކާއި މި ފަދަ ޢިލްމީ ޙަޤީޤަތްތައް ބަޔާންކޮށްދޭ ޢިލްމެކެވެ. ނަމަވެސް ފަލަކީ ޙިސާބުން ބުނާ ބުނުންތައް (ނަމާދު ވަގުތުތަކާއި، އިރާއި ހަނދު އަރައި އޮއްސޭ ވަގުތާއި، ކޭތަ ހިފާ ވަގުތުތައް) ބަރާބަރަށް ދިމާވަނީ އެ ކަމުގެ ޙިސާބު ހަދާ މީހުންގެ މޮޅުކަމަކުން ނޫނެވެ. އަދި ކީއްތޯއެވެ! އެ ތަކެތި ކައުނުގައި ފުރިހަމަ ޙިސާބެއްގެ މަތީން ދައުރު ކުރަމުން ގެންދާތީމެއެވެ. ﴿الشَّمْسُ وَالْقَمَرُ بِحُسْبَانٍ﴾ 10 މާނައީ، "އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ."

އިރާއި ހަނދާއި އަދި ދުނިޔޭގެ ދައުރުކުރުމުގެ ހަމަކަމަށް ބަލާއިރު ދުނިޔެ އިރުގެ ވަށައިގެން ޖަހާ ބުރަށް ވިސްނައިލަމާތޯއެވެ! މި ގޮތުން ބަލާއިރު، ދުނިޔެ އިރާއި އެންމެ ކައިރިވާ ދުރުމިނަކީ 149,341,078 ކިލޯމީޓަރެވެ. މި ވަރަށް ކައިރިވަނީ، ކޮންމެ މީލާދީ ސަނަތަކުން ޖެނުއަރީ 3 ވަނަ ދުވަހުއެވެ. އަދި އިރު ދުނިޔެއާ އެންމެ ދުރަށް ދަނީ ކޮންމެ ޖުލައި މަހެއްގެ 4 ވަނަ ދުވަހުގައެވެ. އެ ދުރުމިނަކީ 152,102,196ކިލޯމީޓަރެވެ. މި ފަދަ ބޮޑު ފަލަކެއްގައި ނުވަތަ ބުރު ޖެހުމެއްގައި ދުނިޔެ ހޭދަކުރަނީ 365 ދުވަހާއި 5 ގަޑި އިރާއި 48 މިނެޓް އާއި 45 ސިކުންތާއި 138 މިލި ސިކުންތެވެ. އެއް ކޮޅަށް ކުޑަކޮށް، އަނެއް ކޮޅަށް ބޮޑުކޮށް އޮންނަ ފަލަކެއްގައި ދުނިޔެ ބުރުޖަހަމުން މި ދަނީ އިންސާނުން ޙައިރާންވާ ދަރަޖައިގެ ހަމަ މިނެއްގައެވެ. އެ ބުރު ކޮންމެ ފަހަރަކު ވެސް ފުރިހަމަ ކުރުމަށްޓަކައި ހޭދަވަނީ ހަމަ އިސްވެ ބަޔާން ކުރެވުނުހައި ވަގުތެވެ. ސުބްޙާނަ الله އެވެ! ސިކުންތެއްގެ މިލިއަން ބައިކުޅަބައިގެ ތަފާތެއް ވެސް ނާންނަކަމީ އިންސާނާ ޙައިރާންވެ އަންތަރީސްކުރުވަނިވި ކަމެކެވެ. މިއީ މި ނިޒާމުގެ ދައުރުކުރުމުގެ ހުރި ފުރިހަމަކަމެވެ. ނަމަވެސް މި ހަމަކަމުގެ ވާހަކަ الله سبحانه وتعالى ރަޙްމާން ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވަނީ މީގެ 1441 އަހަރު ކުރީންނެވެ. މި ޢިލްމުގެ ފުރިހަމަ ކަން އިންސާނުންނަށް އެނގުނީ ދާދިފަހުންނެވެ. ނަމަވެސް މި ވާހަކަ މި ވަނީ ޤުރުއާނުގައި އަންގަވއިފައެވެ. ﴿الشَّمْسُ وَالْقَمَرُ بِحُسْبَانٍ﴾11 މާނައީ، "އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ."

