www.fanvai.info

Print

2021 ވަނަ އަހަރުގެ ފުރަތަމަ މާހަނދު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

ދުނިޔޭގެ ވަށައިގެން ކޮންމެ މަހަކުވެސް ހަނދު އޭގެ ފަލަކުގައި ބުރެއް ޖަހައެވެ. އެ ފަލަކު އޮންނަނީ ކުކުޅުބިސް ބުރެއްގެ ޒާތަށެވެ. އެހެންކަމުން، އެ ބުރުގައި ހިނގާ ހިނގުމުގައި ހަނދުގެ ސައިޒު ދުނިޔެއަށް ފެންނަ ތަފާތު 12%  ގެ މިންވަރަށް ތަފާތު ވެއެވެ. 

ދުނިޔެއާއި އެންމެ ދުރަށް ހަނދު ދާ މިންވަރަކީ، 4O6,300 ކިލޯ މީޓަރަށެވެ. އެންމެ ކައިރިޔަށް އަންނަ މިންވަރަކީ 356,700 ކިލޯ މީޓަރަށެވެ. 

އެގޮތުން މި އަހަރުގެ ފުތަރަމަ މާހަނދު، މި ރޯދަމަހުގެ 15 ވަނަ ދުވަހު މާލޭގަޑިން ހެނދުނު 08:31 ގައި 357,383 ކިލޯ މީޓަރު ކައިރިޔަށް އަންނާނެއެވެ. އެއީ، މި ރޯދަމަސް ދެބައިވާ ވަގުތެވެ. ނުވަތަ މި ރޯދަމަހު ހަނދުގެ އަލިކަން ފުރިހަމަވާ ވަޤުތެވެ. 

އެއީ، ކާންޏަ ރާހީގެ ފުރަ ނަކަތުގެ 7 ދަރަޖަ 6 ދަގީގުގައި ހަނދު ހުންނަ ވަޤުތެވެ. އަދި އެއީ، މި ރޯދަމަހު ހަނދު ދުނިޔޭގެ ވަށައިގެން ޖަހަމުންދާ ބުރުގެ 2 ވަނަ ކުއާޓަރ ފުރިހަމަވާ ފަލަކީ، ޕޮޒިޝަނެވެ. ކާންޏަ ރާއްސަކީ ޢަރަބި ބަހުން ކިޔާ ސުންބުލާ ބުރުޖެވެ. ފުރަ ނަކަތަކީ، ޔޫނުސު ސޫރަތުގެ 5 ވަނަ އާޔަތާއި ޔާސީން ސޫރަތުގެ 39 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވާފައިވާ، ހަނދަށް މިންވަރު ކުރެއްވި މަންޒިލް (ނަކަތް) ތަކުގެ ތެރެއިން الزّبره  އެވެ. ޢަރަބި ބަހުން ނަންކިޔާ މަންޒިލެވެ. 

މި މަހު ހަނދުގެ އަލިކަން ފުރިހަމަވާ ގަޑިއަކީ، 15 ރަމަޟާން (27 އޭޕްރީލް 2021) ގެ ހެނދުނު މާލޭ ގަޑިން 08:31 އެވެ. އެއީ، އެ ދުވަހު ހަނދު އޮއްސިފައިވާ ގަޑިއެއްކަމަށްވެފައި، 15 ވިލޭރޭ ޖައުޒާ އަސްތަމާނަށް (254.44 ދަރަޖަވީ މިޞްރާބަށް) އެދުވަހުގެ އިރު އެރުމުގެ 3 މިނެޓު ކުރިން (ފަތިހު 05:59 ގައި) ހަނދު އޮއްސޭތީ، އެއީ، ހަނދު ފުރިހަމަވާ ވަޤުތުގެ 2 ގަޑިއިރާއި 32 މިނިޓް ކައިރި ވަގުތެއްކަމުން، 15 ވިލޭރޭ ފަތިހު 05:30 އިން ފެށިގެން ހަނދު އޮއްސުމާ ދެމެދަކީ މޫސުން ރީތިނަމަ މާލެއަށް މި އަހަރުގެ ފުރަތަމަ މާހަނދު ފެންނާނެ ވަޤުތެވެ. 

އަދި ހަމަ އެދުވަހު (27 އޭޕްރީލް ދުވަހު) މާލެއަށް އުދަވާނީ 18:20 ގައެވެ. އެއީ، ރޯދަމަހުގެ 16 ވިލޭރޭގެ ހަނދުކަމަަށްވެފައި އެއީ، ހަނދު ފުރިހަމަވި ވަޤުތުގެ ފަހުން 10 ގަޑިއިރާއި 20 މިނެޓްގެ ފަހުގެ ވަޤުތެއެް ކަމަށް ވުމުން ހަނދުގެ އަލިކަމުގެ އިންސައްތަ އަކީ 99.7% ކަމުގައިި ވާނެއެވެ. އަދި 0.3% އިންސައްތަ އަލިކަން ހުންނާނީ އުނިވެފައެވެ. 

އެހެންކަމުން، މިއަހަރުގެ އެންމެ ފުރިހަމަ މާހަނދެއް މާލެއަށް ފެންނާނީ މޭ މަހުގެ 26 ވަނަ ދުވަހުގެރޭގައެވެ. އެރެޔަކީ، މިއަހަރު ރާއްޖެއަށް ހިފާ ހަމައެކަނި ކޭތަވެސް ހިފާ ރެއެވެ. އެރޭ މާލެއަށް 18:22 ގައި ހަނދު އުދަވާއިރު ހުންނާނީ މި ކޭތަ ހިފާފައެވެ. މި ކޭތަ ވީއްލާނީ 18:49 ގައެވެ. ކޭތައިގެ ދިގުމިނަކީ، 27 މިނެޓެވެ. މިއީ، ފަނޑުހިޔަނި ކޭތައެއްކަމުން މި ކޭތަ ނުއެއެް ފެންނާނެއެވެ. މުރާދަކީ، ފަލަކީ ޢިލްމަށް ފެންނަ ފެނުން ފިޔަވައި ހަމަލޮލަށް ނުވަތަ ވަސީލަކަށް ހަނދުގެ އަލިކަމުގެ ކުލަޔަށް ބަދަލެއް އައިސްފައިވާ މިންވަރު ފާހަގަކުރެވޭ ވަރު ނުވާނެ ވާހަކައެވެ. 

މޭމަހުގެ 26 ވަނަ ދުވަހުގެމާ ހަނދުގެ ތަފްޞީލް އިރާދަފުޅައެކު ހުށަހަޅައި ދިނުމަށް ގަސްތުކުރަމުން މި ލިޔުން ނިންމައިލަމެވެ. 

__________________________________

www.fanvai.info