އިރާއި ހަނދުގެ ދައުރާނާއަށް ކުޑަކުޑަ ބަދަލެއް އަޔަސް ހީނުކުރާ ކަހަލަ ބޮޑެތި ކާރިސާތަކަކާ ކުރިމަތިވެ، މުޅި އިންސާނީ ނަސްލު ވެސް ނެތިގެންދާނެކަމީ މި ޒަމާނުގެ ޢިލްމަށް ހާމަވެފައިވާ ސައިންޓިފިކް ޙަޤީޤަތްތަކެއްކަން ވެސް ވަނީ ހޯދިފައެވެ. الله سبحانه وتعالى މި ފުރިހަމަ ނިޒާމުގައި ލައްވަވައިފައިވާ އެ ފުރިހަމަކަން ވެސް ދެނެގަތުމަށް އިންސާނިއްޔަތަށް ތަކުރާރުކޮށް އަންގަވައިފައި ވާކަން ޔޫނުސް ސޫރަތުގެ 6 ވަނަ އާޔަތާއި 101 ވަނަ އާޔަތުންނާއި އާލުޢިމްރާންގެ 190 ވަނައާޔަތުންނާއި އަދި އެ ކަންކަމާމެދު ބަލައި ވިސްނައި ހޯދާ މީހުންނަށް ތަޢުރީފުގެ ބަސްފުޅު އާލުޢިމްރާންގެ 191 ވަނައާޔަތުގައި ވަޙީކުރައްވައިފައިވާކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. މި ގޮތުން ބަލައި ހޯދައި ވިސްނައި ފިކުރުކުރުމުން ޢިލްމުގެ އަލީގައި ހާމަވާ ޙަޤީޤތަކީ، މި ނިޒާމު މިހާ ފުރިހަޔަށް ދައުރުވުމަށްޓަކައި الله سبحانه وتعالى ސަބަބުތަކެއް ލައްވައިފައި ވާކަމެވެ. މި ގޮތުން ބަލައި ހޯދައި ވިސްނައި ފިކުރުކުރުމުން ޢިލްމުގެ އަލީގައި ހާމަވާ ޙަޤީޤތަކީ މި ނިޒާމު މިހާ ފުރިހަޔަށް ދައުރު ވުމަށްޓަކައި الله سبحانه وتعالى ސަބަބުތަކެއް ލައްވައިފައި ވާކަމެވެ. އަންނަނިވި އާޔަތްތަކަށް ނަޒަރެއް ދެއްވާށެވެ! ﴿اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ﴾ 12 މާނައީ، "اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގަތެވެ. އަދި އިރާއި، ހަނދު خدمة ތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. آية ތައް تفصيل ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން، ތިޔަބައިމީހުން يقين ކުރުމަށްޓަކައެވެ."

﴿خَلَقَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَابَّةٍ ۚ وَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ﴾ 13 މާނައީ، "ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އެކަލާނގެ އުޑުތައް ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނާއިގެން އެ ބިން ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ހިނގާބިނގާ އުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭ ތަކެތި އެބިމުގައި ފެތުރުއްވިއެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ފެންވެއްސެވީމެވެ. ދެން އޭގެ ސަބަބުން އެ ބިމުގައި މަންފާ ގިނަ ރަނގަޅު ހުރިހާ ބާވަތަކުން، ގަސްގަހާގެހި ފެޅުއްވީމެވެ."

﴿إِنَّا جَعَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ﴾ 14 މާނައީ، "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ލައްވާފައިވަނީ، عرب ބަހުންއޮތް قرآن އެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ."

﴿الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا﴾  15 މާނައީ: "އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް ملك ވެގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ދަރިކަލަކު ނުހިއްޕަވައެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި އެކަލާނގެ ކޮންމެ އެއްޗެއް ހެއްދެވިއެވެ. ފަހެ، އެކަލާނގެ އެތަކެތި ވަރަށް ފުރިހަމަޔަށް މިންވަރު ކުރެއްވިއެވެ."

﴿إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ﴾  16 މާނައީ، "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އެއްޗެއް ހައްދަވައިފައިވަނީ، ކަނޑައަޅުއްވައިފައިވާ ވަކިމިންވަރަކަށެވެ."

އިސްވެ ބަޔާން ކުރެވުނު ހަތަރު އާޔަތަށް ވިސްނައިލާއިރު ކައުނުގައިވާ ނިޒާމުތައް ހިފެހެއްޓެވުމަށްޓަކައި ނުފެންނަ ބާރުތަކެއް ލައްވަވައިފައިވާ ކަމާއި އަދި އެ ބާރުތައް ލައްވަވައިފައި ވަނީ ވަކި މިންވަރަކަށްކަން ވެސް ވަރަށް ޞަރީޙަ ޢިބާރާތުން ވަޙީކުރައްވާފައިވާކަން ހާމަވެއެވެ.

މި ގޮތުން މި ނިޒާމު އެއްވަރަކަށް ދައުރުވެ އެކަތި އަނެކައްޗާ މުޑިނާރައި އެއް އިސްޕީޑެއްގައި ހިންގެވުމަށްޓަކައި ލައްވަވައިފައިވާ ބައެއް ބާރުތަކަކީ އިލެކްޓްރޯ މެގްނެޓިކް ބާރާއި ގްރެވިޓޭޝަނަލް ބާރު ކަން، މިއަދު ޢިލްމުގެ އަލީގައި މިވަނީ ކަށަވަރުކުރެވިފައެވެ. މި ދެންނެވުނު ބާރުތައް އިރާއި ހަނދާއި ދުނިޔޭގައި ލައްވަވައިފައިވަނީ ތަފާތު މިންގަނޑުތަކަކަށްކަން ޢިލްމުގެ އަލީގައި ވަނީ ޔަޤީން ކުރެވިފައެވެ. މި މިންތަކަށް ބަދަލު އަތުވެއްޖެ ނަމަ، ހަނދު ނުވަތަ ދުނިޔެ ވެސް ދައުރުކުރާކުރުމުގެ މިންގަޑަށް ބަދަލުއައިސް ލަސްވެ ނުވަތަ އަވަސްވާނެއެވެ. ނަތީޖާއެއްގެ ގޮތުން ރޭދުވާލަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އަދި ހަނދު ދުނިޔޭގެ ޖާޒުބިއްޔަތުގެ ބާރުގެ ތެރެއަށް ދަމައިގަނެ ނުވަތަ ދުނިޔޭގެ ފަޒާއިން ބޭރުވެގެން ހިނގައިދާނެއެވެ. އަދި މި ސިސްޓަމް، އޮފް ބެލަންސްވެ، ލޮޅުމެއް އަތުވެއްޖެ ނަމަ (މާނައަކީ ދުނިޔޭގެ ޖާޒުބިއްޔަތުގެ ބާރަށް ބަދަލުތަކެއް ކުޑަކޮށް ވެސް އަތުވެއްޖެ ނަމަ) ހަނދުގެ ހިނގުމަށް ބަދަލު އަތުވެދާނެއެވެ. ނަމަވެސް އެ ހިސާބަކުން އެކަމެއް ނުނިމޭނެއެވެ. ދުނިޔޭގެ ގްރެވިޓޭޝަނަލް ފޯސްއާއި އިލެކްޓްރޯމެގްނެޓިކް ފޯސް، މިހާރު މިހިރަ މިންވަރަށް ބަދަލެއް އަތުވެއްޖެނަމަ (ނުވަތަ އުނިއިތުރުވެއްޖެ ނަމަ) އިރުގެ ގްރެވިޓޭޝަނަލް ފޯސްއަށް ދުނިޔެ ދަމައިގަނެގެންދިއުން ނުވަތަ އިރުގެ އޯބިޓުން ނުވަތަ ސޯލާރސިސްޓަނުން ދުނިޔެ ވަކިވެގެން ދާނެ ކަމީ ޒަމާނީ ޢިލްމީ ހޯދުންތަކުން ހޯދިފައިވާ ޢިލްމީ ޙަޤީޤަތެކެވެ. އެކަމުގެ ނަތީޖާއަކަށް ވާނީ، މުޅިދުނިޔެ ފަނާވެގެން ދިޔުމެވެ. ހަމަ އެހެންމެ ދުނިޔޭގެ ގްރެވިޓޭޝަނަލް ފޯސް އިތުރު ވިޔަސް، ހަނދު ހިނގާ މިންގަނޑުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމީ އެނގޭން ހުރި ޢިލްމީ ޙަޤީޤަތެކެވެ. އެކަމަކު އެހެންވެއްޖެނަމަ، ދުނިޔެ އިރުގެ ވަށައިގެން ދައުރުކުރަމުންދާ ދައުރުކުރުމަށް ނިމުމެއް އައީއެވެ. ސޯލާސިސްޓަމުން ދުނިޔެ ބޭރުވެ މިލްކީވޭގެ އެހެން ގުރަހައަކަށް ދުނިޔެ ދަމައިގަނެ ފަނާވެގެން ހިނގައިދާނެ ކަމީ ޒަމާނީ ސައިންސުން ސާބިތުވާ ސައިންޓިފިކް ޙަޤީޤަތެކެވެ. ނަމަވެސް މި ނިޒާމަކީ އެއްވެސް ބަދަލެއް ނާންނަ، ދާއިމަށް ހިނގަހިނގައި ހުންނަ ނިޒާމެއްގެ ގޮތުގައި ލައްވައިފައިވާކަން އަންގަވައި، الله سبحانه وتعالى ވަޙީކުރައްވާފައި ވެއެވެ. ﴿وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ﴾ 17 މާނައީ، "އަދި އިރު، އެއަށް ކަނޑައެޅި قرار ވަނިވި ތަނަކަށް ދާނދެން ހިނގަހިގާ ހުރެތެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރުކުރައްވާފައިވާ ގޮތެވެ."

އަދިވެސް ވަޙީކުރައްވައިފައިވެއެވެ. ﴿وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ ۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ﴾ 18 މާނައީ، "އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އިރާއި ހަނދު خدمة ތެރި ކުރެއްވިއެވެ. ކެނޑިނޭޅި ހިނގާގޮތުގައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭދުވާ خدمة ތެރި ކުރެއްވިއެވެ."

ވީމާ، ދީނާއި ބަދަހި ގުޅުމަކުންގުޅިފައިވާ މިކަހަލަ ޢިލްމީ ބޮޑެތި ވާހަކަތައް އަޅުގަނޑުމެންގެ ހިތަށް ފެންނަ ގޮތަކަށް ދެކެވޭ އިރު، ތަންކޮޅެއް ބޮޑަށް ވިސްނާން ޖެހޭކަމަށް އަޅުގަނޑަށް ފެންނާތީ ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންގެ ސަމާލުކަމަށް ޓަކައި މި ކަންކަން ތިލަ ކޮށްލީމެވެ. ބަޔަކު ނުވަތަ 40 ނުވަތަ 50 މީހަކު ދޭ ހެތްކެއްގެ ސަބަބުން الله سبحانه وتعالىގެ ސުންނަތް (ޠަބީޢީ ޤާނޫނު) ބަދަލުވެގެން ނުދާނެކަމީ ތިޔަ ފަދަ ޢިއްޒަތްތެރި ޢިލްމުވެރީންނަށް ވަންހަނާވެގެން ވާނޭކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ޖަމަލު ހަނގުރާއިމައިގައި ޢާއިޝާ (ރަޟިޔަ ﷲ ޢަންހާ) ޙައުޢަބުގެ ފެންގަނޑާ ބެހޭ ގޮތުން ސުވާލުކުރެއްވުމުން 50 ބޭފުޅަކު ހެކި ނުދެއްވައިތޯއެވެ! ވީމާ، މި އަޞްލުގެ މައްޗަށް ވިސްނައިލެއްވުމުން ވެސް 40 ބޭފުޅުންނަށް ފެނުނު ހަނދުގެ ޙާލަތު ވެގެން އެ ދިޔައި ހަމަ މިފަދައިން ނޫން ބާވައޭ ހިތަށް އަރައެވެ.

22.05.2020ގެ ރޭގައި ސޯމާލިޔާ އާއި، އިތިއޯޕިޔާ އާއި، ކެންޔާ އާއި އަދި ޓެންޒޭނިޔާއަށް ފަލަކީ ގޮތުން ހަނދު ނުލައްވާކަން 100 އިންސައްތަ ސާބިތުވަނީ މި 4 ޤައުމަށް އިރު އޮއްސުމުގެ 5 މިނެޓާއި 8 މިނެޓާ ދެމެދުގެ ވަޤުތެއްގައި އިރަށްވުރެ ކުރީން ހަނދު އޮއްސޭކަން ފަލަކީ ޢިލްމުން ސާބިތު ވާތީ އާއި، އިސްވެ ގެނެސްދެވުނު ދަލީލުތަކުގެ އަލީގައެވެ. އަދި އަނެއް ދަލީލަކީ މޮރޯކޯ އާއި ސެނަގޯލްއަށް ވެސް އިރު އޮއްސުމުގެ ކުރީން ހަނދު އޮއްސޭކަން ފަލަކީ ޙިސާބަށް ސާބިތުވާތީއެވެ.

ވީހިނދު، މޮރޯކޯ އާއި ސެނަގޯލްގެ އިރުމަތީގައި އޮންނަ އެއްވެސް ޤައުމަކަށް ހަނދު ފެނުމަކީ މުސްތަޙީލުކަމެވެ. އަދި މިޞްރާއި މޯޒަންބީކަށް ވެސް ހަނދު ނުލައްވާކަމީ ފަލަކީ ގޮތުން އެނގޭން އޮތް ޙަޤީޤަތެކެވެ. މޮރޯކޯއަކީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހަނދު ބަލަމުންގެންދާ ޤައުމެކެވެ. ކޮންމެ މަހަކު ރަސްމީ ސިފައެއްގައި ހަނދު ބަލާ އިސްލާމީ ޤައުމަކީ މަޣުރިބެވެ. އެ ޤައުމުގައި 270 ތަނެއްގައި ހަނދު ބަލަމުން ގެންދަނީ ޤައުމުގެ ދިފާޢީ ބާރުގެ މީހުން ލައްވައެވެ. އެ މީހުންގެ ޒަމާނީ އާލާތްތަކަށް ވެސް ނުފެނުނު ހަނދެއް އެ ފަދަ އެއްވެސް އާލާތެއް ބޭނުން ނުކޮށް، ބަޔެއްގެ ހަމަލޮލަށް ފެނުން ޙަޤީޤަތަކަށް ނުވާނެއެވެ. އަދި އިރަށްވުރެ ކުރީން އޮއްސިފައިވީ ހަނދެއް ފެނުނުކަމަށް އެއް މިލިއަން މީހުން ހެކި ދިނަސް އެ ކަމެއް ޙަޤީޤަތަކަށް ނުވާނެއެވެ. ފަހަރުގައި އެ ރޭ، އެ ބޭފުޅުންނަށް ހަނދުގެ ސިފައިގައި ވީނަސް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ ވީނަސް ޕްލެނެޓަކީ އެންމެ އަލިގަދަކޮށް ދުނިޔެއަށް ފެންނަ ޕްލެނެޓެވެ. އިރު އޮއްސުނު ފަހުން އިރަށް ވުރެ، ތަންކޮޅެއް އުތުރުހުޅަނގުން ވީނަސް ވަރަށް އަލިގަދަކޮށް އެރޭ ފެންނާން ހުންނާނެއެވެ. ވިލާގަނޑެއްގެ ސަބަބުން ކޫރުމެއް ނުވަތަ ހިލާލެއްގެ ސިފަ ކޮންމެވެސް ވަރަކަށް ޖެހި ހަނދު ހެން ހީވުމުގެ ފުރުޞަތު އެބަ އޮތެވެ.

ވީމާ،  މިދެންނެވި ގޮތަށް ޕްލެނެޓް ވީނަސް ފެނުމުން އެ ގޮތަށް އޮޅުންއެރުމަކީ އެކަށީގެންވާ ކަމެކެވެ. ލޮލަށް ފެންނަ ފެނުމަކީ ޡަންނީ ކަމަކަށް ވަނީ މި ކަހަލަ ކަންކަން ދިމާވަމުން ދާތީއެވެ. 1984 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގައި ރަމަޟާން މަހު 28 ރޯދަ ހިފުނީ ކީއްވެގެންތޯއެވެ؟ އެ މީހުންނަށް ފެނުނީ ހަނދެއް ނޫނެވެ. އެ މީހުންނަށް ފެނުނީ ޢަޠާރިދު (މާރކަރީ) ޕްލެނެޓެވެ. މި ޙާދިސާއަށް ވިސްނައިލާއިރު، އެތައް މިލިއަން ބަޔެއްގެ ފަރުޟު ރޯދަ ގެއްލިގެންދިޔައީ ހަމަ ޔަޤީނުން ވެސް ބަޔަކު ދިން ހެކިބަހަކުން ކަމީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ޙަޤީގަތެކެވެ. އަދި އެ ހެކިބަހަކީ ޙަޤީޤަތެއް ނެތް ހަމަ އެކަނި ހީއެއްގެ މައްޗަށް ދެވިފައިވާ ހެކިބަހެއްކަން ވެސް ވަނީ ސާބިތު ކުރެވިފައެވެ. ފަލަކީ ޙިސާބުތައް ހަދަނީ އިރު، ހަނދު އަދި ތަރިތައް ވެސް ދައުރުކުރުމުގައި ސިކުންތަކަށް ދައުރުވާ މިންވަރަށް ހަމަކޮށެވެ. ހަމަ އެފަދައިން ހަނދު ކޭތަ އަދި އިރު ކޭތަ ވެސް ހިފާ ގަޑި ބަލަމުން ގެންދަނީ ހަމަ އެހާ ހަމަކޮށެވެ. އަދި ދަންނަވަމެވެ. ކޭތަހިފާ ދުވަސްތައް 3000 އަހަރު ކުރިޔަށް ހަދައިފައި ހުރި ވާހަކަ ވެސް ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންގެ މަޢުލޫމާތަށްޓަކައި ދަންނަވައިލަމެވެ. އަދި ރާއްޖޭގައި ވެސް، ކޭތަތައް ހިފާނެ ދުވަހާއި ގަޑި، ކަލަންޑަރުގައި ދީފައި އެ ހުންނަނީ އެއްއަހަރު ކުރީންކަން ވެސް ފާހަގަކޮށްލަމެވެ. އިސްވެދިޔަ ދިގުމާޒީއަށް ބަލާއިރު ކަލަންޑަރުގައި ދީފައިވާ ކޭތައެއް އެ ގަޑިއަށް އެ މިނެޓަށް އެ ކޭތައެއް ހިފައިފައި ވާކަމީ ފަލަކީ ޙިސާބުގެ މުޢުތަބަރުކަމުގެ ކާފީ ހެތްކެވެ. އަދި މުޅި ދުނިޔޭގެ އެންމެން ވެސް އެ ކޭތަތައް ބެލުމަށްޓަކައި ސަމާލުކަންދެމުން ގެންދާކަމީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރި ދެބަސް ނުވެވޭނެ ޙަޤީޤަތެއް ކަމާމެދު އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ.

މިފަދަ މައުޟޫޢަކަށް  ވާހަކަދައްކަވައި، ޖަދަލުކުރައްވާއިރު، އެއްވެސް މިންވަރަކަށް ފަލަކީ ޢިލްމުގެ މަޢުލޫމާތު ނެތި ހީއެއްގެ މައްޗަށް ބަސް ވިދާޅުވެވޭނަމަ ވަރަށް ބޮޑެތި ދެކޮޅުނުޖެހޭ ވާހަކަތައްދެއްކިދާނެއެވެ. ނަމަވެސް އެކަށީގެންވާ މިންވަރަކަށް ފަލަކީ ޢިލްމު އެނގިވަޑައިގަންނަވާ ޢިލްމުވެރީންނަށް، މި ދެންނެވި ކަންކަން ވަރަށް ރަނގަޅަށް ފަހުމުވެ ވަޑައިގަންނަވާނެއެވެ. 

ވީހިނދު، އިރާއި ހަނދު، ދައުރު ކުރުމުގައި، އެއްފަހަރު ދައުރުވުން ލަސްވެ، އަނެއްބައި ފަހަރަށް އަވަސްވެދާނެ ކަމަށް ހީފުޅުކުރެއްވޭނަމަ، އެއީ ވަރަށް ވެސް ބޮޑު ކުށް ހީފުޅެކެވެ. އެ ކަން އިސްވެ ދެންނެވުނު ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގެ އަލީގައި އަދި ބަޔާންކުރެވުނު ސައިންޓިފިކް ހެކިތަކުން ވަރަށް ފުރިހަމައަށް ސާބިތުވާނެއެވެ.

އަންނަނިވި ދެ އާޔަތާމެދު ވެސް އަޅުގަނޑުމެން ފިކުރު ހިންގައިލަމާތޯއެވެ! މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿إِنَّ فِي اخْتِلَافِ اللَّيْلِ وَالنَّهَارِ وَمَا خَلَقَ اللَّهُ فِي السَّمَاوَاتِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَتَّقُونَ﴾ 19މާނައީ، "ހަމަކަށަވަރުން، ރޭދުވާ ތަފާތުވުމުގައްޔާއި އުޑުތަކާއި، ބިމުގައި اللَّه ހެއްދެވި (އެންމެހައި) ތަކެތީގައި، تقوى ވެރިވާ ބަޔަކަށް دليل ތަކެއްވާކަން ކަށަވަރެވެ."

އަދިވެސް ވަޙީކުރައްވައިފައިވެއެވެ. ﴿قُلِ انظُرُوا مَاذَا فِي السَّمَاوَاتِ وَالْأَرْضِ ۚ وَمَا تُغْنِي الْآيَاتُ وَالنُّذُرُ عَن قَوْمٍ لَّا يُؤْمِنُونَ﴾ 20 މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި إيمان ނުވާ ބަޔަކަށް آية ތަކުންނާއި، إنذار ކުރައްވާ رسول ންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެތެވެ."

ވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އިސްވެ ބަޔާންކުރެވުނު އާޔަތްތަކާމެދު، ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީން ތަންކޮޅެއް ފުންކޮށް ވިސްނައިވަޑައިގެން، އަދި އެއާޔަތްތަކުގެ ސައިންޓިފިކް ނުވަތަ ޢިލްމީ މާނަ ވިސްނިވަޑައިނުގަތްނަމަ، އެ ކަމުގެ އަހުލުވެރީންގެ އަރިހުން ސާފުކުރުމެވެ. އޭރުން، މި ކަންކަމުގެ ޙަޤީޤަތް ހާމަވެ ތިޔަ ބޭފުޅުންގެ ހިތްޕުޅުތަކަށް މި ކަންސާފުވެ އަލިވިލޭނެތީވެއެވެ. އަދި އޭރުން، ހަމަ ޔަޤީނުން ވެސް ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންނަށް މި ކަމުގައި ޝިފާއެއް الله سبحانه وتعالى ދެއްވާނެ ކަމަށް އުންމީދުކުރެވެއެވެ. އަޅުގަނޑުގެ ދުޢާއަކީ، الله سبحانه وتعالى ތިޔަ ޢިއްޒަތްތެރި ޢި ލްމުވެރީންނަށް ހެޔޮ ވިސްނުންފުޅު މިންވަރުކުރައްވައި، ބައިބައިވުމުން ދުރުކުރައްވައި، ބަދަހި އެއް އަސާސެއްގެ މަތީގައި ފައިތިލަތައް ސާބިތުކުރެއްވުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމެވެ. އާމީން!

_________________________________

ހަވާލާ:

1. އަލްއަޢުރާފު : 54

2. ލުޤުމާން : 29

3. އައްނަޙުލު : 12

4. އަލްއަންޢާމު : 97

5. އަލްއަޙްޒާބު : 38

6. އަލްއަޙްޒާބު : 62

7. އަލްފަތުޙް : 23

8. އައްރަޙްމާން : 5

9. އަލްއަންޢާމު : 96

10. އައްރަޙްމާން : 5

11. އައްރަޙްމާން : 5

12. އައްރަޢުދު : 2

13. ލުޤުމާން : 10

14. އައްޒުޚުރުފު : 3

15. އަލްފުރުޤާން :2

16. އަލްޤަމަރު : 38

17. ޔާސީން: 38

18. އިބްރާހީމް: 33

19. ޔޫނުސު: 6

20. ޔޫނުސު: 101

www.fanvai.info